Advertisement

ސިޔާސީ މީހުން އިތުރަށް އައްޔަން ނުކުރަން ވީ ވައުދާ ހިލާފުވެއްޖެ

6 ޖުލައި 2024 - 08:50 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު


ސިޔާސީ މީހުން އިތުރަށް އައްޔަން ނުކުރަން ވީ ވައުދާ ހިލާފުވެއްޖެ

6 ޖުލައި 2024 - 08:50 0

ސަރުކާރުގެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެ މަނިކުފާނު އަމިއްލަފުޅަށް ހިލާފުވެވަޑައިގެންފި އެވެ.

ސިޔާސީ މަގާމުތައް އިތުރުނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި، ފެބްރުއަރީ 5، 2024 ގަ އެވެ.

"ސަރުކާރުގެ ރޭވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި އަދި ފިސްކަލް ހާލަތު ގެނައުމަށް، އަޅުގަނޑުމެންގެ އަމިއްލަ އިސްލާހީ ސިޔާސަތެއް އެކަށައަޅައި ހިންގުން. މިއީ ގައުމުގެ އިގުތިސާދީ އަދި މާލީ މުސްތަގުބަލަށް މި ވަގުތު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި ދެކެން،" ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހަމައެހެންމެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، އިސްތިސްނާ ހާލަތްތައް ފިޔަވައި، ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން."

ނަމަވެސް އެ ދުވަހަށް ފަހު ވެސް ސިޔާސީ މަގާމުތަކަށް މީހުން ދަނީ އިތުރު ކުރަމުންނެވެ.

ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ޖުމުލަ އަދަދު ދިނުމަށް ރައީސް އޮފީހުން އަދި ފިނޭންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ މައުލޫމާތު ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުން ވަނީ ބޭރުކޮށްލައިފަ އެވެ.

މި ސަރުކާރުގައި ސިޔާސީ މަގާމުތަކަށް އައްޔަނުކުރާނެ މީހުންގެ ލިމިޓަކީ 700 ކަމަށް ވެރިކަމާ ހަވާލުވުމުގެ ކުރިން ކަނޑައެޅި ނަމަވެސް އެ ލިމިޓު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވިތާ ދެތިން މަސް ދުވަހުގެ ތެރޭގައި ހަމަވެފައިވާކަން އެކި މަސްދަރުތަކުން "އަދަދު" ނޫހަށް ލިބިފައިވާ މައުލޫމާތު އެއްކުރުމަށް ފަހު ހިސާބު ޖެހުމުން ވަނީ ޔަގީންވެފަ އެވެ.

ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ނޮވެންބަރު 17، 2023 ގައި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، އަންދާޒާކުރެއްވި މިންވަރަށްވުރެ ވެސް ފިސްކަލް އަދި ދަރަނީގެ ހާލަތު ގޯސް ކަމަށެވެ.

އެހެންވެ، ހަފުތާ 14 ގެ މަގުޗާޓުގައި، ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ އިއާދަކުރުމުގެ މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްކަން އެނގިވަޑައިގެންނެވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ގިނަ ބަޔަކަށް ސަރުކާރުން އަދި ކުންފުނިތަކުން ވަޒީފާ ދިނެވެ. އަދި ގިނަ ޕްރޮމޯޝަން ވެސް ދިނެމެވެ. މަޖިލީހުގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ހަރަދުކޮށްގެން ގިނަ ދަތުރުތަކެއްކޮށް، ގިނަ ވައުދުތަކެއް ވެސް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ހަރަދު ދެކޮޅު ޖެއްސުމުގެ ވާހަކަ އިތުރުކޮށް، ހަރަދު މެނޭޖުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ބަދަލުގެ ތެރޭގައި 400 ސިޔާސީ މުވައްޒަފުން ވަކިކުރަންޖެހޭކަން އިތުރުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް ބުނެފައިވެ އެވެ.

މާލީ ތާށިކަން ބޮޑުވެ، ހަރަދު ކުޑަކުރަން މަސައްކަތް ކުރާއިރު މިހާރު ވެސް ސިޔާސީ މަގާމުތަކަށް މީހުން ދަނީ އައްޔަން ކުރަމުންނެވެ. މި ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށް އަރާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.