Advertisement

ވެރިކަން ހިންގަން ޑިމޮކްރަސީގެ އަގުހެޔޮ ކުރުމަކީ އަމިއްލަ ހާލަތު ނިކަމެތިކުރުން: ނަޝީދު

ތުޅާދޫގައި ނަޝީދު ވާހަކަ ދައްކަވަނީ.


ވެރިކަން ހިންގަން ޑިމޮކްރަސީގެ އަގުހެޔޮ ކުރުމަކީ އަމިއްލަ ހާލަތު ނިކަމެތިކުރުން: ނަޝީދު

ވެރިކަން ހިންގުމުގެ ނަމުގައި ޑިމޮކްރަސީގެ އަގުހެޔޮ ކުރުމަކީ އަމިއްލަ ހާލަތު ނިކަމެތި ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. އެ ވޯޓުގައި ރައްޔިތުންގެ ހިޔާލަށް އަހަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައި މަޖިލީހުގެ ދައުރު ކުރު ކުރުމަށް ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުންނެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ޓީމެއް ބ. ތުޅާދޫއަށް މިއަދު ގޮސްފައިވާއިރު އެ ރަށުގައި ހުންނަވައި ނަޝީދު ވަނީ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ތުޅާދޫ ބަނދަރު ސަރަހައްދުގައި ހުރި ގަހެއްގެ ހިޔަލުގައި ހުންނަވައި ނަޝީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ތަނަވަސް ގައުމުތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުތައް ވަރަށް ގިނައިން ބާއްވަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވީ ސްވިޓްޒަލޭންޑުގެ ވާހަކަ އެވެ.

"އިރުއިރުކޮޅާ ރައްޔިތުންގެ ގާތަށް ދާން އެބަޖެހޭ. ވެރިކަން ހިންގުމަށް ޑިމޮކްރަސީ އަގުހެޔޮ ކުރާން އަޅުގަނޑުމެން އުޅެއްޖެނަމަ އެއީ އަޅުގަނޑުމެންގެ އަމިއްލައަށް، އަމިއްލަ ހާލަތު ނިކަމެތި ކުރަން އެޅޭ ފިޔަވަޅެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އާއެކު މި ދަތުރުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަނުން ކަމަށްވާ ފައްޔާޒު އިސްމާއީލް، ހަސަން ލަތީފު އަދި މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުالله ވެސް ބައިވެރިވެވަޑަގަންނަވަަ އެވެ.

މީގެ ކުރިން ނަޝީދު ވަނީ ފެންނަ ނުފެންނަ ވޯޓާ މެދު ސަރުކާރުން ދެވަނަ ވިސްނުމަކަށް ގޮވާލައްވާފަ އެވެ.

ގާނޫނުއަސާސީއަށް ގެންނަ އެއްވެސް އިސްލާހަކީ އަވަސްއަރުވާލައިގެން ކުރާ ކަމަކަށް ވުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ހިމެނޭހެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކުރިއަށްދާ ކަމަކަށް ވާންޖެހޭ ކަމަށް ނަޝީދު އޮތީ ވިދާޅުވެފަ އެވެ.

ފެންނަ ނުފެންނަ ވޯޓާ ގުޅޭ ދެ މައްސަލައެއް މިއަދު ސުޕްރީމް ކޯޓަށް ވެސް ވަނީ ވައްދާފަ އެވެ. އެއީ އެ ވޯޓު ހުއްޓުވައިދިނުމަށާއި ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަތަކެކެވެ.