Advertisement

އިންސާނީ އެދުންވެރިކަމުގެ ޓްރޭނަރު

20 ފެބުރުވަރީ 2026 - 08:46 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

ރޯދައަކީ ހަމައެކަނި ނުކައި ހުރުމެއް ނޫން؛ އެއީ އިންސާނާގެ އެދުންތައް ތަރުތީބުކޮށް، ނަފްސު ކޮންޓްރޯލްކުރަން ދަސްކޮށްދޭ މަތިވެރި ތަރުބަވީ މަދަރުސާއެއް. -- ފޮޓޯ ތައްޔާރުކޮށްފައި އޭއައި ބޭނުންކޮށްގެން.


އިންސާނީ އެދުންވެރިކަމުގެ ޓްރޭނަރު

20 ފެބުރުވަރީ 2026 - 08:46 0

ޖަނަވާރުން ކަންކަން ކުރަނީ އެސޮރުމެންގެ އެދުންވެރިކަމުގެ މައްޗަށެވެ. އޭރެއްގައި ފުއްދަން ޖެހުނު ކޮންމެ އެދުމެއް ފުއްދެން އޮތް ގޮތަކަށް ފުއްދާލުމަކީ އެސޮރުމެން ކަންކުރާ ގޮތެވެ. ކާއެތި ކޮޅެއް ބޭނުންވެއްޖެ ނަމަ އެ އެއްޗެއް ހޯދެން އޮތް ގޮތަކަށް ހޯދައިގަނެއެވެ. އެޔަކު އެއެއްޗަކީ ދެން ހުރި އަނެއް ޖަނަވާރު ކަމުންދާ އެއްޗަކަށް ވިޔަސް ފަރުވާލެއް ނުހުރެއެވެ. ޖަހައިވެސް ގަނެއެވެ. ފޭރިވެސްގަނެއެވެ. ޖިންސީ އެދުންވެރިކަން ފުއްދުމުގައި ވެސް ޖަނަވާރުގެ ހަމައާއި ލަމަ އޮންނަނީ މިކަހަލަ ގޮތަކަށެވެ. އެދުންވެރިކަން އައުމުން ތަނެއް ގޮތެއް ބެލުމެއް ނޯވެއެވެ.

އިންސާނުން މި ޖަނަވާރުންނަށްވުރެ މާތްވެފައި މަތިވެރިވީ، އިންސާނުން އެބައިމީހުންގެ އަމަލުތައް ގެންނަނީ އެދުންވެރިކަމުގެ އެދޭހާ ގޮތަކަށް ކަމަށް ނުވާތީއެވެ. އިންސާނުންނަކީ އެމީހުންގެ ބޭނުންވުން ވަކި ގޮތަކަށް ތަރުތީބުކޮށްގެން އުޅޭ ބަޔަކަށްވާތީއެވެ. މިވެނި ކަމަކީ ކުރުން ހުއްދަ ކަމެއްތޯ ނުވަތަ ހަރާން ކަމެއްތޯ، ކުރުން އެދެވިގެންވާ ކަމެއްތޯ ނޫންތޯ އެންމެ އެކަށީގެންވާ ކަމެއްތޯ ނޫންތޯ ރަނގަޅު ވަގުތުތޯ ނޫންތޯ އިންސާނާ ވިސްނައެވެ.

އިންސާނާގެ މި ހުންނަ އެދުންތަކާއި ބޭނުންތައް ތަރުތީބުކުރުމުގެ ގާބިލުކަމަކީ ތަރުބިއްޔަތަށް ބޭނުންވާ ކަމެކެވެ. އިސްލާމްދީނުގެ މަތިވެރި އެއް ރުކުން ކަމަށްވާ އަހަރަކު އެއްފަހަރު އަދާކުރަން މިއޮންނަ ރޯދައިގެ އަޅުކަމަކީ މިދެންނެވުނު ތަރުބިއްޔަތު އައުކުރުމަށް މާތް ﷲ ލައްވާފައިވާ ހިކުމަތްތަކުން ފުރިގެންވާ އަޅުކަމެކެވެ.

ރޯދަ މަސް ނޫނިއްޔާ އަހަރެމެން ވިސްނައިގެން އުޅެންޖެހެނީ ހަރާން ކަންކަން ނުކުރުމަށެވެ. ހަރާން ކަންކަމުން ދުރުވެ ތިބުމަށެވެ. އަހަރެމެން ރާއެއް ނުބޮމެވެ. އޫރުމަހެއް ނުކަމެވެ. ރިބާއެއް ނުކަމެވެ. އަނެކެއްގެ ހައްގު ފޭރިގެން ނުކަމެވެ. އެއީ ހަރާން އެއްޗެހި ކަމަށްވާތީއެވެ. އަހަރެމެން ވައްކަމެއް ނުކުރަމެވެ. ހިޔާނާތެއް ނުވަމެވެ. ޒިނޭއެއް ނުކުރަމެވެ. އެއީ ހަރާން ކަންކަން ކަމަށްވާތީއެވެ. ނުވަތަ މިއިން ކަމެއް ފަހަރުގައި ބައެއް މީހުން ކުރިޔަސް މިކަންކަމުން ދުރުވެތިބެވޭތޯ އަހަރެމެން ބަލަމެވެ. އަދި ބަލަންޖެހެނީ ވެސް އެމިންވަރަށެވެ.

ރޯދަ މަސް ތަފާތުވަނީ މުޅީން އެހެން ގޮތަކަށެވެ. މާތް ﷲ އަށްޓަކައި އަހަރެމެން އެމަހުގައި މުޅިންވެސް ދޫކޮށްލަނީ، ހަރާން ކަންކަމުގެ އިތުރަށް ހުއްދަ ކަންކަންވެސްމެއެވެ. އެހެން މަސްމަހާ މުޅިން ތަފާތެވެ. ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ހަލާލު އެއްޗެއް ވެސް އަރުތެރެއަށް ނުލަނީއެވެ. ހުއްދަގޮތުގައި އަނބިފިރިކަމުގެ ގުޅުން ހިންގުމުންވެސް މަނާވެގަންނަނީއެވެ. ﷲ އަށްޓަކައެވެ. އެކަލާނގެ ފަރުޟުކުރެއްވި ރޯދައިގެ މަތިވެރި އަޅުކަމަށްޓަކައެވެ.

ޤުދުސިއްޔަ ހަދީސްގައި އައިސްފައިވެއެވެ. މާތް ﷲ އެންގެވިއެވެ. އާދަމުގެ ދަރިޔާގެ އެންމެހާ އަމަލުތަކެއް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ރޯދަ ވަނީ ތިމަންކަލާނގެއަށެވެ. އެ ރޯދައަށް ތިމަން ކަލާނގެ ބަދަލުދެއްވާހުށީމެވެ. އެހެން ރިވާޔަތެއްގައިވެއެވެ. އާދަމުގެ ދަރިޔާގެ ހެޔޮ އަމަލުތަކުގެ ސަވާބު ދިހަގުނައިން ހަތްސަތޭކަ ގުނައަށް އިތުރުކުރައްވައެވެ. ރޯދަ ފިޔަވައެވެ. އެ ރޯދައަށް ތިމަންކަލާނގެ ސަވާބުދެއްވާހުށީމެވެ.

މިބަސްފުޅުގައި ވާރިދުވެގެން އައިސްފައިމިވާ ތަފާތު ގުޅެނީ ކުރިން އަޅުގަނޑު ދެންނެވި ކަންތަކާއެވެ. އެހެން ހުރިހާ ހެޔޮ އަމަލެއް އެމައްޗަށް ބިނާވެފައި ހުންނަނީ ހަރާން ކަންކަމުން ދުރުވެގަތުމާއި ހެޔޮ ކަންކަން ކުރުމުގެ މައްޗަށެވެ. ރޯދައިގައި ﷲ އަށްޓަކައި ހަލާލު އެތައް ކަމެއް އެތައް ވަގުތަކަށް ދޫކޮށްލައެވެ. އެހެންވެގެންނެވެ. އެއަންގަވަނީ އެވެ. އެ ރޯދައަށް ބަދަލާއި ސަވާބުދެއްވުމުގައި ވަކި މިނެއް މާތް ﷲ ލައްވާފައި ނުވާކަމަށެވެ.

ރޯދަ އަހަރެމެން ތަރުބިއްޔަތުކުރަނީ އެދުންތައް މިންކުރުމަށެވެ. ތަރުތީބުކުރުމަށެވެ. ވަކި ހުދޫދުތަކަކަށް ފެއްތުމަށެވެ. ހަގީގަތުގައި އިންސާނީ އެންމެހާ އެދުންވެރިކަމެއްގެ ފުރިހަމަ ލައްޒަތު ގުޅެނީ އެދުންވެރިކަން ތަރުތީބު ކުރި ގޮތެއްގެ މިންވަރަކާ ކަމަށްވާތީއެވެ. ބަނޑުހައިކަން އިހުސާސް ނުވާނަމަ، ކާތަކެތީގެ މީރުކަމެއް ފުރިހަމަ ގޮތުގައި އިހުސާސް ނުވާނެއެވެ. މިހެންނެވެ.

ހަނދާންކުރަންވީ ކަމަކީ، ރޯދަ މަހަކީ ހަމަ އެކަނި ރޯދަ މަހުގެ ދުވާލު ނޫންކަމެވެ. ރޯދަ މަހުގެ ރޭގަނޑުތަކަކީ ވެސް އެ ރޯދަ މަހުން ބައެއް ކަމެވެ. ރޯދަ މަހުގެ ދުވާލުގައި ކާތަކެތިން މަނާވެގަނެގެން ހުންނަ ހުރުމުން ދަސްކޮށްދޭ އެއް ފިލާވަޅަކީ ކާބޯތަކެތި އިންސާނާ ލިމިޓްކުރަންޖެހޭ ކަމެވެ. އިރުއޮއްސޮމާއެކު އެ ފިލާވަޅު ހަނދާން ނެތޭނަމަ، ރޯދައިގެ ފުރިހަމަ ފައިދާ ލިބިއެއް ނުގަނެވޭނެއެވެ.

ހަމަ ކޮންމެ މީހަކު ވިސްނާ ފިކުރުކުރާންޖެހޭ ކަމެކެވެ. އަހަރެން ރޯދަ ހިފަނީ ރަނގަޅަށްތޯއެވެ؟ ދުވާލުދާ ހަތަރުދަމު ނުކައިނުބައި ހުރެފައި، ރޭވެ އިރުއޮއްސުމުން ޅިސްޖެހެންދެން ކައިގަތީމާ އެވެސް ހަމަ ރޯދައިގެ މަގުސަދުތައް ހާސިލުވާ ބީދައަކުން ހިފޭ ރޯދައަކަށް ވެދާނެހެއްޔެވެ؟ ފަގީރުންގެ އިހުސާސްތަކުން އިހުސާސް ލިބިގަތުމަކީ ރޯދައިގެ ހިކުމަތެއްކަމަށްވާނަމަ، އެހިކުމަތް އަހަރެމެންގެ ރޯދައިގައި އެބަ ފުރިހަމަވޭހެއްޔެވެ؟

ރޯދަމަހެއް ނަމަ ހަމަ ކޮންމެހެން މެންދުރުވަންދެން ނުވަތަ ހުސް ވަގުތެއް ވާ ކޮންމެ ހިނދަކު ނިދަން އޮވެގެން ރޯދައިގެ ހަގީގީ މަގުސަދު ހާސިލުވެދާނެހެއްޔެވެ؟ ރޯދަ މަހެއްނަމަ ޤުރުއާން ކިޔަވަންވީ އެއްފަހަރު ދެފަހަރު ހަތިމްކުރުމަށްހެއްޔެވެ؟ ނުވަތަ އެންމެ އާޔަތެއް ކިޔެވިޔަސް އެ އާޔަތުގެ މާނަ ދެނެގަނެ، އެއާޔަތަކާ މެދު ވިސްނާފިކުރުކުރުން މާ އައުލާވެގެން ނުވޭހެއްޔެވެ؟

ރޯދައަކީ ތަރުބަވީ މަދަރުސާއެކެވެ. ހަމަ ކޮންމެ ކަމެއް ކޮންމެ ކޮންމެ ގޮތަކަށް ކުރުމަކީ ޖަނަވާރުންގެ ސިފައެކެވެ. ވަކި ތަރުތީބަކުން ތިމަތިމާމެންގެ ބޭނުންތައް ގެނެސްގަތުމާއި ޖެހުނުހާ ކޮންމެ ކަމެއް ނުކުރުމާއި ކުރާ ކަމެއް ވެސް ވަކި ނިޒާމަކުން ކުރުމަކީ ބުއްދި ދެއްވި އިންސާނާގެ މަގެވެ. ރޯދަ އަހަރެމެންނަށް މަގުދައްކަނީ އެ މަގުގައި ދެމިތިބުމަށެވެ.

އަލްބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެއެވެ. "އޭ އީމާންވީ މީހުންނެވެ. ކުރީގެ މީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ގޮތަށް ތިޔަބައިމީހުންގެ މައްޗަށް ވެސް މާތް ﷲ ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަގުވާރުވެރިވުމަށްޓަކައެވެ."

ތަގުވާއަކީ ކޮބާހެއްޔެވެ؟ ބަހުގެ ގޮތުން ބަލާއިރު ތަގުވާއަކީ އެއްޗެއް ރައްކާތެރިކުރުމެވެ. އެއްޗަކަށް ގެއްލުން ލިބިދާނެ ކަންކަމުން އެއްޗެއް ހިމާޔަތްކޮށް ސަލާމަތްކުރުމެވެ. އާދޭހެވެ! ރޯދައަކީ ޝައްކެތް ނެތް ގޮތުން ނަރަކައިގެ އަޒާބުން ސަލާމަތްވުމަށް އޮތް އަށްޑަނައެކެވެ. އެކަމަކު އެކަން އެކަންޏެއް ނޫނެވެ. ރޯދައަކީ ދުނިޔޭގެ ހަޔާތް ކާމިޔާބުކުރުމަށް އޮތް ފުރިހަމަ ތަރުބަވީ ޓްރެއިނިންގއެކެވެ. އެހެނީ ދުނިޔޭގެ ކާމިޔާބު ގުޅެނީ ތިމާގެ ބޭނުންތައް އަމިއްލައަށް ތަރުތީބުކޮށް ކޮންޓްރޯލްކުރުމުގެ ހުނަރު އަމިއްލައަށް ހުރި މިންވަރަކާ ކަމަށްވާތީއެވެ.