Advertisement

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

6 ޖަނަވަރީ 2026 - 14:40 4

ރަނާ ލަތީފް

ރަނާ ލަތީފް


ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

6 ޖަނަވަރީ 2026 - 14:40 4

36 ވަނަ ބަޔާ ގުޅޭ

މައިރާ މަޑުމަޑުން އެއް އަތް ހިއްލާލައި އިވާންގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލުމަށްފަހު އަނެއް އަތުން އިވާންގެ ބުރަކަށީގައި ފިރުމަންފެށި އެވެ. އަދި އިވާންގެ ކަކުލުހުޅުން ވާގިދޫވެގެން ދެ ކަކޫ މައްޗަށް ތިރިވެވުނުހިނދު އޭނާވެސް އިވާންގެ ގައިން ދޫކޮށްލުމަކާނުލައި އިވާންއާއެކު ތަޅުންމައްޗަށް ތިރިވި އެވެ. އިވާން ހުރި ކޮންމެ ހާލެއްގައި އިވާންއަށް ހިތްވަރު ދޭން ހުންނާނެ ކަމަށް ވައުދުވާ ފަދައިންނެވެ. އެހެނަސް، މައިރާގެ ފަރާތުން ލިބެމުންދިޔަ އަޅައިލުމަށް ކިތަންމެ ބޭނުންވެފައި ހުއްޓަސް އެ އަޅައިލުން އެގޮތުގައި ލިބިގަންނާކަށް އިވާންގެ ޟަމީރު އެއްބަހެއްނުވި އެވެ. މައިރާ އޭނާއަށް ދިން އަނިޔާގެ މަތިން ހަނދާން ކޮށްދިނެވެ. އެއާއެކު އިވާންއަށް ކުއްލި ހަރަކާތަކާއެކު މައިރާ ދުރަށް ކޮށްޕައިލެވުނެވެ.

"އިވާން؟" ރިހުމާއި ސިހުން އެކުލެވިފައިވާ އަޑަކުން މައިރާއަށް ގޮވައިލެވުނެވެ.

"އައި ޑޯންޓް ނީޑް ޔޯރ ފޭކް ޕިޓީ! އައި ޑޯންޓް ވޯންޓް ދިސް ފޭކް ސިމްޕަތީ!" އިވާން ބިންމަތިން ތެދުވެ ހަމައިސްކޮޅަށް ދެމިލަމުން ދެލޯ ފޮހެލި އެވެ.

"އިވާން.. އައިމް ނޮޓް ފޭކިން-"

"އިޓްސް ފޭކް!" މައިރާ ބިންމަތިން ތެދުވެ އިވާންގެ ގާތަށް އަޅައިލި ފިޔަވަޅު ހުއްޓުނީ އިވާން ހަޅޭއްލަވައިގަތުމުންނެވެ. "މިއީ ކަލޭމެން ބޭނުންވި ގޮތެއް ނޫންތަ؟ އަހަރެންގެ ހަޔާތް ރޫޅައިލާ، ދިރިއުޅުން ބަރުބާދުކޮށްލާ، ދެވެން އޮތްހާ ގޮތަކުން ހިތްދަތިކަން ދޭކަށް ނޫންތަ ބޭނުންވީ؟ މިހާރު ހިތްހަމަޖެހިއްޖެތަ؟" އޭނާގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުންގޮސް ހޮސްޕިޓަލުގެ ފާރުތަކުގެ ތެރޭގައި ގުގުމައިލި އެވެ. ލިބިފައިވާ ހިތާމައިގެ މައްޗަށް ރުޅިވެރިކަން އިސްކުރަމުންނެވެ.

"ހަމަ ނަސީބެއް ކަންނޭނގެ ކޮންމެ ގޮތެއް މެދުވެރިވެގެންވިޔަސް ތި ނުލަފާ އާއިލާގެ ހިއްސާއަކަށްވާނެ ފުރުސަތު ދާނުއަށް ނުލިބުމަކީ. އައި ފަ*** ހޭޓް ޔޫ އެންޑް ޔޯރ ގޯޑް ޑޭމްންޑް ފެމިލީ. ކަލޭމެން އެކަކުވެސް ދާނުގެ މޫނުބަލަން އައިސްގެން ނުވާނެ. ހަމަ މިހާރު ދޭ މިތަނުން! ދާށޭ!" އިވާން ކީ އެއްޗެހީގެ ދިފާއުގައި ދުލުން ބުނެލާނެ ބަހެއް ނޭނގިފައިހުރި މައިރާގެ ކޮނޑުގައި ހިފައި ބާރަށް ކޮށްޕައިލަމުން އިވާން އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

މައިރާއަށް ނުވެއްޓެނީސް އަމިއްލަ ހަށިގަނޑު ކޮންޓްރޯލް ކޮށްލެވުނީ ކިރިޔާ އެވެ. އޭނާއަށް ގަބޫލު ނުކުރެވިފައިހުރެ އިވާންއާ ދިމާލަށް ބަލައިލެވުނެވެ. އިވާން އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އޭނާއަށް ޖިސްމާނީ އަނިޔާއެއް ލިބިދާނޭ ކަމެއް ކޮށްފާނެކަމަށް މައިރާއަށް ހީކުރެވިފައެއް ނެތެވެ. އެހެނަސް އޭނާ އިވާންއަށް ހިތްބުރަ ކުރާކަށް ނޫޅުނެވެ. މިވަގުތު އިވާންގެ ހިތް ކެފި، ކޮށިފައިވަނީ އަމިއްލަ އިހުސާސްތައް ވަކިކުރަން ނޭނގޭހާ މިންވަރަށްކަން މައިރާއަށް އެނގުނެވެ. އެ ސިކުނޑިވަނީ ދުލުން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭހާ މިންވަރަށް ހަލަބޮލިވެފައިކަން އޭނާ ދެނެގަތެވެ. ދެވަނަ ފަހަރަށް އިވާން އޭނާ ކޮށްޕައިލުމާއެކު އެތަނުން ދުރަށް ހިނގައިގަތީ އެއީ އެ ވަގުތަށް އެންމެ ރަނގަޅުގޮތް ކަމުގައި ނިންމަމުންނެވެ. އޭރު އިވާންގެ ބަސްތަކާއި އަމަލުތައް ހުރިގޮތުން މައިރާގެ ހިތުގައި އިންތިހާއަށް ވޭން އަޅަމުންދިޔަ އެވެ. އެންމެ ކައިރިން ފެނުނު ފާހަނާއަށް ވަދެ ދޮރު ލައްޕައިލެވުމާއެކު އެ ވޭނުގައި ކަރުނައިގެ ސިފަ ޖެހުނެވެ. ގިސްލުމުގެ އަޑު ބޭރުވިޔަ ނުދިނުމަށްޓަކައި މައިރާ އަނގަމަތީގައި އަތް އަޅައިލަމުން ފާހަނައިގެ ދޮރުފަތުގައި ލެގިލި އެވެ. އެ ހުރިގޮތަށްހުރެ މަޑުމަޑުން ބިންމަތީގައި އިށީނދެލިއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެ އެވެ.

------------

"މިރޭ ނޫނީ މާދަމާ ހެނދުނު ކަމަށްވަނީ މަލް ދޫކޮށްލާނީ.. މިއަދު ދެވަނަ ފަހަރު އެގޮތަށް ފެއިންޓްވިކަން އެނގުނީމަ ޑޮކްޓަރޒްވެސް ބޭނުންވީއޯ އަދި އޮބްޒަރވޭޝަންގަ ބާއްވަން. މަލްއަށް ވަރަށް ބޮޑު ދުވަހަކަށް ދޯ މި ވީ" ގަރާޖުގައި ޕާކުކޮށްލި ކާރުން ފޭބުމަށްފަހު މައިރާއާއި ނަދާލް ގެއަށް ވަނުމަށް ހިނގައިގަތެވެ. މައިރާގެ އެދުމަށް އޭނާ ކާރުގައި މައިރާ ބަލައި ދިޔައީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ. އޭރުއްސުރެން މައިރާގެ ނަފްސަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ރުއިން ހުއްޓައިލި ނަމަވެސް އިރުއިރުކޮޅާ ނޭފަތް ދަމައިލާ އަޑު އިވެ އެވެ.

"މަލްއަށް އެ ހަބަރު ދޭނެ ގޮތަކާމެދު މި ވިސްނަނީ" ލިފްޓަށް އަރަމުން މައިރާ ވިސްނުމެއްގައިހުރެ ބުންޏެވެ.

"މަލްއަށް އެކަންޏެއް ނޫން.." ލިފްޓުގެ ފަހަތުގައިހުރި ލޯގަނޑަށް ލެގިލަމުން ނަދާލްއަށް ބުނެވުނެވެ. އިދާންގެ މަރުގެ ހަބަރު ލިބުނީއްސުރެން އޭނާ އެ ދަނީ އެކަން މަލަކްގެ އިތުރުން އައިލީންއަށްވެސް އެކަން އަންގާނެ ގޮތަކާމެދު ވިސްނަމުންނެވެ.

"ކޮންމެއަކަސް ލީންގެ ފެމިލީ އެއީ ނެޑް! ޔޫ ހޭވް ޓު ޓެލް ހަރ.. ގުޑް ލަކް!" ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓައިލުމާއެކު މައިރާ ބުންޏެވެ.

މައިރާގެ ވާހަކައަށް ބޯ ޖަހައިލާފައި ނަދާލް ލިފްޓުން ފޭބި އެވެ. އެޕަރޓްމެންޓްގެ ފަޅުކޮށް އޮތް ސިޓިންގްރޫމަށް އަވަސް ނަޒަރެއް ދީފައިގޮސް އޭނާ ދެން ހުޅުވައިލީ ކޮޓަރީގެ ދޮރެވެ. އޭރު އައިލީން ނަމާދު ދޮޅިއާއެކު މުސައްލަމަތީގައި އިށީނދެލައިގެން އިނެވެ. އައިލީން ނަމާދުކޮށް ނިމެންދެން އޭނާ ބޭރުގައި މަޑުކޮށްލި އެވެ. އައިލީންއަށް އެ ހަބަރު ދޭނެ ގޮތަކާމެދު ވިސްނަމުން ބެލްކަންޏަށް ނުކުތްތާ މާ ގިނައިރެއްނުވެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.

ނަދާލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކަމަކަށް ތައްޔާރުވެލާ ފަދައިންނެވެ. އޭނާ ލަސްފިޔަވަޅުތަކެއްގައި ގޮސް ހިފައިލީ އައިލީންގެ އަތުގަ އެވެ. އެއާއެކު އައިލީންގެ ދެބުމަ ގޮށްޖެހުނެވެ. އޭނާ ނަދާލްގެ މޫނަށް ބަލައިލީ އެ މޫނުގައިވާ އަސަރުތައް ދެނެގަންނަން މަސައްކަތް ކުރަމުންނެވެ.

"ލޫނާ.. ކަމް ހިއަރ.." އައިލީން ސޯފާގައި ބޭންދުމަށް ފަހުވެސް ނަދާލް އައިލީންގެ އަތުން ދޫކޮށްލާކަށް ނޫޅުނެވެ. އެހާ ހިސާބުން އައިލީންއަށް ކޮންމެވެސް ބޮޑު ކަމެއް ހިނގައިފި ކަމުގެ ސިގްނަލް ލިބުނެވެ.

"ނަދާލް؟ ކިހިނެއްތަ ވީ؟" އައިލީން މަޑުމަޑުން އަހައިލި އެވެ.

"ލޫނާ.. ލޫނާގެ ހުރެއެއްނު ކަޒިންއެއް.." ނަދާލް ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ވާހަކަދައްކަން ފެށްޓެވެ.

"ހްމްމް އިވާންތަ؟ އިވާން މިނިވަން ވީތަ؟" އައިލީންއަށް އަހައިލެވުނެވެ.

"ނޯ.. އައި މީން.. ޔެސް ދެޓް ޓޫ.. މިބުނީ.. އިވާން މިނިވަންވެއްޖެ. އެކަމަކު އެހެން ކަޒިންއެއް ހުރެއެއްނު އަދި؟" ނަދާލްއަކަށް އެ ހަބަރު އައިލީންއަށް ދޭނެ ގޮތެއް ނޭނގުނެވެ.

"ހްމްމް. ދާނު؟ ދާނު ލައިފް ސަޕޯރޓްގަ އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ. ނަދާލްއަށް ކިހިނެއް ދާނު އެނގެނީ؟" އައިލީން ސުވާލުކުރި އެވެ.

"މިއީ.. އެނގެނީކީ ނޫން.. މަލް.. އެވާހަކަ ބާއްވާ. އެހެން ފަހަރަކުން.. މިގަޑީގަ އަހަރެން އެބަޖެހޭ ލީން ސަހަރާއަށް ގެންގޮސްދޭން" ނަދާލް ނޭވާ ހިފަހައްޓައިލަމުން ބުންޏެވެ. އައިލީންއަށް ނަދާލް ބުނި އެއްޗެއް ނަގައިގަނެވުނީ އިރުކޮޅެއް ފަހުންނެވެ. އެއާއެކު އޭނާ ހަގީގަތް ގަބޫލުކުރަން އިންކާރުކުރާ ފަދައިން ދެފަރާތަށް ބޯ ހޫރައިލި އެވެ.

"ދާނު ނިޔާވީތަ؟" އައިލީންގެ އަޑު ނުކުތީ ކިރިޔަކިރިޔާ އެވެ. ޖަވާބުގައި ނަދާލް ޖެހިލުންވެފައި އިނދެ ބޯޖަހައިލުމާއެކު އައިލީންގެ ލޮލުން ފާއްދައިލި ކަރުނަ ތިކި ކޯތާފަތުގައި ރޮނގު ދަމައިލި އެވެ. ނަދާލް ކައިރިކޮށް ޖައްސައިލި ދެ ދަތްޕިލައިގެ ދޭތެރޭގައި ވައި އަޅުވައިލަމުން އައިލީންއަށް ގާތަށް ޖެހިލި އެވެ. އައިލީންގެ ލޮލުން ނީރައިލި އެންމެ ކަރުނަ ތިތްކަކުންވެސް އޭނާގެ ހިތަށް އުނދަގޫވީ އެވެ.

"ލޫނާ.." ނަދާލް ލޯތްބާއެކު އައިލީންގެ ކޯތާފަތުން އެ ކަރުނަތިކި ފޮހެލައިދިނެވެ. "ލޫނާ ބޭނުންތަ ދާން؟" ނަދާލް ޔަގީންކުރުމުގެ ގޮތުން އަހައިލި އެވެ. އައިލީން އަވަހަށް އާނއެކޭބުނެ ބޯ ޖަހައިލި އެވެ.

"އެހެންވިއްޔާ ދޭ ތައްޔާރުވެލަން.. އިޝާ ނަމާދާ ޖެހެންދެން މޫނު ދައްކަނީ" ނަދާލް އައިލީންގެ އަތުގައި ބޮސްދިނުމަށްފަހު އެ އަތުން ދޫކޮށްލި އެވެ. އައިލީން ދުވެލާފައިގޮސް ކޮޓަރިއަށް ވަތް މަންޒަރު ބަލަން އިނުމަށްފަހު ބޮލުގެ ފުށްކިބައިގައި އަތް ހިންގައިލި އެވެ. އޭނާއަށް މިހާރު ވިސްނެމުންދިޔައީ އައިލީންގެ އާއިލާއާ ބައްދަލުވުމުން އައިލީން ކަންތައް ކޮށްފާނޭ ގޮތަކާ ދޭތެރޭގަ އެވެ. އެމީހުންގެ ގާތަށް ދެވުމުން އައިލީން އަލުން އަނބުރައި އޭނާގެ ގާތަށް އައިސްދާނެބާ އެވެ؟

އައިލީން ގޮވައިގެން ސަހަރާއަށް ދިޔައީ ނަދާލްއާއި މައިރާ އެކީގައި ކަމަށްވިޔަސް އިވާންގެ ބަސްތައް ހަނދާންވެ މައިރާއަށް ސަހަރާއަށް ވަންނާކަށް ނުކެރުނެވެ. އައިލީން ގޮވައިގެން އެތަނަށް ވަންނަން އުޅުމުން އޭނާ ނަދާލްގެ އަތުގައިވެސް ހިފެހެއްޓި އެވެ.

"ނެޑް.. އާދެބަ.. މިއީ... އިވާން މަނާކޮށްފަ އޮތީ އަހަރުމެން އެއްވެސް މީހަކު އެތަނަށް ދިޔުން" އައިލީންއަށް ނީވޭނެހެން މައިރާ ނަދާލްގެ ކަންފަތްދޮށުގައި ސިއްރުން ބުނެލި އެވެ.

"އަހަރެން އައިލީން އެކަނި އެތަނަށް ފޮނުވާނެހެން އޭނައަށް ހީވަންޏާ އެއީ އޭނައަށް ކުރެވޭ ވަރަށްބޮޑު ކުށް ހީއެއް" މައިރާބުނި އެއްޗަކުން ނަދާލްއަކަށް މާބޮޑު އަސަރެއް ނުކުރި އެވެ. މައިރާ އެތަނުގައި ބެހެއްޓުމަށްފަހު އައިލީން ގޮވައިގެން އިދާންގެ މޫނުދެއްކުމަށް ހަމަޖެހިފައިވާ ދިމާލަށްދިޔަ އެވެ. މައިރާއަށް ހަދާނެގޮތް ހުސްވި އެވެ. ދެ ހިޔާލެއްގައިހުރެ ނަދާލްމެންގެ ފަހަތުން ހިނގައިގަތެވެ.

އެއީ އާންމުކޮށް މައިރާމެން ގޮސްއުޅޭ ގިނަ ޖަނާޒާތަކަށްވުރެ މީހުން މަދު ޖަނާޒާއެކެވެ. އިވާންމެންގެ މަންމަފަރާތު އާއިލާއާއި މަދު ރަހްމަތްތެރިންތަކެއް ފިޔަވައި އިތުރު ބަޔަކު އެތާކު ނެތެވެ. ބައްޕަފަރާތު އާއިލާއިން ހުރި ހަމައެކަނި މީހަކީ އައިލީން އެވެ. މަލަކްގެ ބައްޕަ ޒުހޫރުވެސް އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ.

ނަދާލްގޮސް ޒުހޫރުގާތު ހުއްޓިލުމުން އައިލީން އިރުކޮޅަކު އިދާން ބޭއްވިފައި އޮތް އަށިކައިރީގައި އިދާންގެ މޫނަށް ބަލަން ހުރުމަށްފަހު ގޮސް މަޑުކޮށްލީ އިދާންމެންގެ މަންމަ ނިސްރީންގެ ގާތުގަ އެވެ. ނިސްރީންގެ ކޮނޑުގައި އަތް ބާއްވައިލިއިރު އައިލީންގެ މޫނުމަތިންވެސް ހިތާމައިގެ ކުލަވަރު ފާޅުވަމުންދިޔަ އެވެ. ރޯން ފެށިދާނެކަމުގެ ބިރުގައި އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން އެތަން މިތަނަށް ނަޒަރު ހިންގައިލި އެވެ. އެވަގުތުން އެތަނުން ގޮނޑިއެއްގައި އިން އިވާންފެނި އައިލީން ހިނދުކޮޅަކަށް ހުއްޓުންއެރި އެވެ. ދެވަނަ ސިކުންތުގައި އޭނާ އިވާންއާ ދުރަށް ނަޒަރު ހިންގައިލީ އިވާންގެ މޫނުވެސް ދެކެން ބޭނުން ނުވާ ފަދައިންނެވެ. އިވާން އެފަދަ ހަޑި މުޑުދާރުކަމެއް ކޮށްފާނެކަމަށް އައިލީންގެ ހިތް ގަބޫލު ނުކުރިނަމަވެސް ފިރިހެނުންނަކީ އެއްވެސް ކަމެއްގައި އިތުބާރުކުރަން ހެޔޮވާވަރު ބައެއް ނޫންކަން އޭނާގެ ހަޔާތަށް އައި ކޮންމެ ފިރިހެނަކުވެސް ވަނީ ދަސްކޮށްދީފަ އެވެ. އެހެންކަމުން ހިތާ ދެކޮޅަށް އައިލީން އަދިވެސް ގަބޫލު ކުރަމުންދިޔައީ އިވާންއަކީ ކުށްވެރިއެއް ކަމަށެވެ.

އެހާ ދުވަސްފަހުން އައިލީން ފެނުމުން އިވާން ނެތް ހިތްވަރާއެކުވެސް ހިނިތުންވެލަން މަސައްކަތްކުރި އެވެ. އެހެނަސް އައިލީންގެ ފަރާތުން ފެނުނު ނަފްރަތާއި ބީރައްޓެހިކަން އިވާންގެ ހިނިތުންވުން ފޮހެލި އެވެ. ނަދާލް އެ ދުވަހު ދެއްކީ ރަނގަޅު ވާހަކަތަކެއް ކަމާއި، އައިލީން އަދިވެސް އޭނާއާ ބައްދަލުކޮށް އޭނާގެ ވާހަކަ އަޑުއަހަން ތައްޔާރު ނޫންކަން އިވާންއަށް ކަށަވަރުވީ އެހިސާބުންނެވެ. ވުމާއެކު، އައިލީންއަށް ފެންނަ ހިސާބުގައި ދެން އިތުރަށް މަޑުކުރާކަށް އޭނާ ގަސްތެއް ނުކުރި އެވެ. ގޮނޑިން ތެދުވެ ލަސް ފިޔަވަޅުތަކެއްގައި ގޮސް އިދާންގެ މޫނުދައްކަމުންދިޔަ ކޮޓަރިން ނުކުތެވެ. ދޮރުމަތީގައި ހުއްޓިލައިގެންހުރި މައިރާ އޭނާގެ ލޮލުގައި އަޅައިގަތީ އެހިސާބުންނެވެ. އޭނާ ފެނުމާއެކު މައިރާ ކުށްވެރިއަކު ފަދައިން އިސްޖަހައިލި ގޮތުން ދެންމެ އޭނާއާ އައިލީންއާ ދެމެދު ކުރެވުނު މުއާމަލާތް މައިރާއަށް ފެނިއްޖެކަން އިވާންއަށް ޔަގީން ކުރެވުނެވެ. އެއީވެސް މައިރާގެ ކުށެވެ. ހުރިހާ ކަމަކީވެސް މައިރާގެ ކުށެވެ. އިވާންގެ ރުޅިގަނޑު އިއާދަވީ ކިހިނެއް ކަމެއް ނޭނގެ އެވެ. ކުއްލިއަކަށް އަތުގެ ހުރި ބާރަކާއެކު މައިރާގެ ކުޑަހުޅުގައި ހިފައިގަތެވެ. އަދި ދަމަމުން ކަހަލަ ގޮތަކަށް މައިރާ އެ ތަނުން ދުރަށް ގެންދަން ފެށި އެވެ. ގަބުރުސްތާނާ ދިމާލަށެވެ.

"އާހް.. އިވާން.. އިވާން ދޫކޮށްބަލަ ތަދުވެއޭ.. ތިހެން ނެހެދިޔަކަސް އަހަރެން މިތަނުން ހިނގައިދާނަމޭ.. އިވާން" މައިރާ ވާހަކަދެއްކީ މަޑުމަޑުންނެވެ. އިވާންގެ އަމަލުތައް ހުރިގޮތުން އޭނާގެ ހިތުގައި ހިސާބެއްގެ ބިރުވެރިކަމެއް އުފެދެން ފަށައިފި އެވެ.

"ހިނގައިދާނަމޭ؟" ގަބުރުސްތާނަށް ނުވަތް ނަމަވެސް، ދިރިތިބީންގެ ހިލަމެއް ނުފޯރާހާ ދުރުގައިހުރި ގަހެއް ދޮށަށް އާދެވުމާއެކު އިވާން ކުއްލިއަކަށް މައިރާގެ އަތުން ދޫކޮށްލި އެވެ. މިސްކިތުގައިވާ އަލިކަން ކިރިޔާ ފޯރާ ވަރަށްހުރި އެ ތަނުގެ ފަޅުކަން ނަގައިގަނެވުމާއެކު މައިރާއަށް ޖެހިލުންވެފައިހުރެ ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. އޭނާއަށް ސިހުމެއް ލިބުނީ އިވާން އޭނާގެ އެއްކޮނޑުގައި ހިފައި ތަޅުވައިގަތުމުންނެވެ.

"މަށެއް ނުބުނަންތަ މަގޭ ކޮއްކޮގެ މޫނު ފެންނަ ހިސާބަށްވެސް ނާންނާށޭ؟ ކޮބާތަ މައިރާގެ މައްސަލައަކީ އޭން؟ ބީރީތަ؟" އިވާންއަށް ދަތްކުނޑި ވިކައިލެވުނެވެ. މައިރާގެ ބޮޑު ދެލޮލުގައިވާ މައުސޫމުކަމަކުން މިފަހަރު އޭނާއަކަށް އެއްވެސް އަސަރެއް ނުކުރި އެވެ.

"މަގޭ މުޅި ދުނިޔެ ކަލޭ އެފުށް މިފުށަށް ޖަހާލައިފިޔޭ! މަ ލޯބިވާ އެންމެން މަށާ ދުރުކޮށް.. މާމަވެސް މަރުވީ ކަލޭމެންނާ ހެދި! ދާނުވެސް.. މިއަދު މަލަކް ނުގެންދެވުނުނަމަ ދާނު އަދިވެސް އޮންނާނީ ދުނިޔޭގަ! ދެން ހުރީ ލީން. އޭނަވެސް މަށަށް ބީރައްޓެއްސަކަށް ހެދީ ހަމަ ކަލޭމެން!" އިވާންގެ ރުޅި ހަމަ ރަނގަޅަށްވެސް ކޮންޓްރޯލުން ނައްޓައިފި އެވެ.

"އިވާން ޔޫ ޑޯންޓް މީން ދެޓް.. ތިއީ މިވަގުތު އިވާން ގްރީވް ކުރާތީ-"

"އައި މީން އިޓް!" މައިރާގެ ޖުމްލަ މެދުކަނޑައިލަމުން އިވާން ހަޅޭއް ލަވައިގަތެވެ. "އައި މީން އެވްރީ ސިންގަލް ވޯޑް.. ޔޫ އަރ އަ މާރޑަރާ! އޯލް އޮފް ޔޫ.. އަ ފެމިލީ އޮފް މާރޑަރާރޒް!" އޭނާގެ އަޑު އަނެއްކާވެސް މަޑުވެލި އެވެ.

"އެކަ.. އެކަމަކު މައިއެއް ނޫނެއްނު ދާނުގާތަކަށް މަލް ގެންދިޔައީކީ.. އެއީ ނެޑްއާއި އިވާންއާ ދެމީހުންގެ އައިޑިޔާއެއްނު" މައިރާގެ އަޑު ކުރެހެން ފެށުމާއެކު އިސްޖަހައިލި އެވެ. ނަމަވެސް އިވާން މިފަހަރު މައިރާއަށް އެކަންވެސް މަނާކުރި އެވެ. "ކީކޭ؟" އޭނާ މައިރާގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލި އެވެ. "ތި ބުނަނީ މިއީ އަހަރެންގެ ކުށޭތަ؟ ދާނު މަރާލީ އަހަރެންނޭތަ؟"

"ނޯ.. ނޯ.. ދެޓްސް ނޮޓް ވަޓް އައި މެންޓް" މައިރާ އަވަސްއަވަހަށް ބޯ ހޫރައިލި އެވެ.

"ނޯ.. ނޮޓް މީ.. ނޮޓް މީ! އިޓްސް ނޮޓް މީ އޯކޭ؟" އިވާން ބޯ ހޫރަމުން ފަހަތަށް ފިޔަވަޅު އަޅަންފެށި އެވެ. މައިރާއަށް ނޭނގުމެއްގެ ތެރޭގައިވެސް އެ ބުނެވުނީ ވަރަށް ބޮޑު ތެދެކެވެ. އިދާންގާތަށް މަލަކް ގެންދެވުނީ މައިރާގެ ނުރުހުމުގައި އަދި އިވާންގެ ރުހުމުގައެވެ. އެ ގޮތް ބޭނުންވީ އޭނާ އެވެ. އެއީ އެ ހަގީގަތަކުން އޭނާ ބަރީޢަވާން ބޭނުންވާ ހަގީގަތެކެވެ.

"ހީ ވޯޒް... ދިސް ވޯޒް ގޮނަ ހެޕެން ސޫނަރ އޯރ ލޭޓަރ.. ކުރިންވެސް އޮތީ ލައިފް ސަޕޯޓްގަ.. މަންމަ އެއްބަސްވަންދެން ސަޕޯރޓް ކަނޑާނުލަންވެގެން އޮތީ! އޯކޭ؟ ދިސް ވޯޒް ގޮނަ ހެޕެން ސޫނަރ އޯރ ލޭޓަރ.. ކޮއްކޮ މަރުވީ.. އިޓްސް ނޮޓް މައި ފޯލްޓް.. މަށެއް ނޫން! މަށެއް ނޫން!" އިވާން މައިރާއަށް ފަސްދިނެވެ. މަޑުމަޑުން އެ ބަސްތައް ތަކުރާރު ކުރަމުން ބިންމަތީގައި އުޑުފައި މައްޗަށް އިށީނދެލި އެވެ. ހީވީ މައިރާއަށްވުރެ ބޮޑަށް އޭނާގެ އަމިއްލަ ނަފްސަށް އެ ވާހަކަތައް ސާބިތުކޮށްދޭން ބޭނުންވެފައި ވާހެނެވެ. އޭރު އިވާންގެ ދެއަތުގެ އިނގިލިތައްވަނީ އިސްތަށިގަނޑުގެ ތެރެއަށް މަހައިލެވިފަ އެވެ. އެ އިނގިލިތަކަށް ވާންކުރަމުން ދިޔަގޮތުން ހީވަނީ ދެންމެދެންމެ ބޮލުން އިސްތަށިތައް ލުހެލައިފާނެ ހެނެވެ.

އިވާންއަށް ވެގެންދިޔަ ގޮތްފެނި މައިރާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. އެ ހާލަތުގައި އިވާން ވާތަން ދެކޭކަށް އޭނާއަކަށް ކުޅަދާނައެއް ނުވި އެވެ. އޭނާ އިވާންގާތު ކުޑަކަކޫ ޖަހައިލަމުން އިށީނެވެ.

"އިޓްސް ނޮޓް.. އިވާން.. އައިމް ސޮރީ.. އިޓްސް ނޮޓް ޔުއަރ ފޯލްޓް" އިވާން މަސަލަސްކުރެވޭތޯ މައިރާ މަސައްކަތްކުރި އެވެ.

"އަހަރެން ދޯ މަލް ގެންދިޔައީ؟ އަހަރެންނާހެދި ދޯ ދާނު އެ ދިޔައީ؟" އިވާން އިސްއުފުލައިލަމުން ކުޑަ ކުއްޖަކު ފަދައިން މައިރާގާތު އަހައިލި އެވެ. އެ ދެލޮލުގައި ބަބުޅަމުންދިޔަ ކަރުނަތަކުން މައިރާއަށް ކުރީ އިތުރު އަސަރެކެވެ. އިވާންގެ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި ނޫނެކޭބުނެ ބޯ ހޫރައިލިއިރު އޭނާއަކަށްވެސް އަމިއްލަ ކަރުނަތަކެއް ނުހިފެހެއްޓުނެވެ.

"އަހަރެން ދޯ ދާނު މަ...." އިވާންގެ ވާހަކަ އެހިސާބަށް ދިޔުމާއެކު މައިރާ އަނެއްކާވެސް ނޫނެކޭބުނެ ބޯ ހޫރައިލަމުން އިވާންގެ އަނގަމަތީގައި އަތް އެޅި އެވެ.

"ނޫން ނޫން އިވާން ޕްލީޒް.. ޑޯންޓް ސޭ ދެޓް.. އާދޭސްކޮށްފަ މި ބުނަނީ.. ތިހެން ނުވިސްނަބަލަ.. އިވާންގެ ކުށެއް ނެތޭ ޕްލީޒް.. އަހަރެންނާ ދާނުއާ ދިމާވި ފުރަތަމަ ދުވަހުވެސް އިވާން ބުނީމެއްނު ލައިފް ސަޕޯރޓްގަ އޮތް ވާހަކަ.. މަންމައަށް އެކަން އެކްސެޕްޓް ކުރެވެންދެން މަޑުކުރާ ވާހަކަ. ހަނދާންކޮށްބަ.. ހަނދާންވޭތަ؟" މައިރާގެ ސުވާލަށް އިވާން ކުޑަކުއްޖަކު ފަދައިން ބޯ ޖަހައިލި އެވެ.

"ސޯ އިޓްސް ނޮޓް ޔޯރ ފޯލްޓް.. ދިސް ވޯޒް ގޮނަ ހެޕެން ސޫނަރ އޯރ ލޭޓަރ.. ތިހެން ނޫޅެބަ ހެޔޮނުވާނެ" މައިރާ މަސައްކަތްކުރީ އިވާންގެ ދެއަތް އިސްތަށިގަނޑާ ވަކިކޮށްލެވޭތޯ އެވެ. "މަރަކީ އެއްވެސް އިންސާނަކަށް ބާރުފޯރުވޭނެ އެއްޗެއް ނޫން.. މަލްއަށް މިއަދު ހޮސްޕިޓަލަށް އެ ދެވުނީވެސް ދާނު ނިޔާވުމުގެ ކުރިން އެއްފަހަރުވެސް އެދެމީހުން ބައްދަލުވާން ތަގުދީރުގަ ލިޔެވިފައި ވީތީ.. އިތުރު އެއްވެސް ސަބަބަކާ ލައިގެނެއް ނޫން.. އެއްވެސް މީހަކާ ހުރެއެއް ނޫން.. އެނގޭ؟" އޭނާ އިވާންއަށް ވިސްނައިދެވޭތޯ މަސައްކަތްކުރި އެވެ.

"އެކަމަކު.. ހީ އިޒް ރިއަލީ ގޯން ދިސް ޓައިމް މައި.. ދެން.. ދުވަހަކުވެސް ނާންނާނެ.." އިވާންއަށް އިސްތަށިގަނޑުން އަތް ދޫކޮށްލަމުން ގައިން ވަރުދޫވެފައިވާ މީހަކު ފަދައިން ފަސްގަނޑުމަތީގައި އިށީނދެލެވުނެވެ. އޭނާގެ ކަޅި ވަނީ އެތައް މޭލެއްގެ ދުރަށް ހުއްޓިފަ އެވެ. "ދެން ދުވަހަކުވެސް.. އަހަރެންގެ އެއްޗެއް ވަގަށް ނުނަގާނެ.. ދެން ދުވަހަކުވެސް އަމިއްލަ ފިލާވަޅު ނެހެދޭތީ އަހަރެންގެ ދަބަސް ހިފައިގެން ކްލާހަށްގޮސް ޓީޗަރުންނަށް އޮޅުވައެއް ނުލާނެ.. ދެން ދުވަހަކުވެސް އަހަރެންނަށް ވެގެން މީހަކަށް ޖެއްސުމެއް ކޮށް ނުލާނެ.. ދެން ދުވަހަކުވެސް އަހަރެންނަށް ވެގެން އަހަރެންގެ ރައްޓެއްސެއް އަތުން ކޮފީއެއް ނުހޯދާނެ.. ދެން ދުވަހަކުވެސް-"

"ޝްޝްޝް އިވާން ދެޓްސް އިނަފް" މައިރާ ކުއްލިއަކަށް އިވާންގެ ހަށިގަނޑު އޭނާއާ ގާތަށް ދަމައިލަމުން އިވާން ގެނެސް މޭގެ ތެރޭގައި ފޮރުވައިލީ ދުނިޔޭގެ ހުރިހާ ހިތާމަތަކުން އިވާން ފޮރުވައިލަން އުޅޭ ފަދައަކުންނެވެ. އިވާންގެ ކޮންމެ ޖުމްލައަކުން މައިރާއަށް ހާމަވީ އެންމެ ކުޑައިރުއްސުރެން އިވާންއާއި އިދާންގެ ދެމެދުގައި އޮތް ބަދަހި ގުޅުމެވެ. އިވާންގެ މަޑުމައިތިރި މިޒާޖާ ދިމާ އިދިކޮޅު އިދާންގެ ހަލަނި މިޒާޖެވެ. އިދާންގެ ސަބަބުން އިވާންގެ ދިރިއުޅުން ފަޅުފިލާފައިވާ މިންވަރެވެ. އިދާން ނެތްކަމުގެ ފަޅުކަން އިވާންއަށް އިހުސާސްވާނޭ މިންވަރެވެ. އިދާން ދުނިޔޭގައި އޮތް ނަމަވެސް އެ ހިތްދަތިކަން އިވާން ތަހައްމަލު ކުރަމުންދާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވީ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާއަށްވެސް އިވާންއަށް ދެވުނީ އިތުރު ދެރައެކެވެ. އެހެން ހިތަށް އެރުމާއެކު މައިރާއަށް ދެލޯ މަރައި ތަގުޅިކޮށްލަމުން އިވާންގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސައިލެވުނެވެ.

"އިވާން އައިމް ސޯ ސޮރީ.. އިވާން އެހާ ބޮޑު ހިތްދަތިކަމެއްގަ އުޅެނިކޮށް އަހަރެންނަށްވެސް.. ޕްލީޒް އަހަރެންނަށް މަޢާފު ކޮށްދީބަ.. އަހަރެން ރިގްރެޓްކުރާ ވަރެއް ނުފެނޭތަ؟" ވަގުތާއި ހާލަތު ތަން ނުދިނަސް މައިރާއަކަށް އެ ވާހަކަ ނުދައްކައެއް ނުހުރެވުނެވެ. އެއާއެކު އެ ދެމެދުގައި ވޭތުވެދިޔަ ހިމޭންކަމުގެ ސުކޫތުގެ ތެރޭގައި އިވާން މައިރާއާ ދުރުވެލި އެވެ. ދެލޯ ފޮހެލައި ނޭފަތް ދަމައިލުމަށްފަހު ނަފްސު ހަމައަކަށް އަޅުވައިލި އެވެ.

"ރިގްރެޓް ޑަޒަންޓް ފިކްސް އެނީތިންގް މައިރާ!" އިވާންގެ އަޑުގައިވަނީ މާޔޫސްކަމެވެ. "ނުފެނޭތަ ދެންމެ ލީން އަހަރެން ފެނުނީމަ މޫނު އަނބުރައިލި ގޮތް؟ އެއީ ހަމައެކަނި ލީންއެއް ނޫނޭ. ރަށަށް ދިޔައިމަ ފެންނަ ކޮންމެ މީހަކު.. މާލެއިން ފެނުނީމަ ދަންނަ ކޮންމެ މީހަކު.. އަހަރެން ފެނުނީމަ ކަންތައްކުރާ ގޮތޭ އެއީ.. އަހަރެންނަށް އެނގޭ އަހަރެން އެވަރުގެ މުޑުދާރުކަމެއް ދުވަހަކުވެސް ނުކުރާނެކަން.. އެކަމަކުވެސް އެ ބަލާލާ ގޮތުން.. މޫނު އަނބުރާލާ ގޮތުން.. ބުނެލާ އެއްޗެހި އިވި.. އިވަން އައި ފީލް ޑިސްގަސްޓަޑް ވިތް މައިސެލްފް. ހައު އާރ ޔޫ ގޮނަ ފިކްސް ދެޓް މައިރާ.. ކޯޓުންވެސް އަހަރެންގެ ކުށެއް ނެތްކަން ސާބިތު ކޮށްފި. އެކަމަކުވެސް ދެން ތިބޭ ބަޔަކު އެކަން ގަބޫލު ކުރިއްޔާއެއްނު. ކޭން ޔޫ އިވެން ބްލޭމް ދެމް؟ އެ ތަންތަނުން ކުރާ ހުކުމަކަށް އިތުބާރުކުރެވޭ ހާލަތެއްގައެއް ނޫން ދޯ އެތަންތަންވެސް އޮތީކީ. އެހެންވީމަ މައިރާ ކިހިނެއް އެ އެންމެންނަށް އަހަރެންގެ ކުށެއް ނެތްކަން ސާބިތުކޮށްދޭނީ؟ މިހާރުވެސް ނޫސްތަކުގަ އަހަރެންގެ ފޮޓޯ ޖަހާފަ އެކަމާ ގުޅޭ ހަބަރުތައް ފެންނަން އެބަހުއްޓޭ! ޔޫ ކާންޓް ހެލްޕް މައިރާ! ސޯ ތިހެން ބޭކާރުކޮށް ރިގްރެޓް ކުރުމަށްވުރެ ރަނގަޅުވާނެ މައިރާވެސް ކުރެވުނު ކަންތަކުގެ މަތިން ހަނދާން ނައްތާލާފަ ތަންކޮޅެއް ކްލީން މީހަކާއެކު މޫވް-އޮން ކުރިއްޔާ" އިވާން އިންތަނުން ތެދުވީ ނަމާދު ވަގުތު ޖެހުމުގެ ކުރިން ވުޟޫކޮށްލައިގެން އިދާން އޮތް ހިސާބަށް ދެވޭތޯ އެވެ. އެހެނަސް އޭނާއަށް ދެތިން ފިޔަވަޅު ނޭޅެނީސް މައިރާ ތެދުވެގެން އައިސް އޭނާގެ އަތުގައި ހިފެހެއްޓި އެވެ.

"އިވާން ޕްލީޒް. އަހަރެން.. އިވާންއަށްވުރެ ކްލީން މީހަކު އަހަރެން ހޯދާނީ ކިހިނެތް؟" މައިރާ ބުންޏެވެ.

"އަހަރެންގެ ކުށެއް ނެތްކަން އެނގޭނީ އަހަރެންނާއި.. މައިރާއާއި.. ދެންވެސް މަދު ބަޔަކަށް. ދުނިޔޭގެ ކުރިމަތީގަ އައި ޑޯންޓް ޑިޒަރވް ސަމްވަން އޭޒް ޕާރފެކްޓް އޭޒް ޔޫ" އިވާން މައިރާގެ އަތް އޭނާގެ އަތުން ނައްޓުވައިލުމަށްފަހު މައިރާއަށް ފަސްދީ ހިނގައިގަތެވެ.

