ލޮނުޒިޔާރަތް ޕާކު ކުރިމަތީގައި އުޅަނދުތައް ޓްރެފިކުގައި މަޑުކޮށްލައިގެން: މިހާރު ޓެކްސީތަކުގައި ބޭނުންކުރަނީ ރީނދޫ ކުލަ، އަދި އަމިއްލަ އުޅަނދުތަކުގައި ކަޅު ކުލަ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ދެނެގަންނަން ފަސޭހަކުރުމުގެ ގޮތުން އިލެކްޓްރިކް ވެހިކަލް (އީވީ) ނުވަތަ ކަރަންޓުން ދުވާ ކާރުތަކުގެ ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއުލާންކުރައްވައިފި އެވެ.
މިދިޔަ ހަފުތާގައި އަމީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި މިކަން އިއުލާންކުރައްވަމުން ވިދާޅުވީ މި ބަދަލަކީ ސާފުތާހިރު ދަތުރުފަތުރު ކުރިއެރުވުމަށާއި، ރައީސް މުހައްމަދު މުއިއްޒުގެ ކޮޕް29 ގައި އިއުލާންކުރެއްވި މޫސުމާ ބެހޭ ވައުދުތަކަށް ތާއިދުކުރާ އިސްނެގުމެއް ކަމަށެވެ.
އަމީން ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުގައި މި ގޮތަށް ބަދަލުކުރަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް ހަތް ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި އެވެ. މިއީ އަދި ގެޒެޓު ނުކުރާ ގަވާއިދެކެވެ.
އެހެންކަމުން އީވީ ކާރުތަކުގެ ނަމްބަރު ބޯޑު ފެހިކުލައަށް ބަދަލުކުރަން ނިންމި ނިންމުމަށް އަމަލުކުރަން ފަށާ ތާރީހެއް އަދި ނޭނގެ އެވެ.
ސަރުކާރުން މި ބަދަލު ގެންނަން ނިންމާފައި މި ވަނީ، މުޅިން ކަރަންޓުން ދުވާ ކާރު ބޭނުންކުރާ ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތް ފަށަން އެންމެ ފަހުން ދިން ކުޑަ އީދުގެ ތާރީހު އަންނަން ކުޑަތަން ވެފައި ވަނިކޮށެވެ. އެމްޓީސީސީން މި ޓެކްސީ ލައިންގައި ބޭނުންކުރަން ގެންނަ 100 ކާރަކީ ވެސް އީވީ ކާރެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއް ގޮތަށް، ރާއްޖޭގައި ވެސް ކަރަންޓުން ދުވާ ވެހިކަލްތަކަށް ހާއްސަ އިނާޔަތްތަކެއް ދީފައިވެ އެވެ. އެންމެ ބޮޑު އެއް ލުޔަކީ އެއްވެސް ޑިއުޓީއެއް ނުދައްކާ ކަރަންޓުން ދުވާ ހުރިހާ އުޅަނދެއް އެތެރެކުރެވޭ ގޮތަށް ޑިއުޓީ ރޭޓު ސުމެއްގައި ކަނޑައަޅާފައި އޮތުމެވެ.
ކަރަންޓުން ދުވާ ކާރުތަކުގައި ފެހި ނަމްބަރު ބޯޑުތަކާއި ފެހި ކުލައިން ލިޔެފައި ހުންނަ ނަމްބަރު ބޯޑުތަކާއި ފެހި ރޮނގޮ ބަރި ދަމާފައި ހުންނަ ނަމްބަރު ބޯޑު ހަރުކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެކެވެ. މިކަހަލަ ކާރުތަކުގައި ފެހި ނަމްބަރު ބޯޑު އެންމެ ފުރަތަމަ ހަރުކުރަން ފެށި ގައުމުތަކުގެ ތެރޭގައި، އީވީ ވެހިކަލްތަކުގެ "އެޑޮޕްޝަން" ގައި އެންމެ ކުރީގައި އުޅޭ ނޯވޭ އާއި "އިނޮވޭޝަން" ގައި އެންމެ ކުރީގައި އުޅޭ ޗައިނާ ހިމެނެ އެވެ. ފެހި ނަމްބަރު ބޯޑު: އިންޑިއާ، ޗައިނާ، ދެކުނު ކޮރެއާ، ހަންގޭރީ، ޕޮލެންޑު، ކެންޔާ ފެހި އަކުރު: ރޮމޭނިއާ، އޮސްޓްރިއާ ފެހި ރޮނގު ބަރި: އިނގިރޭސިވިލާތް، ކެނެޑާ، އަޔަލެންޑް ގިނަ ގައުމުތަކުގައި މި ނަމްބަރު ބޯޑުތައް ބޭނުންކުރުމުގެ ހަމައެކަނި ބޭނުމަކީ އެ ކާރަކީ އީވީ ކާރެއްކަން އަންގައިދިނުމެއް ނޫނެވެ. އެ ގައުމުތަކުގައި މި ބޯޑުތައް ވެގެންދަނީ ހިލޭ ޕާކިން އާއި ކާރޫބާރު ބޮޑު، ޓްރެފިކް އިތުރު ވަގުތުތަކުގައި "ޕްރަޔޯރިޓީ ލޭން" ތަކުން ދަތުރުކުރެވޭ އެކްސެސް ކާޑަކަށެވެ.
