16 ފެބުރުވަރީ 2026 - 13:13 7
އަހުމަދު އަބްދުﷲ ސައީދު
16 ފެބުރުވަރީ 2026 - 13:13 7
މާދަމާ (ފެބްރުއަރީ 17، 2026) އަކީ މިހިނގާ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ހަނދު ބެލުމަށް އިސްލާމީ ދުނިޔެ ތައްޔާރުވާ ދުވަހެވެ. މާދަމާއަކީ ޝައުބާން މަހުގެ 29 ވަނަ ދުވަސް ކަމަށް ބަލައިގެން ކަލަންޑަރު ގުނަމުން އަންނަ ހުރިހާ އިސްލާމީ ގައުމެއްގައި ވެސް، މާދަމާގެ އިރު އޮއްސުމުން ރަމަޟާން މަހަށް ހަނދު ބެލުން އޮންނާނެއެވެ. އެ އާދަކާދައިގެ މަތިން ރާއްޖޭގައިވެސް މާދަމާ ރޭ ހަނދު ބެލުމާއި ހަނދު ސާބިތުކުރުން އޮންނާނެއެވެ.
ނަމަވެސް، މި ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގައި އިސްލާމީ ގައުމުތަކުގައި ބޮޑެތި ތަފާތުތަކެއް ހުރުމުގެ ފުރުސަތު އެބައޮތެވެ. އެ ތަފާތުތައް މެދުވެރިވަނީ، ހަނދު ސާބިތުކުރުމުގައި އެކި ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކުގައި ހުރި ތަފާތުތަކުގެ ސަބަބުންނެވެ. އޭގެ ތެރެއިން އެއް ސަބަބަކީ، އެހެން ގައުމަކަށް ފެންނަ ހަނދަށް އަމަލު ނުކުރުމެވެ. ދެ ވަނަ ސަބަބަކީ، ފަލަކީ ހިސާބަށް ބަރޯސާ ނުވެ، ހަމައެކަނި ލޮލަށް ފެންނަ ފެނުމަށް ބިނާކޮށް ހަނދު ލެއްވުމެވެ. މީގެ އިތުރުން، ހަނދު ސާބިތުކުރުމާ ގުޅޭ ގޮތުން ވާރިދުވެފައިވާ ނަބަވީ ނައްޞުތައް މާނަކުރުމުގައި ހުރި ތަފާތުތަކެއްގެ ސަބަބުންމެއެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކަށް، މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިވާ ވަގުތުތަކަށް ބަލާއިރު، ރާއްޖެ މި އޮތީ ވަރަށް މުހިންމު ޖޯގްރަފީ ނުކުތާއެއްގައެވެ. ރާއްޖޭގެ އިރުމަތިން ފެށިގެން ބުރޫނާއީއާ ދެމެދު އޮތް އިސްލާމީ އެއްވެސް ގައުމަކަށް، މާދަމާގެ އިރު އޮއްސުމަށް ފަހުގައި، އުދަރެހުން މަތީގައި ހަނދެއް ނުހުންނާނެއެވެ. ނަމަވެސް ރާއްޖެއިން ފެށިގެން ހުޅަނގަށް ހުރި ގައުމުތަކަށް، މާދަމާގެ އިރު އޮއްސުމަށް ފަހުގައި ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އުދަރެހުން މަތީގައި ހަނދު ހުންނާނެއެވެ.
ދެން އޮތީ އައު ހަނދު (ރަމަޟާން މަހުގެ ހަނދު) އުފަންވާ ވަގުތެވެ. ހިނގަމުން މިދާ ޝަޢުބާން މަހުގެ ހަނދުގެ އުމުރުން 29 ދުވަހާއި 16 ގަޑިއިރާއި 10 މިނެޓް ހޭދަވުމަށް ފަހު، އައު ހަނދު މައްސަރެއް ފެށުމަށްޓަކައި، އިރާއި ހަނދާއި ބިން ކޮންޖަންކްޝަން (އިޤްތިރާން) ވާނީ ޖީއެމްޓީ ގަޑިން މާދަމާގެ މެންދުރު 12:01 ގައެވެ. އެއީ ރާއްޖޭ ގަޑިން މާދަމާގެ 17:01 އެވެ.