--------------

އިދާންގެ ޖަނާޒާ ނިންމައިލުމަށްފަހު ގެއަށް އާދެވުނުއިރު މައިރާއަށް ވަރުބަލިވެފައި ހުރިވަރުން ކޮޅަށްވެސް ހުރެވެނީ ކިރިޔާ އެވެ. އޭރު އޭނާގެ ހުންވެސް ގަދަވާން ފަށައިފި އެވެ. ލަސްނުކޮށް ފެންވަރައިލައިގެން އައިސް ނިދަން އޮށޯތުމަށްފަހު އޭނާ އެނދުގެ އަރިމަތީގައި ބަހައްޓައިފައިހުރި ކުޑަ މޭޒުގެ މަތީގައި އަތް ހިންގައިލީ ފޯނުގެ ޗާޖަރު ހޯދުމަށެވެ. އެވަގުތު އެތަނުގައި އޮތް އެއްޗެއް އޭނާގެ އަތުން ޖެހި ބިންމައްޗަށް ވެއްޓުނެވެ. މައިރާ އަވަހަށް ތެދުވެ ކޮޓަރީގެ ބޮކިތައް ދިއްލައިލުމަށްފަހު ރަނގަޅަށް ބަލައިލިއިރު އެއީ ކަޅުކުލައިގެ ބޭރު ނުފެންނަ ކޮތަޅެކެވެ. އެތެރޭގައިހުރީ ހުސް މޭވާ އެވެ. މައިރާއަށް ވަގުތުން އެއީ އެދުވަހު މެންދުރު އިވާން އެ ކޮޓަރިއަށް ވަތްއިރު އިވާންގެ އަތުގައި އޮތް ކޮތަޅުކަން ޔަގީންވި އެވެ. އިވާން އެ ކޮތަޅު އެތަނުގައި ބެހެއްޓީ ކޮން އިރަކު ހެއްޔެވެ؟ އެއީ އަނެއްކާ މަލަކްއަށް ގެނައި ހަދިޔާއަކީ ހެއްޔެވެ؟

މައިރާ ތަންކޮޅެއް ރަނގަޅަށް އެ ކޮތަޅު ހާވައިލި އެވެ. އެންމެ ދެތިން އޮރެންޖާއި އާފަލެއްގެ އިތުރުން އޭގައި ހުރީ ފޭރެވެ. ހުސް ފޭރެވެ. މައިރާގެ ހަރަކާތްތަކަށް ވަގުތުން ލަސްކަމެއް އައެވެ. ކޮތަޅު ހިފައިގެން އެނދުގައި އިށީނދެލި އެވެ. އެއީ އިވާން އޭނާއަށް ގެނެސްދިން އެއްޗެއްކަން ޔަގީންވީ އެވެ. ފޭރަކީ އޭނާއަށް އެންމެ މީރު މޭވާކަން އެނގޭ މަދު މީހުންގެ ތެރެއިން އެކަކީ އިވާން އެވެ.

"އަޅެ އުއްމީދެއް ދެވެން ނެތިއްޔާ ތިހާ އަޅާލަނީ ކީއްވެތަ؟ ވައި އަރ ޔޫ ގިވިންގް މީ މިކްސްޑް ސިގްނަލްސް އިވާން..." މައިރާއަށް ހިތާހިތުން ބުނެވުނެވެ. ކޮތަޅުން ނެގި ފޭރު ފާހަނައިގެ އިސްކުރުން ދޮވެލައިގެން އައިސް އޭގައި ދަތް އަޅައިލަމުން އެނދުމައްޗަށް ވެއްޓިގަތްއިރު އޭނާގެ ހިޔާލުގައި ތަކުރާރުވަމުންދިޔައީ ދަންވަރު ފޭރު ބިންނަން ފުރާޅަށް އަރައި އުޅެނިކޮށް އިވާންއަށް ފަޅާއެރި ރޭގެ ހަނދާނެވެ.

--------------------

"އެއް ފޭރު ނެގިޔަސް ސަތޭކަ ފޭރު ނެގިޔަސް ވައްކަން ވާނީ ވައްކަމަށް" އެރޭ އިވާން ބުންޏެވެ.

"ހޫން ދެން ދޭބަލަ ބުނަން އެގޭ ދައްތަ ކައިރި މައިރާ ގަހުން ފޭރެއް ބިނދެފިޔޭ. ގޮސްފަ ބުނެބަލަ. ނުބުނިއްޔާ އިވާންވެސް ވާނީ ވައްކަންކުރި ކަމަށް. ނޭނގޭތަ ވައްކަން ކުރާ މީހާއާ، އެތަން ބަލަން ހުންނަ މީހާއާ ސިއްރުކުރާ މީހާއާ ވާނީ އެއްވަރެއް ކަމެއް؟" އޭރު މައިރާވެސްހުރީ ވަކި ދޫކުރާ ގޮތަކަށް ނޫނެވެ.

"އަހަރެން ނެތިން ތި ޒުވާބު ކުރާކަށް. ގެއަށް ވަދެފަ ދޮރު ތަޅުލާތި" އިވާން ގޭތެރެއަށް ވަނުމަށް ހިނގައިގަތް ވަގުތު މައިރާ ގޮވަން ފެށުމުން އަނެއްކާވެސް ގޮސް ކުރިން ހުރި ތަނުގައި ހުއްޓުނެވެ.

"މިހާރު ކިހިނެއްވީ؟" އިވާން އަހައިލިއެވެ.

"މިއީ.. މިއީ.. އަހަރެން ކިހިނެއްތަ ފައިބާނީ؟" މައިރާ އަހަން ނާހަން ހުރެފައި އަހައިލި އެވެ.

"އެރި ގޮތަކަށްނު؟"

---------------

އިވާންގެ ފަރުވާކުޑަ ޖަވާބާއެކު އެ ދެމެދުގައި ކުޑަ ހަމަނުޖެހުމެއް އުފެދުނު ނަމަވެސް އެރޭގެ ޒުވާބު ނިމުނީ މައިރާ ފުންމައިލާ ވަގުތު އިވާން އޭނާ ހިފަހައްޓާނޭކަމުގެ ޔަގީންކަން ލިބިގެނެވެ. އެ ދިން ޔަގީންކަމާ އެއްގޮތަށް އަމަލުކުރި ނަމަވެސް އިރުކޮޅެއްގެ ފަހުން އިވާން އޭނާ ބިންމައްޗަށް ވައްޓައިލީ އެވެ. އޭނާ އެހާ ވަރުން ބިން ފޭރުވެސް އެރޭ އިވާން އަތުލި އެވެ. އެރޭ އޭނާހުރީ އިވާންދެކެ ކިހާ ރުޅިއެއް އައިސްފައި ހެއްޔެވެ؟ ނަމަވެސް އިވާންއާއެކު އެފަދަ އެންމެ ރެއެއްވެސް ހޯދުމަށްޓަކައި މިއަދު އޭނާ ނުދައްކާނޭ އަގެއް ނެތެވެ. ހަމައެކަނި ހަނދާނަށްޓަކައި ވިޔަސްމެ އެވެ.

"ރިގްރެޓް ޑަޒަންޓް ފިކްސް އެނީތިންގް މައިރާ!" އިވާންގެ އަޑު ހީވީ މައިރާ ބިލާހަކުން ހޭލައްވައިލި ހެނެވެ. "މައިރާ ކިހިނެއް އެ އެންމެންނަށް އަހަރެންގެ ކުށެއް ނެތްކަން ސާބިތުކޮށްދޭނީ؟ މިހާރުވެސް ނޫސްތަކުގަ އަހަރެންގެ ފޮޓޯ ޖަހާފަ އެކަމާ ގުޅޭ ހަބަރުތައް ފެންނަން އެބަހުއްޓޭ!"

ދެންމެ ދެންމެ އިވުނު ބަސްތަކެއްފަދައިން އެ އަޑު ކަންފަތުގައި ހަރުލުމާއެކު މައިރާގެ ހިތް ނުތަނަވަސް ކުރުވައިފި އެވެ. ހިތާމައާއި މޮޅިވެރިކަމުން މިލާފައިވާ އިވާންގެ މޫނު އޭނާއަށް އަދިވެސް ފެންނަ ކަހަލަ އެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން އެނދުން ތެދުވެ ކޮޓަރީގެ ދެކޮޅަށް ކުރުކާލި ކަނޑަން ފެށި އެވެ. ކުއްލިއަކަށް އޭނާގެ ހިތަށް ވެރިވީ ކީކޭ ކަމެއް ނޭނގެ އެވެ. ފޯނު ނަގައި ކޮންމެވެސް މީހަކަށް މެސެޖެއް ކޮށްލުމަށްފަހު އެނދުގައި އޮށޯވެލިއިރު އެ މޫނުމަތީގައި ކުރިން ނެތް ހަމަޖެހުމެއް ފާޅުވާން ހުއްޓެވެ.

