ލަސް ފިޔަވަޅުތަކެއްގައި ގޮސް އެ ގެ ހުންނަ މަގުގެ އަނެއް ފަރާތުގައި ހުއްޓިލަމުން އިވާން އެ ގޭގެ ތިންވަނަ ފަންގިފިލާއަށް ބަލައިލި އެވެ. އޭނާއަށް ކުރެވެން މި އުޅެނީ ރަނގަޅު ކަމެއްބާއޭ ހީވެ ހިސާބެއްގެ ޖެހިލުންވުމެއް އެ ހަރަކާތްތަކަށް ވެރިވި އެވެ. އެހެނަސް އެ ކަން ނުކުރެވި އޮތީތީ އޭނާގެ ސިކުނޑިއަށް އުނދަގޫވަމުންދާތާ އެތައް ދުވަހެއް ވެފައިވުމުން އެންމެފަހުން އިވާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަގުގެ ދެފަރާތް ބަލައިލާފައި އެ ގެއަށް ވަނުމަށް ހިނގައިގަތެވެ. އެ ގެއިން މީހަކު ނުކުތް ވަގުތާ ދިމާކޮށް މައި ދޮރާށިން އެތެރެއަށް ދެމިގަތެވެ. ލިފްޓަށް އެރުމަށްފަހު ގާތްގާތުގައި ހުރި ތިންވަނަ ނަންބަރާއި ހަތަރުވަނަ ނަންބަރުފެނި އޭނާއަށް ހުރެވުނީ ދެހިޔާލެއްގަ އެވެ. ވަގުތު ހަމަވެގެން ދެވަނަ ފަހަރަށް ގްރައުންޑް ފްލޯއަށް ލިފްޓުގެ ދޮރު ހުޅުވުނު އިރުވެސް ކުރާނެ ކަމެއް ނޭނގިފައި ހުރެވުނެވެ. އެހެނަސް އެންމެފަހުން ނޭވާ ހިފަހައްޓައިލުމަށްފަހު ހަތަރުވަނަ ފަންގިފިލާގެ ބަޓަނަށް އޮބައިލި އެވެ.
ލިފްޓުން ފޭބުމަށްފަހު ކަނާތް ފަރާތުގައި ހުންނަ އެޕަރޓްމެންޓްގެ ބެލް އަޅައިލި އިރު އިވާންގެ ހިތް ހީވަނީ މޭފަޅައި ނުކުމެދާނެ ހެނެވެ. އަނެއްކާވެސް ލިފްޓަށް ފިތައިލީ އެ ކުރަން އުޅޭ ކަންތައް ދޫކޮށްލުމަށްފަހު އެތަނުން ދާށެވެ. އެހެނަސް ލިފްޓުގެ ދޮރަށްވުރެ ކުރިން އެ އެޕަރޓްމެންޓްގެ ދޮރު ހުޅުވުމާއެކު އިވާންއަށް ދެން އެ ކަންތަކާ ކުރިމަތިލާން މަޖުބޫރުވި އެވެ. ޖެހިލުންވެފައި ހުށްޓެއްކަމަކު އިވާން އެ ދޮރު ހުޅުވައިލި މެދު އުމުރުގެ އަންހެން މީހާއަށް ހިނިތުންވެލި އެވެ. ނަމަވެސް އެ ހިނިތުންވުމުގެ ބަދަލުގައި އެ އަންހެންމީހާ އިވާންއާ ބަދަލުކޮށްލީ ބީރަށްޓެހި ނަޒަރެކެވެ.
"ކާކު ހޯދަން؟ މައިޝާނެއް މިހާރަކު ނޫޅޭ މި ގެއަކު.." ޒީނިޔާ ރުންކުރުކަމާއެކު ބުނެލި އެވެ. އިވާންގެ ސިފައަށް ބަލައިލުމަށްފަހު އެއީ މައިޝާންގެ އެކުވެރިއެއްކަމުގައި ގޮތް ނިންމާކަށް ސިކުންތެއްވެސް ނުނެގި އެވެ.
"މިއީ.. މައިރާއާ ބައްދަލު ކޮށްލެވިދާނެ ތޯ؟" ޒީނިޔާ ދޮރުން އެތެރެއަށް ދެމިގަތުމުގެ ކުރިން އިވާން އަވަސްއަރުވާލާފައި ބުންޏެވެ. އެއާއެކު ޒީނިޔާ ދެލޯ ހަނިކޮށްލަމުން އިވާންގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގައިލި އެވެ. އެ ބެލުމުން އެކަނިވެސް މައިރާގެ "އެފަދަ" ރައްޓެއްސެއް ނުހުންނާނޭ ބުނެދޭން އުޅޭ ކަހަލަ އެވެ.
"ޒިންނޫ.. ކާކުތަ؟" ކާމޭޒުދޮށުގައި ހުކުރު ދުވަހުގެ ކެއުމަށް އިންސާފު ކުރަމުންދިޔަ މުރުޝިދު ގޮވައިލި އަޑު އިވުނެވެ.
"މައިރާ ހޯދަން އައި މީހެއް" ޒީނިޔާ ޖަވާބު ދިނެވެ.
"އެހެންތަ؟ ގެނެސްބަލަ" މުރުޝިދު ބުންޏެވެ. އެއާއެކު ޒީނިޔާ ލޮލުގެ އިޝާރާތުން އިވާންގާތު އެތެރެއަށް ވަނުމަށް ބުންޏެވެ.
އޭނާއާ ވާހަކަ ދައްކަމުން މި ދަނީ މައިރާގެ މަންމައާއި ބައްޕަކަން ނޭނގޭހާ އޭނާގެ ސިކުނޑި ކޮށްޓެއް ނޫނެވެ. އެކަމުން އަސަރެއް ނުކުރާކަށް ހިތަށް ވިސްނައިދޭން އުޅުނަސް އޭނާ ދިޔައީ އިންތިހާއަށް ހާސްވަމުންނެވެ. އެކަން ފޮރުވައިލުމަށްޓަކައި ލޮނު ދާހިއްލަމުން ދިޔަ ދެ އަތް ފަޓުލޫނުގައި ފޮހެލުމަށްފަހު އިވާން އެތެރެއަށް ހިނގައިގަތެވެ.
ދޮރުން އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު މުރުޝިދުވެސް އިވާންއާ ދޭތެރޭ ކަންތައްކުރީ ހަމަ ޒީނިޔާއެކޭ އެއްފަދައިންނެވެ. ބުމަ ގޮށްޖަހާލައިގެން އިނދެ އިވާންގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގައިލި އެވެ. ނަމަވެސް ޒީނިޔާއާ ހިލާފަށް މުރުޝިދުގެ ނަޒަރު އިވާންގެ ދެލޮލާ އަރައި ހަމަކޮށްލި އިރު އޭނާ އިވާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ.
'ކޮން ކުއްޖެއް؟" މުރުޝިދު އެ ހިނިތުންވުމުގައި އިނދެ ސަމްސަލުން އަތް ދޫކޮށްލަމުން އަހައިލި އެވެ.
"އައްސަލާމް އަލައިކުމް.. އަޅުގަނޑަށް ކިޔަނީ އިވާން" އިވާން ކުރިއަށް ޖެހިލައި މުރުޝިދަށް ސަލާމުގެ އަތެއް ދިއްކޮށްލި އެވެ. ހިސާބަކަށް ފިނިވެފައި ހުރި ނަމަވެސް ފުލުހުންގެ ތަމްރީނުތަކުގައި އޭނާއަށް ލިބިފައިވާ ތަޖުރިބާގެ އެހީގައި އަޑަށް ސާބިތުކަން ވެރިކޮށްލި އެވެ.
"ވައަލައިކުމުއްސަލާމް.. މައިރާވެއްޖެ އެތެރޭގަ. ރޭ ފަތިހުއްސުރެން ކުޑަކޮށް ބަލިވެ އުޅެނީ. ޒީނިޔާ އަޅެ ބަލާލަބަ ހޭލާ އުޅޭތޯ" އިވާންގެ ސަލާން ރައްދުކޮށްލުމަށްފަހު މުރުޝިދު ވާހަކަ ދެއްކީ ޒީނިޔާއާ އެވެ.
"ދެންމެ ޖޫސްދީފަ މި ނުކުތީ. މައި އެބަ އުޅޭ ހޭލާ.. އާދޭ" މައިރާގެ ކޮޓަރީގެ ދޮރުން އެތެރެއަށް ކުޑަކޮށް ބޯ ދިއްކޮށްލުމަށްފަހު ޒީނިޔާ އިވާންއަށް ގޮވައިލި އެވެ. އިވާން ހިނގައިގަތީ އެ ހިސާބުންނެވެ.
"މަންމާ!! ދެން ނެޑްގާތު ބުނޭ މިއަދު ބޭރަކަށް ނުނިކުމެވޭނޭ" އިވާން ކޮޓަރީގެ ދޮރާ އަރައި ހަމަވި ވަގުތު މައިރާ ބޮޑާ ހާކައިލި އަޑު އިވުނެވެ.
"ނަދާލްއެއް ނޫނޭ ދަރިފުޅާ.. ދަރިފުޅު ހޯދަން އައި ރައްޓެއްސެއް.." މައިރާއާ ވާހަކަދެއްކިއިރު ޒީނިޔާގެ އަޑުގައި ހިތްހެޔޮކަން ހުއްޓެއްކަމަކު އެ މޫނުމަތީގައި އުފާވެރިކަމެއް ނެތެވެ. މައިޝާން އެގެއިން ދިޔައިއްސުރެ އޭނާ ހުންނަނީ ހިނިތުންވެލަންވެސް ހަނދާން ނެތިފަ އެވެ.
"ދެން ހުކުރު ދުވަހު ކާ-" މައިރާގެ ސުވާލު ފުރިހަމަނުކޮށް ދޫކޮށްލީ ޒީނިޔާގެ ފަހަތުން ކޮޓަރި ތެރެއަށް ފިޔަވަޅު އަޅައިލި އިވާން ފެނުމުންނެވެ. "އި.. އިވާން؟" އޭނާއަށް ލިބުނު ހައިރާންކަން އެ އަޑުން ފާޅުވި އެވެ. ކުއްލިއަކަށް ގައިމަތީގައި އޮތް ރަޖާ އެއްލައިލުމަށްފަހު އެނދުން ތެދުވެލި އެވެ. އާންމުކޮށް ގޭތެރޭގައި ލައިއުޅޭފަދަ އާދައިގެ ޓީޝާޓަކާއި ފަލަމަސްގަނޑާ ހަމައަށް އަންނަ ކުރު ސޯޓެއްގައި ހުރުމުން މައިރާގެ ދެފައި ކަޝްފުވެގެންދިޔަ މަންޒަރުފެނި އިވާންއަށް އިސްޖަހައިލެވުނު ނަމަވެސް މައިރާގެ އިތުރުން ޒީނިޔާއަކަށްވެސް އެއީ މާ ބޮޑު ކަމަކަށް ނުވި އެވެ. މައިރާގެ އުޅުމުގައި އެފަދަ ކަންކަމާމެދު ފަރުވާކުޑައީ މައިރާ ތަރުބިއްޔަތުވެފައިވާ ގޮތުންކަން އިވާންއަށް ވަގުތުން ނަގައިގަނެވުނެވެ.
"މޯމް އިޓްސް އޯކޭ.. ޔޫ ކޭން ލީވް އަސް" މައިރާއަށް އަދިވެސް ލިބިފައިހުރި ޝޮކުން އަރައި ނުގަނެވެ އެވެ. ނަމަވެސް އިވާންއާ ވަކިން ވާހަކަދައްކައިލުމުގެ ފުރުސަތު ހޯދުމަށްޓަކައި ޒީނިޔާ އެތަނުން ފޮނުވައިލި އެވެ.
ޒީނިޔާ އެއްފަހަރު އިވާންއަށް އަނެއްފަހަރު މައިރާއަށް ބަލައިލުމަށްފަހު ކޮޓަރިން ނުކުތެވެ. އެއާއެކު މައިރާ ކޮޓަރީގެ ދޮރުފަތް ލައްޕައިލަން އުޅުނެވެ. އެކަމަށް ހުއްޓުވީ އިވާން އެވެ. މައިރާއަށް އެއީ ކިތަންމެ އާދައިގެ ކަމެއްހެން ހީވިޔަސް މައިރާގެ މައިންބަފައިން ބޭރުގައި ތިއްބައި އެފަދަ ގޮތަކަށް އެ ކޮޓަރީގެ ދޮރު ލައްޕާކަށް އިވާންއަކަށް ނުކެރުނެވެ. މައިރާ "މައްސަލައެއް ނެތޭ" ބުނާ ފަދައިން ކޮނޑު އަރުވައިލި އެވެ. ދޮރު އެއްކޮށް ލެއްޕުމުގެ ބަދަލުގައި ކުޑަކޮށް ކައިރި ކޮށްލުމަށްފަހު އައިސް އެއްފައި މައްޗަށް އަނެއްފައި ހުރަސްކޮށްލަމުން އެނދުގައި އިށީނެވެ. އެ ހަރަކާތުން އެކަނިވެސް އިވާންގެ ސަމާލުކަން ކަސިޔާރުވެ، ފަޅި ސިކުންތަކަށް އޭނާގެ ދެލޯ މައިރާގެ ރީތި ފަޔަށް ހުއްޓިގެންދިޔަ އެވެ. އޭނާއަށް ނޭނގުނީ އެއީ އޭނާގެ އިހުސާސްތަކާ ކުޅެލަން މައިރާ ބޭނުންކޮށްލި މޮޅު އުކުޅެއްކަމެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ހިނދު މައިރާގެ ބެލުމުގައިވި ލާނެތްކަން ފެނި އިވާންއަށް ހޭވެރިކަމެއް ލިބުނުފަދަ އެވެ.
"އެހެމް.. ކި.. ކިހިނެއް މިހާރު؟" އިވާން އަވަސްއަވަހަށް ދުރަށް މޫނު އަނބުރައިލި އެވެ.
"މިހާރު އޯކޭ. އާދެބަ މިތާ އިށީންނަން" އެނދުގައި އޭނާއާ ޖެހިގެންއޮތް ޖާގައަށް އިޝާރާތް ކޮށްލަމުން މައިރާ ބުންޏެވެ.
"އިށީންނާކަށް ނޫނޭ މި އައީ.. މައިރާގާތަކަށްވެސް ނޫން. އަހަރެން ކޮންމެހެން ބައްދަލުކުރަން ބޭނުންވާ އެހެން މީހަކު މިގޭގަ އުޅޭތީ" އިވާން އާދައިގެ ރާގެއްގައި ބުނެލި އެވެ.
"އަހަރެންނަށް ހެޔޮ އިވާން ލީންއާ ބައްދަލުކުރަން އަޔަސް.. މިހާރު އިވާން ތިހިރީ އަހަރެންގާތު.. އަހަރެންގެ ކޮޓަރީގަ" މައިރާ ލަސް ފިޔަވަޅުތަކެއްގައި އައިސް އިވާންގާތު ހުއްޓިލި އެވެ. "ޔޯރ ހާޓް ހޭޒް ބްރޯޓް ޔޫ ޓު މީ" އެ ދެމީހުންވެސް ވާހަކަ ދައްކަމުންދިޔައީ ހުޅުވާލައިފައިހުރި ދޮރުން ބޭރަށް އަޑު ނުފޯރާނެހާ މަޑުންނެވެ.
"ރޯންގް.." އިވާންގެ މޭގައި ފިރުމައިލުމަށްޓަކައި މައިރާ ހިއްލައިލި އަތުގައި އިވާން ހިފެހެއްޓި އެވެ. "އަހަރެން މި އައީ ލީންއާ ބައްދަލު ކުރާކަށްވެސް ނޫން" މިފަހަރު އިވާން ދިން ޖަވާބާއެކު މައިރާގެ ނިތަށް ސުވާލުގެ ރޫތަކެއް ޖަމާވެގަތެވެ.
"ވަގުތު ޖެހުނީމަ އަހަރެން ލީންއާވެސް ބައްދަލު ކުރާނަން.. މިފަހަރު އަހަރެން މިއައީ މަލަކްއާ ބައްދަލުކުރަން ވެގެން. އެ ހާދިސާގެ ފަހުން އަހަރެން ކުރަން ބޭނުންވެފަ، އެކި ސަބަބުތަކާ ހެދި ނުކުރެފަ އޮތް ކަމެއް މިއީ.. އެހެންވެ މި އައީ.. މަލަކްއާ ބައްދަލުކޮށްލަން އަހަރެން ގެންގޮސްދެވިދާނެތަ؟" މައިރާގާތަށް އިވާން އަންނަން ޖެހުނު ހަގީގީ ސަބަބު އޮޅުން ފިލުވައިދިނެވެ. މައިރާގެ މޫނުމަތި ވަގުތުން މިލައިގެން ދިޔަ އެވެ. ސަބަބަކާނުލައި އިވާން އޭނާ ދެކިލަން އައީ ކަމުގައި ކުރި އުއްމީދު ދޮގަކަށް ވީތީ ހިތަށް މާޔޫސްކަން ލިބުނެވެ.
"މަލް އުޅެނީ އެންމެ މަތީ ފްލޯރގަ. މިހާރު ބޭސްކުރާތީ ކުޑަކޮށް ރަނގަޅު. ކުޑާއްތައަށް ގުޅާފަ އެބަ އަންގާލަން މީހަކު ބައްދަލުކުރަން ދާ ވާހަކަ.." މައިރާ އެނދުމަތިން ނެގި ފޯނު ހުޅުވައިލި އެވެ. އެވަގުތު އިވާން އެކަން މަނާކުރަމުން މައިރާގެ އަތުގައި ހިފެހެއްޓި އެވެ.
"އަހަރެންނާއެކު ނުދެވޭނެތަ؟" އިވާން އަހައިލި އެވެ. ހަމަގައިމުވެސް މަލަކްގެ އާއިލާ ވާނީ އޭނާއާ މުޅިން ބީރައްރެހި އާއިލާއަކަށެވެ. ދަންނަ މޫނެއް ހުރުމުން އޭނާއަށްވެސް ލިބޭނެ ހާސްކަން ކުޑަވާނެ އެވެ. އެއީ އަދި މައިރާ ކަމުގައިވިޔަސްމެ އެވެ.
"ނޯ.. އައި މީން އޯކޭ.. ހިނގާ" މައިރާ އެއްބަސްވި އެވެ. "މަންމާ.. އެބަ އަންނަން މަލް ގާތަށް ގޮސްލާފަ" ކޮޓަރިން ނުކުމެ އޭނާ ޒީނިޔާއަށް ގޮވައިލި އެވެ. އެއަށްފަހު ދޮރުން ނުކުތުމަށް ހިނގައިގަތް ހިނދު އިވާންއަށް މައިރާގެ އަތުގައި ހިފެހެއްޓުނީ ބޭ އިޙްތިޔާރުގަ އެވެ.
