Advertisement

އަދަދު އިންވެސްޓިގޭޝަން: ބިދޭސީ އަންހެނަކަށް ކުރި ތުހުމަތާއި ޒާތީ މަސްލަހަތަށް ދައުލަތުގެ ނުފޫޒުން އޭނާ ޑިޕޯޓުކުރި ގޮތް

26 ސެޕްޓެންބަރު 2023 - 13:09 46


އަދަދު އިންވެސްޓިގޭޝަން: ބިދޭސީ އަންހެނަކަށް ކުރި ތުހުމަތާއި ޒާތީ މަސްލަހަތަށް ދައުލަތުގެ ނުފޫޒުން އޭނާ ޑިޕޯޓުކުރި ގޮތް

26 ސެޕްޓެންބަރު 2023 - 13:09 46

އެއީ މީގެ އަށް އަހަރު ކުރީގެ ފެބްރުއަރީ މަހެވެ. އަވަށްޓެރި ސިލޯނަށް އުފަން، ޖީ ސްކީލާން ހުސެއިން ރާއްޖެއަށް އެނބުރި އައީ 12 އަހަރު ކައިވެނި ކޮށްގެން އެކުގައި އުޅުނު ފިރިމީހާގެ ކުއްލި ވަކިވުމަށްފަހު ކުރިމަތިވި ހިތާމައިން އަރައިގަތުމަށް ރައްޓެހި ރަހުމަތްތެރިންނާއި ފިރިމީހާގެ އާއިލާގެ ފަރާތުން ހިތްވަރު ލިބޭނޭ ކަމުގެ އުއްމީދުގަ އެވެ.

ނަމަވެސް, ދިވެހިރާއްޖޭގެ މައި ދޮރާށިން ސްކީލާނަށް މަރުހަބާ ކީ ރާއްޖެއަށް ނުވަދެވޭނެ ކަމަށް ކަނޑައަޅައިފައިވާ ލިޔުންތަކާ އެކު އިމިގުރޭޝަނުގެ އޮފިސަރުންނެވެ. ރާއްޖެއަށް އެތެރެ ނުވެވޭ ސަބަބަކީ ކޮބައިތޯ ތަކުރާރުކޮށް ސްކީލާން ސުވާލު ކުރުމުން ވެސް އިމިގުރޭޝަނުން އޭނާއަކަށް ޖަވާބެއް ނުދިނެވެ.

މިއީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، މ. ދިމްޔާތު، ހުސެއިން އަބްދުއްރަހުމާން ނިޔާވިއިރު އަތްނބެއްގެ ގޮތުގައި ހުރި ސްކީލާނުގެ ވާހަކަ އެވެ. ލޯބިވާ ފިރިމީހާގެ ކުއްލި ވަކިވުމަށްފަހު އޭނާއާ މެދު ޝެއިޚްގެ ހުރި ހަމައެކަނި ދަރިފުޅު، ޑރ. މުހައްމަދު މުއިއްޒު ކަންކުރި އިހާނެތި ގޮތްކަމަށް ސްކީލާން ކުރާ ތުހުމަތުތަކުގެ ވާހަކަ އެވެ. އެ ތުހުމަތުތަކުގެ މައްޗަށް "އަދަދު" ނޫހުން ކުރި ތަހުގީގުން ފެންނާން ހުރި ލިޔުންތަކާއި ހެކީގެ ވާހަކަތެކެވެ.

ޕީއެންސީގެ މިހާރުގެ ކެންޑިޑޭޓު، ޑރ، މުހައްމަދު މުއިއްޒުގެ ބައްޕާފުޅާ އުމުރުން 65 އަހަރުގެ ސްކީލާން ކައިވެނި ކުރީ ޖޫން 15، 2003 ގަ އެވެ. ކައިވެންޏަށްފަހު ސްކީލާން އާއި ޝެއިޚް ހުސެއިން ދިރިއުޅެމުން ގެންދިޔައީ މ. ދިމްޔާތުގަ އެވެ. އެއީ އުފާވެރި ކައިވެންޏެކެވެ. ރާއްޖޭގައި ސްކީލާން ދިރިއުޅެމުން ދިޔައީ ވެސް އެހާމެ ހިތްހަމަޖެހިގެންނެވެ.

ސްކީލާން މިހާރު ދިރިއުޅެމުންދާ ގެ. އޭނާއަށް ރާއްޖެ ޒިޔާރަތްކުރެވޭނެ ގޮތެއް ނެތް --- ފޮޓޯ: އަދަދު


"އަހަރުމެން (މުއިއްޒު ބައްޕަ އަދި އަންހެނުން) އޭރު ދިރިއުޅުނީ ދިމްޔާތުގައި، ދިމްޔާތު ގެސްޓްހައުސް އެހެރީނު ހަމަ އެ ތަނުގައި އަހަރުމެން ދިރިއުޅުނީ، މުއިއްޒު ބައެއް ފަހަރު އުޅޭނެ އެ ގޭގަ، ދެން ބައްޕަ އެހެން ގެއަކަށް ބަދަލުވާން ބުނީމަ ދާނެ އެހެން ގެއަކަށް، އަހަރެންގެ ފިރިމީހާ އަހަންނަށް ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދެމުން ދިޔައީ، ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނެ" ސްކީލާން ކިޔައިދިނެވެ.

އޭނާ ބުނީ ލިބެމުންދިޔަ ހުރިހާ އުފަލަކާއެކު ވެސް ހަމައެކަނި ފުރިހަމަ ނުވެ އޮތް ކަމަކީ އެ ކައިވެންޏަށް 13 އަހަރުވީއިރު ވެސް އަމިއްލަ ބަނޑުން ދަރިއަކު އުފަންކުރުމުގެ ނަސީބު ނުލިބުން ކަމަށެވެ. ނަމަވެސް, އެއީ އޮތް ހިތާމައެއް ކަމުގައި އެނާ ނުދެކެ އެވެ. އުފަން ދަރިއެއްގެ ގޮތުގައި ސްކީލާން ދުށީ ކުރީގެ ކައިވެނިން ޝެއިޚް ހުސެއިންއަށް ލިބިފައި ހުރި ދަރިފުޅު، މުއިއްޒު އެވެ. އެ ދަރިފުޅަކީ ސްކީލާނުގެ އުފާވެރި ދިރިއުޅުމަށް ހިޔަނި އަޅާނޭ މީހާ ކަމެއް އޭރު ސްކީލާނަކަށް ނޭނގެ އެވެ.

ސްކީލާނުގެ އުފާވެރި އެ ދިރިއުޅުން އެފުށް މިފުށަށް ޖެހެން މެދުވެރި ކުރި ސަބަބު އުފަންވީ 2015 ގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޝެއިޚް ހުސެއިންގެ ދެމަފިރިން މައްކާއަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. މައްކާގައި އުޅުއްވަނިކޮށް ޝެއިޚްއަށް ކުރިމަތިވި ކުއްލި އާލާސްކަންފުޅެއްގައި ޝެއިޚް ހެސެއިން މި ފަނާކުރަނިވި ދުނިޔެއާ ވަކިވުން އެއީ ބަރުދާސްތު ކުރަން ދަތި ބޮޑު ހިތާމައެއް ސްކީލާންއަށް ކުރިމަތިވި ކަމެކެވެ.

"ސެޕްޓެމްބަރު 29، 2015 ގައި ނިޔާވީ، އޭނާ ނިޔާވުމުމުން އަހަރެންގެ މުސްތަގުބަލާ މެދު ވިސްނާފައި މައްކާ ހޮސްޕިޓަލުގައި އަހަރެން ވަރަށް ގަދައަށް ރުއިން، ހިތާމަ ނުކުރުމަށް އެދި އަހަންނަށް ހިތްވަރުދިނީ ދޮންދަރިފުޅު މުއިއްޒުއާއި އޭނާގެ އަންހެނުން ސާޖިދާ، އެމީހުން ބުނީ މުސްތަގުބަލާ މެދު މާޔޫސް ނުވުމަށް، މުޅި އުމުރު ދުވަހު ވެސް އަހަރެން ބަލައިދޭނެ ކަމަށް،" ސްކީލާން ކިޔައިދިނެވެ.

ސްކީލާން އަޅުކަން އަދާކުރުމަށް ސައުދީގައި ---


ނަމަވެސްް, ފިރިމީހާގެ ކަށުކަމާކެމީގެ ކަންކަން ނިމުމަށްފަހު މާލެ އައުމާއެކު އެކަނިވެރިކަމުގެ އިހުސާސްތައް ސްކީލާން ވަށައިލި އެވެ. ޝެއިޚް ހުސެއިންއާ އެކު ސްކީލާން ދިރިއުޅެމުންދިޔަ ކޮޓަރީގެ ތެރެއަށް އައުން އެއީ ސްކީލާނުގެ ހިތުގައި އުފެދިފައި އޮތް ފާރުގަނޑުގެ ދިލަ އިތުރަށް ގަދަވީ ސަބަބެއް ކަމުގައިވި އެވެ.

އެ ހިތްދަތި ކަމުގައި ހިތާމައިގެ ދުވަސްތައް ގުނަމުން ދަނިކޮށް، އިއްދައިގެ 13 ވަނައަށްވީ ދުވަހު ޝެއިޚް ހުސެއިންގެ ތަރިކަ ބެހުމުގެ މައްސަލަ ނިންމުމަށް ކޯޓަށް ދިއުމަށް ސްކީލާން ގާތުގައި މުއިއްޒު އެދުނެވެ. އެހެނަސް އެ ހިތާމައިގައި ހުރެ އެކަން ކުރާން ދާނޭހައި ހިތްވަރު އެވަގުތު ނެތް ކަމަށް ސްކީލާން މުއިއްުޒު ގާތުގައި ބުންޏެވެ.

"އަހަރެން ބުނިން މުއިއްޒުއޭ އަހަރެން މީނީ އިއްދައިގައޭ، މިކަން ކުރާނީ ފަހުންނޭ، (މުއިއްޒު ބުނީ) ނޫނެކޭ ނޫނެކޭ ހިނގާށޭ، އޭރު އަހަރެން މައިގްރޭންވެސް ހުރި، (މުއިއްޒު ބުނީ) ހިނގާށޭ، ގަދަކަމުން އަހަރެން ކޯޓަށް ގެންދިޔައީ، ކޯޓުގައި މުއިއްޒުގެ ފަރާތުން ވަކާލާތު ކުރީ ގާނޫނީ ވަކީލެއް، އެކަމަކު އަހަރެންގެ ފަރާތުން ގާނޫނީ ވަކީލަކު ނެތް،" އޭރުގެ ހަނދާންތައް އައު ކުރަމުން ސްކީލާން ކިޔައިދިނެވެ.

އޭނާ ބުނީ މުޅި އުމުރު ދުވަހަށް ވެސް ސްކީލާން ބަލާނެ ކަމަށް ބުނި ބުނުން ކޯޓުގައި ވެސް މުއިއްޒު ތަކުރާރު ކުރި ކަމަށެވެ. މުއިއްޒުގެ މައްޗަށް އޭނާގެ ހިތުގައި އުފެދިފައި އޮތް ދަރިކުލުނުގެ ސަބަބުން މުއިއްޒުގެ އެ ބަހަށް އިތުބާރުކޮށް ދިމްޔާތުން ލިބެން އޮތް ހަލާލު ބަޔާއި އެކު ހުރިހާ މުދަލެއްހެން ސްކީލާން ދޫކޮށްލި އެވެ.

"ކޯޓުން މުއިއްޒު ކައިރި އެހީ އަހަރެންގެ މާލީ ކަންކަން މައްސަލަތައް މެނޭޖްކުރާނީ ކިހިނެއްހޭ، ދެން މުއިއްޒު ބުނި ކޮންމެ މަހަކު ލާރި ފޮނުވާނަމޭ، ލިޔުމަކުން ނޫން، އަނގަބަހުން ކޯޓުގައި އެހެން ބުނީ މުއިއްޒު، އަހަރެން މުއިއްޒުއަށް އެ ހުރިހާ އެއްޗެއް ދިނީ ހަދިޔާއެއްގެ ގޮތުގައި، އަހަރެން ބުނީ ބޭންކް އޮފް ސިލޯންގައި ހުރި ލާރިކޮޅު އެކަންޏޭ އަހަރެން ބޭނުމީ،" ސްކީލާން ބުންޏެވެ.

ޝެއިޚް ހުސެއިން އަބްދުއްރަހުމާން ނިޔާވިއިރު، އޭނަގެ އަމިއްލަ ގެ، ދިމްޔާތުގައި ހިންގަމުންދިޔަ ގެސްޓުހައުސްއާއި ކާރެއްގެ އިތުރުން ބޭންކުތަކުގައި ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. ހަލާލު ބައިގެ ގޮތުގައި ސްކީލާނަށް ލިބުނީ އޭގެތެރެއިން ހަމައެކަނި ސިލޯނު ބޭންކުގައި ހުރި ފައިސާ އެވެ.

އަދަދު ނޫހަށް ސްކީލާން އިންޓަވިއު ދެނީ


ނޮވެމްބަރު 29، 2015 ގައި ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާއެކު ސްކީލާނުގެ ހިތާމައިގެ މައްޗަށް އިތުރު ހިތާމަތަކެއް ކުރިމަތިވި އެވެ. އަމިއްލަ ދަރިއެއްގެ ގޮތުގައި ބެލި މުއިއްޒުގެ ފަރާތުން އޭގެ ކުރިން ނުފެންނަ ކުލަވަރުތަކެއް ސްކީލާނަށް އޭނާ ދައްކާން ފެށި އެވެ.

"އޭނަ (މުއިއްޒު) ބުނީ ދެން މިތާކު ނުހުރެވޭނެ އޭ، ރާއްޖެ ދޫކޮށް ލަންކާއަށް ދާށޭ، ކޯޓު ކޭސް ނިމުނީމަ އެއީ، ވަރަށް އަވަސް އަރުވާލައިގެން މައްސަލަ ނިންމާލީ،" ސްކީލާން ބުންޏެވެ.

ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާއެކު ރާއްޖެއިން ފުރައިގެން ދިޔުމަށް މުއިއްޒު އެންގި އެންމެގުމާއި ހަމަ އެދުވަސްވަރު ވައްތަލައިގައި ހުރި އޭނާގެ ގެއަށް ބަޔަކު ވަގަށް ވަދެ އެ ގެ ލޫޓުވައިލުމާ ގުޅިގެން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ސްކީލާން ސިލޯނަށް ދިޔަ އެވެ. ނަމަވެސް އޭނާ ސިލޯނަށް ދިޔައީ އެނބުރި ރާއްޖެއަށް ނާންނަ ގޮތަށް ދަތުރު ހަދައިގެންނެއް ނޫނެވެ.

"އަލުން ރާއްޖެއަށް ދާން މަސައްކަތް ކުރިން، އެއީ ފިރިމީހާގެ އާއިލާ މީހުންނާއި، މުއިއްޒުއާއި، ރަށްޓެހިންނާ ބައްދަލުކޮށްލަން، އަހަރެންނާ ދެބެންގެ ދެދަރި ކުއްޖަކާ އެއްކޮށް ދިޔައީ، ފެބްރުއަރީ ހިސާބުގައި،" ފިރިމީހާގެ ވަކިވުމަށްފަހު އެނބުރި ރާއްޖެއަށް އަންނަން ކުރި މަސައްކަތުގެ ވާހަކަ ސްކީލާން ކިޔައިދިނެވެ.

