8 ފެބުރުވަރީ 2025 - 21:37 1
ލީވާން އަލީ ނާސިރު
8 ފެބުރުވަރީ 2025 - 21:37 1
ނ. މިލަދޫގައި މިއަދު ކުރިއަށްދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންގައި ވޯޓު ކަރުދާހެއް ހިފައިގެން ބޭރަށް ނިކުންނަން އުޅުނު މީހެއްގެ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިލަދޫގައި ވޯޓު ކަރުދާހެއް ހިފައިގެން ބޭރަށް ނިކުންނަން އުޅުނު ކަމުގެ ތިން ޝަކުވާ ލިބިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
"ވޯޓު ކަރުދާސް ހިފައިގެން މީހަކު ބޭރަށް ނިކުންނަން އުޅުނީ. އެކަން ހުއްޓުވައި އެ ވޯޓު ކަރުދާސް އޭނާ ލައްވައި ވޯޓު ފޮއްޓަށް ލީ. ތިން ޝަކުވާ ލިބުނު. އެ މައްސަލަ ބަލަމުން މިދަނީ އަދި އެ މައްސަލަ މިހާރު ވާނީ ފުލުހުންނަށް ވެސް ހުށަހަޅާފަައި،" އޭނާ ވިދާޅުވި އެވެ.
ވޯޓުލާ މަރުކަޒުން ވޯޓު ކަރުދާހެއް ބޭރަށް ގެންދިޔުމަކީ އިންތިހާބާ ބެހޭ ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ. މިގޮތުން ކުށް ސާބިތުވެއްޖެނަމަ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އަންނާނެ އެވެ.
މިއަދު ޑަބްލިއުޑީސީގެ އިތުރުން ކައުންސިލްތަކުގެ ޖުމްލަ 12 ދާއިރާއެއްގެ ބައި-އިލެކްޝަނެއް ކުރިއަށް ދިޔަ އެވެ.
Comment