މިސްރުގައި ހުރި ޢަމްރޫ ބުނުލް ޢާޞްގެ މިސްކިތް
އެއްވެސް ދައުލަތެއްގެ ވެރިކަން ހިނގި ގޮތާއި މަގު، އެ ދައުލަތުގެ ވެރިމީހާ އެކަނި އެނގިގެން ދިރާސީ ސިފައެއްގައި ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޖުމްހޫރީ ވެރިކަމެއް ވިޔަސް ނުވަތަ ރަސްކަމެއް ވިޔަސް މުޅި ދައުލަތުގެ އެންމެ ބޮޑު ވެރިމީހަކު ހުރެ އެވެ. އެކަމަކު ހަމައެޔާއެކު އެ ދައުލަތުގައި ބަސްވިކޭ ނުފޫޒު ގަދަ އެތައް ސިޔާސީ މީހުން ތިބެ އެވެ. ކޮންމެ ފަހަރަކު ކަންކަން ނިމިގެންގޮސްފައި އޮންނާނީ އެންމެ ބޮޑު ވެރިމީހާ ބުނާ ގޮތަށް ކަމަށް ނުވުމަކީ ވަރަށް ގާތް ކަމެކެވެ.
އުމަރުގެފާނުގެ ހިލާފަތު ދެނެގަތުމަށްޓަކައި ވެސް މިދެންނެވި މޭރުމުން އެހިލާފަތުގެ ނުފޫޒުގަދަ އެހެން ބޮޑުން ދެނަގަތުމަކީ މުހިންމު ކަމެކެވެ. ހަމައެކަނި އުމަރުގެފާނުގެ ހިލާފަތެއް ނޫނެވެ. މީގެ ތެރެއިން ބައެއް ބޮޑުންގެ މައުލޫމާތު އެނގުން މުޅި އިސްލާމީ ހިލާފަތުގެ ކުރީކޮޅު ދެނެގަތުމަށްޓަކައި ވަރަށް ވެސް މުހިންމެވެ. އެގޮތުން "އުންމަތުގެ އަމާނާތްތެރިޔާގެ ހަޔާތުގެ އުސްއަލިތައް"، "ޝާމްކަރަ މާމުޔަށްވުމުން، ޚާލިދުގެފާނު މަގާމުން ވަކިކުރެއްވުން"، "ޝާމްގެ ގަވަރުނަރު މުޢާވިޔާގެފާނު" މިލިޔުންތަކުގައި އެފަދަ ނުފޫޒުގަދަ ލީޑަރުންގެ ވާހަކަ ގެނެސްދީފައިވާނެ އެވެ. މިފަހަރު މިފަށަނީ އުމަރުގެފާނުގެ ހިލާފަތުގައި ހަމަ އެފަދަ ނުފޫޒުގަދަ އެހެން ލީޑަރެއްކަމުގައިވާ ޢަމްރޫ ބުނުލް ޢާޞްގެ ވާހަކަ އެވެ.
ޢަމްރޫގެ ބައްޕަ ޢާޞްއަކީ ޤުރައިޝް ވަންހައިގެ ގަދަރުހުރި ބޮޑެކެވެ. އެހެންކަމާއެކު ޖާހިލިއްޔަ ޒަމާނުގައިވެސް ޢަމްރޫވެފައިވީ ބޮޑެއްގެ ދަރި ބޮޑެއްކަމުގަ އެވެ. ޝާމްކަރަ އާއި ޔަމަން އަދި މިސްރާއި ޙަބަޝްކަރަޔަށް ވިޔަފާރި ގާފިލާތަކާއެކު ގޮސްއުޅުނު ކާމިޔާބު ބޮޑު ވިޔަފާރިވެރިއެއް ވެސްމެ އެވެ. އެފަދަ ނުފޫޒުގަދަ ވިޔަފާރިވެރިއަކަށްވުމާއެކު އެ ކަރަކަރައިގެ ބޮޑެތި މީހުންނާއި ނުފޫޒުހުރި އެތައް ބަޔަކާއި މާކުރިއްސުރެ ޢަމްރޫ ބުނުލްޢާޞްއާ މެދު ރަހުމަތްތެރިކަން އުފެދިފައިވެއެވެ.
