Advertisement

ޝާމްގެ ގަވަރުނަރު މުޢާވިޔާގެފާނު

އަރަބި އަކުރުން އަމީރު މުޢާވިޔާ ލިޔެފައި.


ޝާމްގެ ގަވަރުނަރު މުޢާވިޔާގެފާނު

މިއީ އަޅުގަނޑު ފަށައިގެން އުޅޭ އިސްލާމީ ވެރިކަމާ ބެހޭ ސިލްސިލާގެ ބޮޅެކެވެ. ޝާމްގެ ގަވަރުނަރު މުޢާވިޔާގެފާނަކީ ފަހުން މުސްލިމުންގެ ހަ ވަނަ ޚަލީފާއެވެ. ދެވަނަ ޚަލީފާ އުމަރުގެފާނުގެ ޚިލާފަތުގެ މެދަކާ ހަމައަށް ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް މާތް ﷲ ރުއްސުންލެއްވި މުޢާވިޔާގެފާނާ ހަމައަށް މިދެވުނީ މާ އަވަހަށް ކަމުގައި ހީވެދާނެ އެވެ. އެކަމަކު ފަށައިގެން އުޅޭ ސިލްސިލާގެ މަންޒަރުތައް ސާފުވުމުގެ ބޭނުމަށް މުޢާވިޔާގެފާނުގެ ހަޔާތްޕުޅުން ބައެއް މަންޒަރުތައް މިހާ ހިސާބަށް ބޭނުންވާކަމުގައި ވަރަށް ބޮޑަށް ފެނެ އެވެ. އެހެނީ އުމަރުގެފާނުގެ ހިލާފަތުގެ މެދެއްހާ ހިސާބަށްފަހު، ދެން އުންމަތުގައި ހިނގި ކޮންމެ ބޮޑު ކަމެއްގައި މުޢާވިޔާގެފާނުގެ ދައުރާއި ހައިސިއްޔަތާއި ނުފޫޒުގެ ބޮޑުކަމަށްޓަކައެވެ.

ޝާމްކަރަ ފަތަހަކުރެވި މުސްލިމުންގެ ފުރިހަމަ ބާރު ހިނގާ ތަނެއްގެ ގޮތުގައި ވެގެންދިޔައީ އުމަރުގެފާނުގެ ހިލާފަތުގަ އެވެ. މުސްލިމުން އެތަން ފަތަހަކޮށް އެތަނަކީ އިސްލާމީ ވެރިކަން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެހިގެންދިޔަތާ ދުވަސްތަކެއް ފަހުން، އުމަރުގެފާނު އެއްފަހަރަކު ޝާމްކަރައިގެ އުރުދުންނާއި ދިމިޝްގަށް ޒިޔާރަތެއް ކުރައްވައިފި އެވެ. އެ ތަންތަނުގެ ގަވަރުނަރުގެ ގޮތުގައި ހުންނެވި މުޢާވިޔާގެފާނު އުމަރުގެފާނާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވީ ހައިބަތާއި އިއްޒަތުން ފުރިގެންވާ ޕެރޭޑަކާއެކުގަ އެވެ.

ދެން އުމަރުގެފާނު މުޢާވިޔާގެފާނަށް ވިދާޅުވި އެވެ.

އުމަރުގެފާނު: މިބޮޑު ޕެރޭޑްގެ ވެރިޔަކީ ކަލޭގެފާނުތޯ އެވެ؟

މުއާވިޔާގެފާނު: އާދޭހޭ! އޭ މުއުމިންތަކުންގެ އަމީރެވެ!

އުމަރުގެފާނު: ކަލޭގެފާނު ދަރުބާރުގެ ދޮރުކޮޅުމަތީގައި، ބޭނުންޖެހިފައިވާ މީހުން އިންތިޒާރުގައި ކޮޅަށް ތިބެންޖެހޭލެއް ދިގު ކަމާގުޅިގެން ކަލޭގެފާނާ ބެހޭ ގޮތުން ތިމަންކަލޭގެފާނަށް ޝަކުވާ ލިބިއްޖެ އެވެ.

މުޢާވިޔާގެފާނު: އެއީ ތެދެކެވެ.

އުމަރުގެފާނު: އެގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯ އެވެ؟

މުޢާވިޔާގެފާނު: އަހަރެމެންގެ މިބިމަކީ އަދާވާތްތެރިންގެ ޖާސޫސުން ނުހަނު ގިނަ ބިމެކެވެ. އެހެންވީމާ އެބައިމީހުން ބިރު ގަންނަވަރުގެ ހައިބަތު ވެރިމީހާގެ ކިބައިން ފާޅުކުރުން އެދެވިގެންވެ އެވެ. އެކަމަކު ކަލޭގެފާނު އެކަން މަނާކުރައްވާނަމަ، އެކަން ހުއްޓާލާފާނަމެވެ.

ޢުމަރުގެފާނު: ކަލޭގެފާނު ވިދާޅުވަނީ ތެދުފުޅެއްނަމަ ތިޔައީ މޮޅު ބުއްދިއެކެވެ. އަދި ތިޔަ ހައްދަވަނީ އިތުރުފުޅެއްނަމަ، ތިޔައީ އަދަބުވެރި މަކަރެކެވެ.

މުޢާވިޔާގެފާނު: ފަހެކަލޭގެފާނު ބޭނުންފުޅުވާ ގޮތެއް އަމުރުކުރައްވާށެވެ!

އުމަރުގެފާނު: ތިމަންކަލޭގެފާނު ތިބާއަށް އަމުރެއް ވެސް ނުކުރާހުށީމެވެ. އަދި މަނައެއް ވެސް ނުކުރާހުށީމެވެ!

ތާރީހު ފޮތްފޮތުން ވިދާޅުވާނެއެވެ. އުމަރުގެފާނު ދެވަނަ ޚަލީފާއެއްގެ ގޮތުގައި މުޅި އުންމަތަށް ވެރިކަން ހިންގެވީ، ވަރަށް ހިތްތިރި ދިރިއުޅުއްވުމެއް ދައްކަވަމުންނެވެ. މާތް ނަބިއްޔާގެ ދުވަސްވަރު މުސްލިމުންގެ ބާރުވެރިކަން އޮތީ ހަމައެކަނި އަރަބިކަރައާ ހަމައިގަ އެވެ. ނަމަވެސް އަބޫބަކުރުގެފާނުގެ ޚިލާފަތު ނިމި އުމަރުގެފާނުގެ ހިލާފަތުގެ މެދެއްހާ ހިސާބަށް ދިޔައިރު، މުސްލިމުންނަކީ ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ބެލެވެން ފަށައިފި އެވެ. އެހެންކަމާއެކު މުސްލިމުންގެ ޚަލީފާކަމުގެ މަގާމަކީ ވަރަށް ބައިވަރު ރައްޔިތުންގެ މައްޗަށް ވެރިކުރެވިފައިވާ ބާރުގަދަ މަގާމެކެވެ. އެކަމަކު އުމަރުގެފާނު ހިޔާރުކުރެއްވީ ވަރަށްވެސް ހިތްތިރި ދިރިއުޅުއްވުމެކެވެ.

އަމީރު މުޢާވިޔާ ހިޔާރުކުރެއްވި އަމީރުކަމުގެ ހައިބަތާއި އިއްޒަތު އެޔާ މުޅިން ތަފާތެވެ. އެކަމަކު އެއީ ޚަލީފާގެ ކިބައިން ކަނޑައެޅިފައިވާ އަމީރެކެވެ. ޚަލީފާގެ ދަށުގައި ހުރި އެތައް ސަރަހައްދެއްގެ ތެރެއިން އެންމެ ސަރަހައްދަކަށް ވެރިކުރެވިފައިވާ އަމީރެވެ. އުމަރުގެފާނުގެ ވެސް މުޢާވިޔާގެފާނު ފާޅުކުރެއްވި މަސްލަހަތަށް ރިއާޔަތްކުރައްވައި، ރަސްކަލެއްގެ ހައިބަތު ދެއްކެވުން މަނައެއް ނުކުރެއްވި އެވެ.