ނަމަވެސް, ރައްޓެހި ރަހުމަތްތެރިންނާއި ޝެއިޚް ހުސެއިންގެ އާއިލާ މީހުންނާ ބައްދަލު ކުރުމަށް ސްކީލާން ކުރި ދަތުރުގައި އެނާއަށް ރާއްޖެއިން މައުރުހަބާ ކީ ސަރުކާރުގެ ނުފޫޒު ބޭނުން ކޮށްގެން ބާރުގަދަ އަތަކުން ނިންމާފައި އޮތް އަނިޔާވެރި ނިންމުމެކެވެ. އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއް ކޮށް އޭނާއަށް ރާއްޖެ އެތެރެވުން މަނާކޮށް ވިސާ އޮތީ ކެންސަލް ކޮށްފަ އެވެ. ރާއްޖެއަށް އެތެރެ ނުވެވޭ ސަބަބު ބަޔާން ކޮށްދިނުމަށް ތަކުރާރުކޮށް ސްކީލާން އެދެމުން ދިޔުމުން ވެސް އިމިގުރޭޝަނުގެ އޮފިސަރުން އޭނާއަށް އިތުރު މައުލޫމާތެއް ނުދިނެވެ.

"އޭރު ބެލިއިރު ވިސާ ބްލޮކް ކޮށްފަ (ބްލެކްލިސްޓު ޑީޕޯޓް ކޮށްފަ) ހުރީ، އޭނަ (މުއިއްޒު) ބްލޮކް ކުރީ، ދިޔައިރު ނޭނގެ ޑީޕޯޓު ކޮށްފަ ކަމެއް، މާލޭ ގޮސް އެއާޕޯޓުގައި ތިބެފަ ފޮނުވާލީ، ޕާސްޕޯޓު ދެއްކީމަ އެމީހުން ބުނީ ބްލޮކް ކޮށްފައޭ، އެއްވެސް ސަބަބެއް ނުބުނޭ، އަހަރެން ބުނީ ސަބަބު ބަޔާންކުރާ ބަޔާނެއް ބޭނުމޭ، އެމީހުން ނުދޭ އެވެސް،" ސްކީލާން ކިޔައިދިނެވެ.

"އަދަދު" ނޫހުން ކުރި ތަހުގީގުން އެނގި ހާމަވީ އެނާ ޑީޕޯޓު ކޮށްލީ ގަވާއިދާ ހިލާފަށް މީހުން އެތެރެކުރާ ކަމުގެ ތުހުމަތު ނުވަތަ ވަގުފާރީގެ މުޑުދާރު ތުހުމަތު އެނާގެ ބޮލުގައި އެޅުވުމަށްފަހު އެވެ. އިމިގުރޭޝަނުގެ ސިސްޓަމުގައި ފެންނާން ހުރި މައުލޫމާތަށް ބަލާއިރު އޭގައި ހަމައެކަނި ކުރިއޭޓު ކޮށްފައި އޮތީ އިމިގުރޭޝަނުގެ ލީގަލް ޑިޕާޓުމެންޓުން ފޮނުވި މެމޯ ނަންބަރެކެވެ. އެ މައްސަލައާ ގުޅޭގޮތުން ކޮމެޓީ ބައްދަލުވުމެއް ބޭއްވިކަން ދެއްކުމަށް ކޮމެޓީ ނަންބަރެއް ވެސް އޭގައި ހިމަނާފައިވެ އެވެ.

ނަމަވެސް އެ ބައްދަލުވުމުގައި ހިނގި އެއްވެސް ކަމެއް އެނގޭނެ ފަދަ ލިޔެކިޔުމެއް ފައިލް ކުރެވިފައި ވެސް އަދި ސިސްޓަމުގައި ވެސް ނެތް ކަން އިމިގުރޭޝަނުގެ ކޮންޓުރޯލަރު، މުހައްމަދު އަހުމަދު (ހަނަފީ) ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ސްކީލާންގެ ފޮޓޯ އަލްބަމުގައި ހުރި ބައެއް ފޮޓޯތައް.


