about 3 hours 0
ލީވާން އަލީ ނާސިރު
about 3 hours 0
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު އަމާޒުވާ މާވިން ވާގަސް އިސްލާމްދީން ގަބޫލުކޮށްފި އެވެ.
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ، އައިޖީއެމްއެޗްގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި، އޭނާގެ ފިރިމީހާ މާވިނާއި، މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާގެ މައްޗަށެވެ. މަރާލުމުގެ ދައުވާ ކުރަނީ މާވިނަށެވެ. ލަމްހާއަށް ކުރަނީ މަރާލުމުގައި ބައިވެރިވުމުގެ ދައުވާއާއި ހުއްދަ ނޫން ބޭސްތަކެއް ނެގި ކަމުގެ ދައުވާ އެވެ.
މި މައްސަލައިގައި ހުލާސާ ބަޔާން އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި މާވިންގެ ފަރާތުން އޭނާ އިސްލާމްވިކަން ކަށަވަރުކޮށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ލިޔުން ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
އޭނާގެ މުސްލިމް ނަމަކީ ޔޫސުފްކަން އިސްލާމިކް މިނިސްޓްރީގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަޑުއެހުމުގައި ގާޒީ މާވިންއާ ފަހުން މުހާތަބުކުރެއްވީ ޔޫސުފްގެ ނަމުންނެވެ.
މައްސަލައިގައ ހުލާސާ ބަޔާން އިއްވަން ދިފާއުން އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާތީ، އަންނަަ މަހު ހުލާސާ ބަޔާން އިއްވަން ގާޒީ ވަނީ ފުރުސަތު ދެއްވާފަ އެވެ.
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެއް ގޮތުގައި އޮތް އިރު، ލަމްހާއާއި މާވިން އުޅުނީ ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން ކަމަށް ތުހުމަތު ކުރެ އެވެ.
އޮކްޓޯބަރު 19, 2021 ގައި ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ މާވިން ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު އިތުރަށް ހިންގަމުން ދިޔައީ އެވެ.
އަދި ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27، ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16، ގަ އެވެ.
Comment