ވިޔަރެއާލް އަތުން ބަލިވެ ރެއާލް ފުރުސަތު ނަގާލައިފި

Jan 7, 2023, 7:40 PM
ވިޔަރެއާލްގެ މޮރޭނޯ (ކ) ރެއާލްގެ ކްރޫސް ކައިރިން ބޯޅަ ހިފައިގެންދަނީ.

ވިޔަރެއާލްގެ މޮރޭނޯ (ކ) ރެއާލްގެ ކްރޫސް ކައިރިން ބޯޅަ ހިފައިގެންދަނީ.

މެޑްރިޑް (ޖެނުއަރީ 8) - ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުން ވިޔަރެއާލް އަތުން 2-1 އިން ބަލިވެ، ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

މިރޭގެ ބައްޔާ އެކު ރެއާލް ލީގުގެ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ބާސެލޯނާ އަށް 15 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 38 ޕޮއިންޓް ލިބިފައިވަނީ 16 މެޗު ކުޅެގެންނެވެ. ލީގުގައި މާދަމާރޭ އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެގެން، ބާސެލޯނާ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

ވިޔަރެއާލް ދަނޑުގައި ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އެ ޓީމުގެ ފްރާންސިސް ކޮކަލިން އޭރިއާތެރެއިން ތިރިިތިރިން ޖެހި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ރެއާލްގެ އޭރިއާތެރެއިން ވިޔަރެއާލްގެ ޔެރެމީ ޕީނޯ ހުސްކޮށް ވަދެ، ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ރެއާލަށް ގޯލެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ވިނީޝިއުސް ޖޫނިއާ އަށެވެ. މެޗުގެ 39 ވަނަ މިނިޓްގައި ވިޔަރެއާލްގެ އޭރިއާތެރެއިން ރެއާލްގެ ކަރިމް ބެންޒެމާ ޖައްސާލި ބޯޅައެއް ހޯދައި، ވިނީޝިއުސް ޖެހި ޝޮޓް، ވިޔަރެއާލްގެ ކީޕަރު، ޕެޕޭ ރެއިނާ ވަނީ މަތަކޮށްފަ އެވެ.

ވިޔަރެއާލުން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ދެ މިނިޓް ތެރޭ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ މެޗުގެ 47 ވަނަ މިނިޓްގައި ޔެރެމީ ޕީނޯ އެވެ. ވިޔަރެއާލްގެ ފޯވާޑް، ޖެރާޑް މޮރޭނޯ ހުސްކޮށްލާފައި އޭރިއާތެރެއިން ދިން ބޯޅަ ޔެރެމީ ޕީނޯ ފޮނުވާލުމުން، އެ ބޯޅަ ސަލާމަތްކުރަން ދިޔަ ރެއާލްގެ ވާތު ބެކް، ފާލަންޑް މެންޑީ ގައިގައި ޖެހިފައި ވަނީ ގޯލަށެވެ.

ރެއާލުން އެއްވަރުކުރީ މެޗުގެ 60 ވަަނަ މިނިޓްގައި ބެންޒެމާ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ވިޔަރެއާލްގެ ޑިފެންޑަރު، ހުއާން ފޮއިތު އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި، ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ވިޔަރެއާލަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމު އަނެއްކާ ވެސް ލީޑުނެގި އެވެ. މިއީ ރެއާލްގެ ޑޭވިޑް އަލަބާ އަތުގައި ބޯޅަ ޖެހުމުން، ދިން ޕެނަލްޓީ އަކުން ޖެރާޑް މޮރޭނޯ ޖެހި ގޯލެކެވެ.

ވިޔަރެއާލަށް މެޗުގެ އިތުރު ވަގުތުގައި ތިން ވަނަ ގޯލެއް ޖަހަން ލިބުނެވެ. އެ ގޮތުން، އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓްގެ ތެރެއިން ފަހު ވަގުތު ކޮޅުގެ ތެރޭގައި ކޯނަރެއްގައި ރެއާލްގެ ކީޕަރު ކޯޓުއާ ކުރިއަށް އެރި ވަގުތެއްގައި، ހުސް ގޯލަކަށް ފޮނުވާލަން، ލިބުނު ފުރުސަތުން ވިޔަރެއާލްގެ ފޯވާޑް އާނައުޓް ޑަންޖޫމާ ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ބޭރަށެވެ.

މިއީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން ލީގުގައި ވިޔަރެއާލަށް ރެއާލްގެ އަތުން ހޯދުނު ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން ލީގުގައި ރެއާލުން ވަނީ ވިޔަރެއާލާ ދެކޮޅަށް ކުޅުނު ނުވަ މެޗުގައި ވެސް ބަލިނުވެ ނިންމާލައިފަ އެވެ. އެކަމަކު، ވިޔަރެއާލުން މި ވަނީ ދާދި ފަހުން އެ ޓީމާ ހަވާލުވި ކޯޗު ކިކޭ ސެޓިއެންގެ އިރުޝާދުގެ ދަށުން މުހިންމު މޮޅެއް ހޯދައިފަ އެވެ.

ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ކުޅުމަށް ބަލާއިރު، ވިޔަރެއާލުން ރެއާލަށް ވުރެ މޮޅަށް ކުޅުނު ކަމަށާއި އެ ޓީމުން ހޯދީ ވެސް ހައްގު މޮޅެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox