Advertisement

ހަރަދު ބޮޑުކަން ސަރުކާރަށް އެނގުނީ މަޖިލިސް ލިބި، ސިޔާސީ ބޭނުންތައް ފުދުމުން

4 ޖުލައި 2024 - 09:40 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހަރަދު ބޮޑުކަން ސަރުކާރަށް އެނގުނީ މަޖިލިސް ލިބި، ސިޔާސީ ބޭނުންތައް ފުދުމުން

4 ޖުލައި 2024 - 09:40 1

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެންމެ ބޮޑަށް މި ސަރުކާރުން ދައްކަމުންދިޔައީ ރާއްޖޭގެ ދަރަނީގެ ހާލަތާއި ދައުލަތަށް ލިބޭ އާމްދަނީ "މިސްމެނޭޖު" ކުރަމުންދާ ވާހަކަ އެވެ. ދަރަންޏާ މެދު ހާސްނުވާން ހުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އޮތީ އެދިވަޑައިގެންފަ އެވެ. އިގުތިސޯދީ ސިޔާސަތު "ހަމައަކަށް އަޅުވާނެ" ކަމުގެ ޔަގީންކަން ހުރިހާ ރައްޔިތުންނަށް ދެއްވި އެވެ.

"ފައިސާ ހޯދޭނެ ގޮތްތައް އެެބަހުރި ފަހިވެފައި އަޅުގަނޑުމެންނަށް މިހާރު ވެސް. ގާތް ރަހުމަތްތެރި ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފައި މި ހުރި ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރުމަށް. އެހެންވީމާ އަޅުގަނޑުމެންނަށް ކަންބޮޑުވުމެއް ހަމަ ނެތޭ ހަގީގަތުގައި ވެސް, އެއްވެސް ކަންބޮޑުވުމެއް ނެތް," ހދ. ކުރިނބީގައި ވާހަކަ ދައްކަވަމުން ސެޕްޓެމްބަރު 16, 2023 ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ ވާހަކަތައް އަޑުއަހާ ކޮންމެ މީހަކަށް ވެސް އޭރު ލިބުނީ ޔަގީންކަމެވެ. އުންމީދެވެ. ގެރެންޓީއެކެވެ. ދަރަންޏާ މެދު އާންމުން ހާސްވާން ނުޖެހޭނެ ކަމެވެ. އެ ކަމަށް ރައީސް އާއި ޓީމުގެ ޕްލޭނެެއް އޮތް ކަމެވެ.

ވެރިކަމަށް ވަޑައިގެން, ސަރުކާރުގެ ހަރަދުތައް ކުޑަ ނުކޮށް ވަމުންދިޔަ ބޮޑެތި ވައުދުތަކާއި ސޮއިކުރަމުންދިޔަ މިލިއަން ޑޮލަރުގެ އެއްބަސްވުންތަކާއި އިއުލާން ކުރަމުންދިޔަ ހުވަފެނީ މަޝްރޫއުތަކުން ފެނުނީ ވަރުގަދަ އިގުތިސޯދެއްގައި ފެންނާނެ މަންޒަރުތަކެވެ. އޭއައި ފޮޓޯތަކާއި, މޮޅެތި ވީޑިއޯތަކާއި, ފަށުވި ވާހަކަތަކުން އަަސްލު އޮޅި ތިމާއަށް ތިމާ އޮޅޭ ހިސާބަށް ކަންކަން ހިނގައްޖެ އެވެ.

ކިރިޔާ ވެސް ރޭކާލީ ކުއްލިއަކަށް މިޑް ޓާމް ރިވިއުއެއް ހަދައި, ދަރަނި ނުދެއްކޭނެ ކަމަށް ބަލައި, ރާއްޖޭގެ ރޭޓިން ފިޗުން ދަށްކުރުމުންނެވެ. އެއާއެކު, ފުރަތަމަ ހަތް މަހު ނީވޭ "ހިތި ބޭހެއް" ބޯންޖެހޭނެކަމުގެ އަޑު ގަދަވެއްޖެ އެވެ. އެކަމަކު ހަގީގަތުގައި އިގުތިސޯދު އޮތީ ގަދަކޮށެވެ. މި އުޅެނީ ރައީސް އޭރު ވިދާޅުވި "މިސްމެނޭޖު" ކުރުމުގެ މައްސަލަ އެވެ.

ހަވާލުވިއިރު ރާއްޖޭގެ އިގުތިސޯދީ ހާލަތު އެނގޭ

މި ގައުމުގެ އުފެއްދުންތެރިކަމާއި, މި ގައުމުގެ ދަރަންޏާއި, މި ގައުމަށް ވަންނަ އާމްދަނީއަކީ ވަންހަނާ މައުލޫމާތެއް ނޫނެވެ. ވަރަށް ރަނގަޅަށް ބަލަހައްޓަމުންދާ, ހޯދައި ބަލަން ބޭނުންވާ މީހަކަށް ފެންނާން ހުރި މައުލޫމާތުތަކެކެވެ.

މި ރާއްޖޭގެ އިގުތިސޯދީ ހާލަތާއި ދައުލަތުގެ މާލީ ހާލަތުގެ ވާހަކައަކީ ރައީސް މުއިއްޒުގެ ކެމްޕޭނުގައި އެންމެ ގަދަޔަށް ދެއްކެވި ވާހަކަތެކެވެ. އޭރުގެ ސަރުކާރުން ހަރަދު ކުރަމުންދިޔަ ގޮތާއި އެ ސަރުކާރުން ޕްރޮޖެކްޓުތައް ހިންގަން ފައިސާ ހޯދި ގޮތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ހަގީގަތުގައި ވެސް ކޮންމެ މަހަކު އެބަ ވަދޭ ފައިސާ, އެހެން ނަމަވެސް މިސްމެނޭޖު ކުރަނީ މި ސަރުކާރުން. މާނައަކީ, ކުރަން ނުޖެހޭ ހަރަދު ކުރަނީ. އިސްކަން ދޭންވާ ކަންކަމަށް ނުދެވެނީ. ފައިސާ ޗާޕު ވެސް ކުރަނީ. މުސާރަ ދިނުމަށްޓަކައި ލޯނު ނަގަނީ. މިހެން ގޮސް އެފުށް މިފުށަށް ޖެހިފައި މިއޮތީ," މައިގަނޑު އިގުތިސޯދީ އަސާސްތައް އެކޮޅުކޮޅުން ޖެހިފައިވާ ކަމަށް ހަމަ ހދ. ކުރިނބީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އޭރު އެމަނިކުފާނު އެ ވާހަކަތައް ދެއްކެވީ ނަންބަރުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނެވި އެ ނަންބަރުތަކުގެ ހިސާބުތައް ދިމާކުރައްވާނެ ލީޑަރު ކަމަށް ދައްކަވައިގެންނެވެ.

ކޮންމެއަކަސް އިންތިހާބު ނިމި އިންތިގާލީ މަރުހަލާގައި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކަށް މި ސަރުކާރުގެ ބޭފުޅުން ވަޑައިގެންނެވި އެވެ. މައުލޫމާތުތައް އެއްކުރެއްވި އެވެ. ގްރާފުތައް ބެއްލެވި އެވެ. އެކައުންޓުތަކުގެ ތަފްސީލުތައް ހޯއްދެވި އެވެ.

"ޓްރާންސިޝަން މުއްދަތުގައި މުޅި ދައުލަތުގެ ހުރިހާ އެއްޗެއް ކިޔައިދިނިން. އެހެންވީމާ ނޭނގި ނުހުންނާނެ. މާލީ ގޮންޖެހުންތައް ނެތްކަން ނޭނގި ނުހުންނާނެ," މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.

ފައިބައިގެންދިޔަ ސަރުކާރު ވެސް ދިޔައީ އެ މައުލޫމާތުތައް މި ސަރުކާރާ ހިއްސާ ކުރުމަށް ފަހު އެވެ. ޓްރާންސިޝަން މަރުހަލާގައި މިއަދު ސަރުކާރުން ދައްކަމުންދާ ގައުމު ވެއްޓިފައިވާ "ފުން އަނދަވަޅު"ގެ ވާހަކައެއް ނުދެކެވެ އެވެ. އެއީ އެހާ ފުން އަނދަވަޅެއް ނަމަ އޭރު އެ ވާހަކަތައް ހާމަކުރަން ޖެހެ އެވެ.

ދެން އޮތީ ވެރިކަމާ ހަވާލުވެ ކަންތައް ކުރެއްވި ގޮތުގެ ވާހަކަ އެވެ. ތިރީގައި ކުރުކޮށް ނަމަވެސް ލިސްޓު ކޮށްފައިވާ ކަންކަމަށް ބަލައިލުމުން އެފަދަ "ފުން އަނދަވަޅަކަށް" ގައުމު ވެއްޓިފައިވާކަން ގަބޫލުކުރަން ދައްޗެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދެއް ނޭނގެ, މުސާރަ ބިލު ބޮޑުވެއްޖެ

ވައުދުވީ 700 އެ އަދަދު އަށްވުރެ އިތުރު ނުކުރުމަށެވެ. ހާމަކަން ބޮޑު ސަރުކާރެއް ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގަތުމާއެކު ދައުލަތުގެ ބޮޑު ސިއްރަކަށްވީ ސިޔާސީ މުވައްޒަފުންގެ އަދަދެވެ.

އާރުޓީއައި ލައިގެން ލިބުނު 13 މިނިސްޓްރީގެ މައުލޫމާތުތަކުން އެކަނި 705 މުވައްޒަފުން ތިބިކަން އެނގެ އެވެ. ބާކީ ނުވަ މިނިސްޓްރީގައި ތިބި ސްޓޭޓް މިނިސްޓަރުންނާއި, ޑެޕިއުޓީ މިނިސްޓަރުންނާއި, ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި, ޕޮލިޓިކަލް ޑިރެކްޓަރުންނާއި, އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ އަދަދެއް ނޭނގެ އެވެ.

ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި، މި ހުރިހާ ތަނެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި, އެމްބަސީތަކާއި ރާއްޖޭގެ މިޝަންތަކުގައި ތިބި މުވައްޒަފުންނާއި, އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ލާފައި ތިބި މުވައްޒަފުން އަދި ރަށްރަށުގެ އެކި ވުޒާރާތަކުގައި ތިބި ސިޔާސީ މީހުންގެ އަދަދެއް ނޭނގެ އެވެ.

މި މައުލޫމާތުތަކުން އެކަނި ވެސް މަހެއްގެ މައްޗަށް 20 މިލިއަން ރުފިޔާ ސިޔާސީ މުވައްޒަފުންނަށް ހޭދަކުރެ އެވެ. މައުލޫމާތު ނުދޭ މިނިސްޓްރީތަކާއި ރައީސް އޮފީހުގެ މައުލޫމާތު ހިމަނައިފިނަމަ އެ އަދަދު 30 މިލިއަނަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ރަސްމާލެ އާއެކު މާލިއްޔާ އަޑިއަށް

ސީދާ ރައީސް ވިދާޅުވާ ގޮތުން ނަމަ މިއީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު އެވެ. ތެދެކެވެ. ގާތްގަނޑަކަށް 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުއެއް މިހާތަނަށް ރާއްޖޭގައި ކުރިއަށް ނުގެންދެ އެވެ. ބަޖެޓުން އުނިކުރުމުން ވެސް މަޖިލީހަށް ގޮންޖައްސަވައި ރައީސް އެ މަސައްކަތް ފެއްޓެވި އެވެ.

ބަޖެޓުގައި ނުޖެހިޔަސް މަސައްކަތް އަށް މަހުން ނިމޭނެ ކަމުގެ ޔަގީކަން ދެއްވި އެވެ. ހަމަ ބުއްދި ހުރި އެކަކަށް ވެސް ބޮޑު މާސިންގާ ފަޅަކަށް ވެލި އަޅައި ބަޔަކު ހިލޭސާބަހަށް އެތަން ތިން މީޓަރަށް އުފުލައި ދޭނެކަން ގަބޫލުއް ނުކުރެވޭނެ އެވެ.

ސީއެމްސީއަށް ބިންތަކެއް ދޫކޮށްލައިގެން އެވަރުގެ މަޝްރޫއުއެއް ހިންގަން ޖެހޭ ހާލަތަކަށް ނުދެ އެވެ. ހުވަފެނީ މަޝްރޫއުއަކަށް ވީތީ އެކަން ކުރީމޭ ބުނަން ކުރަން ހެޔޮވަރު ކަމެއް ނޫނެވެ. މާލެ ކައިރިން އެތައް ބިމެއް ހިއްކައިފި އެވެ. ރަށްރަށުގައި ހިއްކާފައި ހުރި ބިންތައް އެ ހުރީ ފަޅުކޮށެވެ. އެ ބިންތައް އާބާދުވާނެ ގޮތްތައް ހޯދައި ނުދީ ހަނަފަސް ސަހަރާއަކަށް ވާނެ ބިމެއް ހިއްކަން ނުޖެހެ އެވެ.

އެޗްޑީސީއާ ހަވާލުކޮށްގެން މަލްޓި މިލިއަން ޑޮލަރުގެ މި މަޝްރޫއު ކުރިއަށްގެންދިޔަސް އެ ބުރަ އެ އުފުލަނީ އެޗްޑީސީއަކުން ނޫނެވެ. އެޗްޑީސީއަކީ ސަރުކާރުގެ ހިއްސާ އޮންނަ ރައްޔިތުންގެ ކުންފުންޏެކެވެ. އެ ބުރަ އާހިރުގައި އުފުލަން ޖެހެނީ ރައްޔިތުންނެވެ. މާލީ ދަތިކަމެއްގައި އަދިވެސް އެ މަޝްރޫއު ކުރިއަށް އެ ގެންދަނީ އެއްވެސް ޕްލޭނެއް ނެތި "ކަން ކުރީމޭ" ބުނަންވެގެންނެވެ.

ބިއްލޫރި ޓަނަލާއި މޮނޯރެއިލާއި އީދަށް ބޮކި ދިއްލުން

ބޮޑެތި ރަށްތަކާއި ސިޓީތަކުގައި އީދު ފާހަގަކުރުމަށް 50 މިލިއަން ރުފިޔާ ބަޖެޓުގައި ޖެހިއިރު ވެސް ސަރުކާރުގެ މާލީ ހާލަތު ވަރަށް ރަނގަޅަށް ރައީސަށް އެނގިވަޑައިގަންނަވާނެ އެވެ. އީދު ފާހަގަކުރުމަކީ ދައުލަތުގެ މާލިއްޔަތުގެ ބުންވަރު ހުރި ވަރަކުން ކުރަން ޖެހޭ ކަމެކެވެ. ދަރަނީގެ ބުރަ ބޮޑުވެފައި އޮއްވައި އެއީ ކުރި ބޭކާރު ހަރަދެކެވެ.

މާލެ އާއި ރަސްމާލެ ޒަމާނީ ވަސީލަތްތަކުން ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލެވޭނެ ކަމަށާއި އެ ގޮތުން ކަނޑުއަޑީގެ މަންޒަރުތައް ފެންނާނެ ފަދަ ޓަނަލަކުން ދެ ރަށް ގުޅުވާލަން ވެސް ރައީސް ވައުދުވީ މި މާލީ ތާށިކަމުގެ ތެރޭގަ އެވެ. "ބިއްލޫރި ޓަނަލް" ގެ ވައުދަކީ ނުފުއްދޭނެ ވައުދެއްކަން އެންމެ ތިލަކޮށް ވިސްނާ މީހާއަށް ވެސް އެނގޭނެ އެވެ. ރާއްޖޭގައި އެ ފައިސާއެއް ނެތެވެ. އެ ފައިސާ ހޯދޭނެ ގޮތްތަކެއް ވެސް ރާއްޖެއަށް ނެތެވެ.

މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި ވެރި ރަށް މާލެ މޮނޯރެއިލްއިން ގުޅާލުމަށް ވެސް ހަވާލުކޮށްފި އެވެ. މިއީ ވެސް ދައުލަތަށް އުފުލޭ ވަރަށް ވުރެ ބޮޑު ހަރަދެކެވެ. އެކަމަކު އެ ވައުދު ވެސް ވީތާ އެވެ.

ޑްރޯން ގަންނަން 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއް

އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރުވެގެންދިޔުމަކީ ދިވެހި ކޮންމެ ރައްޔިތަކު ވެސް ދެކެން ބޭނުންވާ ކަމެކެވެ. ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ސަރަހައްދު ބެލެހެއްޓޭނެ ގާބިލުކަން އިތުރުވެގެންދިޔުމުގެ މުހިންމުކަމާ މެދު ދެބަހެއް ނުވެވޭނެ އެވެ.

އެކަމަކު ބަޖެޓުގައި ޖެހުމެއް ނެތި, ކުއްލިއަކަށް ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) ނަގައިގެން އެ ހަރަދު ކުރުމަކީ ހާލަތަށް ރިއާޔަތްކޮށް ކުރި ހަރަދެއްތޯ މިއަދު ސުވާލު އުފެދެ އެވެ.

ދައުލަތުގެ ކޭޝްފްލޯ އަދި ހަރަދުތައް ބެލެހެއްޓުމަށް ކިހާ ބޮޑު ގޮންޖެހުމަކަށް އެ ހަރަދު ވެފައިވާކަން މިއަދު ވަޒަން ކުރެވޭނެ އެވެ. އެ ޑްރޯންތައް ހޯދަން ބަޖެޓު ހަމަޖެއްސުމަށް ފަހު ނުވަތަ އެކުވެރި ދައުލަތްތަކާއެކު މަޝްވަރާކޮށްގެން އެއަށްވުރެ އަގުހެޔޮކޮށް އެކަން ކުރެވުނީހެވެ.

އެފަދަ މުހިންމު ކަމަކަށް ބަޖެޓުން އެހާ ބޮޑު ހަރަދެއް ކުރާއިރު ދުރާލައި ޕްލޭންކޮށް ތައްޔާރުވާން ޖެހޭނެ އެވެ. ހަމައެކަނި މާކެޓުގައި ހުރި އެންމެ ޑްރޯނަކަށް ނުވަތަ ވަކި ގައުމަކުން އުފައްދާ ޑްރޯނަކަށް ބަލައިގެން ނުވާނެ އެވެ. ދިރާސާތައް ހަދަން ވާނެ އެވެ. ހަރަދަށް ޒިންމާވި ކަމަށް ވާނީ އެއިރުންނެވެ.

އެއާޕޯޓުތައް ގިނަ ކުރުން: ބޭކާރު ހަރަދެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުއެއް ހިންގަމުން ދަނިކޮށް ވެރިކަމަށް ދެ މަސް ނުވަނީސް ރައީސް އިއުލާނު ކުރެއްވި އެއަށް ވުރެ ބޮޑު މަޝްރޫއުއެކެވެ. އެއާއެކު, އޮކްޓޯބަރު 2022, ގައި 55 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުވި ސީޕްލޭން ޓާމިނަލް ބަދަލުކުރަން ވެސް ނިންމެވި އެވެ.

އެ ހިސާބުން އެއާޕޯޓުތަކުގެ ވައުދުތައް ފުލުފުލުގައި ރައީސް ވެވަޑައިގެންނެވި އެވެ. ބޮޑެތި އެއްބަސްވުންތަކުގައި ބޭރުގެ ޝޭޑީ ކުންފުނިތަކާ އެކު ސޮއިކުރެއްވި އެވެ.

ހދ. ކުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް، އަލުން ތަރައްގީކުރުމަށްޓަކައި ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް( އީއޯއައި) ހުށަހަޅަން ހުޅުވާލި އެވެ. ފ. މަގޫދޫގައި އެއާޕޯޓެއް ނިމިނިމި އޮއްވައި 15 މިނެޓުން ދެވޭ ފ. ނިލަންދޫގައި އެއާޕޯޓު މަޝްރޫއުއެއް އިއުލާނު ކުރެއްވި އެވެ.

ގދ. ކާޑެއްދޫ އިންވެގެން އޮއްވައި ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ތައިލޭންޑުގެ އަންނައުނު ކުންފުންޏަކާ އެކު ސޮއިކުރެއްވި އެވެ. ގދ. ކޫއްޑޫ އެއާޕޯޓު ޖެހިގެން އޮއްވައި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ސޮއިކުރެއްވި އެވެ.

ބަޖެޓުގައި ނެތަސް ތ. ގުރައިދޫ އެއާޕޯޓު މިއަހަރު ފަށާނެ ކަމަށް ވިދާޅުވި އެވެ. ހއ. ދިއްދޫ އާއި ށ. މިލަންދޫއަށް ވެސް އެއާޕޯޓެކެވެ. ގއ. ކޮލަމާފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް ވެސް މަޖިލިސް ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި އެވެ. އެހެން ގޮސް ވުޖޫގައި ނެތް ރަށެއްގައި ވެސް އެއާޕޯޓު އަޅަން ސަރުކާރުން އިއުލާނުކުރި އެވެ.

ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ނެތް ވަރަށް ބޮޑެތި އެއާޕޯޓު ޕްރޮޖެކްޓުތައް ރައީސް އިއުލާނު ކުރެއްވިއިރު ގައުމުގެ މާލިއްޔަތަށް ކެރިކުޅަދާނަ ނުވާކަން އެމަނިކުފާނަށް އެނގިވަޑައިނުގަންވަނީތޯ އެވެ. ނޫނީ, އެއީ އެކަން އެނގިވަޑައިގެން ހުންނަވައި ވޯޓު ހޯއްދަވަން ދެއްކެވި ހުވަފެންތަކެއްތޯ އެވެ.

ކުރީ ސަރުކާރަށް އިނގިލި ދިއްކުރުން ހުއްޓާލައި ސީރިއަސް ވާން ޖެހޭ

ވެރިކަމަށް ހަތް މަސްވީ އެވެ. 2025 ގެ ބޮޑު ދަރަންޏާއި 2026 ގެ މާސިންގާ ދަރަނި ދައްކަން ވަގުތު ކުޑަތަންވަނީ އެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް ދަރަނި ދެއްކޭނެ ގޮތަށް ކަންކަން ތަރުތީބު ކުރަންވީ ދުވަހެކެވެ. ރައްޔިތުން ހަވާލުކުރީ މި ސަރުކާރާ އެ މެންޑޭޓެވެ.

ނަމަވެސް, އޭގެ ބަދަލުގައި އިވޭ އަޑުތަކަކީ މުޅިން ވެސް "ކުރީ ސަރުކާރު", "ކުރީ ސަރުކާރު", "ކުރީ ސަރުކާރު" އެވެ. ތިން އިރު އިރަކު "ކުރީ ސަރުކާރު" ޖަހައި ސޯޝަލް މީޑިއާގައި ޕޯސްޓް ޖަހަން ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކުރާ އެތައް ސަތޭކަ ސިޔާސީ މުވައްޒަފުންނަށް އެންގިޔަސް ދަރަނި ހަލާހެއް ނުވާނެ އެވެ.

އޭރު ރައީސަށް ލިބުނު ފެހި ސިގްނަލްތައް, ރަތް ސިގްނަލަށް ނުވަތަ އޮރެންޖު ސިގްނަލަށް ބަދަލުވީކަން ވެސް ރައްޔިތުންނަށް އެނގެން ޖެހެ އެވެ. "ހިތި ބޭހެއް" ބޯންޖެހޭނަމަ އެންމެ ފުރަތަމަ އެ ބޭހެއް ބޯންވީ ސަރުކާރުގެ މަތީ ފަޑިންނެވެ. އަދި އެ މަންޒަރެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ހިތި ބޭހުގެ ރަހަ އާންމުންގެ އަރުތެރޭ ލާން ފަށައިފި އެވެ.