Advertisement

ސްކޫލު ތައުލީމު ނިންމަންޖެހޭ މަރުހަލާ ގްރޭޑު 12 އަށް ބަދަލު ކުރަނީ

23 ޖޫން 2025 - 07:14 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަތީ އަރުތަވެރިންގެ 2024 ގެ ހަފުލާގައި އޯލެވެލް އަދި އޭލެވެލް އިންތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ބައެއް ދަރިވަރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް


ސްކޫލު ތައުލީމު ނިންމަންޖެހޭ މަރުހަލާ ގްރޭޑު 12 އަށް ބަދަލު ކުރަނީ

23 ޖޫން 2025 - 07:14 0

ގްރޭޑު 10 ގެ ބަދަލުގައި ސްކޫލު ތައުލީމު ނިންމާ މަރުހަލާ ގްރޭޑު 11، 12 އަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.

މަތީ ސާނަވީ އާއި ސާނަވީ އިމްތިހާނު 2022، 2023 ގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް، "މަތީ އަރުތަވެރިންގެ އިނާމު 2024" ނަމުގައި ޒުވާނުގެ މަރުކަޒުގައި ބޭއްވި ފަސްވަނަ ދަންފަޅީގައި މިނިސްޓަރު ޝަފީއު ވިދާޅުވީ އޭ ލެވެލް ކިޔަވާ ކުދިންގެ އަދަދު ގިނަވާން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ފަހިކުރަން، ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި ރާއްޖޭގައި އޭލެވެލް އެއީ ސްކޫލު ނިންމާ މަރުހަލާގެ ގޮތުގައި އިރާދަކުރެވިއްޔާ މި ފަސް އަހަރު ނިމިގެން ދާއިރު ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން. މަނިކުފާނު [ރައީސް މުއިއްޒުގެ] ލަފާފުޅާއި އިރުޝާދާއެކުގައި އިރާދަކުރެވިއްޔާ އަޅުގަނޑުމެންނަށް އެކަން ހާސިލުވެގެންދާނެ،" ޝަފީއު ވިދާޅުވި އެވެ.

އެކަން އަޖުމަ ބެލުމަށްޓަކައި އަތޮޅުތަކުގައި އޯލެވެލް ހަދާ 23 ސްކޫލެއްގެ ގްރޭޑު 10 ނިންމި ހުރިހާ ދަރިވަރުންނަށް އޭލެވަލް ކިޔެވުމުގެ ފުރުސަތު ދިނުމަށްޓަކައި ކަނޑައެޅި މިންގަނޑަކީ ދެ މާއްދާއިން ފާސްވުމެވެ. އެ ޕްރޮގްރާމާއެކު އޭލެވަލް އަށް ކިޔަވަން ފުރުސަތު ދެވުނު ދަރިވަރުންގެ އަދަދު 38 ޕަސެންޓަށް އަރާފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މިއަހަރު އެ ޕްރޮގްރާމު މާލޭގައި ވެސް ފެށުމަށް ނިންމައިފަ އެވެ. އޭރުން މާލޭ ސްކޫލްތަކުން މި އަހަރު އޯލެވެލް ހެދި ދަރިވަރުން ދެ މާއްދާއިން ފާސްވެއްޖެ ނަމަ 11، 12 އަށް ކިޔެވުމުގެ ފުރުސަތު ދޭނެ އެވެ.

"ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލްގެ ތައުލީމުން މަހުރޫމު އެބަވެއޭ. އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަސައްކަތް މި ކުރަނީ އަތޮޅު ތެރޭގައި 23 ސްކޫލެއްގައި އަޅުގަނޑުމެން ޕައިލެޓް ކުރި އޭލެވެލް ފުރުސަތު ފަހިކުރުމުގެ ޕްރޮގްރާމް އިރާދަކުރެވިއްޔާ މި ނިމުނު އޯ ލެވެލް ބެޗަށް ތައާރުފުކޮށް މި ޕްރޮގްރާމު މާލޭގައި ކުރިއަށް ގެންދަން އަޅުގަނޑުމެން ވާނީ މިހާރު ނިންމާފައި،" ޝަފީއު ވިދާޅުވި އެވެ.

އެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ސީއެޗްއެސްސީގައި ޖާގަ އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.