ދިގު ވާހަކަ: ކެތް ކުރާނަން

ދިގު ވާހަކަ: ކެތް ކުރާނަން

16 ވަނަ ބަޔާ ގުޅޭ

ލަބީބު ހަމަ ފެނުމާއެކު އޭނާގެ ގައިގައި ބޯވައެއްހެން ތަތްކޮށްލީމެވެ. ލަބީބު ވެސް ހުރީ އެފަދަ ފުރުސަތަކަށް ފެންބޮވައިގެންފަ އެވެ. ނަމަވެސް އޭނާއަށް ނޭނގޭނީ އަހަރެންގެ ބޭނުމެވެ. އަހަރެންގެ މަގުސަދެވެ. ބައެއް ކަންކަމަކީ ހީލަތްތެރިކަމަށް ކާން އެޅުމުން ކާމިޔާބީގެ ކުންނާ ހަމައަށް ދެވޭނެ ކަންކަމެވެ. އަހަރެންގެ ސިކުނޑީގައި ރަނގަބީލުވަމުން ދިޔައީ އެ ކަމެވެ.

ލަބީބަށް ފިރުމައިދީ އޭނާގެ މުހުދާތުތަކުގައި ސަނދުވާ ދަމައިދެވިއްޖެނަމަ އަހަރެންގެ މަގުސަދަށް މަގުކޮށުނީ އެވެ. ކޮންމެ މަގެއް ހުޅުވައިގެން ވެސް ނުރައްކަލަށް އޮތް މަގު ބަންދުކޮށްލަން އަހަރެން އަޒުމު ކަނޑައެޅީ އެއީ އަހަރެންގެ ކުރިމަގާ ގުޅިފައިވާ ކަމަކަށްވާތީ އެވެ.

Advertisement

ހުރިހާ ކަމެއް ހިނގަމުން ދިޔައީ އަހަރެން ބޭނުންވި މިސްރާބުން އެ ރޮނގުމަތީގަ އެވެ. ހީވީ ދަމައި ދޫކޮށްލި ދުނި ދަނޑިއެއް ގޮސް އޭގެ މަގާމަށް ވާސިލުވިހެންނެވެ. މަންޒިލް އަތުވި ހެންނެވެ.

އެންމެފަހުން ވަރުބަލިކަމާއެކު ލަބީބު އެނދުމައްޗަށް ދެމުނެވެ. ނިދީގެ ސަހަރާ ތެރެއަށް ފީނައިލައިގެން ކަމަށް ހެދިގެން އަހަރެން ވެސް އޮތީމެވެ. ހިމޭންކަމުގެ ނާނާއާއެކު ލަބީބަށް ހަމަ ރަނގަޅަށް ވެސް ނިދުނެވެ. އަހަންނަށް އެކަން ޔަގީންވުމުން މަސައްކަތައިގެން ތެދުވީމެވެ. އެންމެ ފުރަތަމަ ބޭނުންވީ އޭނާގެ ފޯނު ހުޅުވާށެވެ. އޭގައި ހުރި އަހަރެންގެ ފޮޓޯތައް ފޮހެލާށެވެ.

ސްކުރީނުގައި އަތް ޖައްސާލެވުނެވެ. ނަސީބު ވަރަށް ރަނގަޅެވެ. އަހަރެން ހީކުރީ ސްކުރީން އޮންނާނީ ލޮކު ކޮށްފައި ކަމެވެ. ނަމަވެސް ލަބީބު ފަދަ މީހެއްގެ ފޯނުގެ ސްކުރީން ލޮކު ނުކޮށް އޮތީ ކީއްވެބާއޭ ހިތަށް އެރި އެވެ. ކޮންމެ ގޮތެއް ވިޔަސް އެކަން އެ އޮތީ ވެ ނިމިފަ އެވެ. އަހަންނަށް އަހަރެންގެ ހުރިހާ މަގެއް ހުޅުވެމުން ހުޅުވެމުން މިހިރަ ދަނީ އެވެ.

އަވަސް އަވަހަށް ފޯނުގެ ގެލެރީއަށް ބަލައިލީމެވެ. ސުބުހާނަﷲއެވެ. އެއީވާ ޚަޒާނާއެކެވެ. ކޮށާރެކެވެ. ނޫނޭވާ ރަނގަޅެވެ. މީހުން ބުނަނީ ހަމަ ތެދުވާހަކައެކެވެ. މަޑުން ހުން ގުރާ ބާރަށް ދައިގަންނާނެ އެވެ. ލަބީބު މިއީ އެކަހަލަ ގުރައެއްތާ އެވެ! މި ހުރީ މުޅީން ވެސް އެ ޒާތުގެ ފޮޓޯ އެވެ. އެކި ކުދީންނާއެކު އެ ގޮތް މިގޮތަށް ނަގައިފައިވާ ފޮޓޯ އެވެ. އެންމެ ފޮޓޯއެއް ނޫނެވެ. އެތައް ސަތޭކަ ފޮޓޯއެވެ. ނިވާކަމެއް ނެތި ނަގައިފަވާ ފޮޓޯތަކެވެ. އެފަދަ ވީޑިއޯ ތަކެވެ.

ސިކުނޑީގައި ކުޅެލީ މޮޅު ޚިޔާލެކެވެ. ލަބީބަށްވުރެ މަކަރުވެރިވާންވީއޭ ހިތަށް އެރި އެވެ. ދެވަނަ ފަހަރަށް އޭނާގެ މޫނަށް ބަލައިލެވުނީ އެހެންވީމަ އެވެ. އެނދުމަތީގައި އޮތް ލަބީބުގެ ފޮޓޯއެއް ނަގަންވީއޭ ހިތަށް އެރި އެވެ. ހަމަ އެ ސިކުންތުގައި ޚިޔާލުބަދަލުވި އެވެ. އެއީ އަހަރެންގެ ކޮޓަރިކަން އެހެން މީހުންނަށް އެނގިދާނެތީ އެވެ. އެހެން ނޫނަސް އިތުރަށް ފޮޓޯ ނަގާކަށް ނުޖެހެ އެވެ. ބޭނުންވާ ހުރިހާ ފޮޓޯއެއް ފޯނުގައި އެބަހުއްޓެވެ. އެކި ގޮތްގޮތަށް ހުރި ފޮޓޯ އެވެ. އެކި ޒާތްޒާތުގެ ފޮޓޯ އެވެ. ލަބީބު އަމިއްލައަށް ނަގައިފައި ހުރި ފޮޓޯ ވެސް މަދެއް ނޫނެވެ.

ކޮންމެ ގޮތެއް ވިޔަސް މާދަމާއަކީ ވަކި ސަހަލު ދުވަހަކަށް ނުވާނެ އެވެ. އަހަންނަށް އުފާވެރި ދުވަހަކަށް ނުވާނެ އެވެ. މައިދައިތަގެ ފަރާތުން އަންނާނީ ކިހާވަރެއްގެ ރޯޅިއެއް ކަމެއް ވެސް ނޭނގެ އެވެ. އެ ރޯޅީގެ ވައިގައި އަހަރެން ބުރައިގެން ދާނީ ކިހައި ހިސާބަކަށް ކަމެއް ވެސް ނޭނގެ އެވެ. އެއިން ފުނޑިގެންދާނީ ކާކު ކަމެއް ވެސް ނޭނގެ އެވެ.

