އުންމަތުގެ އަމާނާތްތެރިޔާގެ ހަޔާތުގެ އުސްއަލިތައް

އުންމަތުގެ އަމާނާތްތެރިޔާގެ ހަޔާތުގެ އުސްއަލިތައް

ޝާމްކަރައިގެ އިސްކޮމާންޑަރުކަމުން، ޚާލިދުގެފާނު ވަކިކުރައްވާފައިވައި، އިސްކޮމާންޑަރުކަން އަބޫޢުބައިދާ ޢާމިރު ބުނުލްޖައްރާޙްއާ ހަވާލުކުރެވުނު ވާހަކަ ކުރީ ދުވަހުގެ ލިޔުމުގައި ވާނީ ދަންނަވާފަ އެވެ. އެޔާއެކު ކަންތައް ވެގެންދިޔަ ގޮތުގައި އަބޫ ޢުބައިދާއާއި ޚާލިދުގެފާނާ ދެމެދު އެއްވެސް ކަހަލަ ނުތަނަވަސްކަމެއް ނެތި އިންތިހާ ދަރަޖައިގެ އެކުވެރިކަމުގެ ނަމޫނާއެއް ފެނިގެންދިޔަ ދިއުމުގައިވާ ސިއްރަކީ ކޮބާބާވަ އެވެ؟ އަދި އުމަރުގެފާނުން އެ އިހުތިޔާރުކުރެއްވުން އެގޮތަށް އައުމުގައި ފޮރުވިފައިވާ ސަބަބެއް ވޭބާވަ އެވެ؟ މިސުވާލުތަކުގެ ޖަވާބުދެވޭތޯ އަޅުގަނޑު މަސައްކަތްކުރާނީ އަބޫ ޢުބައިދާ ޢާމިރު ބުނުލްޖައްރާޙްއާ ބެހޭ ގޮތުން އައިސްފައިވާ ބައެއް ނަބަވީ އަދި ޞަޙާބީންގެ ބަސްފުޅުތަކުގެ އިތުރުން ބައެއް ހާދިސާތަކުގެ މައްޗަށެވެ.

ކުރީ ދުވަހުގެ ލިޔުން ވިދާޅުވި ކޮންމެ ބޭފުޅަކަށް އެނގިވަޑައިގަންނަވާނެ ފަދައިން އުންމަތުގެ ދެވަނަ ޚަލީފާ އުމަރުގެފާނާއި، އަސްކަރީގޮތުން އުންމަތުގައި އެފަދަ ދެވަނައެއް ނެތް ކޮމާންޑަރު ޚާލިދުގެފާނާ ދެމެދު ބޮޑު ހިޔާލުތަފާތުވުންތަކެއް ހިނގާފައިވެ އެވެ. އަދި އެވަގުތުގައި އެދެބޭކަލުންނާ އެންމެ ކައިރިން މަސައްކަތް ކުރެއްވި އެކުވެރިޔެއްގެ ގޮތުގައި އަދި ލީޑަރެއްގެ ގޮތުގައި، އަބޫ ޢުބައިދާ އިހުތިޔާރުކުރެއްވީ، އެދެމެދު ފިނިކުރެއްވުމުގައި އާދަޔާ ހިލާފު ގޮތްތަކެކެވެ. އިސްކޮމާންޑަރުކަމުން ވަކިކުރެވި، އާދައިގެ ލަޝްކަރީއެއްގެ ގޮތުގައި ޚާލިދުގެފާނު ހުންނަވަނިކޮށް ޚާލިގެފާނާ މިޝަން އެއް ހަވާލުކުރެއްވުމުގައި އަބޫޢުބައިދާ އިހުތިޔާރުކުރެއްވި ބަސްމަގަކީ ވެސް އެފަދަ ހިކުމަތްތެރި އުސްލޫބެކެވެ. ކޮމާންޑަރެއްގެ އޯޑަރެއްގެ އުސްލޫބު ދޫކުރައްވާފައި، އަބޫޢުބައިދާ ފެއްޓެވީ، "ތިމަންނާ ކަލޭގެފާނުގެ ކިބައިން ލަދުފުޅުވެސް ވަޑައިގަންނަވަމޭ" ވިދާޅުވެ މިމޭރުމުންނެވެ. ޚާލިދުގެފާނުގެ ފުރިހަމަ ޖަވާބު ލިބިވަޑައިގަތުމުގައި މިހިކުމަތްތެރިކަން ދައުރެއް އަދާކޮށްފައިވާކަން އެނގޭ ގޮތަކީ، އުންމަތުގެ ދެ ޚަލީފާއިންގެ ސިޓީފުޅުގައި އޮތް އިބާރާތާއި އެސިޓީފުޅުތަކަށް ޚާލިދުގެފާނު ދެއްވި ޖަވާބު އެނގޭތީ އެވެ. އެވާހަކަތައް ކުރީ ދުވަހުގެ ލިޔުމުގައި ތަފުސީލުވެފައިވާނެ އެވެ.

އަދި ދެންނެވުނު މިޝަން ކާމިޔާބުވުމުން އެސަރަހައްދަށް އަމީރެއްގެ ގޮތުގައި ޚާލިދުގެފާނު ކަނޑައެޅުއްވުމުގެ ލަފާފުޅަކަށް ނާއްސަވައި، އަބޫޢުބައިދާ ޢުމަރުގެފާނަށް ލިޔުއްވީ، އެސަރަހައްދު ފަތަހަކުރުމުގައި ޚާލިދުގެފާނު އަދާކޮށްދެއްވި ޚިދުމަތްތަކަށްޓަކައި އަމީރުކަން ދެއްވިކަމުގެ ޚަބަރެވެ. އަބޫޢުބައިދާގެ އެ ނިންމެވުމަށް ޢުމަރުގެފާނު ދެކޮޅު ނަހައްދަވާނެކަން އެހާ ޔަގީންކަމާއެކު އެނގިވަޑައިގަންނެވިކަން އެއީ، އަބޫ ޢުބައިދާއަށް ޢުމަރުގެފާނުގެ ޝަޚްސިއްޔަތު ދެނެގަނެވިފައިވާލެއް ފުރިހަމަކަމުގެ މައްޗަށް ދަލާލަތުކުރާ ކަމެކެވެ. އެހެންނާ ޚާލިދުގެފާނު އިސްކޮމާންޑަރުކަމުން ވަކިކުރެވުނުތާ އޭރު އަދި މާގިނަ ދުވަސްތަކެއް ނުވެ އެވެ.

Advertisement

ހޫނު ދަނޑިވަޅުތައް ފިނިކުރެއްވުމުގައި އަބޫޢުބައިދާ ވަނީ އޭގެ މާކުރިޔަށް މާތް ނަބިއްޔާގެ ޙަޔާތްޕުޅުގައި މިސާލުދައްކަވާފަ އެވެ. ހިޖުރައިން އަށްވަނަ އަހަރު މާތް ޞަޙާބީ ޢަމްރޫ ބުނުލްޢާޞްގެ ކޮމާންޑަރުކަމުގެ ދަށުގައި ލަޝްކަރެއް ތައްޔާރުކުރައްވައި ހަނގުރާމައަކަށް މާތް ނަބިއްޔާ ފޮނުއްވި އެވެ. މިލަޝްކަރަށް އަދާވާތްތެރިންގެ ލަޝްކަރު ފެނި އެލަޝްކަރުގެ އަދަދުގެ ގިނަކަން ހާމަވީހިނދު، އިތުރު މަދަދަށް އެދި މާތް ނަބިއްޔާގެ އަރިހަށް މެސެޖެއް ފޮނުއްވި އެވެ. އެހިނދު މާތް ނަބިއްޔާ މަދަދަށް ތައްޔާރުކުރައްވައި ފޮނުއްވި ލަޝްކަރުގެ ކޮމާންޑަރުކަން ދެއްވީ އަބޫޢުބައިދާއަށެވެ. އަބޫޢުބައިދާއަށް މިލަޝްކަރުގެ ކޮމާންޑަރުކަން ނަބިއްޔާ ދެއްވިއިރު، އެލަޝްކަރުގައި ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނާއި ދެވަނަ ޚަލީފާ އުމަރުގެފާނުވެސް ހިމެނިވަޑައިގަންނަވަ އެވެ. ކޮންމެއަކަސް ޢަމްރޫ ބުނުލްޢާޞްގެ ލަޝްކަރާ އަބޫޢުބައިދާގެ ލަޝްކަރު ބައްދަލުވުމުން ދެ ލަޝްކަރު އެއްކޮށް އެއް އަމީރަކު ހުރުން މުހިންމުކަމުގައި ވެއްޖެ އެވެ. އެހިނދު ޢަމްރޫ ބުނުލްޢާޞް ވިދާޅުވިއެވެ. ތިޔަބައިމީހުން އެންމެންގެ ކޮމާންޑަރަކީ ތިމަންނާ އެވެ. އެހެނީ މާތް ނަބިއްޔާ ފޮނުއްވި ލަޝްކަރަކީ ތިމަންގެ ވެރިކަމުގައި ފޮނުއްވި ލަޝްކަރެވެ. ފަހުން އައި ލަޝްކަރަކީ އެހީއަށް ފޮނުއްވި ލަޝްކަރެކެވެ. މިއަޑުއައްސަވާފައި އިސްކޮށް ތިއްބެވި ބޭކަލުން މިކަމާ ދެބަސްވެ ހިޔާލު ތަފާތުވެއްޖެއެވެ. އެހިނދު އަބޫޢުބައިދާ ވިދާޅުވިއެވެ. އޭ ޢަމްރޫއެވެ. ރަސޫލުﷲ ގެފާނު ތިމަންނާއަށް ހަދީސް ކުރެއްވީ، "ތިބާގެ އެކުވެރިޔާއާ ބައްދަލުވެއްޖެނަމަ، ދެބޭކަލުން އެއްބައިވާށެވެ!" އެހެންވީމާ ދަންނާށެވެ! ކަލޭގެފާނުން އަހުރެންނާ ދެބަސްވެއްޖެނަމަ އަހަރެން ކަލޭގެފާނަށް ކިޔަމަންތެރިވާނަމެވެ.

މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. ކޮންމެ އުންމަތަކަށް ވެސް އަމާނާތްތެރިއަކުވެ އެވެ. މިއުންމަތުގެ އަމާނާތްތެރިޔާއަކީ އަބޫޢުބައިދާގެފާނެވެ. ދެން ވިދާޅުވާށެވެ. އުމަރުގެފާނުގެ ހިލާފަތުގައި އަބޫޢުބައިދާއަކީ ޝާމްކަރައިގެ އިސްކޮމާންޑަރު ނޫންތޯ އެވެ. ޚާލިދުގެފާނުގެ މަރުބަލީގެ ދާންމަތިކޮޅުގައި ވިދާޅުވި ފަދައިން، ދަށުގައި ތިއްބަވައި ވެރިން އުޅޭނޫޅޭ ގޮތް ބައްލަވައި ހަދާނަހަދާ އޮޅުންފިލުވުމަކީ އުމަރުގެފާނު އިސްތިސްނާއެއް ގެންގުޅުއްވި ކަމެއް ނޫނެވެ. ޝާމްކަރައިގައި އަބޫޢުބައިދާ ހަނގުރާމައެއްގައި ހުންނަވަނިކޮށް، އެކަން ހިނގާ ނުހިނގާ ގޮތް އަމިއްލަފުޅަށް ބެއްލެވުމުގެ ބޭނުންފުޅުގައި އުމަރުގެފާނުން ވަޑައިގެންނެވި އެވެ. ކޮންމެއަކަސް ފަރިއްކުޅުއްވައި ވަގުތު ޖެހުމުން އަބޫޢުބައިދާ އުމަރުގެފާނަށް ދެންނެވި އެވެ. ކަލޭގެފާނަށް ގެނެސްދެއްވަންވީ އާދައިގެ ލަޝްކަރީންގެ ފަރިއްކޮޅުތޯ އެވެ. ނުވަތަ އިސްކޮމާންޑަރުގެ ފަރިއްކޮޅުތޯ އެވެ. އުމަރުގެފާނު ވިދާޅުވި އެވެ. އާދައިގެ ލަޝްކަރީންގެ ފަރިއްކޮޅެވެ. ކޮންމެއަކަސް ލަޝްކަރީންގެ ސުފުރާކޮޅު ގެނެވުނުއިރު، މިއީ ހެޔޮވަރުގެ ރަނގަޅު ބާވަތްތައް ހިމެނޭ ފަރިއްކޮޅެކެވެ. މިމަންޒަރު ފެނިފައި އިސްކޮމާންޑަރުންގެ ސުފުރާ ދައްކަވާލެއްވުމަށް އުމަރުގެފާނު އެދިވަޑައިގަތެވެ. އެހިނދު އުމަރުގެފާނަށް އެރުވުނީ، ހިކިފައިވާ ރޮށިފަޅިތަކަކާއި ކިރުތަށްޓެކެވެ. ދެން އުމަރުގެފާނު ވިދާޅުވި އެވެ. ކަލޭގެފާނަކީ މިއުންމަތުގެ އަމާނާތްތެރިޔާކަމަށް ހަދީސް ކުރެއްވި މާތް ނަބިއްޔާގެ ބަސްފުޅުގެ ތެދުވެރިކަމާ އެވެ.

އިބުނު ޙަޖަރު ވިދާޅުވެފައިވާފަދައިން ޝާމްކަރައިގެ ގިނަ ހިސާބުތައް ފަތަހަވީ އަބޫޢުބައިދާގެ އަތްޕުޅުމައްޗަށެވެ. މިކަމުގައި ޚާލިދުގެފާނުގެ ދައުރަކީ ކޮބައިކަން ކުރީ ދުވަހުގެ ލިޔުމުގައި ބަޔާންކުރެވިފައިވާނެ އެވެ. ޝާމްކަރައިގެ އިސްކޮމާންޑަރުގެ ގޮތުގައި އަބޫޢުބައިދާ ހުންނަވަނިކޮށް، އެކަލޭގެފާނު ހުންނެވި ހިސާބުގައި ތާޢޫން ބަލި ފެތުރިގެންދިޔަ އެވެ. އަދި އެބަލީގައި އަބޫޢުބައިދާ އަވަހާރަވީ އުމުރުފުޅުން ފަންސާސް އަށްއަހަރުގައެވެ. އެޔާއެކު ޝާމްކަރައިގެ އިސްކޮމާންޑަރުގެ ގޮތުގައި ގަވަރުނަރުކަމަށް މުޢާވިޔާގެފާނު އައްޔަންކުރެއްވީ އުމަރުގެފާނެވެ. "ޝާމްގެ ގަވަރުނަރު މުޢާވިޔާގެފާނު" މިލިޔުމުގައި އެވާހަކަ ބަޔާންކުރެވިފައިވާނެ އެވެ.

އަބޫޢުބައިދާއަކީ ޢަސްކަރީ ކޮމާންޑަރެއްގެ އިތުރުން ޙިކުމަތްތެރި ލީޑަރެކެވެ. މުޅި އުންމަތް ލީޑްކުރެއްވުމުގެ ޤާބިލުކަމާއި ތަޖުރިބާ ހުރި ބޭކަލެކެވެ. އަބޫޢުބައިދާ ދުނިޔޭގައި ހުންނެވި ނަމަ ތިޔަބައިމީހުންގެ މައްޗަށް ތިމަންނާއަށް ފަހު ޚަލީފާއެއްގެ ގޮތުގައި އަބޫ ޢުބައިދާ ކަނޑައަޅުއްވާނެކަމަށް ޢުމަރުގެފާނު ވިދާޅުވެފައިވެ އެވެ. ނަބިއްޔާއަށްފަހު، އުފެދިގެން އައި އިސްލާމީ ދައުލަތުގެ ފެށުމުގައި އަބޫޢުބައިދާގެ ސިޔާސީ ދައުރު ބޮޑެވެ. އަބޫޢުބައިދާއަކީ އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރުމަށް ސަގީފުގައި ބޭއްވުނު ބައްދަލުވުމަށް ވެސް ހާޒިރުވެވަޑައިގެންނެވި ނުފޫޒުގަދަ ޝަޚްސިއްޔަތެކެވެ. އަދި ޚަލީފާއެއްގެ ގޮތުގައި ކަނޑައެޅުމަށް އަބޫބަކުރުގެފާނު އެމަޖިލީހަށް ހުށަހެޅުއްވި ދެ ނަމުގެ ތެރެއިން އެއް ނަންފުޅުވެސްމެ އެވެ.

