Advertisement

އެމްޑީޕީ މުޒާހަރާގެ ތެރެއިން ރައީސްގެ ދަރިކަލުންގެ ވާހަކަ މަންދީ ދެއްކުމުން އެކަން ކުށްވެރިކޮށްފި

13 މާރިޗު 2025 - 20:51 3

މަންދީ އެމްޑިޕީގެ ހަރަކާތެއްގައި: ކުޑަކުދިންގެ ވާހަކަތައް މުޒާހަރާތަކާއި ސިޔާސީ ހަރަކާތްތަކުގައި ނުދައްކަން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ: ފޭސްބުކް


އެމްޑީޕީ މުޒާހަރާގެ ތެރެއިން ރައީސްގެ ދަރިކަލުންގެ ވާހަކަ މަންދީ ދެއްކުމުން އެކަން ކުށްވެރިކޮށްފި

13 މާރިޗު 2025 - 20:51 3

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރޭ ބޭއްވި މުޒާހަރާގައި އެ ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ރައީސްގެ ދޮށީ ދަރިކަލުންގެ ވާހަކަ ދެއްކެވުމުން އެކަން ކުށްވެރިކޮށްފި އެވެ.

ރައީސްގެ ދަރިކަލުންނާ ބެހޭ ގޮތުން މަންދީ ވާހަކަ ދެއްކީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ބޭއްވި އިވެންޓަކަށް ވަޑައިގެންނެވި ވަގުތު އެތަނުގެ ކައިރީގަ އެވެ. މުޒާހަރާގެ ބައިވެރިން އެއިރު ތިބީ އައިޔޫއެމް ކުރިމަތީގަ އެވެ.

ރައީސްގެ ދަރިކަލުންގެ ވާހަކަ މަންދީ ދެއްކީ ފަސްޓް ލޭޑީ ސާޖިދާއަށް ފާޑުކިޔަމުންނެވެ. އެކަމާ ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"ކުޑަކުދިންނަށް ފުރައްސާރަކޮށް، އެ ކުދިންގެ ކަރަމާތް ގެއްލޭ ގޮތަށް ސިޔާސީ ހަރަކާތްތަކުގައި އަމަލު ކުރަމުންދާތަން އަދި މަދުން ނަމަވެސް އެފަދަ ވާހަކަތައް ވެސް ދައްކާތައް އެބަ ފެނޭ. މިއީ ކުޑަކުދިންގެ ހައްގުތައް ގެއްލި، އެފަދަ ކަންކަން ރައްދުވާ ކުދިންނާއި އާއިލާއަށް އަދި އެހެން ކުދިންނަށް ވެސް ނުހަނު ފުން އަސަރުތަކެއް ކުރާނެ ކަމެއް،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާނެ ކަމަށެވެ.

"ކުރެވޭ މިފަދަ ކަންކަމުން ކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެކަން ވިސްނާލުމަކީ، ސިޔާސީ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކާއި އަދި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ނުހަނު ބޮޑަށް ވިސްނަންޖެހޭނެ ކަމެއް ކަމަށް ދެކެން،" ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު އިލްތިމާސް ކުރެއްވީ، ސިޔާސީ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންނަށް ނިސްބަތްކޮޮށް ވާހަކަ ދައްކައި ނުހެދުމަށެވެ.

"މިފަދަ ކަންކަން ދިވެހި މުޖުތަމައިން އެއްވެސް ކުއްޖަކަށް ކުރިމަތިވިޔަ ނުދިނުމަށް އެންމެން މަސައްކަތް ކުރަން އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.