Advertisement

ވާހަކަ: ނާކަރަ

15 މާރިޗު 2023 - 09:11 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ވާހަކަ: ނާކަރަ

15 މާރިޗު 2023 - 09:11 0

އަތުގައި އޮތް ޕާރުސަލަށް ބަލައިލުމަށްފަހު ދަރިފުޅުގެ މޫނަށް ބަލައިލީމެވެ. ލުއި ގޮތަކަށް އޭނާ ހިނިތުންވެލި އެވެ. ދެވަނަ ސިކުންތުގައި ދުވެފައި އައިސް އޭނާ އަހަރެންގެ ދެފައިގައި އޮޅުލައިގަތެވެ. ތުއްތުތުއްތު މައުސޫމު އަޑަކުން ޝުކުރިއްޔާއޭ ބުނެލި އެވެ.

އެއީ އަހަންނާ އިހުސާނާގެ ލޯބީގެ މޭވާ އެވެ. ހިތުގެ ދިރުމެވެ. ލޮލަކަސް ބޮލަކަސް ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން އެންމެ ހަތަރު އަހަރެވެ. ނަމަކީ ޔަނާލެވެ. އަހަންނަކީ އާމިލެވެ. ދަރިފުޅުގެ އުފަލަކީ އަހަރެންގެ ބުރަބޮޑު ޒިންމާގެ މޭވާ އެވެ. އޭނާގެ ހިތްހަމަ ޖެހުމަކީ އަހަރުމެންގެ ލޮލުގެ ފިނިކަމެވެ.

"ޔަނާލް، ޓެބް ނަގާނީ މަންމި ބުނީމަ. އަބަދު ޓެބް ކުޅުނީމަ މޮޅު ކުއްޖަކަށް ނުވެވޭނެ. އޭރުން ޕައިލެޓަކަށް ނުވެވޭނެ." ދަރިފުޅުގެ އުފާވެރި މޫނަށް ދޮނެއް ދެމުން ބުނެލީމެވެ.

އެ މަންޒަރު ބަލަން އިހުސާނާ ހުރީ ދަތްތައް އަތަށް ލައިގެންނެވެ. އެއީ އަހަރުމެން ދެމީހުންގެ ބޭނުންވި ގޮތެވެ. ދެ މީހުން ރާވާފައިވާ ގޮތް ވެސް މެއެވެ.

"ބައްޕި އޮންނާނީ ޗާޖު ވެސް ކޮށްފަ. ދެން މަންމި އަތަށްދީ! މަންމި ފޮރުވާނެ." އިހުސާނާގެ ނިތުގެ އިޝާރާތަށް ބަލައިލުމަށް ފަހު އަހަރެން ބުނީމެވެ.

"ތެންކިޔޫ މަންމީ، ބައްޕީ! ޔަންކޮ، ވަރަށް ހެޕީވޭ މަންމިއާއި ބައްޕި ލޯބިވާތީ." އަހަރެންގެ ދެ ކޮނޑުގައި އެލި ގަންނަމުން ޔަނާލް ބުނެލި އެވެ.

އުފާވެރި އެތައް ވާހަކައަކަށްފަހު އެރޭގެ ހަރަކާތްތައް ނިމިގެން ދިޔައީ އެވެ. ނިދަން އޮށޯވެ ތިބެ ވެސް އިހުސާނާއާ އަހަންނަށް ދެއްކުނީ ޔަނާލްގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ އިހުސާސްތަކުގެ ވާހަކަ އެވެ. އޭނާގެ މޫނުމަތީގައި ކުރެހުނު ހިތްހަމަ ޖެހުމުގެ ތަސްވީރުގެ ވާހަކަ އެވެ. ގަޑިއެއްހާ އިރުވީ އިރު ވެސް އެ ވާހަކައަށް ނިމުމެއްނަ އެވެ. އެންމެފަހުން، އަހަރެން އެ ވާހަކަ ހުއްޓުވީ އެވެ. ޖެހިގެން އޮތީ ބުރަ ދުވަހަކަށްވާތީ އެވެ. ހޭބޯ ނާރާ އޮފީހުގައި އުޅެން ޖެހޭނެ ދުވަހަކަށްވާތީ އެވެ. އަވަހަށް ނިދައި އަވަހަށް ނުހޭލައިފިނަމަ މާދަމާގެ ތާވަލު ބަނޑަށް ޖެހިދާނެތީއެވެ.