ހެނދުނު ހޭލާން ޖެހޭނީ މިކަމަށް ތައްޔާރުވެގެންނެވެ. ކުރިމަތިވެދާނެ ކޮޅިގަނޑަކަށް ހިތާއި ރޫހު ތައްޔާރުކޮށްގެންނެވެ. އެ ހުރިހާ ކަމަކަށް އަހަރެން ޖެހޭނީ ކެތްކުރާށެވެ. ދެން ހުރީ ލަބީބެވެ. އޭނާ ހުންނާނީ ސީދާ މައިދައިތަގެ ކޮޅަށެވެ. އެކަން އަހަންނަށް ޔަގީންވެ އެވެ. މިރޭ އޭނާގެ ކަރުހިއްކުން ފިލުވައިލަ ދެވުނަސް އެކަމެއް އޭނާ ބަލައެއް ނުގަންނާނެ އެވެ.

އަހަރެންގެ ފޮޓޯ ނަގައި އެ ފޮޓޯތަކުގެ ބޭނުން ކޮށްގެން އޭނާ އަހަރެން ބުލެކުމެއިލް ކުރާނެ އެވެ. އޮތީ ހަމައެކަނި މިގޮތެވެ. އަހަރެންގެ ފޮޓޯތައް ފޮހެލުމެވެ. އެނޫން ގޮތެއް ނެތެވެ. އެ ނޫން މަގެއް ނެތެވެ. ލަބީބަކީ ލަބީބެވެ. އެއީ ރަނގަޅު ވެއްޖެ ނަމަ ޖަވާހިރެކެވެ. ނުލަފާ ވެއްޖެ ނަމަ މިނިކާ ވަގެކެވެ. އެ ވާހަކަ އޭނާ އޮތީ ކުރިން ބުނަން ވެސް ބުނެފަ އެވެ.

ދެން އޮތީ ލަބީބު ރީތި ގޮތުގައި ފަޟީހަތްކޮށްލުމެވެ. މިނިކާވަގުގެ ވަކި ތަކުން އަބަދަށް ސަލާމަތް ވުމެވެ. އޭނާގެ ފޮޓޯތައް އެންމެންނަށް ހާމަކޮށްލުމެވެ. މުޅި ދުނިޔެއަށް އޭނާގެ ރީތި ހަށިގަނޑު ހާމަކޮށްލާ އިޝްތިހާރުކޮށްލުމެވެ. އަންހެން ކުދީންނާއެކު ޖަހާފައި ހުރި ސަކަރާތްތައް ހާމަކޮށްދިނުމެވެ.

އިތުރަށް ވިސްނާނެ ކަމެއް ނެތެވެ. މީހުންނަށް ލަނޑުދީ ގޮތްގޮތް ހަދާން ހިތުލައިގެން އުޅޭ މީހުންގެ ނިމުން ހިތިވާންވާނެ އެވެ. އަހަރެންގެ ދިރިއުޅުމަށް ވިހަ ދޫކޮށްލަން އޭނާ ކުރި މަސައްކަތް އަހަންނަށް ރަނގަޅަށް ހާމަވެ އެވެ. އޭގެ ކުރީން އޭނާގެ ދިރިއުޅުމަށް ވިހަ ދޫކޮށްލަން ޖެހޭނެ އެވެ. އަހަރެން ފަޟީހަތްވުމުގެ ކުރީން އޭނާ ފަޟީހަތްކޮށްލާން ޖެހޭނެ އެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެތާ އެވެ.

ބަލައިކަށް ނުހުރެ އޭނާގެ ފޯނުން ފޭސްބުކަށް ވަނީމެވެ. ފަހަރަކު ފޮޓޯއެއް އެކި ޕޭޖުތަކަށް އަޕްލޯޑް ކުރަމުން ދިޔައީމެވެ. ކުއްލިއަކަށް ފޯނަށް ނޮޓިފިކޭޝަންތަކެއް އަންނަން ފެށި އެވެ. އަހަންނަށް ތެޅި ގަނެވުނެވެ. ނޮޓިފިކޭޝަންތަކުގެ އަޑުން ކޮޓަރި ގުގުމައިލީމަ އެވެ. އަވަސްއަވަސްކޮށްލަމުން ނޮޓިފިކޭޝަންތަކުގެ އަޑު ނީވޭނެހެން ހަދައިލީމެވެ. ދެފަހަރުން އެއްފަހަރު އޭނާގެ މޫނަށް ބަލައިލަމުންނެވެ.

ލަބީބު އޮތީ އަރާމުކޮށް ނިދައިފަ އެވެ. އޭނާއަށް ހޭލެވިއްޖެ ނަމަ އަހަރެން އަވަދިކޮށްލާނެ އެވެ. އެކަން އަހަންނަށް ޔަގީންވެ އެވެ. މޮޅު ޚިޔާލެއް ސިކުނޑިއަށް ތިލަވީ އެހައި ހިސާބުންނެވެ. ފާޚާނާއަށް ވަދެ އިނދެ ފޮޓޯތައް އަޕްލޯޑްކުރަން ނިންމީ އެހައި ހިސާބުންނެވެ. ފާޚާނާއަށް ވަންނަމުން ލަބީބަށް ބަލައިލީމެވެ. އަމިއްލަ ތުންފަތަށް ލާނެތް ހިނިތުންވުމެއް ދޫކޮށްލެވުނެވެ. އެތެރެއަށްވަދެ ތަށިމަތީ ހަމަޖެހިލީމެވެ.

ފޮޓޯތައް ހާވަމުން ދަނިކޮށް މާ މޮޅު ފޮޓޯއެއް ފެނުނެވެ. މައިދައިތައާއެކު ނަގައިފާ ތަފާތު ފޮޓޯއެކެވެ. ސުވާލުތައް އެގޮތް މިގޮށް އުފެދެމުން ދިޔަ އެވެ. އެކަހަލަ ފޮޓޯއެއް މައިދައިތައާއެކު އޮތީމަ އެވެ. ނޫނެކެވެ. އެއީ މައިދައިތަ ކަހަލަ އެހެން މީހެކެވެ. ދެން އޮތީ ދޮންބެދައްތައާއެކު ނަގައިފައިވާ ނިވާކަން ކުޑަ ފޮޓޯއެކެވެ. އެ ފޮޓޯއަށް ތަންކޮޅެއް ފުންކޮށް ބަލައިލެވުނެވެ. އެއީ ގަދަކަމުން ބިރުދައްކައިގެން ކޮށްފައިވާ ކަމެއްކަން ދޮންބެދައްތަގެ މޫނުން ހާމަވަމުން ދިޔަ އެވެ. އެހެންވެ އެ ދެ ފޮޓޯ ފޮނުވާލީ ސީދާ އަހަރެންގެ ޓެލެގުރާމަށެވެ. ފޮޓޯ ފޮނުވާލުމަށްފަހު އެކަން ލަބީބަށް ނޭނގޭނެހެން ކަންތައްކޮށްލީމެވެ.

އެކި ފޮޓޯ އެކި ތަނަން އަޕްލޯޑްކޮށް ނިންމާލެވުމާއެކު ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ.

"އަދިވެސް ކުޅަނދުރާ ކުޅެން އުޅޭތި!" މަޑުމަޑުން އަހަންނަށް ބުނެލެވުނެވެ. "ހިތުން މާ މޮޅު މީހަކަށް ވެގެން މީހުންނަށް ބޮނޑިދޭން އުޅޭ ކޮންމެ މީހަކަށް ވާނީ މިހެން."

ލިބެމުން ދިޔައީ ބަޔާންކުރާން ނޭނގޭ ފަދަ އުފާވެރި ކަމެކެވެ. ހިތުގައި އުތުރި އަރަމުން ދިޔައީ ކާމިޔާބީގެ އިހުސާސްތަކެވެ. ކުރެވުނު ކަންތަކާ މެދު ފުންކޮށް ވިސްނައިލެވުނެވެ. އަދި މިވަރުން ފުއްދާލައިގެން ކަމަކު ނުދާނޭ ހިތަށް އެރި އެވެ. ލަބީބަށް އެހެން ޑިވައިސްއަކުން ވެސް ފޭސްބުކަށްވަދެ ފޮޓޯތައް ފޮހެލެވިދާނޭ ހިތްބުނެލި އެވެ. އެހެންވެ ފޭސްބުކުގެ ލޮގިން އައިޑީ ބަދަލުކޮށްލާން ނިންމީމެވެ. އެ މަސައްކަތް ނިންމާލަން ހިނދުކޮޅެއް ނެގި އެވެ.

ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ލޮލުގައި އަޅައިގަތީ ފާޚާނާގައި ހުރި ފެން ބާލިދީ އެވެ. ދެ އަތަށް ބާރުކޮށްލެވުނެވެ. ފޯނުގެ ކަވަރު ނައްޓައިލީމެވެ. ބަލާކަށް ނުހުރެ ފެންބާލިދީއަށް ފޯނު ވައްޓައިލީމެވެ. ފޯނުން ދެ ބޮކި ޖަހައިލުމަށްފަހު އަޑިއަށް ދިޔަ އެވެ. ކާމިޔާބީގެ ކުންނާ ހަމައަށް އަހަންނަށް ދެވިއްޖެ ކަމުގެ އިހުސާސް ކުރެވުނެވެ.

"ކޮބާ ހީވޭ؟ ބޮނޑިއަކަށް ބޮނޑިއެއް. ބޮނޑި ބޮވިއްޖެއްނު ދޯ؟" ވައި އަޑުން އަހަންނަށް ބުނެލެވުނެވެ.

ވިއްސަކަށް މިނެޓް ވަންދެން ފޯނަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އަހަންނަށް ކުރެވެމުން ދިޔައީ އުފާވެރިކަމުގެ އިހުސާސެކެވެ. ބޭރުކުރެވެމުން ދިޔައީ ހިތްހަމަ ޖެހުމުގެ ނޭވާ އެވެ.

މިއީ އަހަރެން ކުރިކަމެއްކަން ލަބީބަށް އެނގޭ ހިސާބުން އަހަރެން މަރަން ވެސް އޭނާ ނުބަލާނެ އެވެ. އެކަން ހިތަށް ވެރިވުމާ އެކު ބިރުގަންނަ ގޮތްވި އެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާއަށް މިކަން އެނގިގެން ނުވާނެ އެވެ. އެނގޭނެ ކަހަލަ އެއްވެސް ކަމެއް ވެގެން ވެސް ނުވާނެ އެވެ. އިތުރު މަކަރެއް ހަދަން ވިސްނާން ޖެހުނީ އެހެންވީމަ އެވެ.

ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ލަބީބަކީ ކާކުކަން އަހަންނަށް އެނގޭތީ އެވެ. އޭނާގެ ޚިޔާލުތަކާއި ވިސްނުން ހުންނާނީ ކޮން ދިމާއަކަށްކަން ވެސް އެނގޭތީ އެވެ. އޭނާގެ ފޯނުގައި ހުރި ފޮޓޯތަކުން ވެސް އެކަން ހާމަވެ އެވެ. އޭނާ ލޯބި ކުރަނީ އެކި މަލަށެވެ. އެކި ރަހައަށެވެ. އެކަން ފުދުމުން އޭނާއަށްވާނެ އެވެ.

ބާލިދީން ފޯނު ނެގީމެވެ. ފޯނު ހުޅުވޭތޯ ބެލީމެވެ. އެކަމެއް ނުވި އެވެ. އަނެއްކާ ވެސް ބާލިދީއަށް ފޯނު ކޮށްޕާލީމެވެ. ދެވަނަ ފަހަރު ނެގުމަށްފަހު ހުޅުވޭތޯ ބެލީމެވެ. ފޯނުގެ ދުވަސް ދިޔައީއޭ ހިތްބުނެލި އެވެ. ރީތިކޮށް ފޯނު ފޮހެލީމެވެ. ފެނުގެ އަސަރުކޮށްފައި ނުވާހެން ހަދައިލީމެވެ.

ފާހާނާގެ ދޮރު ހުޅުވާލީމެވެ. މަޑުމަޑުންނެވެ. ލަބީބަށް ހޭލެވިދާނެތީ އެވެ. އަހަންނަށް ބަލައިލެވުނީ އެނދާ ދިމާއަށެވެ. ލަބީބު އޮތް ގޮތަށް އޮތީ އެވެ. އަވަސް އަވަހަށް އެނދާ ދިމާއަށް ދިޔައީމެވެ. ފުން ނަޒަރަކުން ލަބީބުގެ މޫނަށް ބަލައިލީމެވެ. އޭނާ އޮތީ ނިދީގެ ވާދީގަ އެވެ. އެކަން ރަނގަޅަށް ހާމަވަމުން ދިޔަ އެވެ. އެނދަށް އަރާ ހަމަޖެހިލީމެވެ. ފަހު ފަހަރަށް ލަބީބުގެ ފޯނު ހުޅުވޭތޯ ބެލީމެވެ. އެއާއެކު ހިނިތުންވެވުނެވެ.

މަޑުމަޑުން ބާލީސް ދަށަށް ފޯނު ކޮށްޕާލީމެވެ. ލަބީބުގެ ބުރަކަށްޓަށް ފައި އެއްލަމުންނެވެ. އެއާއެކު އޭނާ އެނބުރިލި އެވެ. އަހަންނަށް ޖެހިލެވުނީ ލަބީބާ ގާތަށެވެ. އެހައި ހިސާބުން ދެވަނަ ބާބު ފެށުނީ އެވެ. އެއީ އަހަރެން ވެސް ބޭނުންވި ގޮތެވެ.

"ދާކަށް ވެސް ނުބުނާނަންތަ؟" ވަރުބަލި ކަމާއެކު ލަބީބު ބުނެލި އެވެ.

"ދެން އަބަދަކު ނުވާނެއްނު." އަހަރެން ވަރަށް ނޫން ކަމަށް ހެދުނީމެވެ.

"ތިބުނީ؟"

"ފުރުސަތެއް ނުލިބޭނެއްނޫން ހޭ؟ ވެދާނެއްނު މިއީ އެންމެ ފަހު ފުރުސަތުކަމަށް ވެސް." ހަގީގަތުގައި އަހަރެން މި ބުނީ ބޮޑު ވާހަކަ އެކެވެ.

ނަމަވެސް އެކަން ލަބީބަށް އެނގޭނެ ހެއްޔެވެ؟ އެނގިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

"ބޭނުން މީހަކަށް އަބަދުވެސް ފަހިވާނެ."

"ކީކޭ ތިބުނީ؟" އަހަރެން ނޭނގޭ ކަމަށް ހެދީމެވެ.

"ކުރާން ބޭނުންވީމަ ފުރުސަތު ހޯދާނޭ."

"މީހަކަށް އެނގިއްޖެ ނަމަ އަހަރެން ދުވަސް ދުއްވާލާނެ." އަހަރެން އަމިއްލައަށް ދެރަވާ ކަމަށް ހެދުނީމެވެ.

"އެނގޭނީ ބުނީމައެއްނު."

"މިރޭ އެވީ ކަންތަކޯ! މާދަމާ ނޫންކަމެއް ނޭނގެ އަހަރެން މިގެއިން ނެރެލާނީ. މަންމަ އެ ހުންނަނީ ކަމެއް ނުފެނިފަ." އަހަރެން މާޔޫސްވާ ކަމަށް ހެދުނީމެވެ.

"މަންމަދޯ! ރިޔާޒުގެ މަންމައަށް އެހެން ހަދާކަށް ނުކެރޭނެ."

"ރިޔާޒުގެ މަންމައޭ! އެއީ ލަބީގެ މަންމައެއް ނޫންތަ؟" އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

ލަބީބު ފެށީ ހޭށެވެ. ބާރުބާރަށެވެ.

(ނުނިމޭ)

ކޮމެންޓް

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox