Advertisement

މީހުން ފްރޭމްކުރާ މީހުންނަށް ހުރި އަޒާބުގެ ވާހަކަ


މީހުން ފްރޭމްކުރާ މީހުންނަށް ހުރި އަޒާބުގެ ވާހަކަ

ދިވެހިރާއްޖޭގައި އޮންނަ ފުލުހުންގެ ޚިދުމަތާއި ތަހުގީގު އިދާރާތަކަށް އާންމު ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑު އިތުބާރުކުރަމެވެ. އިތުބާރުކުރާ އެންމެ ބޮޑު އެއް ސަބަބަކީ، އެބަޔެއްގެ ނަޒާހަތާމެދު ޝައްކު ނުވާ ދަރަޖައަށް އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ އެތައް ބަޔަކު އެތަންތަނުގައި އުޅޭތީއެވެ. ނަމަވެސް ތަހުގީގެއްގައި މީހަކު ފްރޭމްކުރުމަށް ކޮންމެހެން ތަހުގީގު އިދާރާއަކުން ގޯހެއް ހަދާކަށް ނުޖެހެއެވެ. މީހަކު ފްރޭމްކުރިކަން އެނގިގެންދާ ކޮންމެ ފަހަރަކީ ތަހުގީގު އިދާރާއަށް އެކަމުގެ ބަދުބަސް ރައްދުކުރެވިދާނެ ފަހަރެއް ވެސް ނޫނެވެ.

މިރާއްޖޭގައި ކަންހިނގާ ގޮތަށް ބަލާއިރު ފައްސަތޭކައެއްހާ ރުފިޔާއަށް އާންމު މީހަކު އާންމު އިންތިހާބުތަކުގައި ވޯޓު އެބަ ވިއްކާލައެވެ. އެވޯޓު ގަނެގެން މަގާމަށް ހޮވޭ މީހާ އޭނާ މަގާމުގެ ހައިސިއްޔަތުން ލާ ވޯޓު އެޔަށްވުރެ ބޮޑު އަގުގައި ވިއްކާލައެވެ. މިކަން އެންމެންނަށް އެނގި ހާމަޔަށް ފެންނަހާ އާންމު ކަމަކަށް ވަނީ ވެފައެވެ. ވީއިރު، ލާރި ފައިސާއަށް މީހެކޭ ކިޔައިގެން ބަޔާނެއް ފުލުހުންނަށް ދޭނެ މީހުން ދިވެހިންގެ ތެރޭގައި އުޅޭނެކަމީ ބަހުސެއް އޮތް ކަމެއް ނޫނެވެ.

ތަހުގީގު ހިންގަނީ ކިތަންމެ ރަނގަޅަށް ނަމަވެސް، އެފަދަ ތަހުގީގަކަށް މީހަކާ މެދު ޝައްކުކުރެވެން ބޭނުންވާނެ ހެކި ބަޔަކު އުފައްދާނަމަ، އެކަން ތަހުގީގު އިދާރާއަށް ޔަގީން ނުކުރެވޭނަމަ ކިތަންމެ މައުސޫމު މީހަކު ވެސް ކިތަންމެ ބޮޑު ކުށެއްގައި ބެދިގެން ދިއުމުގެ ފުރުސަތު އޮންނާނެއެވެ. ތޯތޯ ވާހަކަތަކުގެ މައްޗަށް އެއްކުރާ އިންޓެލިޖެންސް މައުލޫމާތުތަކަކީ އޭގެ މިނާއި ބޭނުމަށްވުރެ ފުޅާކޮށް އެމައްޗަށް މީސްމީހުންނަށް މަރުގެ އަދަބުދޭން ބޭނުންކުރެވިދާނެ ބައްޔިނާއެއްކަމަށް ދެކޭނަމަ، މައުސޫމު އެތައް ބަޔަކު އިސާހިތަކު ގަތުލުވެގެން ހިނގައިދާނެއެވެ. އެހެންވީމާ މިއީ ވާހަކަދައްކަންޖެހޭ ނުރައްކާތެރި ދީނީ މައްސަލައެކެވެ.

އަޅުގަނޑު ވެސް ގަބޫލުކުރަމެވެ. ލެއްވިހާ ބޮޑެތި ނުބައި ކަންކަން ކޮށްފައި އެކަންކަން ފަޅާއެރުމުން، އެކަންކަމުގެ ތަހުގީގުތައް ހިނގަން ފެށުމުން އެކަންކަމުން ރެކި ބަރީއަވުމަށް، އާންމުން ކުރިމަތީގައި ހުއްޖަތަކަށް ތިމަންނާ ހައްޔަރުކޮށްފައި މިހުރީ ސިޔާސީ ބޭނުމަކަށޭ ތިމަންނާ މިހުރީ ފްރޭމްކޮށްފައޭ ކިޔާ މީހުންވެސް އުޅެއެވެ. އެކަމަކު ދަންނަވަންތޯއެވެ!

ރާއްޖޭގެ ތަހުގީގު އިދާރާތައް ބޭނުންކޮށްގެން މީހުން ފްރޭމްކުރާކަމުގެ ވާހަކަ ދައްކަނީ އެންމެ މީހެއް ދެމީހެއް ނޫނެވެ. އަދި އެވާހަކަ ދައްކަނީ މަދު ބަޔެއް ވެސް ނޫނެވެ. އެވާހަކަ އެންމެ ބާރަށް ދައްކާ އެކަމަކީ ހިނގާ ކަމެއްކަމަށް ބުނެ ވަކާލާތުކުރާ މީހުންގެ ތެރޭގައި، ރާއްޖޭގެ ވެރިކަން ކުރެއްވި ބޭބޭފުޅުންނާއި މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތައް އަދާކުރެއްވި ބޭފުޅުން ހިމެނޭ ކަމަށްޓަކައި އެއީ ހަމަ އެއްވެސް އަސްލެއް ނެތް ހޮޅި ވާހަކައެއް ކަމަށް ގަބޫލުކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

އެވެނި މައްސަލައެއްގައި ވެސް މިވެނި މީހަކު ފްރޭމްކުރީއޭ ނުވަތަ އެކަން ހިނގީ އެހެން މަގަކަށޭ ދަންނަވާކަށް އަޅުގަނޑަކަށް ނޭނގޭނެއެވެ. އަޅުގަނޑުގެ މި ލިޔުމުގެ މަގުސަދަކީވެސް އެޔެއް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ، ފްރޭމްކުރާކަމަށް ބުނެ ވާހަކަ ދައްކަނީ މުޖުތަމައުގައި ނަގާކިޔާ ބޮޑެތި މީހުން ކަމަށްވާތީ، އެކަމަކީ ހިނގަމުންދާ ކަމެއް ކަމަށް އަޅުގަނޑަށް ބެލެވޭތީ، އެކަމަކީ ދީނީ ގޮތުން ކިހާ މިންވަރެއްގެ ކަމެއްކަމާމެދު އަޅުގަނޑުގެ ކިޔުންތެރިންނަށް އަލިމަގެއް ދައްކާލަދިނުމެވެ.

އަލްއަޙްޒާބް ސޫރަތުގެ 57 ވަނަ އާޔަތުން ކުރިޔަށް އިތުރު އާޔަތަކާއެކު ވިދާޅުވާށެވެ! "ހަމަކަށަވަރުން ﷲއާއި، އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ﷲ އެމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލައުނަތް ލެއްވިއެވެ. އަދި އެކަލާނގެ އިހާނަތްތެރި އަޒާބު އެމީހުންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އަދި އީމާންވީ ފިރިހެނުންނަށާއި އަންހެންނަށް އެމީހުން ހޯދައިގަތް ކުށަކާ ނުލައި އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހުންނަކީ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ."

މިއާޔަތްތަކުގެ ތަފްސީރުގައި އިބްނު ކަސީރު ވިދާޅުވެފައިވެއެވެ. އީމާންވީ ފިރިހެނުންނަށާއި އަންހެނުންނަށް އެމީހުން ހޯދައިގަތް ކުށަކާ ނުލައި އުނދަގޫކުރުމުގެ މާނައަކީ މީހުން ބަރީއަވެގެންވާ ނުވެސް ކުރާ ކަންކަމުގެ ތުހުމަތު މީސްމީހުންނަށް ނިސްބަތްކުރުމެވެ.

އީމާންވެގެން ހުރި މުސްލިމަކާ މެދު އެމީހެއްގެ ކިބައިގައި ނުވެސް ނެތް ކަމެއްގެ ތުހުމަތު އަޅުވާ މީހަކަށް ޤިޔާމަތް ދުވަހުގައި ހުރި އަޒާބު މާތް ނަބިއްޔާ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ސައްހަ ހަދީސުން ވާރިދުވެގެން އައިސްފައިވާ ގޮތުގައި، އެފަދަ ވާހަކަ ދައްކާ އުޅޭ މީހުންނަށް މާތް ﷲ ދެއްވާނެ އެއް އަޒާބަކީ އެބައިމީހުންނަށް ނަރަކައިގެ އަހުލުވެރިންގެ ގައިން ނުކުންނަ ފާ ދިޔައާއި ދޮސް ބޯންޖެއްސެވުމެވެ. މާތް ﷲ އަހަރެމެން އެންމެންމެ ރައްކާތެރިކުރައްވާ ސަލާމަތްތެރިކުރައްވާށިއެވެ!

އިސްވެ ދިޔަ ރިވާޔަތުން އެނގި ހާމަވާ ކަމަކީ، ކަމުގެ ނުބައިކަމާއި ނުލަފާކަމުގެ ބޮޑުކަމެވެ. ތެދެކެވެ. މިހިރީ މުއުމިނެކެވެ. އޭނާއަކީ ފަރުޟު ފަސް ވަގުތު ޖަމާއަތުން ފެންނަމުން ދިޔަ މުސްލިމެކެވެ. ކުއްލިއަކަށް އޭނާ ހައްޔަރުކޮށް ބަންދުކޮށްފިއެވެ. ހެއްކެއް ކަމުގައި ބުނަނީ، މީހަކު ފުލުހަށް ދީފައި އޮތް ބަޔާނެއް އެބަ އޮތްކަމަށެވެ. ޙައްޤު ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

އެފަދަ ހެކިން ހަދަނީ ދޮގު ނަމަ އެފަދަ މީހުންނަށް މާތް ﷲ ގެ ލައުނަތާއި އަޒާބު ހައްގުވެގެންވެއެވެ. ނަރަކައިގެ އަހުލުވެރިންގެ ފާ ދިޔަޔާއި ދޮސް އެބަޔެއްގެ ޝަރާބުކަމުގައިވެ އަޒާބު ލިބިގެންދާނެއެވެ. ދެ ދުނިޔޭގެ ލައުނަތް ލިބި ހަޔާތުން ބަރަކާތް ކެނޑި ކޮންމެވެސް ދުވަހުން ހާލުގައި ޖެހި ނިކަމެތިވެގެންދާނެއެވެ. އެފަދަ ހެކި އުފެއްދުމާއި އެބާވަތުގެ ކަންކަން ރޭވުމާއި އެއިން ކަމެއްގައި އެނގި ހުރެ ބައިވެރިވުމާއި ހަރަކާތްތެރިވުން ވެސް އެފަދަމެއެވެ.

އަންނޫރު ސޫރަތުގެ 15 ވަނަ އާޔަތް ވެސް ބައްލަވާލައްވާށެވެ! "ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި ﷲ ގެ ހަޒުރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ހާލު އެއީ ކުޑަ ކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ."

މާތް ނަބިއްޔާ އިސްރާކުރެއްވުނު ރޭގައި، ލޮއިން ވާ ނިޔަފަތިތަކެއް ލިބިގެންވާ ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ މޫނުތަކާއި މޭތަކުގައި ވަކިއަޅަމުންދާތަން ދެކެވަޑައިގަތެވެ. އެހިނދު މާތް ނަބިއްޔާ ޖިބްރީލް ޢަލައިހިއްސަލާމްއާ ސުވާލުކުރެއްވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ މީސްތަކުންގެ މަސްކައި މީސްމީހުންގެ އަބުރަށް އަރައިގަތް މީހުންނެވެ.

މާތް ނަބިއްޔާގެ މަޝްހޫރު ހަދީސް ބަސްފުޅެއްގައި އައިސްފައިވެއެވެ. ބޮޑެތި ފާފަތަކުގެ ތެރެއިންވެސް އެންމެ ބޮޑެތި ކަންކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުތޯއެވެ! ސަހާބީން އާދޭހެވެ! ދެންނެވުމުން އިތުރު އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. މާތް ﷲ އަށް އަޅުކަންކުރުމުގައި އެހެން ފަރާތެއް ބައިވެރިކުރުމެވެ. އަދި މައިބަފައިންނަށް ނުބައިކޮށް ހިތުމެވެ. އެހެން ހަދީސްކުރެއްވިއިރު އެކަލޭގެފާނު އޮންނެވީ އޮށޯވެވަޑައިގެންނެވެ. އެޔަށްފަހު ތެދުވެވަޑައިގެން ހަދީސްކުރެއްވިއެވެ. ދަންނައެވެ. އަދި ދޮގު ހެކިދިނުމެވެ. ދަންނައެވެ. ދޮގު ހެކިދިނުމެވެ. ފަހެ މާތް ނަބިއްޔާ ދެން އެހެން ވިދާޅުވުން ނުހުއްޓަވާނެއޭ ތިމަން ހިތަށް އަރަންދެން އެވިދާޅުވުން ތަކުރާރުކުރައްވަމުން ގެންދެވިއެވެ.

ﷲ އަށް ޝަރީކުކުރުމާއި މައިބަފައިންނަށް ނުބައިކޮށް ހިތުމުގެ ނުބައިކަން އަހަރެމެން އެންމެންނަށްވެސް އެނގެއެވެ. "ދަންނައެ! ދޮގި ހެކިދިނުމެވެ." މި ތަންކޮޅު މާތް ނަބިއްޔާ އެވަރަށް ތަކުރާރުކުރެއްވުމުން، މީހުން ފްރޭމްކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެފަދަ ކަންކަމުގައި ބައިވެރިވުމުގެ ނުބައިކަމުގެ ބޮޑުކަން ނިކަން ރަނގަޅަށް ސާފުވެއެވެ.