Advertisement

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ޓެކްސީގެ އަގުތައް މުރާޖާ ކުރުމަށް ސަރުކާރަށް ގޮވާލައިފި

ހުޅުލޭގައި ދެ ޓެކްސީއެއް ދުއްވާފައި ދަނީ --- ފޮޓޯ: އަދަދު


ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ޓެކްސީގެ އަގުތައް މުރާޖާ ކުރުމަށް ސަރުކާރަށް ގޮވާލައިފި

ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދިޔުމާ ގުޅިގެން މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭ އަގުތައް މުރާޖާ ކުރުމަށް ޓެކްސީ އެސޯސިއޭޝަންގެ ފަރާތުން ސަރުކާރަށް ގޮވާލައިފި އެވެ.

އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތެލުގެ އަގަށް އެސްޓީއޯއިން ގެނައި ބަަދަލާ ގުޅިގެން އިގުތިސާދީ ގޮތުން އެތައް ދަތިތަކެއް ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި، ޓެކްސީގެ ހިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ސަރުކާރުތަކުން އަޅާފައި ނުވާ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުންޏެވެ.

"ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގުތައް މުރާޖާކޮށް އިންސާފުވެރި ބަދަލެއް ގެނައުމަށް ޑްރައިވާސް އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލާމެވެ، އަދި މިކަމާ ގުޅޭގޮތުން ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށް މި ޖަމިއްޔާއިން މިހާރު ވާނީ ޓްރާންސްޕޯޓް މިނިސްޓްރީގައި ރަސްމީކޮށް އެދިފައެވެ." ޓެކްސީ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

އިރާން ހަނގުރާމައާ ގުޅިގެން ޕެޓްރޯލް ޝެޑުތަކުގެ އަގަށް އައި ބަދަލު


* މާޗު 5، 2026 - އެފްއެސްއެމްގެ ޝެޑުތަކުން ޕެޓްރޯލް ލީޓަރެއްގެ އަގު 13.50ރ. އިން 16.01ރ. އަށް ބޮޑުކުރި * މާޗު 5، 2026 - އެފްއެސްއެމްގެ ޝެޑުތަކުން ޑީސެލް ލީޓަރެއްގެ އަގު 13.92ރ އިން 17.54ރ. އަށް ބޮޑުކުރި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގައި ތެލުގެ އަގު ބަދަލުކުރި ނަމަވެސް ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމުގެ ހަރަދުތައް ދެނެގަނެ ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން ޑްރައިވަރުންނަށް ފަހިވާނެ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ އެ އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަމާލުކަން ނުދީފިނަމަ، ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މި ކަންބޮޑުވުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދީފިނަމަ، ޑްރައިވަރުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ބޮޑުވެ، އޭގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ ކަމާބެހޭ މުއައްސަސާތަކުން ކަމުގައި މިޖަމިއްޔާއިން ދެކެމެވެ." ޓެކްސީ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެހެންކަމުން ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން، ޒިންމާދާރުކަމާއެކު މަޝްވަރާކޮށްގެން އެ މައްސަލައަށް ދާއިމީ އަދި އިންސާފުވެރި ހައްލެއް ހޯދައިދިނުމަށް އެ އެސޯސިއޭޝަނުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް އިލްތިމާޒްކޮށްފަ އެވެ.

ޓެކްސީގެ އަގުތަކަށް އައި ބަދަލުގެ ތާރީހު

މާލޭގައި ޓެކްސީ ދަތުރު އެންމެ ފުރަތަމަ ކުރަމުން އައީ ދަތުރަކަށް 10ރ. އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މާލޭގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ރަސްމީކޮށް ފުރަތަމަ ފަހަރަށް ބަދަލު ގެނައީ ނޮވެމްބަރު 17، 2007 ގަ އެވެ. އޭރު ކަނޑައެޅީ މާލޭގައި ޓެކްސީ ދަތުރެއް ކުރެވޭނެ އަގަކީ 20ރ. ކަމަށެވެ. އޭގެފަހުން ޖޫން 26، 2008 ގައި އެ އަގު 25ރ. އަށް ބޮޑުކުރި އެވެ.

