Advertisement

އިންތިހާބެއް ބޯމަތިވެފައިވަނިކޮށް ބޮޑު އަގުގައި އެމްއެންޑީއެފް އަށް އިތުރު ޑްރޯންތަކެއް ގެނެސްފި

16 އޮކްޓޯބަރު 2025 - 11:33 10

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު


އިންތިހާބެއް ބޯމަތިވެފައިވަނިކޮށް ބޮޑު އަގުގައި އެމްއެންޑީއެފް އަށް އިތުރު ޑްރޯންތަކެއް ގެނެސްފި

16 އޮކްޓޯބަރު 2025 - 11:33 10

ކަނޑާއި ވައިގެ ސަރަހައްދު ބަލަހައްޓަން އެމްއެންޑީއެފްއަށް މިދިޔަ އަހަރު ގެނައި ޑްރޯންތަކުގެ އިތުރުން، ދައުލަތުން ބޮޑު ހަރަދުކޮށްގެން އަނެއްކާ ވެސް އާ ޑްރޯންތަކެއް ރާއްޖެ ގެނެސްފި ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑްރޯންތައް ގެނައީ އައްޑޫ ސިޓީގައި ހުންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ޖެއްސި ބެލަރޫސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD މަރުކާގެ ބޯޓުގަ އެވެ.

އެކި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން މިފަހަރު ވެސް ޑްރޯން ގަތީ، ރައީސް މުހައްމަދު މުއިއްޒުއާ ގާތް ގުޅުމެއް އޮންނަ ތުރުކީގެ ބައިކާރު ކުންފުނިންނެވެ.

އާ ޑްރޯންތަކެއް ގެނައިކަން ނުވަތަ ނުގެންނަކަން ބުނަން އެމްއެންޑީއެފް އިން ވަނީ ދެކޮޅު ހަދައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ދިވެހި އަސްކަރިއްޔާގެ ބޭނުމަށް ގަނެފައިވަނީ ބައިކާރުން އުފައްދާ "ބައިރަކްތާރު އަކިންޗީ" ޑްރޯންތަކެކެވެ. ގަނެފައިވަނީ އެ މަރުކާގެ ތިން ޑްރޯން އާއި ގްރައުންޑް ކޮންޓްރޯލް ޔުނިޓެއް ކަމަށާއި މި ޑްރޯންތައް އޮޕަރޭޓް ކުރަނީ އައްޑޫގައި ގާއިމުކުރާ ސިފައިންގެ ވައިގެ މަރުކަޒުގައި ކަން އެނގިފައިވެ އެވެ.

ބައިރަކްތާރު އަކިންޗީ

ބައިރަކްތާރު އަކިންޗީ އަކީ ކުރިން ގަތް ބައިރަކުތާރު ޓީބީ-2 ޑްރޯން ތަކަށްވުރެ ޒަމާނީ، އަދި އަގު ބޮޑު ޑްރޯން ތަކެކެވެ. ބައިކާރު ކުންފުނިން މި މަރުކާގެ ޑްރޯން ޑިޒައިން ކުރުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރެވެ. ތިން އަހަރުގެ މަސައްކަތަށްފަހު ޓެސްޓުކޮށް ޑްރޯންތައް އުފައްދަން ފެށީ 2019 ވަނަ އަހަރެވެ.

އަކިންޗީ ޑްރޯންތަކަށް އަސްކަރީ ފައިޓާ ޖެޓުތަކާ އެއް ފެންވަރުގެ މިޝަންތައް އޮޕަރޭޓުކުރުމުގެ ގާބިލުކަން ލިބިފައިވެ އެވެ. މި ޑްރޯންގައި އިލެކްޓްރޯނިކް ސަޕޯޓް ސިސްޓަމުގެ އިތުރުން، ޑުއަލް ސެޓްލައިޓު ކޮމިއުނިކޭޝަން ސިސްޓަމާއި މަތިންދާ ބޯޓުތަކާ މުއާމަލާތް ކުރެވޭ ފެންވަރުގެ ރާޑަރު ސިސްޓަމެއް އަދި ކޮލިޝަން އެވޮއިޑަންސް ރާޑަރެއް ވެސް ހުރެ އެވެ.

