Advertisement

ޝަރުތަކާ ނުލައި ފަސް މިލިއަން ޑޮލަރު ދައްކަން މަޖުބޫރު؛ ބަނދަރު ދޫކުރިޔަސް ނުކުރިޔަސް އޮތީ ގެއްލުން!

23 ޖޫން 2024 - 12:17 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޝަރުތަކާ ނުލައި ފަސް މިލިއަން ޑޮލަރު ދައްކަން މަޖުބޫރު؛ ބަނދަރު ދޫކުރިޔަސް ނުކުރިޔަސް އޮތީ ގެއްލުން!

23 ޖޫން 2024 - 12:17 3

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ފިލިޕީންސްގެ ކުންފުންޏަކަށް 25 އަހަރަށް ދިނުމަށް މަޝްވަރާ ކުރުމުގެ ގޮތުން ސޮއިކުރި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ނުވަތަ ފަހުމުނާމާއަކީ އެ ބަނދަރު ހިންގުން އެ ކުންފުންޏާ ހަވާލުކުރިޔަސް، ނުކުރިޔަސް ދައުލަތަށް ބޮޑު ގެއްލުމެއްވާ ގޮތަށް ސޮއިކުރި ފަހުމުނާމާއެއްކަން ހާމަވެއްޖެ އެވެ.

މާޗު 28, ގައި ފިލިޕީންސްގެ އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލް ސާވިސަސް އިންކް (އައިސޓީއެސްއައި) އާއެކު އެމްޕީއެލްއިން ވަނީ 10 ގަނޑުގެ "ފަހުމުނާމާ" އެއްގައި ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫގެ ކޮޕީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު "އަދަދު" ނޫހުން ހޯދި ހޯދުންތަކުން އެއީ ސޮއިކުރި އެމްއޯޔޫކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.

އެ ކަރުދާހަށް ބަލާއިރު އެއީ ދެ ކުންފުންޏެއްގެ މެދުގައި ވަކި ކަންކަމަކަށް އެއްބަސްވުމަށް ސޮއިކުރި ފަހުމުނާމާއަކަށް ވުރެ ގާނޫނީ ގޮތުން އަމަލުކުރަން ޖެހޭ އެގްރީމެންޓެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ. ޖޫން 28, އަށް އެމްއޯޔޫގެ މުއްދަތު ހަމަވާއިރު ބަނދަރު ދިނުމަށް އަދި ސޮއިކޮށްފައި ނުވެ އެވެ.

އެއްބަސްވުމުގެ ދެވަނަ މާއްދާ. އަދި, ހަތަރު ވަނަ އަކުރުގައި ބޮޅު އަޅާފައި. މިއީ ފައިސާ ދައްކަން މަޖުބޫރު މާއްދާ.


އެގްރީމެންޓް އަދި އެމްއޯޔޫގެ ތަފާތު


- އާންމު ގޮތެއްގައި އެމްއޯޔޫއަކީ ގާނޫނީ ޝަރުތުތަކެއް އެކުނުލެވޭ އެއްބަސްވުމެއް. އެގްރީމެންޓަކީ ގާނޫނީ ގޮތުން އެއަށް އަމަލުކުރަން ޖެހޭ އެއްޗެއް. - އެމްއޯޔޫތަކާ އަޅައިބަލާއިރު އެގްރީމެންޓުތަކަކީ މާ ރަސްމީ އަދި ތަފްސީލު އެކުލެވޭ އެެއްބަސްވުމެއް. - އެމްއޯޔޫތަކަކީ ބަދަލުތައް ގެނެސް އެމެންޑް ކުރުމަށް އެގްރީމެންޓަށް ވުރެ ފަސޭހަ އެއްބަސްވުމެއް. - އެމްއޯޔޫއަކީ މަސައްކަތެއް ފެށުމުގެ ކުރިން ފުރަތަމަ މަރުހަލާތަކަށް ވެވޭ އެއްބަސްވުމެއް. ނަމަވެސް, އެގްރީމެންޓަކީ ދެ ފަރާތުގެ މެދުގައި ޝަރުތުތައް ފައިނަލް ކުރުމަށް ފަހު ސޮއިކުރާ އެއްބަސްވުމެއް.

މި އެއްބަސްވުން ސޮއިކުރީ "އެކްސްކްލޫސިވް ނެގޯޝިއޭޝަން ޓުވާޑްސް ކޮންސްޓްރަކްޝަން, އޮޕަރޭޝަން, މެނޭޖުމަންޓު އެންޑް ފައިނޭންސް އޮފް އަ ސީޕޯޓް އެޓް ދަ އައިލެންޑް އޮފް ތިލަފުށި, ކާފު އެޓޯލް, ރިޕަބްލިކް އޮފް މޯލްޑިވްސް" ގެ ނަމުގަ އެވެ.

ފަސް މިލިއަން ޑޮލަރު ދިނުން ނޫން ގޮތެއް ނެތް

ޖުމުލަ 11 މާއްދާއެއްގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގެ ތިން ތަނެއްގައި އެމްޕީއެލްއިން އެ ކުންފުންޏަށް ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިިލިއަން ރުފިޔާ އެއްވެސް ހެއްކެއް އައިސީޓީއެސްއައިއިން ނުދެއްކި ނަމަވެސް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަން ޖެހޭނެ ކަމަށް ވަނީ ޝަރުތުކޮށްފަ އެވެ.

ދެ ކުންފުނީގެ މެދުގައި ސޮއިކުރި "އެމްއޯޔޫ" ގެ ދެވަނަ މާއްދާގެ ހަތަރުވަނަ އަކުރުގައި އޮތީ އެއްވަސް ސަބަބަކާ ހެދި ބަނދަރު ހަވާލުކުރަން އެމްޕީއެލްއިން އެއްބަސްނުވެއްޖެ ނަމަ ނުވަތަ "އެމްއޯޔޫ" ކެންސަލް ކޮށްފިނަމަ ފަސް މިލިއަން ޑޮލަރު ދަައްކަން ޖެހޭ ކަމަށެވެ.

77 މިލިއަން ރުފިޔާ ދައްކަން މަޖުބޫރު މާއްދާ


ސަބަބެއްގެ ގޮތުގައި އައިސީޓީއެސްއައިއިން ބަޔާންކޮށްފައި އޮތީ އެ ކުންފުނިން ކޮންސަލްޓަންޓުންނާއި, އެޑްވައިޒަރުންނާއި, ހިދުމަތް ދޭ ފަރާތްތަކާއި, ގާނޫނީ ޓީމުތަކުން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން, ގިނަ ވަގުތުތަކާއި ހަކަތައެއް ކަރުދާސްތައް ރިވިއު ކުރުމަށާއި, ޕްރޮޕޯސަލް އާއި ޕްލޭނުތައް އެކުލަވާލުމަށާއި, ބައްދަލުވުންތައް ބާއްވާފައިވާތީ އެމްޕީއެލްއިން ފަސް މިލިއަން ޑޮލަރު ދޭން ޖެހޭ ކަމަށް ލިޔެފައިވެ އެވެ.

ހަމައެކަނި މި މާއްދާއަށް ބެލި ނަމަވެސް މިއީ ކުރީ ބައިގައި ފިލިޕީންސްގެ ކުންފުންޏާއެކު ނުރަސްމީކޮށް އެއްބަސްވުމަކަށް އައިސް އެ ކުންފުންޏަށް މިކަމުގެ މައުލޫމާތު އެނގިގެން ހިމަނާފައިވާ މާއްދާއެއްކަން އެނގެ އެވެ. އެމްޕީއެލް އާއެކު ލިޔުމެއްގައި ސޮއިނުކުރަނީސް ކުރި މަސައްކަތަކަށް އެ ކުންފުންޏަށް ލާރި ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

މި މާއްދާގައި ވެސް މަތީގައި ބަޔާންކޮށްފައިވާ ޑޮލަރު ދައްކަން މަޖުބޫރު މާއްދާ ނުހިމެނޭ


