about 1 hour 0
ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަދަދު
about 1 hour 0
އިރާނުގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ވެސް ތެލުގެ އަގު ނުއުފުލޭހާ ބޮޑަށް މިއަދު އުފުލިފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މުޅި ސަމާލުކަން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހު އެއްކޮށްލަން ފެނޭތޯ ބެލުމުގެ ފެންނަ ނުފެންނަ ވޯޓަށް އެކަނި އަމާޒުވެފައިވާނަމަ، ރައްޔިތުންނަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ނަޝީދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
"ރާއްޖެ މިހާރު އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި،" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޕެޓްރޯލް ލީޑަރެއްގެ އަގު 28ރ. އަށް އަރައިފި. ދަތުރުފަތުރުގެ އަގު ބޮޑުވާނެ."
އިރާނު ހަނގުރާމައާ ގުޅިގެން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެޑުތައް ފިޔަވައި ހުންނަ ޕަމްޕުހައުސްތަކާއި ބައުޒަރުތަކުން ތެޔޮ ވިއްކާ ރޭޓު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން ހުޅުމާލެ ޖެޓީގެ ޕަމްޕުހައުސްތަކުންނާއި ބައުޒަރުތަކުން ޕެޓްރޯލް ލީޓަރެއް މިއަދު ވިއްކަނީ 26.81ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 28.94ރ. އަށެވެ.
މި އަގުތަކަށް ބަލާއިރު ޝެޑުތަކުން ވިއްކާ ތެލަށް ވުރެ ބައުޒަރުތަކުން ވިއްކާ ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 68 ޕަސެންޓުން އުފުލިފަ އެވެ. ކުރިން ތެޔޮ ވިއްކި އަގުތައް މިވަނީ ގާތްގަނޑަކަށް ދެ ގުނަވެފަ އެވެ.
އެފްއެސްއެމްގެ ކަސްޓަމަރުންނަށް އެ ކުންފުނިން ފޮނުވާފައިވާ އީމެއިލެއް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ހާމަކުރައްވާފަ އެވެ. އެ އީމެއިލްގައި ވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ބޮޑުކޮށްފައިވާކަން އަންގާފަ އެވެ.
މި ބަދަލަކީ މިއަދުން ފެށީގެން އެ ކުންފުނީގެ ހުރިހާ ޑެލިވަރީއެއްގައި ކަސްޓަމަރުންގެ އަތުން ނަގަން ހަމަޖެހިފައިވާ އަގެވެ. ނަމަވެސް ރަސްމީކޮށް މި ބަދަލު ގެނައިކަން އެފްއެސްއެމްއިން ހާމައެއް ނުކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment