16 ޖޫން 2023 - 08:23 0
ރޫޙުލްއަމީން ޢަބްދުﷲ
16 ޖޫން 2023 - 08:23 0
މާތް ސަހާބީ ޚާލިދު ބިން ވަލީދަކީ ކޮންފަދަ ހިދުމަތްތެރި ކޮމާންޑަރެއްކަން ކުރީ ހަފުތާގެ ލިޔުމުގައި ހުށަހަޅައިދީފައިވާނެ އެވެ. އެ ލިޔުމުގައި ބަޔާންކުރެވުނު އެތައް ފަތަހައަކާއި ނަސްރުގެ ފަހަތުގައި ހުރި ނުފޫޒުގަދަ ލީޑަރު ޝާމްކަރައިގެ އިސްކޮމާންޑަރުގެ ގޮތުގައި ހުންނަވަނިކޮށް މުސްލިމުންގެ ޚަލީފާ އަބޫބަކުރުގެފާނުގެ ފަރާތްޕުޅުން ފަތްކޮޅެއް ފޮނުއްވި އެވެ. އޭގައި ވަނީ "ޚަލީފާގެ އިޒުނަޔާ ލައިގެން މެނުވީ ކަންބަޅިއެއް ނުވަތަ ބަކަރިއެއްގެ މިންވަރުވެސް އެއްވެސް މީހަކަށް ނުދިނުމަށެވެ." މިޔާއެކު ޚާލިދުގެފާނު ޚަލީފާއަށް ރައްދުގައި ފޮނުއްވި މެސެޖްގައި އޮންނަނީ "އެހެންނާ ތިމަންނާއާއި ތިމަންނާ އަމަލުކުރާނެ ގޮތެއް ތިމަންނާއަށް ދޫކޮށްލެއްވުމެވެ. އެހެން ނޫނީ ކަލޭގެފާނާއި ކަލޭގެފާނުގެ އަމަލުފުޅެވެ."
އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި އަބޫބަކުރުގެފާނުގެ ހިލާފަތުގައި އަބޫބަކުރުގެފާނުގެ ސިޔާސަތު ބޮޑަށް ބައްޓަންކުރެއްވީ ލާމަރުކަޒީ އުސޫލުތަކެއްގެ މައްޗަށެވެ. އެކި ސަރަހައްދުތަކަށް ކަނޑައެޅިފައިވާ ގަވަރުނަރުންނާއި އަމީރުންނަށް އެސަރަހައްދުތަކުގައި ވެރިކަން ހިންގުމުގެ ސިޔާސަތުގައި ފުރިހަމަ ބާރުވެރިކަމެއް ދެއްވުމަށެވެ. ނަމަވެސް އަބޫބަކުރުގެފާނުގެ ހިލާފަތުގައި ވެސް ނުފޫޒުގަދަ ދައުރެއް ހިލާފަތުގެ ދަރުބާރުގައި އަދާކުރައްވަމުން ގެންދެވި އުމަރުގެފާނުގެ ވިސްނުންފުޅަކީ އިސްލާމީ ހިލާފަތު ބައްޓަންވެފައި އޮންނަންވާނީ މަރުކަޒީ ވެރިކަމެއްގެ މައްޗަށެވެ.
އަބޫބަކުރުގެފާނުގެ ދެންނެވުނު ސިޓީފުޅު އެގޮތުގެ މަތީން ފޮނުވުމަށް އަބޫބަކުރުގެފާނަށް ލަފާއެރުއްވީވެސް އުމަރުގެފާނެވެ. އަދި އަބޫބަކުރުގެފާނަށް ހާލިދުގެފާނު ދެއްވި ޖަވާބާއެކު އުމަރުގެފާނު ލަފާފުޅު އެރުއްވީ ޚާލިދުގެފާނު އިސް ކޮމާންޑަރުކަމުން ވަކިކުރެއްވުމަށެވެ. ނަމަވެސް އަބޫބަކުރުގެފާނު ޚާލިދުގެފާނު ވަކިކުރެއްވުމުގެ ބަދަލުގައި، ޚާލިދުގެފާނު އެދިވަޑައިގަތް ފަދައިން ލާމަރުކަޒީކޮށް ޚާލިދުގެފާނުގެ ބާރުގެ ދަށުގައިވާ ސަރަހައްދު ހިންގެވުމުގެ ބާރު ޚާލިދުގެފާނަށް ދެއްވީއެވެ.