"ވެއިޓް.. ތި.. ތި ހުރިގޮތަށްތަ ދަނީ؟" އަހަން ނާހަން ހުރެފައި ކަހަލަ ގޮތަކަށް އިވާންއަށް އަހައިލެވުނެވެ. މިހާރު އޭނާއަށް މައިރާގެ މައްޗަށް އެއްވެސް ހައްގެއް ނެތްކަން އެނގޭއިރުވެސް މައިރާ އެފަދަ ގޮތަކަށްހުރެ ބޭރަށް ނުކުންނަން އޭނާގެ ހިތެއް ނުރުހުނެވެ.
މައިރާ އިސްޖަހައިލަމުން ލައިގެންހުރި ހެދުމަށް ބަލައިލި އެވެ. އޭނާއަށް އެ ހެދުމުން މައްސަލައެއް ނުފެނުމުން އެއްޗެއް ބުނެލާނަމޭ ހިތައި އަނގަ ހުޅުވައިލި ހިނދު އިވާން ދެން ބުނެލި ޖުމްލައިން މައިރާގެ ދުލުގައި ތަޅެއް އެޅުވުނެވެ. "ވެއަރ ސަމްތިންގް ޕްރޮޕަރ" ހަނދާނަށް އައީ އިވާންއާ އެންމެ ފުރަތަމަ ދިމާވި ދުވަހާއި، މަސްދަތުރު ދިޔަ ދުވަހުވެސް އިވާން އޭނާއާ ދިމާލަށް އެ ޖުމްލަ ބުނެލި ގޮތެވެ. އިވާން އެ ޒާތަށް އޭނާގެ ހެދުމަށް ފާޑުކިޔުމުން އެދުވަހު އޭނާ އިވާންދެކެ ކިހާ ރުޅިއައި ހެއްޔެވެ؟ ނަމަވެސް އެދުވަހު އިވާން އެ ނަސޭހަތް ދިނީ އޭނާއަށް ރަނގަޅަކަށްކަން މައިރާއަށް އެނގުނީ ދަތުރުގައި ބައިވެރިވި ބައެއް ފިރިހެނުންގެ ނޭދެވޭ ބެލުންތަކުގެ އަމާޒުފަތްގަނޑަކަށް އޭނާ ވެގެންދިޔަ ހިސާބުންނެވެ.
"މައިރާ ކީއްވެތަ އަހަރެން ބުނާބަސް ނާހަނީ؟"
އެ ދުވަހު މައިރާގެ އުނަގަނޑުގައި އިވާންގެ ޓީޝާޓު އައްސައިލައިދެމުން ކަންފަތް ދޮށުގައި ބުނެލި ޖުމްލަ މައިރާއަށް އިވިގެންދިޔައީ ދެންމެ ދެންމެ ބުނެލި ޖުމްލައެއް ހެނެވެ. އެ ހަނދާންތަކުން މައިރާގެ ތުންފަތަށް ހިތި ހިނިތުންވުމެއް ވެރިވި އެވެ.
"އެބަ އަންނަން ޗޭންޖް ކޮށްލައިގެން" އިވާންއާ ޖަދަލު ކުރުމުގެ ބަދަލުގައި އޭނާ ގޮތް ދޫކޮށްފައިގޮސް ކޮޓަރިއަށް ވަނެވެ. އޭގެ އިރުކޮޅެއް ފަހުން މައިރާ ނުކުމެގެން އައިއިރު ކުރިން ލައިގެންހުރި ސޯޓުގެ ބަދަލުގައި ދޫކޮށްހުރި ޑެނިމް ޖީންސަކުން ވަނީ ފައި ފޮރުވައިލެވިފަ އެވެ. އޭނާ އިވާންއާއެކު އެޕަރޓްމެންޓުން ނުކުންނަންދެން މަޑުކޮށްލުމަށްފަހު ސޯފާގައި ހަބަރު ބަލަން އިން މުރުޝިދު ޒީނިޔާއަށް ގޮވައިލި އެވެ.
"ޒީނިޔާ.. މައިރާގެ ކުރިން ނުހުންނަ ރައްޓެއްސެއް ދޯ މިއީ. އަހަރެންނަށް ވަރަށް ކަމުދޭ މި ކުއްޖާ" މުރުޝިދު ބުންޏެވެ.
"އެއީ ކިހިނެއްވީ؟" ކާމޭޒުމަތި ސާފު ކުރުމުގައި އުޅުނު ޒީނިޔާ ރުންކުރު ރާގެއްގައި އަހައިލި އެވެ.
"ޒީނިޔާއަށް ފާހަގަ ނުވޭތަ؟ އެކުއްޖާ ކޮންމެވެސް އެއްޗެކޭ ބުނީމައޭ މައިރާ ހެދުން ބަދަލުކޮށްގެން ބޭރަށް އެ ނުކުތީ.. އަނެއްކާ ކޮޓަރީގަ ވާހަކަ ދައްކަން ތިބިއިރުވެސް ދެކުދިން ތިބީ ދޮރު ކައިރި ކޮށްލައިގެން.. އެއްކޮށް ނުލައްޕާ.. ޒެފަންމެން ކުދިން އައިސްގެން އުޅޭ އިރު ވިސްނާ ނުލާނެ އެކަހަލަ ކަމެއް. އެހެންވެ ބުނަނީ ދޯ މީހަކު ހުންނަ ގޮތަކަށް ބަލާލާފަ އެމީހެއްގެ އަހުލާގެއް ނޭނގޭނެއޭ. އެ ސޮރާއެކު އުޅެންޏާ މައިރާގެ އުޅުންވެސް ރަނގަޅުވާނެހެން އަހަރެންނަށް ހީވަނީ" މުރުޝިދު އަނެއްކާވެސް އޭނާގެ ސަމާލުކަން ޓީވީއަށް އަނބުރައިލި އެވެ. ކޮންމެއަކަސް މައިރާގެ ރަޙްމަތްތެރިއެއްގެ ހައިސިއްޔަތުން އޭނާއަށް އިވާން ވަރަށް ކަމުގޮސްފި އެވެ.
--------
"ޕިސް. އަޅެ މި މަލްމެން ފްލޯރގަ ސްޓަކްވިގޮތަށް ނުވެސް އައޭ" މިނެޓެއްހާއިރު ފާއިތުވެ ދިޔައިރުވެސް ލިފްޓު އެ ފަންގިފިލާއާ ހަމައަށް ނައުމުން މައިރާއަށް ޗޮކެއް ކަނޑައިލެވުނެވެ.
"ސިޑިން ނުދެވޭނެތަ؟ ކިތައް ފްލޯރ؟" އިވާން ސުވާލުކޮށްލި އެވެ.
"ދެ ފްލޯރ.. ސިޑިން ދޯ ދާނީ" މައިރާ އިވާންއަށްވުރެ ކުރިން ސިޑިން މައްޗަށް އަރަން ފެށި އެވެ. މަލަކްއާއި އިވާންގެ ބައްދަލުވުން ދާނެގޮތާމެދު އޭނާވެސް ވަނީ ޝައުގުވެރިވެފަ އެވެ. ފަހަރުގައި މަލަކްގެ ހާލަތު އެނގުމަށްފަހު އޭނާއަށް އެފަދަ ގޮތަކަށް އިވާންއާމެދު ކަންތައް ކުރެވުނު ސަބަބު އިވާންއަށްވެސް ވިސްނިދާނެ އެވެ. އޭނާއަށް މަޢާފުކުރަން އިވާންއަށް ފަސޭހަވެދާނެ އެވެ.
އެފަދަ ހިޔާލުތަކެއްގައިހުރެ، ނުވިސްނައި ސިޑިން އަރަމުންދަނިކޮށް މައިރާގެ ފައި ކައްސައިލައިފި އެވެ. ކުރީދުވަހު ދިމާވި އެކްސިޑެންޓްގެ ސަބަބުން ލިބުނު އަނިޔާތަކުން އަދިވެސް މީހާ ހަމައަކަށް ނޭޅޭތީއާއެކު މައިރާއަށް އޭނާގެ ހަށިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ފަހަތުންއައި އިވާން އޭނާގެ އުނަގަނޑުގައި އަތް އަޅުވައިލުމަށްފަހު ހަށިގަނޑު ސީދާ ނުކޮށްލިނަމަ ވެއްޓުނީސްކަން ގައިމެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ހިނގައިދިޔަ އެ ކަންތަކުން ލިބުނު ސިހުމުގައި މައިރާއަށްވެސް އިވާންގެ ކޮނޑުގައި އަތް އަޅުވައިލެވުނެވެ.
"ތަންކޮޅެއް ބަލާލައިގެން އުޅެންވެއްޖެ އެއްނު. ސައިކަލަކަށް އެރިޔަސް، ކަނޑުމައްޗަށް އެރިޔަސް، ފުރާޅަކަށް އެރިޔަސް، ސިޑިއަކުން އެރިޔަސް... އަނިޔާއެއް ނުވާ ގޮތަކަށް ނޫޅެވޭ ދޯ.. އަހަރެންނަކަށް އަބަދު މައިރާ ސަލާމަތްކުރާކަށް ނާދެވޭނެއެއްނު" އިވާންގެ ވާހަކަތައް ހުރީ މީގެ ކުރިންވެސް މައިރާއަށް އިވިފައިވާ މޭރުމަކުންނެވެ. އެއީ އެ ރަށުގައި އުޅުނު އިރުވެސް ސިޑިމަތިން ވެއްޓެންދިޔަ ދުވަހަކު އިވާން އޭނާގާތު ދައްކާފައިވާ ވާހަކަތަކެކެވެ. ތަފާތަކީ އެދުވަހު އެ އަޑުގައިވި އޯގާތެރިކަމާ ހިލާފަށް މިއަދު އެ އަޑުގައިވާ ހަރުކަށިކަމެވެ.