އެންމެފަހުން ދެމީހުން އެއްގަލަކަށް އަރައި ނިދީގެ ދޮރު ތަންމިނަށް ހުޅުވޭތޯ ބެލީމެވެ. ހިނދުކޮޅެއް ނުވަނީސް އިހުސާނާ އެ ދޮރާށިން ވަދެ އެ ފޮނިފޮނިވާދީގެ މީރުކަން އިހުސާސްކުރާން ފެށި އެވެ. ލޮލަށް ނިދި ސަވާރުވީ އިރުކޮޅެއް ފަހުންނެވެ. ނިދީގެ ބުރަކަށިމައްޗަށް ސަވާރުވީމެވެ. އަތަށް ލަގަން ހެޔޮކޮށްލަމުން ހަމަޖެހިލީމެވެ. އަސްވާރެއް ފަދައިން ނިދިވާރަކަށްވީމެވެ.

ރަނގަޅަށް ނިދައި ނުލެވި އުޅެނިކޮށް މީހަކު ގޮވާހެން ހީވެގެން ލޯ ހުޅުވާލަން ޖެހުނެވެ. ދެ ލޯ އުނގުޅަމުން ހިތްހަމަ ނުޖެހިފައި އޮވެ ބަލައިލީމެވެ. އެއީ އިހުސާނާ އެވެ. ދެވަނަ ސިކުންތުގައި އޭނާ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. މީހާ ތުރުތުރުއަޅާކަން އަހަންނަށް ކުރެވުނެވެ.

އިހުސާނާ އެހައި ބިރުން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ކަމެއް ދިމާވީ ހެއްޔެވެ؟ ބިރުވެރި ހުވަފެނެއް ފެނުނީ ހެއްޔެވެ؟ ހުރިހާ ސުވާލަކަށް އޭނާ ދިނީ ކުރު ޖަވާބެކެވެ. ހަމަ އެންމެ ޖަވާބެކެވެ. ދެ އަކުރުން ފުދޭ ފަދަ ޖަވާބެކެވެ.

ދެން އިހުސާނާ އެހައި ބިރުން އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާ ބިރުގަންނަންވީ ކީއްވެ ހެއްޔެވެ؟

"އަޑެއް!" ބިރު ދެ ލޯ މަރައިގެން އޮވެ އިހުސާނާ ބުނެލި އެވެ.

އަހަރެން ދެ ލޯ ބޮޑު ކޮށްލައިގެން ހިމޭނުން އޮތީމެވެ. އެއްވެސް އަޑެއް ނީވެ އެވެ. ބިރުވެރިކަމެއް ނެތެވެ.

"ތިވާނީ ހުވަފެނެއްކަމަށް. ހޭލެވުނީމަ ހަނދާން ނެތުނީ ކަމަށް." ލޯ މަރައިލެން އޮވެ ފަރުވާ ކުޑަގޮތަކަށް އަހަރެން ބުނެލީމެވެ.

އޭރު ވެސް އިހުސާނާ އޮތީ އަހަރެންގެ ގައިގައި ބައްދައިގެން ދެ ލޯ މަރައިގެންނެވެ. އޭނާގެ ގައިން މަޑުމަޑު ތުރުތުރެއް ދަތުރުކުރަމުން ދިޔަ އެވެ. އެކަން އަހަންނަށް އިހުސާސް ވެސް ކުރެވުނެވެ. އެކަމަކު އެ ވާހަކަ ދައްކައިފި ނަމަ އިހުސާނާ އިތުރަށް ބިރުގަންނާނެތީ ނޭނގޭ ކަމަށް ހެދީމެވެ.

އެހެން އޮއްވާ އަހަންނަށް ނިދުނީ އެވެ. އިހުސާނާއަށް ވީގޮތެއް ނޭނގެ އެވެ. އޭނާ ނިދީކަމެއް ނޫނީ އޮތީ ކަމެއް ޔަގީނެއް ނުވެ އެވެ.

ކުއްލިއަކަށް އަހަރެން މައްޗަށް ހިއްލެން ފެށި އެވެ. ކޮންމެ ވެސް މީހަކު އަހަރެން ހިއްލައިލީ ހެން ހީވެގެން ބޯ އަރިކޮށްލެވޭތޯ ބެލީމެވެ. ތިރި ބަލައިލަން ވެގެންނެވެ. ނަމަވެސް، ބޯއަރިކޮށްލެވޭގޮތެއް ނުވި އެވެ. އެހެނަސް އަހަރެން ބަލަން ބޭނުންވި މަންޒަރު ފެނުނެވެ. އަހަންނަށް ފެނުނީ އެނދުގައި އޮތް އިހުސާނާ އެވެ. އޭނާ އޮތީ ކުރުގެޅިގެން ކަންނޭލަށް އެއްފައި އެއްލައިގެން އަރާމުކޮށް ނިދައިފަ އެވެ. އަހަރެން މައްޗަށް މި ހިއްލަނީ ކާކު ހެއްޔެވެ؟ އެ މީހަކު އަހަންނަށް ނުފެންނަނީ ކީއްވެ ހެއްޔެވެ؟ މައްޗަށް ހިއްލަމުން ހިއްލަމުން ގޮސް ފަންގިފިލާގައި ނޭފަތް ޖެހުނެވެ. ނޭފަތު ކުރީގައި ޝަހާދަތް އިނގިލި ޖެއްސޭތޯ ބެލީމެވެ. ނަމަވެސް އަތް ހަރަކާތެއް ނުކުރި އެވެ. އެކަމަކު ނޭފަތުގައި އިނގިލި ޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ.