"އެމްއޯޔޫ" ގެ ފަސްވަނަ މާއްދާގައި އޮތީ އެގްރީމެންޓަކަށް ދިޔުމާ ގުޅޭ ކަންކަން ބަޔާންކޮށްފަ އެވެ. އޭގައި އޮތީ ދެ ކުންފުނީގެ މެދުގައި އަދި އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށާއި ޝަރުތުތަކަށް އަމަލުކުރަން ޖެހޭނީ ފައިނަލް އެގްރީމެންޓަށް ދެ ކުންފުނިން ވެސް އަމަލުކުރަން ފެށުމުން ކަމަށެވެ.

ނަމަވެސް, އޭގެ ފަހުން އޮތީ އެއްބަސްވުމުގެ ދެވަނަ މާއްދާގެ ހަތަރުވަނަ އަކުރު އޭގައި ނުހިމެނޭނެ ކަމަށެވެ. މާނައަކީ ފަސް މިލިއަން ޑޮލަރަކީ އެގްރީމެންޓު ނުހަދައިފިނަމަ އެމްޕީއެލްއިން ދައްކަން ޖެހޭނެ އަދަދެކެވެ.

މި މާއްދާގައި ވެސް މަތީގައި ބަޔާންކޮށްފައިވާ ޑޮލަރު ދައްކަން މަޖުބޫރު މާއްދާ ނުހިމެނޭ


"އެމްއޯޔޫގެ ހަވަނަ މާއްދާގައި ބަޔާންކޮށްފައި އޮތީ އައިސީޓީއެސްއައިއިން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ފަހު އެގްރީމެންޓަށް އެޕްރޫވަލް ދިނުމާއި ޕްރޮޖެކްޓުގެ ހުރިހާ ޕްލޭނަކާއި, ހުއްދަތަކާއި އަދި އެހެނިހެން ހުރިހާ ކަމެއްގެ ވެސް ނިންމުމުގެ ހުރިހާ އިހުތިޔާރެއް އޮތީ ބާރު އޮތީ އެމްޕީއެލްއަށް ކަމަށެވެ.

ނަމަވެސް, އެ އެއްބަސްވުމުގެ ދެވަނަ މާއްދާގެ ހަތަރުވަނަ އަކުރު އެބައިން އިސްތިސްނާވާ ކަމަށް ހަވަނަ މާއްދާ ފަށަމުން ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން, ފަސް މިލިއަން ޑޮލަރު ދެއްކުމަކީ އެމްޕީއެލްއަށް މަޖުބޫރު ކަމެކެވެ. އެ ކުންފުނީގެ އިހުތިޔާރުގައި އޮތް ކަމެއް ނޫނެވެ.

ސޮއިކުރި "ފަހުމުނާމާގެ" ހުލާސާ

މި ފަހުމުނާމާގެ ތެރޭގައި ތިލަފުށީ ޕްރޮޖެކްޓާއި, އެތަނާއި އިންވެގެން ފްރީ ޒޯނެއް ހިންގުމާއި އަދި މާލޭ ވިޔަފާރި ބަނދަރު އަލުން ތަރައްގީކުރަން އައިސީޓީއެސްއައިއަށް ދިނުން ހިމެނެ އެވެ. ދެ އަހަރުގެ ތެރޭ ބަނދަރުގެ ފުރަތަމަ ފިޔަވަހި ނިންމާނެ ކަމަށް ބަޔާންކުރާއިރު ބަނދަރު ހިންގަން އެ ކުންފުނިން ދެ މޮޑެލްއެއް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.

ފުރަތަމަ ގޮތަކީ ބަނދަރު ތަރައްގީ ކުރުމަށް ފަހު އެ ތަނުގެ ހުރިހާ ކާގޯ އޮޕަރޭޝަނަކާއި އެ ފެސިލިޓީއެއް އައިސިޓީއެސްއައިއިން ހިންގުމެވެ. އެ މޮޑެލްގައި އެމްޕީއެލްގެ ހުރިހާ އެސެޓެއް ހުންނާނީ އެ ކުންފުނީގެ ނަމުގަ އެވެ. ސަރުކާރަށް ފީއެއް އަދާކުރާ ގޮތަށް އޮތް ނަމަވެސް އެއީ ކިހާ ބޮޑު ފީއެއް ކަމެއް ނޭނގެ އެވެ.

ދެވަނަ މޮޑެލްއަކީ ޖޮއިންޓް ވެންޗާ އުސޫލުން ބަނދަރު ހިންގުމެވެ. އެ ކަމަށް އެކުލަވާލާ ކުންފުނީގެ 45 ޕަސެންޓު ފިލިޕީންސްގެ އައިސީޓީއެސްއައި އަށް އޮންނަ އިރު 55 ޕަސެންޓު އޮންނާނީ އެމްޕީއެލްއަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މި ތަންތަނާއި އެ ކުންފުނިން ހަވާލުވަނީ 25 އަހަރަށް ކަމަށްވާއިރު އެ މުއްދަތު ހަމަވުމުން އަނެއްކާ ވެސް 25 އަހަރު އިތުރުކުރަން ފުރުސަތު އޮވެ އެވެ. އެހެންކަމުން, އެގްރީމެންޓަކަށް ގޮސްފިނަމަ ރާއްޖޭގެ ވިޔަފާރި ބަނދަރު ބައި ގަރުނު ވަންދެން ހިންގާނީ ފިލިޕީންސްގެ ކުންފުންޏަކުންނެވެ.

ތިލަފުށީ ބަނދަރުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު 300,000 ކޮންޓެއިނަރުގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި މާލޭ ބަނދަރު އަލުން ތަރައްގީ ކުރާނީ ކޮމާޝަލް ބަނދަރަކާ އެކު ޔޮޓް މެރީނާއެއް ހިމެނޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.

ތިލަފުށީ ބަނދަރާ އިންވެގެން ތަރައްގީކުރާ ފްރީޒޯނަށް އިންވެސްޓު ކުރާނީ އައިސީޓީއެސްއައިއިން ކަމަށާއި އެ ތަނުގައި އިންޓެގްރޭޓެޑް މެރިޓައިމް އަދި ލޮޖިސްޓިކްސް ހަބެއް ގާއިމުކުރާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. މިއީ ރާއްޖޭގެ އެކްސްޕޯޓު އިތުރުކޮށް ސަޕްލައި ޗެއިން ރަނގަޅުކުރެވޭނެ ޕްރޮޖެކްޓެއް ކަމަށް އައިސީޓީއެސްއައިއިން ދެކެ އެވެ.

މި ފަހުމުނާމާގެ ދަށުން އެގްރީމެންޓަކަށް ގޮސްފިނަމަ ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގެ ހުރިހާ ފީއެއް ކަނޑައަޅާނީ ފިލިޕީންސްގެ އައިސީޓީއެސްއައި އިންނެވެ. އެމްޕީއެލްއަށް ލިބޭނެ ކަމަށް އޮތީ ޓޯ ކުރުމުގެ ފީތަކާއި, ޕައިލެޓު ފީތަކާއި, ޑްރެޖިން އައި މެއިންޓެނަންސް ފީތަކެވެ. ބަނދަރުގެ މައި އާމްދަނީއަކީ ކޮންޓެއިނަރު ފީތައް ކަމަށްވާއިރު އެ ފީތައް ދެން ދާނީ ފިލިޕީންސްއަށެވެ.

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތިލަފުށީ ބަނދަރަަށް ބަދަލުވުމަށް "ފުރުސަތު" އޮންނާނެ ކަމަށް ވެސް ލިޔެފައިވެ އެވެ. އެކަމުގެ ތަފްސީލުތައް ފަހުގެ އެއްބަސްވުންތަކުގައި ހިމަނަން ދެ ކުންފުނިން އޮތީ ސޮއިކޮށްފަ އެވެ.