31 ޑިސެންބަރު 2023 - 11:50 0
އަތޫފް އާތިފް
އައިއޯއައިޖީގެ ކާމިޔާބީ ފާހަގަކުރަން ބޭއްވުނު އިވެންޓް.--- ފޮޓޯ: އަދަދު
31 ޑިސެންބަރު 2023 - 11:50 0
ދިވެހި އެތުލީޓުން މި އަހަރު ފެށީ މިއީ ހާއްސަ އަހަރެއްކަން ދެކިގެންނެވެ. ހާއްސަކޮށް މި އަހަރަކީ މިދިޔަ ހަތަރު އަހަރު އެ އެތުލީޓުން ކުރި ތަމްރީނުތަކުގެ ނަތީޖާ ނުވަތަ އެ ތަމްރީނުތަކުން އެތުލީޓުން ކުރިއެރި ވަރު ދިވެހިން ވަޒަން ކުރާނެ އަހަރަކަށް ވުމުންނެވެ. އެއީ، ދިވެހި އެތުލީޓުން އެންމެ ތައްޔާރުވާ މުބާރާތް ނުވަތަ ގޭމްސްގެ ބޮޑު އަހަރަށް މި އަހަރު ވުމުންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަކީ އެތައް ގޮތަކުން އެތުލީޓުންނަށް ހާއްސަ ގޭމްސް އެެކެވެ.
އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީ އަކީ ދިވެހި އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދި މުބާރާތެކެވެ. ފަނަރަ މެޑައްޔާ އެކު އެ މުބާރާތް ނިންމާލީ ދިވެހިންނަށް ކުޅިވަރުން އުންމީދު ގެނުވަދީފަ އެވެ. އެހެންވެ، މި އަހަރުގެ މުބާރާތްވީ އެ މުބާރާތް ފެށުނުއިރު ވެސް އެތުލީޓުންނަށް އޮތް ޕްރެޝަރަކަށެވެ.
މި އަހަރުގެ މުބާރާތައް ރާއްޖޭގެ ކޮންޓިންޖެންޓް މަޑަގަސްކަރަ އަށް ދިޔައީ 23 އޯގަސްޓްގަ އެވެ. ރާއްޖޭގެ ކޮންޓިޖެންޓުގައި 300 އެއްހާ މީހުން ހިމެނޭއިރު, އޭގެ ތެރޭގައި ހިމެނެނީ 172 އެތުލީޓުންނާއި އޮފިޝަލުންގެ އިތުރުން މީޑިއާ ޓީމެވެ. މިއީ، މިހާ ބޮޑު ކޮންޓިންޖެންޓެއް ގޭމްސްއަކަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ. އަދި މިފަހަރުގެ ގޭމްސްގެ ގިނަ އިވެންޓުތަކެއް ރާއްޖޭގެ މީޑިއާ ޓީމުން ވަނީ ލައިވްކޮށް ގެނެސްދީފަ އެވެ. މިއީ ގޭމްސްއެއްގެ ތެރެއިން ލައިވްކޮށް ރާއްޖޭގެ ރައްޔިތުންނަށް މެޗުތައް ގެނަސްދިން ފުރަތަމަ ފަހަރު ވެސް މެއެވެ.
ގައުމީ އަންހެން ޓީޓީ ޓީމުގެ ތަރި ދީމާ: އައިއޯއައިޖީގެ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ވަނީ ދިފާއުކޮށްފައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އެންމެ ފަހުން މޮރީޝިއަސް ގައި 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީ ގައި ވެސް އެންމެ ކާމިޔާބު ކުޅިވަރަކީ ޓޭބަލް ޓެނިސް އެވެ. އެ ފަހަރު ޓީޓީ އަންހެން ޓީމުން ވަނީ ހަތަރު ރަން މެޑަލް ހޯދާފަ އެވެ. މި އަހަރު މަޑަގަސްކަރާގައި ބޭއްވި މުބާރާތުުގައި ޓީޓީ ޓީމުން ވަނީ އެ ކާމިޔާބީ ތަކުރާރުކޮށްފަ އެވެ. އެގޮތުން ޓީޓީ އަންހެން ސިންގަލްސް ރަން އަދި ރިހި މެޑަލް ހޯދީ ދިވެހި އެތުލީޓުންނެވެ. މީގެ އިތުރުން އަންހެން ޑަބަލްސް, އަދި މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ދިވެހި އެތުލީޓުން ހޯދި އެވެ.
މޮރީޝިއަސްގައި ބޭއްވި މުބާރާތުން ޓީޓީ ޓީމަށް ގެއްލުނީ ހަމައެކަނި ފިރިހެން އިވެންޓުތަކުގެ މެޑަލް އެވެ. އެކަމަކު، މި ފަހަރު މަޑަގަސްކަރާގައި ބޭއްވި މުބާރާތުގައި ފިރިހެން ޓީމުން ވަނީ އެކަން ބަދަލުކޮށް ފުރަތަމަ ފަހަރަށް މެޑަލް ހޯދާފަ އެވެ. އެގޮތުން ފިރިހެން ސިންގަލްސްގެ ރިހި މެޑަލް ކާމިޔާބުކުރީ ޝައްފާން އެވެ.
ޓީޓީ ޓީމުން ޖުމްލަ ނުވަ މެޑަލް މި އަހަރުގެ ގޭމްސްގައި ހޯދާފައިވެ އެވެ.
ޓައިކްވޮންޑޯ އަކީ މުޅިން އަލަށް މި އަހަރުގެ ގޭމްސްގައި ބައިވެރި ޓީމެކެވެ. މުބާރާތައް ފުރުމުގެ ކުރިންވެސް ޓައިކްވޮންޑޯ ޓީމުގެ ކޯޗު ފާހަގަކުރި އެއް ކަމަކީ އެ ކުޅިވަރާ މެދު އާންމުން ދެކޭ ގޮތް ބަދަލުކޮށްލާނެ ކަމެވެ. އަދި އެ ކުޅިވަރަކީ މިއަހަރުގެ މެޑަލް ލިސްޓުން ޖާގަ ހޯދާނެ ކުޅިވަރެއްކަން ޓައިކްވޮންޑޯ ޓީމުގެ ކޯޗު ފާހަގަކުރި އެވެ. ކަންވީ ވެސް އެހެންނެވެ. ޓައިކްވޮންޑޯ ޓީމުން މި ފަހަރުގެ ގޭމްސް ނިންމާލީ ހަތަރު މެޑަލްއާ އެކުގަ އެވެ. އެއީ ދެ ރިހި މެޑަލް އަދި ދެ ލޯ މެޑަލް އެވެ.
ބެޑްމިންޓަން ޓީމުން ވެސް މި އަހަރުގެ ގޭމްސް އަށް ނުކުތީ މެޑަލްތަކެއް ހޯދުމުގެ އަޒުމުގަ އެވެ. އެ އަޒުމުގަ ނުކުމެ ބެޑްމިންޓަން ޓީމުން ނުކުމެ, ހަތް މެޑަލް ހޯދި އެވެ. އެއީ ސިންގަލްސް އިވެންޓުން ފާތިމަތު ނަބާހާ (ނަބާ) ހޯދި ރިހި މެޑަލްއާ އަންހެން ޑަބަލްސް އިވެންޓުން ނަބާ އަދި އާމިނަތު ނަބީހާ (ނަބީ) ހޯދި ރަން މެޑަލްގެ އިތުރުން އަންހެން ޓީމް އިވެންޓާއި ފިރިހެން ޓީމު އިވެންޓުންނެވެ.
މީގެ އިތުރުން އިންޑިވިޖުއަލް އިވެންޓުތަކުން ރާއްޖޭގެ އެތުލީޓުން ވަނީ ލޯ މެޑަލް ހޯދާފަ އެވެ.
މި އަހަރުގެ ގޭމްސްއަށް އެތުލެޓިކްސް ޓީމުން ނުކުތްއިރު, އެ ޓީމުން ގިނަ މެޑަލްތަކެއް ހޯދާނެ ކަމަށް ދިވެހިން އުންމީދުކުރި އެވެ.
އައިއޯއައިޖީގައި ވާދަކުރި ގައުމީ އަންހެން ރިލޭ ޓީމު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އެހެން ނަމަވެސް އުންމީދުކުރި ވަރަށް އެތުލެޓިކްސް ޓީމަށް މެޑަލް ނުހޯދުނެވެ. އެކަމަކު، މުޅިން އަލަށް ބައެއް އިވެންޓުތަކުން އެތުލެޓިކްސް ޓީމުން މެޑަލް ހޯދި އެވެ. އެއީ އަންހެން ހަތަރެއް ގުނަ 100 މީޓަރުން ލޯ މެޑަލްއާ, އަންހެން ހަތަރެއް ގުނަ 400 މީޓަރުން ހޯދި ލޯ މެޑަލް އެވެ. މީގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރުގެ މިކްސް ރިލޭ އިވެންޓުން ރާއްޖޭގެ ރިލޭ ޓީމު ވަނީ ލޯ މެޑަލް ހޯދައިފަ އެެވެ. ދެން ރާއްޖެ އަށް މެޑަލް ހޯދަ ދިނީ ޕެރަ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުން އަބްދުއްރައްޒާގު އަބްދުއްސަމަދު އާއި ފާތިމަތު އިބްރާހިމް އެވެ.
މި ފަހަރުގެ ގޭމްސް އަކީ ބާސްކެޓް އާއިލާއަށް އުންމީދު ގެނުވި ގޭމްސް އެކެވެ. ހާއްސަކޮށް ބާސްކެޓްގެ ތުރީ އޮން ތުރީ ޓީމުތަކުން ހޯދީ ފަހުރުވެރި ކާމިޔާބީ އެކެވެ. މި ގޭމްސްގެ ތުރީ އޮން ތުރީ އިވެންޓުގައި ބައިވެރިވި އެންމެ ޒުވާން ޓީމަކީ ރާއްޖޭގެ އަންހެން ތުރީ އޮން ތުރީ ޓީމެވެ. ޓީމުގެ ހަތަރު ކުޅުންތެރިންނަކީ ވެސް 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ގޭމްސްގައި ދެން ބައިވެރިވި ގައުމުތައް ސިއްސުވާލުމަށްފަހު އަންހެން ތުރީ އޮން ތުރީ ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
އައިއޯއައިޖީގައި ތުރީ އޮން ތުރީ ފިރިހެން ޓީމުން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.
ބާސްކެޓްގެ ފައިވް އޮން ފައިވް އަންހެން ޓީމުން މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ކުޅުނު ނަމަވެސް އެ ޓީމަށް މެޑަލް އެއްގައި އަތް ލުމުގެ ނަސީބު ވަނީ ނުލިބި އެވެ.
އައިއޯއައިޖީގައި ގައުމީ ފިިރިހެން ވޮލީ ޓީމުން މަޑަގަސްކަރާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މުބާރާތައް އެންމެ ދުރާލާ ތައްޔާރުވި އެއް ޓީމަކީ ގައުމީ ވޮލީ ޓީމެވެ. އެހެންނަމަވެސް ވޮލީގެ އަންހެން އަދި ފިރިހެން ޓީމަށްވެސް މި ފަހަރުގެ މުބާރާތް ނިންމާލަން ޖެހުނީ މެޗަކުން މޮޅުނުވެއެވެ. މިއީ ވޮލީ އާއިލާއަށް ލިބުނު ފަޅު ކަމެކެވެ.
ހޭންޑް ބޯލް ޓީމަށް މި ފަހަރުގެ ގޭމްސްގައި މެޑަލްއެއް ނުހޯދުނު ނަމަވެސް ހޭންޑްބޯލް ޓީމުތަކުން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. އަދި ހޭންޑް ބޯލްގެ ކުރިމަގު އުޖާލާކަން ވަނީ އެ ޓީމުން ސާބިތުކޮށްދީފަ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ގޭމްސްގައި ވެސް ރާއްޖޭގެ އެތުލީޓުން ވަނީ ގިނަ ގައުމީ ރެކޯޑުތަކެއް އައު ކުރި އެވެ.
މި އަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ އެތުލީޓުން ޖުމްލަ 28 މެޑަލް ހޯދި އެވެ. އެއީ ފަސް ރަން މެޑަލްއާ, ނުވަ ރިހި މެޑަލްގެ އިތުރުން 14 ލޯ މެޑަލް އެވެ. މިއީ އެންމެ ފަހުން މޮރީޝިއަސްގައި ބޭއްވި މުބާރާތާ އަޅާބަލާއިރު, އެއް ގުނަ އިތުރު އަދަދެކެވެ. އަދި މިއީ މިހާތަނަށް ގޭމްސްއަކުން ދިވެހި އެތުލީޓުން ހޯދި އެންމެ ގިނަ މެޑަލް ހޯދި ގޭމްސްވެސް މެއެވެ.
ސްވިމިން އިން އަހަރު ނިންމާލީ ސްރީ ލަންކާގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ މުބާރާތުގައި ވާދަކޮށް 15 މެޑަލެއް ހޯދައިގެންނެވެ. އޭގެ ތެރެއިން އެންމެ ހާއްސަވަނީ ރާއްޖޭގެ އަރަމުން އަންނަ ފެތުންތެރިޔާ، މެރާލް އައިން ލަޠީފު، 100 މީޓަރު ބަޓަފްލައި އިވެންޓުން ހޯދި ރަން މެޑަލް އެވެ.
Comment