ނަދާލް ފޯނަށް ބަލައިލީ އޭނާއަށް ޒުހޫރުގެ ކޯލެއް އަންނަން ފެށުމުންނެވެ. އޭނާ ފުރަތަމަ ރިންގާއެކު ފޯނު ނަގައި ކަންފަތުގައި ޖަހައިލުމަށްފަހު ހަމަ އެހާމެ އަވަހަށް ފޯނު ކުރުކޮށްލައިފި އެވެ.
"މަލް ހޭ އަރައިފި. ޑޮކް ބުނީ މިހާރު ވާހަކަ ދެއްކޭނެއޭ" މައިރާއާއި އިވާންގެ މޫނުމަތީގައިވާ ސުވާލުތަކަށް ނަދާލް ޖަވާބު ދިނެވެ.
ތިން މީހުން އެކުގައި އަވަސްވެގަތީ މަލަކްގެ ހާލު ބަލައިލަން ދިޔުމަށެވެ. ސިޓިންގްރޫމުގައި ތިބިތާ މާ ގިނައިރެއް ނުވަނީސް މަލަކްގެ ކޮޓަރިން ޑަކްޓަރު ނުކުތެވެ. ނަދާލް ޑަކްޓަރާ ވާހަކަދައްކައިލުމަށް މަޑުކުރިނަމަވެސް ޑަކްޓަރުގެ އިޒުނައާއެކު އިވާންއާއި މައިރާ ވަނީ ކޮޓަރިއަށެވެ. އޭރު އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން މަލަކްގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އެހެނަސް އެއާ އެއްވަރުގެ ހަމަޖެހުމެއްވެސް އެ މޫނުމަތިން ފެންނަން ހުރީތީ މައިރާއަށް ހިނިތުންވެލެވުނެވެ. ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފިލައި ދިޔައީ އިވާން ފެނި މަލަކްގެ ދެލޯ އުފަލުން ވިދައިގަތް މަންޒަރު ފެނުމުންނެވެ.
މަލަކް ނިކަން ފުޅާ ހިނިތުންވުމަކާއެކު ދިއްކޮށްލި އަތުގައި ހިފާކަށް އިވާން ނޫޅުނެވެ. ކަމަކާ ކުރިމަތިލާން އުޅޭ މީހަކު ފަދައިން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޮސް މަލަކްގެ އެނދާ ގާތަށް ގޮނޑިއެއް ދަމައިލަމުން އިށީނެވެ. މައިރާ އިށީނދެލީ މަލަކްގާތު އެނދުގަ އެވެ.
"މަލް އޯކޭތަ؟" އިވާންއަށްވުރެ ކުރިން މައިރާ އަހައިލި އެވެ.
"ހްމްމް މަލް މިހާރު ރަނގަޅޭ ދޯ ދަރިފުޅާ؟ ޑަކްޓަރު ބުނީ އަނެއްހެން ހާސްވާން ޖެހޭވަރު ކަމެއް ނެތޯ. ޝޮކެއް ޕްރޮސެސްކުރަން އުޅުމުގެ ތެރޭގަ ހަބަރު ހުސްވީއޯ.. މިހާރު ވަރަށް ބޮޑުތަން ރަނގަޅޭ ދޯ.. އަލްހަމްދުލިއްﷲ.." ޖަވާބުދިނީ އެ ހުރިހާއިރު މަލަކްގެ ބޯލާކޮޅުގައި އިނދެ މަލަކްގެ އިސްތަށިގަނޑުގައި ފިރުމަމުންދިޔަ މާޒިޔާ އެވެ.
"އެހެންތަ؟ އަލްހަމްދުލިއްﷲ" މައިރާއަށްވެސް ބުނެވުނެވެ.
"ދެކުދިން ކޮންމެވެސް އެއްޗެއް ކާލައިގެނެއްނު ދާންވާނީ.. ކުޑާއްތަ މި ދަނީ އެނގޭ އެއްޗެއް ތައްޔާރު ކޮށްލަން" މައިރާއާއި އިވާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު މައިރާގެ އަތް މައްޗަށް މަލަކް ދޫކޮށްލަމުން މާޒިޔާ އެތަނުން ނުކުތީ އެވަގުތު އެ ކޮޓަރިއަށް ވަދެގެން އައި ނަދާލްއަށްވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލައިފަ އެވެ. ނަދާލްގެ ލޮލުން އިވާންއާއި މައިރާއަށް އިޝާރާތެއް ކޮށްލުމާއެކު އެދެމީހުން އެކަކުއަނެކަކާ ސުވާލުގެ ނަޒަރެއް ބަދަލުކޮށްލާފައިގޮސް ނަދާލްގާތު ހުއްޓުނެވެ.
"ޑަކްޓަރު ގާތު ބޭރުގަ މަޑުކޮށްލަން ބުނެފަ މި އައި.. ޖަސްޓް އިން ކޭސް.. ސޯ މަލްއަށް އެއްވެސް ވާހަކައެއް ކިޔައިދޭން އޮތިއްޔާ.. ނައު މައިޓް ބީ އަ ގުޑް ޓައިމް" ނަދާލް ވާހަކަދެއްކީ މަލަކްއަށް ނީވޭނެހާ މަޑުންނެވެ.
"އާރ ޔޫ ޝުއަރ؟" އިވާންއަކަށް ޔަގީނެއް ނުވި އެވެ. މަލަކްއަށް ހަމައެކަނި "އިދާން" ފެނިލައިގެން އެ ކުރި އަސަރު ދެންމެ އޭނާ އެ ވަނީ ވަރަށް ގާތުން ދެކިފަ އެވެ. ވީއިރު އިދާންގެ އަސްލު ހަގީގަތް އަޑުއަހަން މަލަކް އެއްވެސް ވަރަކަށް ތައްޔާރުބާ އެވެ؟
"އައިމް ނޮޓް ޝުއަރ. އިންފެކްޓް އައިމް ސްކެއަރޑް އޭޒް ހެކް.. ބަޓް ޔޫ ޑޯންޓް ސީމް ލައިކް ދަ ކައިންޑް ދެޓް ގިވްސް އަޕް. ދެރައީ އިވާން މަލްގެ ކުރިމައްޗަށް އައީތީ.. ދެން އެކަން އެ އޮތީ ވެފަ. އެކަމަކު އައިލީންގެ ކަންތަކުގަ ހިފާލިހެން މި ކަންތަކުގަ ހިފާލުމަކީ އަދި އެންމެ ރަނގަޅު ގޮތެއްހެން މަށަކަށްވެސް ހިއެއްނުވޭ.. އައި މީން އިޓްސް އަބައުޓް ޔޯރ އައިޑެންޓިޓީ.. މަލްގެ ސެނިޓީއަށްޓަކައޭ ކިޔާފަ ވީ ކެނޮޓް އާސްކް ޔޫ ޓު ބީ ސަމްވަން އެލްސް" ނަދާލް ހުރިހާ ކޮޅަކަށް ވިސްނައިލުމަށްފަހު ބުންޏެވެ.
"ދާން.." ތިން މީހުންނަށްވެސް ސިހިފައި ބަލައިލެވުނީ ކުއްލިއަކަށް މަލަކްގެ އަޑު ގާތުން އިވުމުންނެވެ. އޭރު މަލަކް ނުހަނު މައުސޫމު ހިނިތުންވުމެއްގައިހުރެ އިވާންގެ އަތުގައި ހިފައިލަނީ އެވެ. "ކީއްވެ މަލްއާ މާ ދުރުން ތި އުޅެނީ؟" ދެންވެސް އިވާންއަށް އަޑުއަހަން ޖެހުނީ މަލަކްގެ ޝަކުވާތަކެވެ.
އިވާން ލަސްލަހުން މަލަކް އޭނާގެ ގަޔާ ދުރުކޮށްލުމަށްފަހު މަލަކްގެ އަތުގައި ހިފައިގެންގޮސް އެނދުގައި ބޭންދިއެވެ. އަދި މަލަކްގެ ކުރިމައްޗަށް ވާގޮތަށް ގޮނޑި ބަހައްޓައިލަމުން އިށީނެވެ. މައިރާއާއި ނަދާލް އިށީނީ މަލަކްގެ ދެފަރާތުގަ އެވެ. އެމީހުން އުޅެމުންދިޔަ ގޮތުން އެކަނިވެސް މަލަކްއަށް ބޮޑުކަމެއް ހިނގައިފިކަން ރޭކައިލާން ފަށައިފި އެވެ.
"ކި..ކިހިނެއްވީ؟" ތުރުތުރު އަޅަމުންދިޔަ އަޑަކުން މަލަކް ކޮށްލި ސުވާލާއެކު އިވާންއަށް ހިންދިރުވައިލެވުނީ އެ ވާހަކަ ފަށާނީ ކިހިނެތް، ކޮން ހިސާބަކުން ކަމެއް ނޭނގިގެނެވެ. މަލަކްގެ ކަނާތް ފަރާތުގައި އިށީނދެލައިގެން އިން މައިރާގެ މޫނަށް އޭނާއަށް ބަލައިލެވުނީ ހިތްވަރަކަށް އެދޭ ފަދައަކުންނެވެ. ނަމަވެސް މައިރާގެ ހާސްކަމުން ފުރިފައިވާ ބޮޑު ދެލޮލުން އިވާންއާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު ނޫނެކޭ ބުނާ ފަދައިން ބޯ ހޫރައިލުން ވީ އިވާންގެ ހިތްވަރު އިތުރަށް އެލުނު ކަމަކަށެވެ. އޭނާ ހަދާނެ ގޮތް ހުސްވެފައި އިނދެ މަލަކްގެ އަތުން ދޫކޮށްލަމުން އަމިއްލަ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލި އެވެ.
"ދާން.. ކިހިނެއް ވީތަ؟ ބަލާބަ.. ލުކް އެޓް މީ.." މަލަކް ކުރިއަށް ޖެހިލައި އިވާންގެ މޫނުގައި ދެއަތުން ހިފައިލުމަށްފަހު އިވާންގެ އިސް އުފުލައިލި އެވެ. އެއާއެކު މައިރާ ވަގުތުން ނޭވާ ހިފަހައްޓައިލުމަށްފަހު ދުރަށް ނަޒަރު ހުއްޓައިލި މަންޒަރު ނަދާލްގެ ލޮލުގައި އަޅައިގަތެވެ.
"މަލް.. ދޫކޮށްލާ.. ހީ އިޒް ނޮޓް ޔޯރ ދާނު ސްވީޓީ" މަލަކްގެ ކޮނޑުގައި އަތް ޖައްސައިލަމުން ނަދާލް ބުނެލި ޖުމްލައާއެކު އެތަނުގައި ތިބި އެންމެންގެ ކަޅި އޭނާއާ ދިމާލަށް ދަތުރުކުރި އެވެ.
"ވަ.. ވަޓް؟" މަލަކްގެ ހިތް ހީވީ ހިނދުކޮޅަކަށް ހުއްޓުނު ހެނެވެ. އޭނާ އެ ކަމަކަށްޓަކައި ބިރުގަންނަމުން އައި ކަންތައް ހަގީގަތަކަށް ވަނީބާ އެވެ؟ ހިނގައިދިޔަ ހުރިހާ ކަމަކީ ހަމަ ރަނގަޅަށްވެސް ބިލާހަކަށްވެ ނިމެނީބާ އެވެ؟
"މަލް.. މީޓް އިވާން.. އިދާންގެ ޓްވިން ބްރަދަރ" ނަދާލް މިފަހަރު ބުނެލި ޖުމްލައާއެކު މަލަކްއަށް ހަނިކޮށްލެވިފައިވާ ދެލޮލުން އިވާންގެ މޫނަށް ބަލައިލެވުނެވެ. އިވާންގެ ދެލޮލުގައިވާ ބީރައްޓެހިކަން އޭނާއަށް ފަހުމުވާން ފެށީ އެހިސާބުންނެވެ. އެ ދެލޮލުން މީގެ އިރުކޮޅެއްކުރިން އޭނާއަށް ފެނުނީ ލޯބި ކަމުގައި ހީވިޔަސް އެއީ ލޯތްބެއް ނޫނެވެ. ހަމްދަރުދީ އެވެ. މަލަކްއަށް ނަދާލްގެ ވާހަކަ ގަބޫލުކުރެވި އިވާންގެ ގައިން ދޫކޮށްލެވުނެވެ.
"ހާއި" އިވާން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން މަލަކްއާ ސަލާން ކޮށްލުމަށް އަތް ދިއްކޮށްލި އެވެ.
"ކޮ.. ކޮބާ ދާނު؟" އިވާންގެ ސަލާން ރައްދުކުރާކަށް މަލަކް ނޫޅުނެވެ.
"ހީ.. ހީ އިޒް.." ހަގީގަތް ހާމަކުރުމަކީ އިވާން ހީކުރިހާ ފަސޭހަ ކަމަކަށްނުވި އެވެ.
"އައި ވިލް ކޯލް ދަ ޑޮކް-" ހުން އަންނާނެ ކަމަށް ރަޖާލާ އުސޫލުން، މަލަކްއަށް ވެދާނެ ގޮތަކާމެދު ވިސްނައި މައިރާ އުޅުނީ ކުރިޔާލައި ޑަކްޓަރަށް ގޮވަން ދާށެވެ. ނަދާލް އެކަމަށް ހުރަސް އަޅަމުން މައިރާގެ އަތުގައި ހިފެހެއްޓި އެވެ. މިއިން ކަމެއްގެ ހިލަމެއް ނުވާހާލު މަލަކް އަދިވެސް ދިޔައީ އިދާން ވީ ތަނެއް ހޯދޭތޯ އިވާންއާ ސުވާލު ކުރަމުންނެވެ.
"ކޮބާހޭ؟ އަހަރެން ގެންގޮސްދީ ދާނު ގާތަށް.. ޕްލީޒް" މަލަކް އާދޭހުގެ ރާގެއްގައި ބުނެލި އެވެ.
"މަލް ހީ.. މިވަގުތު ދާނުއާ މީޓްކުރަން ނޫޅުން އެންމެ ރަނގަޅު ވާނީ" އިވާންއަށް ބުނެވުނެވެ.
"އެއީ ކީއްވެ؟ ދާނު.. ދާނު އަހަރެން ދޫކޮށްލީތަ؟ އެހެން މީހަކާ ކައިވެނި ކުރީތަ؟ ބުނެބަލަ!" މަލަކްގެ ކޮންމެ ސުވާލަކަށް ނޫނެކޭ ބުނުމުގެ ގޮތުން އިވާން ދިޔައީ ބޯ ހޫރަމުންނެވެ.
"ނޯ ނޯ މަލަކް ޕްލީޒް.. ފަސްޓް ގެޓް ބެޓަރ.. ދެން ދާނުއާ މީޓްކުރަން ދާނީ.. އައިމް ރިއަލީ ސޮރީ.. އަހަރެންނަށް މައި ދެއްކި ވާހަކަ ގަބޫލު ނުކުރެވުނީ.. މިހާ ދުވަސްފަހުން އަދިވެސް މަލަކްގެ ހާލު މިހާ ދެރަކަން އެނގުނުނަމަ އަހަރެންވެސް މަލަކްގެ ކުރިމައްޗަށް ނައި-"
"ކޮބާހޭ ދާނު؟ އަހަރެން މިހާރު ރަނގަޅޭ! މައި! މީނަގާތު ބުނެބަލަ އަހަރެން މިހާރު ރަނގަޅޭ" އިވާންގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް މަލަކް ހަޅޭއް ލަވައިގަތެވެ.
"މަލް.. ދަ ޓްރުތް އިޒިންޓް އީޒީ.." މައިރާވެސް މަލަކްއަށް ހަގީގަތް ހާމަކުރަން ފަސްޖެހުނެވެ.
"އައި ކޭން ޓޭކް އިޓް.. ދާނު އަހަރެން ދޫކޮށްލިޔަސް.. ހަގީގަތަށް ބުނިއްޔާ އަހަރެން ގަބޫލު ކުރާނަމޭ.. އަހަރެން ވީކެއް ނުވާނަމޭ މައި.. ނެޑް ޕްލީޒް.. ޔޫ ގައިޒް ހޭވް ނޯ އައިޑިޔާ ވަޓް އައި ހޭވް ބީން ތްރޫ.. އައިމް ސްޓްރޯންގަރ ދޭން ޔޫ ތިންކް އޭ.. މައި ޕްލީޒް" މަލަކް އެތަނުގައިހުރި ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލަމުން ދިޔައީ އޭނާއަށް އިތުބާރު ކުރާށޭ ބުނާފަދަ މޭރުމަކުންނެވެ.
"އޯކޭ އޯކޭ މަލް.. ދާނު.. ހީ.." އިވާންއަށް ހިންދިރުވައިލެވުނެވެ. އެހެނަސް ހިތްވަރު ކޮށްލަމުން ޖުމްލައިގެ ބާކީބައި ފުރިހަމަކޮށްލި އެވެ. "ހީ އިޒް އިން އަ ކޯމާ.."
ލިބުނު ޝޮކާއެކު މަލަކްގެ ދެލޯ ބޮޑުކޮށްލެވުނުއިރު އެ ދެލޯވަނީ ކަރުނައިގެ މުތީތަކަކުން ބަރާވެފަ އެވެ. އެހެނަސް ހުއްޓިފައިހުރި ކުއްޖާއެކޭ އެއްފަދައިން އެ ކަރުނަތައްވެސް ވަނީ އޭގެ މަގާމުގައި ހުއްޓުމަކަށް އައިސްފަ އެވެ. މައިރާއާއި ނަދާލް އަދި އިވާންއަށް ކަންބޮޑުވެފައި އެކަކު އަނެކަކަށް ބަލައިލެވުނުއިރު އެ އެންމެންވެސް ތިބީ މަލަކްއަށް ވެދާނެ ގޮތަކާމެދު ސަމާލަށް އައިސްފަ އެވެ.
"ކީ.. ކީކޭ؟" އެ ސުވާލާއެކު މަލަކްގެ ކަރުނަތައް މިނިވަންވި އެވެ. އިވާން ހާސްވެފައިހުރެ އަނެއްކާވެސް މަލަކްއާ ވާހަކަ ދެއްކޭތޯ މަސައްކަތްކުރި އެވެ.
"މަލް.. އަހަރެން ބޭނުން މަލް ގެންދަން.. ދާނުއާ ބައްދަލުކޮށްދޭން.. އެކަމަކު އޭގެ ކުރިން އަހަރެން-"
"އަހަރެން ދާނު ގާތަށް ގެންގޮސްދީ" މަލަކްއަށް މިފަހަރުވެސް އިވާންގެ ވާހަކަ އަޑު އެހުން މުހިއްމު ކަމަކަށް ނުވި އެވެ. އެ މައުސޫމު ކުއްޖާގެ އަޑުގައިވި އާދޭހަށް ބީރު ކަންފަތެއް ދޭން އިވާންއަކަށް ނުކެރުނެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަލަކްގެ އަތުގައި ހިފައިލަމުން މަލަކްއަށް ހިތްވަރުދޭން ފެށި އެވެ.
"މަލް ޖެހޭނެ ވަރަށް ސްޓްރޯންގް ވާން.. ދެކެން ފަސޭހަ މަންޒަރަކަށް ނުވާނެ. ވަރަށް ހިތްވަރުކުރަން ވާނެ.. ވީ ވިލް އޯލް ބީ ދެއަރ ވިތް ޔޫ. ކޭން ޔޫ ޑޫ ދިސް؟" މަލަކްއާ ހަތަރުކަޅި ހަމަކޮށްލަމުން އިވާން އަހައިލި އެވެ. އޭނާ ބޭނުންވާ ޔަގީންކަން އެ ދެލޮލުން ހޯދަން އުޅޭ ފަދައިންނެވެ.
"އައި.. އައި ކޭން ޑޫ ދިސް! މަލް ސްޓްރޯންގް ވާނަމޭ!" އެހެން ބުނެވުނު އިރުވެސް މަލަކްގެ އަޑުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. އެހެނަސް އެ އަޒުމުގައިވި ވަރުގަދަކަމަށް އިވާން މިފަހަރު އިތުބާރުކުރި އެވެ. އޭނާ މަލަކްގެ ދެފަރާތުގައި ތިބި ނަދާލްއާއި މައިރާއަށް ބަލައިލީ އެމީހުންގެ ހިޔާލަކަށް އިންތިޒާރު ކުރަމުންނެވެ. ކޮންމެއަކަސް މަލަކްއަކީ އޭނާއަށްވުރެ އެމީހުންނާ މާ ގާތް ކުއްޖެއްތާ އެވެ.
"މަލް.. މަލް ބޭނުމިއްޔާ ދާން ރެޑީ ވެލާ" ނަދާލްވެސް ބޭނުންވީ މަލަކް ބޭނުންވާ ކަންތައް ވީހާވެސް އަވަހަށް ހަމަޖައްސައިދޭށެވެ. މިއީ ކޮންމެވެސް ދުވަހަކުން މަލަކްއާ ބައްދަލުކުރާނެ ދުވަހެއްކަން އެނގޭއިރު މިއަދުން މިއަދަށް މިކަން ނިންމައި ނުލާންވީ ސަބަބެއް ނެތެވެ.
"އޯ.. އޯކޭ.. ތެންކްޔޫ ނެޑް" މަލަކް އަވަސްއަވަހަށް ކޯތާފަތުގައިވާ ކަރުނަތައް ފޮހެލުމަށްފަހު ނަދާލްގެ ގައިގައި ބައްދައިލި އެވެ.
މަލަކްއަށް ތައްޔާރުވެލާނެ ފުރުސަތުދެމުން އިވާންއާއި ނަދާލް ކޮޓަރިން ނުކުތްހިނދު އެމީހުންނާ ފުރަތަމަވެސް ބައްދަލުކުރީ މޭޒުމައްޗަށް ސައި ތައްޔާރުކުރަމުންދިޔަ މާޒިޔާގެ ކަންބޮޑުވެފައިވާ މޫނެވެ.
"ކުޑާއްތާ.. ބޭބެ ކޮބާ؟" ނަދާލް ގޮވައިލި އެވެ.
"ބޭބެ ޑޮކްޓަރު ގޮވައިގެން ކޮންމެވެސްތާކަށް ދި އައީ. ބުނި ކަމެއް ދިމާވިއްޔާ އާދެވޭ ހިސާބެއްގައޭ އުޅޭނީ.. ކިހިނެއްވީ؟" މާޒިޔާ ހިތްހެޔޮކަމާއެކު އަހައިލި އެވެ.
"ކުޑާއްތާ.. މި.. މިއީ.. މަލް ބޭރަށް ގެންގޮސްލަން އެބަޖެހޭ" ނަދާލް ތުނިކޮށް ބަހައްޓާފައިވާ ތުނބުޅީގައި އަތް ހިންގައިލަމުން ބުންޏެވެ. އެއާއެކު މާޒިޔާގެ ދެލޯ މުދުނަށްއެރި އެވެ. މިއަދު ގެއަށް މި އައި ގޮތްނޭނގޭ ޒުވާނާއާއެކު އޭނާއަށް ލިބެމުން މި ދަނީ ކޮންކަހަލަ ހަބަރުތަކެއް ހެއްޔެވެ؟
"އެކަމަކު.. އެކަމަކު މަލް-"
"ކުޑާއްތާ.. މަލް ކޮންމެހެން ބައްދަލުކޮށްލަންޖެހޭ މީހެއްގެ ގާތަށް މަލް މި ގެންދަނީ.. އެއީ.. އެއީ މަލް ލޯ..ބިވާ.. ކުއް..ޖާ.." ފަހު ލަފްޒުތަކާއެކު ނަދާލްގެ ވާހަކައަށް ލަސްކަމެއް އައެވެ. މާޒިޔާއަށް ސުވާލުގެ ނަޒަރަކުން ބަލައިލެވުނީ އިވާންއާ ދިމާލަށެވެ.
"ނޯ މީނައެއް ނޫން.. ދެން.. މީނައޭ ބުންޏަސް ރަނގަޅުވާނެ.. މިއީ އިވާން.. އިވާންގެ ޓްވިން ބްރަދަރ.. އިދާންއާ މަލް އޭރު ރައްޓެހިވެގެން އުޅުނީ.. ކުޑާއްތަމެން މާ ސްޓްރިކްޓްވެފަ ޕްރޮޓެކްޓިވް ވީމަ އޭރު މަލްއަށް އެއްވެސް ކަމެއް ހިއްސާކުރަން ނުކެރުނީ" ނަދާލްގެ ވާހަކައަށް ދޭނެ ރައްދެއް ނޭނގިފައިހުރެ މާޒިޔާއަށް ކާމޭޒަށް ލެގިގަނެވުނެވެ.
"މިއީ.. އަމްމް.. ދައްތާ.. އަޅުގަނޑު ކޮއްކޮގެ ހާލު އަސްލު އެހާ ރަނގަޅެއްނޫން.. މިބުނީ.. ވަރަށް ގޯސް.. ކޮއްކޮ އޮތީ ކޯމާއެއްގަ" އިވާން ބުނަން ނުބުނަން ހުރެފައިވެސް މާޒިޔާއަށް އިދާންގެ ހާލަތު އަންގައިލައި ދިނެވެ.
"ކީ.. ކީކޭ؟ އެހާލުގަ އޮއްވާ އެތަނަށޭތަ؟ އެކުއްޖާ ކައިރިއަށޭތަ މަލް ގެންދަން ތި އުޅެނީ؟ މަގޭ ދަރިއަށް ވާނީ ކިހިނެއް؟" މާޒިޔާގެ ސުވާލުތައް ފުލުފުލުގައި ނަދާލްއާ ކޮށްލިއިރު އެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު ހުއްޓެވެ. ނަދާލްއަށް އިސްޖަހައިލެވުނީ މާޒިޔާގެ އެ ކަންބޮޑުވުމަށް ދޭނެ ޖަވާބެއް ނޭނގުނީތީ އެވެ.
"ނުވާނެ މަގޭ ދަރި ގެންގޮސްގެން. ކޮބާ މަލް؟" މާޒިޔާ ކުރަންހުރި މަސައްކަތުން ދެއަތް ފޮޅައިލުމަށްފަހު އަވަސްއަވަހަށް މަލަކްގެ ކޮޓަރިއަށް ވަނެވެ. ދެން ފެނުނީ މައިރާ އެތަނުން ނުކުތް ތަނެވެ. ވައިސޫރިއެއްހާ ބާރަށް އޭނާ އައިސް ހުއްޓިލީ ނަދާލްއާއި އިވާންގެ ކުރިމައްޗަށެވެ.
"ވަޓް ދަ ހެލް ވަރ ޔޫ ތިންކިންގް ނެޑް؟" އައިސްފައިހުރި ރުޅިން މައިރާގެ ދެ ބުމަވަނީ ގޮށްޖެހިފަ އެވެ. ނަދާލް އެތަނުގައިހުރި އިވާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު މައިރާ ގޮވައިގެންގޮސް ބެލްކަންޏަށް ނުކުތެވެ. އިވާން އެދެމީހުންގެ އުޅުން ހުރި ގޮތާމެދު ބޯ ހޫރައިލުމަށްފަހު ޖީންސުގެ ދެޖީބަށް ދެއަތް ޖަހައިލަމުން ސިޓިންގްރޫމްގެ ދެކޮޅަށް ކުރުކާލިކަނޑަން ފެށްޓެވެ. ބެލްކަނީގެ ދޮރާ ގާތަށް ދެވޭ ކޮންމެ ފަހަރަކު އޭނާއަށް އެދެމީހުން ދައްކާ ވާހަކަ އަޑު އިވިލަ އެވެ.
"ކީކޭ ހިތަށް އަރައިގެން މަލްގާތު އެހެން ބުނީ؟ ނެޑް މޮޔަވީތަ؟ މަލް ކިތަންމެ ހިތްވަރު ދައްކަން އުޅުނަސް މަލްގެ ހާލަތު އަހަރުމެންނަށް އެނގެއެއްނު؟" މައިރާ ދެދަތްޕިލަ ޖައްސައި ބާރުކޮށްލައިގެންހުރެ އެއްސެވެ.
"ހާލަތަށް ބަލާފަ އެންމެ ރަނގަޅުގޮތަށް އަހަރެން ކަންތައް މި ކުރީ" ނަދާލް ދެކޮނޑު އަރުވައިލި އެވެ.
"ނޫން. ކޮން ރަނގަޅެއް؟ ނެޑްއަކަށް ނޫނޭ އިދާން އޮތް ހާލަތު ފެނުނީކީ.. އަހަރެންނަށޭ.. އެންޑް ޓްރަސްޓް މީ މަލްއަށް ލޮލުން ދެކެން ކެތްވާނެ މަންޒަރެއް ނޫން އެއީ" މައިރާ ބުންޏެވެ.
"ސޯ ޕްރެއި ޓެލް؟ ވަޓް ޑޫ ޔޫ ސަޖެސްޓް ދެޓް ވީ ޑޫ؟ މަލް ހިތްހަމަ ޖައްސާށޭ ކިޔާފަ އިވާންއަކީ އިދާންކަމަށް ހަދައިގެން މަލްއަށް އޮޅުވާލަންތަ؟" އެހިސާބަށް ދިޔައިރު ނަދާލްގެ އަޑުގައިވެސްވަނީ ނުރުހުމެވެ.
"ޔާހް. އަހަރެން އުޅުނީ އިވާންގާތު އިދާންއަށް ވެދޭށޭ ބުނެގެނޭ.. އިވާން ކޮންވިންސް ކުރާށޭ އަހަރެން އުޅުނީ.. ނެޑްއަށް ވިސްނެނީ ލީންއާމެދު އެކަންޏެއްނު؟ ލީންގެ މެންޓަލް ޕީސް އެކަނި ދޯ މިހާރު މެޓަރ ވަނީ؟ އަހަރެންވެސް ކޮއްކޮއެއްހާ ބޮޑަށް ލީންދެކެވެސް ލޯބިވެއޭ.. އެކަމަކު ބަލަ މަލް އެއީ އަހަރުމެންގެ އަސްލު ކޮއްކޮއެއް ނޫންތަ؟ ކޮބާތަ ކޮންމެ ކަމެއްގެ ކުރިއަށް އާއިލާ އިސްކުރާ އަހަރުމެންގެ ނެޑް؟" މައިރާ ނަދާލްއާ ދިމާލަށް އެތިވަރު ގޮވައިލި އެވެ.
"އެ ނެޑް އޭ މި ވާހަކަދައްކަނީ މައި.. އާއިލާ އިސްކުރާތީއޭ އަހަރެން މިގޮތަށް މި ކަންތައް ކުރީ.. އަހަރެންނަށް އޭރުވެސް ހީވިއޭ މަލްއަށް ވީގޮތް ފެނި މައި ތިކަހަލަ އޮފަރއަކާއިގެން އިވާންއަށް އެޕްރޯޗް ކޮށްފާނެހެން. އެންޑް ސޭ ފޯރ ވަޓެވަރ ރީޒަން ހީ އެކްސެޕްޓްސް އިޓް އޯ.. އެހިސާބުން މައިއަށް ކީއް ވާނީ؟ މައިގެ މެންޓަލް ހެލްތަށް ކީއްވާނީ؟ އެދެމީހުން ލޯބިވެރިންހެން އުޅޭ މަންޒަރު ބަލަން ދުރުގަ ހުންނާނީތަ؟ ހުރެވޭނެތަ؟" ނަދާލް އަހައިލި އެވެ. އެވަގުތު ބެލްކަނީގެ ދޮރާ ކައިރިއަށް އާދެވުނު އިވާންއަށްވެސް އެ އަޑު އިވި މައިރާގެ ޖަވާބެއް އަހަން މަޑުކޮށްލެވުނެވެ. އެތަނުގައިވާ ބޯ ދޮރުފޮތިތަކުގެ ސަބަބުން އޭނާ އެތަނުގައި ހުއްޓަސް އެދެމީހުންނަކަށް އަދި އެކަމެއް ނޭނގޭނެތާ އެވެ.
"އައި.. އައި"
"އަހަރެންނަށް އެނގެޔޭ މައި ބުނާނީ ކީކޭކަން. މަލް އުފަލުގަ ހުރިއްޔާ ތިމަންނައަށް އޯކޭއޭ އެއްނު؟ ދެޓްސް ބީ.އެސް. އެއްވެސް އޯކޭއެއް ނުވާނެ. މި ކޯއްޗެއް؟" ނަދާލް މައިރާގެ އަތް ހިއްލައިލުމަށްފަހު އަތުގެ ނުފުށުގައި ރަތްވެފައިހުރި ނިޔަފަތީގެ ނިޝާންތައް މައިރާއަށް ދައްކައިލި އެވެ. އޭނާއަށް މައިރާ އެނގެނީ އިއްޔެއަކު މިއަދަކު ނޫނެވެ. ކުޑައިރުއްސުރެ މައިރާ ދެރަވެ، ގޮތްހުސްވާ ކޮންމެ ފަހަރަކު އެ އިހުސާސްތައް ބޭރުވިޔަ ނުދިނުމަށްޓަކައި ކުރާ ކަންކަން އޭނާއަށް މިހާރުވަނީ ދަސްވެފަ އެވެ. އެގޮތުން މި ވޭތުވެދިޔަ ގަޑިއެއްހާއިރު ތެރޭ މަލަކް އިވާންއާ ގާތްވެލި ކޮންމެ ފަހަރަކު މައިރާ ދުރަށް ނަޒަރު ހުއްޓައިލި ގޮތާއި، ނޭވާ ހިފަހައްޓައިލި ގޮތާއި، އެއިން ކޮންމެ ފަހަރަކު މައިރާގެ ދެއަތް ތުރުތުރުލާން ފެށި ގޮތާއި، އެކަން ހުއްޓުވޭތޯ އަތުގައި ނިޔަފަތި އަޅުވަން ފެށި ގޮތް އޭނާ ވަނީ ދެކިފަ އެވެ. އޭނާއަށް ކަމެއް އޮޅުވައިލުމަކީ މައިރާ ބޭނުންވިޔަސް ކުރެވޭނެ ކަމެއް ނޫނެވެ. މައިރާއަށްވެސް އެކަން އެނގި ރައްދުގައި ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީ އެވެ.
"ލުކް މައި" ނަދާލްގެ އަޑުގައިވާ ނުރުހުން ފިލައިގޮސް އަނެއްކާވެސް އެ އަޑަށް އޯގާތެރިކަން ވެރިވި އެވެ. "އިޓްސް އޯކޭ ޓު ބީ ސެލްފިޝް ސަމްޓައިމްސް.. އިޓް ރިއަލީ އިޒް. އައި ވިޝް އައި ހެޑް ބީން ޓޫ.. އައިލީން ކައިވެނި ކުރީމަ ފުރަތަމަ އަހަރެންގެވެސް ހިތަށްއެރި މައްސަލައެއްނެތޭ.. އައި މީން.. އައިލީން ބޭނުންވާ ކަންކަން ވަންޏާ.. އައިލީން އުފަލުގަ ހުރިއްޔާ އަހަރެންވެސް ހުންނާނީ އުފަލުގައޭ.. އެކަމަކު ނޫން. އައި ވޯންޓަޑް ޓު ބީ ދަ ރީޒަން ފޯރ ހަރ ހެޕިނެސް. އައިލީން އެހެން މީހަކާއެކު އުޅޭކަމުގެ ހިޔާލު ހިތަށް އަޔަސް އެރެއަކު ލޮލުފިޔަވެސް ނުޖެހޭ. ބިލީވް މީ.. މިއަދު މައިއަށް ތި ފީލްވި ޕެއިންގެ ހާސްގުނަ އެދުވަހަކުން ފިލްވާނެ؟ ތި މެތަޑުން އެ ޕެއިން ސަޕްރެސް ނުކުރެވޭ ހިސާބަށް ދިޔައިމަ ދެން މައި ކޮށްފާނެ ކަމަކާމެދު ވިސްނާލާކަށްވެސް އަހަރެން ބޭނުމެއް ނޫން! މަލްއަކީ އަހަރެންގެ ކޮއްކޮއެއްވިއްޔާ މައިއަކީ އަހަރެންގެ ދައްތައެއް. އަހަރެންނަށް މަލްއާ އެއްވަރަށް މައިވެސް މުހިއްމު. މަލްގެ ސިޗުއޭޝަނަށް މިހާރު އާދަ ވެވިއްޖެ. އިޓް ފީލްސް އަ ލިޓްލް ބިއަރަބްލް ވިތް އެވްރީ ޕާސިންގް ޑޭ. އެކަމަކު މައި ތިއީ ސަލާމަތުން ހުރި މީހާ.. ދެން މައިއަށް ދެރަގޮތެއްވިއްޔާ މުޅި އާއިލާވެސް.. ގޯޑް ފޯރބިޑް. އައިލީންއާމެދު އެކަންޏެއް ނޫނޭ އަހަރެން ވިސްނަނީ.. ދެން މިވާހަކަ ނުދައްކަމާ" ނަދާލް ފުން ނޭވާއެއް ދޫކޮށްލި އެވެ.
އިވާން ދުރަށް ހިނގައިގަތީ އެހިސާބުންނެވެ. އޭރު އޭނާގެ ވިސްނުން ވަނީ އޮޅުންބޮޅުންވެފަ އެވެ. ނަދާލް އެ ބުނާ މިންވަރަށް މައިރާ އޭނަދެކެ ލޯބިވޭބާއޭ ހިތާހިތުން ސުވާލު އުފައްދަން ފެށުނެވެ. މައިރާ ބެލްކަނިން ނުކުތްހިނދު އޭނާއަށް މިފަހަރު މައިރާއާ ދިމާލަށް ބަލައިލެވުނީ "ނަފްރަތު"ގެ ދިލަ ކޮންމެވެސް ވަރަކަށް ކަނިވެފައިވާ ނަޒަރަކުންނެވެ. ހަމަ އެވަގުތު ކޮޓަރީގެ ދޮރު ހުޅުވައިލެވުނު އަޑު އިވި ތިން މީހުންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. މަލަކް، މާޒިޔާއާއެކު ތައްޔާރުވެލައިގެން ނުކުތްއިރު އިވާންއާއި ނަދާލްގެ މޫނުމަތިން ފެންނަންހުރީ ހައިރާންކަމެވެ. މާޒިޔާއާއި ދެކެވުނު ވާހަކައަށްފަހު އެމީހުން ތިބީ މަލަކް އެމީހުންނާއެކު ގެންދިޔުމުގެ ހުއްދަ ނުލިބޭނެކަމަށް ބަލައިގެނެވެ.
"ކީއްކުރާނީ.. ގޮތެއް ދޫ ނުކުރި.. ހުރި ހަމައެކަނި ފުރާނަވިއްޔާ އެއީ.. ކުރަން ހިފާލައިފި ކަމެއް ނުކޮށްދީ ކެރޭނީ ކިހިނެއް؟" މަލަކް ބޫޓުލާން ސޯފާގައި އިށީނދެލި ވަގުތު މާޒިޔާ އައިސް ނަދާލްގާތު ބުނެލި ވާހަކަ އިވާންގެ ކަންފަތާ ހަމައަށްވެސް ފޯރި އެވެ.
"ހޮސްޕިޓަލަށް ދާން ޖެހޭނީ.. މައި ދާތި މަލް ގޮވައިގެން. އަހަރެންނަކަށް ނުދެވޭނެ. އެބަ ގުޅަން ޒުހޫރުބެއަށް" ނަދާލް ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމުގައި އިސްނެގި އެވެ.
ގެއިން ނުކުމެ ކާރުގައި ހުޅުމާލެއަށް މިސްރާބުޖެހިއިރުވެސް މަލަކް ހުރީ އެމީހުން ހީކުރި ވަރަށްވުރެ ހަމަޖެހިފަ އެވެ. މިފަހުން މާޒިޔާއާއެކު މަދުމަދުން ބޭރަށް ގޮސް އުޅޭތީ އޭނާ ވަނީ މިހާރު ކޮންމެވެސް ވަރަކަށް ބޭރުތެރޭގެ މާހައުލަށް ހޭނިފަ އެވެ. ނަމަވެސް ހުޅުމާލެއަށް އާދެވުނު ހިސާބުން މަލަކްގެ މޫނަށް ވެރިވި ހާސްކަން އެކަކަށްވެސް ސިއްރެއްނުވެ އެވެ. ހުޅުމާލޭގެ މަގުތައް ފެނުމާއެކު ދޮޅު އަހަރެއްހާ ދުވަސްކުރިން ހިނގައިދިޔަ ހާދިސާގެ ހަނދާންތައް މަލަކްގެ ސިކުނޑީގައި ކޮށްޓައިލީ އެވެ. މަލަކް ދެލޯ މަރައިލަމުން އޭނާއާއެކު ފަހަތު ސީޓުގައިތިބި މައިރާއާއި މާޒިޔާގެ އަތުގައި ބާރަށް ހިފަހައްޓައިލި އެވެ. އޭނާގެ ހިތްވަރާއި އަޒުމު ކުޑަކޮށްވެސް ގުޑުވައިލަން ބޭނުން ނުވެފަ އެވެ.
ކާރުގޮސް ހޮސްޕިޓަލުގެ ގޯތި ތެރޭގައި ޕާކު ކޮށްލެވެންދެންވެސް މަލަކް އިނީ ހަމަ އެގޮތަށެވެ. ޑްރައިވަރު ސީޓުގައި އިން ޒުހޫރާއި ކުރީ ސީޓުގައި އިން އިވާން ކާރުން ފޭބުމުން މައިރާ މަލަކްގެ އަތުގައި ކޮށްޓައިލީ ލޯ ހުޅުވުމަށް އިޝާރާތެއް ދޭ ފަދައިންނެވެ. މަލަކް ތައްޔާރުކަން ޔަގީންވުމާއެކު އެމީހުންވެސް މަލަކް ގޮވައިގެން ކާރުން ފޭބި އެވެ.
ހޮސްޕިޓަލުގެ މައި ދޮރާށިން އެތެރެއަށް އަޅައިލެވުނު ފުރަތަމަ ފިޔަވަޅާއެކުވެސް މަލަކްގެ މުޅި ހަށިގަނޑަށް ޒާތެއްގެ ފިންޏެއް އަރައިގެންދިޔަ އެވެ. ހުރިތަނަށް ހުއްޓިލަމުން އޭނާގެ ދެއަތުގައި ހިފަހައްޓައިގެންތިބި މާޒިޔާއާއި މައިރާގެ އަތަށް ބާރުކޮށްލެވުނީ ބޭއިޚްތިޔާރުގަ އެވެ. މަލަކްގެ އެންމެ އިޝާރާތަކަށްވެސް ސަމާލުވެގެންތިބި މާޒިޔާއާއި މައިރާގެ ފިޔަވަޅުތައް ވަގުތުން ހުއްޓުނެވެ. އެމީހުންނަށް މަގުދައްކަމުން ކުރިއަށްދިޔަ އިވާންގެ އިތުރުން އެންމެ ފަހަތުގައިހުރި ޒުހޫރުގެ ފިޔަވަޅުތައްވެސް ކުޑަކޮށް މަޑުޖެހިލި އެވެ. އެހެނަސް، ނެތް ހިތްވަރާއެކުވެސް މަލަކް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ކުރިއަށް ހިނގައިގަތުމުން އެމީހުންވެސް މަލަކްއާއެކު ކުރިއަށް ދިޔަ އެވެ.
ހަވަނަ ފަންގިފިލާގައިހުރި އިދާން ބާއްވައިފައި އޮތް ކޮޓަރީގެ ދޮރާ އަރައި ހަމަވިހިނދު އިވާން ފަސްޖެހުނެވެ. މަލަކް އެ ހިސާބަށް އައީ ކިތަންމެ ހިތްވަރުން ކަމަށްވިޔަސް އެ ދޮރު ހުޅުވިގެންދާ ހިސާބުން މަލަކްއަށް ވާނެގޮތް ކޮންމެވެސް ވަރަކަށް އޭނާގެ ސިކުނޑިއަށް ތަޞައްވުރު ކުރެވުނީ އެވެ. ދެހިޔާލެއްގައި ހުއްޓައި އޭނާގެ ކޮނޑުގައި އަތް ބާއްވައިލީ މަލަކްގެ މަންމަ މާޒިޔާ އެވެ.
އިވާން ކުޑަކޮށް ޖެހިލުންވެފައިހުރެ ދޮރު ހުޅުވައިލި އެވެ. އެއީ އޭނާ އާންމުކޮށް އައިސްއުޅޭ ތަނެއް ކަމުގައިވިޔަސް ކުރިން އިހުސާސް ނުކުރެވޭ ބަރެއް މިއަދު އޭނާ އެތަނުގެ ތެރެއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅެއްގައި ވި އެވެ. ކީއްވެ ކަމެއް ނޭނގެ އެވެ.
އެނދު ރަނގަޅަށް ފެންނަ ހިސާބަށް ދެވުމާއެކު އިވާން އެއްކައިރިއަކަށް ޖެހިލީ އިދާން އޮތް ނިކަމެތި ހާލު މަލަކްގެ ދެލޮލަށް ކަޝްފު ކޮށްލަމުންނެވެ. އެއާއެކު މައިރާއާއި މާޒިޔާގެ އަތުން ދޫކޮށްލުމަށްފަހު މަލަކް އަނގަމަތީގައި އަތް އަޅައިލި އެވެ. އިދާން އޮތް އެނދާ ގާތަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާގެ ދެލޮލަށް ގިނަވެފައިވި ކަރުނަތިކިތައް ކޯތާފަތް މައްޗަށް ފައިބައި ގަތެވެ. ސިފައަށް ކޮންމެ ބަދަލެއް އައިސްފައިވި ނަމަވެސް އިދާން ހަމަ ފެނުމާއެކު މަލަކްއަށް އެއީ ކާކުކަން ޔަގީން ކުރެވިއްޖެ އެވެ. ތުރުތުރު އަޅަމުންދިޔަ އަތް އިދާންގެ ނިތްކުރީގައި ބާއްވައިލެވުމާއެކު މަލަކްގެ ބަޑި ފަޅައިގެންދިޔަ އެވެ.
"ދާން...." މޭގައި އަތް އަޅައިގެންހުރެ އިދާންއާ ދިމާލަށް ގުދުވެލަމުން މަލަކްއަށް މަޑުމަޑުން ގޮވައިލެވުނެވެ. ފަނޑުކޮށް އިވެންފެށި މަލަކްގެ ގިސްލުމުގެ އަޑު ގަދަވަމުންގޮސް އެތަނުގައިތިބި އެންމެންގެ ކަންފަތާ ހަމައަށް ފޯރީ އެ ހަށިތަކުން ހީބިހި ހިލުވައިލަމުންނެވެ.
"ޕްލީޒް ހޭލަބަ ދާނު… އައިމް ސޮރީ. މަލްއާ ހެދިތަ މިހެން ވީ؟ މަލްއަށް.. މަލްއަށް އެރޭ" މަލަކް ގިސްލަގިސްލާފައި އިދާންއާ ދައްކަމުންދިޔަ ވާހަކަ އަޑުއަހަން ކެތް ނުވެގެން މާޒިޔާ އެންމެފަހުން މަލަކްއާ ގާތަށް ޖެހިލައި މަލަކް އެތަނާ ދުރަށް ގެންދެވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް މަލަކް އެ ހުރިތަނުން ގުޑައިލާކަށް ނޫޅުނެވެ. ހިތް ކުދިކުދިވެފައިވާ މީހަކު ފަދައިން އިދާންއާ އެކި ވާހަކަ ދައްކަމުންދިޔައިރު އޭނާގެ ކޮންމެ އަޑެއް އިދާންއަށް އިވޭނެކަން މަލަކްއަށް ޔަގީންވާ ކަހަލަ އެވެ.
"ޝްޝްޝް.. ދަރިފުޅާ… ދެން ހުއްޓާލާ" މަލަކް އެ އަނދިރި ރޭގެ ހަނދާންތަކަށް އެނބުރި ދިޔުމުގެ ފުރުސަތެއް މާޒިޔާ ނުދިނެވެ. "ދަރިފުޅުމެން އެއްވެސް ކުއްޖަކާހެދު ވީކަމެއް ނޫނޭ އެއީ.. ބަލަ ދާނުވެސް ބޭނުމެއް ނުވާނެ މަލްގެ އަމިއްލަ ނަފްސު ތިހެން ނިކަމެތި ކޮށްލާކަން.. އަމިއްލަ މީހާއަށް ބްލޭމް ކުރާކަށް" މާޒިޔާ މަލަކްގެ ކޮނޑުގައި ފިރުމައިލި އެވެ.
"މަންމާ.. އެކަ.. އެކަމަކުވެސް ދާނު-" މަލަކްގެ ވާހަކަ މެދުކެނޑުނީ އިދާންގެ ގަޔަށް ގުޅާފައިވާ މެޝިންތަކުގެ އަޑު ކުއްލިއަކަށް ބާރުވެގެން ދިޔުމުންނެވެ. އެއާއެކު އިވާން ފިޔަވައި އެތަނުގައިތިބި އެންމެން އެކަކު އަނެކަކަށް ބަލައިލީ ހާސްކަމުގެ ނަޒަރަކުންނެވެ. އިވާންއަށް ހުރެވުނީ ހައިރާންވެފަ އެވެ. އަހަރަކަށްވުރެ ގިނަދުވަހު އެއްވެސް އިޝާރާތެއް ކޮށްނުލައި އޮތުމަށްފަހު ކުއްލިއަކަށް އެފަދަ ކަމެއްވުމުން ކުރާނެ ކަމެއް ނޭނގިފައި ހުރެވުނީ އެވެ. ފާރުގައިހުރި ސްވިޗަށް އޮބައިލައި ޑަކްޓަރަކަށް ގޮވަން ހަނދާންވީވެސް މަލަކް އަވަސްއަވަހަށް އިދާންއާ ގާތަށް ޖެހިލައި އިދާންގެ ނަމުން ގޮވަން ފެށުމުންނެވެ. ނަސީބަކުން މާ ލަސްތަކެއްނުވެ ނަރުހުންނާއި ޑަކްޓަރުންގެ ޓީމެއް އެ ކޮޓަރީގެ ތެރެއަށް ވަދެގެންފި އެވެ.
"ޕޭޝަންޓް އިޒް ރެސްޕޮންޑިންގް.. ވެކޭޓް ދަ ރޫމް. ނާރސް.. ޕްރިޕެއަރ ފޯރ ޑީ-ފިބް.. ނައު!" ޓީމުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ޑަކްޓަރުގެ އިރުޝާދާ އެއްގޮތަށް ނަރުހުން ހަރަކާތްތެރިވާން ފެށްޓެވެ. އެއްބަޔަކު ޑަކްޓަރަށް އަތް ގާތްކޮށްދިނުމުގައި އުޅުނުއިރު އަނެއްބަޔަކު އުޅުނީ އެ ކޮޓަރިން މީހުން ނެރެވޭތޯ އެވެ. މަލަކް ހުއްޓުމެއްނެތި އާދޭސްކުރަމުން ދިޔައީ އޭނާ އެތަނުގައި މަޑުކުރާނެ ފުރުސަތެއް ދިނުމަށެވެ. އޭރު ރޮވޭވަރުން މަލަކްއަށް ވާހަކަވެސް ދެއްކެނީ ހަމަ ކިރިޔާ އެވެ.
"މަލް.. އަވަހަށް ހިނގާބަ. ދަރިފުޅު ޑޮކްޓަރސް ބުނާބަސް އެހީމަ ދޯ އެމީހުންނަށް އަވަހަށް އިދާން ރަނގަޅު ކުރެވޭނީވެސް" ޒުހޫރު ކުޑަކުއްޖަކަށް ވިސްނައިދޭ އުސޫލުން މަލަކްއަށް ވިސްނައިދެވޭތޯ މަސައްކަތްކުރި އެވެ. އެހެނަސް މަލަކް އެތަނުން ނެރެވޭވަރު ވީ ގަދަކަމުންނެވެ. އޭރުވެސް މަލަކްގެ ރުއިމާއި ހަޅޭއްކުގެ އަޑު މަޑެއްނުވެ އެވެ. ކޮޓަރީގެ ދޮރު ލެއްޕެމުންގޮސް ލޯމައްޗަށް އިދާން އެކީ ގެއްލިގެން ދިޔަހިނދު މަލަކްގެ ބޮލަށް އަރައިގެންދިޔައީ ތޫނު ތަދެކެވެ.
މަލަކްއަށް ބޮލުގައި ހިފަހައްޓައިލަމުން ބިންމައްޗަށް ތިރިވެވުނެވެ. ކައިރީގައިހުރި މާޒިޔާއަށް މަލަކް ހިފަހައްޓައި ނުލެވޭނެހެން ހީވެ ޒުހޫރު ދުރު ފިޔަވަޅުތަކެއްގައިގޮސް މަލަކްގެ ގައިގައި ހިފެހެއްޓި އެވެ. ދެން ފެނުނީ ހަބަރު ހުސްވެގެންގޮސް މަލަކްގެ ހަށިގަނޑު ޒުހޫރުގެ އަތްމައްޗަށް ދެމުނުތަނެވެ. ވަގުތުން މުޅި އާއިލާގެ ސަމާލުކަން މަލަކްއަށް ހުއްޓުނެވެ. އެމީހުން އަވަސްވެގަތީ ފަރުވާދިނުމަށްޓަކައި މަލަކް އެ މާހައުލާ ދުރަށް ގެންދިޔުމަށެވެ.
އެންމެން އެތަން ދޫކޮށް ހިނގައިގަތްއިރުވެސް އިވާން ހުރީ އިދާންއަށް ފަރުވާދެމުންދިޔަ ކޮޓަރީގެ ބޭރުގައި ދެކޮޅަށް ހިނގައިލަ ހިނގައިލަ އެވެ. މަލަކްގެ ހާލު ގޯސްވެގެންދިޔަ ގޮތުގެ ހިލަމެއްވެސް އޭނާއަކަށްވިހެން ހިއެއްނުވެ އެވެ. އެއަށްވުރެ ބޮޑަށް އެ މޫނުމަތިން ފެންނަމުން ދިޔައީ އަމިއްލަ ކޮއްކޮގެ ހާލާމެދު ހިތުގައި އުފެދިފައިވާ ހާސްކަމާއި ކަންބޮޑުވުމެވެ. މައިރާއަށް އެކަން ފާހަގަކުރެވުނީ ކަހަލަ އެވެ. މަލަކްގެ ފަހަތުން ވަކި ހިސާބަކަށް ގޮސްފައިވެސް ދުވެފައި އައިސް އިވާންގެ ގައިގައި ބައްދައިލި އެވެ. އިވާންގެ ފިޔަވަޅުތައް ހުއްޓުނީ އެހިސާބުންނެވެ.
"މަލް.. މަލް ގޮވައިގެން މި ދަނީ.. ސްޓޭ ސްޓްރޯންގް އިނގޭ.. އިންޝާﷲ ދާނު ވިލް ބީ އޮލްރައިޓް.. އަހަރެން އެބަ އަންނަން" އިވާންއާ ދުރަށް ޖެހިލަމުން މައިރާ ހިތްވަރުދިނެވެ.
"ޔެސް ގޯ.. މަލް ވަރަށް ހިތްވަރުކޮށްފި.. ސަޗް އަ ބްރޭވް ގަރލް" އިވާން ހަތަރުކަޅި ހަމަކޮށް ނުލިއެއްކަމަކު މައިރާގެ ވާހަކައަށް ބޯ ޖަހައިލި އެވެ.
"ޔެސް. އަހަރެން ހިއެއްނުކުރަން މިހިސާބަށްވެސް ހިފަހައްޓާލެވޭނެ ކަމަކަށް. މީހަކު އެހާލުގަ އޮއްވާ ފެނުނީމަ މެންޓަލީ އެންމެ ފިޓް އިންސާނަކަށްވެސް ގުޑުން އަރާނެ.. ޔެސް.. ޝީ އިޒް ވެރީ ސްޓްރޯންގް. އެބަ އަންނަން އިނގޭ" މައިރާ އަނެއްކާވެސް ބުނެލި އެވެ. އޭނާ ދުރަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އެ އަތް އިވާންގެ އަތުން ދޫވަމުންގޮސް އެކީ މިނިވަންވި އެވެ.
