ކޮށީގައި އިން ކުކުޅަކާއި މަތީގައި އުދުހޭ ބާޒެއް. -- ފޮޓޯ: އޭއައި
ބުއްދިވެރި ހިޔާލީ ވާހަކައެއްގައި ކިޔައެވެ. އުދުހިފައި ދިޔަ ބާޒެއް ކޮށީގައި އިން ކުކުޅެއްގެ ކައިރިއަށް ތިރިކޮށްލި ވަގުތުގައި އެ ދޭތީގެ ދެމެދުގައި ވާހަކަތަކެއް ބަދަލުކުރެވިއްޖެ އެވެ. ކުކުޅު ބާޒަށް ބުންޏެވެ. ކަލޭ އަބަދު މާމަތީގައި ޖައްވުގައި އުދުހިއުދުހިފައި އުޅެނީ ކީއްވެ ހެއްޔެވެ؟ ކަލޭމެންގެ އަދަދުގެ މަދުކަން ވެސް ނޭނގެނީ ހެއްޔެވެ؟ ނިކަން އަހަރެމެންނާއެކީ މި ކޮށީގައި ތިބެން އައިސްބަލާށެވެ! މިކޮށީގައި އަހަރެމެން ތިބޭއިރު، އަހަރެމެންގެ ނަފުސުތަކަށް ވަރުބަލިކަމެއް ޖައްސަން ނުޖެހި ކާންބޯންލިބެ އެވެ. ހަމަލާއެއް ދީފާނެ އެހެން ޖަނަވާރަކާ މެދު ގަންނަންޖެހޭ ބިރެއް ނެތި ހިމާޔަތް ލިބެއެވެ.
ބާޒު ހިނިގަނޑެއް ޖަހާފައި ބުންޏެވެ. ކުކުޅާއެވެ! ކަލެޔަށް ވެސް ނިކަން އުދުއްސައިގަނެވި މައްޗަށް އެރުނީމާ، ނަފުސުގެ އިއްޒަތާއި އަމިއްލަ ޒަމީރުގެ އަގާއި، ތިމާއަށް ހައްގު ކަރާމަތްތެރިކަން އިހުސާސްވެދާނެ އެވެ. އަދި މަތީގައި ކަލޭ އުދުހެން ފެށީމާ އެމަންޒަރު ފެންނަ ހަމަ އެންމެން ހަސަދަވެރިވެސް ވާނެއެވެ. އަދި ކަލޭ ކައިބޮއިއުޅެނީ ކަލޭގެ އަމިއްލަ ބުރަ މަސައްކަތުންކަމުގައި ވެއްޖެނަމަ، ކަލެޔަށް ވެސް ދިރިހުރުމަށް މާނަޔެއް ލިބިހިނގައިދާނެއެވެ. ހަޔާތުގެ މަގުސަދު އެނގި ދަސްވެދާނެ އެވެ.
ކަލޭގެ ސާހިބުމީހާ އޭނާ ކާތިއެތިކޮޅުން ބާކީވާ އެތިކޮޅާއި ފުދިއިތުރުވާ ކޮޅުދާލިކޮޅުތައް ގެނެސް ކަލޭގެ ކޮށީތެރަށް އަޅައިނުދޭ ވާހަކައެއް ނޫނެވެ. އެކަމަކު އޭނާ ކަތިލަނީ ކަލޭގެ ލޮލުގެ ކޮއިފަދަ ފިޔޮއްތަކެއް ނޫން ހެއްޔެވެ؟ އަދި ކަލޭ އަޅާ ބިސްތައް ކޮންމެ ދުވަހަކު ބަނޑުދަށުން ދަމައިގަނެގެން އޭނާގެ ނާސްތާއަށް ނުގެންދޭ ހެއްޔެވެ؟ އަދި ކަލޭ އެކަނިމާއެކަނި ކޮށީގައި ބަންދުކޮށްފައި ބައިންދައެވެ. ކަލެއަށް އެހެން ޖަނަވާރެއްގެ ފުށުން ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށްދިނުމުގެ ބަހަނާގައެވެ. އޭގެ ފަހުން ކަލޭވެސް ކަތިލައިގެން ކާލާނެއެވެ.
ކުކުޅު ވެސް ހިނިގަނޑެއް ޖަހާފައި ބުންޏެވެ. ކަލޯ ބާޒާއެވެ! ކަލޯ ތިޔަ ދައްކަނީ މީހަކަށް ވިސްނޭ ބާވަތަކުގެ ވާހަކައެއްނޫނެވެ. އިއްޒަތްތެރިކަމުގެ ކުންނެއްގެ ވާހަކައަކާއި ކަރާމަތެއްގެ ވާހަކައަކާއި ހަޔާތާއި މިނިވަންކަމާއި މަތިވެރިކަމެއްގެ ވާހަކަތަކެކެވެ. ނަފުސުގެ އިއްޒަތަކާއި ޒަމީރުގެ އަގަކާއި މިއީ ކޮންފަދަ ބަނދިވަރެއްހެއްޔެވެ؟ ކަލޯ މޮޔަވީ ހެއްޔެވެ؟
އެހިނދު ބާޒު ކުކުޅަށް ބުންޏެވެ. އަހުރެންނަށް ކަލޭ ތިޔަ ކިޔާ އެއްޗެއް އެބަސްވިސްނެއެވެ. އަދި ކަލޭގެ ހާލަތުވެސް ވިސްނެއެވެ. އެހެނީ ކަލޭ ވިހެއީ ވެސް ކޮށީތެރެއަށެވެ. ބޮޑުވީ ވެސް ކޮށީ ތެރެއަށެވެ. އެހެންވީމާ އަހަރެން މިދައްކާ ވާހަކައެއް ކަލެޔަކަށްވާ ނުވިސްނޭނެތާއެވެ!
މިވާހަކަ މިގެނެސްދިނީ މީގެ ކުރީ ދެތިން ހަފުތާއެއްގައި އަޅުގަނޑު އަލިއަޅުވާލި މައުލޫތަކުގެ ކުރުހުލާސާއެއް މިވާހަކައިން ލިއްބައިދޭތީއެވެ. އެމައުލޫތަކަކީ؛ 'މަޝްވަރާއާ ނުލައި ސިއްކަޖެހުން؛ އިސްލާމްދީނާ ބީރަށްޓެހި' މިސުރުހީގައި ލިޔުނު ލިޔުމާއި، 'މަޖިލިސް މެންބަރުން އަޅުވެތިކުރުމާއި އަޅުވެތިވުން ހުއްދައެއް ނޫން' މިލިޔުމާއި، 'ކަލެޔާއި ގެރިބަކައްޓާ ދެމެދުގައި އޮތް ތަފާތު ދަމަހައްޓާށެވެ!' މިތިން ލިޔުމުގައި އަލިއަޅުވާލާފައިވާ އެންމެހާ ވާހަކަތަކެއްގެ ހުލާސާއެއް މިވާހަކައެއް ލިއްބައިދޭތީއެވެ. އެ ލިޔުންތަކުގައި ވިސްނާފިކުރުކުރުމަށް މަގެއް ދައްކައިދެވޭތޯ އަޅުގަނޑު މަސައްކަތްކޮށްފައިވާ ކަންކަމާއި ދާއިރާއަށް އިސްވެދިޔަ ވާހަކައިގެ ވަސީލަތުން އިންސާނުންގެ ބުއްދި ވައްދައިދޭނެ އަވަސްކަމުގެ ސަބަބުންވެސްމެއެވެ.
ވާހަކައަކީ ކަންކަން އިންސިތަކުންނަށް ވިސްނައިދިނުމުގައި އަދި އިންސާނީ ބުއްދި މަސައްކަތްކުރުވުމުގައި އެންމެ ބާރުގަދަ އެއް ވަސީލަތެވެ. އެކަން އެނގެނީ، އަލްޢައުރާފު ސޫރަތުގެ 176 ވަނަ އާޔަތުގެ ފަހަތު ބައިންނެވެ. "..ފަހެ ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެމީހުން ފިކުރުކުރުމަށްޓަކައެވެ."
ކީރިތި ޤުރުއާނަކީ އިންސާނުން އުޅެން އޮތް އެންމެ ފުރިހަމަ ގޮތް އަންގަވައިދެއްވި ފޮތަށް ވުމާއެކު އެފޮތުގައިވާ އިސްލާމްދީނުގެ ދައުވަތު އިންސާނުންނަށް ވިސްނައިދެއްވުމުގެ ވަސީލަތެއްގެ ގޮތުން އިސްވެދިޔަ އުންމަތްތަކުގެ ޚަބަރުތަކާއި ވާހަކަތައް އެ ޤުރުއާނުގައި ތަފުސީލުކޮށް ތަކުރާރުކޮށް އައިސްފައިވާ އެއް ހިކުމަތަކީ ވެސް މިއީއެވެ. ކައުއިތުރު މާތް ނަބިއްޔާ އިތުރު އެކަލޭގެފާނުގެ ސަހާބީންނަށް ކަންކަން އޮޅުންފިލުއްވައިދެއްވުމުގައި ވާހަކަތަކުންނާއި ކަންކަމުންނާއި އެއްޗެހިން މިސާލުޖައްސަވައިއުޅުއްވުމުގެ މަންހަޖަކީ ޚުދު އިސްލާމީ ދައުވަތުގެ ޤުރުއާނީ މަންހަޖެވެ.
އެކަން އެކަންޏެއް ނޫނެވެ. ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި އިސްވެދިޔަ އުންމަތްތަކުގެ ވާހަކަތަކާއި ތަފާތު އެތައް ހާދިސާތަކެއްގެ ވާހަކަތައް ބަޔާންވެފައިވާލެއް ގިނަކަމާއި، އަލްއަޢުރާފު ސޫރަތުގެ 176 ވަނަ އާޔަތުގެ ފަހުބައިގައި، ވިސްނާފިކުރުކުރުމަށްޓަކައި ވާހަކަ ކިޔައިދެއްވުމަށް އަންގަވާ އެންގެވުމުންވެސް އިތުރަށް ދަލީލު ލިބިގެންދަނީ އިންސާނުންގެ ބުއްދި ހުރިހާ ކަސްތޮޅަކާއި އަޅުވެތި ކަމަކުން މިނިވަންކުރުމަށް އިސްލާމްދީން ބާރުއަޅާފައިވާ މިންވަރުގެ ބޮޑުކަމެވެ.
ހަމައެކަނި އިސްލާމްދީނުގެ އެންމެ ފުރަތަމަ ރުކުނަށް އަވަސް ކަޅިއެއް އެއްލާށެވެ! ޝަހާދަތުގެ ދެކަލިމައެވެ. އެހެން ހުރިހާ ފަރާތަކަށްވާ އަޅުވެތިކަމަކުން ތިމާ މުޅީން ދުރުހެލިވެ އެތަކެތީގެ ކިބައިން މިނިވަންވެގަތުން، ﷲ އެއްކައުވަންތަކުރުމުގެ ކުރިޔަށް ލާޒިމުވެފައިވެއެވެ. ﷲ އެއްކައުވަންތަކުރުމުގައި ނުވަތަ ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ގަބޫލުކުރުމުގައި، އެހެން ހުރިހާ އެއްޗަކަށް ތިމާވެފައިވާ ނުވަތަ ވަމުންދާ އަޅުދާސްތުކަމަކާއި ޖެހިލުވުންތައް މުޅީން ދޫކޮށްލާންޖެހެއެވެ. މާނައަކީ ސަބަބެއް ނެތި ޝަރުތެއް ނެތި ބޯލަނބާ ކިޔަމަންވާނީ ހަމައެކަނި ﷲ އަށެވެ. އެއަށްފަހު ހެކިވަނީ މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށެވެ. އެއީވެސް އިތުރު އެކަލޭގެފާނުގެ އިންސާނެއްގެ ސިފައަށްވުރެ ބޮޑަށް މާތް ﷲ އެންގެވި ގޮތް އަހަރެމެންނާ ހަމައަށް ގެނެސްދެއްވި ފަރާތުގެ ގޮތުންވާ ހެކިވެރިކަމެކެވެ. އިންސާނުންގެ ތެރެއިން އިތުރު އެކަލޭގެފާނަށް ލިބޭ މި ހާއްސަކަން ގުޅިފައިއޮތީ ރަސޫލުކަމުގެ ސަބަބާއި ޝަރުތާއެވެ.