އިސްލާމީ ދަޢުވަތު ފެށިގެން އައުމާއެކު، މައްކާގެ މުޝްރިކުންގެ ފަރާތުން މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތަކަށް ކެތްނުކުރެވިގެން ޙަބަޝްކަރަޔަށް ހިޖުރަކުރި މުސްލިމުން، އަނބުރާ މައްކާއަށް ގެނައުމަށްޓަކައި، ޙަބަޝްކަރައިގެ ރަސްގެފާނު ނަޖާޝީގެ ގާތަށް ފޮނުވުމަށް އެންމެ އެކަށީގެންވާ މީހަކީ ޢަމްރޫ ބުނުލްޢާޞްކަމުގައި އޭރުގެ މައްކާގެ ބޮޑުންނަށް އެއްބަސްވެވުނީ ކަމެއްވީމަ އެވެ. އެ ދަތުރު ކާމިޔާބު ނުވި ނަމަވެސް، އޭރުވެސް ޢަމްރޫ ބުނުލްޢާޞްއަކީ މައްކާއަށްވުރެ މާދުރުން އެހެން ސަރަހައްދުތަކާއި ކަރަކަރައިގައި ބަސްވިކޭ މަޝްހޫރު ބޭކަލެއްކަން މިކަމުން ދޭހަކޮށްދެއެވެ.
އެ ތިން ބޭކަލަކު އިސްލާމް ވެގެން އައުމުން، މައްކާގެ މޭގަނޑާއެކީ އުފުރިގެން އަހަރެމެންނާ ދިމާއަށް މިއޮށްގެން އަންނަނީއޭ މާތް ނަބިއްޔާ ޙަދީޘް ކުރެއްވި ބަސްފުޅުގައި މުރާދުވެވޭ އެއްބޭކަލަކީ ވެސް ޢަމްރޫ ބުނުލްޢާޞް އެވެ. އެބަސްފުޅުން ވެސް ޢަމްރޫއަކީ ކޮންފަދަ ނުފޫޒު ހުރި ބޭކަލެއްކަން މާބޮޑުތަނުން ސާފު ނޫންތޯ އެވެ. ޢަމްރޫ ބުނުލް ޢާޞް އިސްލާމްވެވަޑައިގަތީ، ހިޖުރައިން އަށްވަނަ އަހަރުއެވެ. މަޝްހޫރު ބަދުރުހަނގުރާމައާއި އުޙުދު ހަނގުރާމައާއި ކިއެއްތަ ޚަންދަޤު ހަނގުރާމައިގައިވެސް ޢަމްރޫ ބުނުލްޢާޞްއަކީ މުޝްރިކުން ލަޝްކަރުގައި އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރި ފަރާތެކެވެ.
ޢަމްރޫ ބުނުލްޢާޞްއަކީ ބުއްދިވެރިކަމާއި ހިކުމަތްތެރިކަމުން އަރަބިންގެ ތެރޭގައި މިސާލުޖެހޭ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުން އެހާބޮޑަށް ލަސްވެގެންދިޔަ ސަބަބަކީ ވެސް އެއީ ކަމުގައި ބެލެވެއެވެ. ބޮޑެތި ކަންކަން ނިންމެވުމުގެ ކުރިޔަށް ފުންކޮށް ވިސްނާފިކުރުކުރުމުގެ ސިފަފުޅެވެ. ކޮންމެ ހެޔޮ ސިފައަކީ ވެސް އޭގައި ރަނގަޅާއި ނުރަނގަޅު އެކުލެވިގެންވާ އެއްޗެއް ނޫންތޯއެވެ.