މައިރާއަށް ކުރި އަސަރާއެކު އިވާންގެ ގައިން ދޫކޮށްލުމަށްފަހު ބަހަކުން ބަހެއް ބުނެނުލައި އަނެއްކާވެސް ސިޑިން އަރަން ފެށްޓެވެ. މަލަކްމެން އުޅޭ ފަންގިފިލާއަށް އާދެވުނު އިރު ޒުހޫރު ލިފްޓުގެ ދޮރުފަތުގައި ހިފަހައްޓައިގެން ފޯނެއްގައި ހުރިތަން ފެނި މައިރާއަށް ބޯ ހޫރައިލެވުނެވެ.
"ޕިސް ޕިސް އަޅޭ.. ބޭބެ ދޯ ލިފްޓް ހިފަހައްޓައިގެން މި އުޅެނީ.." ޒުހޫރުގެ ކޯލު ކުރުކޮށްލި ވަގުތު މައިރާ ބުނެލި އެވެ.
"ހަހަ.. ބޭބެ މިއީ މުހިއްމު ކޯލެއް އައިމަ ފޯނުން ނެޓްވޯކް ގެއްލިދާނެތީ މަޑުކޮށްލީ.. މިއީ ކޮން ކުއްޖެއްތަ؟" ފަހަތުން އައި އިވާންއަށް އިޝާރާތްކޮށްލަމުން ޒުހޫރު އެއްސެވެ.
"މިއީ މަލްއާ މީޓްކޮށްލަން އައި ކުއްޖެއް.. ކުޑާއްތަ އެބަ އުޅޭ ދޯ؟" މައިރާގެ ޖަވާބާއެކު ޒުހޫރުގެ ތުންފަތުގައިވި ހިނިތުންވުން ފިލައިދިޔަ އެވެ.
"މަލްއޭ؟" ޒުހޫރަށް ލިބުނީ ހައިރާންކަމެކެވެ. މަލަކް އެ ހާލުގައި އިންނަތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ދުވަހަކުވެސް މަލަކްގެ ފިރިހެން ރައްޓެއްސެއް މަލަކްގެ ހާލު ބަލައިލަން އައިސްފައެއްނުވެ އެވެ. ނުވިތާކަށް މަލަކްގެ ފިރިހެން ރައްޓެއްސަކު ހުންނަކަމީވެސް އެމީހުންނަށް އެނގޭ ކަމެއް ނޫނެވެ. "ކުޑާއްތަވެސް އެބަ އުޅޭ.. ހިނގާބަލަ އެތެރެއަށް.. ބޭބެވެސް ދާނަން" ބޭރަށް ދާން އުޅެފައިވެސް އޭނާގެ ހިޔާލު ބަދަލުވެ ލިފްޓުން ނުކުތެވެ.
"ކުޑާއްތާ.. މިހިރީ މަލްއާ މީޓްކޮށްލަން އައިސް މީހެއް" ޒުހޫރާއެކު އިވާން ގޮވައިގެން އެޕަރޓްމެންޓަށް ވަންނަމުން މައިރާ ގޮވައިލި އެވެ. އެ އަޑަށް ކާމޭޒުދޮށުގައި ތިބި މާޒިޔާއާއި މަލަކްގެ މޫނުތައް އެދިމާލަށް އެނބުރުނެވެ. މާޒިޔާއަށް މައިރާމެން ފެނުމާއެކު ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އެދިމާލަށް ހިނގައިގަތް ނަމަވެސް މަލަކް އަދިވެސް އެއްވެސް އަސަރެއް ނެތް ބެލުމަކުން އެމީހުންނަށް ބަލަހައްޓައިގެން އިނީ އެވެ. ދެން ފެނުނީ އެހެން އިނދެފައި އިސްޖަހައިލަމުން ދެލޯ މަރައިލިތަނެވެ.
މައިރާއާއެކު އެ ގެއަށް އެ ވަނީ އިދާންކަން ގަބޫލުކުރާކަށް މަލަކް ބޭނުމެއްނުވި އެވެ. މިދިޔަ އަހަރެއްހާ ދުވަސްތެރޭ އެފަދަ ގޮތަކަށް އިދާންގެ މޫނު އޭނާއަށް އެ ފެނުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެ އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރެއްވެސް ވެފައިވަނީ ބިލާހަކަށެވެ. އެހެންކަމުން އޭނާއަށް މީހުންގެ ސިފަ އޭގެ އަސްލާ މުޅީން ތަފާތުކޮށް ފެނިދާނޭކަން މަލަކްއަށް އެނގެ އެވެ. އެކި ޑަކްޓަރުންނާއެކު ކުރެވުނު މަސައްކަތުން އޭނާއަށް ވަނީ އޭނާގެ ބަލި ކޮންމެވެސް ވަރަކަށް ދެނެގަނެވިފަ އެވެ. މަލަކްއަށް ނިންމުނީ މިފަހަރުވެސް އޭނާއަށް ފެންނަމުންދިޔައީ ބިލާހެއްކަމުގަ އެވެ.
މާޒިޔާއާ ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު އިވާންއާއި މައިރާގޮސް ކާމޭޒުދޮށުގައި އިށީނެވެ. މައިރާ މަލަކްއަށް ގޮވައިލައި އިވާން ތަޢާރަފުކޮށްދޭން އުޅުނު ނަމަވެސް އޭނާއަށްވުރެ ކުރިން އިވާން މަލަކްއަށް ގޮވައިލައިފި އެވެ.
"މަލަކް.."
މަލަކްގެ މެރިފައިވާ ދެލޯ އިތުރަށް ތަގުޅިކޮށްލި އެވެ. އެއީ ހަމަ އެ އަޑެވެ. އިދާންގެ އަޑެވެ. އެހެނެއްކަމަކު ދެންވެސް އެއީ އިދާންކަން ގަބޫލުކުރަން މަލަކް ފަސްޖެހުނެވެ. އިވާން އަނެއްކާވެސް ގޮވައިލުމާއެކު މަލަކް ބޯ ހޫރައިލީ އެއީ އޭނާގެ އިދާންއެއް ނޫންކަން އަމިއްލަ ހިތަށް ވިސްނައިދޭން އުޅޭ ފަދައަކުންނެވެ.
"މަލް.. މަލްއާ މީޓްކޮށްލާށޭ އެ އައީ" މަލަކްގެ އަތުގައި ހިފައިލަމުން މައިރާ ގޮވައިލުމާއެކު މަލަކްއަށް ދެލޯ ހުޅުވައިލަން މަޖުބޫރުވި އެވެ. އެހިނދު އެ ދެލޮލުގައި ބޮނޑިވެފައިވި ކަރުނަތައް ފެނި އިވާންއާއި މައިރާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.
"ހެއި.. އަމްމް.. އަރ ޔޫ އޯކޭ؟" އިވާންއަށް ކަންބޮޑުވެފައި އަހައިލެވުނެވެ.
އިވާންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި މަލަކް އިންތަނުން ތެދުވެ މޭޒުގެ އަނެއް ފަރާތަށް ހިނގައިގަތެވެ. އިވާންއާއި މައިރާގެ ގާތަށެވެ. އެއާއެކު އިވާންއާއި މައިރާވެސް ގޮނޑިން ތެދުވެލި އެވެ. މަލަކް އެ ދިޔަގޮތަށްގޮސް ހުއްޓިލީ ސީދާގެ އިވާންގެ ކުރިމައްޗަށެވެ. ތުރުތުރު އަޅަމުންދިޔަ ދެއަތުން އޭނާ އިވާންގެ މޫނުގައި ފިރުމަންފެށީ އެއީ އޭނާގެ އިދާންތޯ ޔަގީންކުރުމުގެ ގޮތުން ކަހަލަ އެވެ. އެކަމުން އިވާންއެކޭ އެއްފަދައިން މައިރާއަށްވެސް ޒާތެއްގެ އުނދަގުލެއްވި އެވެ. ނަމަވެސް އެ ދެމީހުންވެސް އެކަން މޫނުމަތިން ނުދައްކައި ސިއްރުކޮށްލި އެވެ. މައިރާ މޭމަތިން ދެއަތް ހުރަސްކޮށްލަމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއިރު، މަންޒަރު ބަލަންތިބި މާޒިޔާއާއި ޒުހޫރުގެ މޫނުމަތީގައިވެސް ވަނީ ސުވާލުމާކު ޖެހިފަ އެވެ.
"ދް..ދާން؟" މަލަކްގެ އަޑު ކުރެހުނެވެ. އެ ދެލޮލަށް ގިނަވެފައިހުރި ކަރުނަތިކިތައް އިންޒާރަކާނުލައި ކޯތާފަތް މައްޗަށް ފައިބައިގަތެވެ. އޭނާއަށް އެއީ އޭނާގެ އިދާންކަން ޔަގީން ކުރެވުނީ އެވެ. މަލަކް ގިސްލަގިސްލާފައި ރޮއިގަންނަމުން އިވާންގެ ގައިގައި ބާރަށް ބައްދައިލި އެވެ. އިވާން ވަގުތުން ހުއްޓުމަކަށް އައެވެ. މަލަކްގެ ހާލަތު ހުރިގޮތުން ގަޔާ ދުރުކޮށްލަންވެސް ނުކެރި ގަނޑުވެފައި ހުރެވުނީ އެވެ. މާޒިޔާއަށް ލިބުނު ސިހުމުގައި އަނގަމަތީގައި އަތް އަޅައިލެވުނުއިރު ޒުހޫރު އަވަސްވެގަތީ ހިނގައިގެން އުޅޭ ކަންތައްގަނޑުގެ ވާހަކަ ނަދާލްއަށް އެނގުމަށެވެ. އޭނާ ފޯނު ކަންފަތުގައި ޖަހަމުން އެޕަރޓްމެންޓުން ނުކުތެވެ.
