Advertisement

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުން އައިއޯއައިޖީގައި ހޯދި ކާމިޔާބީ ފާހަގަކޮށްފި

6 ސެޕްޓެންބަރު 2023 - 14:30 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އައިއޯއައިޖީގައި ބައިވެރިވި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުން. މި އެތްލީޓުންނަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތެއް ބީއެމްއެލްއިން ވަނީ ކުރިއަށްގެންގޮސްފަ---ފޮޓޯ: ބީއެމްއެލް


ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ އެތުލީޓުން އައިއޯއައިޖީގައި ހޯދި ކާމިޔާބީ ފާހަގަކޮށްފި

6 ސެޕްޓެންބަރު 2023 - 14:30 0

ބޭންކް އޮފް މޯލްޑިވްސް ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި މަރުހަބާ ކިޔުމަށް މިއަދު ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުން ދޭ ސްކޮލާޝިޕެކެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދެ އެވެ.

މިދިޔަ އޯގަސްޓް 25، އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރާގައި ބޭއްވި އައިއޯއައިޖީގައި ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕަަށް ހޮވުނު އެތުލީޓުންގެ ތެރެއިން ހަ އެތުލީޓަކު ވަނީ ރާއްޖެ ތަމްސީލްކޮށްފަ އެވެ.

އައިއޯއައިޖީ ގައި މި އެތްލީޓުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ކާލް ސްޓުމްކަ ވިދާޅުވީ އެތްލީޓުން ހޯދި ފަހުރުވެރި ކާމިޔާބީއަށް މަރުހަބާ ދަންނަވާފަ އެވެ.

ކާލް ވިދާޅުވީ މިއީ އެތްލީޓުންނަށާއި ރާއްޖެއަށް ވެސް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި ސްޕޯޓްސް ސްކޮލާޝިޕް އެހީގައި އެތްލީޓުން ހޯދި މި ކާމިޔާބުގެ ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން:

  • މޫސާ މުންސިފް އަހްމަދު (ޓޭބަލް ޓެނިސް) މިކްސް ޑަބަލްސް ރަން މެޑަލް، މެންސް ޑަބަލްސް ރިހި މެޑަލް އަދި މެންސް ޓީމް އިވެންޓުން ރިހި މެޑަލް
  • ފާތިމަތު ޖުމާނާ ނިމާލް (ޓޭބަލް ޓެނިސް) ވިމެންސް ޓީމް އިވެންޓުން ރަން މެޑަލް
  • މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް) ވިމެންސް 100x4 ރިލޭ އިން ލޯ މެޑަލް
  • ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން) ވިމެންސް ޓީމް އިވެންޓުން ރިހި މެޑަލް

އައިއޯއައިޖީގައި ނުވަ ކުޅިވަރަކުން ރާއްޖެ ވާދަކުރިއިރު، ޖުމްލަ 28 މެޑަލް ވަނީ ހޯދާފައިވެ އެވެ. މިއީ މިހާތަނަށް މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ރާއްޖޭން އެންމެ ގިނަ މެޑަލް ހޯދި ފަހަރެވެ.