އަބޫބަކުރުގެފާނު އަވަހާރަވުމާއެކު މުސްލިމުންގެ ދެވަނަ ހަލީފާކަމަށް އުމަރުގެފާނަށް ބައިއަތު ހިފެވިއްޖެއެވެ. ތިމަންނާ އަބޫބަކުރުގެފާނަށް ވަކި ގޮތަކަށް ލަފާއެރުއްވިކަމެއް، ތިމަންނާގެ ހިލާފަތުގައި އެކަން އެގޮތަށް ނުކުރިނަމަ، ﷲ އަށް ތެދުވެރިވީކަމުގައިވޭތޯއެވެ؟ މިހެން ވިދާޅުވެ އަބޫބަކުރުގެފާނު ފޮނުއްވި ސިޓީފުޅާ އެއް އިބާރާތުން ޚާލިދުގެފާނަށް އަލުން ސިޓީފުޅެއް ފޮނުއްވި އެވެ. މިފަހަރުވެސް ޚާލިދުގެފާނުގެ ޖަވާބަކަށްވީ ހަމަ ކުރީގެ ވެސް ޖަވާބެވެ. އެޔާއެކު އުމަރުގެފާނު ނިންމެވީ ވަރަށް ބޮޑު ނިންމެވުމެކެވެ. ޚާލިދުގެފާނު އިސްކޮމާންޑަރުކަމުން ވަކިކުރެއްވުމުގެ ނިންމެވުމެވެ. އަދި އިސްކޮމާންޑަރުކަމަށް އަބޫ ޢުބައިދާ ބުނުލްޖައްރާޙް އައްޔަންކުރެއްވުމެވެ.
މުސްލިމުންގެ އަސްކަރީ ހަޔާތުގައި ޚާލިދުގެފާނަކީ ކޮންބޭކަލެއްކަން ކުރީ ހަފުތާގެ ލިޔުމުން ސާފުވެވަޑައިގަންނަވާނެއެވެ. އަދި މުސްލިމުންގެ ކާމިޔާބު ކޮމާންޑަރެއްގެ ގޮތުގައި ޚާލިދުގެފާނަށް ލިބިފައި އޮންނާނެ ބޮޑު ލޯތްބާއި އިންތިހާ ނުފޫޒުވެރިކަމަކީ ފަސޭހައިން ސިފަކޮށްދެވޭނެ ކަމެއް ނޫނެވެ. ވުމާއެކު މިއީ އިސްލާމީ ތާރީހުގެ އަސްކަރީ ސަފުހާތަކުން ފާހަގަވާނެ އެންމެ ބޮޑު އެއް ނިންމުމެވެ.
ޚާލިދުގެފާނު މަގާމުން ވަކިކުރެއްވުމަށްފަހު އުމަރުގެފާނު ދެން އިޚްތިޔާރުކުރެއްވި މާތް ސަހާބީ އަބޫޢުބައިދާއާ ބެހޭގޮތުން އަޅުގަނޑު އަދި އެހެން ލިޔުމެއްގައި އަލިއަޅުވާލާނަމެވެ. ކޮންމެއަކަސް ޚާލިދުގެފާނު މަގާމުން ވަކުކުރެއްވުމުގެ ފަތްކޮޅު ލިބިވަޑައިގަތުމާއެކު ޚާލިދުގެފާނު އެއްވެސް ފަސްޖެހުމަކާއި ލަސްކުރުމަކާއި ވެސް ނުލައި ހަލީފާގެ ނިންމެވުން ގަބޫލުފުޅުކުރެއްވި އެވެ. އަދި އަބޫޢުބައިދާގެ ލީޑަރޝިޕްގެ ދަށުގައި ހީވާގިކަމާއި އިހްލާސްތެރިކަމާއެކު ހުންނެވިއެވެ. އޭގެ ނަތީޖާއަކަށްވެގެންދިޔައީ ޤިންނަސްރިން ފަތަހަވުމާއެކު އެތަނުގެ އަމީރެއްގެ ގޮތުގައި ޚާލިދުގެފާނު އައްޔަންކުރުމަށް އަބޫޢުބައިދާ ނިންމެވުމެވެ. އެއީ މިހާރުގެ ސޫރިޔާއަށްވާ ސަރަހައްދުގައި އޮތް ސަހަރެކެވެ. އަދި އެއަށްފަހު ހަލީފާއަށް ލިޔުއްވިއެވެ. ތިމަންނާ ޚާލިދުގެފާނު އެތަނުގެ އަމީރެއްގެ ގޮތުގައި ވެރިކޮށްފީމެވެ. އެހެނީ އެތަން ފަތަހަކުރުމުގައި ޚާލިދުގެފާނު ވަރަށް ގިނަ ދަތި އުނދަގޫތައް އުފުލިއެވެ.