މައިރާގޮސް ލިފްޓަށް އެރި މަންޒަރު ބަލަން ހުރުމަށްފަހު އިވާންއަށް ފާރުގައި ލެގިލަމުން ބިންމަތީގައި އިށީނދެވުނީ މުޅި ގައިން ހަކަތަ ހުސްވެފައިވާ މީހަކު ހެނެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލައިގެން އިންއިރު އިދާންގެ ހާލަތަށް ކުޑަވިޔަސް ކުރިއެރުމެއް ލިބޭތޯ ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެ އެވެ. އެގޮތުގައި އިންތާ މިނެޓެއްހާއިރު ފަހުން އިދާން އޮތް ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ޑަކްޓަރަކާއި ނަރުހަކު ނުކުތެވެ. އެއާއެކު އިވާން ކަށްޓެއް ޖެހިފަދައިން އިންތަނުން ނުކުތެވެ. ޑަކްޓަރުގެ މޫނަށް ބަލައިލީ އުއްމީދީ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ. އެހެނަސް ޑަކްޓަރުގެ މޫނުމަތިން ފެނުނު މާޔޫސީ ކުލަވަރާއެކު އިވާންގެ ހިތުގެ ތެޅުން މަޑުޖެހިލި އެވެ.
"އައިމް ސޮރީ..." ޑަކްޓަރު ބޯ ހޫރައިލަމުން ބުނެލި ދެ ލަފްޒު އިވާންގެ ކަންފަތަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. އޭނާގެ ދެލޯ ބޮޑުވެ ހަށިގަނޑު ވަގުތުން ހުއްޓުމަކަށް އައެވެ. ވަށައިގެންވާ ދުނިޔެ ފުނޑުފުނޑުވެގެން ފޭބި ކަހަލަ އެވެ. "އާންމުކޮށް ދިގު ކޯމާއެއްގަ އޮންނަ ޕޭޝަންޓްސް އަހަރުމެންނަށް ގެއްލުމުގެ ކުރިން އެމީހުންގެ ފައިނަލް މޮމަންޓްސްގަ ކުޑަކޮށްވިޔަސް ރެސްޕޮންޑެއް ކުރާނެ.. ބެލެވެނީ އެކަހަލަ ކަމެއް ކަމުގަ.. ވީ ޓްރައިޑް އަވަރ އެބްސޮލޫޓް ބެސްޓް... އައިމް ސޮރީ ފޯރ ޔޯރ ލޮސް"
ޑަކްޓަރު ދެން ކިޔައިދިން ވާހަކަތައް އިވާންއަށް އިވުނީ ފަނޑުފަނޑުކޮށެވެ. މާ ދުރުން އިވޭ އަޑުތަކެއްގެ ގޮތުގަ އެވެ. ކޮންމެއަކަސް އިދާންއަކީ އޭނާއާ އެއް ރަހިމެއްގައި އޮވެ، އެއްކޮށް ވިހައި، އެއްކޮށް އުޅެ ބޮޑުވި، އޭނާގެ ލޯބިވާ އެއްމާބަނޑު ކޮއްކޮ އެވެ. އެއީ އޭނާގެ ހަށިގަނޑުގެ އެއްބައެވެ. އުމުރުގެ ބޮޑުބައި ދެމީހުން ހޭދަކުރީ އެކަކު އަނެކަކާ އެންމެ ގާތުގަ އެވެ. ވީއިރު އެ ކޮއްކޮގެ ވަކިވެ ދިޔުން އޭނާ ބަރުދާސްތު ކުރާނީ ކިހިނެއް ހެއްޔެވެ؟
އިވާންއަށް އިސްއުފުލައިލުންވެސް ވީ ދަތި ކަމަކަށެވެ. ކުރިމަތީގައިހުރި ޑަކްޓަރަށް އެކަން ނަގައިގަނެވުމުން ނަރުސް ކުއްޖާގާތު އިވާންގެ މަންމައަށް ހަބަރު ދޭން ބުނެފައި އެތަނުން ހިނގައިގަތެވެ.
އިވާންގެ ފައިން ވަރު ދޫވާން ފެށުމާއެކު ފަހަތުގައިހުރި ފާރަށް ލެގި ގަނެވުނެވެ. އޭރު އޭނާގެ ހަށިގަނޑެކޭ ވަރުނެތް މަސްގަނޑެކޭ ތަފާތެއް ނެތެވެ. އިދާންގެ ފުރާނައާއެކު އޭނާގެ ފުރާނަވެސް ހަށިގަނޑާ ވަކިވެ ގޮސްފިއޭ ހީވާ ކަހަލަ އެވެ. މާގިނައިރެއްނުވެ އޭނާގެ ގާތަށް ދުވެފައި އައިސް ހުއްޓިލީ މައިރާ އެވެ.
"އިވާން؟ އިވާން އޯކޭތަ؟ ދާނު ކިހިނެއް؟" އިވާން ހުރިގޮތް ފެނުމާއެކު މައިރާއަށް ވަގުތުން ކަމެއް ގޯސްވެއްޖެކަން ރޭކައިލި އެވެ. އިވާންގެ ފަރާތުން ރައްދެއް ލިބޭނެކަމަށް މަޑުނުކޮށް އޭނާގޮސް އިދާން އޮތް ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ. އޭރު އެތަނުގައި އުޅުނު ނަރުހުން އިދާންގެ ގަޔާ ގުޅާފައިހުރި މެޝިންތައް ވަކިކޮށް ނިންމައިލަނީ އެވެ.
މައިރާއަށް ވީގޮތް ނަގައިގަނެވުމާއެކު އަނގަމަތީގައި އަތް އަޅައިލެވުނެވެ. ދޮރުގެ ތަޅުން އަތް ދޫކޮށްލުމަށްފަހު އިވާންއަށް ބަލައިލެވުނުއިރު އޭނާގެ ހިތް އިވާންއަށްޓަކައި ކުދި ކުދިވި އެވެ. ކުޑަކޮށް ދުވެލައިފައިގޮސް އޭނާއަށް އިވާންގެ ގައިގައި ބައްދައިލެވުނެވެ. އެފަދަ އޯގާތެރިކަމަކަށް ފެންބޮވައިގެންފައި ހުރި އިވާން އިތުރަށް ބަލިކަށިވި އެވެ. ލޮލަށް ބޮނޑިވަމުންދިޔަ ކަރުނަތައް ދެން އިތުރަށް ނުހިފެހެއްޓޭނެކަން އެނގުމާއެކު މައިރާގެ ކަރުދޮށުގައި މޫނު ފޮރުވައިލަމުން ގިސްލުމަކާއެކު އެ ކަރުނަތައް މިނިވަންވާން ދޫކޮށްލި އެވެ.
އިވާންގެ ވޭންހުރި ގިސްލުމުގެ އަޑުން އެކަނިވެސް މައިރާ މުޅީން ފިނިވެ، އޭނާގެ ހަށިގަނޑުގައިވާ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. މިއީ އިވާން ރޯތަން ފެނުނު ފުރަތަމަ ފަހަރެވެ. މައިރާގެ ހިތަށް އެކަމުން ކުރަމުންދިޔައީ ބުނެދޭން ނޭނގޭހާ ފުން އަސަރެކެވެ. އޭނާގެ ދެލޯވެސް ދިޔައީ ކަރުނައިން ފޯދެމުންނެވެ. އިވާންގެ އަމިއްލަ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔައިރުވެސް އެ ދެލޮލުން އެންމެ ކަރުނައެއްވެސް އެޅި މަންޒަރު މައިރާއަށް ފެނިފައެއް ނުވެ އެވެ. ވީއިރު މިއަދު އިވާންއަށް އޭނާގެ ކުރިމަތީގައި އެ ކަރުނަތަށް ނުހިފެހެއްޓޭނީ އެ ހިތުގައި ހާދަ ވޭނެއް އަޅާތީއޭ މައިރާގެ ހިތް ބުންޏެވެ.
މައިރާ މަޑުމަޑުން އެއް އަތް ހިއްލާލައި އިވާންގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލުމަށްފަހު އަނެއް އަތުން އިވާންގެ ބުރަކަށީގައި ފިރުމަންފެށި އެވެ. އަދި އިވާންގެ ކަކުލުހުޅުން ވާގިދޫވެގެން ދެ ކަކޫ މައްޗަށް ތިރިވެވުނުހިނދު އޭނާވެސް އިވާންގެ ގައިން ދޫކޮށްލުމަކާނުލައި އިވާންއާއެކު ތަޅުންމައްޗަށް ތިރިވި އެވެ. އިވާން ހުރި ކޮންމެ ހާލެއްގައި އިވާންއަށް ހިތްވަރު ދޭން ހުންނާނެ ކަމަށް ވައުދުވާ ފަދައިންނެވެ.
- ނުނިމޭ -
Comment