މާތް ޞަޙާބީ އަބޫ ޢުބައިދާއަކީ ހަނގުރާމައިގެ ހެވިކަމުގައި ހުނަރުވެރި ފަހުލަވާނެކެވެ. ކޮމާންޑަރެއްގެ ގޮތުގައި ހިންގުތެރި ބޭކަލެކެވެ. ވެރިޔެއްގެ ގޮތުގައި ހިކުމަތްތެރި ބޭކަލެކެވެ. ނަބިއްޔާގެ ދޫފުޅުން ބަޔާންވެފައިވާ މިއުންމަތުގެ އެފަދަ ދެވަނައެއް ނެތް އަމާނާތްތެރިޔާ އެވެ. އިސްލާމީ ޚިލާފަތުގެ ދަރުބާރު ފެށުނީއްސުރެ އެކަލޭގެފާނު އަވަހާރަވުމާ ހަމައަށް ޚިލާފަތުގެ މުހިންމު އެއް ތަނބެވެ. އަބޫބަކުރުގެފާނުގެ ހިލާފަތުގައިވެސް އުމަރުގެފާނުގެ ހިލާފަތުގައިވެސް އެކަން އޮތީ އެމަގަށެވެ. ދައުލަތުގެ ޚަޒާނާއާ ގުޅިގެން އުމަރުގެފާނު އެކިއެކި ލީޑަރުންނާއި ކޮމާންޑަރުންނާ މެދު ގެންގުޅުއްވި ހަރުކަށި އުސޫލުތަކާއެކުވެސް އަބޫޢުބައިދާގެ އަމާނާތްތެރިކަމުގެ ސިފަ އިތުރަށް ފާޅުވެގެން ގޮސްފައިވަނީ މާތް ނަބިއްޔާގެ ބަސްފުޅުގެ މުޢުޖިޒާތް އުންމަތަށް ދައްކައިދެމުންނެވެ. ޝާމްކަރައިގެ ވެރިޔާގެ ގޮތުގައި ހުންނެވިއިރު، އަބޫޢުބައިދާގެ ގެކޮޅާއި ދިރިއުޅުއްވުމުގެ ސާދާކަން ހުރިގޮތް ފެނިވަޑައިގެން އުމަރުގެފާނު ވިދާޅުވިއެވެ. "ދުނިޔެ އަހަރެމެން އެންމެން ބަދަލުކޮށްފިއެވެ. ކަލޭގެފާނު ފިޔަވައެވެ." މާތް ނަބިއްޔާގެ ބަސްފުޅުގެ ތެދުވެރިކަމާ އެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

ދިވެހި ބިމުގެ ނަފާ ލިބެންޖެހޭނީ ހަމައެކަނި ދިވެހި މުސްލިމުންނަށް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެހެން ދީންތަކުގެ މީހުންނާ އެކަހެރިވެގެން އުޅުމަކީ ދީނީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ތަރައްޤީއަށް ބާރުއަޅާ، އެހެން މީހުން އެކަހެރިކުރުމަށް ވަކާލާތުކުރާ ދީނެއް ނޫންކަން ފާހަގަކޮށް، ދިވެހި ތާރީޚުގައިވެސް ބޭރުގެ އެކި ނަސްލުތަކުގެ މީހުން ދިވެހިންގެ ތެރޭގައި އުޅެފައިވާކަން މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

Newsletter

Get the latest news delivered straight to your inbox