"ޑީޕޯޓު ކޮށްފައި އިނީ އޭނާ މާލެ އައުމުގެ ދެދުވަސް ކުރިން، އެހެންވީމާ ބަލަމާ ހިނގާ އޭނާ އައުމުގެ ދެދުވަސް ކުރިން ވަރަށް އަވަސް އަރުވާލާފައި ކޮށްފައި އޮތް ކަމެއް ކަމަށް ބެލެވެނީ، އޭގެ އެއްވެސް ލިޔެކިޔުމެއް ސިސްޓަމުން ފެންނާކަށް ނެތް،" ހަނަފީ ކަށަވަރުކޮށްދެއްވި އެވެ.

އަދި އެވަރުގެ ބޮޑު ތުހުމަތެއް ސްކީލާންގެ މައްޗަށް އޭރުގެ ސަރުކާރުން ކުރިއިރު، ފުލުހުންގެ އިދާރާއިން ވެސް އެފަދަ މައްސަލައަކާ ގުޅިގެން އެއްވެސް ތަހުގީގެއް ކޮށްފައި ނުވާކަން އެ އިދާރާއިން ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ވާނުވާއެއް ނޭނގި އެއާޕޯޓުގައި އެތައް އިރެއް ވީއިރު ވެސް ސްކީލާނަށް ޖަވާބު ނުލިބުނު ސުވާލުތަކަށް މަޑުމަޑުން އެއާޕޯޓުގެ މުވައްޒަފުންގެ އަމަލުތަކުން ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބެން ފެށި އެވެ. ސްކީލާން ބުނި ގޮތުގައި އޭނާއަށް ރާއްޖެ އެތެރެ ނުވެވޭ ސަބަބު ބަޔާންކޮށްދިނުމަށް އެދި އެކި ފަހަރު މަތިން އިމިގުރޭޝަނުގައި އެދެމުން ދިޔުމުން އެތަނުގައި ތިބި މުވައްޒަފުން ސަރުކާރުގެ ތެރޭގައި ނުފޫޒުގަދަ ބާރުގަދަ މީހަކަށް ފޯނުން ގުޅަމުންދިޔަ އެވެ. އެއީ ކާކު ކަމެއް ސްކީލާން އަކަށް ނޭނގެ އެވެ.

"އަހަރެންނަށް ވިސްނެނީ މުއިއްޒު އޭ އެކަން ކުރީ، އެމީހުން (އިމިގްރޭޝަނުން) ގުޅީ މުއިއްޒު އަށް، އަހަރެންނަށް އަޑުއިވުނު އެމީހުން މުއިއްޒުއަށް ގުޅިއިރު، އޭނާގެ ފަރާތުން ކަމަށް އަހަރެންނަށް ޝައްކުކުރެވެނީ މިކަން ހިނގީ، އެއާޕޯޓު މީހުން އެކި ފަހަރުމަތިން މީހަކަށް ގުޅި، ޖަވާބަކަށް އައީ އަހަރެން ވަނީ ބޮލްކް ކޮށްފައި އޭ،" ސްކީލާން ކިޔައިދިނެވެ.

ފިރިމީހާގެ ހުރިހާ ހަނދާންތަކާ ގުޅިފައި އޮތް ފަސްގަނޑު ދޫކޮށް ސްކީލާން އެނބުރި ގައުމަށް ދާން ދިޔައީ އޭނާއަށް ހޯދައިދީފައި ހުރި ހިފާގެންގުޅޭ ސާމާނުތައް ވެސް ބަހައްޓައިފަ އެވެ. އެނބުރި ގައުމަށް ދާން ފުލައިޓަށް އެރި ހިސާބުން ޝެއިޚް ހުސެއިންއާ އެކު އޭނާގެ ހޭދަކުރި ހަޔާތުގެ ހަނދާންތައް ވެސް އޭނާއާ ވަކިވީ އެވެ.

ސްކީލާން ބުނީ އެނބުރި ގައުމަށް ދިއުމަށްފަހު މުޅި އުމުރު ދުވަހު ބަލާނެ ކަމަށް ވައުދުވި، ދޮންދަރިފުޅު މުއިއްޒުގެ ފަރާތުން އެއްވެސް ހަބަރެއް ނުވާ ކަމަށެވެ. ކުޑަމިނުން މުވާސަލާތީ ގޮތުން ގުޅޭނެ ހުރިހާ ގޮތެއް ވެސް މުއިއްޒު ބަންދު ކުރި ކަމަށް ސްކީލާން ބުންޏެވެ.

"މިކޮޅަށް އައިފަހުން އެއްވެސް ވަރަކަށް މުއިއްޒުއާ ވާހަކައެއް ނުދެކެވޭ، ބައިވަރު ސިޓީ އަހަރެން ފޮނުވިން، ދެން އޭނައަށް ވަޓްސްއެޕުން މެސެޖު ކުރީމަ އަހަރެން ބްލޮކް ކުރީ، ދެން އަހަރެން ވައިބާ އިން ކުރީމަ އެވެސް ބްލޮކް ކުރީ، ހީވަނީ މެއިލްވެސް ބްލޮކް ކޮށްފަހެން، ރައީސް ކަމަށް ކުރިމަތިލީމަ ވެސް އަހަރެން މެއިލް ކުރިން، އެކަމަކު ޖަވާބެއް ނުދޭ،" އަސަރާއެކު ސްކީލާން ކިޔައިދިނެވެ.

އެއްވެސް ހެއްކެއް ނެތި ނިގުޅައިގަތް އެނާގެ ހައްގު ހޯދުމަށްޓަކައި ޓަކި ޖެހެން ހުރި ހުރިހާ ދޮރެއްގައި ސްކީލާން ޓަކި ޖެއްސެވެ. ނަމަވެސް އޭނާއަށް ސަރުކާރުގެ އިދާރާއަކުން ވެސް ކަމާބެހޭ ވުޒާރާއަކުން ވެސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވެސް ޖަވާބެއް އަރުވައިފައެއް ނުވެ އެވެ.

"ބައިވަރު ސިޓީ ފޮނުވިން، ކޮޕީވެސް އެބަހުރި، ކުރީގެ ރައީސް ގައްޔޫމަށް، ޔާމީނަށް، (ފޮރިން މިނިސްޓަރު) ދުންޔާ މައުމޫނަށްވެސް ސިޓީ ފޮނުވިން، މުއިއްޒުގެ ޖަވާބެއް ނުލިބޭ، ސިޓީގައި އަހަރެން ލިޔުނީ ފިރިމީހާ މަރުވީމާ މުއިއްޒު އަހަރެން ޑީޕޯޓް ކޮށްލީއޭ،" އިންސާފަށްޓަކައި ކުރި މަސައްކަތް ސްކީލާން ކިޔައިދިނެވެ.

ކުށެއް ނެތި ބޮޑު އަދަބެއް ތަހަންމަލު ކުރާން ޖެހުނު ސްކީލާން މިހާރު އުޅެނީ އޭނާގެ އާއިލީ މީހުންގެ ފަރާތުން ލިބޭ ކުދިކުދި އެހީއަށް ބަރޯސާވެގެންނެވެ. އުފަން ދަރިއަކު ނެތް އެ އަންހެން މީހާ، އެހީއަށް އެންމެ ބޭނުންވި ދުވަހު އަޅައިލާނެ މީހަކު މިއަދު އޭނާގެ ގާތުގައެއް ނެތެވެ. އެއް އިރެއްގައި އުފާވެރިކަމާއެކު މުޅި ދުނިޔޭގައި އުދުހެމުންދިޔަ ސްކީލާންގެ މުޅި ދިރިއުޅުން ހިތްދަތިކަމާއި މޮޅިވެރިކަމަށް ބަދަލުކޮށްލީ އެންމެ ކައިރީގައި ތިބޭނެ ކަމަށް އޭނާ އުއްމީދު ކުރި މީހުންގެ އަތުންނެވެ.