5 ސެޕްޓެންބަރު 2024 - 11:56 0
އަހުމަދު އާއިދު
ޔޫއެމްއެސް ގައި އެމްޕީއެލް އިން ބޭނުންވާ ޕައިލެޓް ބޯޓު؛ އެމްޕީއެލް އިން އުތުރު މެރިން ސާވިސަސް ފަށާނީ ކުރިން ނުދޭ ގިނަ ހިދުމަތްތަކަކާއެކު --- ފޮޓޯ: އެމްޕީއެލް
5 ސެޕްޓެންބަރު 2024 - 11:56 0
މި މަހު 12 ގައި އިފުތިތާހު ކުރަން ތައްޔާރުވަމުންދާ އުތުރު މެރިން ސާވިސަސް (ޔޫއެމްއެސް) އާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިން ނުދޭ އާ ހިދުމަތްތަކެއް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޕީއެލްގެ ދަށުން ހިންގާ ޔޫއެމްއެސްގެ ރަސްމީ ވެބްސައިޓު މިހާރު ވަނީ ލޯންޗުކޮށްފަ އެވެ. އެ ވެބްސައިޓުގައި އިހަވަންދިއްޕޮޅު އަތޮޅުގައި މި މަހު ދޭން ފަށާ ހިދުމަތްތައް ތަފުސީލާއެކު ލިސްޓުކޮށްފައިވެ އެވެ.
އޭގެތެރެއިން ތެލުގެ ހިދުމަތް ފިޔަވައި އެހެން ހުރިހާ ހިދުމަތްތަކެއް ފޯރު ކޮށްދޭނީ އެމްޕީއެލް އިން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ. ބަންކަރިން ހިދުމަތް ދޭނީ އެސްޓީއޯއާ ގުޅިގެން، އެކަމުގައި މުޅި ދުނިޔޭގައި ވެސް އެންމެ ފުންނާބު އުސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލްއިންނެވެ.
މީގެތެރެއިން ބައެއް ހިދުމަތްތަކަކީ ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ދެމުންދާ ހިދުމަތްތަކެކެވެ. އެގޮތުން ފެނު އަޑީގެ ހިދުމަތް ފްރީލާންސްކޮށް ދޭ ގިނަ ޑައިވަރުންނާއި ޑައިވް ސެންޓަރުތައް އެބަހުއްޓެވެ.
"މިއީ 24 ގަޑި އިރުގެ އޮޕަރޭޝަނަކަށް ވާއިރު، މި ހިދުމަތް ދޭނެ މުވައްޒަފުން މިކަމަށް އަހުލުވެރިކުރުވާ މިކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް އަޅުގަޑުމެން މިދަނީ ކުރަމުން،" އަލަށް ފަށާ ހިދުމަތްތަކުގެ ތައާރަފުގައި ވަޖީހުގެ ޕޯސްޓުގައި އިތުރަށް ލިޔުއްވާފައިވެ އެވެ.
އުތުރުގައި ބަންކަރިން ހިދުމަތް ދޭން ވިޓޯލް އިން ގެންނަނީ އެ ކުންފުނިން ސިންގަޕޫރުގައި ބޭނުންކުރަމުންދިޔަ "މެރިން ބެލާ" އަދި "މެރިން އޭންޖެލް" އެވެ. އެ ދެ ބޯޓުވެސް މި މަހު 12 ގެ ކުރިން ރާއްޖެ އަންނާނެ ކަމަށް ކަނޑުއުޅަނދުތައް ޓްރެކް ކުރާ ވަސީލަތްތަކުން ދައްކަ އެވެ.
އޭގެއިތުރުން، ޔޫއެމްއެސް އަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގު ބޯޓު މިހާރު ވަނީ އެ ސަރަހަށްދަށް ގެންގޮސްފަ އެވެ. މި ދެ ބޯޓަކީ ވެސް މީގެ ކުރިން އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އައި ބޯޓުތަކެކެވެ.
ޔޫއެމްއެސް ގެ ހިދުމަތް ފެށުމަށް އެންމެ ގިނަ މަސައްކަތްތައް ކުރަމުން އަންނަނީ ހއ. އުލިގަމުގަ އެވެ. އެރަށުގައި ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ އެ ތަނުގައި ސިފައިންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ޕޯޓު ހެލްތުގެ މުވައްޒަފުން ތިބޭނެ ތަންތަން އިމާރާތްކުރުމެވެ.
Comment