Advertisement

ދިގު ވާހަކަ: ކެތްކުރާނަން

12 ޖަނަވަރީ 2023 - 10:18 2

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ކެތްކުރާނަން

12 ޖަނަވަރީ 2023 - 10:18 2

20 ވަނަ ބަޔާ ގުޅޭ

ލަބީބަށް ހުރިހާ ވާހަކައެއް ކިޔައިދޭންވީއޭ ހިތަށް އެރި އެވެ. ކޮންމެ ގޮތެއް ވިޔަސް ކަމެއް ސިއްރުކޮށްގެން އުޅެވޭނީ ވެސް ވަކި މިންވަރަކަށެވެ. ވަކި ދުވަހެއް އަންނަންދެންނެވެ. އެހެން ނޫނަސް މިހާރު އަހަންނަށް ލަބީބުގެ ހިތް ފެނިއްޖެ އެވެ. އޭނާ ބޭނުންވާ ކަންކަން ހިއްސާކޮށްފި އެވެ. ބޭނުންވާ ގޮތް ބުނެދީފި އެވެ. އޭނާއަށް ވެސް ގޯސްތަކެއް ހެދުނު ކަމަށް ޤަބޫލުކޮށްފި އެވެ. އެކަމަށް އަހަރެން މަޢާފު ވެސް ކޮށްފީމެވެ. ދެން އޮތީ އަހަރެން މަޢާފަށް އެދުމެވެ. އަހަންނަށް ހެދުނު ގޯސްތަކާ މެދު ދެރަވެ ކަންބޮޑުވާކަން ހާމަކުރުމެވެ. އެކަން ކުރެވުނީ ކީއްވެކަން ބުނެދިނުމެވެ.

"އޭނ ކީކޭ؟ ކަލޭގެ ހުރި ނުބައި ނުލަފާކަން ނިކަން ދެކިބަލަ. ކަލޭ ތިޔަ ފަލީހަތްކޮށްލީ އަހަރެންގެ މުޅި ނަފުސު. މުޅި ދިރިއުޅުން. ކިހިނެއް މަޢާފުކުރާނީ."

އަހަންނަށް ހީވީ ލަބީބު ރުޅި އައިސް ފުފިގެން އަހަންނާ ދިމާއަށް ވައްވައް ޖަހައިލިހެންނެވެ. އެހެންވެ ހިތްބިރުގަނެ ދެފަޔާއި ދެ އަތް ތުރުތުރު އަޅާންފެށި އެވެ. މީހާ ހިމޭންވެ ނޭވާ އަވަސްވާން ފެށި އެވެ.

"ހާދަ ނެގި މަޑުވީ އަނެއްކާ ކިހިނެއްވީ؟" ލަބީބު ދެފަހަރަކު އެހެން ބުނެލި އެވެ.

އަހަންނަށް އެ އަޑު އިވުނީ އަހަރެންގެ މޫނަށް ދެ އިނގިލިން ޗޮކެއް ކަނޑައިލަމުން ތިންވަނަ ފަހަރަށް އެހެން ބުނެލުމުންނެވެ. އޭގެ ކުރިން ވެސް އޭނާ ތުންފަތްތެޅުވި ކަން އެނގެ އެވެ. ދެއްކީ ކޮން ވާހަކައެއްކަން ސާފު ނުވީ އެވެ.

"އަހަރެން.. އަހަރެން.." އަހަރެންގެ އަޑުގައި ތުރުތުރެއް ދުވެގަތެވެ.

"ބުނޭ! ކިޔައިދީ!" ލަބީބު ހިފައިލީ އަހަރެންގެ އަތުގަ އެވެ.

އަހަންނަށް ބަލައިލެވުނީ ލަބީބުގެ ދެ ލޮލަށެވެ. އޭނާއާ ހަތަރުކަޅި ހަމަވީ އެވަގުތު އެވެ. އެ ދެ ލޮލުން އަހަންނަށް ފެންނަނީ މުޅީން ތަފާތު މަންޒަރެކެވެ. މުޅީން ތަފާތު ކުލަ އެކެވެ.

"ރިޔާޒަށް ކިހިނެއް ހަދަނީ؟" އަހަންނަށް ފެށުނީ އެހެން ވާހަކައެކެވެ.

"ހަލާލު ފިރިމީހާ ހުއްޓާ ހިލޭ ފިރިހެނަކާ އެކު މި ފަދަ ގުޅުން ހިންގާ އަންހެނަކާއެކު އޭނާ އުޅެން ބޭނުންވާނެތަ؟ ނުވާނެ އޭނާއަކީ ކަލޭ ކަހަލަ ތުންފުއްސެއް ނޫނޭ."

އަހަރެންގެ ކަންފަތުގައި ގުގުމަން ފެށީ ލަބީބުގެ އަޑެވެ. ނަމަވެސް ލަބީބުގެ ތުންފަތެއް ހަރަކާތެއް ނުކުރެ އެވެ. އަހަންނަށް އޭނާގެ އަޑު އިވެން މި ޖެހުނީ ކީއްވެ ހެއްޔެވެ؟

"ކީކޭ؟" އަހަންނަށް ތެޅި ގަނެވުނެވެ.

"ހާދަ ވަރަކަށް ހާސްވަނީ؟" ލަބީބު ބުނެލި އެވެ.

"ކީކޭ ތިބުނީ؟"

"ހާސް ނުވާށޭ." ލަބީބު ބުނެލި އެވެ.

"އޭގެ ކުރިން." އަހަރެން ބޭނުންވީ ލަބީބު އިތުރު ވާހަކައެއް ނުދައްކާކަން ޔަގީންކުރާށެވެ.

"ހިނގާށޭ ރިޔާޒު އަންނަންވާއިރަށް ކޮޓަރީގައި ދެމީހުން މިހެން ތިބެލަން. އޭރުން އެއްފަހަރުން ހުރިހާ ކަމެއް ހައްލުވީއެއްނު، އެންމެ ސިކުންތެއް ވެސް ލަސް ނުކޮށް އޭނާ ވަރިކޮށްލާނެ." ލަބީބު ހިނިތުންވެލި އެވެ.

އަހަރެންގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. ލަބީބުގެ ވިސްނުން ހުރިގޮތުންނެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް އޭނާ ބޭނުންވަނީ އަހަރެންކަން މިހާރު ސާފުވެއްޖެ އެވެ. އެހެންވީމަ ހިތަށް ތުރާލަކަށް ވެފައިވާ މައުޟޫއަށް ފަށަންވީއޭ ހިތްބުނެލި އެވެ.

"އަހަންނަށް ވަރަށް ގޯސް ކަމެއް ކުރެވިއްޖެ." ތުރުތުރުލާ އަޑަކުން އަހަންނަށް ބުނެވުނީ އެހައި ހިސާބަށެވެ.

"ކޮން ކަމެއް؟" ލަބީބު ހިފައިލީ އަހަރެންގެ އަތުގަ އެވެ.

"ލަބީބުގެ އެފްބީގެ ސްޓޭޓަސް އަޕްކޮށްލެވުނީ،" ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. "އެ ވެސް އަންހެން ކުދިންނާއެކު ހުރި އެކި ފޮޓޯތައް އަޅައިފަ. ދެން އެފްބީގެ އެކައުންޓު."

އަހަންނަށް އިތުރަށް ކުރިއަށް ގެންދެވޭނެހާ ހިތްވަރެއް ނުލިބުނެވެ. ލަބީބުގެ މޫނަށް އަރަމުންދިޔަ ކުލަވަރަށް ބަލަން އިނދެވުނީ އެވެ. އޭނާ އަހަންނާ މެދު ޢަމަލުކުރާނެ ގޮތެއް ނޭނގޭތީ ކަންބޮޑުވެފަ އެވެ.

"އަހަރެން ހިތުގައި އެއްވެސް ހިތްބުރަކަމެއް ނެތް؟"

އަހަރެން ހީކުރީ ލަބީބު ބުނާނީ އެހެން ކަމަށެވެ. ނަމަވެސް އެ އަޑެއް އަހަންނަކަށް ނީވުނެވެ.

"އެކައުންޓް ކިހިނެއް ހެދީ." ލަބީބު ލަސްލަހުން ބުނެލި އެވެ.

"ޕާސްވޯޑު ޗޭންޖުކުރީ. އަހަންނަކަށް ވެސް ނޭނގޭ ޕާސްވޯޑަށް ޖެހުނު އެއްޗެއް. ފޯނު ހަލާކުކޮށްލީ ވެސް އަހަރެން. ފެން ބާލިދީއަށްލީ."

އެހެން ބުނެ ނުނިމެނީސް ލަބީބުގެ ހަމަލާ އަމާޒުވީ އަހަރެންގެ މޫނަށެވެ. އަހަރެން ހީކުރި ގޮތާ ޚިލާފަށް އޭނާ ގާތަށް އައީ ރުޅިއެވެ. އަހަންނަށް ރޮއިގަނެވުނެވެ. ލަބީބުގެ މޫނަށް ބަލަން އިނދެވުނެވެ. ލަބީބު މުށްކަވާލި އެވެ. ނިވާކަމެއްނެތި ހުރި ލަބީބު މިހާރު ފެންނަނީ މިނިކާ ޖަނަވާރެއް ފަދައިންނެވެ. އޭނާގެ ދެ ލޯ ވަނީ ބޮޑުވެފަ އެވެ. ދެ އަތްވަނީ ފުޅާކޮށްލައިފަ އެވެ. މޭ ހުރީ ފުއްޕާލައިފަ އެވެ.

ދެވަނަ ހަމަލާ އަމާޒުވީ ސީދާ އަހަރެންގެ ބަނޑަށެވެ. ކޮޅުފައިން އަހަރެންގެ ދަށްބަނޑުގައި އޭނާ ތަޅައިގަތީ އެވެ. ބަދަލުގައި އަހަންނަށް ހަޅޭއްލަވާ ގަނެވުނެވެ. ސަލާމަތަށް އެދި ރޯން ފެށުނެވެ. ގިސްލެވެން ފެށުނެވެ. ލަބީބުގެ ރުޅިގަނޑު މައިތިރި ނުވާކަން އަހަންނަށް އެނގެ އެވެ. ނަމަވެސް ގިނައީ އަހަންނަށް ލޯ ހުޅުވޭ ފަހަރާއި ނުހުޅުވޭ ފަހަރެވެ.

މަންޒަރުތައް ފެންނަނީ ފުންކޮށްނެވެ. ދައްކާ ވާހަކަތައް އިވެނީ ބޫން އަޑެއް ހެންނެވެ. ލަބީބު ކޮންމެ ވެސް އެއްޗެއް ކިޔާކަން އަހަންނަށް އެނގެ އެވެ.

"ލާހިކެއްނޫން." ލަބީބުގެ އެންމެ ފަހު ޖުމުލައަކަށް އަހަންނަށް އިވުނީ އެ ޖުމުލަ އެވެ.

އެހައި ހިސާބުން މުޅި މަންޒަރު އެކުގައި ފުސްވެ ކުލަބަދަލުވީ އެވެ. ހީވީ ނިދަން ބޭނުން ނުވެ އޮއްވާ ނިދުނު ހެންނެވެ. ގަދަކަމުން ދެ ލޮލަށް ބާރުވަމުން ގޮސް ދެ ލޯ ތަތްވިހެންނެވެ.

ލޯ ހުޅުވާލެވުނީ ގަދަކަމުންނެވެ. އޭރު މުޅި މަންޒަރު ފެންނަނީ ފުސްކޮށްނެވެ. ތަނެއް ސާފެއް ނުވެ އެވެ. ބޮލަށް ހުރީ ފާޑެއްގެ ގޮތެއްވެފަ އެވެ. ދެ ކަންފަތްވަނީ ބައްވެފަ އެވެ. މާހައުލުގެ އެއް ވެސް އަޑެއް ނީވެ އެވެ. ބޮލުގައި ހުރި ރިހުން އެއްވަރެއްގައި ވަނީ ހިފެހެއްޓިފަ އެވެ.

ދެތިން ފަހަރަކު އެސްފިޔަ ޖައިލީމެވެ. އެއާއެކު މަންޒަރުތައް ކޮންމެ ވެސް ވަރަކަށް ސާފުވާން ފެށި އެވެ. މަޑުމަޑުން ތަންތަން ކުލަވާން ފެށި އެވެ. އެހެންވެ ދެތިން ފަހަރަކު އެސްފިޔަ ޖަހައިލީމެވެ. އަވަސް އަވަހަށެވެ. މަންޒަރުތައް ސާފުވަމުން ދިޔަ ވަރަކަށް މާހައުލުގެ އަޑުތައް ވެސް އިވެމުން ދިޔަ އެވެ. ބޮލުގައި ހުރި ބަރު ގޮތް ކެނޑި ހިސާބަކަށް ލުއިކަން އިހުސާސްކުރެވެމުން ދިޔަ އެވެ.

"އަދި ސްޓޭބަލްއެއް ނޫން ކަންނޭނގެ. ގިވް ހަ އަ ޓައިމް."

ބަރު އަޑަކުން އިވުނު ޖުމުލައާ މެދު ވިސްނައިލަން ޖެހުނެވެ. އެއީ އަހަރެން ދަންނަ އަޑެއްހެން ހީވާތީ އެވެ.

"ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ކޭސް އަކަށްވެފައި ކްރިޓިކަލް ސްޓޭޖުގައި އޮތީމަ އާއިލާއަށް ވެސް އަދި މި ކޮޅަށް ނުވަދެވޭނެ."

އަނެއްކާ ވެސް އޭނާ ވާހަކަދެއްކި އެވެ. އޭނާގެ އަޑާއި ލަފުޒުތަކުގެ އޮމާންކަމުން އެއީ މަތީ މަގާމެއްގައި ހަރަކާތްތެރިވާ މީހެއްކަން ޔަގީންކުރެވުނެވެ. އެހެންވެ މާހައުލުގައި ހިނގާ ނުހިނގާ ކަންކަން ވަޒަންކޮށްލަން ބޭނުންވާތީ އަހަންނަށް ދެ ލޯ މަރައިލެވުނެވެ. ލޯ މަރައިލެވުމާއެކު ސިފަވާން ފެށީ އަނިޔާވެރި އެ މަންޒަރުތަކެވެ.

އެކި ތަނުން އެކި މަންޒަރެވެ. ތަރުތީބެއް ނެތި އެގޮތް މިގޮތަށް މަންޒަރުތައް އުކެމުން ދިޔަ އެވެ. އެއްފަހަރު ފާޚާނާ ފްލެޝްކޮށްލާ އަޑު އިވިދާނެ އެވެ. އަނެއް ފަހަރު ބާލިދީއަށް ފޯނެއް ވެއްޓޭ މަންޒަރެއް ފެނިދާނެ އެވެ. އެއާވިދިގެން ނިވާކަމެއް ނެތި ތިބި ދެ މީހުން ފެނިދާނެ އެވެ. ތަންކޮޅެއް ބޮޑަށް އެ މަންޒަރު ޒޫމް ކޮށްލައި ފިރިހެން މީހާގެ މޫނަށް ފޯކަސް އަމާޒުކޮށްލަފާނެ އެވެ. އެއީ ކާކުކަމެއް ސާފުވާވަރެއް ނުވެ އެވެ. ކޮންމެ ވެސް ނުދަންނަ މީހަކީ ބާވަ އެވެ؟

ކުއްލިއަކަށް ކަންފަތުގައި ގުގުމަމުން ދިޔައީ ހަޅޭއްކުގެ އަޑެވެ. ސަލާމަތަށް އެދި ރޮއި އާދޭސްކުރާ އަޑެވެ. އެއީ ޔަގީނުން ވެސް އަހަރެންގެ އަޑެވެ. އެ މަންޒަރުތަކުގެ ތެރެއިން އަހަންނަށް ސިފަވީ ލެއިން ކަޅުވެފައިވާ ހިމަހޯޅި އިނގިލިތަކެއް އަހަންނާ ދިމާއަށް ދިއްކޮށްލި މަންޒަރެވެ. އެ އަތުގެ އިނގިލިތަކުން ލޭގެ އަސަރު ފާޅުވާން ހުއްޓެވެ. ޝަހާދަތް އިނގިލިން ލޭ ފެންނަން ހުއްޓެވެ. ތަންކޮޅެއް ބޮޑަށް އެ އަތަށް ބަލައިލީމެވެ. މަޑުމަޑުން ތިރިއަށް ނަޒަރު ހިންގައިލީމެވެ. އެއީ ދެވަނަ މީހެއް ނޫނެވެ.

ސީދާ އަހަރެންގެ މޫނެވެ. އަހަރެންގެ ދެ ބުމަޔެވެ. ކަޅިރަވަ އެވެ. ފުން ދެ ލޮލެވެ. ތަންކޮޅެއް ތިރިއަށް ނަޒަރު ހިންގައިލެބވުނެވެ. އަހަރެންގެ އަނގަޔެވެ. ކޯތާފަތެވެ. ނަމަވެސް އެ މީހާގެ މޫނުމަތީގައި ވެސް ހުރީ ހުސް ލެޔެވެ. ގަނޑު ރަތްލެ އެވެ. އަހަންނަށް އަހަރެން ފެންނާންވީ ކީއްވެ ހެއްޔެވެ؟ އަހަންނާ ވައްތަރު އިތުރު މީހަކު އުޅެނީ ހެއްޔެވެ؟ ނޫނެކެވެ. އަހަންނާ ވައްތަރު މީހަކު ހުންނާން ޖެހޭ ސަބަބެއް ނުވިސްނެ އެވެ.

(ނުނިމޭ)