Advertisement

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

29 ނޮވެންބަރު 2025 - 22:07 8

ރަނާ ލަތީފް

ރަނާ ލަތީފް


ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

29 ނޮވެންބަރު 2025 - 22:07 8

31 ވަނަ ބަޔާ ގުޅޭ

ނަދާލްގެ އޯގާތެރި ފިރުމުންތަކާއި ލަފްޒުތައް ވެގެންދިޔައީ ނޭނގި ނަމަވެސް އައިލީންގެ ހިތަށް ލިބުނު ޝިފާ އަކަށެވެ. އެ ހިތުގައިވި ބިރުވެރިކަމާއި ހާސްކަން މަޑުމަޑުން ފިލައިގޮސް ގިސްލުމުގެ އަޑު ފަނޑުވާން ފެށި އެވެ. ނަދާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެހިސާބުންނެވެ.

------

ދުވަސްތައް އޭގެ ހަލުވިކަމާއެކު ފާއިތުވަމުންގޮސް ދެ ހަފްތާ ދިޔައިރު މައިރާ ކޮންމެ ދުވަހަކު އޮފީހުގެ ފުރަތަމަ ދަންފަޅި ނިންމައިލުމަށްފަހު މާލެ އައިސް ދުވަހުގެ ބާކީބައި ހޭދަކުރަނީ އިވާން މަސައްކަތްކުރާ ގަރާޖު ދޮށުގަ އެވެ. އެ ދެ ހަފްތާގެ ތެރޭގައި އިވާން އެންމެފަހަރުވެސް އޭނައާ އަނގައިން ބުނެ ނުލަ އެވެ. އޭނާއާ ދިމާލަށް ބަލައިލީވެސް އެންމެ ފަހަރެއްގަ އެވެ. އެހެނަސް މައިރާ ހިތްވަރު އެލުވައިލާކަށް ބޭނުމެއް ނުވި އެވެ. އިވާން އޭނާއަށް ދެމުން އެ ދަނީ ހައްގު އަދަބެއްކަން އޭނާ ގަބޫލު ކުރެ އެވެ. ވީއިރު އިވާންގެ މަޢާފު ހޯދުމަށްޓަކައި އޭނާ ކަޑައްތުކުރަން ޖެހެނީ ކިތަންމެ ދިގު ރާސްތާއެއް ކަމަށް ވިޔަސް އޭނާ ހުރީ އެކަމަށް ތައްޔާރުވެގެނެވެ.

"އިވާން. ތިއީ ދެން ކޮންކަމެއް؟ ދެ ހަފްތާ ވަނީ އެފަކީރު ކޮންމެ ދުވަހަކު އަސުރުން ފައިބައިގެން އައިސް މިތާ އިންނަތާ. ހީވާގޮތުން އޮފީސް ނިންމާލާ ގޮތަށް އެ އަންނަނީ. އޭނައަށް އިވާން ވަރަށް މުހިއްމުވީމަ އެހެން އެ އުޅެނީ. އޭނައަކަށްވެސް ފަސޭހައެއް ނުވާނެ ދޯ އެ ޕްލާސްޓިކް ގޮނޑިގަނޑުގަ ހަ ގަޑިއިރު ނޫނީ އަށް ގަޑިއިރު ވަންދެން އެކަނިމާ އެކަނި އިންނާކަށް." ފައި ކައިރިން މަދިރި ފެއްސޭތޯ އަތް ހޫރަމުންދިޔަ މައިރާގެ ހާލާމެދު އައުޒަމްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

"އެކަންޏެއް ނުވާނެއެއްނު. އައުޒަމް ބަރާބަރަށް އޭނައާ އެބަ ވާހަކަ ދައްކަމެއްނު" އިވާން އިސް އުފުލައިލުމެއް ނެތި ވާހަކަދެއްކި އެވެ. އޭނާ އުޅުނީ ސައިކަލެއްގެ ނަރުތަކެއް ބާރުކުރުމުގެ މަސައްކަތުގައެވެ.

"ބުނަން. މަށަކީ އެހާ އިންސާނިއްޔަތުކަމެއް ނެތް މީހެއް ނޫން. މަށަކަށް އެކުއްޖާ އެހާ ގިނައިރު ފޫހިކޮށްފަ ބައިންދާކަށް ނުކެރޭނެ" އައުޒަމް ބުންޏެވެ.

"އެހެންވިއްޔާ އައުޒަމް އުޅެބަލަ އޭނަ ފޫހި ފިލުވޭތޯ. ކޮންމެހެން އަހަރެންގާތު ތި ހުރިހާ އެއްޗެކޭ ކިޔާނެކަމެއް ނެތެއްނު. އަހަރެން ނޫޅެމޭ ކުރާނެ ކަމެއް ނެތިގެނެއް" އިވާން ބުންޏެވެ.

އިވާންގެ ބޯހަރުކަމާމެދު ކަންބޮޑުވެފައިހުރި އައުޒަމް ފުންނޭވާއެއް ދޫކޮށްލި އެވެ. އެތެރޭގައި ބަހައްޓާފައިހުރި ކުޑަ ކުޑަ ފްރިޖުން ކޮފީދަޅެއް ނަގައިގެންގޮސް މައިރާއަށް ދިއްކޮށްލި އެވެ. "އަން. ވަރަށް ކަރު ހިއްކާފައެއްނު ހުންނާނީ" އޭނާ ބުންޏެވެ.

"ނޫން އޯކޭވާނެ. އިރުކޮޅަކުން ގެއަށް ދާނީ" މައިރާ ހިނިތުންވެލި އެވެ.

"ތިހެނެއްނު ކޮންމެ ދުވަހަކުވެސް ބުނަނީ. އަހަރެންނަށް އެނގޭ ނުދާނެކަން. ދެން މި ހިފާ. ހޫނުވެގެންގޮސް މީހާ ގައިން އާވި އަރާ ހިސާބުގަ ތިހިރީ" އައުޒަމް ބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. ދާހިއްލައި ފޯވެގެންގޮސް މައިރާ ލައިގެންހުރި މުށިކުލައިގެ އޮފީސް ގަމީސްވަނީ ގައިގައި ތަތްލައިފަ އެވެ. މައިރާ އައުޒަމްއަށް ޝުކުރު އަދާކުރަމުން އައުޒަމް ދިން ކޮފީ ދަޅުގައި ހިފި އެވެ.

"އަހަރެންވެސް ވަރަށް މަސައްކަތްކޮށްފިން އިވާން ކޮންވިންސް ކުރަން. އެކަމަކު އޭނަ އަދިވެސް މައިއާ ވާހަކަ ދައްކާކަހަލަ ގޮތަކަށް ނޫން ހުރީ. އަހަރެން ބުނިން ދެން އެހާ ޔަންގް އިރު ވިސްނާނުލާ އެކަހަލަ ކަންކަންވެސް ކުރެވޭނެއޭ" އައުޒަމްވެސް އޭނާ ގެނައި ޖޫސްފުޅި ކަނޑައިލަމުން މައިރާގާތުހުރި ތެޔޮ ހަމެއްގެ މަތީގައި އިށީނދެލި އެވެ.

މައިރާއަށް ލިބުނު ހާސްކަމުގައި ނޭވާ ހިފަހައްޓައިލެވުނެވެ. އައުޒަމްގާތު އިވާން ދައްކައިގެން އުޅެނީ ކޮން ވާހަކައެއްބާއޭ ހިތަށް އެރި އެވެ. "އިވާން.. އިވާން ކިޔައިދިނީތަ؟" އޭނާއަށް އަހައިލެވުނެވެ. ހަމަ ގައިމުވެސް އިވާން ކިޔައިދީގެން މި އުޅެނީ ހިނގައިދިޔަ ކަންތަކުގެ ހަގީގަތް ނޫންކަން އޭނާއަށް ޔަގީނެވެ. އެހެނީ އެ ހަގީގަތް އެނގޭނަމަ އިވާންއެކޭ އެއްފަދައިން އައުޒަމްވެސް މިއަދު އޭނާއާ ވާހަކަ ނުދައްކާނޭކަން އޭނާއަށް އެނގޭތީ އެވެ.

"ހްމްމް. އިވާން ބުނީ ތި ދެމީހުން ރައްޓެހިވެގެން އުޅުނުއިރު މައިރާ އޭނައަށް އަންގާވެސް ނުލާ ރާއްޖެއިން ބޭރަށް ކިޔަވަން ދިޔައީ އޯ. ދިޔަތާ އެތައް ދުވަހެއް ފަހުންނޯ އޭނައަށް އެނގުނީ މައިރާ ފުރައިގެން ދިޔަކަންވެސް" އައުޒަމްގެ ޖަވާބު އިވި މައިރާއަށް ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލެވުނެވެ.

"އައުޒަމްއަށް ހީވޭތަ އަހަރެންނަށް މިތަނަށް އައިސް އިނދެ މި ކުރެވެނީ ބޭކާރު މަސައްކަތެއްހެން؟" މައިރާ އަހައިލި އެވެ.

"ތިއަށް ވަކި އެއްޗެކޭ ބުނާކަށް ނޭނގެ. ވަކި ދުވަހެއް ބުނަން ނޭނގުނަސް އަދި ކޮންމެވެސް ދުވަހަކުން އިވާން މައިރާއާ ވާހަކަ ދައްކާނެހެން އަހަރެންނަށް ހީވަނީ. އޭނައަކީ އެހާ ހިތްހަރު މީހެއްނޫން. މައްސަލައަކީ ބޯހަރުކަން. އެންމެ ކުޑައިރުވެސް އޭނަގެ ހުންނާނެ ގޮތް ދޫނުކުރާ ގޮތް ގަނޑެއް. ބައެއް ފަހަރު ހިތަށް އަރާ މިތަނުން އެއްޗަކުން ޖަހާ ބޯ ހަމަ އެހާވެސް ހަރުތޯ ބަލާލަންވީ އޭ" އައުޒަމްގެ ފަހު ޖުމުލައާއެކު މައިރާގެ ގާތަށް ހިނި އައެވެ.

އިވާންއަށް އެ މަންޒަރުން އުނދަގޫވެފައި އިނދެ ކަތުރުކަށިގަނޑަށް ބާރުކޮށްލެވުނުއިރު އޭނާގެ އަތުގައި އޮތް ރެންޗަށްވެސް އިތުރު ބާރެއް ލެވުނެވެ. ނަތީޖާއަކަށްވީ އޭނާ ބާރުކުރަމުންދިޔަ ސައިކަލުގެ ނަރު މާބޮޑަށް ވާންވެގެންގޮސް ކުއްލިއަކަށް ކަނޑައިގެން ދިޔުމެވެ.

އިވާންގެ ކަރުބުޑުން ފޫހިކަމުގެ އަޑެއް ނުކުތެވެ. އޭނާ އިންތަނުން ތެދުވެ ހަރު ފިޔަވަޅުތަކެއްގައި މައިރާއާއި އައުޒަމްގެ ގާތަށް ހިނގައިގަތެވެ. އޭރުވެސް އެދެމީހުން ދިޔައީ ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ.

"އެހެމް.. ދޭބަލަ ފިހާރައަށް ނަރެއް ގަންނަން. އެއްކަލަ ނަރު ކަނޑައިގެން ހިނގައްޖެ" އިވާން އައުޒަމްގެ ކޮނޑުގައި އަތްޖަހައިލަމުން ކަރު ކެހިލި އެވެ.

"ކުރީ ދުވަހު ގަތް އެއްޗެހީގެ ތެރޭގަ ނެތްތަ؟" އައުޒަމް އިނީ އެތަނުން ދާން ބޭނުން ނުވެފަ އެވެ.

"އެ ނަރޭ އެ ކަނޑައިގެން ދިޔައީ." އިވާންގެ ވިސްނުން ހުރީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އައުޒަމް އެތަނުން ފޮނުވައިލާށެވެ.

"ޕިސްޕިސް. ގަނެފަ ހުންނަ އެއްޗެހި ހަލާކުވެގެން ދެވަނަ ފަހަރަށް ގަންނަން ޖެހެންޏާ ދެން ފަހަރަކުން މުސާރައިން ކަނޑަން ޖެހޭނީ އެނގޭ" އައުޒަމް ބުނެލީ ސަމާސާ ރާގެއްގަ އެވެ.

"މައްސަލައެއްނެތޭ. މިފަހަރުވެސް ކަނޑާބަލަ. އަވަސްކުރޭ ހައެއް ޖަހާއިރު މި ސައިކު ބަލާ އަންނާނެ" އިވާން ބުންޏެވެ.

"އޯކޭ އޯކޭ. އެބަ އަންނަން އެނގޭ މައި" މައިރާއަށް ހަނާ އަޅައިލުމަށްފަހު އައުޒަމް އެތަނުން ގެއްލިއްޖެ އެވެ.

އައުޒަމް ދިޔުމާއެކު އިވާން އަލުން ގަރާޖުގެ ތެރެއަށް ހިނގައިގަތެވެ. އައިސް-އަލަމާރިން ނެގި ފެންފުޅިއެއް ބޮލަށް އަޅައިލުމަށްފަހު ލައިގެންހުރި ޓީޝާޓުން މޫނު ފުހެލިގޮތުން އެތަނުގައިވާ އުދާސްކަމުގެ އަސަރު އޭނާއަށްވެސް ކުރަމުންދާކަން ޔަގީންވާހާވެ އެވެ. ހައްޓަށް ފިނިކަމެއް ހޯދައިލުމަށްޓަކައި ލައިގެންހުރި ޓީޝާޓު ބޭލުމަށްފަހު އަތްފޯރާ ހިސާބުގައިހުރި ހޮޅިއެއްގައި އަޅުވައިލި އެވެ.

ދުރުގައި އިން މައިރާއަށް ލަދުން އިސްޖަހައިލެވުނީ ނުވެސް ވިސްނައި އިންދައި އިވާން އެފަދަ ކަމެއް ކުރުމުންނެވެ. އެހެނަސް އޭނާއަށް ބޭ އިޙްތިޔާރުގައި ލޮލުގެ ހިމަކޮޅުން އިވާންއަށް ބެލެމުންދިޔަ އެވެ. ފެނާއި ދަލުގެ ތިކިތިތަކުން ދިރުން ލިބިފައިވާ އިވާންގެ އޮޅަލިކުލައިގެ ހަށިގަނޑު އެތަނުގައިވާ ފަނޑު އަލިން ދިހުންވެލާ ގޮތުގައި ހިތްގައިމުކަމެއް ހުއްޓެވެ. އެ ހަށިގަނޑުގައި ފަރުމާ ކުރެވިފައިވާ މަސްތައް ކުރިއާ އެއްވަރަށް ފާހަގަ ކުރެވެން ނެތްނަމަވެސް، އިވާންގެ އަތަށް ބާރެއްލާ ކޮންމެ ފަހަރަކު އެ މަސްތަކަށް އެނގުންވެލާ ގޮތާއި، އަތުގެ ނާރުތައް ފުފިލާ ގޮތްފެނި މައިރާގެ އަރުތެރެ ހިކެމުންދާކަމުގެ އިހުސާސެއް ކުރެވެންފެށި އެވެ. އިހުނަށްވުރެ އަނަރޫފަވެފައި ވިއެއްކަމަކު އެ ހަށިގަނޑާއި މުލައްދަނޑީގެ ބާރަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވާކަން މައިރާއަށް ޔަގީންކުރެވެ އެވެ. އޭނާ ސިޑިމަތިން ފުރޮޅައިލަން ދިޔަހިނދު އިވާންގެ ދެއަތުގެ ތެރޭގައި އޭނާ ހައްޔަރުކޮށްލި ގޮތް އަދިވެސް އިއްޔެ ހިނގި ކަމެއްހެން މައިރާގެ ހަނދާނުގައި ހުއްޓެވެ. އެދުވަހު އެ ބީހުން އިހުސާސްވި ކޮންމެ ދިމާލެއްގައި އަދިވެސް ވަނީ ނުފިލާ ހޫނެކަމެކެވެ. އިވާންގެ އެންމެ ބީހުމަކަށްޓަކައި މައިރާގެ ހުރިހާ ހިއްސެއް އަނދަމުންދިޔަ އެވެ. ނަފްސު ހަމައަކަށް އަޅުވައިލުމަށްޓަކައި މައިރާ އަތުގައިހުރި ކޮފީދަޅުން ކަރު ތެންމައިލި އެވެ.

"ދެއަރ ޝީ އިޒް ބެކް ވިތް ދަ ސްޓެއަރިން" މައިރާގެ ތޫނު ނަޒަރުގެ ސަބަބުން ހިތް އަވަސްވެފައިހުރި އިވާން ކުއްލިއަކަށް އޭނާ ކުރަމުން އައި މަސައްކަތް ހުއްޓައިލަމުން އުނަގަނޑުގައި ދެއަތް އަޅުވައިލި އެވެ. ހަނދާނަށް އައީ މަސްދަތުރު ދިޔަ ދުވަހު އޭނާގެ އަތްފައިން ދާ ހިއްލަންދެން މައިރާ އޭނާއަށް ބަލަހައްޓައިގެން އިން ހަނދާނެވެ. އެދުވަހު އޭނާ ހިތާހިތުން މައިރާއާ ދިމާލަށް ނުކިޔަނީ ކީކޭ ހެއްޔެވެ؟ ތަހުޒީބުވެގެން ދިޔަ ދިޔައިނުން ލަދުވެތިކަމުގެ ކަންފުޅެއްވެސް ނެތީއޭ އެދުވަހު އޭނާގެ ހިތަށް އެރި އެވެ. ނަމަވެސް އެ ބީރައްޓެހިކަމުގެ އިން ފަހަނައަޅައި ގޮސް މިއަދު އިވާންއަށްވަނީ ކޮންމެވެސް ވަރަކަށް މައިރާގެ މިޒާޖު ދަސްވެފަ އެވެ. މައިރާގެ އެ ނަޒަރު ހާއްސަވެފައިވާ ހަމައެކަނި ފަރާތަކީ އޭނާކަން މިއަދު އޭނާއަށް އެނގެ އެވެ. މިއަދު އޭނާގެ ހިތްވެސް ގޮވަމުންދިޔައީ ފަހަތަށް އެނބުރި މައިރާއަށް ބަލައިލުމަށެވެ.

އެހެން ހިތަށް އެރުމާއެކު އަނެއްކާވެސް އެތައް ޝައްކާއި ވަސްވާސްތަކުން އިވާންގެ ހިތް ބަނދެވިގެން ދިޔަ އެވެ. މައިރާއަކީ އަދިވެސް އޭނާއަށް ބީރައްޓެއްސެކޭ ޟަމީރު ބުންޏެވެ. މި ހުރިހާދުވަހު މައިރާ އޭނާއަށް ދެއްކީ މުޅީން މަސްނޫއީ މިޒާޖެކެވެ. މައިރާ ބޭނުންވި ކަންތައް ހާސިލްކުރަން އޭނާއާ ގާތްވުމުގެ މަޤުސަދުގައި އަޅައިގެން އުޅުނީ މައުސޫމުކަމުގެ މޫނުމައްޗެކެވެ. އޭގެ ނިވަލުގައި އަދިވެސް ފޮރުވިފައި ވަނީ އެ ގޮތެއްނެތް، ލަދުކުޑަ އަންހެންކުއްޖާ އެވެ. އާނއެކެވެ. މައިރާގެ ހިތުގައި އޭނާގެ މައްޗަކަށް ރަހުމެއްވެސް އަދި ލޯތްބެއްވެސް ނެތެވެ.

އިވާން ފުލުފުލުގައި ފުން ނޭވާތަކެއް ދޫކޮށްލަމުން ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރި އެވެ. ފަސް އެނބުރި، މައިރާއާ ކުރިމަތިލާން ބޭނުން ނުވެފައި ހުއްޓަސް އެވަގުތު ދޮރުކައިރިން މީހަކު ގޮވައިލި އަޑަށް އިޖާބަ ދޭން އޭނާއަށް މަޖުބޫރުވި އެވެ.

"ވައި ޖަހާލަން" އިވާން މަގުމައްޗަށް ނުކުތުމާއެކު ސައިކަލެއްގައި ތިބި ޒުވާން ދެ އަންހެންކުދިންގެ ތެރެއިން އެކަކު ބުންޏެވެ. އެ ދެކުދިން ތުންފަތުގައިވި ލާނެތް ހިނިތުންވުން އިވާންއަށް ނުފެނުނަސް މައިރާގެ ލޮލުން އެ މަންޒަރު ކައްސައެއް ނުލި އެވެ. އެސްފިޔަ ޖަހާލާހާ މަދު ހިނދުކޮޅެއްގެ ތެރޭގައި އޭނާ ދެފައި މައްޗަށް ތެދުވެ ހަމަ އިސްކޮޅަށް ދެމިލި އެވެ.

"މިއީ.. ހުސްކޮށްތަ؟" ބުންބާގެ ކަށި ސައިކަލުގެ ޓަޔަރާ ގުޅައިލިހިނދު ސައިކަލުގެ ފަހަތުގައި އިން ކުއްޖާ އަހައިލި އެވެ. އިވާން އިސްއުފުލައިލަމުން އެކުއްޖާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. މައިރާއަށްވެސް އެ އަޑު އިވި އެމީހުންނާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ.

"އައި މީން.. ފްރީ ހޭ.. ބިޒީ ދުވަހެއް ހޭ؟" އެކުއްޖާ ރަނގަޅުކޮށްލި އެވެ. އިވާން ނޫނެކޭބުނެ ބޯ ހޫރައިލުމުން އެކުއްޖާ ސައިކަލުން ފައިބައިގެން އައިސް އިވާންގެ ގާތަށް ހުއްޓިއްޖެ އެވެ. "މިއީ.. ވަރަށް ފަހުން ގަތް ކާރެއް ގޭގެ ގަރާޖުގަ އެބަ އޮތް ހުއްޓިފަ. އެއަށް ވީގޮތެއް ނޭނގިގެން މި އުޅެނީ.. މިރޭ ނޫނީ މާދަމާ ހުސް ވަގުތެއްގަ ވިޔަސް އެ ބަލާލަން އާދެވޭނެތޯ އަހާލަންވެގެން"

"އޭނައަކަށް ނުދެވޭނެ. އެހެން މީހަކު ހޯދާ" އެދެމެދަށް ވަނީ މައިރާ އެވެ.

"ޑޯންޓް މައިންޑް ހަރ" އިވާން އަވަސް ހަރަކާތަކާއެކު މައިރާ އެތަނުން ދުރުކޮށްލި އެވެ. "މިރޭ ކޮންމެވެސް ވަގުތެއް ހޯދާލެވިދާނެ" އޭނާ ކަންތައް ކުރަމުން ދިޔައީ އެހެންޏާވެސް އެކަހަލަ ކަންކަމުގައި އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތަށެވެ. އެ ކުއްޖާގެ ނިޔަތް ކޮންމެ ގޮތަކަށް އޮތަސް އޭނާއަށް އެކުއްޖާއަކީ ހަމަ ހިދުމަތް ހޯދަން އައި ކަސްޓަމަރެކެވެ.

"ދެޓްސް ގްރޭޓް.. ނަންބަރު ނަގާލަންވީނު.. އެޑްރެސް ފޮނުވާލާނަން" އެކުއްޖާގެ މޫނު ވަގުތުން އުޖާލާވި އެވެ. ނަންބަރު ބަދަލު ކުރުމަށްފަހު އެތަނުން ދިޔުމުގެ ކުރިން އެކުއްޖާ އިވާންގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ނަޒަރު ހިންގައިލިތަން ފެނި މައިރާއަށް ދެދަތްޕިލަ ކާރުވައިލެވުނެވެ.

"ވަޓް ވޯޒް ދެޓް؟" މައިރާ ނުރުހުންވެފައި ހުރެ ދެއަތް މޭމަތިން ހުރަސްކޮށްލި އެވެ. އަދި އިވާން ވަކި އެއްޗެކޭ ނުބުނެ ދުރަށް ހިނގައިގަތުމުން ދުރު ފިޔަވަޅުތަކެއްގައި ގޮސް އިވާންއާ އަރައި ހަމަކޮށްލަމުން އިވާންގެ ކޮނޑުގައި ހިފައި އޭނާއާ ދިމާލަށް އަނބުރައިލި އެވެ.

"ދަ ހެލް އިޒް ރޯންގް ވިތް ޔޫ؟ ކީކޭ ހިތަށް އަރައިގެންތަ އަހަރެންގެ މަސައްކަތަށް ތި ހުރަސް އަޅަނީ؟" އިވާންގެ އަޑު ބާރުވި އެވެ.

"މަސައްކަތޭ؟ ދެ ހަފްތާ މި ވީ.. އިވާން މަސައްކަތްކުރަން ހުއްޓާ އަހަރެން އެންމެ ފަހަރަކުވެސް އެ ގޮނޑިން ތެދުވެގެން އައިސް އިވާންއަށް އުނދަގޫ ކުރިންތަ؟ ދެންމެ މިތަނަށް އައި ތުއިފުޅުގެ ނިޔަތް ހަމަ ނޭނގިހުރެތަ އިވާން އޭނައަށް ނަންބަރު ތި ދިނީ؟ ރަނގަޅަށް ވަންޏާ އެ ކާރެއްވެސް ނޯންނާނެ! އިވާން ނުވާނެ އެ ގެއަށް ގޮސްގެން!" މައިރާ އަމުރުވެރި ރާގެއްގައި ބުންޏެވެ.

"ކޮބާތަ މައިރާގެ މައްސަލައަކީ؟ އަހަރެން ކުރާ ކަންކަމުގެ ތެރެއަށް ވަންނަން ތިއީ ކާކުތަ؟ އަދިވެސް ހީވަނީތަ މައިރާއަށް އަހަރެންގެ މައްޗަށް ހައްގެއް އެބަ އޮތޭ؟ ނިއުސްފްލޭޝް ޑަރލިންގް. ވީ އަރ އޯވަރ! ޔޫ އެންޑެޑް އިޓް!" އިވާން ވާހަކަދެއްކީ ކިތަންމެ ހިތްހަމަނުޖެހިފައި ކަމަށްވިޔަސް އޭނާއަށް ގޮވާލުމުގައި ބޭނުންކުރި ގާތްކަމުގެ ލަފްޒާއެކު މައިރާގެ ބަނޑުގައި ކޮކާލުގެ ލަޝްކަރެއް އުދުހިގަތެވެ. ބުނަން އުޅުނީ ކީކޭކަންވެސް ހަނދާން ނެތިފައި ހުރެވުނީ ހިނދުކޮޅަކަށް ސިކުނޑި މަސައްކަތް ކުރުން މަޑު ޖެހިލީތީ އެވެ. އެހާ ދުވަހު އަނގައިން ނުބުނެ ހުރެފައިވެސް އިވާން އޭނާއަށް އެ ގޮވައިލީ ހާދަ ލޯބިންނެވެ. މިއަދު އިތުރަށް މަސައްކަތް ކޮށްލައިފިނަމަ އިވާން އަދި އެއަށްވުރެވެސް ލޯބިން އޭނާއަށް ގޮވައިލައިފާނެ އެވެ. އިވާން ދުރަށް އަޅައިލި ފިޔަވަޅު މައިރާ އަނެއްކާވެސް ހުއްޓުވި އެވެ.

"މިތަނަށް އަންނަ އެންމެނަށްވެސް އިވާން ހިދުމަތް ދެނީ ހަމަ ތިހެންތަ؟ ދެންމެވެސް އޭނަ ހުރީ އިވާންގެ ގައިގަ ދެލޯ ތަތްކުރި ގޮތަށް ނައްޓަން ނޭނގިފަ. އެވަރުންވެސް ލަދެއް ނުގަނޭ ދޯ... ކޯއްޗެއް ސާބިތުކޮށްދޭންތަ ތި ފާޑަށް ތި އުޅެނީ؟ މީހުންގެ ސަމާލުކަން ހޯދަންތަ؟"

މައިރާ ބުނީ ކީކޭކަން ދޭހަވުމާއެކު އިވާން ކަމެއް ހަނދާންވި ފަދައިން މަތިހަށީގައި އަތް ހިންގައިލި އެވެ. ހޫނުވެފައި ހުރިވަރުން ޓީޝާޓެއް ނުލައި މަގުމައްޗަށް ނުކުމެވުނު އިރުވެސް އޭނާއަށް އެކަން ރޭކައިނުލިތާ އެވެ. އިވާންއަށް އެއީ މާ ބޮޑު ކަމަކަށް ނުވި އެވެ. އެހެނަސް ދުރު ބަލަހައްޓައިގެންހުރި މައިރާގެ މޫނުމަތިން އެކަމާ ނުރުހުންވެފައިވާ މިންވަރު ހާމަވަމުންދިޔަ އެވެ. ނަފްރަތުގެ ގިނިން އަނދަމުންދިޔަ ހިތާއެކުވެސް އިވާންއަށް މިފަހަރު ހިނިތުންވެލެވުނެވެ. އެހެނެއްކަމަކު މައިރާއަށް އެންމެ ތަންފުކެއްވެސް ދޫދޭކަށް އިވާން ބޭނުމެއްނުވި އެވެ.

"މައިރާ ކޯއްޗެއް ސާބިތު ކޮށްދޭންތަ ކޮންމެ ދުވަހަކު މިތަނަށް އައިސް ތި ޑްރާމާ ކުޅެނީ؟ މީހުންގެ ސަމާލުކަން ހޯދަންތަ؟" އިވާންވެސް މައިރާއާ ކޮށްލީ ހަމަ އެއް ސުވާލެކެވެ.

"އިވާންގެ ސަމާލުކަން ހޯދަން" މައިރާ ޖެހިލުންކުޑަ ކަމާއެކު އިވާންއާ ހަތަރުކަޅި ހަމަކޮށްލި އެވެ. "އިވާންއާ ވާހަކަދައްކަން ބޭނުންވާތީ.."

"އަހަރެން މި ވާހަކަ ދެއްކީނު. އެހެންވީމަ ކުރަން އައި ކަންތައް ނިމުނީނު. ދެން މިތަނުން ދޭ" އިވާން ފަރުވާކުޑަ ރާގެއްގައި ބުނެލި އެވެ.

"އަހަރެން ކުރަން އައި ކަންތައް ނިމުނީމަ އިވާން ނުބުންޏަކަސް އަހަރެން ދާނަމޭ. އެއީ އިވާންގެ މަޢާފު ލިބުނީމަ" މައިރާ ބުންޏެވެ.

އިވާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މައިރާގެ ބޯހަރުކަން ހުންނާނީ މި ދަރަޖައިގައި ކަމެއް އޭނާއަކަށް ހީކުރެވިފައެއް ނެތެވެ. މައިރާ ދުރަށް ފޮނުވައިލުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫންކަން އެނގުމުން އޭނާ މައިރާއާ ބައްދަލުކުރީ އިހުނަށްވުރެވެސް ބަނަ މޫނުމައްޗަކާއި ގެނެވެ.

"އެހެންވިއްޔާ ވަރަށް ރަނގަޅަށް އަޑު އަހާ! މައިރާގެ މުޅި އުމުރު މަޢާފު ހޯދުމުގަ ހުސްކޮށްލިޔަސް.. މި އިވާންއެއް ތި މައިރާއަކަށް ދުވަހަކުވެސް މަޢާފެއް ނުކުރާނެ! މައިރާގެ ދިރިއުޅުން ހުއްޓާލާފަ މިތަނަށް އައިސް އިނަކަސް އަހަރެންގެ ހިތަކަށް އެކައްޗެކޭވެސް ނާރާނެ! އަދި އަހަރެންގެ ދިރިއުޅުން މައިރާއަށްޓަކައި ހުއްޓައެއްވެސް ނުލާނަން! މި ބުނާ އެއްޗެއް އެބަ އެނގޭތަ؟"

ބާރުކޮށްލެވިފައިވާ ދެ ދަތްޕިލައިގެ ދޭތެރެއިން އިވާންގެ އަޑު ނުކުތީ ކިތަންމެ މަޑުން ކަމަށްވިޔަސް މައިރާއަށް އެއިން ކޮންމެ ޖުމުލައެއް ސާފުކޮށް އިވުނެވެ. އެއިން ކޮންމެ ޖުމްލައެއްގައިވި ޒަހަރުގެ ހިތިކަމާއި ނަފްރަތުގެ ހޫނުކަން މައިރާގެ ހަށިގަނޑުގެ ނާރުތަކުގައި ފެތުރިގަތެވެ. އެ ހިތްޗާއި ހޫނަށް އޭނާއަށް ކެތް ކޮށްލެވުނީހެވެ. އެހެނަސް އިވާންގެ ދުލުން ދެން ބޭރުވި ކޮންމެ ލަފްޒެއް މައިރާގެ ހިތަށް ހެރިގެންދިޔައީ ކޮށި ހަންޖަރެއް ފަދައިންނެވެ. އޭގެ ރަހުމުކުޑަ މިޔައިން އޭނާގެ ހިތުގެ އެންމެ ހިމަ ނާރަށް ދަންދެން ކޮށައި ކުދި ކޮށްލި އެވެ.

"މި ބުނަނީ އަހަރެން މިހާރު މައިރާދެކެ ލޯތްބެއް ނުވެއޭ! އަހަރެން ލޯބިވި މައިރާ މިހާރު ވަނީ އަހަރެންނަށް މަރުވެފަ! ޔޫ. އާ. ޑެޑް. ޓު. މީ."

ފެންކަޅިވެގެންދިޔަ ދެލޯ މަރައިލަމުން މައިރާއަށް ދެ ކަންފަތުގައި އަތް އަޅައި ބޯ ހޫރައިލެވުނެވެ. ދެވަނަ ސިކުންތުގައި އެ ދެލޯ ހުޅުވައިލަމުން އިވާންއަށް ބަލައިލީ އެފަދަ ބަސްތަކުން އޭނާގެ ހިތަށް އަނިޔާ ނުދޭށޭބުނެ އާދޭސްކުރާ ފަދައަކުންނެވެ. އޭރުވެސް އޭނާ ހުރީ ދެއަތް ކަންފަތާ ދުރުކޮށްލަން ނުކެރިފަ އެވެ.