މި ލުއި ދީފައި އޮތް ނަމަވެސް ކަރަންޓުން ދުވާ ކާރުތަކާއި ވޭންތައް ރާއްޖޭގައި ނިސްބަތުން މަދެވެ. ނަމަވެސް ރާއްޖޭގައި އުޅަނދުތައް ރަޖިސްޓްރީކުރާއިރު އިންޖީނުގެ ބާވަތަށް ބަލާފައި ގިންތި ނުކުރާތީ، ސީދާ އަދަދެއް ދެނެގަންނަން އުނދަގުލެވެ. ނަމަވެސް ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބެލުމުން އީވީ ވެހިކަލްތައް އިމްޕޯޓު ކުރާ އަދަދު ވަރަށް ދަށް ކަން ފާހަގަކުރެވެ އެވެ.
އަދަދު ނޫހުން ބެލި މިދިޔަ އަހަރުގެ ނޮވެމްބަރާ ހަމައަށް ހުރި އެ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސުން ޑިއުޓީގައި އެތެރެކުރި ވެހިކަލްތަކުގެ އަދަދަކީ 1173 އެވެ.
މީގެ ތެރެއިން ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ (578) އުޅަނދަކީ ރަށްރަށާއި ރިސޯޓުތަކުގައި ބޭނުންކުރަން ގެންނަ ގޯލްފް ކާޓެވެ. އިތުރު 278 އުޅަނދަކީ ހައިބްރިޑް އުޅަނދެވެ. ފަސިންޖަރުން އުފުލާ އީވީ ވެހިކަލްގެ ގޮތުގައި އެތެރެކުރީ އެންމެ ނުވަ އުޅަނދެވެ.
މިއާ ހިލާފަށް ހަމަ މި މުއްދަތުގެ ތެރޭގައި 150 ޕަސެންޓާއި 200 ޕަސެންޓުގެ ޑިއުޓީ ދައްކާފައި ގެންނަން ޖެހޭ އެހެން ވައްތަރުގެ އިންޖީނު އެޅި ކާރުތަކާއި ވޭންތަކާއި އެމްބިއުލާންސްތައް ހިމެނޭހެން 1500 އަށް ވުރެ ގިނަ އުޅަނދު ވަނީ އެތެރެކޮށްފަ އެވެ.
އީވީ ވެހިކަލްތައް އެތެރެކުރާ މިންވަރު މަދު އެއް ސަބަބެއް ކަމަށް ބެލެވެނީ އެހެން ވައްތަރުގެ އިންޖީނު އެޅި އުޅަނދުތަކަށް ވުރެ އީވީ ވެހިކަލްތަކުގެ އަގު ބޮޑުވުމެވެ. އެހެން ސަބަބެއް ކަމަށް ބެލެވެނީ އީވީ ވެހިކަލްތައް އާންމުކޮށް ބޭނުންކުރާ ގައުމުތަކުގައި ހުންނަ އިންފްރާސްޓްރަކްޗާ ރާއްޖޭގައި ނެތުމެވެ.
މި އިންފްރާސްޓްރަކްޗާގައި އެންމެ މުހިންމު ވަނީ އީވީ ވެހިކަލްތައް ޗާޖު ކުރެވޭ ގޮތަށް ހުންނަ ޕަބްލިކް ޗާޖިން ސްޓޭޝަންތަކެވެ. މި ގޮތަށް އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ޗާޖިން ސްޓޭޝަންތަކެއް ހުންނަނީ ހަމައެކަނި މާލޭގަ އެވެ. އެއީ ސްޓެލްކޯގެ ޗާޖިން ސްޓޭޝަންތަކެވެ. މި ސްޓޭޝަންތައް ހުއްޓަސް ބޭނުންކުރާ ކަމެއް ނޭނގެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment