Advertisement

ދިގު ވާހަކަ: ހަނދެއް ނެތި

17 ޖަނަވަރީ 2022 - 11:56 1

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ހަނދެއް ނެތި

17 ޖަނަވަރީ 2022 - 11:56 1

(އެއް ވަނަ ބަޔާ ގުޅޭ)

އަހަރެން އިނީ މަންމަގެ ވާހަކަތައް އަޑު އަހާށެވެ. މަންމައަށް ކޮށްފައިވާ އަސަރާ މެދު ދެރަވެ މާޔޫސްވެ ލަދުންނެވެ. އެއީ އަހަރެން އެންމެ ލޯބިވާ މަންމަ އެވެ. އަހަންނަކީ މަންމަގެ ތަރުބިއްޔަތާއެކު މަޑުމައިތިރި މިޒާޖަށް ލޯބިކުރަމުންދާ ރުޅި މަޑު މީހަކަށް ނުވި ނަމަ އެ ދުވަހު ޒޫނާގެ ކަންކަށިމައްޗަށް ހޫނު ހަމަލާއެއް ދޫކޮށްލެވުނީހެވެ.

މަންމަގެ ނަސޭހަތާއެކު އަހަރުމެން ބަދަލުވީ ޒޫނާގެ ގެއަށެވެ. އެއީ އަހަރެންގެ ގެއަށްވުރެ ޖާގަ ކުޑަ ގެއެކެވެ. ދިރިއުޅުމުގެ ފެންވަރު އަހަރުމެންގެ ގެއަށް ވުރެ ދަށެވެ. ޒޫނާގެ ގެއަށް ބަދަލުވެ ތިން މަސް ނުވާނެ އެވެ. އޭނާ ބަލިވެ އިންކަމުގެ އުފާވެރި ޚަބަރު ލިބުނެވެ. އެހާ ހިސާބުން ޒޫނާ ބަލިވާން ފެށި އެވެ. ހޮޑުލުމާއި ބޯ އެނބުރުން އިންތިހާއަށް ދިޔަ އެވެ. އޭނާ ބޭނުންވީ އޮށޯވެ އޮންނާށެވެ. އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވެ އެވެ. ކުޑަމިނުން ކާން ވެސް ގެންދަން ޖެހެނީ އޮންނަ ތަނަށެވެ. ފެންވަރުވާން ވެސް ޖެހެނީ އަހަންނަށެވެ. ބޮލުގައި ފުނާ އަޅުވާން ވެސް ޖެހެނީ އަހަންނަށެވެ. ޙަޤީޤަތަކީ އޭނާ އަމިއްލައަށް އެނދުހުރަސްބަލި ޖެހުމެވެ. ކަންނެތްބަލީގެ ޝިކާރައަކަށް ވުމެވެ.

އެ ހުރިހާ ކަމެއް އަހަރެން ކުރީ ޒިންމާއެއް ކަމުގައި ދެކިގެންނެވެ. ހިތުން ރުހުމުންނެވެ. އަހަރުމެންގެ ދަރިފުޅަށް ޓަކައި އުފުލަން ޖެހޭ ބުރައެއް ކަމަށް ދެކިގެންނެވެ. އަހަންނަކީ ފިރިހެނަކަށް ވީތީ މާބަނޑުވުމުން ވާ އުނދަގޫތަކެއް، އަޅާނެ ވޭނެއް ނޭނގޭ ނެތީ އެ ހުރިހާ ކަމަކަށް ކެތް ކޮށްގެންނެވެ.

ޒޫނާގެ ހާލަތު ހުރިގޮތުން އޭނާ އޮފީހުން ވަކިވުން ނޫން ގޮތެއް ނެތްކަމަށް ނިންމާ އެކަން ވެސް ކުރީ އެވެ. އަހަންނަށް ވެސް އޮފީހަށް ދެވޭ ދުވަހަށްވުރެ ނުދެވޭ ދުވަސް ގިނަވާން ފެށި އެވެ. މަސައްކަތަށް ފަރުވާ ކުޑަކުރެވޭ ކަން ޚުދު އަހަންނަށް ވެސް އިހުސާސްކުރެވެ އެވެ. ކުރާނެ ކަމެއް ނޯންނާނެތާ އެވެ. ދިރިއުޅުމަކަށް ވުރެ ބޮޑަށް ދިރި ތެޅުމަކަށް އަހަރެންގެ ހަޔާތް އެނބުރެމުން ދިޔަ އެވެ. ދުނިޔެއަކީ ބުރައެއްކަމަށް އިހުސާސްވާން ފެށި އެވެ.

ދަތި އުނދަގޫ ދުވަސްތަކެއް ކަޑައްތު ކުރުމަށްފަހު ޒޫނާ ވިހެއީ ފިރިހެން ކުއްޖެކެވެ. ފިރިހެން ކުއްޖަކު ލިބިއްޖެ ނަމަ ކިޔަން އަހަރެން ވަރަށް ކުރިން ވެސް ބޭނުންވީ ނޫހް އެވެ. ނަމަވެސް ޒޫނާއަށް އެނަން ކަމަކު ނުދިޔަ އެވެ. އޭނާ ބޭނުންވީ ޒަވިޔަނިން ފެށޭ ނަމެއް ކިޔާށެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން އަހަރެން އަނގައިން ނުބުނެ ހަނު ހުރީމެވެ. އެންމެފަހުން، ދަރިފުޅަށް ނަން ކިޔާ ނިންމާލި އިރު އަހަރެންގެ ރުހުން އޮތްތޯ ވެސް އޭނާ ބަލައި ނުލި އެވެ.

އަހަރެން ހީކުރީ ވިހެއުމަށްފަހު ޒޫނާގެ ހަރަކާތްތެރިކަން އިތުރުވާނެ ކަމަށެވެ. ދަރިފުޅު ލިބުން ޒިންމާދާރުކަން އިތުރުވާނެ ކަމަށެވެ. ނަމަވެސް ވީ އެހެންނެއް ނޫނެވެ. ކުރިއަށްވުރެ ކަންނެތްވީ އެވެ. އޮންނަތަކުން ނުތެދުވާ ތާނގައި ދަރިފުޅަށް ބުއް ޖައްސާން ވެސް ދެކޮޅު ހަދާން ފެށީ އެވެ.

އެނޫން ގޮތެއް ނެތުމުން ބުއްފުޅި ޖައްސާން މަޖުބޫރުވީ އެވެ. އެހައި ހިސާބުން ދަރިއަކު ބެލުމުގެ ހުރިހާ ޒިންމާއެއް އަހަރެންގެ ބޮލަށް އިތުރުވި އެވެ. ޒޫނާއަށް އެނގޭ ކަމެއް ނޯވެ އެވެ. ކުރާންޖެހޭ ކަމެއް ނޯވެ އެވެ. އޭނާ ކުރާހާ ވެސް ކަމަކީ ނިދުމެވެ. އަރާމު ކުރުމެވެ. އަނތްބެއްގެ ޒިންމާއެއް، ޅަދަރިއެއްގެ ޒިންމާއެއް ނުނަގަ އެވެ. ވާހަކައެއް ބުނާއިރަށް ނުރިއްސާތަނެއް ނޯވެ އެވެ.

އޮފީހުން އަހަންނަށް ސްކޮލަރޝިޕެއް ލިބުނެވެ. ރާއްޖެއިން ބޭރުން ތިން އަހަރުގެ މާސްޓަރސް ޕްރޮގުރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތެވެ. އަހަރެން ހީކުރީ ޒޫނާ އެކަމާ ފަޚުރުވެރިވާނެ ކަމަށެވެ. އުފާކުރާނެ ކަމަށެވެ. އެހެންވެ އެންމެ ފުރަތަމަ ވެސް އެ ވާހަކަ ހިއްސާކުރާ މީހަކަށް ހަދަން ބޭނުންވީ ޒޫނާ އެވެ.

"އަހަންނަކަށް ދަރިއަކު ނުބެލޭނެ. ދަރި ގޮވައިގެންދޭ. މަށަށް އޯކޭ ދިޔަޔަސް." ރުންކުރު ރާގެއްގައި ޒޫނާ ބުނެލި އެވެ.

އަހަންނަށް ވިސްނާން މަޖުބޫރުވި އެވެ. ޒޫނާއާ ޒުވާބުކޮށް ދެބަސް ނުވާން ވެގެންނެވެ. އޭނާއަކީ ކާކުކަން އަހަންނަށް ވިސްނޭތީ އެވެ.

"މިހާރު ކުއްޖާއަށް ވެސް އަހަރުވީއެއްނު. މަންމަ ބުނާނެ ވާހަކައެއް ނެތް. ފުރުސަތު ލިބޭނީ ވަރަށް މަދުން. ފުރުސަތު ތިމާގެ ފަހަތަކުން ނުދުވާނެ. ތިމާ ޖެހޭނީ ފުރުސަތުގެ ފަހަތުން ދުވަން." މަންމަގެ ޚިޔާލު ހުރީ އަހަރެންގެ ޚިޔާލާ އެއް ވަޒަނަކަށެވެ.

"އަހަންނަށް ޒޫނާ ގާތުގައި ޒައިން ބަހައްޓައިފަ ދާކަށް ނުކެރޭނެ." އަހަންނަށް ބުނެލެވުނެވެ.

"ޒޫނާ ވެސް ގޮވައިގެން ދާނީ."

މަންމަގެ ޚިޔާލު ހިފައިގެން އަހަރެން އައީ ގެއަށެވެ. ޒޫނާއަށް އެ ޚިޔާލު ކަމުދާނެ ކަމަށް ހީކޮށްގެންނެވެ.

"މަށަކަށް ނުދެވޭނެ. އެހެންނޫނަސް ކަލޭ ޔުނިވަރސިޓީއަށް ގޮސް ޖަހާނެހާ ސަކަރާތެއް ޖަހައިފަ އަންނަންދެން ދަރި ބަލާކަށް ގެޔަކު މަށަކަށް ނޯވެވޭނެ." ޒޫނާގެ ރުންކުރު ރާގުން އަހަރެން ބަސް ހުއްޓުނެވެ.

ކޮޓަރިން ނުކުމެގެން ދިޔައީ ދައްކާނެ އިތުރު ވާހަކައެއް ނުވިސްނުނީމަ އެވެ. ފިކުރުތަކުން ބުރަވެފައިވާ ސިކުނޑިއަކާ އެކު އަހަންނަށް ގޮސް އޮވެވުނީ ރަށުގެ ތުނޑީ ކޮޅުގައި ހުރި ޖޯލީގަ އެވެ. އެއީ ހިތްގައިމު ރީތި ތަނެކެވެ. ރީތި ވައި ޖެހޭ އަރާމު މާހައުލެކެވެ. ކަންފަތަށް ހެޑު ސެޓު ހެޔޮކޮށްލަމުން ފޯނުން ލަވަ ޖަހައިލީމެވެ. ފަހަކަށް އައިސް އަހަންނަށް ކަމުދާ ލަވައަކީ އެއީ އެވެ. ރީތީ ވެސް އެ ލަވަ އެވެ. ވެދާނެ އެވެ. އަހަރެންގެ ހާލަތަށް ފަރުވާއަކަށް އެ ލަވަ ފުދެނީ އެވެ. އެއީ ބޭހަކަށް ވަނީ އެވެ. ވަކީން ޚާއްޞަކޮށް ލަވައިގެ އެ ކަޑި އަހަންނަށް މާ ބޮޑަށް ވެސް ކަމުދަނީ އެވެ.

ހަނދުވަރު ދިނަސް ހަނދެއް ނެތޭ ކިޔައިފަ އެ ދައްކަނީ ސީދާ އަހަރެންގެ ވާހަކަތަކޭ ހިތް ބުނަނީ އެވެ. އާއެކެވެ. އަހަރެންގެ ހަޔާތަށް ވެސް ހަނދުވަރުދެ އެވެ. ނަމަވެސް، އެ ހަނދުވަރުގެ ހިތްގައިމުކަމާއި ހަނދުވަރުގެ ރީތިކަމުގެ އަސްލެއް ނުފެނެ އެވެ. ހަނދުވަރުގެ ފޮނިމީރުކަމެއް އިހުސާސެއް ނުކުރެވެ އެވެ. ހަނދު ނުފެންނާތީ އެވެ. ހަނދުވަރުން ލިބޭ ހިތްހަމަ ޖެހުމާއި ލައްޒަތު ލިބޭނީ ހަނދު ވެސް ފެނުމުންނެވެ.

ލަވައިގެ ތެރެއަށް ގެއްލިފައި އޮވެވުނީ ލޯ މަރައިލައިގެންނެވެ. ދުނިޔޭގެ އިހުސާސްތައް ހަނދާން ނައްތައިލައިގެންނެވެ. ކުއްލިއަށް ފައިތިލައިގައި އެއްޗެއް ޖެހުނުހެން ހީވި އެވެ. ސިހިފައި ލޯ ހުޅުވާލެވުނެވެ. ކުރިމަތިން ހަރަކާތްތަކެއް ސިފަވާހެން ހީވި އެވެ. ފަން އިސްތަށިގަނޑެ ވަޔާ ހޫރޭހެން ހީވަމުން ދިޔަ އެވެ. އަހަންނަށް ބަލައިލެވުނެވެ. ފައިތިލައިގައި ޖެހުނީ ބޯޅައެކެވެ. މަޑުމަޑުން ތެދުވެލެވުނެވެ. ޖޯލީގައި އިށީނދެލަމުން ބަލައިލެވުނީ އިސްތަށިގަނޑު ވިހުރުވެމުންދާ ދިމާއަށެވެ.

އެއީ ރީތި މޫނެކެވެ. ހަނދުގެ ބައްޓަމެވެ. ސާފު އޮމާން ހަންގަނޑެކެވެ.

"ސޮރީ." އޭނާގެ ތުންފަތް ހަރަކާތްކޮށްލި އެވެ.

"އާޝާ. އަވަސްކުރޭ."

ފަހަތުން ގޮވާލި އަޑު އިވުނެވެ.

"އާޝާ. ލޯބި ނަމެއް." އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

"ތޭންކްސް."

އާޝާ ބޯޅަ ނަގައިގެން ދަންދެން އަހަންނަށް އިނދެވުނީ އޭނާގެ ހަރަކާތްތަކަށް ބަލާށެވެ. އެއީ ތުނޑިއަށް ދަތުރު އައިސްގެން އުޅޭ ބަޔެކެވެ. އަހަންނަށް ޔަގީންކުރެވުނީ އެއީ މި ރަށު ބަޔެއް ނޫންކަމެވެ. އެ ތުނޑިއަކީ ރަށުގެ މީހުންގެ އިތުރުން އަވައްޓެރި ރަށްރަށުގެ މީހުން ވެސް ދަތުރު އަންނަ މަންޒިލެކެވެ.

އާޝާއާއެކު ހައެއްކަ އަންހެނުން ފައިގަ ތަޅާ ކުޅެން އުޅޭ މަންޒަރު ތަންކޮޅެއް ދުރުން ފެންނަމުން ދިޔަ އެވެ. އަހަރެން އެ މަންޒަރަށް ގެއްލިފައި އިންދާ ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ.

އެއީ ނަދީމެވެ. ނަދީމަކީ އަހަރެން ދަންނަ މީހެކެވެ. އެއީ ޖެހިގެން އޮތް ރަށު ކައުންސިލް އިދާރާގައި އުޅޭ ޒުވާނެކެވެ. ފުޓުބޯޅަ ކުޅޭ މޮޅުން ކުޅުންތެރިއެކެވެ. އޭނާ އަހަރެން ދަންނަނީ އެގޮތަށެވެ.

"ހާދަ ވަރަކަށް ގެއްލިފަ." ނަދީމު އައިސް އިށީނީ އަހަރެން އޮތް ޖޯލީފަތީގައި ބާކީ ހުރި ޖޯލީގައެވެ.

"އާނ. އުހުނ." އަހަންނަށް ދެފަހަރު ދެ ވާހަކަ ބުނެލެވުނެވެ.

ވިސްނައިލެވުނީ މާފަހުންނެވެ. ބުނެވުނު އެއްޗެކެވެ.

"ލަވައަކަށް ގެއްލިފައި މި އިނދެވެނީ." ނޫން ކަމަށް ހެދެމުން ބުނެލެވުނެވެ.

"އަނެއްކާ އިޝްޤުގަ ޖެހުނީތަ؟" ނަދީމު ދިމާކޮށްލި އެވެ.

"އާން އަދި ތިން ސްލޮޓް އެބައޮތެއްނު. ރީތި ކުދިން ފެނުނީމަ ސްލޮޓުތައް ފުރަންވީ ހަމަ." ސަކަރާތުގެ ރާގުގައި ބުނެލީމެވެ.

"ތި އުޅެނީ ހުސް ރީތި ކުދިން. ރަށުގެ ނަންބަރުތައް." ނަދީމު އިޝާރާތްކޮށްލީ ކުރިމަތީގައި ކުޅެން އުޅުނު ގުރޫޕަށެވެ.

"އާޝާ. އެ ކާކު؟" އަހަންނަށް އަހައިލެވުނެވެ.

"މިހާރު ނަން ވެސް ހޯދީތަ؟" ނަދީމު ދިމާކޮށްލި އެވެ.

ވީގޮތް އަހަރެން ކިޔައިދިނީމެވެ. އޭނާގެ ނަން އެނގުނު ގޮތެވެ. ނުދަންނަ ކުއްޖެއްވީމަ އެވެ.

"ވަރަށް ހާލެއްގަ އުޅޭ ރީތި މަންޖެގަނޑެއް. ބިޓެއްގެ ކިބައިން ސަލާމަތް ނުވެވިގެން ތެޅިފޮޅެނީ. އެ މަންޖެ ބޭނުމެއް ނުވޭ. އެކަމަކު އެ ސޮރު ހުންނަނީ ހެސްކިޔައިފަ އެ މަންޖެއާ ހެދި މޮޔަވެފަ." ނަދީމު އޮޅުންފިލުވައިދިނެވެ.

"ނަދީމު ތިކަމާ އުޅެންވީނު. އަހަރުމެންގެ ޅަ ދުވަސްނަމަތާ ދޯ." އަހަރެން ނޫން ކަމަށް ހެދުނީމެވެ.

ގަޑިއަށް ބަލައިލަމުން ކޮޅަށް ތެދުވީމެވެ. ނަދީމު ވެސް އަހަންނާ އެކު ތެދުވި އެވެ.

"ދީމްބެއަށް ސައި ހިފައިގެން." އަންހެން ކުއްޖެއްގެ އަޑު އިވުމުން އަހަންނަށް ބަލައިލެވުނެވެ.

ގާތުގައި ހުރީ އާޝާއެވެ. ހިނިތުންވެލައިގެންނެވެ. އަހަންނަށް އާޝާގެ ބޮލުން ފެށިގެން ފައިގެ ބޮޑުވާ އިނގިއްޔަށް ނަޒަރު ހިންގައިލެވުނެވެ. ކުޅަދުންވަންތަކަމޭ ހިތަށް އެރި އެވެ. އެހައި ރީތި ކުއްޖަކު ދުވަހަކު ވެސް އަހަރެން ނުދެކެމެވެ. ކުރު ސޯޓަކާއި ޓީޝާޓުގައި ހުރި އިރު އޭނާގެ އަންހެންވަންތަކަން ފާޅުވެ އެވެ.

"އީސަ ވެސް ސައިބޯންވީނު. އާޝާ ދޭބަލަ އަދި އެއްތަށި ހިފައިގެން އަންނަން." ނަދީމު އިޝާރާތްކޮށްލީ އާޝާ އަށެވެ.

އަހަންނަށް ބެލުނީ އާޝާ އަށެވެ. އޭނާގެ ފަރި ހިނގުމަށެވެ. އެކަން ނަދީމަށް އެނގުނީ ކަންނޭނގެ އެވެ. އޭނާ އަހަންނަށް ފުރުސަތު ހޯދައިދިނީ ކަމަށް ވެސް ވެދާނެ އެވެ. އެބަ އަންނަމޭ ކިޔައިފަ އޭނާ ދިޔައީ އެވެ.

"ތި ރަށުން ގެނައި ހެދިކާތަ؟" އާޝާ ގެނައި ހެދިކާ ތަށްޓަށް ބަލައިލަމުން އަހަންނަށް ބުނެލެވުނެވެ.

"ހޯމް މޭޑް." އާޝާ ފަޚުރުވެރިވެލަމުން ބުނެލި އެވެ.

"ތީނަ ހެދީ މިތަނުން ކޮން އެއްޗެއް؟" އަހަރެން އަހައިލީ މެވެ.

"ހަނޑުލު ގުޅައާއި މި ކޭކާ." އިނގިލިން އިޝާރާތްކޮށްލަމުން، ހިނިތުންވެލައިގެން ހުރެ އާޝާ ބުނެލި އެވެ.

"ބަލައިބެލުމަށް މީރުވާނެ ކަމަށް ލަފާކުރެވޭ. ރީތި ކުދިން ހަދާ ހެދިކާ ވެސް މީރުވާނެ ދޯ." އަހަރެން ބަލައިލީ ސީދާ އާޝާގެ މޫނަށެވެ.

"އީސަގެ ނަމާ އެއްވަރަށް އީސަ ވެސް ވަރަށް ހޭންޑްސަމް. ލައިކުވާ ކަހަލަ ގޮތެއް ވެސް ހުރޭ. ވަރަށް ނަސީބު ގަދަ މީހުންނަށް ތިހާ ރީތި މީހުން ލިބޭނީ."

ހައިރާންކަމާއެކު ބަލަން އަހަންނަށް ހުރެވުނީ އެވެ. އާޝާގެ ހުސިޔާރުކަމާ މެދުގަ އެވެ. އޭނާ ޖެހިލުން ނުވެ ސާފު ބަހުން ބުނާން ކެރުނީމަ އެވެ. އަހަންނަށް މި އުޅެވެނީ ފަހަތުގައޭ ހިތަށް އެރިއެވެ. ވާނީ ވެސް އެހެންތާ އެވެ. ޅަ ކުދިން މާ ހުސިޔާރުވާނެ ތާއެވެ. މޮޅުވާނެތާ އެވެ.

"ކޮންޕްލިމެންޓަށް ތޭކްސް." އަހަރެން ރަކިނުވާ ކަމަށް ހެދުނީމެވެ.

"ކޮފީއަކުން ވާނީ." ރަސްމީ ދައުވަތަކަށް އާޝާ އެދުނެވެ.

އަހަންނަށް ދަޢުވަތު ދޭކަށް ނުކެރުނެވެ. ޖެހިލުން ވެވުނީ އެވެ. ލަދުގަތީ އެވެ. އަހަންނަކީ ކާކުކަން ވިސްނައިލެވުނީމަ އެވެ.

"ކޮފީއަށް ވެސް ދަންތަ؟" އަހަރެން ނޫން ކަމަށް ހެދެމުން ބުނެލީމެވެ. "މި ބުނީ މީހުންގެ ފިރިންނާއެކު ވެސް ޑޭޓް ކުރަންހޭ."

"މައްސަލައެއްތަ؟" އާޝާ ހުރީ ގޮތުގަ އެވެ.

"ތި ގެންގުޅޭ ބޯއީ ފްރެންޑް ކޮށައިލަފާނެއްނު ޑޭޓް ކުރާ މީހާ." އަހަންނަށް އާޝާގެ މައުލޫމާތު އެނގޭކަން އަންގައިލީމެވެ.

"ދީމްބެ ދޯ ބުނީ. އެހެންނޫނަސް އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެއް." އާޝާގެ މޫނުގެ ކުލަވަރު ބަދަލުވި އެވެ.

"ސިއްރެއް އެންމެންނަށް އެނގޭނެތަ؟" ކޭކު ކޮޅެއް އަނގަޔަށް ލަމުން އަހަރެން އަހައިލީމެވެ.

"މީރު ދޯ؟" އާޝާއަށް ވެސް ބޭއިޚްތިޔާރުގައި އަނގަ ހުޅުވުނެވެ.

އެހެން ކޭކު ކޮޅެއް ނަގައި އާޝާގެ އަނގަޔަށް ލަވައިލަމުން އަހަރެން ހޭންފެށީމެވެ.

"ސޮރީ. އެ މާބޮޑަށް ގަޔާވެވުނީމަ ވާގޮތެއް. ތޭންކްސް ލަވައިލީމަ. ވަރަށް ނުލިބޭ ފުރުސަތެއް މި ލިބުނީ." އާޝާ ހިނިތުންވެލި އެވެ.

"އާޝާ."

މީހަކު ހަޅޭއްލަވާ ގަތް އަޑަށް އަހަންނަށް ބަލައިލެވުނެވެ. (ނުނިމޭ)