ދިވެހި އަސްކަރިއްޔާއަށް އަލަށް ގެނައި ޑްރޯންތަކުން ވައިގެ އެހެން އުޅަނދުތަކަށް އަދި ބިމާއި ކަނޑުގެ ސަރަހައްދުތަކަށް ހަމަލާ ވެސް ދެވޭނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރާނީ އެ ޑްރޯންތަކުގައި ހަރުކޮށްފައި ހުންނަ މިސައިލްތަކެވެ.

އަކިންޗީ ޑްރޯންގައި ހަރުކުރެވޭ މިސައިލް / ޕޭލޯޑުތައް

  • މިނީ ސްމާޓް މިއުނިޝަން އެމްއޭއެމް-އެލް
  • މިނީ ސްމާޓް މިއުނިޝަން އެމްއޭއެމް-ސީ
  • ކްރިޓިކް މިސައިލް
  • އެލް-ޔޫއެމްޓީއޭއެސް މިސައިލް
  • މިނީ ސްމާޓު މިއުނިޝަން ބޮޒޮކް
  • އެމްކޭ-81، އެމްކޭ-82، އެމްކޭ-83، ގައިޑެޑް ބޮން
  • ވިންގް އެސިސްޓެޓް ގައިޑެޑް ބޮމްބު އެމްކޭ-82
  • އެއާ-ޓު-އެއާ މިސައިލް ގޮކްޑޮގަން އެންޑް ބޮޒްޑޮގަން
  • ސްޓޭންޑް-އޮފް މިސައިލް އެސްއޯއެމް-އޭ

އަކިންޗީ ޑްރޯންތައް 40،000 ފޫޓު މަތިން ދުއްވޭނެ އެވެ. އޮޕަރޭޝަންތަކުގައި ޑްރޯން ދުއްވޭ އެންމެ އުސް މިނަކީ 30،000 ފޫޓެވެ. މި ޑްރޯން މެދުނުކެނޑި 24 ގަޑިއިރަށްވުރެ ގިނައިރު ދުއްވޭއިރު ޑްރޯންގެ ބަރުދަނަކީ ހަ ޓަނެވެ. އިތުރު 1.5 ޓަނުގެ ޕޭލޯޑް ނުވަތަ ހަތިޔާރު އެ ޑްރޯންގައި ހަރުކުރެވޭނެ އެވެ.

ޑްރޯންގެ ފިޔަގަނޑުގެ ދިގުމިނުގައި 20 މީޓަރު ހުންނައިރު 6,000 ކިލޯމީޓަރު ދުރަށް ދުއްވޭނެ އެވެ. މިއީ ރާއްޖޭގެ އެއްކޮޅުން އަނެއް ކޮޅަށް ދުއްވޭ ވަރުގެ ރޭންޖެކެެވެ. ޑްރޯން ދުއްވެނީ 150 ނޮޓާއި 240 ނޮޓާ ދެމެދުގެ ސްޕީޑެއްގަ އެވެ.

ޑްރޯން ގަތުން ދައުލަތަށް ބޮޑު ބުރައަކަށް ވާނެ

ބައިކާރު ކުންފުނިން އުފައްދާ އަކަންޗީ މަރުކާގެ ޑްރޯން ރާއްޖޭގެ އިތުރުން 13 ގައުމަކުން ގަނެފައިވާ ކަމަށް އޯޕަން ސޯސް މައުލޫމާތުތަކުން ހާމަވެ އެވެ. މީގެ ތެރޭގައި ސައުދީ އަރަބިއާ، ޔޫއޭއީ، ލީބިޔާ، އިތިއޯޕިއާ، ޕާކިސްތާނު، އަދި ތުރުކީ ހިމެނެ އެވެ.

އެ ޑްރޯންތައް ގަތުމަށް އެ ގައުމުތަކުން ކޮށްފައިވާ ހަރަދުތަކުގެ ރަސްމީ ތަފުސީލުތައް އާންމުކޮށްފައި ނުވިޔަސް، އަސްކަރީ ކަންކަން ދިރާސާކުރާ ފަރާތްތަކުން އެ މައުލޫމާތު ގެނެސްދީފައިވެ އެވެ. އެގޮތުން އަޒަރުބައިޖާނުން 2022 ގައި ތިން ޑްރޯން ގަތުމަށް 90 މިލިއަން ޑޮލަރު ހަރަދުކުރި ކަމަށް ޝެފާޑް މީޑިއާ އިން ލަފާކުރެ އެވެ. ރާއްޖެއިން ވެސް ގަންނަނީ ތިން ޑްރޯން ކަމަށް މައުލޫމާތު ލިބެ އެވެ.

ޕާކިސްތާނުން 2022 ގެ ތެރޭ އަކިންޗީ މަރުކާގެ ހަ ޑްރޯނެއް ގަތެވެ. މި ޑްރޯންތަކާއި ކޮންޓްރޯލް ސިސްޓަމްތައް ގަތުމަށް ޕާކިސްތާނުން އަސްކަރިއްޔާއިން ބައިކާރު އާއެކު ހެދި އެއްބަސްވުމުގެ އަގު 180 މިލިއަން ޑޮލަރަށް އަރާ ކަމަށް ޝެފާޑުން އެސްޓިމޭޓް ކުރެ އެވެ.

މި އަދަދުތަކަށް ބަލާއިރު، ޝެފާޑުން އަކިންޗީ ޑްރޯނެއްގެ އަގެއް ކަމަށް އެސްޓިމޭޓް ކުރަނީ 30 މިލިއަން ޑޮލަރެވެ.

މީގެ ކުރިން ގަތް ބައިރަކްތާރު ޓީބީ-2 ޑްރޯންތައް ގަތުމަށް ސަރުކާރުން ކުރި ހަރަދު ވަނީ ސިއްރުކޮށްފަ އެވެ. ޑްރޯންތައް ގަންނަން ތުރުކީއާއެކު ވީ އެއްބަސްވުމާއި ޑްރޯންތަކުގެ ތަފުސީލު ދިނުމަށް، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ވެސް ޑިފެންސުން އެދިގެން ސިއްރުކުރި އެވެ.

އިތުބާރު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި ޑްރޯން ގަތުމަށް އެއްބަސްވުމުން ހެދީ 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) އަށެވެ. މި ފައިސާ ހަރަދުކުރީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުންނެވެ. މިފަހަރު ކުރި ހަރަދުގެ ތަފުސީލު ވެސް ސަރުކާރުން ހާމަ ނުކުރާއިރު، ވޭތުވެދިޔަ މަހެއްހާ ދުވަހު ދައުލަތުން މާލީ ހިސާބުތައް ހާމަކޮށްފައެއް ނުވެ އެވެ. އެންމެ ފަހުން ހާމަކޮށްފައިވަނީ ސެޕްޓެމްބަރު 18، އާއި ހަމައަށް ކުރި ހަރަދުގެ ތަފުސީލެވެ.

އެއް ޑްރޯން އައްޑޫގައި، އިތުރު ޑްރޯނުތައް ގެންނަނީ

މި ނޫހުން އެކި ގޮތްގޮތުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި ރޭ އައްޑޫއަށް ދަތުރުކުރި ރޫބީ އެއާލައިންސްގެ ކާގޯ އުފުލާ މަތިންދާ ބޯޓުން ގެނައީ އެއް ޑްރޯން އެވެ. އެ ޑްރޯން ގެނައީ ބައިތައް ވަކިވަކިން 20 ފޫޓުގެ ތިން ކޮންޓެއިނަރުގަ އެވެ. ޑްރޯންތައް އެސެމްބަލްކޮށް ޓެސްޓު ކުރުމަށް ބައިކާރުގެ ޓީމެއް ރާއްޖެ އަންނާނެ އެވެ.

ރޭ އައްޑޫއަށް އައި ބޯޓު މިއަދު ހެދުނު ގަން އެއާޕޯޓުން ވަނީ ފުރާފަ އެވެ. އެ ބޯޓު ދެން ދަތުރުކުރާނީ ޔޫއޭއީ ނުވަތަ ތުރުކީ އަށެވެ. ޔޫއޭއީގެ ފުޖައިރާ ސިޓީއިން ފުރައިގެން ރޭ ރާއްޖެއަށް އައުމުގެ ކުރިން އެ ބޯޓު ވަނީ ތުރުކީއަށް ގޮސްފަ އެވެ.

ޑްރޯން ހިފައިގެން ރޭ އައި ބެލަރުސްގެ "ރޫބީ ސްޓާ އެއާވޭސް" ގެ Ilyushin Il-76TD އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ----


ތުރުކީއަށް ކުރި ދަތުރުގައި އެ ބޯޓުން ގޮސްފައިވަނީ ދިވެހި އަސްކަރިއްޔާއިން ޑްރޯންތައް ގަތް ބައިކާރު ކުންފުނީގެ ޓެސްޓިން އަދި ޑްރޯން އުފައްދާ ފެސިލިޓީތަކެއް ހުންނަ ތެކިރްދާ ސިޓީ އަށެވެ. ޕާކިސްތާނަށާއި އަޖަރުބައިޖާން އަށް އަކިންޗީ ޑްރޯންތައް ޑެލިވާ ކުރީ ވެސް އެ ސިޓީގައި ހުންނަ ބައިކާރުގެ ފެސިލިޓީތަކުން ކަމަށް އޯޕަން ސޯސް މައުލޫމާތުން އެނގެ އެވެ.

އެމްއެންޑީއެފް އިން ގަމުގައި ޑްރޯން ބޭސް އެއް ގާއިމުކުރަނީ

އެމްއެންޑީއެފްގެ ބޭނުމެއް އައްޑޫ ގަމުން ބިމެއް ދޭން އުޅޭ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު އަޑު ފެތުރުނެވެ. އޭރު އަޑުފެތުރުނު ގޮތުގައި ގަމުން އެމްއެންޑީއެފްއަށް ދެނީ 980،000 އަކަފޫޓުގެ ބިމެކެވެ. މިކަން މިހާތަނަށް ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ނަމަވެސް، އޭގެ ފަހުން މުއިއްޒު ވަނީ ރާއްޖޭގެ ދެ ބިތުގައި ވައިގެ އަސްކަރީ މަރުކަޒުތަކެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަން އިއުލާނުކުރައްވައިފަ އެވެ. ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އޭޕްރީލް 21، ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އުތުރާއި ދެކުނުގައި ވައިގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"އެއީ، އަޅުގަނޑުމެންގެ މި މިނިވަން މުސްތަގިއްލު ގައުމުގެ މި ބިޔަބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ހިމާޔަތްކުރުމުގެ މަސައްކަތަށްޓަކައި ކުރެވޭ ކަމެއް. މި ސަރަހައްދަކީ އަޅުގަނޑުމެންގެ ސިޔާދަތީ ބާރުގެ ތެރޭގައިވާ ސަރަޙައްދެއް. ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމުވެފައިވަނީ މި ސަރަހައްދު ހިމާޔަތްކުރުމަށް،" އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން އައްޑޫ ގަމުގައި ގާއިމުކުރަމުންދާ އަސްކަރީ ވައިގެ މަރުކަޒު ނުވަތަ ޑްރޯން ބޭސް ހުންނަ ސަރަހައްދު ---


އެމްއެންޑީއެފް އިން މިހާރު ދަނީ މީގެ ތެރޭގައި ހިމެނޭ ދެކުނުގެ އަސްކަރީ މަރުކަޒު، ގަމުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ގަން އެއާޕޯޓުގެ ރަންވޭގެ ދެކުނުން އޮތް ސަރަހައްދެއްގައި ޑްރޯން ބޭސް ތަރައްގީކުރަމުންދާކަން ސެޓްލައިޓު ފޮޓޯތަކުން ވެސް ދައްކަ އެވެ. ސިފައިން މިހާރު ކުރަމުންދަނީ ޑްރޯން ބޭސް އާއި ގަމުގެ ރަންވޭ ގުޅާލައި، ޓެކްސީވޭއެއް ހެދުމުގެ މަސައްކަތެވެ.

