Advertisement

ކުށުގެ ވެއްޓަކުން އަމާން މާހައުލަކަށް: ލާމު އަތޮޅުގެ ސިއްރަކީ ކޮބާ؟

ލ. އަތޮޅު ކޮމާންޑަރު ހަޒީފު "އަދަދު" ނޫހަށް ދެއްވި އިންޓަވިއު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކުށުގެ ވެއްޓަކުން އަމާން މާހައުލަކަށް: ލާމު އަތޮޅުގެ ސިއްރަކީ ކޮބާ؟

ލ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ކޮމާންޑަރަކަށް މި ވަގުތު ހުންނެވީ ފަ. ނިލަންދޫއަށް އުފަން އިންސްޕެކްޓާ އަބްދުލްހަފީޒު އިބްރާހީމެވެ. އޭނާ މީގެ 10 އަހަރު ކުރިން މި އަތޮޅުގެ މައި ދެ ރަށް ކަމަށްވާ ގަން-ފޮނަދޫ ހިމެނޭ ސަރަހައްދު ސިފަކުރާ ގޮތާއި މިއަދު ސިފަކުރާ ގޮތް ހާސްބައި ތަފާތެވެ. މީގެ 10 އަހަރު ކުރިން އެއީ ކުށުގެ ވެއްޓެކެވެ. އެކަމަކު މިހާރު މިއީ އަމާން ވެއްޓެކެވެ.

ހަފީޒުއާ އެ އަތޮޅާ ގާތް ގުޅުމެއް މިހާރު އެބަ އޮތެވެ. އަށް އަހަރު ކުރިން އަތޮޅު ކޮމާންޑަރުގެ މަގާމާ ހަވާލު ވުމުގެ ކުރިން ވެސް އޭނާ އެ އަތޮޅު ދަނެ އެވެ. ފުލުހުން ތަމްރީނު ކުރުމުގެ މަސައްކަތުގައި އޭނާ އުޅުއްވި ދުވަސްވަރެވެ. އިންވެސްޓިގޭޓާސް އޮފިސާސް ކޯހެއް ހިންގަން 2014، ގައި އޭނާ އެ އަތޮޅަށް އެއިރު ގޮތް ހާލަތު ބަދަލުވެގެން ދިޔަ ގޮތަކީ، ހުދު އޭނައަށް ވެސް އަޖައިބެކެވެ.

"މާރާމާރީ އާއި ވައްކަން ބޮޑު ތަނުން އިތުރު ތަނެއް ގޮތުގައި އޭރު އަޅުގަނޑު ފާހަގަ ކުރެވުނީ. [އެކަމަކު] މީގެ އަށް މަސް ކުރިން ކޮމާންޑަރެއްގެ ގޮތުގައި މި ކޮޅަށް އައި އިރު ވަރަށް ތަފާތު މަންޒަރެއް މި ފެންނަނީ. ކުށް ވަރަށް ބޮޑު ތަނުން ވެސް މަދު. ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑު ތަނުން މާރާމާރީ އާއި ވައްކަން މަދު. ކުރިއަށް ވުރެ އަމާން މުޖުތަމައެއްގެ ގޮތުގައި ލާމު އަތޮޅު ފެނިގެން ދަނީ،" އޭނާ ވިދާޅުވި އެވެ.

އެއީ އަތޮޅުގެ ޒުވާނުންނާއި މަދަނީ ހަރަކާތްތެރިންގެ އިތުރުން އަތޮޅު ކައުންސިލުން ވެސް ދެކޭ ގޮތެވެ. ދިމާވާ ކޮންމެ މީހަކު ވެސް ފާހަގަ ކުރަނީ ކުރިން މާރާމާރީ ގިނަ ގަން-ފޮނަދޫ ސަރަހައްދު މިހާރު ބަދަލުވެ ހިތްފަސޭހަ ތަނަކަށް ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކަ އެވެ.

"ކުރިން މާރާމާރީ ވެސް ގިނަ. މަސްތުވާތަކެތީގެ ވިޔަފާރިއާއި އެ ކަންކަން ވެސް ބޮޑު ތަނެއް މިއީ. އެކަމަކު މިދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި އެ ކަންކަން އެއްވެސް ވަރަކަށް ނެތް. ފަހުން އައިސް މިދިޔަ އަހަރެއް ތެރޭގައި ހަމަ ވަރަށް ކުށް މަދު،" އެ އަތޮޅުގެ މަދަނީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅޭ އުސްމާން އަބްދުﷲ ބުންޏެވެ.

ލާމު ގަން މަގުމަތި - ފޮޓޯ މުހައްމަދު ޝާބިން / އަދަދު


ރައްޔިތުންނާ ގާތުން ހިދުމަތް ދިނުން

ގަން ޕޮލިސް ސްޓޭޝަނުގައި ކޮމާންޑަރު ހަފީޒު "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ލާމު ޕޮލިހުން މި ފަހުން މަސައްކަތް ކުރަމުން އައީ ރައްޔިތުންނާ ވީހާ ވެސް ގާތުން، ރައްޔިތުންގެ ކަންކަމުގައި ފުލުހުން ބައިވެރިވެގެން ހިދުމަތް ދިނުމަށް ކަމަށެވެ.

