Advertisement

މުސާރަ ބޮޑުކުރުމަކީ ރަނގަޅު ޓީޗަރުން ހިފެހެއްޓުމަށް ލިބުނު ބާރެއް: މިނިސްޓަރު

1 މޭ 2022 - 16:59 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޓީޗަރުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވާހަކަ ދައްކަވަނީ-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މުސާރަ ބޮޑުކުރުމަކީ ރަނގަޅު ޓީޗަރުން ހިފެހެއްޓުމަށް ލިބުނު ބާރެއް: މިނިސްޓަރު

1 މޭ 2022 - 16:59 0

ޓީޗަރުންގެ މުސާރަތައް ބޮޑުކޮށް ސަރުކާރުން މިއަދު ގެނައި ބަދަލާއެކު ތައުލީމީ ދާއިރާގައި ރަނގަޅު ޓީޗަރުން ހިފެހެއްޓުމަށް ބާރަކަށް ވެގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެ ވައުދު ފުއްދުނުކަން އިއުލާން ކުރައްވާ ރައިސް ވަނީ މުދަރިސުންގެ މުސާރަތައް އިއުލާން ކުރައްވާފަ އެވެ.

އެއަށްފަހު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަށް މީގެ ކުރިން ދެމުންދިޔަ މުސާރައާއި ކުރާ މަސައްކަތާ ނުބައްދަލު ކަމަށެވެ.

ނަމަވެސް މިއަދު ބޮޑުކުރެވިގެން ދިޔަ ޓީޗަރުންގެ މުސާރައަކީ ޓީޗަރުން ކުރާ ބުރަ މަސައްކަތަށް އެންމެ އެކަށީގެންވާ މުސާރަ އެއް ކަމަށާއި މިއީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް އެތައް އަހަރަަކަށްފަހު އައި އިންގިލާބީ ހެޔޮ ބަދަލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޓީޗަރުން މިހާރު ކުރާ މަސައްކަތަކީ ހަގީގަތުގައި އަޅުގަނޑުމެންނަށް އަގު ކުރެވޭނެ މަސައްކަތެއް ނޫން. މިހާރު އަޅުގަނޑުމެން ދެމުން މި ގެންދާ އުޖޫރައަކީ ރެސްޕޮންސިބިލިޓީއާ ނުބައްދަލު އުޖޫރައެއް. މިހާރު މިއައި ހެޔޮ ބަދަލާ އެއްކޮށް ރަނގަޅު އެއްޗެއް، މުދަރިއްސުންނަށް އަބުރުވެރިކަމާއެކު ދިރިއުޅޭވޭނެ ވަރުގެ އެއްޗެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައީސް އިސްނަންގަވައިގެން ވަރަށް ފަހުން ތައުލީމީ ދާއިރާގެ ދިރާސާއެއް ހައްދަވާފައިވާ ކަމަށެވެ.

"އެ ދިރާސާއިން ދައްކާގޮތުން ތައުލީމީ ދާއިރާއަށް ނުކުންނަ އާ ކުދިން ފަސްޖެހެނީ ކުރާ މަސައްކަތާ ލިބޭ މުސާރަ ނުބައްދަލު ކަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ޓީޗަރުންގެ މުސާރައަށް އައި ހެޔޮ ބަދަލާއެކު ރަނގަޅު ޓީޗަރުން މިދާއިރާއަށް ގުޅޭނެކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަދި މިހާރު ތިބި ރަނގަޅު ޓީޗަރުން އެހެން ވަޒީފާތަކަށް ނުދާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މިއަދު އާންމުކުރެއްވި ތަފްސީލުތަކަށް ބަލާއިރު، މުސާރައިގެ އާ އޮނިގަނޑުގައި ޖުމްލަ 8،889 މުވައްޒަފުން ހިމެނެ އެވެ.

މިގޮތުން، މުސާރަތަކަށް ގެނައި ބަދަލުގެ ސަބަބުން މުސާރައިގެ ގޮތުގައި މަހަކު 40.7 މިލިއަން ހޭދަވާއިރު، އަހަރަކު 488.6 މިލިއަން ރުފިޔަ ހޭދަވާނެ ކަމަށް ތަފްސީލުތަކުން ދައްކަ އެވެ.