ސަރުކާރުން ސިފައިންނަށް އިރުޝާދު ދީފައިވަނީ މި މަހުގެ ފަހުކޮޅު މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރުގައި އެ ބޭސް އިފްތިތާހު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މުއިއްޒު ވަޑައިގަތުމުގެ ކުރިން ބޭސްގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ. މައުލޫމާތު ލިބޭ ގޮތުގައި މުއިއްޒު އައްޑޫއަށް ވަޑައިގަންނަވަނީ މި މަހުގެ ފަހު 10 ދުވަހުގެ ތެރޭގަ އެވެ.

ބައިރަކްތާރު ޓީބީ-2 ޑްރޯންތައް ގަތުމުގައި ހިޔާނާތް ހިންގި ކަމުގެ ތުހުމަތު

ތުރުކީން ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގައި "ސިއްސައިގެންދާވަރުގެ" ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެކަން ރައްޔިތުންގެ މަޖިލީހުން ބަލަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެއިރު ގޮވާލި އެވެ.

ޑްރޯން ގަންނަން ނިންމިއިރު އޮތް 19 ވަނަ މަޖިލީހުގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ އެވެ. ނަމަވެސް އޭރު ދައުރު ހަމަވާން އޮތީ މަހެއްހާ ދުވަހެވެ.

މި ތުހުމަތުތައް އެމްޑީޕީން ހާމަކުރީ ޑްރޯން ގަތް ފަހުން މާޗު 17، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެމްޑީޕީގެ ތަރުޖަމާނު އަހުމަދު އީސާ ވިދާޅުވީ، ދިވެހިރާއްޖޭގެ އަސްކަރީ ގާބިލިއްޔަތުކަން އިތުރު ކުރަންޖެހޭ ކަމަށާއި އެމްޑީޕީން އެކަމަށް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް ޓެކްސް ފައިސާއިން ކުރާ ހަރަދުގެ ތަފުސީލު ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށެވެ.

"ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދުގެ ދެ ފުށް ފެންނަންޖެހޭ. އޭގެ ތަފުސީލު ރައްޔިތުންނަށް އެނގެންވާނެ. އެހެން ނޫން ކަމަށްވާ ނަމަ ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ. މި މުއާމަލާތުގެ ތެރޭގައި ސިއްސައިގެންދާވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގާފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިފަދަ ތުހުމަތުތަކެއް ކޮށްފައިވަނިކޮށް މި އަހަރުގެ ކުރީކޮޅު، ޑްރޯން ގަތުމުގައި ހިޔާނާތްވި ކަމަށް ތުހުމަތު ކުރެވިގެން، އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގެއް ވެސް ފެށި އެވެ.

މެއި، 8، ގައި އޭސީސީގެ އޭރުގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "އަދަދު" އަށް ވިދާޅުވީ ޑްރޯންއާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އަދިވެސް އޮތީ ހުށަހެޅި ގޮތަށް ޕްރިލިމިނަރީ ސްޓޭޖުގައި ކަމަށެވެ. ޕްރިލިމިނަރީ ސްޓޭޖު ނިމުމުން މައްސަލަ އިތުރަށް ތަހުގީގު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް، އޭގެ ފަހުން ޑްރޯން ކޮރަޕްޝަނުގެ މައްސަލައިގެ އެއްވެސް ތަފުސީލެއް އޭސީސީ އިން ހާމައެއް ނުކުރެ އެވެ. މައްސަލަ އޮތީ އެ ކޮމިޝަނުގައި "ފައިލް" ކޮށްފަ އެވެ.