Advertisement

ޖޫނިއާ އެތުލީޓުންނާ މެދު ސާއިދުގެ ބޮޑު އުންމީދެއް

10 ސެޕްޓެންބަރު 2023 - 11:13 1

އަންޓަނަނަރީވޯ، މަޑަގަސްކަރާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މަޑަގަސްކަރާގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިވެންޓެއްގެ ތެރެއިން ސާއިދު.--- ފޮޓޯ: ސުއާދު އަބްދުލް ސައްތާރު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ޖޫނިއާ އެތުލީޓުންނާ މެދު ސާއިދުގެ ބޮޑު އުންމީދެއް

10 ސެޕްޓެންބަރު 2023 - 11:13 1

އަންޓަނަނަރީވޯ، މަޑަގަސްކަރާ

މި ވަގުތު ރާއްޖޭގައި އަރަމުން އަންނަ ޖޫނިއާ އެތުލީޓުންނަކީ ބޮޑު މުސްތަގުބަލެއް އޮތް އެތުލީޓުންތަކެއް ކަމަށާއި ދެން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި އެ އެތުލީޓުންގެ ތަފާތު ފެނިގެންދާނެ ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ބުނެފި އެވެ.

ރާއްޖެ އަށް އެންމެ ފުރަަތަމަ އައިއޯއައިޖީ އަކުން ރަން މެޑަލެއް ގެނެސްދިން އެތުލީޓު، ސާއިދު ވަނީ ދާދިފަހުން މަޑަގަސްކަރާގައި ނިމިގެންދިޔަ އައިއޯއައިޖީގެ 11 ވަނަ މުބާރާތުގެ 4 ގުނަ 400 މީޓަރު ދުވުމުގެ މިކްސް ޓީމް ރިލޭ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދޭން އެހީތެރިވެެދީފަ އެވެ.

ބައިނަލްއަގުވާމީ މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި އެތުލެޓިކްސް އިން މެޑަލް ހޯދި ފުރަތަމަ މިކްސް ރިލޭ ޓީމުގައި ހިމެނެނީ، ސާއިދުގެ އިތުރުން ހުސައިން ރިޒާ (ކުޑަ ރިޒާ)، ޒިވާ މޫސާ ޝަފީއު އަދި އައިޝަތު ހިމްނާ ހަސަން އެވެ.

އަައިއޯއައިޖީގެ ކަވަރޭޖްގައި ބައިވެރިވި ރާއްޖޭގެ މީޑިއާ ޓީމަށް ދިން އިންޓަވިއުއެއްގައި ސާއިދު ބުނީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ރާއްޖޭގެ ޖޫނިއާ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭ މިހާރު މި ތިބި ޖޫނިއާ އެތުލީޓުން ފެނިގެންދާނެ ހަމަ، ވަރަށް ތަފާތު އެތުލީޓުންގެ ގޮތުގައި މިހާރު މި ތިބި ޖޫނިއާ އެތުލީޓުން ފެނިގެންދާނެ. މި ސަރަހައްދުގެ އެތުލީޓުން ބިރު ގަންނަ ވަރުގެ އެތުލީޓުންނަށް އަޅުގަނޑުމެންގެ ޖޫނިއާ އެތުލީޓުން ވެގެންދާނެ ހަމަ. (ހާއްސަކޮޮށް) ދެން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި،" ސާއިދު ބުންޏެވެ.

އައިއޯއައިޖީ ދެން އޮންނާނީ 2027 ވަނަ އަހަރު، ކޮމޮރޯސްގަ އެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ސާއިދުގެ ރަސްމީ ދެ އިވެންޓް ކަމަށްވާ، 100 އާއި 200 މީޓަރު ދުވުމުގައި އެންމެ ބޭނުންވި ގޮތަށް ނުދިޔަ އެވެ.

ސާއިދު ބުނީ އައިއޯއައިޖީގައި ވާދަކުރާ އެހެން ގައުމުތަކުގެ އެތުލީޓުން ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށެވެ.

"ޓައިމިން ތަކަށް ބަލާނަމަ ވަރަށް ބާރު ދުވުންތެރިން މި އުޅެނީ ކުރިއާ ބަލާފައި، މި ސަރަހަައްދުގައި ވަރަށް ވަރުގަދަ، ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފައިވާ އެތުލީޓުން އެބައުޅޭ. މި ސަރަހައްދުގެ އެތުލީޓުންގެ ޓްރެއިނިން ވެސް ވަރަށް ތަފާތު،" ސާއިދު ބުންޏެވެ.

"ބައެއް އެތުލީޓުން ފްރާންސްގައި ދެން އެފްރިކާގައި، ފްރާންސަށް ނިސްބަތްވާ އެތުލީޓުން ވެސް އެބަ ދުވޭ އެފްރިކާ އަށް ނިސްބަތްވާ އެތުލީޓުން ވެސް އެބަ ދުވޭ، އެހެންވީމަ އަޅުގަނޑުމެން މިއީ ވަރަށް އުނދަގޫ ކަމަކަށް މި ވަނީ،"

މި ފަހަރުގެ އައިއޯއައިޖީ އަށް ފަހު ރާއްޖޭގެ އެތުލެޓިކްސް ޓީމަށް ދެން އޮތީ މި މަހު ޗައިނާގައި ފަށާ އޭޝިއަން ގޭމްސް އެވެ.