ރަމަޟާން މަހުގެ ހަނދު އުފަންވާ ވަގުތު (ޖީއެމްޓީ ގަޑިން މާދަމާގެ މެންދުރު 12:01)ގައި، ދުނިޔޭގެ އިރުމަތީ ޠޫލުން ގާތްގަނޑަކަށް 88 ދަރަޖައިން ފެށިގެން އިރުމަތީގައި ހުރި ގައުމުތަކަށް ހުންނާނީ މާދަމާގެ އިރު އޮއްސިފައެވެ. މާނައަކީ، އެ ސަރަހައްދުގެ ގައުމުތަކަށް މާދަމާ (ޝަޢުބާން މަހުގެ 29 ވަނަ ދުވަހު)ގެ އިރު އޮއްސޭއިރު، ރަމަޟާން މަހުގެ ހަނދު އުފަން ނުވާނެއެވެ. އެހެންކަމުން، އެއިން އެއްވެސް ގައުމަކަށް މާދަމާގެ އިރު އޮއްސުމަށް ފަހުގައި، އުދަރެހުން މަތީގައި ހަނދެއް ނުހުންނާނެއެވެ.
ރާއްޖެއަށް ބަލާ ނަމަ، އައްޑު އަތޮޅުގެ އެންމެ ދެކުނުގެ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ހިސާބަކަށް ވެސް، މާދަމާގެ އިރާއި، މާދަމާގެ 17:01 ގައި އުފަންވާ، ރަމަޟާން މަހުގެ ހަނދު އޮއްސޭނީ ދާދި އެކުއެކީގައެވެ. އަދި އެންމެ އުތުރުގެ ރަށްތަކަށް އިރަށް ވުރެ ސިކުންތުކޮޅެއް ކުރިން ހަނދު އޮއްސޭނެއެވެ.
އައްޑު އަތޮޅު ގަމާއި އަދި ކައިރީގައި ހުރި އެހެން ރަށްތަކަށް، މާދަމާގެ ހަނދާއި އިރު އޮއްސޭނީ ދާދި އެކުއެކީގައެވެ. ނަމަވެސް ފަލަކީ ހިސާބުން ސިކުންތުގެ ބައިކުޅަ ބަޔަށް ހިސާބު ޖެހުމުން ޔަގީންވަނީ، އިރުގެ މަތީ ދާރަ އުދަރެހާ ނިވައިވާއިރު، ހަނދުގެ މަތީ ދާރައިގެ ވަރަށް ކުޑަ ތަންކޮޅެއް އުދަރެހުން މަތީގައި ހުންނާނެކަމެވެ. އަދި އެ ކުޑަ ތަންކޮޅު ވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އުދަރެހުން ތިރިވެ ނިވައިވާނެއެވެ.
އިރުގެ މަތީ ދާރަ އުދަރެހުން އެކުގައި ތިރިވުމަށް ފަހު، ހަނދުގެ މަތީ ދާރައިގެ ކިތަންމެ ކުޑަ ތަންކޮޅެއް، ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވިޔަސް، އުދަރެހުން މަތީގައި ހުންނަ ނަމަ، ފަލަކީ އިސްތިލާހުގައި އެ ހަނދު އެ އޮއްސެނީ އިރަށް ވުރެ ފަހުންނެވެ. އެ ވަގުތު އިރާއި ހަނދުގެ ވެސް ބޮޑު ބައި އުދަރެހުން ތިރިވެ ނިވައިވެފައި ހުއްޓަސްމެއެވެ.
އިރާއި ހަނދު އަދި ތަރިތައް ވިޔަސް، ދުނިޔޭގެ ނިސްބަތުން އޮއްސުނު ކަމަށް ނިންމަނީ، އެ އެއްޗެއް ގޮސް ދުނިޔޭގެ ހުޅަނގު ފަރާތު އުދަރެހާ ކައިރިވާއިރު، އެ އެއްޗެއްގެ މަތީ ދާރައިގެ ގޮތުގައި ބެލެވޭ ސަރަހައްދު، އުދަރެހުން ތިރިއަށް ގޮސް ނިވައިވުމުންނެވެ. މިހެން މި ދެންނެވީ ކައުނީ ކޮންމެ އެއްޗެއް ވެސް އިރުމަތީ ފަރާތު އުދަރެހުން އުދަވާއިރު، މަތީ ދާރައިގެ ގޮތުގައި ހުންނަ ސަރަހައްދަކީ، ހުޅަނގު ފަރާތު އުދަރެހާ ކައިރިއަށް ދާއިރު އެ އެއްޗެއްގެ ތިރީ ދާރަ ކަމުގައި ވާނެތީއެވެ.
ކުރިން މި ދެންނެވި ފަލަކީ ހަގީގަތްތަކަށް ބުރަވާއިރު، އައްޑު އަތޮޅުގެ އެންމެ ދެކުނު ރަށްތަކަށް މާދަމާގެ އިރު އޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ހުންނާނެ އެވެ. ނަމަވެސް، އެ ހަނދު އިންސާނުންގެ ހަމަލޮލަކަށް ނުފެންނާނެއެވެ. ސަބަބަކީ، މާދަމާގެ އިރު އުދަރެހާ ނިވައިވެ ނިމޭއިރު، ހަނދުގެ މަތީ ދާރައިގެ ކުޑަ މިންވަރެއް އުދަރެހުން މަތީގައި ހުއްޓަސް، މާދަމާގެ 17:01ގައި އުފަންވާ ރަމަޟާން މަހުގެ ހަނދުގެ ހުޅެވި (އިރުގެ އަވި އެޅިގެން ފައުޅުވާ ފަޅި ހަނދު)، އިރު އޮއްސޭ ވަގުތު ހުންނާނީ އުދަރެހުން ތިރިވެ ނިވައިވެފައި ކަމަށްވާތީއެވެ.
އެ ހަނދު ހަމަލޮލަށް ނުފެންނާނެ އަނެއް ސަބަބަކީ، އިރާއި ހަނދު މާދަމާ އޮއްސޭ މިސްރާބުގެ ކައިރި ކަމެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މާދަމާގެ އިރު އޮއްސޭނީ ސަމުގާ މިސްރާބުން 258 ދަރަޖައަށެވެ. އަދި ހަނދު އޮއްސޭނީ، ބ. އަތޮޅު ދޮންފަނުން ފެށިގެން އުތުރުގެ ހުރިހާ ހިސާބަކަށް، 257 ދަރަޖައަށެވެ. އަދި ބ. ދޮންފަނުން ފެށިގެން ދެކުނުގެ ހުރިހާ ހިސާބަކަށް ހަނދު އޮއްސޭނީ 258 ދަރަޖައަށެވެ.
މި މިސްރާބުތަކަށް ނަޒަރުކުރާއިރު، ބ. ދޮންފަނުން ފެށިގެން އުތުރުގެ ހުރިހާ ހިސާބަކަށް އިރާއި ހަނދު އެ އޮއްސެނީ، އެންމެ ދަރަޖައެއްގެ ތަފާތުން ވިޔަސް ހަމަ އެއް މިސްރާބަކަށެވެ. އަދި ދޮންފަނުން ފެށިގެން ދެކުނުގެ ހުރިހާ ސަރަހައްދަކަށް އިރާއި ހަނދު އޮއްސެނީ، އެއްވެސް ތަފާތެއް ނެތި އެއް މިސްރާބަކަށެވެ. އެހެންކަމުން، އިރު އޮއްސޭ ވަގުތު، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް، ހަނދު ހުންނާނީ އިރުގެ ދަޅަގަނޑުގެ ތެރޭގައި ފިސާރި ފުރިހަމައަށް ފޮރުވިފައެވެ.
