ނ. މިލަދޫ މަންޒަރުތައް: މި ރަށަކީ ފަހުރުވެރި ދިގު ތާރީހެއް އޮތް ރަށެއް. -- ފޮޓޯ: އެފްބީ/މިލަދޫގެލެރީ
އެ ބަޔަކާ ގުޅޭ މާ ގިނަ ވާހަކަތަކެއް ހޯދިފައި ނެތަސް، މާ އިހުން ފެށިގެން ރެދިންނޭ ކިޔުނު ބަޔަކު ރާއްޖޭގައި އުޅުނު ވާހަކަ ދޫދޫމަތިން ދެކެވުމުން އައިސްފައިވެ އެވެ. ދިވެހި ތާރީހު ދިރާސާ ކުރައްވާ، އަހުމަދު އަލާ ދީދީ ވިދާޅުވެފައިވާ ގޮތުގައި "ރެދިންނަކީ މާ ބާރުގަދަ ބިޔަ ބޮޑެތި ބައެކެވެ. އުސް ރީތި ބިނާތައް ހަދާ އުޅުނު މޮޅު ބަޔެއްކަމުގައި ކިޔައެވެ."
އެ މީހުން އުޅުނު ކަމަށް ބެލެވޭ ނިޝާންތައް ރާއްޖޭގެ އެކި ރަށްރަށުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ނ. މިލަދޫ "ރެދިންގެ ގައުފުނި" ހިމެނެ އެވެ. "ދިވެހިރާއްޖޭގައި ހުރި އާޘާރީ ތަންތަން" ފޮތުގައި ލިޔެފައިވާ ގޮތުގައި "ރެދިންގެ ގައުފުނި" ކިޔާ ތަނަކީ މިލަދޫގައި ބުޑިސްޓް މޮނާސްޓްރީއެއް ހުރި ތަނެއް ކަމަށް ބުނެފައިވެ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި ބަޔަކު މީހުން އެ ތަނުން ގާ ނަގަނިކޮން، ހިރިގަލުން ހުރި ފޮއްޓަކާއި އޭގެތެރޭގައިވާ ތަކެތި ފެނިގެން، އެތަކެތި މާލެއަށް ފޮނުވުނި ކަމަށް ވެސް ބުނެ އުޅެ އެވެ.
ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ރެދިންގެ ގައު ފުނިން ބޮޑު ބައެއް ވަނީ ގިރައިގެން ގޮސްފަ އެވެ. މިހާރު އެއީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ.
ނ. މިލަދޫ: ރަށުގެ އާބާދީ 1500 އުޅޭއިރު، ރަށުގެ އިގުތިސޯދީ މައިގަނޑު ހަރަކާތަކީ މަސްވެރިކަން. -- ފޮޓޯ:އެފްބީ/ނ.މިލަދޫ
ސައުވީސް ހެކްޓަރުގެ މިލަދޫ އަށް ދީފައިވާ ކޯޑަކީ ޑީ-10 އެވެ. ރަށުގެ އާބާދީއަކީ 1،519 އެވެ. އެއީ 764 އަންހެނުންނާއި 755 ފިރިހެނުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 1،000 މީހުންނެވެ.
ރަށުގެ މައިގަނޑު އިގުތިސޯދީ ހަރަކާތަކީ މަސްވެރިކަމެވެ. އިމާރާތްކުރުމުގެ މަސައްކަތާއި ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރިވެ އެވެ. މި ރަށުގައި އަށް ފިހާރަ އާއި ދެ ކެފޭ ހުރެ އެވެ. ނޫނު އަތޮޅުގައި އަގު ބޮޑު ރިސޯޓުތަކާއި އަތޮޅުގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ގެސްޓްހައުސް ހިންގަމުން ދިޔަސް، ތާރީހީ މިލަދޫގައި އަދި ގެސްޓް ހައުސްއެއް ނެތެވެ.
މި ރަށުގައި 24 ގަޑިއިރު ކަރަންޓް ލިބޭއިރު، ނަރުދަމާ އާއި ކުނި ނައްތާލުމުގެ ނިޒާމު ވަނީ ގާއިމުކޮށްފަ އެވެ. ފެނުގެ ނިޒާމު ގާއިމުކުރުން ދަނީ ކުރިއަށެވެ. ބަނދަރު ވަނީ ބޮޑުކޮށްފަ އެވެ. ފެނަކައިގެ އާ އިންޖީނުގެއެއް އަޅައި، އަދި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް ވެސް ހަރުކޮށްފައިވެ އެވެ.
ރަށުގެ ތައުލީމީ ހަޔާތުގެ ތާރީހު ވެސް ވަރަށް ތޮށްޓެވެ. މިލަދޫ ހިދާޔާ ސްކޫލަށް މިހާރު 50 އަށް ވުރެ ގިނަ އަހަރު ވަނީ ވެފަ އެވެ. އެ ސްކޫލަކީ މިލަދޫ ރައްޔިތުންގެ އެކުވެރިކަމާއި ތައުލީމަށް ދިން ސަމާލުކަމުގެ ރަމްޒެކެވެ. އެ ސްކޫލު ފަށައި ހިންގަމުން ގެންދިޔައީ ރައްޔިތުންގެ ހަރަދުގަ އެވެ.
"މި ސްކޫލް ހިނގަމުން އައީ، ރައްޔިތުންގެ އަމިއްލަ ހަރަދުގައި. މި ސްކޫލް ކޮޅަށްޖަހައިދިނީ، މި ރަށުގެ ހިތްވަރުގަދަ ރައްޔިތުން،" ރަންޔޫބިލް ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
މިލަދޫ ހިދާޔާ ސްކޫލުގެ ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުން ހަދާފައިވާ ބިނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
މި މަދަރުސާގެ ތާރީޚު އަންގައިދެނީ، މިލަދުއަކީ ތައުލީމަށް ވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަން. އިލްމު އުނގެނި، ތަންދޮރު ފިލައިގެން އުޅުމަށް، މިލަދޫ ރައްޔިތުން އަބަދުވެސް ބޭނުންވާކަން. ރަށުގެ ކުރިއެރުމާއި ތަރައްގީއަކީ، އަޅުގަނޑުމެން މި ބުނެއުޅޭ ގޮތަށް، ކޮންމެ މީހެއްގެ އަމިއްލަ ނަފުސާ ގުޅިފައިވާ އެއްޗެއް ކަމަށް، މި ރަށުގެ ރައްޔިތުން އަބަދުވެސް ގަބޫލުކުރޭ."
އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ މި ރަށުގެ އީދު ފޯރި ވެސް ފާހަގަކޮށްލެވެ އެވެ. ދެ ޖިންސްގެ މީހުންގެ ވެސް ހަރަކާތްތަކުގައި ބައިވެރިވެ އެވެ.
މިއީ މި ރާއްޖޭގެ އެންމެ މުސްކުޅި ތާރީހެއް އޮތް، އަދި އަތޮޅުގެ އެންމެ އިސް ރަށެވެ. އެ އާސާރުތައް ހުރިއިރު، އެކަމަށް ބާރުދޭ އަނެއް ކަމަކީ މުޅި ނ. އަތޮޅުގެ ނަން، "މިލަދުންމަޑުލު" މި ރަށަށް ނިސްބަތް ކުރެވިފައިވުމެވެ
ފަހުރުވެރި ތާރީހާއި ރީތި ފަޅަކާއި ފަރެއް ލިބިފައިވެ އެވެ. އަތިރިމަތި އެހާމެ ހިތްގައިމެވެ. މިވަގުތު ގެސްޓް ހައުސްއެއް ނެތަސް، މިލަދޫ އަކީ ލޯކަލް ޓޫރިޒަމް ފުރިހަމައަށް ތަރައްގީ ކުރެވިދާނެ ރަށެއް ކަމަށް ފެނެ އެވެ.
ރަށުގެ ނަން: މިލަދޫ އަތޮޅު: މިލަދުންމަޑުލު ދެކުނުބުރި (ނ. އަތޮޅު) ރަށުގެ ކޯޑު: ޑީ-10 އާބާދީ: 1،519 އަންހެން: 764 ފިރިހެން: 755 ސްކޫލްގައި ކިޔަވައިދޭ ގްރޭޑް: 10 ސްކޫލު ކުދިންގެ އަދަދު: 268 ގަރާޖު: ނެތް ތެލާއި ގޭސް ވިއްކާުތަންތަން: ނެތް މަސް ދޯނި: 1 ކުދި ދޯނި: 4 ޑިންގީ: 26 ަރަށުގެ ކަރަންޓް ހިދުމަތް: 24 ގަޑިއިރުު ލިބޭ ރަށުގައި ހުރި މިސްކިތް: 3 ކުޑަކުދިންގެ ޕާކް: ނެތް ސައިކަލްގެ އަދަދުު: 86 ރަށުު ޕިކަޕްގެ އަދަދު: 7 ކާރު، ޕިކަޕްު އަދި އެހެން ވެހިކަލް: 2 އުޅޭ ބިދޭސީންގެ އަދަދު: 87 މައުލޫމާތު: މިލަދޫ ކައުންސިލް އިދާރާ
Comment