Advertisement

ކްރިކެޓް ގައުމީ ޓީމުގެ އިވެންޓް ޝަރަފްވެރިކޮށްދިނީ އައިއޯއައިޖީގެ ކާމިޔާބު އެތުލީޓުން

15 ސެޕްޓެންބަރު 2023 - 16:31 0

ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ތަރި، ރަފާ (ކ) ރޭ ބޭއްވި އިވެންޓްގެ ތެރެއިން ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން، އާދަމް ނާސިފް (ވ) އާ ޖޯޒީ ހަވާލުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކްރިކެޓް ގައުމީ ޓީމުގެ އިވެންޓް ޝަރަފްވެރިކޮށްދިނީ އައިއޯއައިޖީގެ ކާމިޔާބު އެތުލީޓުން

15 ސެޕްޓެންބަރު 2023 - 16:31 0

ކުރިއަށް އޮތް ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމުތަކަށް ހާއްސަކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ރޭ ބޭއްވި އިވެންޓް ޝަރަފްވެރިކޮށްދިނުމުގެ ގޮތުން، ދާދި ފަހުން މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ކާމިޔާބު ހޯދި ތިން އެތުލީޓަކު ބައިވެރިވެއްޖެ އެވެ.

އައިއޯއައިޖީގައި މި ފަހަރު ރާއްޖޭން 28 މެޑަލް ހޯދިއިރު، މިއީ މިހާތަނަށް ބައިނަލްއަގުވާމީ ގޭމްސްއެއްގައި ރާއްޖޭގެ އެންމެ ރަނގަޅު ކާމިޔާބީ އެވެ. މި ރަން ކާމިޔާބީ ގިނަ ކުންފުނިތަކަކާއި އެސޯސިއޭޝަންތަކުން ވެސް އަންނަނީ ފާހަގަކުރަމުންނެވެ.

ކްރިކެޓް ޓީމުގެ ކުޅުންތެރިއަކާ ޕެރަ އެތުލީޓު ރައްޒާގު (ކ) ޖޯޒީ ހަވާލުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޝީ ބިލްޑިންގައި ރޭ ބޭއްވި އިވެންޓްގައި ބައިވެރިވީ އައިއޯއައިޖީން ގިނަ މެޑަލްތަކެއް ހޯދި ޓޭބަލް ޓެނިސް ކުޅުންތެރިޔާ، އައިޝަތު ރަފާ އާއި ބެޑްމިންޓަނުން މެޑަލްތަކެއް ހާސިލްކުރި ފާތިމަތު ނަބާހާ އަދި ޕެރަ އެތުލެޓިކްސް އިވެންޓުން މެޑަލް ގެނެސްދިން ބްދުލްރައްޒާގު އަބްދުއްސަމަދު އެވެ.

މިއީ އައިއޯއައިޖީގެ ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުންނާއި ކުރިއަށް އޮތް މުބާރާތްތަކަށް ކްރިކެޓް ޓީމު ގައުމީ ޖޯޝުގައި ތައްޔާރުވުމަށް ބާރު އެޅުމުގެ ގޮތުން، ކްރިކެޓް ބޯޑުން ކުރިއަށްގެންދިޔަ އިވެންޓް އެކެވެ.

ރޭގެ އިވެންޓްގައި ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލްގެ އިތުރުން އެ އެސޯސިއޭޝަނުގެ އިސް ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ.

19 އަހަރުން ދަށުގެ ކްރިކެޓް ޓީމާ އެކު، ކްރިކެޓް ބޯޑުގެ އިސްވެރިންނާއި ނަބާ ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކްރިކެޓް ގައުމީ ޓީމަށް ކުރިއަށް އޮތް ދެ މުބާރާތަކީ މި މަހު ޗައިނާގެ ހަންގްޒޫގައި ފަށަން ނިންމާފައިވާ އޭޝިއަން ގޭމްސް އާއި މެލޭޝިއާގައި އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ އޭސީސީ ޗެލެންޖް ކަޕް އެވެ. އޭޝިއަން ގޭމްސްގެ ކްރިކެޓް އިވެންޓް، މި މަހު 26 ގައި ފެށުމަށް ފަހު ނިމޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ. މެލޭޝިއާގައި ބާއްވާ އޭސީސީ ޗެލެންޖް މުބާރާތަށް 19 އަހަރުން ދަށުގެ ޓީމު ދާއިރު، އެ މުބާރާތް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 10-21 އަށެވެ.

އޭޝިއަން ގޭމްސް އާއި އޭސީސީ މުބާރާތަށް ކްރިކެޓް ޓީމުގެ ތައްޔާރީތައް ގެންގޮސްފައިވަނީ ލިބިފައިވާ ވަސީލަތްތަކުގެ އެހީގައި ރަނގަޅަށެވެ. އެ ގޮތުން، ޓީމުގެ ޓްރެއިނިން ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖޫން މަހު ގައުމީ ކްރިކެޓް ޓީމަށް ހަމަޖެއްސި ސްރީ ލަންކާގެ ކޯޗު، ޕަސިންދު ލިޔަނާރަޗީގެ ބެލުމުގެ ދަށުންނެވެ.

"އަދަދު" އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޕަސިންދު ބުނީ ރާއްޖޭގައި ހުނަރުވެރި ތަފާތު މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި، ނަމަވެސް ބައިނަލްއަގްވާމީ ލެވެލްގައި ކުރިއެރުން ހޯދަން ބަލާއިރު ކުޅުންތެރިންގެ ފިޒިކަލް ކަންޑިޝަން ރަނގަޅުކުރަން ޖެހޭކަމަށެވެ. އަދި ރާއްޖޭގެ ކްރިކެޓް ކުރިއަށް ގެންދަން ކުރަން ޖެހޭ ކަންކަން ދަސްކުރަމުން އެ އަށް އަމަލީ ސިފަތަކެއް ގެނެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ޕަސިންދު ވަނީ ބުނެފަ އެވެ..