ރާއްޖޭގެ ހުޅަނގުން މެދުއިރުމަތީގެ ގައުމުތަކަށް ބަލާއިރު، ސަޢޫދީ ޢަރަބިއްޔާގެ މައްކާ އާއި މަދީނާއަށް މާދަމާ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ތިން މިނެޓް ފަހުންނެވެ. މިސްރުގެ އިސްކަންދަރިއްޔާއަށާއި ތުރުކީ ވިލާތުގެ އިސްތަންބޫލްއަށް ވެސް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ހަތަރު މިނެޓް ފަހުންނެވެ.
އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ ހުޅަނގުގައި އޮތް މަޣްރިބުގެ ރަބާޠަށް މާދަމާ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 10 މިނެޓް ފަހުންނެވެ. މަޣްރިބަށް ވުރެ ވެސް ހުޅަނގުގައި އަދި ދެކުނުގައި އޮތް ސެނެގޯލްގެ ޑަކާރްއަށް މާދަމާ ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ގާތްގަނޑަކަށް 14 މިނެޓް ފަހުންނެވެ.
މި ހިސާބުތަކުން އެނގެނީ، ރާއްޖެއިން ފެށިގެން ހުޅަނގުގައި ހުރި ގައުމުތަކަށް މާދަމާގެ އިރު އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެ ކަމެވެ. އަދި ދުނިޔޭގެ ޢަރުޟުން އެ ގައުމެއް އޮންނަ ސަރަހައްދު ދެކުނުވި ވަރަކަށް ހަނދު ފެންމަތީގައި ހުންނަ ވަގުތު އިތުރުވެއެވެ.
ހިނގަމުން މިދާ ޝަޢުބާން މަސް ނިންމައި ރަމަޟާން މަހުގެ ހަނދު އުފަންވާ ވަގުތަށް (ޖީއެމްޓީން މާދަމާގެ 12:01)، އިރުމަތީ ޠޫލުން ގާތްގަނޑަކަށް 88 ދަރަޖައިން ފެށިގެން އިރުމަތީ ޠޫލުން 165 ދަރަޖައާ ދެމެދުގެ ހުރިހާ ސަރަހައްދަކަށް ހުންނާނީ އިރު އޮއްސިފައެވެ. މާނައަކީ އެ ސަރަހައްދަށް އައު ހަނދު އުފަންވާނީ މާދަމާގެ އިރު އޮއްސޭ ފަހުންނެވެ. ނަމަވެސް އިރުމަތީ ޠޫލުން ގާތްގަނޑަކަށް 88 ދަރަޖައިން ފެށިގެން ހުޅަނގަށް ގޮސް ޕްރައިމް މެރީޑިއަން (ގްރީންވިޗް މެރީޑިއަން) ހުރަސްކޮށް، ހުޅަނގު ޠޫލުން 135 ދަރަޖައާ ހަމައަށް ދާއިރު، އެ ދެމެދުގައި ހުރި ހުރިހާ ގައުމަކަށް ވެސް، މާދަމާގެ އިރު އޮއްސުމުގެ ކުރިން ރަމަޟާން މަހުގެ ހަނދު އުފަންވާނެއެވެ.