އަމީރު މުޢާވިޔާގެ މަންޒަރުތަކެއް ސިފަ ކޮށްލުމަށް މިދަންނަވާލި ވާހަކަ އިހުތިޔާރުކުރީ ސަބަބުތަކެއް ހުރީތީ އެވެ. އެއް ކަމަކީ އަޅުގަނޑުގެ ސިލްސިލާގައި މިވަގުތު ނާރެހަކީ އުމަރުގެފާނުގެ ހިލާފަތަށްވެފައި، މިހާދިސާ ހިނގީ އުމަރުގެފާނުގެ ހިލާފަތުގައިކަމަށްވުމެވެ. ދެވަނަ ސަބަބަކީ މި ހާދިސާއިން މުޢާވިޔާގެފާނުގެ މިޒާޖުފުޅު ދައްކުވައިދޭކަމެވެ. ފަހުން އިސްލާމީ ތާރީހުގެ މުހިންމު އެއް ނިންމުމުގެ އިޝާރާތް މި ހާދިސާއިން ލިބޭތީ އެވެ. އެ ނިންމެވުމަކީ އަމީރު މުޢާވިޔާ އަވަހާރަފުޅުވުމުގެ ކުރީގައި، ދަރިކަލުންނަށް ޚަލީފާކަން ހަމަޖައްސަވައި އިސްލާމީ ޚިލާފަތަކީ ވާރުތަވެގެން އަންނަ އެއްޗެއްގެ ގޮތުގައި ބަދަލުކުރެއްވި ކުރެއްވުމެވެ. ނުރަނގަޅު ވިސްނުމަކުން ވިސްނާނަމަ، ރަނގަޅު ވިސްނުމަކުންވެސް ވިސްނާލަންޖެހެ އެވެ. އަމީރު މުޢާވިޔާ ބިންގާ އެޅުއްވި އިސްލާމީ ހައިބަވެތި ދައުލަތަކީ ދުނިޔޭގައި ހައިބަތާއި އިއްޒަތާއެކު ވެރިކަންކުރި ބާރެކެވެ. ހަމަ އެ އިޝާރާތް ވެސް މި ބަޔާންކުރި ވާހަކައިން އެބަ ލިއްބައިދެ އެވެ. އޭގެ އިތުރުން އުމަރުގެފާނުގެ ހިލާފަތުގައި އެތަކެއް ގަވަރުނަރުނެއް އެކި ސަރަހައްދުތަކުގައި ތިބިއިރު، މުޢާވިޔާގެފާނަކީ އޭގެ ތެރެއިންވެސް މާ އާދަޔާ ހިލާފު އަދި ނުފޫޒުހުރި ބޭކަލެއްކަން މިހާދިސާއިން ހާމައަށް ފެންނާތީއާވެސްއެކުގަ އެވެ.

އަމީރު މުޢާވިޔާގެފާނަކީ މާތް ޞަޙާބީއެކެވެ. މުޢާވިޔާގެފާނުގެ ބައްޕާފުޅު މާތް ސަހާބީ އަބޫ ސުފްޔާނަކީ ޤުރައިޝް ވަންހައިގެ ބޮޑެކެވެ. އިސްލާމްވެވަޑައިގަތީ މައްކާ ފަތަހަކުރެއްވުނު ދުވަހުއެވެ. މުޢާވިޔާގެފާނު އިސްލާމްވެވަޑައިގަތީ ބައްޕާފުޅަށްވުރެ ކުރިންނެވެ. ނަމަވެސް އިސްލާމްކަން ފާޅުކުރެއްވީ މައްކާ ފަތަހަ ކުރެއްވުނު ދުވަހު އެވެ. އިސްލާމްވެވަޑައިގަތްއިރު އުމުރުފުޅުން ތޭވީހެވެ. އަދި ރަސޫލާގެ އަރިހަށް މަދީނާއަށް ހިޖުރަކުރެއްވި އެވެ. އެއާއެކު ވަހީ ލިޔުއްވާ ކާތިބުންގެ ތެރޭގައި މުޢާވިޔާގެފާނު ހިމެނުއްވި އެވެ. މުޅި އަރަބިކަރަ އިސްލާމްވެ އެކަތިގަނޑެއްގެ ގޮތުގައި ފެންނަން ފެށި ހިސާބުން، އަރަބިކަރައިގެ ތެރޭގައި އޮތް ރޯމަނުންގެ ނުފޫޒު ނެތި، މުސްލިމުންނަކީ އެބައިމީހުންނަށް ހުރި ނުރައްކަލެއްކަމުގައި ރޯމަނުންނަށް ހީވި ހިސާބުން މުސްލިމުންނާއި ރޯމަނުންނާ ދެމެދު ދެބަސްވުންތައް ހިނގަން ފަށައިފިއެވެ. މާތް ނަބިއްޔާގެ ޙަޔާތްޕުޅުގައި ކުރެވުނު އެންމެ ފަހު ހަނގުރާމަކަމަށްވާ ތަބޫކު ހަނގުރާމައަކީ ރޯމަނުންނާ ދެމެދު ހިނގި ހަނގުރާމައެކެވެ. ހަނގުރާމަކުރެވުނު ސަރަހައްދަކީ އޭރުގެ ޝާމްކަރައިގެ އިމުގެ ތެރެއަށް ނިސްބަތްވާ ސަރަހައްދެކެވެ.

މާތް ނަބިއްޔާ ސުވަރުގެވަޑައިގެންނެވިއިރު، ރޯމަނުންނާ ހަނގުރާމައަށް ލަޝްކަރެއް ފޮނުއްވުމަށް ތައްޔާރުކުރައްވާފައި އޮތެވެ. އެއީވެސް ޝާމްކަރައާ ދިމާއަށެވެ. އަބޫބަކުރުގެފާނުގެ ހިލާފަތުގައި، އަރަބިކަރައިގެ ތެރެއިން އެތައް ބަޔަކު މުރުތައްދުވުމުން އެބައިމީހުންނާ ހަނގުރާމަކުރަންޖެހިފައިވާ ފިތުނައިގެ އެދަނޑިވަޅުގައިވެސް، މާތް ނަބިއްޔާ ބަންނަވާފައިވާ ގޮށެއް މޮއްސަވައިނުލައްވާނެކަމަށް ވިދާޅުވަމުން އުސާމާ ބިން ޒައިދުގެ ލަޝްކަރު ރޯމަނުންނާ ދިމާއަށް ފޮނުއްވުމަކީ، ޝާމްކަރަ ފަތަހަކުރެއްވުމުގެ ފެށުންކަމުގައި ބެލިދާނެއެވެ.

އެއަށްފަހު އަބޫބަކުރުގެފާނުގެ ހިލާފަތުގައި، ޝާމްކަރައިގެ އެކި ސަރަހައްދުތައް ފަތަހަކުރެއްވުމަށް ލަޝްކަރުތައް ފޮނުއްވިއެވެ. ލަޝްކަރުތަކުގެ އާންމު ކޮމާންޑަރުންގެ ގޮތުގައި ކަނޑައެޅުއްވީ، ޚާލިދް ބުނުލްވަލީދުއާއި އަބޫޢަބައިދާ ބުނުލްޖައްރާޙްއާއި ޔަޒީދު ބިން އަބީސުފްޔާނެވެ. މުޢާވިޔާގެފާނު މިހަނގުރާމަތަކުގައި ބައިވެރިވެވަޑައިގެންނެވީ އެކަލޭގެފާނުގެ ބޭބޭފުޅުގެ ޔަޒީދު ބިން އަބީސުފްޔާންގެ ލީޑަރޝިޕްގެ ދަށުންނެވެ. ޝާމްކަރަ ފަތަހަވުމުން މުޢާވިޔާގެފާނު ފުރަތަމަ އައްޔަންކުރެވުނީ އުރުދުންގެ ގަވަރުނަރުކަމަށެވެ. އެއަށްފަހު ބޭބޭފުޅު އަވަހާރަވުމުން، އުރުދުންގެ އިތުރުން، ބޭބޭފުޅު ވެރިކަންކުރެއްވި ދިމިޝްޤާއި އެރަށާއި ގުޅިފައިވާ ރަށްތަކުގެ (ސޫރިޔާގެ) ވެރިކަންވެސް އަމީރު މުޢާވިޔާއަށް ދެއްވިއެވެ. އެއީ އުމަރުގެފާނުގެ ހިލާފަތުގައި އުމަރުގެފާނެވެ. އެއަށްފަހު މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާންގެފާނުގެ ހިލާފަތުގައި މުޅި ޝާމްކަރައިގެ ގަވަރުނަރުކަން މުޢާވިޔާގެފާނަށް ދެއްވިއެވެ. ޝާމްކަރައަކީ މިހާރުގެ ސޫރިޔާއާއި ލުބްނާނާއި އުރުދުންއާއި ފަލަސްތީނު، މިހަތަރު ދައުލަތުގެ ބިމުގެ ސަރަހައްދުގައި އޮތްހާ ތަނެވެ.