އަބޫޢުބައިދާގެ މި ފަތްކޮޅު ލިބުމާއެކީ އުމަރުގެފާނުގެ މަޝްހޫރު ބަސްފުޅު ވިދާޅުވިއެވެ. ޚާލިދު އަމިއްލައަށް އަމީރުކަން ލިބިގެންފިއެވެ. މާތް ﷲ އަބޫބަކުރުގެފާނަށް ރަހުމަތްލައްވާށިއެވެ! "މީހުންނަކީ" ކޮބައިކަން ދަތުމުގައި އަހަރެންނަށްވުރެ އެނގުމާއި ދަތުން ބޮޑީ އެކަލޭގެފާނެވެ.
ދުވަސްތަކެއް ފަހެވެ. ޤިންނަސްރިންގެ އަމީރުކަމުގައި ޚާލިދުގެފާނު ހުންނަވައި، ކައިރި ސަރަހައްދުތަކުގައި ތިއްބެވި ރޯމަނުންގެ ބާރުހިނގާ އަވަށްތަކާ ގުޅުން ގޯސްވެ ހަނގުރާމަކުރާންޖެހޭ ހިސާބަށް ދިއުމުން، ޢިޔާޟް ބިން ޣަނަމްއާއި ދެބޭކަލުން ގުޅިވަޑައިގެން ރޯމަނުންނާ ފެއްޓެވި ހަނގުރާމައިގައި، ރޯމަނުން ބަލިވެ، ގިނަ އަދަދެއްގެ ގަނީމާ މުދާ މުސްލިމުންނަށް ލިބިގެންދިޔަ އެވެ. ހަމަ އެދަނޑިވަޅު ޚާލިދުގެފާނުގެ ހެވަތަށް އަދައިގެން އައި މީސްތަކުންގެ ތެރެއިން މާތް ސަޙާބީ އަލްޢަޝްޢަޘް ބިން ޤައިސްގެ އެދިވަޑައިގަތުމަކަށް އޭނާއަށް ދިހަހާހުގެ ހަދިޔާއެއް ދެއްވައިފި އެވެ. މިހަބަރު އުމަރުގެފާނަށް ލިބިވަޑައިގަތުމާއެކު، ޚާލިދުގެފާނު އަސްކަރީ އެންމެހާ ކަމަކުން ދުރުކުރުމަށްފަހު، ޚާލިދުގެފާނުގެ މައްޗަށް ތަހްގީގު ހިންގުމަށް އިސްކޮމާންޑަރު އަބޫޢުބައިދާއަށް އުމަރުގެފާނު އަންގަވައިފިއެވެ.
މައްސަލަ ތަހުގީގުކުރީ ޚަލީފާގެ ދަރުބާރުން ފޮނުއްވި އޮފިސަރެވެ. އަބޫޢުބައިދާގެ ހާޒިރުގައެވެ. މައްސަލަ ނިމުނީ، ގަނީމާ މުދަލުގައި ނުހައްގުން ޚާލިދުގެފާނު ޖެހިވަޑައި ނުގަންނަވާކަން ސާފުވެ، ޚާލިދުގެފާނު ބަރީއަވެވަޑައިގެންނެވެ. ނަމަވެސް ޚަލީފާގެ އެންގެވުމުގައި ޚާލިދުގެފާނު މަދީނާއަށް ފޮނުއްވުމަށް އަންގަވާފައިވާތީ، ޚާލިދުގެފާނަށް ޖެހިވަޑައިގަތީ ޝާމްކަރަ ދޫކުރައްވާށެވެ! މިކަމާ ހިތާމަފުޅުކުރައްވައި ޚާލިދުގެފާނު ވިދާޅުވިކަމަށްވެއެވެ. "އަމީރުލްމުއުމިނީން ޝާމްކަރައިގައި އަހަރެންގެ ބޭނުންހިފައިފި އެވެ. އަދި އެތަން ބަޓަރާއި މާމުޔަށް ވުމުން އަހަރެން ވަކިކޮށްލީ އެވެ." މިއަޑު އަހާފައި މީހަކު ބުންޏެވެ. އޭ އަމީރެވެ! ކެތްތެރިވާށެވެ! ހަމަކަށަވަރުން އެއީ ފިތުނަވެރިކަމެވެ. ޚާލިދުގެފާނު އެޔަށް ޖަވާބުދެއްވާ ވިދާޅުވިއެވެ. ދަންނައެވެ! ޚައްތާބުގެ ދަރި އުމަރު ހުންނެވީ ދިރިއެވެ. ފިތުނައަކަށް ޖާގައެއް ނެތެވެ. ޚާލިދުގެފާނުގެ މިބަސްފުޅުން ހަލީފާއާމެދު ޒާތީ ރުޅިވެރިކަމެއް ނެތްކަން ވަރަށް ސާފެވެ.
ޚާލިދުގެފާނު މަދީނާއަށް ވަޑައިގެން އުމަރުގެފާނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ. "ކަލޭގެފާނާމެދު މުސްލިމުންނަށް އަހަރެން ޝަކުވާ ހުށަހަޅަމެވެ. ހަމަޔަގީން ކަލޭގެފާނު އަހަރެންގެ ކަންތަކުގައި ރަނގަޅަށް ބައްލަވާފައި ނުވެ އެވެ." އެހިނދު އުމަރުގެފާނު ވިދާޅުވިއެވެ. މިފެންނަ މުއްސަނދިކަމަކީ ކޮބާތޯ އެވެ؟ ޚާލިދުގެފާނު ވިދާޅުވި އެވެ. ހަނގުރާމައިގެ ފަސްދޮޅަސްހާހަށްވުރެ އިތުރުވާ ބައި ނަންގަވާށެވެ! އުމަރުގެފާނު ބެއްލެވިއިރު އިތުރުވަނީ ވިހިހާހެވެ. އެބައި ނަންގަވައި ބައިތުލްމާލަށް ލެއްވި އެވެ.
ފަހަރެއްގައި މީހަކު ސުވާލުކޮށްފާނެ އެވެ. ޚާލިދުގެފާނަށް އެހާ ބައިވަރު ލިބިވަޑައިގަތް ގޮތަކާމެދުގަ އެވެ. ހަނގުރާމަތަކުގެ ގަނީމާ މުދަލާއި ހަނގުރާމަތަކުން އެކި ގޮތްގޮތުން މުސްލިމުންނަށް ލިބޭ ތަކެތި ބެހުމުގައި ޝަރުޢީ އުސޫލުތަކެއްވެއެވެ. ޚާލިދުގެފާނަކީ އެތައް ގިނަ ހަނގުރާމަކުރެއްވި ބޭކަލަކަށްވެފައި ފަސްދޮޅަސް ހާހަކީ އެކިގޮތްގޮތުން އެކަލޭގެފާނަށް ހައްގުވެގެންވީ މިންވަރެވެ.
