މިއީ އޭއައި އިން ތައްޔާރުކޮށްފައިވާ ފޮޓޯއެއް
ވެބްޕޭޖެއްގައި ސަފުހާއެއް ލިޔެގެން ދައުލަތުގެ ބަޖެޓުން ދެވޭ އަށާވީސް މިލިޔަނުން ބައިއެޅޭ ޖެންޒީއަކު ލިޔުންތެރިކަމުގެ ބަދަލުގައި 'ޖުވާތެރިކަން' އިހުތިޔާރުނުކުރާނެ ސަބަބެއް ބުނެބަލާށެވެ! މަސައްކަތެއް ކުރަންނުޖެހޭ ގޮތަށް ސިޔާސީ ބޭނުންތަކަށް ދައުލަތުން މުސާރަ ބަހާ ގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް ބޭކާރު ވަޒީފާތަކެއް ދިނީމާ، ދެން އޮންނާނީ ޖުވާކުޅުން ނޫން ކޮން ވިސްނުމެއް ހެއްޔެވެ؟ ފެންވަރެއް ތައުލީމެއް ގާބިލުކަމެއް ނެތް ބަޔަކަށް ލައްކައިން މުސާރަ ލިބެން ފެށީމާ، ބުއްދިއެއް ހުރި މީހަކު ހަދާ މަކަރު ޕްލެޓް ފޯމަކަށް އެލާރިކޮޅު ތަޅާލުން ނޫން ކަމެއް އެމީހުންނަށް ކުރަން އެނގިދާނެކަމަށް އުންމީދުކުރަންވީ ކީއްވެހެއްޔެވެ؟
ރީތިކޮށް މަހަށް ގޮސް، އެހެންނާ ކުރަން އެނގޭ ކަހަލަ ކޮންމެވެސް މަސައްކަތެއް ކޮށްކޮށް ތިބި ޒުވާނުން، ސިޔާސީ ކޮންމެވެސް ބޭނުމަކު އިށީންނާނެ ގޮނޑިއެއްހާ މިންވަރުވެސް ނެތީސް ސަރުކާރުގެ ކުންފުނިތަކަށް ގެނެސް އަޅާލީނޫން ހެއްޔެވެ. ހުރިހާ ކަމެއް މިހެން ކޮށްފައި، ޖެންޒީން ޖުވާކުޅޭތީ، އަދަބުދިނުމަކީ ވެސް ހަމަ ދީނަށް ދެވޭ ނަސްރެއްކަމަށް އަހަރެމެން މިތިބެނީ ދެކެގެންނެވެ. ގައުމެއްގެ ހަރުމީހުން ފެއިލްވާނީ މިހާކަށްވަރަށެވެ.
ކީރިތި ޤުރުއާނުގައި ޖުވާގެ ވާހަކަ އައިސްފައިވާ ގިނަ އާޔަތްތައް ހުރީ ބަނގުރާ ބުއިމުގެ ފާފައާއި ގުޅުވައިގެންނެވެ. ބަނގުރާ ބޯ މީހާއަށް މާތް ނަބިއްޔާގެ ސުންނަތުގައި ސާޅީސް އެތިފަހަރުގެ އަދަބެއް ކަނޑައަޅުއްވާފައި، ޖުވާއާ މެދު އެފަދައިން ކަންހިނގާފައި ނުވާ ސަބަބަކީ ކޮބާތޯ ވިސްނިންހެއްޔެވެ؟ ފައިނޭންޝަލް ބޮޑު ފާފައެއް ކަމަށްވާ ރިބާ ކެއުން ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވަނީ އެއީ ﷲ އާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަ އިއުލާންކުރުމުގެ އަމަލެއްގެ ގޮތަށެވެ. އެކަމަކު ޤުރުއާނުގައި ވެސް ސުންނަތުގައި ވެސް ރިބާ ކާ މީހާއަށް ދޭނެ އަދަބެއް ސީދާ ކަނޑައަޅުއްވާފައި ނުވަނީ ކީއްވެތޯ ބުއްދިކުރިންހެއްޔެވެ؟
ކީރިތި ޤުރުއާނަކީ ވިސްނާފިކުރުކުރަން ދައުވަތުދީފައި އޮތް އިންސާނީ ބުއްދިއަށް އަބަދާއި އަބަދުމެ ވިސްނާފިކުރު ކުރުމުގެ ދައުވަތު ދެމުންދާ ހުރިހާ ތަނަކާއި ޒަމާނަކަށް ލާއިގުވެގެންވާ މާތް ﷲ ގެ ކަލާމްފުޅެވެ. އެޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި އައިސްފައިވާ ކަންކަން އެ އައި ގޮތަކަށް އައިސްފައި އޮތުމުގެ ހިކުމަތާއި މަގުސަދުތަކަށް ބުއްދީގެ ނަޒަރުން ވިސްނުމަކީ މުސްލިމެއްގެ ހައިސިއްޔަތުން ހަމަ ކޮންމެ މީހަކަށް ވާޖިބުވެގެންވާ ކަމެކެވެ. އެގޮތަށް އަމަލުނުކުރާ މީހުންނާމެދު ޤުރުއާން ސުވާލު އުފައްދަނީ އެމީހުންނަކީ ހިތްތަކުގައި ތަޅުތަކެއް އެޅިފައިވާ ބަޔަކުތޯ އަންގަވަމުންނެވެ.
އިސްލާމްދީނުގައި ހުއްދަ ކަންކަމާއި ފާފަތައް ކަނޑައަޅާފައިވެއެވެ. އެކަމަކު ކޮންމެ ފާފައެއް ހުއްޓުވުމަށް އިސްލާމްދީން ދެއްކި މަގަކީ، އަދަބު ދިނުމެއް ނޫނެވެ. ކިއެއްތަ އިސްލާމްދީން ބާރުއަޅަނީ އަދަބެއް ދޭންޖެހުމުގެ ކުރިޔަށް ފާފަތައް ހުއްޓުވުމުގެ މަގުތައް އިހްތިޔާރުކޮށް އެމަގަށް ކަންކަން ގެންދިއުމަށެވެ. އެއްވެސް ކަމެއް އަދަބުދިނުމަކާ ނުލައި ނުހުއްޓުވޭ ހިސާބަށް ދިއުމަކީ މުޖުތަމައެއް ފެއިލްވެއްޖެކަމުގެ އަލިގަދަ ހެއްކެކެވެ.
ދޮގު ހެދުމަކީ ވެސް ހަރާން ކަމެކެވެ. އެކަމަކު ދޮގު ހަދާ ކޮންމެ މީހަކަށް އަދަބުދީގެން އެކަން ހުއްޓުވަން ދިމާކުރިޔަކަސް އެކަމެއް ނުވާނެއެވެ. އަދި މިނޫނަސް ވަރަށް ބޮޑެތި ފާފަތަކަށް އަދަބުތަކެއް ކަނޑައެޅުއްވުމުގެ ބަދަލުގައި އެކަންކަން ހުއްޓުވުމަށް އިސްލާމްދީން ތަރުހީބުދިނީ ސާފު ހޭލުންތެރިކަމާއި ބުއްދީގެ އުސްލޫބުތަކާއި ތަރުބިއްޔަތުގެ އުސޫލުތައް ބޭނުންކޮށްގެންނެވެ.
ޖުވާކުޅޭ މީހުންނަށް އަދަބުދެވިދާނެއެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައި ނުވާ ކޮންމެ ފާފައަކަށް ތައުޒީރީ އަދަބެއް، އެބަހީ ވެރިކަމުގެ ފަރާތުން ކަނޑައަޅާ އަދަބެއް ދިނުން ހުއްދަވެގެންވެއެވެ. ދަންނަބޭކަލުންގެ މި ހަމައިން ބަލާއިރު ރިބާ ކާމީހުން ވެސް ޖަލަށް ލެވިދާނެއެވެ. އަދި ސިގިރޭޓް ބޯ މީހުން ވެސް ޖަލަށް ލެވިދާނެއެވެ.
އެކަމަކު ޖާހިލިއްޔަ ޒަމާނުގައި ރިބާއާއި ޖުވާކުޅުން އެހާ އާންމުއިރު، ކީރިތި ޤުރުއާނުން އެކަން ގަދައަމުރުފުޅުން މަނާކުރެއްވިއިރު، އަދި މާތް ނަބިއްޔާގެ ސުންނަތުގައި އެކަން ގަދަގަދައަށް މަނާކުރެއްވިފައިވާއިރު، ރިބާއާއި ޖުވާ އަށް ޝަރުއީ ވަކި އަދަބެއް ފެންނާން ނެތް ސަބަބުތަކާއި ހިކުމަތްތަކަށް ބުއްދީގެ ނަޒަރެއް ދިނީމު ހެއްޔެވެ؟
ޖުވާކަމުގައި ކަނޑައެޅިގެން ނުވިޔަސް ޖުވާކަމުގައި ވެދާނެ ބާވަތުގެ ކުޅިވަރުތައް ދިވެހިންގެ ތެރޭގައި އާންމުވަމުންދާތީ، އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށާއި އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވައިދެއްވާތޯ، 10 މެއި 2024 ގައި އަދަދު ނޫހުގައި އަޅުގަނޑު ޝާއިރުކުރި ލިޔުން މިއޮށް ފެންނަނީއެވެ.
އިސްލާމްދީނުގައި ޖުވާކުޅުން ހަރާން ކުރެއްވި ސަބަބުތަކަށް އަލިއަޅުވާލައި އެމައުލޫގައި އަޅުގަނޑު އެ ލިޔުމުގައި ވާހަކަ ދައްކާފައިވާނެއެވެ. އަދި ތިމާގެ ސަލާމަތް ބުއްދި އެއްކައިރިކޮށްފައި، އުފެއްދުންތެރިކަމާ ދިމާއިދިކޮޅަށް އޮތް ޖުވާކުޅުމުން މުޅި މުޖުތަމައުގެ އިގުތިސާދަށް، ބިންގަލާ ހަމައިން ލޮޅުން އަރައިގެން ހިނގައިދާނެ ބުއްދީގެ ހަމަ އެ ލިޔުމުގައި ގެނެސްދީފައިވާނެއެވެ.
ދިވެހިރާއްޖޭގައި އެކި ބާވަތުގެ ނަންނަމުގައި ތަފާތު ޕްލެޓްފޯމުތައް ތައާރަފުކޮށްގެން ޖުވާއަށްވެދާނެ ބާވަތުގެ ކަންކަން އާންމުވަމުންދާކަން އެ ލިޔުމުގައި ފާހަގަކޮށް، މިކަމުގައި ފަތުވާ މަޖިލީހުގެ ދިރާސާއާއި ފަތުވާއާއި ހޭލުންތެރި ޕްރޮގްރާމްތައް ބޭނުންވާކަމުގައި އެލިޔުމުގައި ބަޔާންކޮށްފައިވާނެއެވެ.
ހަމަ ކަހާތަން ހިރުވާ ނުލައި، ކަމާބެހޭ އިދާރާތައް ތިއްބައި، އޭގެ އަހަރެއްހާ ދުވަސް ފަހުން، ނިމިގެންދިޔަ 2025 ވަނަ އަހަރުގެ ޖޫން މަހު މުޅި ގައުމު ސިއްސުވާލީ، ޖެމްކިޔު އޭ ކިޔުނު ބޮޑު ސްކޭމްގެ ހަބަރުތަކުންނެވެ. އޭގައި ވިކްޓިމައިޒްވީ އާންމުންނަށްވުރެ ގިނައިން މައްސަލަ ބަލައި ފިޔަވަޅު އަޅަންތިބި ފުލުހުންނާއި ގާނޫނު ހަދަންތިބި މަޖިލިސް މެންބަރުންނޭ ކިޔާތީ އެހީމެވެ.
ލާރިއަކީ މަސައްކަތަކާ ނުލައި އަޑުގަދަކޮށްގެން ހޯދިދާނެ އެއްޗެއްކަމަށް ޒުވާނުންނަށް ދަސްކޮށްދެމުންދާހާ ހިނދަކު، ޖުވާއާއި ރިބާއާއި މިނޫންވެސް މިބާވަތުގެ ކަންކަން ދާނީ ގިނަވަމުންނެވެ. މިހެން މިކަން ހިނގަމުނދާހާ ހިނދަކު އިގުތިސާދީ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ލާބަހުރިކަމެއް ކުރާކަށް ޒުވާނުންނަކު ނޫޅޭނެއެވެ. ޖުވާއާއި ރިބާ ފަދަ ފާފަތައް ނައްތާލުމަށް އެބާވަތުގެ ކަންކަމަށް ފަހި މާހައުލު ނައްތާލެވެންޖެހެއެވެ. ޖާހިލިއްޔަ ޒަމާނުގައި ޖުވާއާއި އެންމެ ބޮޑަށް ގުޅިފައި އޮތް އެކައްޗަކީ ބަނގުރާއެވެ. ހޭބުއްދި ފިލައިގޮސް ބިއްޖެހިގެންތިބޭ ބަޔަކަށް ލާރިހޯދަންކުރެވޭނީ އެބާވަތުގެ ކަމެއް ނޫންތޯއެވެ. ބަނގުރާއާ އިސްލާމްދީން ހަނގުރާމަކުރިއެވެ. އެޔާއެކު ޖުވާ ނެތިގެން ދިޔައީ ޖުވާގެ ވެށި ނެތިގެން ދިއުމުންނެވެ.
ދިވެހިރާއްޖޭގައި ޖުވާކުޅުން މިހާ އާންމުވެގެން އުޅެނީ، މަސައްކަތެއް ނުކޮށް ލާރި ލިބޭ މީހުން ގިނަވެގެން އެބަޔަކުގެ ތެރޭގައެވެ. ވަޒީފާތަކާއި މަގާމުތައް ހައްގު ނޫން މީސްމީހުންނަށް ލިބި ވަޒީފާތަކުގެ ޒިންމާއެއް އަމުދުން ނުވެސް އެނގޭތީ، ހުސްވަގުތު ވެސް ހިސާބަށްވުރެ ގިނައީއެވެ. އެމައްސަލަ ހައްލުވާނީ އެ މާހައުލު ނައްތާލައިގެންނެވެ.
ފާފަތައް ކުރާނެހާ މަގުތައް އުފައްދައި މާހައުލު ތަރައްގީކޮށްފައި ފާފަކުރަންދެން އިންތިޒާރުގައި ބަލަންތިބެފައި ފާފަކުރީމާ އަދަބުދިނުމަކުން އަދި އެކުށެއް ބަޔަކު ނުކުރާކަމަކަށް ނުވާނެއެވެ. އިސްލާމްދީން ގޮވަނީ ކުށުން ދުރުހެލި ޖީލެއް ބިނާކުރުމަށެވެ. ކުށްކުރަންދެން ބަލަން ތިބެފައި އަދަބުދޭ ބަޔަކަށް ވުމަކަށް ނޫނެވެ.
Comment