ބަރު އެންމެ ކަރުނަ ތިއްކަކުން މައިރާގެ ކޯތާފަތުގައި ރޮނގު ދަމައިލިތަން ފެނި އިވާންއަށް ކޮލުގެ އެތެރޭގައި ދައި ގަނެވުނެވެ. އޭނާއަށް ބުނެވިދިޔަ ބަސްތަކުގެ ސަބަބުން މައިރާއަށް ލިބުނު ހިތްދަތިކަން މައިރާގެ ބޮޑު ދެލޮލުން ފާޅުވާން ހުއްޓެވެ. އެ ބަސްތަކަކީ އިވާންގެ ދުލަށްވެސް ގެންނަން އުނދަގޫވި ބަސްތަކެކެވެ. މީގެ ދެތިން ހަފްތާކުރިން މައިރާގެ ދުލުން އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލިކަން އިގުރާރުވި ދުވަހުވެސް އޭނާއަކަށް އެފަދަ ބަސްތަކެއް މައިރާއާ ދިމާލަށް ބުނުމުގެ ހިތްވަރެއް ނުލިބުނެވެ. ކުޑަމިނުން މައިރާއާ ދިމާލަށް އަޑުލައި އެއްޗެއް ބުނުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. ވީއިރު މިއަދު އޭނާއަށް އެ ހިތްވަރު އެ ލިބުނީ ކޮންތާކުންބާ އެވެ؟ ހަމަ ހަގީގަތުގައިވެސް އޭނާގެ ހިތުގައި މައިރާއަށްޓަކައި އުފެދުނު ނަފްރަތު އެ ހިތުގައިވާ ލޯބީގެ މައްޗަށް ކުރި ހޯދީ ހެއްޔެވެ؟ އެކަމުގައި މައްސަލައެއް އެބަ އޮތް ހެއްޔެވެ؟ މައިރާއަށްޓަކައި އޭނާގެ ހިތަކީ ހިލަ އެއްޗަކަށް ހަދަން މިއަދު ވަނީ މަޖުބޫރުވެފަ އެވެ. އެކަން ކުރެވޭނީ އެ ހިތުގައިވާ ލޯބި ފުހެލައި ނަފްރަތަށް ޖާގަ ދީގެނެވެ.

މައިރާ ދުވެފައިގޮސް ގަރާޖުން ނުކުތް މަންޒަރު ބަލަން ހުއްޓުން އަރާފައި ހުރި އިވާން މަސައްކަތްކުރީ މި ކަންތައް ކުރެވުނީ ރަނގަޅަށްކަން އަމިއްލަ ނަފްސަށް ވިސްނައިދޭށެވެ.

"ދެރަ ކަމެކޭ. އެންމެ ބާރުބޮޑު ގަޑީގަ އަދި ފިހާރައަށް ފޮނުވާނީވެސް. އޭ ކޮބާ މައި؟" އިވާންއަށް ހުރިތަނުން ގުޑިލަންވެސް އެނގުނީ އައުޒަމް އައިސް ކޮނޑުގައި ޖަހައިލުމުންނެވެ.

"މައި ދިޔައީ ހެއްޔޭ މި އެހީ" އިވާންއަށް ސުވާލު އަޑު ނީވުނުހެން ހީވެ އައުޒަމް ތަކުރާރުކޮށްލި އެވެ.

"އޯހް އޭނަ.. އޭނައެއް ދެނެއް ނާންނާނެ!" އިވާންއަށް ބުނެވުނެވެ.

"ކަލޭ ރަނގަޅު.. އެންމެފަހުން ހަމަ އެ މަންޖެ ފައްސާލީއޭ ދޯ.." އައުޒަމް ދައްކަމުންދިޔަ ވާހަކަތަށް އިވާންއަށް އިވެމުންދިޔައީ މާ ދުރުން އަންނަ އަޑުތަކެއް ފަދައިންނެވެ. އޭނާގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައީ ޙުދު އޭނާގެ އަމިއްލަ އަޑެވެ. މައިރާއާ ދިމާލަށް ކިޔުނު އެއްޗެއްސެވެ. ސިފަވަމުންދިޔައީ ހިތް ހަލާކުވެފައިވާ ފަދައަކުން މައިރާ އޭނާއަށް ބަލަހައްޓައިގެން ހުރި ގޮތެވެ. އެ ކަމަށް ސަމާލުކަން ނުދީ ވޭތޯ ބަލަމުން އޭނާ އައުޒަމް ފިހާރައިން ގެނައި ކޮތަޅު ހިފައިގެން އެތަނުގައިހުރި ސައިކަލާ ދިމާލަށް ހިނގައިގަތެވެ.

-----

ފިނި ހަވީރެކެވެ. އުޑުގައި ފަރުދާ ދަމާލައިފައިވާ ބަނަ ވިލާތައް ފޫ އަޅުވާލައި އިރުގެ ދޯދިތައް ދުނިޔެއާ ކުރަމުންދިޔައީ ދުވަހުގެ ވަދާއީ ސަލާމެވެ. ގަސްތަކުގައި ބީހިލާފައި ދާ ބާރު ވައިރޯޅިއަށް ކިޔަމަންވެ ފަތްތަކާއި މާތައް ބިންމައްޗަށް ފައިބައިގަންނައިރު ފަޒާގައިވާ ތެތްފިނިކަން ހަނާ އަޅަމުންދިޔައީ ތޫފާނީ ރެއަކަށެވެ. މިއިން ކަމަކަށް ފަރުވާލެއްނުދީ މައިރާއާއި ޒެފަން ސައިކަލުތަކުގައި މިސްރާބު ޖަހާފައިވަނީ ހުޅުމާލޭގައި އަލަށް ތަރައްގީ ކޮށްފައިވާ ރޭސިންގް ޓްރެކާ ދިމާލަށެވެ. އެމީހުންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ޒެފަންގެ ކާރުވެސް އެ ޓްރެކާ ދިމާލަށް ދުއްވަމުންދިޔަ އެވެ.

"އެންމެފަހުން ރޭހަކަށްވެސް އަރާލެވޭވަރު ވެއްޖެ ދޯ. ކުރީ ފަހަރުވެސް މައި މާ އަވަހަށޭ ދިޔައީ. އަހަރެން ގުޅަން ގުޅަން ހުއްޓާ މައި ފުރައިގެން ހިނގައްޖެ" އާދައިގެ ދުވެއްޔެއްގައި ދުއްވަމުންދިޔަ ސައިކަލު އޮމާންކަމާއެކު ޓްރެކުގެ ދޮރު ކައިރީގައި ޕާކުކޮށްލަމުން ޒެފަން މައިރާއަށް ބަލައިލި އެވެ.

ނަދާލްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުއްޓެއްކަމަކު މިޒާޖުގެ ގޮތުން ޒެފަންއާ ބޮޑަށް ގުޅެނީ މައިރާ އެވެ. ހަމަ އެހެންމެ، އެ ދެމީހުންނަކީ ކަންކަމުގައި ދާދި އެއްގޮތް ޝައުގުތަކެއް ހިއްސާކުރާ ދެ ޒުވާނުންނެވެ. ރޭސް ޖެހުމަކީވެސް އެފަދައިން އެ ދެމީހުންގެ ދެމެދުގައި އުފެދުނު އާދައެކެވެ. ދިރިއުޅުމުގެ ބުރަކަމާއިހުރެ މިހާރު އެ އާދަ މަޑުމަޑުން ނެތެމުންދިޔަ ނަމަވެސް މީގެ ކުރިން ދެމީހުންނަށް މާލޭގައި ތިބެވޭ ކޮންމެ ހަފްތާ ބަންދަކީ ރޭސް ޖެހުމަށްޓަކައި ކޮންމެވެސް ވަގުތުކޮޅެއް ހުސްކުރާ ހަފްތާ ބަންދެކެވެ.

"އާން އަދި ހަނދާން ނެތިފައޭ މިހިރީ. ވަރަށް ފާޑެއްގެ ވާހަކައެއް އަޑު އިވިގެން މި އުޅެނީ. އެއީ ތެދެއްތަ؟ ނެޑް ކުންފުނި ދޫކޮށްލަނީތަ؟ ދެން ކާކު ވިޔަފާރިއާ ހަވާލުވަނީ؟" މައިރާ ސައިކަލު ޕާކު ކޮށްލުމާއެކު ޒެފަން އަހައިލި އެވެ.

"ނޭނގެ. ނެޑް ތިކަމުގަ ކިޔައިގެން އުޅެނީ އަހަރެންގާތު" މައިރާ ބުންޏެވެ. އޭރު އެމީހުންގެ ފަހަތުން އައިސް ހުއްޓައިލި ކާރުގައި އިން ޑްރައިވަރު ސޭފްޓީ ގިޔަރުތަކެއް ހިފައިގެން އެމީހުންނާ ދިމާލަށް އަންނަމުންދިޔަ އެވެ.

"ވަޓް؟ ކީއްވެބާ؟ އައި މީން.. އެއްގޮތަކަށްވެސް މައިއަށް ނުވާނެއެކޭ ނޫން މި ބުނަނީ. ނެޑްއަށްވުރެ ރަނގަޅަށް ތި ޒިންމާ އަދާކުރެވެންޏާ ކުރެވޭނެ މީހަކަށް ހުރީ މައި. އެކަމަކު.. ތި ކަންތަކަކީ މީހަކު އައިސް ނެޑްގެ ބޮލުގަ ބަޑި ޖެއްސިޔަސް ކުރާނެ ކަމެއް ނޫން.. ތި ވިޔަފާރިއަކީ ގޮތަކަށް ބުނަންޏާ ނެޑްގެ ދިރިއުޅުމުގެ މުޅި މަގްސަދެއްނު" ޒެފަން ބުންޏެވެ.

"އެހެން މަގްސަދެއް ފެނުނީމަކާ ވިޔަފާރި މުހިއްމެއް ނުވާނެއެއްނު" މައިރާއަށް ތުން ތަޅުވައިލެވުނެވެ. ޒެފަން ހުންނަތާކު އަދުވިއްލައި އެހެން ބުނަން އޭނާއަށް ނުކެރުނީ އެކަމުން ނުކުމެދާނެ ނަތީޖާ އަންދާޒާ ކޮށްލަން އެނގޭތީ އެވެ.

"ކީކޭ؟" މައިރާ އެއްޗެކޭ ބުނިހެން ހީވެ ޒެފަން އަހައިލި އެވެ.

"މިއީ އެއްޗެކޭ ނޫން.. އަހަރެންނަކާވެސް އެވާހަކައެއް އަދި ނުދައްކައޭ މި ބުނީ. ނެޑް ބޯޑަށް ހާޒިރުކުރި ދުވަހު އަހަރެންނަށް އެ ބައްދަލުވުމަކަށް ނުދެވޭ.. ޒެފް އަހާލަންވީނު ނެޑްގާތު" ޑްރައިވަރު ގެނެސްދިން ގިޔަރުތަކުގެ ތެރެއިން ހޯދައިލި ހުޅުގާޑުތައް ދެ ކޮނޑާއި، ކަކުލާއި، އުޅަނބޮށި އަދި އުނަގަނޑުގައި ބަނދެލަމުން މައިރާ ބުންޏެވެ.

"ހްމްމް އަހާލާނަން. މިދުވަސްކޮޅު ނޭނގެ އޭނައަށް ވެގެން އުޅޭގޮތެއް. ކޮފީއަކަށް ގުޅާލިޔަސް ގެއިން ނުކުމެވޭ ކަމަކަށް ނުވޭ! މިހެން އުޅެލާފަ އަދި ދާނަމޭ ގެއަށް.. ދެން ކޮންމެއަކަސް ވަރަށް ދެރަ މި ވީ ގޮތް. އަހަރެން އުޅުނީ މައި ހަޔަރ ކުރަން. ސަފަޔަރއަށް ޖެމްއެއް މި ގެއްލުނީ" ޒެފަންވެސް މައިރާއެކޭ އެއްފަދައިން ރޭހަށް ތައްޔާރުވެލި އެވެ.

"އޯހް ޕްލީޒް ޒެފް. ޔޫ ފްލެޓަރ މީ" މައިރާ ހިނިތުންވެލި އެވެ.

"އަޅެ ހަމަ ސީރިއަސްކޮށޭ.. އޭޝިޔާގެ އެއްވަނަ ޓްރެވަލް މެގެޒިންއިން ފީޗާރއެއް ލިބުމަކީ ކުޑަކަމެއް ނޫނެއްނު. ކޮންމެއަކަސް ފޮޓޯތައް ވަރަށް ރީތި އެނގޭ" ޒެފަން މައިރާއަށް ތައުރީފުކޮށްލި އެވެ.

"އެއީ އެހެންވި ކަމެއް ނޫނޭ. އަހަރެންނާއެކު ކިޔަވަން އުޅުނު ކުއްޖަކަށް އެ މެގެޒިންއިން އިންޓާންޝިޕެއް ލިބުނީ. އޭނަ ހަމަޖައްސަދިން ފީޗަރއެކޭ އެއީ" މައިރާ ކަން ވީގޮތް އޮޅުން ފިލުވައިދިނެވެ.

"ސީ. ތިވާހަކައޭ މި ބުނަނީ. ޔޫ ހޭވް އޯލް ދަ ރައިޓް ކަނެކްޝަންސް. ދެން އެކަމަކު އަހަރެން ގަބޫލެއް ނުކުރަން އެވަރު މެގެޒިންއަކުން އިންޓާނަކު ބުނެގެނޭ ކިޔާފަ ފީޗާރއެއް ކޮށްދޭނެ ކަމަކަށް. އެޑިޓަރުން މައިގެ ފޮޓޯތައް ބަލާފަ ކަމުދިޔައިމަ ހަމަ އެ ފީޗާރ ކުރީ" ދެ ޒުވާނުން ސައިކަލުތަކުގައި މިސްރާބުޖެހީ ޓްރެކަށް ވަނުމަށެވެ. އެމީހުން މިހާރު ވާހަކަދައްކަމުން ދިޔައީ ހެލްމެޓުތަކާއި ގުޅާލެވިފައިވާ ހެޑްސެޓްތަކުގެ އެހީގަ އެވެ.

"އޯކޭ އޯކޭ. ތިހެން ގޯނި ފުލަށް ލިޔަކަސް ރޭސް ދުލެއް ނުކުރާނަން އެނގޭ" ފަށާ ރޮނގާ ހިސާބުގައި މަޑުކޮށްލަމުން މައިރާ ބުންޏެވެ.

"އަހަހަހަ. އައި ވުޑުންޓް ހޭވް އިޓް އެނީ އަދަރ ވޭ" ޒެފަން ހިނިގަނޑެއް ޖަހައިލި އެވެ.

"ޒެފް. އަހަރެން ސުވާލެއް ކޮށްލަންތަ؟" ކުއްލިއަކަށް މައިރާގެ އަޑަށް ވެރިވީ ސީރިއަސްކަމެވެ. "މިއީ.. ނެޑް އިޒޫއާ މެރީކުރަން ޒެފް އަދިވެސް އޯކޭތަ؟ ޒާހިރުބެ އޯކޭ ވާނެތަ؟ އައި މީން މިހާރު ނެޑް ސީ.އީ.އޯ.އަށް ރަން ނުކުރާކަން އެނގިހުރެ"

"އޮފްކޯސް. އަހަރެން ކީއްވެ އޯކޭ ނުވާންވީ؟ ބައްޕަވެސް އޯކޭ ވާނެ. އިޒޫ އުފަލުގަ ހުރިއްޔާ އަހަރުމެންނަށް އޯކޭ.. މުޖުތަބާ އަންކަލްއަށް މިއީ ބިޒްނަސް ޑީލްއެއްހެން ހީވެފަ އޮތަސް އަހަރުމެން އަސްލު އެގޮތަކަށް ނުދެކެމޭ" ޒެފަން ބުންޏެވެ.

"ސޯ ޔޫ މީން ދަ ޖޮއިންޓް ވެންޗަރ އިޒް ސްޓިލް އޮން؟" މައިރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

"ޔެސް އިޓްސް އޮން. ނެޑް ފެށި ޕްރޮޖެކްޓަކަށް ވިޔަސް އަހަރެންނާއި މައިއާ ދެމީހުންނަށް ޕްރޮޖެކްޓްގެ ބާކީބައި ކާމިޔާބު ކަމާއެކު ނިންމާލެވޭނެ އެއްނު؟ ނައު އިޓްސް ޔޫ އެންޑް އައި ޓިލް ދަ ފިނިޝް ލައިން. ވަޓް ޑޫ ޔޫ ސޭ؟" ރޭސް ނިންމާ ރޮނގަށް އިޝާރާތްކޮށްލަމުން ޒެފަން ދެ މާނަ އެކުލެވޭ ރާގެއްގައި ބުންޏެވެ.

"އައި ސޭ އޮން ޔޯ މާކްސް..." މައިރާއާއި ޒެފަން އެކުއެކީގައި ކަހަލަ ގޮތަކަށް ސައިކަލުގައި ނައްޓައިލި އެވެ.

ވަށައިގެންވާ މާހައުލު އެކީ ފުސްވެގެންދާފަދަ ބާރު ސްޕީޑެއްގައި ސައިކަލު ދުއްވަމުންދިޔައިރު އިވެމުންދިޔަ ވައި ކަފާލެވޭ އަޑުން މައިރާގެ ހަލަބޮލިވެފައިވާ ސިކުނޑިއަށް ހިމޭންކަން ވެރިވި އެވެ. ވިޔަފާރިއާއި އާއިލާގެ ފިކުރުތަކުން ދުރުވެ އަމިއްލަ ހިތުގެ އަޑު އަހާލާނެ ފުރުސަތެއް ލިބުނެވެ. އިސާހިތަކު ހުސްވެގެންދިޔަ ސިކުނޑީގެ ހުރިހާ ކަނެއް ހިސާރުކޮށްލީ އިވާން އެވެ. އިވާންއާ އެންމެ ފުރަތަމަ ދިމާވި ދުވަހުއްސުރެން މިއަދާ ހަމައަށް ހިނގައިދިޔަ ހުރިހާކަމެއް މައިރާގެ ލޯމައްޗަށް ސިފަވާން ފެށީ ފިލުމެއްގެ މަންޒަރުތަކެއް ފަދައިންނެވެ. އެއިން އެންމެ ފަހު މަންޒަރަކަށްވީ އިވާންއާ އެންމެފަހުން ބައްދަލުވި ދުވަހު އިވާން އޭނާއާ ދިމާލަށް ބުނެލި ރަހުމުކުޑަ ބަސްތަކެވެ.

"މި އިވާންއެއް ތި މައިރާއަކަށް ދުވަހަކުވެސް މަޢާފެއް ނުކުރާނެ!"

"މި ބުނަނީ އަހަރެން މިހާރު މައިރާދެކެ ލޯތްބެއް ނުވެއޭ!"

"އަހަރެން ލޯބިވި މައިރާ މިހާރު ވަނީ އަހަރެންނަށް މަރުވެފަ!"

"ޔޫ. އާ. ޑެޑް. ޓު. މީ."

މަދު ސިކުންތުކޮޅެއްގެ ތެރޭގައި މައިރާގެ ދެލޯ ފެންކަޅިވެގެން ދިޔައީ ކުރިމަތީގައި އޮތް ރާސްތާވެސް ކުލަ ނުކުރެވޭ މިންވަރަށެވެ. އޭރު ހެޑްސެޓުން އޭނާއަށް ފަނޑުފަނޑުކޮށް ޒެފަންގެ އަޑު އިވެމުންދިޔަ އެވެ. އެ އަޑުގައިވަނީ ހާސްކަމެވެ.

"މައި.. މައި.. މައިރާ ސްލޯ ޑައުން.. މައި ޔޫ މައިޓް ކްރޭޝް" ޒެފަން ހުއްޓުމެއްނެތި ގޮވަމުންދިޔަ އެވެ.

"މައިރާ! ހަމަޖެހިބަލަ. އޯކޭ ޔޫ ވިންއޭ މައި.. މައި.. މައިރާ!!!" ޒެފަންއަށް ފަހު ފަހަރު އަޑަށް ބާރުލާފައި މައިރާއަށް ގޮވައިލެވުނުއިރު މާ ލަސްވެއްޖެ އެވެ. ޓްރެކުގެ ބަނޑި ލައްވާލާފައި އޮތް ހިސާބުން މައިރާގެ ސައިކަލު މަތަނުވެގެންގޮސް ތާރުގެ މަތިން ކަހާލި އަޑުފަށްގަނޑާއެކު އޭނާގެ ކަންފަތާ ހަމައަށް ފޯރީ މައިރާގެ ސައިކަލު ފުނޑުފުނޑުވެގެންދިޔަ އަޑުފަށްގަނޑެވެ.

- ނުނިމޭ -