މައިރާއަށް ހީވީ އޭނާގެ ހިތް މޭތެރޭގައި ފިތިގެން ދިޔަހެނެވެ. އޭނާއަށް ކުރެވުނުހާވެސް ކަމަކީ މޭމަތިން ހުރަސްކޮށްލި ދެއަތް ތިރިކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލުމެވެ. ކަންތައްތައް ވެގެން މި ދިޔައީ އެއްވެސް ހާލެއްގައި އޭނާ އުއްމީދުކުރި ގޮތަކަށް ނޫނެވެ. އޭނާއަށް އިވާންއަށް ބަލައިލެވުނުއިރު އިވާންގެ ދެލޯވެސް ވަނީ އޭނާއާ ސީދާވެފަ އެވެ. ހިނގަމުން މިދާ ކަންތަކުގެ ސަބަބުން އިވާންއަށްވެސް ނުތަނަވަސްކަމެއް ލިބެމުންދާކަށް އެ ދެލޮލުން ހާމަވާން ހުއްޓެވެ.
މަލަކްގެ ރުއިން ހުއްޓައިނުލައި މާ ގިނައިރުވާން ފެށުމުން އިވާން ދެއަތް ހިއްލައިލައި މަލަކްގެ ކޮނޑުގައި ފިރުމައިލި އެވެ. އެއަށްފަހު ލަސްލަހުން މަލަކް އޭނާގެ ގަޔާ ދުރުކޮށްލި އެވެ.
"ކީ.. ކީއްވެ.. އެހާ ލަސްވީ.. ކީއްވެ މަލް.. ހޯދަން ނައީ؟" މަލަކްގެ ހިތުގައި އިދާންއާމެދު އުފެދިފައިވާ ހުރިހާ ޝަކުވާއެއް އިވާންގެ ކުރިމަތީގައި ބަންޑުންކޮށްލި އެވެ. "ކީއް.. ކީއްވެ މަލް.. އެކަނި ކޮށްލީ..؟ ދާން.. ދާންއަށް އެނގޭތަ؟.. އެނގޭތަ މަލްއަށް.. މަލްއަށް ވީ ގޮތް؟" މަލަކް ރޮމުން ރޮމުން އަނެއްކާވެސް އިވާންގެ މޭގައި މޫނު ފޮރުވައިލި އެވެ. އިވާން އަނެއްކާވެސް ދެ ހިޔާލެއްގައި ހުރުމަށްފަހު މަލަކް އޭނާގެ ގަޔާ ދުރުކޮށްލި އެވެ.
"މަލް.. މަލަކްއަށް ތި ހީކުރެވެނީ އަދި ރަނގަޅަކަށް ނޫން.. އަހަރެން-"
"މަލް ދޫކޮށްލާފަ ދާކަށް ނޫނޭ ދާނު ހުރީ.. ހީ ހޭޑް ނޯ ޗޮއިސް.." އިވާންގެ ވާހަކަ މެދުކަނޑައިލަމުން މަލަކްގެ ގައިގައި ހިފަހައްޓައިލީ މައިރާ އެވެ. އެއާއެކު މަލަކް މައިރާއަށް ގޮވައިލަމުން މައިރާގެ ގައިގައި ބައްދައިލި އެވެ.
"ދެން ނުރޮއެ ހުއްޓާލަބަ ދޫނީ" މައިރާގެ ހިތުގައި އުފެދިފައިވާ ހައިޖާނާއެކުވެސް މަލަކް މަސަލަސްކުރެވޭތޯ އުޅުނެވެ. މަލަކްގެ އަޑު މަޑުވަމުންދިޔަ ވަރަކަށް މައިރާގެ ހަށިގަނޑަށް މަލަކްގެ ބަރު އިތުރުވަމުންދާހެން ހީވެ މައިރާއަށް ބުމަ ގޮށްޖަހައިލަމުން މަލަކް އޭނާގެ ގަޔާ ދުރުކޮށްލެވުނެވެ. އޭރު މަލަކްގެ ދެލޯ މެރެމުން ދިޔަތަން ފެނި މައިރާއަށް ހާސްވެފައި އިވާންގެ މޫނަށް ބަލައިލެވުނެވެ.
އިވާންއަށް މަލަކްގެ ގައިގައި ހިފަހައްޓައިލެވުނީ ހަމަ ކިރިޔާ އެވެ. ހަބަރުހުސްވެގެން މަލަކް އިވާންގެ އަތްދަނޑި މައްޗަށް ވެއްޓިއްޖެ އެވެ. ދުރުގައިހުރި މާޒިޔާ "ދަރިފުޅާ"އޭ ކިޔައި އެމީހުންގެ ގާތަށް ދުއްވައިގަތް އިރު ނަދާލް ގޮވައިގެން އައިސް ގެއަށް ވަތް ޒުހޫރު އަވަސްވެގަތީ މަލަކްގެ ޑަކްޓަރަށް ފޯނު ކުރުމަށެވެ. މައިރާގެ އިރުޝާދާއެކު އިވާން މަލަކް ގެންގޮސް ކޮޓަރީގެ އެނދުގައި ބާއްވައިލުމަށްފަހު ނުކުތްއިރު މާޒިޔާ މަލަކްގެ ހާލާމެދު ކަންބޮޑުވެ ރޮއެލަ ރޮއެލައި އިނެވެ.
"ޑޮކްޓަރު ބުނީ ވަރަށް ކައިރީގައޯ. އެބަ އާދޭ" އެއްފަހަރު މައިރާއަށް އަނެއްފަހަރު އިވާންއަށް ބަލައިލަމުން ޒުހޫރު ވާހަކަދެއްކި އެވެ.
"އަހަރެން މަޑުކޮށްލާނަން މަލަކް އޯކޭ ވެލަންދެން" އިވާން ބުންޏެވެ. މައިރާ އިވާންއަށް ބޯ ޖަހައިލުމަށްފަހު އެތަނުން ނުކުންނަން ހިނގައިގަތެވެ.
"މައި.. ކޮންތާކަށް؟" އިވާންގެ ދުލުކުރީގައި އޮތް ސުވާލު ކޮށްލީ އެތަނުގައިހުރި ނަދާލް އެވެ.
"ޓެރަހުގަ މަޑުކޮށްލަން މި ދަނީ.. މަލް އޯކޭވީމަ ބުނެލައްޗޭ.. އައި ނީޑް ސަމް ފްރެޝް އެއަރ" މައިރާ ބުނެލި އެވެ.
މައިރާ ދިޔުމާއެކު ޒުހޫރުވެސް ކޮޓަރިއަށް ވަނުމުން އިވާންއާއި ނަދާލް ސިޓިންގްރޫމުގައި އެކަނިވި އެވެ. އެ ދެމީހުން އެކަކު އަނެކަކާ އަނގައިން ބުނެ ނުލިތާނގައި އެކަކު އަނެކަކަށް ހިނިތުންވެލަންވެސް ނޫޅުނެވެ. އެ ނުތަނަވަސްކަމުގައި މާ ގިނައިރު ވޭތު ނުކޮށް އެންމެފަހުން އިވާންވެސް މައިރާއެކޭ އެއްފަދައިން އެރީ އެ ގޭގެ ޓެރަހަށެވެ. ނަމަވެސް އަތުގެ އިނިގިލިތަކުތެރޭ އަނބުރަމުންދިޔަ މަލަށް ގެއްލިފައި އިން މައިރާއަށް އިވާން އެތަނަށް އައިކަން ރޭކައެއް ނުލި އެވެ.
އިވާންގޮސް މައިރާއާ ޖެހިގެން ޖާގައެއް ދޫކުރުމަށްފަހު ހަޓު ދޮށުގައި އިށީނުމާއެކު މައިރާ އިންތަނުން ތެދުވެ ޓެރަހުގެ ދެކޮޅަށް ކުރުކާލި ކަނޑަންފެށި އެވެ. އޭނާގެ ހަރަކާތްތައް ހުރިގޮތުން ކަމަކާ ފިކުރުކުރަމުން ދާކަން އެނގޭހާވެ އެވެ. ހިޔާލަކަށް ގެއްލިފައިހުރެ ޓެރަހުގެ ރެއިލިންގް ކައިރިއަށް ހުއްޓިލިތަނާހެން އިވާންވެސްގޮސް އޭނާގާތު ހުއްޓިލި އެވެ.
"މަލް އަދިވެސް އެހާ ރަނގަޅެއް ނޫންދޯ.. މަލްއަށް މި ކަންތައްގަނޑު ވިސްނައިދޭން ވަރަށް އުނދަގޫވާނެ" އިވާން ބުނެލި އެވެ.
"އިވާން.. އައި.. އައި ހޭވް ބީން ތިންކިންގް.." މައިރާއަކަށް އެ ވާހަކަ ކުރިއަށް ގެންދާކަށް ނޭނގުނެވެ.
"ޔެސް؟" މައިރާ އެއްޗެކޭ ނުބުނެ ގިނައިރު ވާންފެށުމުން އިވާން ގޮވައިލި އެވެ.
"އެނގޭ އިވާންގާތުން އެއްވެސް ކަމަކު އެދެވޭވަރު މީހެއް ނޫންކަން މިވަގުތު އަހަރެންނަކީ.. އަހަރެން ބުނާ ގޮތެއް ހަދާކަށް އިވާންއަށް މަޖުބޫރެއްވެސް ނޫން.. އެކަމަކު.. އަހަރުމެންނަށް މަލް އެ ލިބުނީ ވަރަށް ދުވަސް ފަހުން. މަލް ކުރީގެ ހާލަތަށް އަލުން ވެއްޓޭތަން ބަލާކަށް އަހަރެންނަކަށް ފަސޭހައެއް ނުވާނެ. ޝީ އިޒް ވެރީ ޑިއަރ ޓު އޯލް އޮފް އަސް. އިވާން.. ދާނުއަށް ދިމާވި ކަންތަކުގެ ހަގީގަތް މަލް ބަރުދާސްތު ކުރާނީ ކިހިނެއް؟" މައިރާގެ ކަންބޮޑުވުން އިވާންއާ ހިއްސާކުރި އެވެ.
"ވަޓް އަރ ޔޫ ސަޖެސްޓިންގް؟" މައިރާ އެ އެދެން އުޅޭ ކަންތައް ކޮންމެވެސް ވަރަކަސް ފަހުމުވިއެއްކަމަކު އިވާން ސުވާލުކޮށްލި އެވެ.
"މަލް.. މަލްއަށް މިކަން އިހަށް ސިއްރު ކޮށްދޭންވީނު. މިބުނީ.. އިވާންއަށް ދެންމެވެސް ފެނިއްޖެއެއްނު މަލްއަށް ވީ ގޮތް.. މަލް ކުޑަކޮށް ރަނގަޅުވަންދެން.. ކޭން.. ކޭން ޔޫ ބީ އިދާން؟" މައިރާ އަހަން ނާހަން ހުރެފައި އަހައިލި އެވެ. އޭނާ ދިޔައީ އިވާންއަށް ނުބަލައިވޭތޯ މަސައްކަތް ކުރަމުންނެވެ.
"މައިރާ ލުކް އެޓް މީ" އިވާން ބުންޏެވެ. އެހެނަސް އެކަން ކުރާނެހާ ހިތްވަރު ނެތީތީ މައިރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލުމަށްފަހު އިސްޖަހައިލި އެވެ. "މައިރާ.. ލުކް.. އެޓް.. މީ" ދެންވެސް އޭނާ އިސް އުފުލައިލާކަށް ނޫޅުނެވެ.
"މައިރާ ލުކް!" އިވާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު މައިރާގެ އަތުގައި ހިފައި އޭނާއާ ދިމާލަށް އަނބުރައިލި އެވެ. އޭނާއާ ހަތަރުކަޅި ހަމަކުރުމަށް މަޖުބޫރު ކުރަމުންނެވެ. "މައިރާއަށް އެބަ އެނގޭތަ ތި ބުނެވެނީ ކިހާވަރެއްގެ އެއްޗެއްކަން؟" އިވާންގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު ހުއްޓެވެ. "ޔޫ އަރ އާސްކިންގް މީ ޓު ބީ ހަރ ލަވަރ؟ ޑޫ ޔޫ ރިއަލައިޒް ދެޓް؟"
"އައި ޑޫ!" ކުރެހިގެންދިޔަ އަޑަކުން އިވާންގެ ސުވާލަށް ޖަވާބުދެމުން މައިރާ ބޯ ޖަހައިލި އެވެ. ކަރުނައިގެ މުތީތަކުން ދެލޯ ބަބުޅަމުންދިޔަ ހާލުގަ އެވެ. މަލަކްއަށްޓަކައި އަމިއްލަ ހިތުގައި އަތް އަޅައިލުމަށްފަހު އަމިއްލަ ލޯބި ގުރުބާންކުރަންވެސް ފަސްނުޖެހޭނެކަން މައިރާގެ ދެލޮލުން ހާމަވެ އެވެ.
އިވާންއަށް ގަބޫލުނުކުރެވިފައިހުރެ މައިރާގެ އަތުން ދޫކޮށްލެވުނެވެ. "ނޯ" އޭނާގެ ޖަވާބު އިއްވައިލި އެވެ.
"އިވާ-"
"މި ބުނީނު ނޫނެކޭ!" އިވާންގެ ނިންމުން ބަދަލެއްނުވި އެވެ. "މައިރާ ކުރިން ބުނިހެން އަހަރެންގާތު ތިވަރުގެ ކަމެއްގަ އެދެވޭނެ މަގާމެއްގަ މީހެއް ނޫން މިހާރު މައިރާއަކީ.. އެހެންނޫނަސް.. މައިރާއަށް އަދިވެސް އެއްޗެއް ނުވިސްނޭތަ؟ ހިނގައިދިޔަ ހުރިހާ ކަންތަކަކަށްފަހު އަދިވެސް ފިލާވަޅެއް ނުލިބޭތަ؟ ކީޕިންގް ސީކްރެޓްސް ނެވަރ އެންޑްސް ވެލް.. މީހަކަށް ރަނގަޅަކަށްވިޔަސް އެމީހަކަށް ކަމެއް އޮޅުވައިލުން.. އިޓްސް ނެވަރ ގުޑް" އޭނާ ބުންޏެވެ.
"އެކަމަކު އިވާން.. މަލް-"
"މަލްއަށް ޖެހޭނީ ހަގީގަތާ ކުރިމަތިލާން. އަހަރެން ތިވަރުގެ ކަމެއް ނުކުރާނަން. މަލްއަކީ ދާނު ލޯބިވާ ކުއްޖާއޭ! ދާނުއަކީ މަގޭ ކޮއްކޮއޭ! މަގޭ ކޮއްކޮއަށް އެހާ ޑިސްރެސްޕެކްޓްފުލް ކަމެއް- ޗި! މައިރާ ތިކަން ހިޔާލަށްވެސް ގެނައީ ކިހިނެތް؟" އިވާންގެ ވާހަކަ ހުރިގޮތުން މިފަހަރު މައިރާގެ ދުލުގައި ގޮށެއް ޖެހުނެވެ. އެވާހަކަތަކާ ދެކޮޅަށް ދެއްކޭނެ އިތުރު ވާހަކައެއް އޭނާގެ ދުލަށް ނައީ އެވެ.
"އަހަރެން އެއްޗެއް އަހާލަންތަ؟" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އަނެއްކާވެސް އިވާންގެ އަޑު އިވުނެވެ. "މައިރާ ބުނީމެއްނު ލީން އުޅެނީ މި ގޭގައޭ.. މިއަދު މައިރާގެ މަންމަ އަހަރެންގާތު ބުނި ލީން އުޅެނީ މިގެއަކު ނޫނޭ.. މިބުނީ.. މައިރާގެ މަންމައަށް ހީވީ ކަންނޭނގެ އަހަރެންނަކީ މައިޝާންގެ ރައްޓެއްސެއް ކަމަށް.. އަހަރެން ނާހަނީސް ބުނެފި.. މައިޝާން މިގޭގަ ނޫޅޭ ވާހަކަ"
އިވާންގެ ސުވާލާއެކު މައިރާގެ ހިތަށް ނުތަނަވަސްކަން ވެރިވި އެވެ. މަލަކްއަށްޓަކައި އެ ހިތުގައިވި ކަންބޮޑުވުންތައް އެއްފަރާތްވެލީ އައިލީންއަށް ޖާގައެއް ހޯދައިދެމުންނެވެ.
"ޔެސް.. ދޮންބެ ދޯ.." އައިލީންގެ ހާލަތު އިވާންއަށް ބަޔާންކޮށްދޭނެ ގޮތަކާމެދު ވިސްނަން ފެށިއިރު ހާސްކަމުގެ ކުލަވަރުތަކުން މައިރާގެ މޫނުމަތި ހިސާރުކޮށްލައިފި އެވެ. "އިވާން.. އައި ނީޑް ޓު ޓެލް ޔޫ ސަމްތިންގް.. އަސްލު އަހަރެންނެއް ނޫން ކަންނޭނގެ މިވާހަކަ އިވާންއާ ދައްކަންޖެހޭނީ.. އެކަމަކު އަހަރެންނަށް މިހާރު ވަރަށް އުނދަގޫ.. އިވާންއަށް މި ވާހަކަ ސިއްރުކޮށްގެން ހުންނަން.. އަހަރެން ބޭނުމެއް ނޫން ދެން އިތުރަށް އިވާންއަށް އެއްވެސް ކަމެއް ފޮރުވާކަށް" މައިރާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. "ދޮންބެ އެންޑް ލީން... އެމީހުން ވަރިވެއްޖެ" އޭނާ ދެލޯ މަރައި ތަގުޅިކޮށްލަމުން އުނދަގުލާއެކު ބުންޏެވެ. އެހެނަސް އެ ހަގީގަތް އިވާންއަށް ހާމަކޮށްދެވުމާއެކު ހިތަށް އާދަޔާހިލާފު ހަމަޖެހުމެއްވެސް ލިބުނެވެ. ހީވީ ބޯ މަތިން ބަރު ހިލަގަނޑެއް ނަގައި އެއްލައިލެވުނު ހެނެވެ. ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލެވުނެވެ.
"ވަޓް؟ ކޮން އިރަކު؟ ދެން މިހާރު ލީން ކޮބާ؟" އިވާންގެ ނިތްކުރިއަށް އަރައިގެންދިޔަ ރޫތައް އޭނާއަށް ލިބުނު ސިހުމުގެ ހެއްކަކަށް ފުދެ އެވެ.
"އަދި ނުވޭ އެހާ ދުވަހެއް.. މަހެއްހާ ދުވަސް ވާނީ.. އައިމް ސޮރީ" މައިރާ ކަންބޮޑުވެފައިހުރެ އިވާންގެ މޫނަށް ބަލައިލި އެވެ.
"އަހަރެން މި އަހަނީ މިހާރު ލީން ކޮބާހޭ؟" މިވަގުތު މައިރާ ދައްކަމުންދިޔަ އިތުރު އެއްވެސް ވާހަކައެއް އިވާންއަށް މުހިއްމެއްނުވި އެވެ.
"ދޮންބެއާ ވަރިވި އިރު ލީންގެ ހާލަތު އެހާ ރަނގަޅެއްނޫން.. ހީ ވޯޒް އެބިއުސިންގް ހަރ އެހެންވެ ނެޑް-"
"ނެޑް؟ ނަދާލް؟" ނަދާލްގެ ނަން އިވުމާއެކު އިވާންއަށް މައިރާގެ ވާހަކަ މެދުކަނޑައިލަން މަޖުބޫރުވި އެވެ. ވާނީވެސް އެހެންތާ އެވެ. އެއީ އިވާން މި ދުނިޔޭގައި އެމީހަކަށް އެންމެ ނަފުރަތުކުރާ އެކަކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
"ޔެސް ޝީ އިޒް އިން ހިޒް ކެއަރ.. އެމީހުންނަށް ކުރިންވެސް އެކަކު އަނެކަކު އެނގޭ.. އެމީހުން.." މައިރާއަކަށް އެ ވާހަކަ ފަށައިގަންނާނެ ގޮތެއް ނޭނގުނެވެ. "އަހަރެންނަކަށް ނޭނގެ މި ސިޗުއޭޝަން އިވާންއަށް ކިޔައިދޭނެ ގޮތެއް.. އަހަރެން އެބަ ގޮވަން ނެޑްއަށް" މައިރާ ޖީންސުގެ ޖީބުން ފޯނު ނަގައި ނަދާލްއަށް ގުޅުމަށް އަވަސްވެގަތެވެ. އޭރު އިވާން ހާސްވެފައިހުރެ އެކި ދިމަދިމާލަށް ހިނގަން ފަށައިފި އެވެ. އެހެން ހިނގަމުންދިޔައިރު އެއްފަހަރު އަތުގެ މުށްކަވައިލުމަށްފަހު ހުޅުވައިލިއްޔާ އަނެއް ފަހަރު އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލާނެ އެވެ. އެއްފަހަރު ޖީބަށް އަތް ޖަހައިލިއްޔާ އަނެއްފަހަރު ނިތްކުރީގައި އަތް ހިންގައިލާނެ އެވެ.
މައިރާ ފޯނުކުރިތާ މާ ގިނައިރެއްނުވެ ނަދާލް އައިސް ޓެރަހަށް އެރި އެވެ. ކޮށްފަ ނުކުރާނޭ ކަމެއް ނޭނގިގެން އުޅޭ މީހަކު ފަދައިން އެތަނުގައި އެނބުރެމުންދިޔަ އިވާންއަށް ބަލައިލަމުން ބޯ ހޫރައިލުމަށްފަހު އޭނާގޮސް މައިރާގާތު ހުއްޓިލި އެވެ.
"ޑޮކްޓަރު އައިތަނާ މައި ތި ގުޅީ. މީނަ މޮޔަވީތަ؟" އިވާން އުޅުނު ދިމާލަށް ލޮލުން އިޝާރާތް ކޮށްލަމުން ނަދާލް އާދައިގެ ރާގެއްގައި އަހައިލި އެވެ.
"ލީން ވީތަނެއް ބަލަން އިވާން ބޭނުންވަނީ" މައިރާގެ ޖުމްލަ ނަދާލްގެ މޫނުމަތީގައިވި ހަމަޖެހުން ނަގައިލި އެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލަމުން އިވާންއާ ދިމާލަށް ބަލައިލެވުނުއިރު އިވާން ދުރު ފިޔަވަޅުތަކެއްގައި އެދިމާލަށް ހިނގައިފައި އާދެ އެވެ.
"ކޮބާ ލީން؟" އިވާންގެ ސުވާލު އަމާޒުކޮށްލީ ސީދާ ނަދާލްއަށެވެ.
"ޝީ އިޒް ފައިން.. ޝީ އިޒް ވިތް މީ" ނަދާލްގެ އަޑުގައި ސާބިތުކަންވިޔަސް އޭނާގެ ހިތުގައި ހިސާބެއްގެ ބިރުވެރިކަމެއް އުފެދިގަތެވެ. ފުރަތަމަ ފަހަރަށް އިވާން އޭނާއާއި އައިލީން ދުރުކުރަން އުޅެދާނެކަމުގެ ހިޔާލު ސިކުނޑިއަށް ވެރިވިގަތެވެ. އިވާން ބޭނުންވެއްޖެނަމަ އައިލީން އޭނާގެ ދިރިއުޅުމާ ދުރަށް ގެންދިޔުމަކީ ވާނެ ކަމެއްކަން ނަދާލްއަށް ކަށަވަރެވެ.
"ވާއު.. އައިމް ސޯ ރިލީވްޑް" ނަދާލް ދިން ޖަވާބާ ވިއްދައި އިވާން ބުނެލީ މަލާމާތުގެ ރާގެއްގަ އެވެ.
"ލުކް މޭން.." ނަދާލް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އިވާންއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ. "އަހަރެންނަށް އެނގޭ އަހަރެންނަށް މިހެން ބުނީމަ އިވާންއަށް ޖޯކަކަށް ވެދާނެކަން އެކަމަކު.. ވަޓެވަރ ޔޫ ފީލް ފޯރ މައި.. އައި ފީލް ދަ ސޭމް ވޭ ފޯރ އައިލީން.. މެއިބީ އަ ތައުޒަންޑް ޓައިމްސް މޯރ"
"އައި ފީލް ނަތިންގް ބަޓް ހޭޓްރްޑް އެންޑް ޑިސްގަސްޓް ޓުވަރޑްސް ހަރ" އިވާންގެ ދުލުން ބޭރުވި ކޮންމެ ލަފްޒެއް ރުވާފައި ދޫކޮށްލެވުނު ތޫނު ދުނިތަކެއްފަދައިންގޮސް މައިރާގެ ހިތް ޒަހަމުކޮށްލި އެވެ.
އިވާން އެފަދަ އެއްޗެއް ބުނެދާނޭކަމަށް ވިސްނައި ނުލެވުނު ނަދާލްއަށްވެސް ކުޑަ ސިހުމަކާއެކު މައިރާއަށް ބަލައިލެވުނެވެ. އޭނާއަށް އެ ލަފްޒުތަކުން މައިރާގެ ހިތަށް ލިބޭނެ އަނިޔާ އަންދާޒާ ކޮށްލެވުނީ ކަހަލަ އެވެ. އެހެނަސް މިފަހަރު މައިރާގެ މޫނުމަތިން އެ އަނިޔާގެ އެއްވެސް އަސަރެއް ދައްކައެއްނުލި އެވެ. އިވާންގެ ރަހުމުކުޑަ ބަސްތަކަށް މައިރާގެ ދެ ކަންފަތް މިހާރުވަނީ ހޭނިފަ އެވެ. ވުމާއެކު ނަދާލްވެސް ނުހަނު އަވަހަށް އެ ސިހުމުން އަރައިގަނެ އިވާންއަށް ރައްދު ދިނެވެ. "އައިލީން ބޭނުމެއް ނުވާނެ އިވާންއާ ބައްދަލުކުރާކަށް" އޭނާ ބުންޏެވެ.
"އެއީ ތެދެއް އިވާން.. ލީން ބޭނުމެއް ނުވާނެ އިވާންއާ ބައްދަލުކުރާކަށް. ލީންގެ ނަޒަރުގަ އިވާންއަކީ އަދިވެސް ކުށްވެރިއެއް. އަހަރެންވެސް މަސައްކަތް ކުރިން ލީންގެ ހިޔާލު ބަދަލުކުރެވޭތޯ އެކަމަކު އެއީ އެހާ ފަސޭހަކަމެއް ނޫން. ލީންއަށް އަދި ވަގުތު ބޭނުންވާނެ" މައިރާވެސް ނަދާލްގެ ވާހަކައަށް ބާރު ދިނެވެ.
"ހިޔާލު ބަދަލުވާނެ! އަހަރެން ލީންއަށް ހުރިހާ ހަގީގަތެއް ކިޔައިދޭނަން. ކޮބާ ލީން؟" އިވާން އެތަނުން ހިނގައިގަންނަން އުޅުނުހިނދު އެކަމަށް ހުރަސްއެޅީ ނަދާލް އެވެ.
"ލީން އަދި ރެޑީއެއް ނޫން ހަގީގަތް އަޑު އަހާކަށް" ނަދާލް ތެޅިތެޅި އޮތް ހިތަކާއެކު ބުންޏެވެ. އެހެނަސް އައިލީންއަށް ހަގީގަތް ފޮރުވަން ބޭނުންވާ ހަގީގީ ސަބަބުވަނީ އޭނާގެ ހިތުގައި ވަންހަނާވެފަ އެވެ. އެ ސަބަބަކީ އެ ހަގީގަތް އެނގޭ ދުވަހަކުން އައިލީން އޭނާއަށް ކުރާނެ ނަފްރަތެވެ. އައިލީން މިހާރު އޭނާއަށްކުރާ ނަފްރަތުގެ މައްޗަށް ކުރި ހޯދުނަސް އެ ދުވަހަކުން އައިލީން އޭނާއަށް ކުރާ ނަފްރަތާ ހަނގުރާމަކޮށް އޭނާއަށް ކާމިޔާބު ލިބޭނެކަމާމެދު ނަދާލްއަށް ޝައްކެވެ.
"ލީން ރެޑީތޯ ނޫންތޯ ބުނާކަށް ކަލެއަކަށް ނޭނގޭނެ" އިވާން ދަތްކުނޑި ވިކައިލި އެވެ.
"އެނގޭނެ! އޭނަ ތަހައްމަލުކުރި ހުރިހާކަމެއް އިވާންއަށްވުރެ ގާތުން ދުށީ އަހަރެންނޭ! މިހާރުވެސް އެ ހުރިހާކަމެއް އެންމެ ގާތުން ފެންނަނީ އަހަރެންނަށޭ! އެ ހުރިހާ ކަމަކުން އައިލީން ހީލް ނުވެގެން އުޅެނިކޮށް އިވާން ތި އުޅެނީ އޭނަގެ މެންޓަލީ އިތުރަށް ގޮއްވާލަންތަ؟ ނޯ! އިވާންއަކަސް އެހެން މީހަކަސް އައިލީންއަށް ގޮތެއް ހަދާތަން ބަލާކަށް އަހަރެން ނުހުންނާނަން. އަހަރެން މިހެން ބުނެބުނެ ހުއްޓައި އިވާންގޮސް ތި ވާހަކަތައް ކިޔައިދީގެން އައިލީންއަށް މެންޓަލީ އިތުރު ދެރައެއް ލިބުނިއްޔާ ހަނދާން ކުރާތި! ދެވަނަ ފަހަރަށްވެސް އިވާންގެ ތި ޕެތެޓިކް ލައިފް ފުނޑާލާކަށް އަހަރެން ފަހެއް ނުޖެހޭނަން!" ނަދާލް އިންޒާރު ދިނެވެ.
"ނެޑް!" ނަދާލް ދިން އިންޒާރާމެދު ހިތްހަމަނުޖެހިފައި މައިރާ ގޮވައިލި އެވެ.
"އައި މީން އިޓް މައި! އަހަރެން މި ބުނީ އައިލީން އަދި އެހާ ސްޓޭބަލްއެއް ނޫނޭ! އަހަރެން ބޭނުމެއް ނޫން މި ދުވަސްކޮޅު އައިލީންއަށް އެއްވެސް މީހެއްގެ އުނދަގުލެއް ފޯރާކަށް. އެއްވެސް ވާހަކައަކާހުރެ އައިލީންއަށް އުނދަގުލެއް ވާކަށް. އެހެންނޫނަސް މިވަގުތު އައިލީންއަށް ހަގީގަތް އެނގިގެން އައިލީން އަހަރުމެންނާ ދުރަށް ދިޔައިއްޔާ އައިލީން ހާލުގަ ޖެހޭނީ. ރަށަށް ދިޔުމަކީ އައިލީންއަށް އޮތް ޗޮއިސްއެއް ނޫން. އެންޑް މިކޮޅުގަ މަޑުކުރިޔަސް ވަޒީފާއަކަށް ނުކުމެވޭހާ އައިލީން ފިޓެއް ނޫނޭ! ޔޫ ކާންޓް ގިވް ހަރ ހާފް ދަ ލައިފް އެންޑް ސްޓެބިލިޓީ އައި ކޭން!" ނަދާލް ވާހަކަދެއްކީ މައިރާއާ ނަމަވެސް އޭނާގެ ފަހު ޖުމްލަ އަމާޒުކޮށްލީ އިވާންއަށެވެ.
"ޔޫ އަރ ކްރޭޒީ!" އިވާން މަލާމާތުގެ ޒާތަކަށް ހޭންފެށި އެވެ. "ދިސް ހޯލް *ކިންގް ފެމިލީ އިސް ކްރޭޒީ" އޭނާ އެއްފަހަރު މައިރާއަށް އަނެއްފަހަރު ނަދާލްއަށް ބަލައިލަމުން ބުންޏެވެ. "ބަލަ މަށާހެދިއެއް ނޫނޭ އައިލީން އެ ހާލަތަށް ވެއްޓުނީކީ. ކަލެއާހެދި! ކަލޭމެންގެ އާއިލާއާހެދި! އަހަރެން ހާދަ ލޯބިން.. އެއްބަނޑު އެއްބަފާ ކޮއްކޮއެއްހެން ގެންގުޅުނު ކުއްޖެކޭ ލީންއަކީ. އެންޑް ލީންއަށް އެހާވަރު ވީމަ.. ތި ބުނަނީ އަހަރެންނަށް ލީން ދެކިލާނެ ފުރުސަތުވެސް ނުދޭނަމޭތަ؟" އިވާންގެ އަޑުގައިވަނީ ރުޅިއާއި ހިތާމައިން މަސްހުނިވެފައިވާ އަސަރެކެވެ. މައިރާއަކަށް ދުރުގައެއް ނުހުރެވުނެވެ. އިވާންއާ ގާތަށް ޖެހިލައި އިވާންގެ އަތުގައި ހިފައިލި އެވެ.
"އިވާން.. އެނގެޔޭ މިއީ އިވާންއަށް ވަރަށް އަންފެއަރކޮށް ކުރެވޭ ކަމެއްކަން. އެކަމަކުވެސް މިފަހަރު ނެޑް އެ ދައްކަނީ މުޅިން ދޮގު ވާހަކައެއް ނޫން. ލީންއަށް ވެފައި އިންވަރު އަހަރެންގެ ދެލޮލުންވެސް ދުށިން. އިވާންއާ ދޭތެރޭ އަހަރެންނަށް.. އަހަރުމެންނަށް ކަންތައް ކުރެވުނުގޮތުގެ ހަގީގަތް ކިޔައިދިނުން ވާނީ ލީންގެ ސިކުނޑިއަށް ކުޑަވަރެއްގެ ބޮމެއް ވައްޓައިލުން ކަހަލަ ކަމަކަށް.. ޝީ ނީޑްސް ޓައިމް. އެހެންނޫނަސް ނެޑް އެބުނިހެން.. ލީން މިވަގުތު ބޭނުންވާ ކޮމްފޯރޓް އެންޑް ސްޓެބިލިޓީ އެންމެ ރަނގަޅަށް ދެވޭނީ ނެޑްއަށް. ހީ މައިޓް ބީ ޔޯރ ލީސްޓް ފޭވަރިޓް ޕަރސަން ރައިޓް ނައު ބަޓް ހީ އިޒް ސްމާރޓް.. ހީ ހޭޒް އަ ޕޮއިންޓް" މައިރާވެސް އިވާންއަށް ވިސްނައިދެވޭތޯ މަސައްކަތްކުރި އެވެ. އެވަގުތު އިވާން ނަދާލްއަށް ބަދަލުކޮށްލި ނުރުހުމުގެ ނަޒަރުން ހީވީ ނަދާލް ފިއްސައި އަޅިއަށް ހަދައިލައިފާނެ ހެނެވެ. އެ ދެމީހުންގެ ކުރިމަތިލުން ބަލަންހުރި މައިރާ ވަގުތުން ސަމާލަށް އައެވެ. އެ ދެމެދުގައި ހިނގައިފާނޭ ހަމަނުޖެހުމެއް ހުއްޓުވަން ތައްޔާރުވެލާ ފަދައަކުން ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލި އެވެ.
"ކޮބާ އޭނަ؟" އިވާންގެ އަޑުގައިވި ނުރައްކާތެރިކަން މައިރާގެ ގައިން ހީބިހި ހިލުވައިލި އެވެ. އޭނާއަށް އެ ސުވާލު ނަގައި ނުގަނެވިފައި ހުއްޓައި ޖަވާބުދިނީ ނަދާލް އެވެ.
"އައި ބްރޯކް ހިޒް ފޭސް. އޭގެ ފަހުން ފިލައިގެން އުޅެނީ" ނަދާލްއަށް ހަމަޖެހިލެވުނީ އިވާންގެ ރާޑަރުން އޭނާ ސަލާމަތްވެ އެ ރާޑަރަށް މައިޝާން އަރައިފިކަން ޔަގީން ވުމުންނެވެ.
"މަށަށް އޭނަ ފެނިބަލަ. މަރަށް އާދޭސްކުރާވަރު ކޮށްލާނަން" އިވާންގެ ކަތުރުކަށިގަނޑަށް ބާރުވެލިއިރު ނިތްކުރީގެ ދެފަރާތުން ނާރުތައް ފުފިލި އެވެ. ރުޅި ކޮންޓްރޯލު ކުރުމަށްޓަކައި ރެއިލިންގްގައި ބާރަށް ހިފަހައްޓައިލަމުން ދުރަށް ނަޒަރު ހުއްޓައިލި އެވެ.
"ވެލް.. ދެޓް މޭކްސް ދަ ޓޫ އޮފް އަސް" ނަދާލްވެސް އިވާންއާ އެއްބަސްވެލި އެވެ. ދެމީހުންގެ ދުޝްމަންކަން ކޮންމެ ހިސާބެއްގައި އޮތް ނަމަވެސް އައިލީންގެ ކަންތަކުގައި ދެމީހުންވެސް ތިބީ އެއްގަލަކަށް އަރަން ތައްޔާރަށެވެ.
ނަދާލް ފޯނަށް ބަލައިލީ އޭނާއަށް ޒުހޫރުގެ ކޯލެއް އަންނަން ފެށުމުންނެވެ. އޭނާ ފުރަތަމަ ރިންގާއެކު ފޯނު ނަގައި ކަންފަތުގައި ޖަހައިލުމަށްފަހު ހަމަ އެހާމެ އަވަހަށް ފޯނު ކުރުކޮށްލައިފި އެވެ.
"މަލް ހޭ އަރައިފި. ޑޮކް ބުނީ މިހާރު ވާހަކަ ދެއްކޭނެއޭ" މައިރާއާއި އިވާންގެ މޫނުމަތީގައިވާ ސުވާލުތަކަށް ނަދާލް ޖަވާބު ދިނެވެ.
- ނުނިމޭ -
Comment