އިރާނުން އިތުރު ވަގުތު ދެ ގޯލު ޖަހައި ވޭލްސް ބަލިކޮށްފި

Nov 25, 2022, 12:08 PM
އިރާންގެ ދެ ވަނަ ގޯލު ޖެހި ރެޒިއާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މިއީ 2016 ވަނަ އަހަރުގެ ފަހުން ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލު.

އިރާންގެ ދެ ވަނަ ގޯލު ޖެހި ރެޒިއާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: މިއީ 2016 ވަނަ އަހަރުގެ ފަހުން ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލު.

ދޯހާ، ގަތަރު (ނޮވެމްބަރު 25) - ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި ވޭލްސް ކައިރިން އިތުރު ވަގުތު ދެ ގޯލު ޖަހައި 2-0 އިން ހޯދި މޮޅާ އެކު އިރާނުން ފީފާ ވޯލްޑް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން 6-2 އިން ބަލިވި އިރާނުން މި މެޗަށް ނުކުތީ ބަދަލުތަކެއް ގެނެސްގެންނެވެ. އެ ގޮތުން އިރާންގެ އެއް ވަނަ ކީޕަރު އަލީރެޒާ ބީރަންފާންދު އަށް އަނިޔާވެގެން އިންގްލެންޑް މެޗުގައި ބަދަލުކުރިއިރު، އެ މެޗުގައި ކުޅެން އެރި ކީޕަރު އަލް ހޮސެއިނީ ވަނީ މިއަދުގެ މެޗުގައި ފުރަތަމަ އެގާރައިގައި ފަށައިފަ އެވެ. އިރާނުން އެންމެ ފަހުން މެޗުގައި ބަދަލަކަށް ކުޅެން އެރުވި ފޯވާޑް ސަރްދާރް އަޒްމޫން ވެސް ވަނީ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

ވޭލްސް އިން ފުރަތަމަ މެޗުގައި އެމެރިކާއާ އެއްވަރުވި މެޗުގައި ބެންޗުން އެރި ފޯވާޑް ކެއިފާ މޯ ވަނީ މި މެޗުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. މެޗުގައި ގޯލެއް ޖަހަން ފުރަތަމަ ފުރުސަތު ވެސް ލިބުނީ މޯ އަށެވެ. ވޯލްޑް ކަޕްގެ މެޗެއްގައި ފުރަތަމަ އެގާރައިގައި ހިމެނިގެން އަލަށް ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި މޯ އަށް ލަނޑު ޖަހަން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ އިރާން ކީޕަރު ހޮސެއިނީ ވަނީ މަތަކޮށްފަ އެވެ.

ވޭލްސްގެ ރޮންޑޮން (ކ) އިރާންގެ އަޒްމޫން ކައިރިން ބޯޅަ ސަލާމަތްކުރަނީ.

ފުރަތަމަ ހާފުގައި އިރާނުން ގޯލެއް ޖެހި އެވެ. މެޗުގެ 16 ވަނަ މިނިޓްގައި އިރާންގެ އަލީ ގޮލިޒާދޭ ޖެހި ގޯލު ބަލައިނުގަތީ، އަޒްމޫން އޭނާ އަށް ބޯޅަ ދިންއިރު އޮފްސައިޑްގައި ހުރުުމުންނެވެ. މި ގޯލު ބަލައިނުގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭގައި ފުލުފުލުގައި ތިން އެޓޭކް އިރާން ޓީމުން ކުރި އެވެ. އެ ގޮތުން މެޗުގެ 51 ވަނަ މިނިޓްގައި އިރާންގެ އަޒްމޫން، ހުސްކޮށް އޭރިއާތެރެއަށް ހިފައިގެން ދިޔަ ބޯޅަ ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ބޯޅަ އަލުން ހޯދައި، އިރާންގެ އަލީ ގޮލިޒާދޭ އަށް ލިބުމުން އޭރިއާ ރޮނގުކައިރިން އޭނާ ފޮނުވާލި ހަމަލާ ދަނޑިއަށް އަމާޒުވިއިރު، އޭގެ ރީބައުންސް ބޯޅަ އަޒްމޫނަށް ލިބުނެވެ. އެކަމަކު، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ވޭލްސްގެ ކީޕަރު ވޭން ހެނެސީ އަތަށެވެ.

އޭގެ ފަހުން، އޭރިއާ ބޭރުން ސައީދު އިޒަތުލާހީ ތިރިތިރިން ޖެހި ބޯޅަ ވެސް ކީޕަރު ހެނެސީ ވަނީ ހުއްޓުވައިފަ އެވެ.

ވޭލްސް ކީޕަރު ހެނެސީ ކުރިއަށް އަރައި ބޯޅައިގައި ޖަހަން އުޅުމުގެ ތެރޭގައި ތަރޭމީ އަށް ފައުލުކުރަނީ: މި ފައުލަށް ހެނެސީ އަށް ރަތް ކާޑެއް ދެއްކީ ވީއޭއާރް އިން ބަލާފައި.

ވޭލްސް އިން ގޯލެއް ޖަހަން ދެ ވަނަ ހާފުގައި ފޮނުވާލި ފުރަތަމަ ނުރައްކާތެރި ފެނުނީ 83 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން ބެން ޑޭވިސް ފޮނުވާލި ހަމަލާ، އިރާން ކީޕަރު އަލް ހޮސައިނީ ވަނީ މަތަކޮށްފަ އެވެ.

އޭގެ މިނިޓެއް ފަހުން، ކައުންޓަ އެޓޭކުގައި މެޗުގެ 84 ވަނަ މިނިޓްގައި އިރާނުން ކުރި އެޓޭކެއް ހުއްޓުވަން ކުރިއަށް އަރައި، ވޭލްސްގެ ކީޕަރު ހެނެސީ ފައިން ބޯޅައިގައި ޖަހަން އުޅުމުގެ ތެރޭގައި ޖެހުނީ އިރާންގެ ފޯވާޑް މަހްދީ ތަރޭމީ މޫނުގަ އެވެ. ރެފްރީ ފުރަތަމަ ރީނދޫ ކާޑު ދެއްކި ނަމަވެސް ވީއޭއާރް އިން ބަލާފައި ނިންމީ ރަތް ކާޑަކަށް ބަދަލުކުރާށެެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވޭލްސް ކޮޅަށް އިރާނުން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓްގެ ތެރެއިން އަށް ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން އިރާންގެ މިޑްފީލްޑަރު ރޫޒްބޭ ޗެޝްމީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ.

ވޭލްސް އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިލި ވަގުތު ކައުންޓަ އެޓޭކުގައި އިރާނުން ދެ ވަނަ ގޯލު ޖެހި އެވެ. ތަރޭމީ އޭރިއާތެރެއަށް އެރި ރަމިން ރެޒިއާ އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ އިރާން އަތުން ބޮޑު ތަފާތަކުން މޮޅުވި އިންގްލެންޑް އެވެ. އެއީ އިރާނާ އެއް ވަރަށް ތިން ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އެމެރިކާ އޮތީ އެއް ޕޮއިންޓާ އެކު އެވެ. އަދި ފުލުގައި އޮތް ވޭލްސް އަށް ވެސް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. މިރޭ މި ގްރޫޕްގެ ހަތަރު ވަނަ މެޗުގައި އިންގްލެންޑާއި އެމެރިކާ ބައްދަލުކުރާނެ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ އިންގްލެންޑަށް ގަދަ 16 ބުރުގެ ޖާގަ ޔަގީންވާނެ އެވެ.

ވޭލްސް އަށް ދެ ވަނަ ބުރުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ ފަހު މެޗުން އިންގްލެންޑް އަތުން ރަނގަޅު ނަތީޖާއަކުން މޮޅުވެގެންނެވެ. އެ މެޗުން މޮޅުވެގެން ވެސް ވޭލްސް އިން ޖެހޭނީ ދެން މި ގްރޫޕްގެ ދެން ހުރި މެޗުތަކުގެ ނަތީޖާ އަށް ބަލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox