"މައިރާ! ހަމަޖެހިބަލަ. އޯކޭ ޔޫ ވިންއޭ މައި.. މައި.. މައިރާ!!!" ޒެފަންއަށް ފަހުފަހަރު އަޑަށް ބާރުލާފައި މައިރާއަށް ގޮވައިލެވުނުއިރު މާ ލަސްވެއްޖެ އެވެ. ޓުރެކުގެ ބަނޑިލައްވާލާފައި އޮތް ހިސާބުން މައިރާގެ ސައިކަލު މަތަނުވެގެންގޮސް ތާރުގެ މަތިން ކަހާލި އަޑުފަށްގަނޑާއެކު އޭނާގެ ކަންފަތާ ހަމައަށް ފޯރީ މައިރާގެ ސައިކަލު ފުނޑުފުނޑުވެގެންދިޔަ އަޑުފަށްގަނޑެވެ.
ޒެފަންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. ސައިކަލުގެ ދުވެލި ލަސްކޮށްލުމަށްފަހު ފުންމައިލީ ސައިކަލު ރަނގަޅަށް މަޑުވެސް ކޮށްލުމަކާނުލަ އެވެ. ބޮލުގައި އޮތް ހެލްމެޓު ނަގައި ހޫރައިލުމަށްފަހު މައިރާއާ ދިމާލަށް ދުއްވައިގަތެވެ.
"މައި.. މައި އޯކޭތަ؟" ޒެފަންއަށް އަރައި ހަމަކޮށްލެވުނު އިރު މައިރާވެސް ކުޑަ އުނދަގުލަކާއެކު ހެލްމެޓު ނަގައި ދުރަށް ހޫރައިލަނީ އެވެ.
"ޔެސް.. އަ.. އައިމް ފައިން" ސައިކަލު ތާރުގަނޑުގެ މައްޗަށް ވެއްޓި ފުނޑުފުނޑު ވިއެއްކަމަކު މައިރާ ވިއްސައިގެން އައިސް ޖެހުނީ ޓުރެކުގެ މެދުގައި އަޅާފައިވާ ވިނަގަނޑު މައްޗަށްކަމުން އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައިވާ ކަމަކަށް ނުދައްކަ އެވެ. ބޭނުންކޮށްފައިވާ ސޭފްޓީ ގިޔަރުތަކުގެ ސަބަބުން އަތެއް ފައެއް ބިންދައިގެން ދިޔަހެނެއްވެސް ހިއެއްނުވެ އެވެ. ނޫންނަމަ އުނދަގުލާ އެކުވެސް އެފަދައިން ހަރަކާތްކުރުން ވާނީ ނާދިރު ކަމަކަށެވެ.
"ހިނގާ ހޮސްޕިޓަލަށް." ޒެފަންއަށް މައިރާގެ ވާހަކަ ގަބޫލުކުރަން އުނދަގޫވީ މައިރާގެ ގޮތް އޭނާއަށް އެނގޭތީ އެވެ. އިހުސާސްތައް ފޮރުވުމުގައި މައިރާއަށްވުރެ ކުޅަދާނަ އިތުރު މީހަކާ އޭނާއަށް އަދި ދިމާވެވިފައެއް ނެތެވެ. ކިތަންމެ ތަދުވިޔަސް ނުވަތަ ދެރަވިޔަސް އެކަން މައިރާގެ އަމިއްލަ އިޚްތިޔާރުގައި ނޫނީ އެކަން އެ މޫނުމަތިން އެހެން މީހަކަށް ދައްކައި ނުލާނެ އެވެ.
"އައިމް ރިއަލީ އޯކޭއޭ. ޒެފް.. ޖެހުނު ގޮތަކުން އުނަގަނޑުގަ ކުޑަ ރިހުމެއް އެބަހުރި. ގައިގަ ރިއްސާ.. އެކަމަކު ސޭފްޓީ ގާރޑް އިނީމަ ހިއެއްނުވޭ ޑެމޭޖެއް ލިބުނުހެން. ހޮސްޕިޓަލަށް ދިޔައިއްޔާ ގޭގެ މީހުންނަށް އެނގޭނެ. އޭރުން ބޮޑު ކަންތައްގަނޑަކަށް ވާނީ" މައިރާ ބޭނުންވީ ހޮސްޕިޓަލަށް ނުގޮސް ވޭތޯ ބަލާށެވެ.
"އެކަމަކު ވީ ހޭވް ޓު ސީ އިފް ޔޫ ހޭވް އަ ކޮންކަޝަން. ހެލްމެޓާ އެއްކޮށް ޖެހުނަސް ދަ އިމްޕެކްޓް ވޯޒް ޓޫ ސަޑަން. ލެޓްސް ގޯ.. ސަފާޔާރ މެޑިކަލް ކޮލެޖަށް ދާނީ. އެތަނުގެ އުޅޭނެ ޓްރެއިންވާ ނަރުހުންނާއި ޑޮކްޓަރުން އަދި ޕްރޮފެސަރޒް ވެސް. ވީ ހޭވް އޯލް ދި މެޝިންސް. ޗެކަޕެއް ހަދާލާފަ ގޯހެއް އުޅެންޏާ ހޮސްޕިޓަލަށް ދާނީ. އޭރުން ދައްތަމެންނަކަށް ނޭނގޭނެ. ހިނގާ.. ތެދުވެވޭނެތަ؟"
މައިރާއަށް ޒެފަންގެ ހިޔާލު ކަމުދިޔަ އެވެ. ޒެފަން ދިއްކޮށްލި އަތުގައި ހިފައިލަމުން ތެދުވެވޭތޯ މަސައްކަތްކުރި އެވެ. އެކަން ކާމިޔާބުވި ނަމަވެސް އުނަގަނޑުގައި ހަރުލާފައިހުރި ތަދުގެ ސަބަބުން ކުރިއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު މައިރާ ވެއްޓެން ދިޔަ އެވެ. އެފަދަ ކަމަކަށް ވިސްނައިގެންހުރި ޒެފަން ހުށިޔާރުކަމާއެކު މައިރާގެ ގައިގައި ހިފެހެއްޓުމަށްފަހު އިންޒާރަކާނުލައި މައިރާގެ ހަށިގަނޑު އަތްދަނޑި މައްޗަށް އުފުލައިލި އެވެ.
"ރަނގަޅަށް ފިޔަވަޅެއްވެސް އެޅެނީކީ ނޫން. އެވަރުންވެސް ބުނާނެ ތިމަންނަ ހޮސްޕިޓަލަށް ނުގެންދާށޭ" ޒެފަން ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ.
"ޒެފް.. ސައިކަލު" މައިރާގެ ނަޒަރު ޒެފަންގެ ކޮނޑުމަތިން ލާފައިގޮސް ދުރުގައި އޮތް ސައިކަލުތަކާ ދިމާލަށް ހުއްޓުނެވެ.
"އެކަމާ ހާސްނުވޭ.. އަހަރެން ކޮންމެވެސް ގޮތެއް ހަމަޖައްސާނަން" ޒެފަން ޔަގީންކަން ދިނެވެ.
"ޒެފް އައި.. އައި ހޭވް އަ މެކޭނިކް... ޔޫ ކޭން ޑްރޮޕް މީ ދެއަރ" އެ ހަސްއަސް ވަގުތުކޮޅުގައިވެސް މައިރާގެ ހިޔާލާ ގުޅިލީ އިވާން އެވެ.
"އޯކޭ މައި އޯކޭ.. އެކަމަކު ފުރަތަމަ ކޮލެޖަށް މަޑުކޮށްފަ ދާނީ" ޒެފަންގެ މިސްރާބު ހުރީ ކާރު ބާއްވާފައި އޮތް ގަރާޖާ ދިމާލަށެވެ. މައިރާ އެންމެ ރަނގަޅޭ ބުނެ ބޯ ޖަހައިލުމަށްފަހު ދެލޯ މަރައިލަމުން ޒެފަންގެ ކޮނޑުގައި ބޯ އަޅައިލި އެވެ.
-------
މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔަ އިވާންގެ ނަޒަރު އިރުއިރުކޮޅާ ގަރާޖުގެ ދޮރު ކައިރީގައިހުރި ޕްލާސްޓިކް ގޮނޑިއަށް ހުއްޓިލަ އެވެ. މީގެ ދެ ދުވަސްކުރިން ހިނގައިދިޔަ ދެބަސްވުމަށްފަހު މައިރާ އަދި އޭނާގެ ލޮލަށް ފެނި ނުލަ އެވެ. އިވާން ހީކުރީ އެއްދުވަސް ރުޅި ހަދާލައިގެން ހުރެފައި ވިޔަސް މައިރާ ދެވަނަ ދުވަހު އޭނާގެ ކުރިމައްޗަށް އަންނާނޭ ކަމަށެވެ. އެހެނަސް މިހާރު ދުވަހުގެ ރަތްވިލާ އޮއްސިގެންގޮސް ރޭގަނޑުގެ ފުރަތަމަ ދަން ފެށިއްޖެ އެވެ. އަދިވެސް މައިރާގެ ހިލަމެއް ނުވެ އެވެ. ކިތަންމެ ގަބޫލު ކުރަން ބޭނުން ނުވިޔަސް މައިރާ ނެތުމުގެ ފަޅުކަން އޭނާއަށް އިހުސާސް ކުރެވެމުންދިޔައި އިންތިހާއަށެވެ.
މައިރާ ހަމަ ހަގީގަތުގައިވެސް އަބަދުމެ އަބަދަށް އޭނާއާ ދުރަށް ދިޔައީބާ އެވެ؟ އެކަމުން އޭނާއަށް މިހާ އަސަރު ކުރަންވީ ކީއްވެ ހެއްޔެވެ؟ އޭނާ މިހާރު މައިރާ މަތިން ހަނދާން ނައްތައިލާކަށް ނުވޭ ހެއްޔެވެ؟ މައިރާ އޭނާއަށް ދިން އަނިޔާ އެކަމަށްޓަކައި އުޒުރަކަށް ނުފުދޭ ހެއްޔެވެ؟ އެފަދަ ހިޔާލުތަކެއްގައި ވަނިކޮށް އިވާން ސިއްސައިގެން ދިޔައީ ކުއްލިއަކަށް އޭނާގެ އަތަށް ފިތްލާވަރަށް އައުޒަމް އޭނާގެ އަތުގައި ޖެހުމުންނެވެ.
"ޕިސްޕިސް. ސާބަހޭ ކޮން ދުނިކީސް ތިލައެއްތަ ދިއްކޮށްގެން ތި ހުންނަނީ؟ ތިތާނގަ ތި އޮތް އެލެންކީ ދިއްކޮށްލާށޭ ކިޔާތާ މިހާރު ކޮން އިރެއް؟" ކާރެއްގެ އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތުގައި އުޅުނު އައުޒަމް ބުންޏެވެ. އިވާން ތެޅިގެންފައި އަވަސް އަވަހަށް ދަބަހުގެ ތެރެއިން އެ ބުނާ އެލެންކީއެއް ހޯދައިލުމަށްފަހު އައުޒަމްއަށް ދިއްކޮށްލި އެވެ.
އައުޒަމް ވަކި އެއްޗެކޭ ނުބުނެ ދެފަރާތަށް ބޯ ހޫރައިލަމުން އޭގައި ހިފި އެވެ. އޭނާއަށް އަތް ގާތްކޮށްދޭން އިވާން އެތަނުގައި ބެހެއްޓުމަކީ ބޭކާރު ކަމެކޭ މިހާރު ހީވާން ފަށައިފި އެވެ. މި ދެ ދުވަހު އެ ގަރާޖަށް ވަދެ އުޅޭ ބުޅަލާއި މަދިރިވެސް އިވާންއަށްވުރެން މަސައްކަތުގައި އެހީތެރިހެން އޭނާއަށް ހީވެ އެވެ. އެހެނެއްކަމަކު އޭނާ އެކަމާ އެއްޗެކޭ ނުބުނެ ހުންނަނީ އިވާންގެ ނަފްސާނީ ހާލަތު ކޮންމެވެސް ވަރަކަށް ނަގައި ގަނެވޭތީ އެވެ. ލޯބިވާ މީހަކާ ވަކިވާ ޖެހުމުން އެ ކުރެވޭ އިހުސާސް އޭނާއަށްވުރެން ބޮޑަށް ވަކި އެނގޭނީ ކާކަށް ހެއްޔެވެ؟ އަނެއްކޮޅުން، އިވާންއާއެކު މަސައްކަތް ކުރެވުނު ކުރު މުއްދަތުގައިވެސް އިވާންގެ ހުނަރުވެރިކަމާއި ހީވާގިކަން އޭނާއަށް ވަނީ ފެނިފަ އެވެ. ވީއިރު ދެ ދުވަހެއްގެ މަސައްކަތަށް ބަލައި އިވާން ވަޒީފާއިން ކަނޑައިލުމަކީވެސް އަދި އެންމެ ރަނގަޅުގޮތެއް ނޫންތާ އެވެ؟ އެފަދަ މަސައްކަތްތެރި މެކޭނިކަކު ހޯދުމަކީ މިޒަމާނުގައި ފަސޭހަ ކަމެއްވެސް ނޫނެވެ. ކޮންމެއަކަސް އަތްދަށުގައި ގެންގުޅޭ ބޭރުމީހާގެ ޗުއްޓީ ނިމެންދެން އޭނާ ޖެހޭނީ އިވާން ގެންގުޅޭށެވެ.
"އަހަރެން ދެން ނެތް ދައްކާނެ ވާހަކައެއް ވެސް. މައިރާ މިތާ އިނަސް އެހާ އުނދަގޫވޭ. އެކަމަކު އޭނަ ނެތަސް ސަލާމަތެއް ނެތް. ތިވަރުން ދެން ހަމަ އޭނަ ފައްސާލަން ޖެހޭތަ؟" އެންމެފަހުން އައުޒަމްއަށް ނުހުރެވިގެން އެ ވާހަކަ ފެށްޓެވެ.
"އަހަރެން؟ އަހަރެން ނޫޅެން މައިރާ ނެތިގެނެއް؟" އިވާން ނުވާކަމަކަށް ހެދުނެވެ.
"ހޫން. އަހަރެންނަށް އެބަ ފެނެއޭ ތި ވާ ވަރު. އިވާން.. އާދެބަލަ.. އާދެބަލަ މިތާ އިށީނދެބަލަ" އައުޒަމް މިފަހަރު އިވާންއަށް ގޮވައިލި އިރު އެ އަޑުގައި އެހެންޏާ ހުންނަފަދަ ސަމާސާ ރާގެއް ނެތެވެ. އިވާންވެސް ނިކަން ސީރިއަސް ވެލާފައިހުރެ ގޮސް އައުޒަމްއާއެކު އެތަނުގައި ހުރި އަށިގަނޑެއްގެ މަތީގައި އިށީނެވެ.
"އަހަރެން ވަރަށް ހުރެފިން ތި ކަންތައްގަނޑުގެ ތެރެއަށް ނުވަދެ ވޭތޯ. އެކަމަކު އިވާންއާއި.. އިދާންއާއި.. ޝާވިންއާއި.. ނާއިލްއަކީ ހަމަ ޔައީޝްއެކޭ އެއްގޮތަށް އަހަރެންގެ ކޮއްކޮމެން ގޮތުގަ ދެކިގެން އުޅުނު ކުދިން. ޔައީޝްއަށް އެދޭ ކޮންމެ އުފަލަކަށް އުފަލެއް އަހަރެން ހަމަ ތި ކުދިންނަށްވެސް އެދެނީ.. އަހަރެންގެ މިޒާޖު ހުންނަގޮތުން އިވާންއަށް އަހަރުމެންގެ އުމުރުގަ މި އޮތް ބާރަވަރަކަށް އަހަރުގެ ފަރަގު އެހާ ސީރިއަސްކޮށް ނުނެގިދާނެކަން އެނގޭތީ.. އަހަރެންގެ ނަސޭހަތެއް ސީރިއަސްކޮށް ނުނެގިދާނެކަން އެނގޭތީ.. އަހަރެން މަޑުން ހުރީ. ބަޓް އައި ނޯ އަ ތިންގް އޯރ ޓޫ އަބައުޓް ލަވް އެންޑް ސެޕަރޭޝަން" އައުޒަމްގެ ވާހަކައިގެ މިސްރާބު ހުރިގޮތުން އިވާންއަށް އައުޒަމް ހުއްޓުވަން މަޖުބޫރުވި އެވެ.
"އައުޒަމް.. ޔޫ ޑޯންޓް ހޭވް ޓު ޓޯކް އަބައުޓް ދިސް ސަބްޖެކްޓް—"
"ނޯ ލެޓް މީ.." އިވާންގެ ޖުމްލަ މެދުކަނޑައިލަމުން އައުޒަމް ވާހަކަ ކުރިއަށް ގެންދިޔަ އެވެ. "އަހަރެންނާއި ލީޝާގެ ވާހަކަ އިވާންއަށް އިވިފަ އޮތީ ކިހިނެތްކަމެއް އަހަރެންނަކަށް ނޭނގޭ. އަހަރެން ލީޝްއާ ކައިވެނި ކުރީ ވަރަށް ލޯބިވާތީ. އާއިލާގެ އެންމެނާ ދެކޮޅަށް. ދެން ދެކޮޅުވެސް ވާނެތާ ދޯ.. ޕާރކިންސަންސް އިޒް އަ ބިގް ޑީލް.. ފަރުވާއެއް ހޯދިފަ އޮތް ބައްޔެއް ނޫން. ގިނަމީހުން ދެކޭ ގޮތުގަ އެނގިއެނގިހުރެ އަމިއްލަ މުސްތަގްބަލު ގެއްލުވާލުން ކަހަލަ ކަމެއް އަހަރެން ކުރީ. އެންޑް ޔެސް އިޓް ވޯޒް ހެލް އައިލް ޓެލް ޔޫ.. ތިމާގެ ލޯ ކުރިމަތީގަ ލޯބިވާ މީހާ މަޑުމަޑުން ނުކުޅެދޭ ހާލަތަށް ވެއްޓޭތަން ބަލަން ގޮތް ހުސްވެފަ ހުރުމަކީ ފަސޭހަކަމަށް ނުވާނެތާ؟ ކިތަންމެ ފަހަރަކު ލީޝާ އަހަރެން ދުރަށް ފޮނުވާލަން އުޅުނު. ޝީ ޑިޑިންޓް ވޯންޓް މީ ޓު ސަފަރ ސޯ ޝީ ޕުޝްޑް މީ އަވޭ. އެއްބައި ދުވަސްދުވަހު ވާހަކަ ނުދައްކާ ހުރިއްޔާ އަނެއްބައި ދުވަސްދުވަހު ހިތް ފަޅައިގެންދާހާ ރަހުމުކުޑަ އެއްޗެހި ކިޔާނެ. ބައެއްފަހަރު ކުދި ކުދި އަނިޔާ ކުރާނެ. ފަހުން އަނެއްކާ ދެރަވެގެން އުޅޭނެ. ލީޝް ބޭނުން ނުވީ އަހަރެން ލީޝްއާއެކު ސަފަރ ކުރަން. ލީޝް ނިޔާވީމަ ރަށުގެ ގިނަމީހުން ކީ އަހަރެން މިހާރު ހުންނާނީ ވަރަށް އުފަލުގައޭ. ލީޝް ބަލިކަން އެނގިހުރެ އަހަރެން ލީޝްއާ ކައިވެނި ކުރީ ލީޝްއަކީ މާލޭ މީހެއްކަން އެނގޭތީ އޭ. ފައިދާ ނަގާށޭ. މިއޮތީ ތި ބުނާ ފައިދާއަކީ. މި ވިހި ފޫޓު-ވިހި ފޫޓު ހަމަނުވާ ބިންކޮޅު. މިތަނުން ފައިދާއެއް ނަގަން އުޅެންޏާ އަހަރެންނަށް މިތަން ކުޑަ ގޮތަކަށް ހަދާލާފަ ބަޔަކަށް ކުއްޔަށްދީފަ ގޮސް އެހެން މީހަކާ ކައިވެނި ކޮށްގެންވެސް އުޅެވޭނެ. އެކަމަކު.. ހަތް އަހަރު ވީ އިރުވެސް.. އަދިވެސް އަހަރެން މިތާ މަސައްކަތް ކޮށްގެން މިތާ މި ދިރިއުޅެނީ މިއީ ލީޝްގެ ހަމައެކަނި ހަނދާންވީމަ. ހަގީގަތަކީ ލީޝް ނުކުޅެދޭ ހާލުގަވެސް އަހަރެންގެ ގާތުގަ ހުރިއިރު އަހަރެން ހުރީ މާ އުފަލުން. ލޯ މައްޗަށް ފެނިލަން އިނަސް ހާދަ ހިތްހަމަ ޖެހެޔޭ. އެއްޗެހި ކިޔަންވެސް.. އަނިޔާ ކުރަންވެސް.. ދުނިޔޭގަ އިންނަމަ އޭ ހިތަށް އަރާ" އައުޒަމްގެ އަޑުގައިވަނީ މިއިން ޒަމާނަކުވެސް އިވާންއަށް އެ ނީވޭފަދަ މަޑުމޮޅިކަމަކާއި ހިތާމައެކެވެ.
"މިއަދު އަހަރެން ލީޝްގެ ހަނދާންތަކާއެކު މި އުޅެނީ އެއީ އަހަރެންނަށް އޮތް ހަމައެކަނި ގޮތް ވީމަ... އެ ހަނދާންތައް ނޫން އެއްޗެއް އަހަރެންގެ އަތަކު ނެތް! އެކަމަކު އިވާންއަށް އަދި ގޮތް ހުހެއް ނުވޭ! އިވާން ލޯބިވާ ކުއްޖާ މާތް ރަސްކަލާނގެ އިރާދަފުޅާއެކު އަދިވެސް ހުރީ އިވާންގެ އަތް ފޯރާ ހިސާބުގަ. ހެޔޮހާލުގަ. އެހެން މީހެއްގެ މިލްކަކަށް ނުވެ. މާދަމާވެސް މައިރާ އެހެން މީހަކާ ކައިވެނި ކޮށްފާނެ. އިވާން މައިރާދެކެ ލޯބިވަންޏާ އިވާންއަކަށް ފަސޭހައެއް ނުވާނެ އެ ހަނދާންތަކާ ދުރަށް ދާކަށް. ޓްރަސްޓް މީ.. ޔޫ ވިލް ސަފަރ އެވްރީ ޑޭ ފޯރ ދަ ރެސްޓް އޮފް ޔޯ ލައިފް. އަދި ކައިވެންޏެއް ނުކުރިޔަސް.. ހަޔާތަކީ ކުރު އެއްޗެއް. ތިމާއާ އެންމެ ގާތުގައި އަދި އެންމެ ދުރުގައިވެސް ވާ އެއްޗަކީ މަރު. އެ ކުރު ހަޔާތުން ލޯތްބަށް ޖާގަ ނުދީފިއްޔާ އެމީހަކު ނިމިދާނީ ވަރަށް މިސަރަބަލް މީހެއްގެ ގޮތުގަ. ސޯ.. އިވާން މުޅި އުމުރުދުވަހު ރިގްރެޓް ކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންނަށް އެނގޭ ފަހަރެއްގާ އިވާންއާއި މައިރާއާ ދޭތެރޭ ޖެހުނު މައްސަލައަކީ އިވާން އަހަރެންނަށް ކިޔައި ދިންވަރުގެ ކުޑަ ކުޑަ ކަމަކަށް ނުވެދާނެކަން ވެސް. އެކަމަކު މައިރާ އިވާންއަށް ދިނީ ކޮންމެފަދަ އަނިޔާއެއް ކަމަށްވިޔަސް.. އަހަރެންނަށް އެބަފެނޭ މައިރާ އެކަމާ ދެރަވެގެން އުޅޭވަރު.. އަހަރެންނަށް ފެންނަނީ އިވާން މައިރާއަށް މަޢާފުކުރަން" އައުޒަމް ނަސޭހަތްތެރިވި އެވެ.
"އިޓް.. އިޓްސް ނޮޓް ދެޓް އީޒީ ބްރޯ.. އަހަރެން.. އަހަރެން މައިދެކެ ލޯބިވެޔޭ. ކިތަންމެ މަސައްކަތް ކުރިޔަސް ނަފްރަތެއް ނުކުރެވޭ. އެކަމަކު މަޢާފުކުރާނީ ކިހިނެތް؟ އަހަރެން.. އަހަރެންގެ ހިތުގަ ހާދަ ޝަކުވާއެއް އެބަހުއްޓޭ.. އަހަރެންނަށް އެ ހާލު ޖެއްސީ އަހަރެންދެކެ ހަމަ އެއްވެސް ވަރަކަށް ލޯބި ނުވާތީތަ؟ އަހަރެންގެ ކޮން ކުށެއް އޮވެގެންތަ؟ ދާނުގެ ކޮން ކުށެއް އޮވެގެންތަ؟" އިވާން އޭނާއާ ހިއްސާކޮށްފައިވަނީ ވާހަކައިގެ އެއްބައިކަމުން އިވާންގެ އެ ސުވާލުތަކަށް ދޭނެ ޖަވާބެއް އައުޒަމަކަށް ނޭނގުނެވެ. އެ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް ގެނައީ ގަރާޖުގެ ކުރިމައްޗަށް ހުއްޓައިލި ޕިކަޕެއްގެ ބަރުގޮނުގެ އަޑުންނެވެ.
"އޯކޭ އިންކަމިންގް.. ބެކް ޓު ވޯރކް ރޯމިޔޯ.." އައުޒަމް އިވާންގެ ކޮނޑުގައި ޖަހައިލުމަށްފަހު އިންތަނުން ތެދުވެގެންގޮސް ޕިކަޕުގެ ކައިރިއަށް މަޑުކޮށްލި އެވެ. އޭގެން ބޭލި ދެ ސައިކަލު ގަރާޖުގެ ތެރެއަށް ވައްދައިލުމާއެކު އައުޒަމްއެކޭ އެއްފަދައިން އިވާންވެސް އެއަށް ފުން ނަޒަރެއް ދިނެވެ. އެތަނުން ރަތްކުލައިގެ ރީތި ކުރެހުމެއް އަޅާފައިވާ ފަހުގެ އެކްސައިޓަރ ފެނި އިވާންއާއި އައުޒަމްއަށް ސިހިފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ. ދެ ސައިކަލުގެ ތެރެއިން ބޮޑަށް ފުނޑުފުނޑުވެފައިވެސް އޮތީ އެ ސައިކަލެވެ.
އިވާންއަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގަތްހެނެވެ. ކަށްޓެއް ޖެހި ފަދައިން އިންތަނުން ތެދުވެގެން އައިސް ސައިކަލުގެ ޓެއިލް ލައިޓާ ދިމާ ހޯދައިލި އެވެ. އެތަނުގައި ރޯމަން ފޮންޓަކުން ޖަހާފައި އިން "އެމް" އަކުރު ފެނުމާއެކު އިވާންއަށް ދެ ފިޔަވަޅު ފަހަތަށް އަޅައިލެވުނު އިރު އޭނާ ލަމުންދިޔަ ނޭވާވެސް ވައި ނޮޅީގައި ތާށިވި އެވެ.
"އިވާން.. އިވާން އޭތް.. ހަމަ ޖެހިބަލަ.. ނޭވާލައިބަލަ" އައުޒަމްއަށް ޖެހުނީ އިވާންއަށް ނޭވާލާންވެސް ހަނދާން ކޮށްދޭށެވެ.
"އައުޒަމް.. މައި.. މައި.. ޝީ.." އިވާންއަށް ވާހަކަ ދައްކަން އުނދަގޫވި އެވެ. މައިރާ މި ދެދުވަހު އޭނާއަށް ނުފެނުނު ސަބަބަކީ މިއީ ހެއްޔެވެ؟ މައިރާގެ ހާލު އެނގުމަށްޓަކައި އޭނާގެ ހިތް ތެޅިފޮޅެން ފެށި އެވެ. ދާދި ކުޑަ އިރުކޮޅެއްކުރިން 'ހަޔާތަކީ ކުރު އެއްޗެކޭ' ބުނެ އައުޒަމް ދެކި ވާހަކަތައް ސިކުނޑީގައި އެނބުރެންފެށި އެވެ. ހަމަ އެހެންމެ މައިރާއާ ދިމާލަށް އެންމެ ފަހުން ބުނެވުނު ޖުމްލައިގެ އަޑުވެސް އޭނާގެ ސިކުނޑީގައި ގަދަވެލި އެވެ.
"އަހަރެން ލޯބިވި މައިރާ މިހާރު ވަނީ އަހަރެންނަށް މަރުވެފަ!"
"ޔޫ. އާ. ޑެޑް. ޓު. މީ."
އިވާންގެ ހިތް ބިރުން ފޯވެގެންގޮސް ދެއަތް ތުރުތުރުލާން ފެށި އެވެ. އޭނާއަށް ވިސްނައިނުލާ ބުނެވުނު ބަދުބަހެއްގެ ސުންޕާކަމުން މައިރާއަށް ދެރަގޮތެއް ދިމާވީބާ އެވެ؟
"އިވާން.. އޭ ހަމަޖެހިފަ ވެގެން އުޅޭ ގޮތެއް ބަލަން މައިރާއަށް ގުޅާބަލަ" މިފަހަރުވެސް އިވާންއަށް ވިސްނަން ޖެހުނީ އައުޒަމްގެ ސިކުނޑިންނެވެ. އޭނާ ހުރީ އަމިއްލަ އިޙްތިޔާރުގައި އެއްވެސް ކަމެއް ކުރެވޭނެފަދަ ހާލަތެއްގައެއް ނޫންކަހަލަ އެވެ. އައުޒަމް ދެފަހަރު ގޮވައިލުމުން ގަރާޖުގެ ތެރެއިން އަމިއްލަ ފޯނު ހޯދުމަށް އަވަސްވެގަތެވެ. ނަމަވެސް އަތުގައި ހަރުލާފައިހުރި ތުރުތުރުގެ ސަބަބުން ފޯނު އޭނާގެ އަތުން ދޫވެގެން ވެއްޓުނެވެ.
އިވާންގެ ހާލަތަށް ހަމްދަރުދީވާ ހާލު އައުޒަމް އިވާންގެ ކޮނޑުގައި ހިފަހައްޓައިލަމުން އެ ފޯނު ނަގައި މައިރާގެ ނަންބަރު ހޯދައިލި އެވެ. އެހެނަސް އެ ނަންބަރަށް ގުޅައި ނުލެވެނީސް ގަރާޖުގެ ބޭރަށް މަޑުކޮށްލި 'ސަފާޔަރ' ނޫކުލައިގެ ޝާހީ ކާރު އެމީހުންގެ ލޮލުގައި އަޅައިގަތެވެ. އެ ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވައިލެވުނު އިރު އެތެރޭގައި އިނީ މައިރާ އެވެ. އުނަގަނޑުގައި ސަޕޯރޓް ބެލްޓެއް އަޅާފައި ހުއްޓެއްކަމަކު ހެޔޮހާލުގަ އެވެ. އެ މަންޒަރުފެނި އިވާންގެ އިތުރުން އައުޒަމްއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އައުޒަމް ވަގުތުން މައިރާއާ ދިމާލަށް ހިނގައިގަތްއިރު އިވާންއަށް ލިބުނު އުފަލުގައި ދެލޯ ފެންކަޅިވެލި އެވެ. އެކަން ފޮރުވައިލުމަށްޓަކައި އޭނާ މޫނުގައި ދެއަތް ހިންގައިލަމުން ހިނގައިގަތީ އެމީހުންނާ ދުރަށެވެ.
"މައި.. ވެއިޓް ލެޓް މީ ހެލްޕް" ކާރުގެ ޑްރައިވަރު ސީޓުން ފައިބައިގެން އައިސް މައިރާގެ ގާތަށް ހުއްޓިލި ޒެފަންގެ އަޑަށް އިވާން އަނެއްކާވެސް ފަސްއެނބުރި ބަލައިލި އިރު އޭނާގެ ނިތަށް ވަނީ އެތައްހާސް ރުލެއް އެއްފަހަރާ ޖަމާވެފަ އެވެ.
"މައި އާރ ޔޫ އޯކޭ؟ ސައިކަލު ފެނުނީމަ އަދި ގުޅާލަން މި އުޅުނީ؟" ޒެފަންއަށް ބީރައްޓެހި ގޮތަކަށް ބަލައިލުމަށްފަހު އައުޒަމް ވާހަކަދެއްކީ މައިރާއާ އެވެ.
"ތޭންކްސް އައިމް ފައިން ނައު.. މިއަދު ރޭސް ޖަހަނިކޮށް ވެއްޓުނީމަ ކުޑަކޮށް ތަދެއް އެރީ އެކަމަކު ސޭފްޓީ ގިއަރޒްތައް އަޅައިގެން ހުރީމަ އަނެއްހެން އޯކޭ" މައިރާ ޖަވާބުދިން އިރު އިރުއިރުކޮޅާ އިވާންއާ ދިމާލަށް ބަލައިލަ އެވެ.
"ސައިކަށް ބަލާލާފަ ކުޑަ ކްރޭޝެއްހެން ހިއެއް ނުވޭ.. ގެއަށްގޮސް ރެސްޓް ކޮށްލަންވީނު. ނިންމާލާފަ ގެންގޮސްދޭނަން" އައުޒަމް ހިތްހެޔޮކަމާއެކު ބުންޏެވެ.
"ކޮބާ އަހަރެން ކީކޭ ބުނީ؟ ހަމަ ގެއަށްގޮސް ރެސްޓް ކުރާށޭ ދޯ.. ގޯޑް ނޯޒް ވައި ޔޫ ވޯންޓަޑް ޓު ކަމް ހިޔަރ އޮފް އޯލް ޕްލޭސަސް އިން މާލެ" އާދައިގެ ފެންވަރެއްގައި ހުރި އެ ގަރާޖުގެ އެތަން މިތަނަށް ނަޒަރު ހިންގައިލަމުން ޒެފަން ބުނެލީ ހަމައެކަނި މައިރާއާއި އައުޒަމްއަށް އިވޭ ވަރަށެވެ.
"ޒެފް. މިތާ މެކޭނިކްގެ މަސައްކަތާމެދު އަހަރެން ހިތްހަމަޖެހޭ" މައިރާ ބުންޏެވެ.
"ހެއް ހިމް؟ ރިއަލީ؟" ޒެފަން އައުޒަމްއާ ދިމާލަށް ބަލައިލީ މަލާމާތުގެ ބެލުމަކުންނެވެ. "އައި ކުޑް ގެޓް ޔޫ ޓެން މެކޭނިކްސް ލައިކް ހިމް އެޓް ޔޯރ ޑޯރސްޓެޕް. މައި ކޮންމެހެން މިތަނަށް އަންނާކަށް ނުޖެހޭނެ. ކިހިނެއް އެނގެނީ އެމީހުން އިތުރަށް ލާރި ހޯދަންވެގެން ކޮށްފަހުރި ކަމަކުން ކަމަށްވެސް މިއަދު މައިގެ ސައިކު ފެއިލްވީ؟"
"ވޮޗް ޔޯރ މައުތް މޭން!" ޒެފަން އެވަރުގެ ބޮޑު ތުހުމަތެއް ކުރުމުން އައުޒަމަކަށް މަޑަކުން ނުހުރެވުނެވެ.
"ޒެފް. ތިކަހަލަ އެއްޗެހި ނުބުނެބަލަ." މައިރާ ޒެފަންގެ ބަނޑުގައި ޖަހައިލަމުން ބުންޏެވެ.
"އަޅެ އަހަރެން މި ބުނީ ދޮގެއްތަ؟ މިތަނުން މައިގެ ސައިކު މެއިންޓެއިން ކުރަން ފެށީމަ ނޫންތަ މިހެން މި ވީ؟ ކުރިން ދުވަހަކުވެސް މިހެން ވި ތަ؟" ޒެފަން ހުރީ އޭނާގެ ބަހުގައި ހިފަހައްޓައިގެނެވެ.
"ޒެފް. މިއީ އެމީހުންނާ ބެހޭ ކަމެއް ނޫން. އަހަރެންނަށް ފޯކަސް ގެއްލުނީ އިޓްސް މައި ފޯލްޓް" މައިރާ ބުންޏެވެ.
"މީހުންގެ ފުރާނައާ ކުޅެގެން ލާރި ހޯދާވަރުގެ ގޮތްކުޑަ ބައެއް ނޫން އަހަރުމެންނަކީ. ގަބޫލު ނުކުރެވެންޏާ މިފަހަރު މި ދެ ސައިކަލުގެ ހުރިހާ ރިޕެއަރއެއް ހިލޭ ކޮށްދީފާނަން" އިވާންގެ ކަންފަތާ ހަމައަށް އެ ޒުވާބު ގޮސް މައިރާދެކެ އިތުރު ރުޅިއެއް އައިސްދާނެކަމުގެ ބިރުގައި އައުޒަމްވެސް އަވަހަށް އެ ވާހަކައިގެ ތެރެއަށް ވަނެވެ.
"ވަޓެވަރ.. ލެޓްސް ގޯ މައި. މިހާރު މަގު އެ ފުރުނީ. ވާރޭވެސް ވެހެން ކަންނޭނގެ އެ އުޅެނީ" ކާރުގެ ފަހަތަށް ފުނި ޖެހެމުންދިޔަ އުޅަނދުތަކަށް އިޝާރާތް ކޮށްލަމުން ޒެފަން ބުންޏެވެ.
"ޒެފް ދޭ. އަހަރެން މަޑުކޮށްލާނަން" މައިރާ ހުރީ ޒެފަންގެ ބަސްމަގު ބެހެއްޓި ގޮތާމެދު ހިތްހަމަ ނުޖެހިފަ އެވެ. ޒެފަންއާއެކު ދާކަށް ބޭނުމެއްނުވި އެވެ. އެހެންނޫނަސް ދެދުވަހުގެ މެދުކެނޑުމަކަށްފަހު އިވާންގެ ސޫރަ ލޮލަށް ފެނިލުމުން އޭނާ އަދި އިތުރަށް އެތަނުގައި މަޑުކޮށްލާ ހިތްވީ އެވެ.
"މައި-"
"ޒެފް.. ގޯ." މައިރާ ގޮތް ދޫނުކުރާނެހެން ހީވުމުން ޒެފަން އެންމެ ރަނގަޅޭބުނެ މައިރާ އެތަނަށް ދޫކޮށްލުމަށްފަހު ކާރުގައި އެތަނުން ނައްޓައިލި އެވެ. އެއާއެކު މައިރާ އައުޒަމްއާ ކުރިމަތިލަމުން ޒެފަން ކީ އެއްޗެއްސާމެދު މަޢާފަށް އެދުނެވެ.
"އެ އަޅާލާ އެއްޗެއް ނޫން. އާދޭ މިތާ ޖައްސާލަން" އައުޒަމް މައިރާގެ އަތުގައި ހިފައިގެންގޮސް ގޮނޑީގައި ބޭންދި އެވެ. ގައިގެ އެތަން މިތާނގައިހުރި ތަދުގެ ސަބަބުން އޭނާއަށް ހިނގެނީ ކިރިޔަކިރިޔާ އެވެ. އެ މަންޒަރު ބަލަންހުރި އިވާން ކިތަންމެހާވެސް ބޮޑަށް މައިރާގެ ގާތަށް ދާން ބޭނުންވި އެވެ. ހަމަޖެހުން ނަގާލެވިފައިވާ އޭނާގެ ހިތަށް ތަސައްލީއެއް ހޯދުމަށްޓަކައި މައިރާގެ ހާލު އަހައި، މައިރާ ގެނެސް މޭގެ ތެރޭގައި ފޮރުވައިލަން ބޭނުންވި އެވެ. އެހެނަސް ހިތުގެ އެ އެދުމުގެ މައްޗަށްވެސް އޭނާ އިސްކުރީ ހަމަބުއްދި އެވެ. މޫނު އަނބުރައިލީ މައިރާއާ ދުރަށެވެ.
"ރޭހެއް ޖަހަނިކޮށް ކަހާލައިގެން ވެއްޓުނީ. އަނެއްހެން ކަމެއް ގޯހެއް ނޫން އެކަމު އަދިވެސް ގައިގަ ރިއްސާތީ އުޅެނީ" އިވާން ނުބުނި ކަމުގައިވިޔަސް އައުޒަމް މައިރާގެ ހާލަތު އިވާންއަށް ހުލާސާ ކޮށްދިނެވެ. އެއަށްފަހު ދުވަހުގެ މަސައްކަތާއިގެން ކުރިއަށް ދިޔަ އެވެ.
އިވާންގެ އަޅައިލުން ކުޑަކަން ފެނި މައިރާގެ ހިތުގައި ތޫނު ރިހުމެއް އުފެދިގަތެވެ. ހިތާހިތުން އެތަނަށް އާދެވުނީތީ އަމިއްލަ ނަފްސަށް އަޑުލައިގަތެވެ. އެފަދަ ހާލެއްގައި އޭނާ އެތަނަށް އައީވެސް އޭނާދެކެ ކުރިން ވީ ލޯބީގެ ކުޑަވެސް މިންވަރެއް ހަމްދަރުދީގެ ސިފައިގައި ވިޔަސް އިވާންގެ ދެލޮލުން ފެންނާނެ ކަމުގެ އުއްމީދުގަ އެވެ. ކަންތައް އެހެނެއް ނުވިތާ އެވެ؟ އިވާންގެ ހިތް އެވަނީ އޭނާ އުއްމީދުކުރި ވަރަށްވުރެ މާ ހަރު އެއްޗަކަށްވެފަ އެވެ. އެ މޫނުމަތިން ކަންބޮޑުވުމުގެ ރުލެއްގެ ހިސާބުވެސް ފެންނާކަށް ނެތެވެ.
"ދެން ގައިގަ ރިއްސަންޏާ މިހާ ރޭގަނޑު މިތާނގަ އައިސް އެ އިންނަނީ ކީއްކުރަންތަ؟ ގެއަށް ދާން ޓެކްސީއަކަށް ގުޅާދޭންވީނު" މައިރާ އެ ގޮނޑިގައި އިނދެ އެގޮތް މިގޮތަށް ގައި މޮޑެމުންދިޔަ މަންޒަރު ފެނި ހިތަށް ކެތްނުވި އިވާންއަށް މަޑުމަޑުން އައުޒަމްގާތު ބުނެވުނެވެ.
"އިވާންއަށް ހީވޭތަ އޭނަ ދާނެހެން؟ ދެތިން ހަފްތާ ތެރޭގަ އަހަރެންނަށް އޭނަ އެނގުނު ވަރަށްވެސް އިވާންއަކަށް އޭނަ ދަސްވެފައެއް ނެތް ދޯ. އިވާންއަށްވުރެ ބޯހަރު މަންޖެއެއް އެއީ. އޭނަ ނުދާނެ. އޭނައާއެކު މިތަނަށް އައި ބޮޑާ ސޮރުގަނޑުވެސް ކިހާ ވަރަކަށް ހިނގާށޭ ކިއީ" އައުޒަމް ބުންޏެވެ.
"އައުޒަމް އޭނައާ ވާހަކަދެއްކިން ދޯ. އެއީ ކާކުތަ؟" އިވާން ނުވާ ކަމަކަށް ހަދާފައި އެ ކޮށްލީ ޒެފަން ފެނުނީއްސުރެން އޭނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލެވެ.
"ހެހެ. އަހަރެންނަކަށް ނޭނގެ. ގައިމުވެސް ވަރަށް ގާތްހެން ހީވަނީ. އިވާން ނިކަން އަޅެ އަހާލަބަލަ" އައުޒްމް އުޅުނީ އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް އިވާން މައިރާއާ ވާހަކަ ދައްކުވާށެވެ. އެހެނެއްކަމަކު އިވާން އިޚްތިޔާރުކުރީ ހިމޭންކަމެވެ. އެންމެފަހުން އައުޒަމްވެސް ހިތަށް "ކެތްނުވެގެން" ގަރާޖުގެ އެތެރޭގައި ހުރި އަށި ރީތިކޮށްލުމަށްފަހު އެތަނުގައި ރަޖަލެއް އަޅައިލާފައި މައިރާއަށް ގޮވަން ދިޔައީ އެ ގޮނޑިއަށްވުރެން ފަސޭހަ ގޮތެއް މައިރާއަށް ހޯދައި ދިނުމަށެވެ.
"އޯކޭ ދޯ؟" މައިރާ އަށިމަތީގައި ހަމަޖެހިލި ހިނދު އައުޒަމް ހިތްހެޔޮކަމާއެކު އަހައިލި އެވެ. މައިރާ ބޯ ޖަހައިލަމުން އައުޒަމްއަށް ޝުކުރު އަދާކުރި އެވެ. އިވާންއަށްވުރެ އައުޒަމްވެސް އޭނާއާމެދު ގާތްކޮށް ކަންތައް ކުރަމުންދާތީ އެކަމާމެދު ހިތުގައި ޝަކުވާ އުފެދިފައިވާ ހާލުގަ އެވެ. ޕެއިންކިލަރ ގުޅައެއް ކައިލުމަށްފަހު ބޯދަށަށް ދަބަސް ލައްވައިލަމުން އެތަނުގައި އޮށޯވެލިތާ މާ އިރެއް ނުވަނީސް އޭނާގެ ދެލޯ ނިންޖަށް ބަރުވާން ފަށައިފި އެވެ.
"އަރ ޔޫ ކިޑިންގް މީ؟ ޝީ އިޒް ސްލީޕިންގް ދެއަރ؟ މިތާ މި ތިބީ ދެ ފިރިހެނުންކަންވެސް ހަމަ ނޭނގެނީތަ؟ ހައު ކޭން ޝީ ޓްރަސްޓް އަސް ސޯ ބްލައިންޑްލީ؟" އިވާން އިނީ އަޖައިބުވެ އަންތަރީސްވެފަ އެވެ.
"ބަލަ މޮޔަޔާ. ނޮޓް އަސް. ޔޫ! ޝީ އިޒް ޓްރަސްޓިންގް ޔޫ ބްލައިންޑްލީ. އޭނައަށް އެ ރައްކާތެރިކަން އިހުސާސްވާތީ ދޯ މިތާ ރެސްޓް ކުރާނީ.. އެކަމަކުވާ ހަހަހަ. ފުރަތަމަ ދުވަހުވެސް އަހަރެން ބުނީމެއްނު މިއީ ތަފާތު ކުއްޖެކޭ" އެ ދެ ޒުވާނުން އުޅޭ ގޮތާމެދު ފާޑަކަށް ހިނި އައިސްފައި އިނދެ އައުޒަމް ބުންޏެވެ. ވާނީވެސް އެހެންތާ އެވެ. އިވާން ކިތަންމެ ބޭނުން ނުވިޔަސް މައިރާއާމެދު އަޅައިލުން ހުއްޓައެއް ނުލެވެ އެވެ. އެކަން ނޭނގިހުރެ މައިރާ އެ ދަނީ ހޯދެން އޮތް ގޮތަކުން އިވާންގެ ސަމާލުކަން ހޯދޭތޯ މަސައްކަތް ކުރަމުންނެވެ. ނޭނގި ނަމަވެސް ކުޅިފަސް ލިބެމުން ދިޔައީ ހަމަ މައިރާއަށެވެ.
އެރޭގެ އަށެއް ޖަހަން ކައިރިވުމުން އާދައިގެ މަތިން އައުޒަމް މަސައްކަތް ނިންމައިލުމަށްފަހު ގެއަށް ދިޔައީ ދިހައެއް ޖަހާއިރު ގަރާޖު ބަންދުކުރުމަށް އިވާންއަށް ހަނދާން ކޮށްދެމުންނެވެ. އިވާން މަސައްކަތަށް އަންނަނީ އައުޒަމްއަށްވުރެން ދެ ގަޑިއިރު ފަހުން މެންދުރު ބާރަ ޖަހާއިރަށް ކަމުގައި ވާތީ ޑިއުޓީ ބަހާލައިފައި އޮންނަ ގޮތަކީ އެއީ އެވެ.
އައުޒަމް ދިޔުމަށްފަހުގައިވެސް އެހެން ރޭރެއެކޭ އެއްފަދައިން މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ އިވާން މަސައްކަތް ކުރި އެވެ. އެހެނަސް އަށިމަތީގައި މައުސޫމު ކަމާއެކު ނިދާލާފައި އޮތް މައިރާ ފެންނަ ކޮންމެ ފަހަރަކު އެކަމަށް ހުރަސް އެޅެނީ އެވެ. އޭނާގެ އަމަލުތަކަށް ފާރަވެރިވާނޭ މީހަކު ނެތްކަން އެނގުމުން އިވާން އޭނާއާ ވާގޮތަށް އަނބުރައިލާފައި ހުރި "ސްޓޭންޑް" ފަންކާ ގެންގޮސް މައިރާގާތު ބެހެއްޓި އެވެ. މައިރާއަށް ފިނިވާނޭ ގޮތަށެވެ. މައިރާ ހޭލުމުން އެކަން އައުޒަމްގެ ބޮލަށް ޖަހައިލެވިދާނެތާ އެވެ؟
ހިސާބަކަށް ހިތްހަމަ ޖެހިފައިހުރެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ތައްޔާރުވެލި ވަގުތު ދެން އޮތީ ޑްރިލްކުރުމުގެ މަސައްކަތެއްކަން އެނގި އިވާން އަނެއްކާވެސް ފަސްޖެހިލި އެވެ. ނިދިފައި އޮތް މައިރާއަށް އުނދަގޫވާނެހެން އެތަނުގައި މަސައްކަތެއް ކުރުމަށް އޭނާގެ ޟަމީރު ދެކޮޅު ހެދީ އެވެ. މި ޖެހުނީ ކިހައި ދެރަ ވަޑާމެއް ހެއްޔެވެ؟ ދެން މި މަސައްކަތްވެސް މި ވީ މާދަމައަށް ފަސްކުރަން ހެއްޔެވެ؟ ނޫނެކެވެ. މައިރާ އެތަނުގައި އޮތިއްޔާ އޭނާއަށް ވަކި ކީއް ހެއްޔެވެ؟ އުނދަގޫ ވަންޏާ ހޭލައިގެން ގެއަށް ހިނގައިދާނެ ނޫން ހެއްޔެވެ؟ މިއީ ދެން މީހަކު ނިދަންވެސް ވަކި ކޮން ތަނެއް ހެއްޔެވެ؟
އެންމެފަހުން އިވާން ޑްރިލްކުރުމުގެ މަސައްކަތައް ތައްޔާރުވެލި އެވެ. އެހެނަސް އެންމެ ފަހު ހަރުފަތާ ހިސާބުން އޭނާއަށް އެކަން ކުރިއަށް ގެންދާނެހާ ހިތްވަރެއް ނުލިބުނެވެ. އާނއެކެވެ. މިފަހަރު ހަމަބުއްދީގެ މައްޗަށް އޭނާގެ ހިތް ކުރި ހޯދީ އެވެ. ބަލި ގަބޫލު ކޮށްފީމޭ ބުނާ ފަދައަކުން ލަސް ފިޔަވަޅުތަކެއްގައި ގޮސް މައިރާ އޮތް އަށީގެ މަގަތުގައި އޮތް ހުސް ޖާގައިގައި އިށީނދެލި އެވެ.
ނިދާފައި އޮތްއިރު އެ މޫނުމަތިން ފެންނަމުންދިޔަ މައުސޫމުކަމާއި ނިޔަނެތިކަން ފެނި މައިރާގެ ހުރިހާ އުނި ސިފައަކާއި، މައިރާ ކުރި ކޮންމެ ގޯސްކަމެއް ހިނދުކޮޅަކަށް ނަމަވެސް އިވާންގެ ހަނދާނުން ކައްސައިލި އެވެ. އޭނާ މައިރާއަށް ބަލައިލީ ލޯބިން ފުރިފައިވާ ނަޒަރަކުންނެވެ. އެ މަންޒަރުގެ ޝާޢިރީކަމަށް ހެކިވާ ފަދައަކުން މުޅި ދުވަހު ވިލާތައް ބަރުކުރަމުންދިޔަ ވާރޭގެ ފެންތިކިތައްވެސް އެވަގުތު އެ ވިލާތައް ދޫކޮށް މިނިވަންވެލައިފި އެވެ. އެކަމަށް ސަމާލުކަން ނުދީ އިވާންއަށް އިނދެވުނީ ފަންކަލުގެ ވަޔާއެކު ވިހުރިލާ މައިރާގެ އިސްތަށިތައް އެ މޫނާ ކޮށްލާ ސަމާސާއަށް ބަލަން ގެއްލިފައެވެ. އެ އިސްތަށިތަކުން މައިރާއަށް އުނދަގޫވެދާނެ ކަމުގެ ހިޔާލު ހިތަށް ވަނުމާއެކު އެ އިސްތަށިތައް މޫނާ ދުރުކޮށްލުމަށްޓަކައި އިވާންގެ އަތް ހިއްލައިލެވުނީ ބޭއިޙްތިޔާރުގަ އެވެ. އެ މޫނުގައި ބީހިލަން އެދެވުނު ވަރުންނެވެ. ދެވަނަ ސިކުންތުގައި އޭނާއަށް އެ ހަރަކާތް ހުއްޓައިލަން މަޖުބޫރުވީ އަމިއްލަ އަތް އޮތް ހާލަތު ފެނުމުންނެވެ. ކަޅުތެލާއި ކިލައިން ހަޑިވެފައިވާ އެ އަތްތިލައިން މައިރާގެ އުނިކަމެއް ނެތް އޮމާން މޫނުގައި އިނގިލި ކުރި ޖައްސައިލަންވެސް އޭނާގެ ހިތް އެއްބަހެއް ނުވި އެވެ. ނަމަވެސް އެ އަތް ތިރިކޮށްލި ތަނާހެން ފެނުނީ މައިރާ އެ އަތުގައި ހިފެހެއްޓި ތަނެވެ. އިވާންއަށް ސިހިފައި މައިރާއަށް ބަލައިލެވުނެވެ.
"ކީއްވެ ތި ދުރަށް ދަނީ؟" އިވާންގެ އަތުން ދޫކޮށްލުމެއްނެތި މައިރާ ހަށިގަނޑު ސީދާކޮށްލަމުން އަށީގައި ރީތިކޮށް އިށީނދެލި އެވެ. އަދި އޭނާގެ "ކިލާވެފައި އޮތް" އަތް ހިއްލައިލައި މައިރާގެ އަމިއްލަ ކޯތާފަތުގައި ޖައްސައިލި އެވެ. އެ ކިލާތަކުން މައިރާގެ ރީތި ކޯތާފަތުގައި ކުރެހުން އެޅިގެންދިޔަ މަންޒަރު ބަލަން އިނދެ އިވާންއަށް ހިންދިރުވައިލެވުނެވެ. މައިރާ އޭނާގެ މައްޗަށް މި ހިންގަނީ ކޮންފަދަ ބާރެއް ހެއްޔެވެ؟ އެފަދަ ކުޑަ ކުޑަ ހަރަކާތަކުންވެސް އޭނާގެ ހިތުގެ ތެޅުމަށް ބަދަލު ގެނުވައިފި އެވެ. ލޭގެ ހިނގުން އަވަސްކުރުވައިފި އެވެ.
"އެހެމް.. ކޮން.. ކޮން އިރަކު ހޭލީ؟" އިހުސާސްތައް ބޮއްސުން ލައިފާނެކަމުގެ ބިރަށް އިވާން ހަށިގަނޑުގައި ހުރި ހުރިހައި ހިތްވަރަކާއެކު މައިރާގެ އަތުތެރެއިން އަތް ދަމައިގަތެވެ.
"ފަންކާ ގެނައިމަ މާ ބޮޑަށް ފިނިވެގެން ހޭލެވުނީ" މައިރާގެ ޖަވާބާއެކު އިވާން އަތުގެ ނުފުށް މައިރާގެ ނިތުގައި ޖައްސައިލަމުން ހުން ބަލައިލި އެވެ. އެހާ ހޫނު ތަނެއްގައިވެސް މައިރާއަށް ފިނިވެގެން އުޅުނީތީ އޭނާ ހިސާބަކަށް ކަންބޮޑުވީ އެވެ.
"ކުޑަކޮށް ހުން ހުރީމަ އެއީ. ގެއަށް ދާން ރެޑީ ވޭ. މިރޭ އައި މީހާ އެބަ އާދޭތަ ބަލާ؟" އިވާން އާދައިގެ ރާގެއްގައި ބުނެލި އެވެ.
"ކާކު ޒެފްތަ؟ ޒެފް އެއީ ހަމައެކަނި ފެމިލީ ފްރެންޑެއް.." އިވާން ނޭހި ނަމަވެސް މައިރާ އޮޅުން ފިލުވައިދިނެވެ.
"ހެހެ. އެއީ ދޯ އަހަރެންގެ މައުލޫމާތޭ ކިޔާފަ ދާނުގެ ފައިލް ފޮނުވައިގެން މައިރާލައްވާ ހުރިހާ ކަމެއް ކުރުވި މީހަކީ؟" އިވާންގެ ނުރުހުންވެފައި އަހައިލި އެވެ.
"ޒެފް؟ ނޯ ޒެފްއަކަށް އެއްވެސް ކަމެއް ނޭނގޭނެ. އަހަރެން މަލްގެ ބީ.އެފްގެ ފައިލް ފޮނުވަން ބުނީމައޭ ޒެފް އެ ފައިލް ފޮނުވީ" މައިރާ ބުންޏެވެ.
"ދެން އަޅާނުލާ. މިހާރު އެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. މި ދަނީ ޓެކްސީއަކަށް ގުޅަން" އިވާން މައިރާއާ ދުރަށް ދާން ތައްޔާރުވެލި ތަނާހެން އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި މައިރާ އޭނާގެ މެދުހަށީގައި ދެއަތް ވަށައިލަމުން ފަހަތުން އޭނާގެ ގައިގައި ބައްދައިލި އެވެ. އިވާންގެ ހަތަރެސްފައި ވަގުތުން ބަނދެވިގެންދިޔަ އެވެ. ހަރަކާތްކުރަން ހަނދާން ނެތުނެވެ.
"އިވާން.." މައިރާގެ މަޑުމަޑު އަތްތިލައިން އޭނާގެ ހިތާ ދިމާލުގައި ފިރުމައިލުމާއެކު އިވާންއަށް ދެލޯ މަރައިލެވުނެވެ. ހިތުގެ ތެޅުން މެކުހަށް ޖެހިއިރު މައިރާއަށްވެސް އެކަން އިހުސާސް ކުރެވޭނެކަން ޔަގީނެވެ. އިވާންގެ ނޭވާ އަވަސްވި އެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑުން މާހައުލުގެ ހިމޭންކަން ނަގައިލައިފައި ނުވިނަމަ އެ ނޭވާގެ އަޑުވެސް މައިރާއަށް ސިއްރެއް ނުވީހެވެ.
"މައިރާ.. ޕްލީޒް ސްޓޮޕް އިޓް" އިވާންގެ ހިމޭން އަޑުގައިވަނީ މުޅިން ތަފާތު ޖަޒުބާތެކެވެ. "ދޫކުރޭ މައިރާ" ނަފްސު ހަމައަކަށް އަޅުވައިލުމަށްޓަކައި ދެއަތް މުއްކަވައިލަމުން ކަތުރު ކަށިގަނޑަށް ބާރުކޮށްލި އެވެ. އަޑަށް ހަރުކަށިކަން ވެރިކުރުވޭތޯ މަސައްކަތްކުރި އެވެ. މިވަގުތު މައިރާ އޭނާގެ ކުރިމަތީގައި ނެތްކަން އެއީ ހަމަ ނަސީބޭ އިވާންގެ ހިތަށް އެރި އެވެ. ނޫންނަމަ މައިރާއަށް ފޮރުވުމަށްޓަކައި އެ މަސައްކަތްކުރާ އިހުސާސްތައް އޭނާގެ ދެލޮލުން މައިރާއަށް ހާމަވީހެވެ.
"ދޫކުރާށޭ ބުނީމަ އަޑެއް ނީވޭތަ؟" އިވާން ގަދަކަމުން މައިރާގެ އަތު ތެރެއިން ވީއްލިގަތުމަށްފަހު އިންތަނުން ތެދުވެލި އެވެ. އޭނާއާ އެކުއެކީގައި ކަހަލަ ގޮތަކަށް މައިރާވެސް ތެދުވެ އޭނާގެ އަތުގައި ހިފަން މަސައްކަތް ކުރި އެވެ.
"ޑޯންޓް ޓަޗް މީ މައިރާ އައި ސްވެއަރ ޑޯންޓް!" އިވާންގެ އަތް މައިރާއާ ދުރުކޮށްލި އެވެ.
"އިވާން ޕްލީޒް.. އައިމް ސޮރީއޭ.. އަހަރެން އިވާންދެކެ ވަރަށް ލޯ-"
"ޝްޝްޝް!" މައިރާގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް އިވާން ނުދިނެވެ. "ލޯތްބޯ. ހަހަ. މައިރާ ތި ލޯބިވާގޮތަށް ދުނިޔޭގެ އެއްވެސް އިންސާނަކު އެހެން އިންސާނެއްދެކެ ލޯބި ނުވޭތޯ އަހަރެން ދުޢާ ކުރާނަން" އޭނާ ބުންޏެވެ. މައިރާގެ ޖާދޫގައި ޖެހި ހިނދުކޮޅަކަށް ނަފްސަށް ވެރިވެގެންދިޔަ ބަލިކަށިކަން ފިލައިގޮސް ސާބިތުކަން އިއާދަވެއްޖެ އެވެ. އެވަގުތު ސިކުނޑިއަށް ވެރިވި ހިޔާލާއެކު އިވާންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވި އެވެ. މައިރާއާ ގާތަށް ދެތިން ފިޔަވަޅެއް އަޅައިލަމުން ފަހަތުގައި ހުރި ފާރުގައި މައިރާ ޖައްސައިލީ ކޮށްޓެއްގެ ތެރޭގައި މައިރާ ބަންދުކޮށްލާ ފަދައިންނެވެ.
"މައިރާ ބިރެއް ނުގަނޭތަ؟ މިކަހަލަ ވަގުތެއްގަ.. މިކަހަލަ ތަނެއްގަ އަހަރެންނާއެކު އެކަހެރިކޮށް ހުންނާކަށް؟ އާފްޓަރ އޯލް އައިމް އޭން އެލެޖްޑް ރޭޕިސްޓް ރައިޓް؟" އިވާން މަލާމާތުގެ ރާގެއްގައި މައިރާއާ ދިމާލަށް ބަސް އެއްލި އެވެ.
"ބި.. ބިރެއް ނުގަނޭ" އިވާންގެ ގާތްކަމުން ނުތަނަވަސްވެފައިހުރި މައިރާ އިސްޖަހައިލަމުން ޖަވާބު ދިނެވެ. އިވާން އެފަދައިން ސުވާލު އެ ކުރަނީ އޭނާއަށް ކުރެވުނު ކަންތަކާމެދު އޭނާ އިތުރަށް ދެރަކުރަންކަން މައިރާއަށް އެނގެ އެވެ. އޭނާއަށް ކުރެވުނު ކުށް އޭނާއަށް ހަނދާން ކޮށްދޭންކަން އެނގެ އެވެ. އެކަން އިވާން ދިޔައީ ކާމިޔާބު ކުރަމުންނެވެ.
"ޓެލް މީ މައިރާ.. ޓެލް މީ ވަން ރީޒަން ވައި އައި ޝުޑުންޓް ލިވް އަޕް ޓު އިޓް؟ މިރޭ މައިރާއަށް ކޮންމެ ގޮތެއް ހެދިޔަސް ދުނިޔޭގެ ކުރިމަތީގަ އަހަރެން އިތުރަށް ވާނެ ބަދުނާމެއް އެބަ އޮތްތަ؟" އިވާން ސުވާލާއެކު މައިރާ އިސް އުފުލައިލަމުން އިވާންއަށް ބަލައިލި އެވެ.
"އަހަރެން އިވާންއަށް އިތުބާރު ކުރަން. އަހަރެންނަށް އެނގެޔޭ ތިއީ ގޯސް މީހެއް ނޫންކަން" މައިރާ ބުނެލި އެވެ. އެ އަޑުގައިވި މަޑުމޮޅިކަމާއި ބެލުމުގައިވި މައުސޫމުކަމަށް އަނެއްކާވެސް އިވާންގެ ހިތް ދޫވާން ފެށި އެވެ. އެކަމާމެދު އޭނާއަށް މިފަހަރު ރުޅި އާދެވުނީ އަމިއްލަ ނަފްސުދެކެ އެވެ.