މިކަން މިހެން ހިނގުމަށްފަހު އުމަރުގެފާނު ވިދާޅުވިއެވެ. އޭ ޚާލިދެވެ! ހަމަކަށަވަރުން ކަލޭގެފާނަކީ އަހަރެންނަށް ނުހަނު ހެޔޮ ލޮބުވެތި ބޭކަލެކެވެ. މިއަދަށްފަހު އަހަރެންނަށް ފާޑުކިޔާ ބަސްނުބުނާށެވެ! އެއަށްފަހު އުމަރުގެފާނު އެންމެހާ ސަރަހައްދުތަކެއްގައި ތިއްބެވި އަމީރުންނަށާއި ރައްޔިތުންނަށް އެންގެވިއެވެ.
"ތިމަންނާ ޚާލިދު މަގާމުން ވަކުކުރީ ރުޅިވެރިކަމަކުން ނޫނެވެ. އަދި ހިޔާނާތެއް ވެގެންނެއް ވެސް ނޫނެވެ. އެކަމަކު މީސްތަކުން އެކަލޭގެފާނާމެދު ފިތުނަވެރިވެގެންނެވެ. އެހެންކަމުން (ނަސްރު ލިބެނީ ޚާލިދުގެ ސަބަބުން ކަމަށް އާންމުނަށް ގަބޫލުކުރެވި) މީސްތަކުން އެގޮތުގެ މައްޗަށް ބަރޯސާވާން ފަށާފާނެތީ އެވެ. އެހެންވީމާ އަހަރެން ބޭނުންވީ އެންމެންނަށް އެނގޭށެވެ! ނަސްރު ދެއްވަނީ ﷲ އެވެ."
މިލިޔުން އަޅުގަނޑު ނިންމާލަން ގަސްދުކުރަނީ ވެރިންނާ ހިޔާލު ތަފާތުވާ ހިނދު އެހެން ލީޑަރުންނަށް ޚާލިދުގެފާނު ދޫކުރެއްވި ނަމޫނާ ހުރި ސަފުހާތަކުން ބަޔަކާއެކުގައެވެ. ވިދާޅުވާށެވެ! އިސްވެ ބަޔާންކުރި ފަދައިން ޚާލިދުގެފާނު އިސްކޮމާންޑަރުކަމުން ވަކިކުރެވި އަބޫޢުބައިދާގެ ކޮމާންޑަރުކަމުގެ ދަށުގައި ހުންނަވަނިކޮށް، ޚާލިދުގެފާނު ޤިންނަސްރިންއަށް ފޮނުއްވުމަށް އަބޫޢުބައިދާ ޚާލިދުގެފާނަށް ވިދާޅުވި އިބާރާތުގައި، ތިމަންނާ ކަލޭގެފާނު ދެކެ ލަދުފުޅުގެންވަޑައިގަންނަވާކަމަށް ވެސް އަބޫޢުބައިދާ ވިދާޅުވި އެވެ. އެޔަށް ޚާލިދުގެފާނު ދެއްވި ޖަވާބަކީ މުހިންމު ފިލާވަޅެކެވެ. ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ. އަހުރެންގެ މައްޗަށް ޅަކުއްޖަކު ވެރިކުރެވުނުކަމަށްވިޔަސް އަހަރެން އެމީހަކަށް ކިޔަމަންތެރިވާނަމެވެ. ވީއިރު ކަލޭގެފާނުގެ އަމުރަށް ނުކިޔަމަންތެރިވާންވީ ސަބަބަކީ ކޮބާތޯއެވެ؟ ހަމަކަށަވަރުން އަހަރެންނަށްވުރެ ކުރިން އިސްލާމްވީ ކަލޭގެފާނެވެ! މާތް ނަބިއްޔާ ކަލޭގެފާނަށް ނަންދެއްވީ އަމާނާތްތެރިޔާގެ ގޮތުގައިމެއެވެ." ލީޑަރުން އެހެން ލީޑަރުންގެ ދަށުގައި ތިބޭއިރު، އަނެކާގެ ހުރި އުނިކަމަށް ނުބަލައި، މޮޅުކަމެއް ހުރިނަމަ އެކަމަކަށް ބެލުމުގެ ފިލާވަޅެކެވެ.
ޚާލިދުގެފާނު މަރުގެ ދާންމަތިކޮޅުގައި އޮންނަވަނިކޮށް، މާތް ސަހާބީ އަބުއްދަރުދާއު ޚާލިދުގެފާނަށް ޒިޔާރަތެއް ކުރެއްވި އެވެ. ޚާލިދުގެފާނު ވިދާޅުވި އެވެ. އުމަރުގެފާނު އަވަހާރަވެއްޖެނަމަ ކަލޭގެފާނު ނުރުހޭ އެތައް ކަމެއް ފެންނާނެ އެވެ. މިހެން ވިދާޅުވުމުން އަބުއްދަރުދާއު ތިމަންނާއަށްވެސް ތިޔަހެން ވިސްނޭކަމުގައި ވިދާޅުވުމުން ޚާލިދުގެފާނު އިތުރަށް ވިދާޅުވި އެވެ. މީގެ ކުރިން އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ ކަންތައްތަކެއް އުމަރުގެފާނުގެ ކިބައިން ފާހަގަކުރެވުނެވެ. އެކަމަކު އަހަރެން މިބަލިވި ފަހުން ރަނގަޅަށް ވިސްނާ ބެލިއިރު، އަހަންނަށް ޔަގީންވީ އުމަރުގެފާނުގެ އެ ކޮންމެ ނިންމެވުމެއް ނިންމަވާފައިވަނީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެންކަމެވެ. އަހަރެންގެ މުދާ ހިސާބުކުރުމަށް މީހަކު ފޮނުވީމާ އަހަރެން އެކަމާ ހިތްހަމަ ނުޖެހުނެވެ. އެކަމަކު އެއީ އުމަރުގެފާނު އަހަންނާމެދު އެކަނި ކަންތައް ކުރި ގޮތަކީ އެއް ނޫނެވެ. އަހަރެން ފިޔަވައި، އިސްވެ ދިޔަ މީހުންނާއި އަދި ބަދުރު ހަނގުރާމައިގައި ބައިވެރިވި ސަހާބީންނާމެދު ވެސް އުމަރުގެފާނު އެފަދައިން ކަންތައްކުރެއްވިއެވެ. އުމަރުގެފާނު އަހަންނާމެދު ހަރުކަށިވި އެވެ. އެކަމަކު ހަމަ އެފަދައިން އަހަރެން ފިޔަވައި އެހެން މީހުންނާމެދު ވެސް އެ ހަރުކަށިކަން ގެންގުޅުނެވެ. އެހެންވެ އަހަރެން އޭނާ އާއި އަހަރެންނާ އޮތް ތިމާގެކަން ވެސް ހަނދާންކޮށްދެމެވެ. އެކަމަކު އަހަރެންނަށް ފެނުނީ، ﷲ އަށްޓަކައި އުމަރުގެފާނު، ތިމާގެ މީހަކަށް، މަލާމާތްކުރާ މީހާގެ މަލާމާތަކަށް ވެސް ފަރުވާލެއް ނުބެހެއްޓެވި ތަނެވެ. އެހެންވެ އުމަރުގެފާނާމެދު ހިތުގައި އޮތް ނުތަނަވަސްކަން ފިލައި ގޮސްފި އެވެ.
ތައުރީފު އޮއްސާންވީ، މުސްލިމުންގެ ދެވަނަ ޚަލީފާގެ ވެރިކަމުގެ ވައްޓަފާޅީގެ ކީރިތިކަމާއި މޫރިތި ނަޒާހާތްތެރިކަމުގެ މައްޗަށްތޯ ނުވަތަ ދެބަސްވެ ޚިޔާލު ތަފާތުވާ ވަގުތުގައި، ނުފޫޒުގަދަ ކޮމާންޑަރެއްގެ މަގާމުން އާދައިގެ ރައްޔިތަކަށް ބަދަލުވި ވަގުތު، ބާރުވެރިކަން އަތުންބީވި ހިނދު ޚާލިދުގެފާނު ދެއްކެވި ނަމޫނާއާއި ހިތްތިރިކަމާއި ރުޅިވެރިކަމެއް ނެތް އިހްލާސްތެރިކަމުގެ މައްޗަށްތޯ މިއީ ހިތަށް ޖަވާބުދޭން ދަތި ކިއެއްތަ ނުދެވޭނެ ސުވާލެކެވެ.
Comment