Advertisement

ނަޝީދު ގޮއްވާލަން ހުރިހާ މަސައްކަތެއް ކުރީ އެމްޑީޕީން: ފައިސަލް

12 ޖުލައި 2024 - 12:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް: ނަޝީދު ގޮއްވާލަން ހުރިހާ މަސައްކަތެއް ކުރީ އެމްޑީޕީން ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ނަޝީދު ގޮއްވާލަން ހުރިހާ މަސައްކަތެއް ކުރީ އެމްޑީޕީން: ފައިސަލް

12 ޖުލައި 2024 - 12:10 0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވައި ހަމަލާ ދިނުމަށް ހުރިހާ މަސައްކަތެއް ކުރީ އޭރު އެމަނިކުފާނު ހުންނެވި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ކަމަށް އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި, ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރޭ ތުހުމަތު ކުރައްވައިފި އެވެ.

"އެމްޑީޕީގެ ވޭތުވެދިޔަ ފަސް އަހަރު ރައީސް ނަޝީދު މަގުމައްޗަށް ނެރެ އެކަހެރިކޮށް ރައީސް ނަޝީދު ރާއްޖޭގެ މަޖީދީ މަގު ކައިރީގައި ގޮއްވާލަން, މި ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރީ, އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ކުރީ," އެއްވެސް ތަފްސީލެއް ނުދެއްވައި ޕީއެންސީ ހަރުގޭގައި ހުންނަވައި ފައިސަލް ވިދާޅުވި އެވެ.

އޭނާ މިފަދަ ބޮޑު ތުހުމަތެއް ކުރެއްވި ނަމަވެސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގައި އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް ބައިވެރިވުމެއް އޮތްކަމަށް ތަހުގީގުން އަދި ޝަރީއަތުން ވެސް ހާމަވެފައި ނުވެ އެވެ.

ހަމަލާގައި އެ ޕާޓީގެ އިސް ފަރާތެއްގެ ބައިވެރިވުން އޮތް ކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ވެސް ބުނެފައި ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް އެ މައްސަލައާ ގުޅޭގޮތުން އިންކުއަރީއެއް ހިންގި އެވެ. އެ އިންކުއަރީގައި ވެސް ފައިސަލްގެ ތުހުމަތަށް ބާރު ލިބޭ އެއްވެސް ކަމެއް ހިމެނިފައި ނުވެ އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ބޮމެއް ގޮއްވާލީ ނަޝީދުގެ ލޭ ހުއްދަވެއްޖެ ކަމަށް ކަނޑައަޅައި, ޖާނުންފިދާވުމުގެ ހަމަލާއަކުން ވެސް އެމަނިކުފާނު އަވަހާރަކޮށްލަން ތައްޔާރަށް ތިބި ބަޔެކެވެ. އެގޮތުން, ނީލޯފަރުމަގުގައި ބޮމެއް ގޮއްވާލީ އަވަހާރަކޮށްލަން ހަމަލާތައް ރާވައި ތިން ވަނަ ފަހަރަށް ކުރި މަސައްކަތުންނެވެ. އެމަނިކުފާނު އަވަހާރަކޮށްލުމުގެ ރޭވުންތައް 2019 ގައި ފަށައި އެކި ފަހަރުމަތިން ހަމަލާއަކަށް މަސައްކަތްކޮށްފައިވެ އެވެ.

އެ މައްސަލާގައި ހަމަލާ ރާވައި ހިންގި އިސް މީހުންނާއި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ފުލުހުން ހައްޔަރުކޮށް ދައުވާ އުފުލި އެވެ.

މައްސަލައިގެ ޝަރީއަތް ކުރިއަށް ގޮސްފައިވާ ހިސާބު

އެގޮތުން, މެއި 6, 2021 ވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލިކަން ސާބިތުވެ އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

އޭނާގެ އިތުރުން އެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ތަސްލީމަށް ކުށް ސާބިތުނުވި ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުގައި އަދި އެ މައްސަލައިގެ ޝަރީއަތް ނުފަށަ އެވެ.

މި ދެ މީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭރު ބުނެފައި ވަނީ މެއި 6، 2021 ގައި މާލޭގައި ގޮއްވި ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރިން ކަމަށެވެ. ނަމަވެސް ތަހުގީގަށް ފަހު ދައުވާކުރީ ޓެރަރިސްޓް ޖަމާއަތް އައިސިސްއަށް ތާއީދުކުރުމުގެ ދައުވާ އެކަންޏެވެ.

ހަމަލާގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ. އެންމެފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވީ ފެބްރުއަރީ 2024, ގަ އެވެ.