Advertisement

ސަރުކާރު ޓެކްސީ ލައިނަށް ކާރުތައް ގެނެސްފި، އަންނަ މަހު ހިދުމަތް ފަށަނީ

24 މާރިޗު 2026 - 22:05 3

އަމަން ހަލީމް

އަމަން ހަލީމް

އެމްޓީސީސީން ފަށާ މާލޭ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ ކާރުތައް: އެމްޓީސީސީން ބޭނުންކުރަނީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތައް --- ފޮޓޯ: އެމްޓީސީސީ


ސަރުކާރު ޓެކްސީ ލައިނަށް ކާރުތައް ގެނެސްފި، އަންނަ މަހު ހިދުމަތް ފަށަނީ

24 މާރިޗު 2026 - 22:05 3

މާލޭ ސަރަހައްދުގައި ޓެކްސީ ހިދުމަތާ ގުޅިގެން ރައްޔިތުންގެ ހުރި ޝަކުވާތަކާ ގުޅިގެން ރަނގަޅު ފެންވަރެއްގެ ޓެކްސީ ހިދުމަތެއް ގާއިމުކުރަން ކަމަށް ބުނެ، އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާ ޓެކްސީ ލައިން ހިދުމަތަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ބެޗު މިއަދު ރާއްޖެ ގެނެސްފި އެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި މިއަދު ރާއްޖެ އައި މި ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓުގައި ގެނައީ 60 ކާރެވެ. ބާކީ 90 ކާރުގެ ޝިޕްމަންޓް ރާއްޖެ ފޯރާނީ އަންނަ ހަފުތާގަ އެވެ.

މާލެ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރީ މާލެފަހި ޕްރޮގުރާމު އިފުތިތާހު ކުރުމަށް ޖުލައި 25، 2024 ގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ. ނަމަވެސް، ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އެ ހިދުމަތް ނުފަށާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ސަރުކާރުން ޓެކްސީ ހިދުމަތް ނުފަށާނެ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުންނަށް ޔަގީންކަން ދިންތާ ތިން މަސް ނުވަނީސް އެ ނިންމުން ބަދަލުކުރި އެވެ.

އެ ގޮތުން އެ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ސަރުކާރުން ޓެކްސީ ލައިނެއް ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް މައުލޫމާތު ދީފަ އެވެ. އަމީން އެ ދުވަހު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރުން ކަމަށެވެ.

އެ ކުންފުންޏަކީ އެމްޓީސީސީ ކަމުގައި ކަނޑައަޅައިގެން، 100 ޕަސަންޓް އިލެކްޓްރިކް ވެހިކަލް (އީވީ) ކާރުތައް ބޭނުންކޮށްގެން ޓެކްސީ ހިދުމަތް ދޭން އެ ކުންފުންޏާ ހަވާލުކުރީ ޖެހިގެން އައި އަހަރުގެ ފެބްރުއަރީގައި އެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ ތިން ފިޔަވައްސަކަށް ބަހާލައިގެން ހިދުމަތް ތައާރާފުކުރާ ގޮތަށެވެ. ފުރަތަމަ ފިޔަވަހީގައި ހިދުމަތް ދެނީ މާލޭ އާއި ހުޅުލެ އާއި ހުޅުމާލެއަށެވެ. ދެވަނަ ފިޔަވަހީގައި އެ ހިދުމަތް ފުޅާކުރަނީ، މާލެ އާއި އެއްގަމު މަގުން ގުޅާލުމުގެ މަސައްކަތް ކުރަމުން އަންނަ ވިލިމާލޭ އާއި ތިލަފުއްޓާއި ގުޅީފަޅަށެވެ. ތިން ވަނަ ފިޔަވަހި ކުރިއަށް ގެންދަނީ ރަސްމާލެ އާއި ގިރާވަރުގައި އެވެ.

މި ހިދުމަތް ފަށަން ފުރަތަމަ ދިން ތާރީހަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާ އެވެ. ދެން ބުނީ ޖެހިގެން އައި އޮގަސްޓު މަހުގެ ފަހުކޮޅުގައި ހިދުމަތް ފެށޭނެ ކަމަށެވެ. މި ތާރީހު ފަހަނައަޅައި ދިޔަތާ ދެ މަސް ފަހުން އަމީން މަޖިލީހަށް ވަޑައިގެން ވިދާޅުވީ މި އަހަރުގެ ޖެނުއަރީގައި ފަށާނެ ކަމަށެވެ. އެ ފަހުން އޭނާ ވިދާޅުވީ މި ކުޑަ އީދު ތެރޭގައި ހިދުމަތް ފަށާނެ ކަމަށެވެ.

އެމްޓީސީސީއާ ޕްރޮޖެކްޓު ހަވާލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް އައުމާއެކީ އެ ކުންފުނިިން މިހާރު ބުނަނީ މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީ ކޮޅު ހިދުމަތް ފެށޭނެ ކަމަށެވެ.

"މާލެ ޓެކްސީ ލައިން" ގެ ނަމުގައި އެމްޓީސީސީން ފަށާ މި ހިދުމަތުގައި ބޭނުންކުރަނީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ. އެ ކުންފުނިން މާލޭގައި ހިދުމަތް ފަށަން ގެންނަނީ 150 ކާރެވެ. މި ކާރުތަކުގެ ތެރޭގައި މާލޭގެ ހަނި ގޯޅިތަކުގައި ދުއްވޭނެ ސައިޒުތަކުގެ ކާރު ހިމެނޭހެން ތިން ސައިޒެއްގެ ކާރު ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.

ޓެކްސީ ލައިން ހިދުމަތަކީ ޓެކްސީ ޑްރައިވަރުން ނުރުހޭ ކަމެއް ނަމަވެސް މިއީ އާންމުންގެ ތާއީދު ވަރަށް ބޮޑު ނިންމުމެކެވެ. މާލޭގައި ޓެކްސީ ހިދުމަތް ދޭ ގޮތާ މެދު އާންމުންގެ އޮންނަ ހިތްހަމަނުޖެހުންތަކީ ދިގު ތާރީހެއް އޮތް މައްސަލައެކެވެ.