އަހަންނަށް ހަރަކާތް ނުކުރެވޭކަން އެކަންޏެވެ. ބޭނުންވާ ހަރަކާތެއް ހިތަށް އެރުވުމުން އެ ހަރަކާތުގެ އިހުސާސް ކުރެވެ އެވެ. އެއްވެސް ގުނަވަނެއް ގުޑުވާކަށް ނުޖެހެ އެވެ. ނުވެސް ގުޑުވެ އެވެ. ޖެހެނީ ހަރަކާތް ހިތަށް އަރުވާލާށެވެ. އޭރުން އެކަމެއް ވާކަމުގެ އިހުސާސް ކުރެވެ އެވެ. އަހަރެންގެ މުޅި ހަށިގަނޑު މި އޮތީ ގަނޑުވެފަ އެވެ. އެއްވެސް ކަމެއް ނުކުރެވެ އެވެ. މިވަނީ ކީއް ހެއްޔެވެ؟ އަހަންނަށް ހަރަކާތް ނުކުރެވިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ މީހަކު އަހަންނަށް ޖެއްސުމެއް ކުރަނީ ހެއްޔެވެ؟

އަނެއްކާ ވެސް އަހަރެން ތިރިވާން ފެށި އެވެ. އެ ހުރިގޮތަށް އޮލަނބަށެވެ. ގައިމަތީގައި އޮތް ރަޖާގަނޑު އޮތް ގޮތަށް އޮތެވެ. ބޯދަށުގައި އޮތް ބާލީސް ވެސް އޮތް ގޮތަށް އޮތެވެ. އެއް ނަޒަރުން އަހަރެން މި އޮންނަނީ އެނދުގަ އެވެ. ބުރަކަށީގައި މީހަކު ހިފައިގެން ހިއްލާނަމަ އެކަން އިހުސާސްވާނެ އެވެ. ނަމަވެސް އެކަހަލަ އިހުސާސެއް ނުކުރެވެ އެވެ.

ތިރިވަމުން ތިރިވަމުން ގޮސް އެނދުގައި ޖެހުނެވެ. އެހައި ހިސާބުން އިހުސާނާގެ ނޭވާ އަހަރެންގެ ނޭފަތަށް އަމާޒުވި އެވެ. މަޑުމަޑުން އެސްފިޔަ ޖަހައިލެވޭތޯ ބެލީމެވެ. ލޯ ހުޅުވޭ ވަރަށްވުރެ ބޮޑަށް އޮތީ ދެ ލޯ ތަތްވެފަ އެވެ. ހީވަނީ އެސްފިޔަތަކުގައި ތެރެހެއް ލެވިފައިވާ ހެންނެވެ. ދެން އަހަންނަށް ކުރިން އެ ފެނުނީ ކޮން ތަނެއް ހެއްޔެވެ؟ އަހަންނަށް ހަގީގަތުގައި ވެސް ތިރި ބަލައިލެވުނު ހެއްޔެވެ؟

އަތް ގުޑުވާ ލެވޭތޯ ބެލީމެވެ. އަތް ވެސް ގުޑުވާ ނުލެވުނެވެ. އިނގިލި ހަރަކާތް ކޮށްލެވޭތޯ ބެލީމެވެ. ކާމިޔާބެއް ނުވި އެވެ. ހަރަކާތެއް ކޮށްލަން ހިތަށް އެރުވީމެވެ. ނަމަވެސް އެ ކަން ވެސް މިފަހަރަކު ނުވި އެވެ. މިހާރު އެއީ ހީއަކަށް ވެސް ބަދަލުވީ އެވެ. ޔަގީނެއް ނޫނެވެ. އެހެންވީއިރު އަހަރެން މައްޗަށް ހިއްލުނު ހެއްޔެވެ؟ ސީލިންގުގައި ނޭފަތް ޖެހުނު ހެއްޔެވެ؟ ނޫނެކެވެ. ޔަގީނެއް ނޫނެވެ. މިހާރު ބިރުގަންނަ ގޮތްވާން ފަށައިފި އެވެ. ހާސްވާން ފަށައިފި އެވެ. އަހަރެން މި އޮންނަނީ ހޭލަ އެވެ. ނަމަވެސް ލޮލެއް ނުހުޅުވެ އެވެ. އަހަންނަށް އިހުސާސް އެބަ ކުރެވެ އެވެ. މޫނަށް އެޅެމުންދާ އިހުސާނާގެ ނޭވާގެ ހޫނުކަން އެބަ ވަޒަންކުރެވެ އެވެ. އޭނާގެ ނިދީގެ މިޔުޒިކީ އަޑު އެބަ އިވެ އެވެ.

އަހަންނަށް މި އޮތީ ކިހިނެއް ވެފައި ހެއްޔެވެ؟ ފިނިބަލި ޖެހުނީ ހެއްޔެވެ؟ ޕެރަލައިޒްވީ ހެއްޔެވެ؟ ނޫނެކެވެ. އެހެން ވެގެން ނުވާނެ އެވެ. އަހަންނަކީ ޒިންމާތަކެއް ބޮލަށް ލައިގެން އުޅޭ އެކަނިވެރި އެކެވެ. އާއިލާގައި ޔާރެއްވާލެއް ނެތް ބޮލެކެވެ. ދިރިއުޅުމަށް ޓަކައި އުމުރު ގުރުބާންކުރަމުންދާ ހިތްވަރުގަދަ މީހެކެވެ. ދަރިއަކާއި އަނތްބަކު ބެލުމަކީ އަހަރެންގެ ޒިންމާއެކެވެ. ވާޖިބެކެވެ. އެއީ އަހަރެން ދުނިޔެ އެވެ. އަހަރެން ނެތް ދުނިޔެ އެއްގައި އެ މީހުންގެ ދުނިޔެ އަހަންކަށް ތަސައްވަރެއް ނުކުރެވެ އެވެ. އެމީހުން މަގުމަތިވެ ހާލުގައި ޖެހޭނެ އެވެ. އަހަންނަކީ ބަލި މީހަކަށް ވެއްޖެނަމަ އަދި މާ ގޯސްވާނެ އެވެ. އިހުސާނާގެ ލޮލުން ކަރުނަ ނުހިކޭނެ އެވެ. ޔަނާލްގެ ހާލު މާ ގޯސްވާނެ އެވެ.

އަހަންނަށް މިހެން ވެގެން ނުވާނެ އެވެ. އަހަރެން ބަލިވެގެން ނުވާނެ އެވެ. ޔަނާލްގެ މުސްތަޤުބަލު ކުރެހީ އަހަރެން ބަލި މީހެއްގެ ގޮތުގައި އުޅެގެން ކާމިޔާބު ކުރެވޭ ގޮތަކަށް ނޫނެވެ. ޝަކުވާތަކުން ހިތް ބިރުގަންނަ ގޮތްވާން ފެށި އެވެ. އެކި ޚިޔާލުތަކުން ފުން އަސަރުތަކެއް ކުރެވެން ފެށި އެވެ. އެކި ފަހަރު އެކި ޚިޔާލު އުތުރި އަރަމުން ދިޔަ އެވެ. ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔަ ކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. ނަމަވެސް އެއްވެސް ވަރަކަށް އެ ކަރުނަތައް ބޭރެއް ނުވި އެވެ. އެކަމުގެ އުނދަގޫ ތަހައްމަލު ކުރާން ޖެހުނެވެ. ލޮލަށް ކަރުނަތައް ގިނަވާހެން ހީވާތީ އެވެ.

ކުއްލިއަކަށް ބިރުވެރި އަޑެއް އިވުނެވެ. ހިމޭން ކަމުގެ ތެރެއިން އެ އަޑު އަހަންނަށް އިވުނީ ބިރުވެރި އިންޒާރެއްގެ ގޮތުގަ އެވެ. ތާޅަފިއްޔެއްގެ އަޑުގެ ސިފައިގަ އެވެ. އަނެއްކާ އެއީ ގިޔާމަތުގެ އަލާމާތެއް ހެއްޔެވެ؟ ނޫނީ ހިތުގެ ރަނގަބީލު އަހަރެންގެ އިހުތިޔާރުން ނެއްޓި ޖެހެން ފެށީ ހެއްޔެވެ؟

(ނުނިމޭ)