އެހެންކަމުން، މި ހިސާބުތަކަށް ބަލާއިރު އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ގޮތުގައި، އިސްލާމީ ދުނިޔޭގެ ގިނަ ގައުމުތަކަށް މާދަމާގެ އިރު އޮއްސުމުގެ ކުރިން ރަމަޟާން މަހުގެ ހަނދު އުފަންވާނެއެވެ. އެހެންކަމުން، ފަލަކީ ގޮތުން އެ ގައުމުތަކަށް މާދަމާގެ އިރު އޮއްސުމާއެކު ރަމަޟާން މަސް ފެށުނީއެވެ. ދެން އޮތީ ޝަރުއީ ހަމަތަކުގެ މަތިން ހަނދު ސާބިތުކުރުމުގެ މައްސަލައެވެ.
އެއީ، އިރު އޮއްސުމަށް ފަހުގައި އުދަރެހުން މަތީގައި ހަނދު ހުރިކަން ސާބިތު ކުރުމެވެ. ޒަމާނީ ފަލަކީ ހިސާބު ވުޖޫދުވުމުގެ ކުރިން، އެކަން ސާބިތުކުރެވެން އޮތް ހަމައެކަނި ގޮތަކީ ލޮލަށް ހަނދު ފެނުމެވެ. އެހެންކަމުން، ނަބަވީ ޒަމާނުން ފެށިގެން، ޒަމާނީ ފަލަކީ ހިސާބުގެ ހަމަތައް ގަރާރުވުމާ ހަމައަށް، ހަނދު ސާބިތުކުރުމުގައި ހަމައެކަނި ބަރޯސާވަމުން އައީ ލޮލަށް ހަނދު ފެނުމުގެ މައްޗަށެވެ.
ރަމަޟާން މަހުގެ ހަނދު އުފަންވާ ވަގުތު، އިރު ނުއޮއްސި ހުންނަ ގައުމުތަކަށް މާދަމާގެ އިރު އޮއްސޭ ވަގުތާއި ހަނދު އޮއްސޭ ވަގުތުގައި ހުރި ތަފާތުތަކަށް ބަލާއިރު، ހަނދު ލޮލަށް ފެނުމުގެ ފުރުސަތު އޮތީ މެދުއިރުމަތީގެ ގައުމުތަކަށާއި އެފްރިކާ ބައްރުގެ ހުޅަނގު ބިތުގައި ހުރި އިސްލާމީ ގައުމުތަކަށެވެ. އެހެންކަމުން، އެއިން ގައުމަކަށް ހަނދު ސާބިތުވެގެން އެކަން ރަސްމީ ގޮތުން ރާއްޖެއަށް އަންގައިފިއްޔާ، ރާއްޖޭގައި އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން، މި މަހުގެ 18 ވަނަ (ބުދަ) ދުވަހަކީ 1447 ވަނަ އަހަރުގެ މުލަ ރޯދަ ކަމަށް އިއުލާންކުރާނެއެވެ.
މި ހުރިހާ ވާހަކަތަކެއްގެ ޚުލާޞާއަކީ، ފަލަކީ ގޮތުން ބަލާއިރު، އަންނަ ބުދަ ދުވަހަކީ މިއަހަރުގެ މުލަ ރޯދަ ދުވަސްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވުމެވެ. އަދި ލޮލަށް ހަނދު ފެނިގެން ހަނދު ސާބިތުކުރުމުގެ ފުރުސަތު ވެސް އިސްލާމީ ބައެއް ގައުމުތަކަށް އެބަ އޮތެވެ. އެހެންކަމުން، އެއިން ގައުމަކަށް ހަނދު ފެނިގެން އެކަން އެންގުމުން (ހަނދު ފެނިއްޖެ ކަމަށް ހެކިން ދޭ ހެކިބަހަށް ބިނާކޮށް)މ، އެ ހަނދަށް ތަބާވެގެން ރޯދަ ހިފުމަކީ، އިސްލާމީ އުންމަތުގެ ސަލަފުން ޢަމަލުކުރައްވާފައިވާ ގޮތަށް ބަލާއިރު، ޝަރުޢީ ހަމަތަކުގެ މަތިން ޖާއިޒު ކަމެކެވެ.
Comment