***********

ޖަނާޒާ ނިންމައިލުމަށްފަހު އައުޒަމްއާއި އިވާން ގެއަށް އައީ އެކުއެކީގަ އެވެ. އެދެމެދަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން އެކަކުވެސް އަނެކަކާ ވާހަކަ ދައްކާކަށް ނޫޅުނެވެ. އިވާން ގޮސް އެމީހުން ނިދާ ބަންކްބެޑުގެ ތިރީ އެނދުގައި އިށީދެލަމުން ފާރަށް ލެގިލި އިރު އޭނާގެ ސިކުނޑީގައި އަދިވެސް ތައްޔާރުވަމުން ދިޔައީ އިދާންއާއި ދެމީހުންގެ ކުޑައިރުގެ ހަނދާންތަކެވެ. ދެލޮލުން ކަރުނަ އަޅައި ރޯނެހައި ހިތްވަރެއް ނެތްކަމަކު އޭނާގެ ހިތް ދިޔައީ އަދިވެސް ރޮމުންނެވެ.

އައުޒަމް ފެންވަރާލައިގެން ނުކުމެ ނިދަން ތައްޔާރުވެލި އިރުވެސް އިވާން ހަމަ އެ އިންތަނުގައި އިށީނދެލައިގެން އިނީ އެވެ. އެކަމަށް މާބޮޑު ފަރުވާލެއް ނުދީ ވޭތޯ ބަލަމުން އައުޒަމް މަތީ އެނދަށް އަރައި އޮށޯވެލި އެވެ. އެހެނަސް ގަޑި ދެގަޑިއިރު ފާއިތުވެ ދިޔައިރުވެސް އިވާން އިންތަނުން ގުޑައި ނުލާކަށް އެނގުމުން އޭނާ އިވާންއާމެދު ކަންބޮޑުވި އެވެ. "އިވާން.. އޭތް؟ އޭތް!" މަތީ އެނދުގެ ފަޑިން ބޭރަށް ބޮލާއެކު އެ އަތް ވައްޓައިލަމުން އޭނާ އިވާންގެ ސަމާލުކަން ހޯދި އެވެ.

"މާދަމާ މަސައްކަތަށް ނުކުންނަން ވާނެ އެނގޭ؟ އަހަރެން ކޮންމެހެން އިވާންލައްވާ ކަމެއް ކުރުވާކަށް ނޫން. މިތާ ބޯގޮއްވަން އިނުމަށްވުރެ ރަނގަޅުވާނެކަން އެނގޭތީ މި ބުނީ" އައުޒަމް ބުންޏެވެ.

"އޯކޭ.. ދާނަން" އިވާން އެއްބަސްވި އެވެ.

"ދެން ފެންވަރައިގެން އައިސް ޖައްސާލަބަ. ހެނދުނު ދާންވާނެ" އައުޒަމް ބުނި ބުނުމަށް ބޯ ޖަހައިލަމުން އިވާން އިންތަނުން ތެދުވެގެންގޮސް ފާހަނައަށް ވަތްއިރު އޭނާއެކޭ ޗާބީ ދީފައިވާ ބުދެކޭ ތަފާތެއް ނެތެވެ. އައުޒަމް ހަމްދަރުދީގެ ނަޒަރަކުން އިވާން ދިޔަ ދިމާލަށް ބަލައިލުމަށްފަހު އަނެއްކާވެސް އޮށޯވެ ދެލޯ މަރައިލި އެވެ.

***********

"އެންމެފަހުން އަތުޖެހޭވަރު ވެއްޖެދޯ؟ ސާބަހޭ ޔޫސުފް ނަދާލް! އަހަރެން ހީކުރީ ދެން ކުންފުނި ދޫކޮށްލީމަ ތިވަރުގެ ފްރީ މީހަކު ނުހުންނާނެ ކަމަށް" މޭޒުގެ އަނެއްފަރާތުގައިހުރި ގޮނޑީގައި ނަދާލް އިށީނދެލިތަން ފެނުމާއެކު ޒެފަންގެ އަތުގައި އޮތް ސިނގިރޭޓު އަޅިކެނޑީގެ ތެރެއަށް ނިވައިލި އެވެ. އެދެމީހުން ތިބީ މާލޭގެ އުތުރު އައްސޭރިއާވި ދިމާލުގައިހުރި ރެސްޓޯރަންޓެއްގެ އެންމެ މަތީ ފަންގިފިލާގަ އެވެ.

"މިއީ... މަލްގެ ކަންތަކުގަ ފުދޭވަރަކަށް ބިޒީކޮށް މި ދިޔައީ.. އިއްޔެވެސް ޖަނާޒާއެއްގެ ކަންތަކުގަ އުޅެން ޖެހުނީ" ނަދާލް ފުން ނޭވާއެއް ދޫކޮށްލަމުން ގޮނޑީގައި ހަމަޖެހިލި އެވެ.

"ޖަނާޒާއެކޭ؟ ކާކު ނިޔާވީ؟" ޒެފަންގެ ނިތްކުރިއަށް ރޫތައް ގިނަވެލި އެވެ.

"މިއީ.. ކީކޭތަ ބުނާނީވެސް؟ މަލްގެ އެކްސް.. އައި މީން ދެން.. މިހާރު އެކްސް ދޯ؟ މަޑުކޮށްލައްޗޭ ކޯލެއް އެބަ އާދޭ" ނަދާލް ޖީބު ތެރެއިން ވައިބްރޭޓުވަމުންދިޔަ ފޯނު ނަގައި ކަންފަތުގައި ޖަހައިލި އެވެ.

"އޭ މަ ބުނީ.. ކޮންކަމަކު ބާއްވާ ޕްރެސްއެއްތަ؟" ފޯނުގެ އަނެއްފަރާތުން ވާހަކަދެއްކީ ނަދާލްގެ އެކުވެރި ނޫސްވެރިއެކެވެ.

"ޕްރެސްއެކޭ؟" ނަދާލް ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާއެއް ނޭނގިފަ އެވެ.

"ހްމްމް. އެއްގަޑި ބައިގަ ތި ކުންފުނިން ބާއްވާ ކްލޯޒްޑް ޑޯރ ޕްރެސްއަކާގުޅޭ ނޮޓިފިކޭޝަނެއް ލިބުނީމަ. ތަންކޮޅެއް ރަނގަޅަށް ތައްޔާރުވެލަން ކަމަށް އަދި މި ގުޅާލީ" ނަދާލްގެ އެކުވެރި ނޫސްވެރިޔާ ބުނެލި އެވެ.

"އަހަރެންނަށް އެނގިގެން އެއްވެސް ޕްރެސްއެއް... މަޑުކުރައްޗޭ އެބަ ގުޅާލަން" ނަދާލް ވާހަކައިގެ މެދުތެރެއިން ރާގު ބަދަލުކޮށްލުމަށްފަހު ފޯނު ކުރުކޮށްލި އެވެ.

"ކިހިނެއްވީ؟" ނަދާލްގެ މޫނަށް އަރައިދިޔަ ކުލަވަރު ބަލަން އިން ޒެފަން ސުވާލުކޮށްލި އެވެ.

"އެއްގަޑި ބައިގަ ކްލޯޒްޑް ޑޯރ ޕްރެސްއެއް ބާއްވަނިއްޔޯ.. މިހާރު އެކެއް ޖެހީ.. މަ ދެނެހުރި ކަމެއްވެސް ނޫން" ނަދާލް އަވަސްވެގަތީ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރަށް ފޯނު ކުރުމަށެވެ. "ހަލޯ.. ޒާރާ؟ ކޮން ޕްރެސްއެއްގެ ވާހަކަތަ މަށަށް މި އިވެނީ؟" އެކޮޅުން ފޯނު ނެގުމާއެކު ނަދާލް ވަގުތުން ސުވާލުކުރި އެވެ. "މައިރާ މޭމް އޭ؟ މައި ބާއްވާ ޕްރެސްއެއް؟ ކޮން ކަމަކު؟" ލިބުނު ޖަވާބުން އޭނާގެ ހައިރާންކަން ވީ އިތުރެވެ. ޒާރާގާތު ދެތިން އެއްޗެކޭ ބުނުމަށްފަހު ކޯލު ކަނޑައިލި އެވެ. މައިރާއަށް ގުޅަން އުޅުނުހިނދު މިނެޓެއްހާއިރު ކުރިން އޭނާއަށް ލިބިފައި އޮތް މައިރާގެ މެސެޖުފެނި ނަދާލްގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ.