އޭނާ ވެސް ކޮމާންޑަރަކަށް ހަވާލުވެގެން އެ ޕޮލިސީ ދެމެހެއްޓީ އެއިން ފެންނަ ރަނގަޅު ނަތީޖާއާ ހުރެ އެވެ.

"ރައްޔިތުން ބޭނުންވާ، ރައްޔިތުން އެދޭ، ދާއިރާތައް ބެލުމަށް ޓަކައި، މަހަކު އެއް ފަހަރު ލ. އަތޮޅު ކޮންމެ ސްޓޭޝަނެއްގައި ވެސް ފުލުހުންގެ ހިދުމަތާއި ރައްޔިތުންނާ ދެމެދު ކުރިއަށްދާނެ ޓޯކް އެންޑް ވޯކް، މީގެ ތެރެއިން އަޅުގަނޑުމެން ހިދުމަތް މި އެދޭ ދާއިރާތައް މި ހޯދަނީ،" ހަފީޒު ކިޔައިދެއްވި އެވެ.

އަމިއްލަ ނަފުސުގެ ދިފާއުގެ ހާއްސަ ތަމްރީނުތަކާއި، މުދަލުގެ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތައް ސާފުކޮށްދީ އެ ކަންކަމުގެ ހޭލުންތެރިކަމާއި ތަމްރީނުތައް ދެމުންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އިސްރަށްވެހިން، ބިދޭސީން، އަދި ރޭގަނޑު ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ވެސް ރައްކާތެރިވާނެ ގޮތްތައް، ދަސްކޮށްދީފައި ވެސް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ހަފީޒު ގަބޫލުކުރައްވާ ގޮތުގައި ނަތީޖާ ނެރުމުގެ އެންމެ ދައުރެއް އަދާކުރަނީ ޒުވާން ޖީލަށް ފޯކަސްދީގެން ހިންގާ ޕްރޮގްރާމްތަކުންނެވެ. މިހާރު މަހަކު ހުށަހެޅޭ މަސްތުވާތަކެތީގެ މައްސަލަތައް 20 އަށް ވެސް ނާރާއިރު، އޭގައި ކުރިން ބައިވެރިނުވާ އާ ޒުވާނަކު ބައިވެރިވެފައި ހުންނަނީ މަދު ފަހަރަކު ކަމަށް ހަފީޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެން ހިންގާ އެވެއާނެސް ސެޝަންތަކުގެ ވެސް ސަބަބުން މަދުވެ އަދި އިތުރަށް އިތުރު ނުވެ މި އޮތީ، އަބަދުވެސް ރިޕީޓެޑް މީހުން މި ފެންނަނީ، އިތުރު އާ ބަޔަކު ފާހަގައެއް ނުވޭ، އާ ޖީލު މި ޑްރަގްގެ ކަންކަމުން ދުރު އެބަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންނަކީ ހަރުކަށި ބައެއްގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި ލާމު ޕޮލިހުން މަސައްކަތް ކުރަނީ އެއީ ރައްޔިތުންނާ ވަރަށް ކައިރިން، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ކަންކަމުގައި ވެސް ބައިވެރިވުން އޮތް ބަޔަކަށް ވުމަށެވެ.

"ކުޅިވަރުގެ ހަރަކާތްތަކުގައި ޕާޓްނަރެއްގެ ގޮތުގައި ފުލުހުން ބައިވެރިވެ، މުބާރާތްތައް ކުރިއަށްދާ ވަގުތުތަކުގައި، އޯޑިއޯ މެސެޖުތަކާއި ލީފުލެޓުތައް މެދުވެރިކޮށް ފޯރުކޮށްދެވޭ، ކުޅިވަރު ފަދަ ކަމެއްގެ ތެރެއިން ޒުވާނުން އިންވޯލްވްކުރުން، ގޯސް ދިމާއަކަށް ދިޔަ ނުދީ، އެއީ ބޭނުމަކީ،" ވިދާޅުވި އެވެ.

ކުށުގެ ވެއްޓެއް ގާއިމުވާ އެއް ސަބަބަކީ ކުރާނެ ކަމެއް ނެތި ޒުވާނުން މަގުމަތި ވުމެވެ. ކުޅިވަރުގެ ހަރަކާތްތައް ގިނަ ކުރުމާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއި ކުށުގެ ވެށީގެ ސަބަބުން އެންމެނަށް ލިބޭ ގެއްލުން ސާފުކޮށްދިނުމުގައި ލާމު ޕޮލިހުން ކުރި މަސައްކަތަކީ ކާމިޔާބީގެ ހަގީގަތެވެ.

"މި ސެޝްނަތަކުގައި އަޅުގަނޑުމެން ފޯކަސް މި ކުރަނީ ޒިންމާދާރު ކުދިން، ޒުވާނުން އަދި ރައްޔިތުން އުފައްދަން، ނަފުސަށް ދޭން ޖެހޭ އަޅާލުން، އޭގެ މުހިންމުކަން، މުޖުތަމައަށް ފަރުދީ ގޮތުން ބޭނުން ކުރެވޭނެ ގޮތްތައް، އެ އުމުރުފުރާއަކަށް ހާއްސަ ގޮތްތަކަކަށް، ބުނެދެނީ މި،" އޭނާ ވިދާޅުވި އެވެ.