އިސްލާމްވެވަޑައިގެން މާތް ނަބިއްޔާގެ އަރިހަށް ވަޑައިގަތުމާއެކު، މާގިނަ ދުވަސްތަކެއް ނުވެ، ޢަމްރޫ ބުނުލްޢާޞް ކުޑަ ލަޝްކަރަކާއެކު ޒާތުއްސަލާސިލްއަށް ފޮނުއްވި އެވެ. އެއީ އިރާގު ކަރައަށް ނިސްބަތްވާ ސަރަހައްދެކެވެ. ޚާލިދު ބުނުލްވަލީދުގެ ލީޑަޝިޕްގައި ޒާތުއްސަލާސިލް ހިމެނޭހެން މުޅި އިރާގުކަރަ ފަތަހަވީ އަދި މާފަހުންނެވެ. ކޮންމެއަކަސް މިބުރުގައި ޢަމްރޫ ބުނުލްޢާޞް އެތަނަށް ވަޑައިގެން މިލަޝްކަރާއެކު އެތަނުގައި ތިބި ބަޔަކާ ކުރިމަތިލުމުން އަދުއްވުންތައް ފިލަން ދުވަން ފަށައިފި އެވެ. އެމީހުން ފަހާދިއުމަށް ބައެއް މުސްލިމުން އުޅެން ފެށުމުން އެކަން ޢަމްރޫ މަނާކުރައްވައިފި އެވެ. އަދި ފިނިގަދަވެގެން އަލިފާން ރޯކުރަންވެގެން ބައެއް މުސްލިމުން އުޅުމުން އެކަން ވެސް ޢަމްރޫ މަނާކުރެއްވި އެވެ. އެދަތުރު އެނބުރި މާތް ނަބިއްޔާގެ އަރިހަށް އާދެވެމުން ލަޝްކަރުގައި ހިމެނުނު ބައެއް ކުދިން މާތް ނަބިއްޔާއަށް ޝަކުވާދެންނެވުމުން މާތް ނަބިއްޔާ ޢަމްރޫ ޖަވާބުދާރީކުރުވި އެވެ. ޢަމްރޫ ދެންނެވީ، އެމީހުން ފަހާ ނުދިއުމަށް އެންގެވީ، އެ މީހުންނާ ފަހަތުން ގުޅިފައިތިބެދާނެ ބޮޑެތި ލަޝްކަރުތަކެއްގެ ހަބަރު ނޭނގޭތީ އެވެ. އާދޭހެވެ. އެއީ އިރާގުކަރައެވެ. ޢަމްރޫއަށް އެސަރަހައްދު އަލެއް ނުވާނެ އެވެ. އަދި އަލިފާންޖެހުން މަނާކުރީ އެމަންޒަރު ދުރުން ބަލަންތިބޭ ބަޔަކަށް އަހަރެމެންނަކީ ކިހާ މަދު ބައެއްކަން އެނގިދާނެތީއެވެ. ޢަމްރޫގެ މިހިކުމަތްތެރި ނިންމެވުންތަކަށް މާތް ނަބިއްޔާ ތައުރީފުކުރެއްވިއެވެ.
މައްކާ ފަތަހަވީ ފަހުން މައްކާއާ ކައިރި ހިސާބެއްގައި ހުރި ސުވާޢުއޭ ކިޔުނު މާބޮޑު ބުދެއް ތަޅާލުމަށް ވެސް މާތް ނަބިއްޔާ ކުޑަ ލަޝްކަރަކާއެކު ފޮނުއްވީ ޢަމްރޫ ބުނުލްޢާޞްއެވެ. ޢަމްރޫ އެތަނަށް ދިއުމުން ބުދު ބަލަހައްޓާ ކަލޭގެ ޢަމްރޫ ކައިރީގައި މިތަނަށް އައީ ކީއްކުރަންތޯ އެހުމުން، މާތް ނަބިއްޔާ އަންގަވައިގެން ބުދު ތަޅާލުމަށްކަމަށް ޢަމްރޫ ވިދާޅުވިއެވެ. އެހިނދު ބުދުބަލަހައްޓާ ކަލޭގެ ބުނިކަމަށްވަނީ ތިޔަކަމެއް ނުކުރެވޭނެ ކަމަށެވެ. ކީއްވެތޯ ސުވާލުކުރުމުން ބުނިކަމަށްވަނީ އެކަން ކޮންމެވެސް ގޮތަކުން ހުއްޓިގެންދާނެ ކަމަށެވެ. އޭނާގެ ކުރިމަތީގައި ބުދު ތަޅާ ސުންނާފަތިކޮށްލުމުން އޭނާ ވެސް އިސްލާމްވެއްޖެ އެވެ.