"ނެޑް.. އިވާން އިޒް ރައިޓް! ރިގްރެޓް ޑަޒަންޓް ފިކްސް އެނީތިންގް. މިއަދާ ހަމައަށްވެސް އަހަރެންނަށް މިކަމާ ވިސްނާލަ ވިސްނާލަ ދެއަތް އުރާލައިގެން ހުރެވުނީ.. ޓުޑޭ އައިމް ގޮނަ ޑޫ ސަމްތިންގް ދެޓް އެކްޗުއަލީ މެޓަރސް.. އިވާންގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން އަހަރެން ބޭނުން"

"ވަޓް ދަ-" ކަށްޓެއް ޖެހިހެން ނަދާލްއަށް އިން ގޮނޑިން ތެދުވެވުނެވެ.

"އޯލް ގުޑް؟" ޒެފަން ކޮފީތަށިން ކޯވަރެއް ދަމައިލަމުން އެއްސެވެ.

"އަހަ.. އަހަރެން ތަނަކަށް ދާން ޖެހިއްޖެ" ނަދާލް އަވަސްއަވަހަށް މޭޒުމަތިން އަވިއައިނާއި ތަޅުދަނޑިފަތި ނަގައި ޖީބަށް ކޮށްޕައިލި އެވެ.

"އެކަމަކު އަދި ތި އައީއެއްނު. އިހަ-"

"މި ތަންކޮޅެއް އަރޖެންޓް ކަމެއްވީމަ. ފަހުން ގުޅާނަން އެނގޭ" ޒެފަންގެ ވާހަކަ މެދުކަނޑައިލަމުން އޭނާ ދުރު ފިޔަވަޅުތަކެއްގައި ރެސްޓޯރަންޓުން ނުކުތެވެ.

ކާރުގައި ހުޅުމާލެއަށް ދިޔުމުގެ ކުރިން އޭނާ ބޭނުންވީ އިވާންއާ ބައްދަލުކުރަން ދާށެވެ. ރޭގައި އޮތް އިދާންގެ ޖަނާޒާއަށްފަހު އިވާން މިއަދު މަސައްކަތަށް ނުކުމެދާނެ ކަމާމެދު ނަދާލްއަށް ޝައްކެވެ. އިވާން މަސައްކަތްކުރާ ގަރާޖާ ދިމާލަށް މިސްރާބުޖެހީ އިވާންއާ ބައްދަލުވެދާނެކަމުގެ މާ ބޮޑު އުއްމީދެއްނެތި އެވެ. މިހާ ކުޑައިރުކޮޅެއްގެ ތެރޭގައި މައިރާގެ ހިޔާލު އެކަކަށްވެސް ބަދަލު ކުރެވެންޏާ އެކަން ވާނީ އިވާންއަށްކަން އެނގޭތީ އެ ހަނި ފުރުސަތު ދޫކޮށްލަން ބޭނުން ނުވީ އެވެ.

"އިވާން! އިވާން!" ގަރާޖުގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމަށްފަހު ނަދާލް ތެޅިފޮޅެމުން ކާރުން ފޭބި އެވެ. އަޑުގެ ނެތްތަނަށް އިވާންއަށް ގޮވަމުން ގަރާޖަށް ވަތްއިރު މިއީ މީގެ މަހެއްހާ ދުވަސްކުރިން އޭނާގެ ކިބުރުވެރިކަމާހުރެ އެތަނަކަށް ވަންނަން ދެކޮޅުހެދި ތަނެއްކަންވެސް އޭނާގެ ހަނދާނުގައި ނެތްކަހަލަ އެވެ. އެވަގުތު ސައިކަލެއްގެ މަސައްކަތް ކުރަމުންދިޔަ އައުޒަމް ނަދާލްއަށް ބަލައިލަމުން ބުމަ ހިއްލައިލިއިރު އަށިމަތީގައި ކޮފީދަޅެއް ހިފައިގެން އިން އިވާންވެސް ސުވާލު އުފެދިފައި އިނދެ ދެލޯ ހަނިކޮށްލި އެވެ.

"ހިނގާބަ އަހަރެންނާއެކު!" އިވާން ފެނުމާއެކު ނަދާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ދިސް އިޒް އަ ސަޕްރައިޒް... ޔޫ ސީމް އޯފުލީ ތްރިލްޑް ޓު ސީ މީ" ނަދާލްއާ ދިމާލަށް ބަހެއް ނޭއްލައި އެ ފުރުސަތު ގެއްލުވާލާކަށް އިވާން ބޭނުމެއްނުވި އެވެ.

"އައި ވިލް ގިވް ޔޫ އެން އީގޯ ބޫސްޓް އެންޑް ސޭ ޔެސް... އައި އޭމް ޑެސްޕަރޭޓް. ކޭން ވީ ލީވް ނައު؟" ނަދާލް ހީވަނީ ދެފަޔަށް ހިނި އަރައިގެންއުޅޭ މީހަކު ހެނެވެ. އިންޒާރަކާނުލައި ގޮސް އިވާންގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން އުޅެގަތެވެ.

"ދުރުގަހުރެ އަނގައިން ކިޔާ އެއްޗެއް ކިޔާނީ. ކޮބާތަ ކަލޭގެ މައްސަލައަކީ؟" އިވާން ރުޅި އައިސްފައިހުރެ ނަދާލް ދުރަށް ކޮށްޕައިލި އެވެ.

"ލުކް.. އައި ނޯ ޔޫ ހޭޓް މީ... އެންޑް އައިމް ނޮޓް އެގްޒޭކްޓްލީ ޔޯރ ބިގަސްޓް ފޭން. އެކަމަކު މިވަގުތު މައިރާގެ ހިޔާލު ބަދަލުކުރެވޭނެ އަހަރެން އެހާވަރަކުން އިވާންގާތަށް މި އަންނަން ޖެހުނީ!" ނަދާލް ކޮންމެވެސް ވަރަކަށް އިވާންއަށް އެ ކަންތައްގަނޑު މޭރުން ކޮށްދިނެވެ.

"މަށަށް ހެވޭ މައިރާ ކޮންމެ ކަމެއް ކުރިޔަސް. މަށަކާ ބެހޭ މީހެއް ނޫން އެއީ!" އިވާން ބުންޏެވެ.

"ނުބެހޭތީތަ ރިގްރެޓޭ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އޭނަގެ އަތުންފައިން ގޯސް ހަދުއްވަން ތި އުޅެނީ؟ ކުރިއަށް މި އޮތް ވިހި މިނަޓުތެރޭ މައި އެ އުޅެނީ ހުރިހާކަމެއް އަމިއްލަ ބޮލުގަ އަޅަން.. މިއޮތީ މައި މަށަށް ކޮށްފަ އޮތް މެސެޖު" ނަދާލްގެ ފޯނު އިވާންގެ މޫނުމައްޗަށް ހުރަސްކޮށްލުމާއެކު އިވާން އޭގައިވާ އެއްޗެއް ކިޔަން މަސައްކަތް ކުރަމުން ފޯނުގައި ހިފެހެއްޓި އެވެ. "އޭނަ އެ ހުންނަނީ އިވާން ރުއްސަން ކޮށްފަ ނުކުރާނެ ކަމެއް ނޭނގިފަ. ވީ ނީޑް ޓު ސްޓޮޕް ހަރ" ނަދާލްގެ އަޑަށް ހިމޭންކަން ވެރިވި އެވެ. އޭރު ބޭރުގައި ބާއްވައިފައި އޮތް ނަދާލްގެ ކާރުގެ ސަބަބުން މަގު ތޮށްޖެހި ބަރުގޮނުގެ އަޑު އިވެން ފަށައިފި އެވެ.

"މަގު އެ ފުރުނީ މިހާރު؟ ދާނަންތަ ނުދާނަންތަ؟" އިވާން ދެ ވިސްނުމެއްގައި ހުރިހެން ހީވެ ނަދާލް ފަހު ފަހަރަށް އަހައިލި އެވެ.

"އެންމެ ރަނގަޅު... ހިނގާ ދާން!" އިވާން އެތަނުގައި ހުރި އައުޒަމްއަށް ބަލައިލުމަށްފަހު ނަދާލްއަށް ބަލައިލަމުން ބޯ ޖަހައިލި އެވެ.

ނަދާލް ވަގުތުން އިވާންގާތު އޭނާއާއެކު އަންނާށޭ ބުނެފައި ކާރަށް އެރި އެވެ. އަދި އިވާން އައިސް ކާރުގެ ކުރީ ސީޓުގައި ހަމަޖެހިލުމާއެކު މަގުތަކުން ތަން ދެމުންދިޔަ އެންމެ ހަލުވި ސްޕީޑުގައި ކާރު ދުއްވައިލި އެވެ.

- ނުނިމޭ -