އާދޭހެވެ! އިސްލާމްދީން ގޮވަނީ ﷲ ފިޔަވައި އެހެން ފަރާތަކަށް ތިމާގެ ބުއްދި އަޅުވެތިނުކުރުމަށެވެ. ސަބަބެއް ޝަރުތެއް ނެތި ގަބޫލުކޮށް ބޯލަނބާ ކިޔަމަންވާންޖެހެނީ ﷲއާއި އެކަލާނގެ ރަސޫލާއަށެވެ. ނަމާދެއްގެ ޖަމާއަތުގައި ވެސް އިމާމަކަށް ހުންނަ މީހާ ކުށް ކިޔާނަމަ ހަރު އަޑުން ބުނެދޭންޖެހެއެވެ. ނަމާދުގެ ރުކުންތައް ގެނެސްގަތުމުގައި އުސޫލުން ބޭރުން ކަމެއް ހިނގާނަމަ ހަރުއަޑުން ސުބުޙާނަ ﷲ ކިޔަންޖެހެއެވެ. އިސްލާމްދީން ދައްކައިދޭ ރިވެތި ގޮތަކީ މިއީއެވެ.
ކޮށީގައި އިން ކުކުޅު ފަދައިން ތިމާގެ އަމިއްލަ މިނިވަންކަން ދޫކޮށްލައި، އިންސާނެއް ދެކެ ގަންނަ ބިރުގައި ނުވަތަ ތިމާގެ ވަޒީފާ އެހެންނާ ގޮނޑިގެއްލިދާނެކަމުގެ ބިރުގައި ބަސްބުނުމުން މަނާވެ އަމިއްލަ ހިޔާލު ތައްބެއްދުމަކީ އިސްލާމްދީނާ ދިމާއިދިކީލި ކަމެކެވެ. އަދި އަމުދުން ރައްޔިތުންގެ މަޖިލިސް ފަދަ ރައްޔިތުންގެ ނަމުގައި ވަކި ވާޖިބުތަކެއް އަދާކުރުމަށް މާތް ﷲ ގަންދީފައި ހުވާކޮށްގެން ތިއްބަވާ މެންބަރުން އެބައިމީހުންގެ އަމިއްލަ ހިޔާލާއި ފިކުރު ދޫކޮށްލައިގެން ތިބުމަކީ އެއްގޮތަކަށް ވެސް ހުއްދަވެގެންވާނެ ކަންކަމެއް ނޫނެވެ.
އިސްލާމީ ތާރީހުން ބައްލަވާށެވެ! ﷲ ފިޔަވައި އަޅުވެތިވާންޖެހޭ އެހެން ފަރާތެއް ނުވާކަމަށް އަޅުހެކިވަމޭ ބުނެވޭ ބަހުގެ މާނަ ރަނގަޅަށް ދެނެގެންތިބި މުސްލިމުން ދުނިޔޭގެ ހަތަރު ބިތަށް އިސްލާމީ ދައުވަތު ފުޅާކޮށް މިނިވަން ބާޒުތަކެއް ފަދައިން މުޅި ދުނިޔެއަށް ވެރިކަންހިންގުމުގެ ބާރުވެރިކަން ދެމިއޮތީވެސް، މުސްލިމުންގެ ތެރޭގައި މިނިވަން ހިޔާލަށާއި މިނިވަން ފިކުރަށް، ހިޔާލުފާޅުކުރުމަށް، ބޮޑުންގެ މެދުގައި މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަށް، ފުރުސަތު އޮތްހާ ހިނދަކުއެވެ. އެގޮތް ނެތިގޮސް އެންމެ މީހެއްގެ ވިސްނުމާއި އެންމެ މީހަކު އެދޭގޮތަށް ދައުލަތް ހިންގުމަށް ފައިވިއްދި ކޮންމެ ވެރިކަމުގެ ހާންދާނެއް ނިމެމުން ގޮސް އެންމެ ފަހުން އިސްލާމީ ޚިލާފަތު އެކީއެކަށް ނިމިދިއުމުގައި ވެސް އެކަމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި އިސްލާމީ މުފައްކިރުން ފާހަގަކުރައްވާފައިނުވޭތޯއެވެ؟
50.00%
50.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment