about 3 hours 0
ސާއިފް ޝިޔާދު
about 3 hours 0
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެން ލޮޖިސްޓިކްސް ވިޔަފާރިއަށް ވަނުމާ ދެކޮޅަށް ލޮޖިސްޓިކްސް ވިޔަފާރިވެރިންނާއި އިދިކޮޅު ސިޔާސީ މީހުން ވާހަކަ ދައްކަން ފަށައިފި އެވެ.
އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ލޮޖިސްޓިކްސް ވިޔަފާރިއަށް ވަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކެއް ދަތިކަމެއް ނެތި ފޯރުކޮށްދިނުމުުގެ މަގުސަދުގައި އެވެ.
ނަމަވެސް މި ކަމާ ދެކޮޅަށް ވާހަކަ ދައްކާފައިވާ މީހުން، ހާއްސަކޮށް ވިޔަފާރިވެރިން ވަނީ، މިއީ އެމްޕީއެލްގެ މައިގަނޑު މަސައްކަތް ކަމުގައިވާ ބަނދަރުތައް ބެހެލެއްޓުމުގެ ޒިންމާއާ ދުރު، މަސްލަހަތު ހިމެނޭ ވިޔަފާރިއަކަށް ވަނުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ކަންބޮޑުވުން ހިއްސާކުރި އެކަކަކީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮޖިސްޓިކްސް ވިޔަފާރިކުރާ ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫނެވެ. އޭނާ ވިދާޅުވީ މިއީ ވިޔަފާރީގެ ވާދަވެރިކަން ގެއްލި، މޮނޮޕޮލީއެއް އުފެދެން މެދުވެރިވެދާނެ ކަމެއް ކަމަށެވެ.
"ބަނދަރަށް ވަދެ ނިކުމެވުމާއި، ގަވާއިދުތަކާއި އަދި މަސައްކަތްތެރިން ކޮންޓްރޯލް ކުރަމުން، ލޮޖިސްޓިކްސް އަދި ފްރައިޓް ފޯވާޑިން ވިޔަފާރީގެ ތެރެއަށް ވަނުމަކީ، އެ ފަރާތެއް އެއްފަހަރާ ރެފްރީއަކަށް އަދި ކުޅުންތެރިއަކަށްވުން. މީގެ ސަބަބުން މާކެޓްގެ ހަމަހަމަކަން ގެއްލި، އިންވެސްޓްމަންޓްތަކަށް ހުރަސް އެޅި، މުޅި ސަޕްލައި ޗެއިން އެއް ބަޔެއްގެ މުށުތެރެއަށް ދިޔުމުގެ ނުރައްކާ އެބައޮތް،" މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) ރައީސް އަބްދުالله ޝާހިދު ވިދާޅުވި ގޮތުގައި އެއީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ހިލާފު، ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަބޫލުކުރާނެ ކަމެއް ނޫނެވެ.
"ސަރުކާރުގެ ދައުރަކީ ވިޔަފާރިއާ ވާދަކުރުމެއް ނޫން. އެއާ ހިލާފަށް އަދާކުރަންޖެހޭ ދައުރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުން. ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލާ، އިގުތިސާދީ ހަމަތައް ފުނޑުފުނޑުކޮށްލާ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.
ނޭޝަނަލް ލޮޖިސްޓިސްޓިކްސްގެ ދަށަށް ބަދަލުކުރި ހިދުމަތްތަކުގެ ތެރޭގައި އެ ކުންފުނިން ފަށައިގެން އުޅޭ ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް ހިމެނެ އެވެ.
މިއީ މާލޭ ވިޔަފާރި ބަނދަރަށް އަންނަ ޓްރާންސްޝިޕްމަންޓް ކޮންޓޭނަރުތައް، އެމްޕީއެލްގެ އުޅަނދުތަކުގައި ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓަށް ފޮނުވަން ފެށި ހިދުމަތެކެވެ. މި ހިދުމަތް ފުޅާކުރަން ލޭންޑިން ކްރާފްޓެއް ބަނދެ، އަށް މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ނެރޭނެ ކަމަށް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
"މި ކަމުގެ ސަބަބުން ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވާނެ. އެ މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ އެތައް އާއިލާތަކަށް މާލީގޮތުން އެތައް ތަކުލީފެއް އުފުލަން ޖެހޭނެ. ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ސަރުކާރުގެ އެ ނިންމުން ސިފަކުރެއްވީ "ގަދީމީ"، "ބޯދާ" ވިސްނުމެއްގެ ގޮތުގަ އެވެ.
"ސަރުކާރުން ކުރާ ވިޔަފާރިތަކުގެ ގެއްލުން ފޫބެއްދުމަށް މިދިޔަ އަހަރު ބަޖެޓުން އެކަނިވެސް 6 ބިލިއަނެއްހާ ރުފިޔާ ހޭދަކުރަން ޖެހުނު. އަލަށް ފަށާ ކޮންމެ ވިޔަފާރިއަކަށް ބިލިއަނުން ހޭދަކުރަން މަޖުބޫރުވާނެ،" އޭނާ ލިޔުއްވި އެވެ.
އެމްޕީއެލްގެ އިތުރުން، ސަރުކާރު އެހެން ކުންފުނިތައް މެދުވެރިކޮށް އަމިއްލަ ވިޔަފާރިތަކަށް ވަންނަ މައްސަލައިގައި ވިޔަފާރިވެރިންގެ ކަންބޮޑުވުން ބޮޑެވެ. މީގެ ތެރޭގައި އެސްޓީއޯގެ ފިހާރަތައް ހުރިހާ ރަށެއްގައި އެޅުމާއި، ސަރުކާރު ކުންފުނިތަކާ ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތައް ހަވާލުކުރުމާއި، މާލެ ހޮސްޕިޓަލްސް ގްރޫޕުން އައިނު ވިޔަފާރިއަށް ވަނުން ހިމެނެ އެވެ.
Comment