އެއަށްފަހު މާތް ނަބިއްޔާ ސިޓީފުޅެއް ދެއްވާފައި، އޮމާންގެ ވެރިންގެ ގާތަށް ޢަމްރޫ ފޮނުއްވި އެވެ. އޮމާން އޭރު އޮތީ ނުފޫގަދަ ދެމީހެއްގެ ވެރިކަމުގަ އެވެ. އެ ދެ މީހުންމެ އިސްލާމްވުމުން އެތަނުން ނެގޭ ޒަކާތާއި ސަދަގާތް ބަލަހައްޓާ ވެރިއެއްގެ ގޮތުގައި މާތް ނަބިއްޔާ ޢަމްރޫ އައްޔަންކުރެއްވިއެވެ. އެގޮތުން ދެ އަހަރެއްހާ ދުވަހު އެސަރަހައްދުގައި ޢަމްރޫ ހުންނެވި އެވެ. މާތް ނަބިއްޔާ ސުވަރުގެވަޑައިގަތީ އެތަނުގައި ޢަމްރޫ ހުންނަވަނިކޮށްނެވެ.
އަބޫބަކުރުގެފާނުގެ ހިލާފަތުގައި ކުރެވުނު އަދި އަބޫބަކުރުގެފާނުގެ ހިލާފަތުގައި ފެށި ޢުމަރުގެފާނުގެ ހިލާފަތާ ހަމައަށް ދެމިގެންދިޔަ މުހިންމު ހަނގުރާމަތަކުގައި ކޮމާންޑަރެއްގެ ގޮތުގައި ޢަމްރޫ ބުނުލްޢާޞް ހަރަކާތްތެރިވެފައިވެއެވެ. މުރުތައްދުވީ މީހުންނާ ކުރެވުނު ގިނަ ހަނގުރާމަތަކުގައި ޚާލިދުގެފާނުގެ އިސްކޮމާންޑަރުކަމުގެ ދަށުން ކޮމާންޑަރެއްގެ ގޮތުގައި، އަދި އިތާހިކަރަ އާއި ޝާމްކަރަ ފަތަހަވެގެންދިޔަ ހަނގުރާމަތަކުގައިވެސް ޚާލިދުގެފާނުގެ އިސްކޮމާންޑަރުކަމުގެ ދަށުގައި އަދި އަބޫޢުބައިދާގެ އިސްކޮމާންޑަރުކަމުގެ ދަށުގައި ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވެއެވެ.
މިސްރު ފަތަހަކުރުމުގެ ހިޔާލު އުމަރުގެފާނަށް އެރުވީ ޢަމްރޫ ބުނުލްޢާޞްއެވެ. އަދި މިސްރު ފަތަހަވުމަށްފަހު މިސްރުގެ ގަވަރުނަރުގެ ގޮތުގައި ޢަމްރޫ ބުނުލްޢާޞް އައްޔަންކުރެވުނެވެ. އަދި އުމަރުގެފާނުގެ ހިލާފަތު ނިމި، އުސްމާންގެފާނުގެ ހިލާފަތުގައި މިސްރުގެ ގަވަރުނަރުކަމުން ޢަމްރޫ ވަކިކުރައްވަންދެން އެމަގާމުގައި ހުންނެވިއެވެ. މިސްރު ފަތަހަކުރުމުގެ އިތުރު ތަފުސީލުތަކާއި، ގަވަރުނަރުކަމުގައި ހުންނެވިއިރު ހިނގި މުހިންމު ބައެއް ކަންކަމާއި، އުސްމާންގެފާނުގެ ހިލާފަތުގައި ޢަމްރޫ ބުނުލްޢާޞް މަގާމުން ވަކިކުރެވުނު ސަބަބުގެ ތަފުސީލަށް އެހެން ލިޔުމެއްގައި ބަލާލާނަމެވެ.
Comment