"ކުރިން ނުކުރެވުނު އިތުބާރެއް މާ ފަސޭހައިން މިހާރު ތި ކުރަނީއޯ؟ ބަލަ މިއީ ކުރީގެ އިވާންއެއް ނޫނޭ. ރަނގަޅު މީހެއް ގޮތުގަ އުޅެގެން މަށަށްވި ފައިދާއަކީ ކޮބާތަ؟ ސޯ ބަދަލު ހިފުމުގެ ގޮތުންވިޔަސް އަހަރެން މިހާރު އެކަހަލަ ކަމެއް ނުކުރާނެކަން އެނގެނީ ކިހިނެއް؟ ޔޫ ޝުޑް ބީ ސްކެއަރޑް" އިވާން ފުލުފުލުގައި އަމުނައިލި ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި މައިރާ އިވާންގެ ޓީޝާޓުގައި ހިފައި ގާތަށް ދަމައިލި އެވެ. އެ ދެމެދުގައިވި ޖާގަ އިތުރަށް ހަނިކޮށްލަމުންނެވެ.
"އިވާން ތިކަހަލަ ކޮންމެ އެއްޗެކޭ ކިޔަސް އަހަރެން ބިރެއް ނުގަނޭ. އަހަރެން ބޭނުން ނުވާ ކަމެއް އިވާންއަކަށް ނުކުރެވޭނެ" ހަނިކޮށްލެވިފައިވާ ދެލޮލުން އިވާން މައިރާއަށް ބަލައިލީ މައިރާގެ ވާހަކަ ނަގައިގަންނަން ނޭނގިފައި ހުރެގެނެވެ. އެ ހިނދު މައިރާ ސިއްރެއް ބުނަން އުޅޭ ފަދައިން އިވާންގެ މޫނާ މޫނު ގާތް ކޮށްލި އެވެ. "ނޭނގުނުތަ މި ބުނި އެއްޗެއް؟ އިވާން ބޭނުމިއްޔާ.. އައި ވިލް ގިވް ޔޫ މައި ފުލް ކޮންސަންޓް" އޭނާ އިވާންއާ ހަތަރުކަޅި ހަމަކޮށްލަމުން ބުންޏެވެ.
އިވާންއަށް ހީވީ އޭނާ ލައިލައިހުރި ނޭވާވެސް ހިނދުކޮޅަކަށް އުފުރިގެން ދިޔަހެނެވެ. މައިރާއަށް ބިރު ދައްކައިލުމަށްޓަކައި ދެއްކި ވާހަކައެއް މުޅިން އަނބުރައިލި ގޮތާމެދު ބުނާނެ އެއްޗެއް ނޭނގި، އިވާންއަށް ހުރެވުނީ ބަސްހުއްޓިފަ އެވެ. މައިރާގެ ޖެހިލުންކުޑަ ކަމަކީ އެ ސިފައެއްދެކެ އޭނާ ނުހަނު ގަޔާވާ ސިފައެކެވެ. މިފަހަރުވެސް އެ ޖެހިލުންކުޑަކަމުން އޭނާގެ ހިތް އަވަސްކުރުވައިފި އެވެ. މައިރާ އިސްވެ އެފަދަ ދައުވަތެއް ދިނުމުން އެކަން ގަބޫލުކުރުމަށް އޭނާގެ ހަވާނަފްސު ގޮވަމުންދިޔަ އެވެ. މައިރާގެ ތޫނު ބެލުމާއި، ތުންފަތުގައިވި މަޑު ތުރުތުރު އަދި ނޭފަތުގެ ހޫނު ނޭވައިންވެސް ދެމުން ދިޔައީ ހަމަ އެ ދައުވަތެވެ. ވެހެމުންދިޔަ ވާރޭގެ ސަބަބުން ފަޒާގައި ތެތްފިނިކަމެއް ހިފާލައިފައިވާ ރެއެއްގައި މައިރާފަދަ ކުއްޖެއް ދޭ އެފަދަ ދައުވަތަކަށް ފުރަގަސްދެވޭނީ ވަރަށް ހިތްވަރުގަދަ ފިރިހެނަކަށޭ އިވާންގެ ހިތް ބުންޏެވެ. ވީއިރު، ހަށިގަނޑުގެ ކޮންމެ ލޭނާރެއްގައި މައިރާގެ ނަން ހިނގަހިނގައި ހުރި ހާލު އޭނާއަށް އެފަދަ ހިތްވަރެއް ލިބޭނީ ކިހިނެއް ހެއްޔެވެ؟
"މައިރާ.." އިވާންގެ އަޑު ނުކުތީ ކިރިޔަ ކިރިޔާ އެވެ. އެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. ހިކެމުންދިޔަ އަރުތެރެ ތެންމައިލުމަށްޓަކައި ހިންދިރުވައިލަމުން އިވާން މައިރާގެ ނިތުގައި ނިތްކުރި ޖައްސައިލި އެވެ. ހީވީ މައިރާއަށްޓަކައި އެ ހިތުގައިވާ އިހުސާސްތައް ދެންމެދެންމެ ބަންޑުން ކޮށްލައިފާނެ ހެނެވެ.
"އިވާން ޕްލީޒް... އަހަރެން މަސައްކަތް ކުރާނަމޭ.. އިވާންގެ ދިރިއުޅުން އަލުން އާރާސްތު ކޮށްދެވޭތޯ. އުފާވެރިކަން ގެނެސްދެވޭތޯ.. މިއީ އަހަރެން އިވާންއާ މި ސުވާލު ކުރާނެ ފަހު ފަހަރު. އަހަރެންނަށް އަދި އެއް ފުރުސަތު ނުދެވޭނެތަ؟" އިވާން ބަލިކަށިވެގެންދިޔަ ވަގުތުގެ ބޭނުން ހިފައި މައިރާ މަސައްކަތްކުރީ އިވާންގެ ނިންމުން ބަދަލު ކޮށްލެވޭތޯ އެވެ. ނަމަވެސް މައިރާ އެ މައުޟޫއު ނެގުމާއެކު އިވާންއަށް ހަމަހޭވެރިކަން ލިބުނު ފަދަ އެވެ.
"ކިހިނެއްތަ ފުރުސަތެއް ދޭނީ މައިރާ؟" އޭނާ މަޑުމަޑުން މައިރާއާ ދުރަށް ޖެހިލި އެވެ.
"ކީއްވެތަ ނުދެވޭންވީ؟ އަހަރެން ވީ ލޯބިކަމަށް ގަބޫލު ނުކުރިޔަސް ހެޔޮ. އެކަމަކު އިވާންއޯ؟ އިވާން އަހަރެންދެކެ ވީ ހަގީގީ ލޯތްބެއް ނޫންތަ؟ އެހާ އަވަހަށް ތި ހިތުން އެ ލޯބި ފިލައިގެން ދިޔައީތަ؟ ބުނެބަލަ.. މިހާރު އެއްވެސް ވަރަކަށް ލޯބި ނުވަނީތަ؟" މައިރާ އެއްސެވެ. އިވާންގެ ނަޒަރު ހުއްޓައިލީ މައިރާއާ ދުރަށެވެ.
މައިރާ ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އޭނާ މައިރާއާ ދުރުދުރުން އުޅެނީ އެ ގޮތް އޭނާއަށް ފަސޭހަ ވީމައި ކަމަށް ހެއްޔެވެ؟ ނޫނެކެވެ. މައިރާ ފެންނަ ކޮންމެ ފަހަރަކު މާޒީ އެކުގައި ހަނދާން ނައްތައިލުމަށްފަހު މައިރާއަށް އިތުރު ފުރުސަތެއް ދޭން އޭނާ ހާދަ ބޭނުންވެ އެވެ. ނަމަވެސް މައިރާ ހަލާކުކޮށްލީ އޭނާގެ އެކަނި ދިރިއުޅުމެއްވެސް ނޫނެވެ. އޭނާއަށް ލިބުނު އަނިޔާ ހަނދާން ނައްތައިލެވުނަސް މާމައާއި އައިލީންއަށް ލިބުނު ފުރައްސާރައާއި އެކަމުގެ ސަބަބުން މާމަ ދުނިޔެއާ ވަކިވެގެންދިޔަ ދިޔުން އޭނާ ހަނދާން ނައްތައިލާނީ ކިހިނެއް ހެއްޔެވެ؟
"ތި ސުވާލަށް އަހަރެން ކުރީ ދުވަހުވެސް ޖަވާބު ދިނީމެއްނު؟ ވަޓް ޑިޑް ޔޫ އެކްސްޕެކްޓް މައިރާ؟ މައިރާގެ އަމިއްލަ ދެއަތުން އަހަރެންގެ ހިތް ފުނޑުފުނޑުކޮށްލީ.. ދެން މިހާރު އަހަރެން މައިރާދެކެ ލޯބިވާންވީ ނެތް ހިތަކުންތަ؟" އިވާންގެ ސުވާލާއެކު މައިރާގެ ދުލުގައި ގޮށެއް ޖެހުނެވެ. އެ ސުވާލު އޭގެ އެންމެ އަސަރު ގަދަކަންމަތީ އައިސް މައިރާގެ މުޅި ހަށިގަނޑުން ހީބިހި ހިލުވައިލި އެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓައި އިވާން އޭނާއަށް ފަސްދީ ދުރަށް ހިނގައިގެންފި އެވެ.
- ނުނިމޭ -
Comment