އެއަށްފަހު ޓެކްސީގެ އަގުތަކަށް ދެން ބަދަލު ގެނެސްފައި ވަނީ ޑިސެމްބަރު 15، 2013 ގައި ގެޒެޓުކުރި ޓެކްސީ ގަވާއިދުގަ އެވެ. އެ ގަވާއިދުގައި ވާގޮތުން ރޭގަނޑު 12 ގެ ފަހުން 30ރ. ނެގޭނެ ކަމަށާއި ޑިކީއަށް ދާގީނާއެއް ލައިގެން ކުރާނަމަ، އިތުރަށް 5.ރ އަދި އެއަށްވުރެ ގިނަ ދާގީނާ އަރުވާނަމަ، އިތުރަށް 10ރ. ނެގެ އެވެ. އޭގެ އިތުރުން ގަޑި ދަތުރުތަކުގެ އަގުތައް ވެސް އެ ގަވާއިދުގައި ބަޔާން ކުރި އެވެ.

އެ ގަވާއިދަށް ފުރަތަމަ ފަހަރަށް އިސްލާހެއް ގެނެސް ޓެކްސީގެ އަގުތަކަށް ބަދަލު ގެނައީ ހުޅުމާލެ އާއި މާލެއާ ދެމެދު ސިނަމާލެ ބްރިޖު އަޅައި ދަތުރުފަތުރު ކުރެވެން ފެށުމުންނެވެ.

ސެޕްޓެމްބަރު 10، 2018 ގައި އޭރުގެ ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނުގައި ކަނޑައެޅީ، މާލެ އާއި ހުޅުލެ އާ ދެމެދު ނުވަތަ ހުޅުމާލެ އާއި ހުޅުލެ އާ ދެމެދު ކުރާ ދަތުރެއްގެ އަގަކީ 35ރ. ކަމަށެވެ. އަދި ހުޅުމާ އާއި މާލެއާ ދެމެދު ކުރާ ދަތުރެއްގެ އަގަކީ 40ރ. ކަމަށް އެ އިއުލާނުގައި ކަނޑައެޅި އެވެ. ޑިކީއަށް ދާގީނާއެއް އަރުވައިގެން ކުރާ ދަތުރެއް ނަމަ، ދަތުރު ފީގެ އިތުރުން 5ރ. ނެގޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެ އަގުތައް މުރާޖާކޮށް، ޓެކްސީ އަގުތައް އަލުން ބަދަލުކުރީ ޖުލައި 31، 2019 ގަ އެވެ. އެ ފަހަރު ގެނައި ބަދަލުގައި މާލެ އާއި ހުޅުލެއާ ދެމެދު ނުވަތަ ހުޅުމާލެ އާއި ހުޅުލެއާ ދެމެދުގެ ދަތުރެއްގެ އަގަކީ 60ރ. ކަމަށް ކަނޑައެޅި އެވެ. އަދި، މާލެ އާއި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކުގެ އަގަކީ 75ރ. ކަމަށް އެ އިއުލާނުގައި ކަނޑައެޅި އެވެ.

ޓެކްސީގެ އަގުތަކަށް ދެން ބަދަލު ގެނައީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވެ ދިރިއުޅެން ފެށި ހިސާބުންނެވެ. ފެބްރުއަރީ 3، 2021 ގައި ކުރި އިއުލާނުގައި ކަނޑައެޅީ މާލެ އާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރެއްގެ އަގަކީ 90ރ. ކަމަށެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވައްސާއި ހުޅުލެ އާ ދެމެދު ކުރާ ދަތުރެއްގެ އަގަކީ 75ރ. ކަމަށެވެ. އޭގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވައްސާ ދެމެދު ކުރާ ދަތުރެއްގެ އަގަކީ 40ރ. ކަމަށް އެ ފަހަރު ކަނޑައެޅި އެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދިނުމަށް މިހާރު ނަގާ އަގުތައް ސަރުކާރުން ކަނޑައެޅީ 2024 ގަ އެވެ. މެއި 14، 2024 ގައި ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ހަ ސީޓަށްވުރެ ދަށުގެ އުޅަނދާއި ހަތް ސީޓާއި 10 ސީޓާ ދެމެދުގެ އުޅަނދުގެ އަގުތައް ކަނޑައެޅި އެވެ. އެއީ:

ޓެކްސީގެ އަގުތަކަށް އެންމެފަހުން ސަރުކާރުން ގެނައި ބަދަލު