31 ޖަނަވަރީ 2023 - 12:02 1
ނިމާ ހަސަން
31 ޖަނަވަރީ 2023 - 12:02 1
މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ހިދުމަތްތައް ބަދަލުކޮށް، ވިޔަފާރި ބަނދަރު ތަރައްގީކުރަން ހިންގާ މަޝްރޫއުގައި ހިމެނޭ ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ދެ ބިލިއަން ރުފިޔާއަށް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްފި އެވެ.
ބޮސްކާލިސްއާ ހަވާލާދީ ބޭރުގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުންފުނިން ވަނީ، ގުޅީފަޅު ބިން ހިއްކުމަށްޓަކައި، ރާއްޖޭގެ ޕްލޭނިން މިނިސްޓްރީއާ އެކު 130 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ)ގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިއީ ގުޅީފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. ގުޅީފަޅު ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކޮށްފައި ވަނީ ގުޅީފަޅުންނެވެ.
ގުޅީފަޅު ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބޮސްކާލިސްއަށް ދެ ބިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ މިދިޔަ ޖޫން މަހު 1.6 ބިލިއަން ރުފިޔާގެ ލޯނެއް ވެސް ނަގާފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި, 1.6 ބިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން ނެގީ ތިން ބޭންކެއް މެދުވެރިކޮށެވެ. އެއީ, އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކް އަދި އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކް މެދުވެރިކޮށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި، ގުޅީފަޅު ހިއްކުމުގެ ޕްރޮޖެކްޓް ފެށީ އައިއެންޖީ ލޯނެއް ހަމަޖެހިގެން ބާކީ ބައި ވެސް ބޮސްކާލިސްއާ އެކު ހިއްކާ ގޮތަށެވެ.
ގުޅީފަޅު ހިއްކުމަށް ފަހު މާލޭ ނޯތު ހާބަރުގައި މިހާރު ހުރި ގުދަންތަކާއި ހޯލްސޭލް ފިހާރަތައް އެތަނަށް ބަދަލުކުރާނެ އެވެ. ގުޅިފަޅަކީ އާންމުކޮށް ހިއްކާ ފަޅުތަކަށް ވުރެ ފުން ފަޅެކެވެ. މިހެންކަމުން މަޝްރޫއަށަށް ހިނގާ ހަރަދު ބޮޑުވުމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކޮށްފައިވެ އެވެ.
ހަމައެހެންމެ ތިމާވެށި ރައްކާތެރިކުރަން ވަކާލާތުކުރާ މީހުންގެ ނުރުހުން ވެސް މި މަޝްރޫއަށް ވަނީ އަމާޒުވެފަ އެވެ.
Comment