4 ފެބުރުވަރީ 2025 - 13:22 0
ލީވާން އަލީ ނާސިރު
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: ފުލުހުން ސީރިއަސްކޮށް ބަލަން ފެށި މާލީ ބަގާވާތުގެ ތަހުގީގު ކުރިއަށް ނުދާކަން ވަނީ ހާމަވެފައި -- ފޮޓޯ: ޕޮލިސް
4 ފެބުރުވަރީ 2025 - 13:22 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން މިދިޔަ އަހަރުގެ އޯގަސްޓް، 25 ގައި ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރި ފަހުން، ފުލުހުން ސީރިއަސްކޮށް ބަލަން ފެށި އެ މައްސަލައިގެ ތަހުގީގު މިހާރު ނުހިނގާކަން މި ނޫހަށް އެންގިއްޖެ އެވެ.
އޯގަސްޓް 26، ގައި ފެށި އެ ތަހުގީގުގެ މައުލޫމާތު އެނގޭ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ބީއެމްއެލްގެ ކުރީގެ ސީއީއޯ ކާލް ސްޓުމަކްގެ ބަޔާން ނަގައި އޭނާގެ އިލެކްޓްރޯނިކް ވަސީލަތްތައް ތަހުލީލު ކުރެވިފައި ނުވާތީ، ތަހުގީގު ކުރިއަކަށް ނުދާ ކަމަށެވެ.
"ބީއެމްއެލްގެ ސީއީއޯގެ ބަޔާނެއް މިހާތަނަށް ނުނެގޭ. އިލެކްޓްރޯނިކް ވަސީލަތްތައް ވެސް ބެލިފައެއް ނުވޭ. އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ބޭފުޅާގެ ކަންކަން ކުރިއަށް ނުދާތީ ހުއްޓިފައި އޮތީ. އޭނާގެ ބަހެއް ނެތި މިކަން ނިންމައިފިނަމަ އިންކޮމްޕްލީޓް ތަހުގީގަކަށް ވާނީ،" އޮފިޝަލް ވިދާޅުވި އެވެ.
މާލީ ބަގާވާތާ ގުޅިގެން ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ތާއީދު ކުރާ މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ބީއެމްއެލްއަށް އަމާޒުވި އެވެ. އަދި އެންމެ ބޮޑަށް ތުހުމަތު ކުރީ މާލީ ބަގާވާތް ހިންގަން އިސް ރޯލެއް ބީއެމްއެލްގެ ސީއީއޯ ކާލް އަދާކުރެއްވި ކަމަށެވެ.
ނަމަވެސް ބީއެމްއެލްގެ ސީއީއޯގެ ޕާސްޕޯޓް ހިފަހައްޓައި، ރަށުން ބޭރަށް ފުރަން އެއްވެސް އަމުރެއް ނެރެފައެއް ނުވެ އެވެ. މިގޮތުން ކާލް ވަނީ ތަހުގީގު ކުރިއަށް ދަނިކޮށް އޯގަސްޓް 31، ގައި ކާލް ވަނީ ރާއްޖެއިން ފުރައިގެން ދުބާއީއަށް ގޮސްފަ އެވެ.
އަދި އެއަށްފަހު ކާލް އެނބުރި ރާއްޖެ ނައިސް މަގާމުން އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު 9، ގަ އެވެ.
މި ނޫހަށް މައުލޫމާތު ދިން އޮފިޝަލް އިތުރަށް ވިދާޅުވީ ކާލްގެ ބަޔާން ނެގި ތަހުގީގު ކުރިއަށް ނުގެންދެވޭތީ، އެ މައްސަލަ ފައިލް ކުރުމާ ގުޅޭ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިންމާނެ އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިދިޔަ ނޮވެމްބަރުގައި "އަދަދު" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެކި އިދާރާތަކުން ހޯދަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ހޯދައި، ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ކަންކަން ހުރިނަމަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް ފޮނުވާނެ ކަމަށާއި ނަމަވެސް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ކަންކަން ނެތްނަމަ އެ މައްސަލަ ފައިލް ކުރާނެ ކަމަށް ވެސް ކޮމިޝަނަރު އޭރު ވިދާޅުވި އެވެ.
މާލީ ބަގާވާތާ ގުޅިގެން މިހާތަނަށް އެ ތުހުމަތު ސަރުކާރުން އަމާޒުކުރާ އެމްޑީޕީއާ އެއްވެސް ސުވާލެއް ނުކުރެ އެވެ. އަދި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ވެސް ނުވެ އެވެ.
ފުލުހުން މާލީ ބަގާވާތުގެ މައްސަލަ ބަލަން ފެށުމުން އާންމުން އެކަން ބޮޑު ޖޯކަކަށް ހަދައިގެން އޭރު އެވާހަކަ ދެއްކި އެވެ.
Comment