Advertisement

ދިގު ވާހަކަ: ހަނދެއް ނެތި

13 ޖަނަވަރީ 2022 - 09:00 2

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ހަނދެއް ނެތި

13 ޖަނަވަރީ 2022 - 09:00 2

ފޯނު ރަނގަބީލުވާން ފެށި އެވެ. އިސްކުރީނަށް ނުބަލަން ހިތަށް ލައިގެން އިނދެވުނީ ސިކުންތަކަށެވެ. އަދާކުރާ ވަޒީފާއާއި ޒިންމާގެ ގޮތުން މުހިއްމު މީހަކު ގުޅައިފާނެތީ ގޮތް ދޫކުރަން ޖެހުނީ އެވެ. ހަތިޔާރު ބަހައްޓަން ޖެހުނީ އެވެ. ނަމަވެސް، ގުޅީ ކުރިން ވެސް ގުޅި ނަންބަރުންނެވެ. އެއީ ފާއިތުވެ ދިޔަ ދޮޅުމަސް ދުވަހު އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ އެވެ. ރަހުމަތްތެރިޔާ އެވެ. އަލަށް ހަވާލުވި ވަޒީފާއަށް އަހަރެން ދޮންކޮށްދީ ފައްކާކޮށްދިން މަދަދުވެރިޔާ އެވެ.

"ހަންނާނު." ސްކުރީނުގައިވާ ނަން ހިތުން ކިޔައިލެވުނެވެ.

ފާއިތުވެ މި ދިޔަ ދޮޅު މަހަކީ އަހަރުމެންގެ އެއް ތަށިން ކައިގެން އުޅުނު ދޮޅު މަހެވެ. ސިފަ ވައްތަރު ނުވި ނަމަވެސް ޒިންމާގެ ގޮތުން އަހަރުމެންގެ ސިފަ ވައްތަރުކުރާން މަޖުބޫރުވީމަ އެވެ. މިޒާޖު އެއްގޮތް ނޫނަސް ވަޒީފާގެ ޒިންމާގެ ގޮތުން މިޒާޖު އެއްގޮތް ކަމަށް ހެދިގެން އުޅެން ޖެހުނީމަ އެވެ. މީހުންނަށް ފެންނާނީ އަހަރުމެންނަކީ އެއް އުރައެއްގައި އޮވެވޭވެނެ ދެ ކަނޑީގެ ގޮތުގަ އެވެ. އުމުރަށް އެއް ތަށިން ކެވޭނެ މިތުރުން ގޮތުގަ އެވެ. ނަމަވެސް އެއީ އަހަރެން ކުރަހަން ބޭނުންވި ތަސްވީރެވެ. ދައްކަން ބޭނުންވި މަންޒަރެވެ.

އެކަން ކާމިޔާބު ވެއްޖެ އެވެ. އަހަންނަށް އަހަރެން ބޭނުންގޮތް ވެސް ހެދިއްޖެ އެވެ. ހުރިހާ ދުވަހު އިށީނދެއިން ގަލުން ފައި ހިއްލަން އަޒުމު ކަނޑައެޅިއްޖެ އެވެ. އެކަން އިޢުލާން ކުރެވިއްޖެ އެވެ. ކަޅިއަޅަމުން ދިޔަ ގައު ވެސް ފެންނާން ފަށައިފި އެވެ. ކޮންމެ ތަނަކަށް ފެތެން ޖެހުނަސް ފެތިގެން އޮވެވޭ ވަރަށް އަހަރެންގެ މިޒާޖާއި ފިކުރަށް ބަދަލު ގެނެވިއްޖެ އެވެ. މިހާރު ކުރިމަތި މިވީ އަހަރެން އުއްމީދުކުރި ކަމެއް ނޫނެވެ. އަހަރެންގެ ތަސައްވަރުގައި އޮތް ކަމެއް ވެސް ނޫނެވެ.

ހަންނާނު ގުޅަނީ އެހެންވީމަ އެވެ. އޭނާ އެ ގުޅަނީ މި ވާހަކަތައް އިވިގެންނެވެ. އަހަންނަށް ތަޤުރީރު ދޭށެވެ. ނަސޭހަތް ލައިދޭށެވެ. ހިތުން އަހަންނަށް ވިސްނައިދޭށެވެ. ނަމަވެސް އަހަންނަކީ ކާކުކަން އެނގޭނީ ޚުދު އަހަންނަށެވެ. އަހަންނަށް ވިސްނައިދޭނެ އިތުރު އެއްޗެއް ނެތްކަން އެނގޭނީ ވެސް އަހަންނަށެވެ. ދެން ހަންނާނު ގުޅަންވީ ކޮންކަމަކާ ހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އޭނާއާ ކޮން ބެހޭ ކަމެއް ހެއްޔެވެ؟ މާނައެއް ނެތް ޝަކުވާތަކެއް ހިތުގައި ފެތުރިގަތެވެ.

ހިތަށް އެރި އެވެ. ފޯނު ނަގައި ފުކަކަށް ވަންދެން ބަވާލަންވީ އެވެ. އޭރުން ދެން ނުގުޅުނެއްނޫން ހެއްޔެވެ؟ ނޫނީ އަހަރުމެންގެ އޮތް ގުޅުން ކެނޑިއްޖެއޭ ބުނެ މިކަން ނިންމާލަންވީ އެވެ. ނަމަވެސް އެކަން ކުރާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަންނަކީ އަދިވެސް މީހުންގެ ލަފަޔާއި އިރުޝާދު ބޭނުންވާނެ މީހެކެވެ. ދާއިރާގައި އަހަންނަކީ އާ މީހެކެވެ. ހަންނާނަކީ އަހަންނަށް ވުރެ ދުވަސްވީ ތަޖުރިބާކާރެކެވެ. އޮފީސް ހިންގުމުގެ ޒިންމާއިން އޭނާގެ ދަރުސް ބޭނުންވާނެ އެވެ. ތަޖުރިބާއާއި މަދަދު ބޭނުންވާނެ އެވެ. ހަންނާނާ ގުޅުން ކަނޑައިލެވޭކަށް ނޯންނާނެ އެވެ.

"އީސަ، މިއަދު މާ ބުރައީތަ؟" ހަންނާނުގެ ފޯނަށް ޖަވާބު ނުދިނުމުން އޭނާ ފޮނުވީ މެސެޖެކެވެ.

ވައިބަރ ނޮޓިފިކޭޝަން އިވުމާއެކު ބަލައިލެވުނެވެ. ހަމަ އެ މެސެޖެވެ. ހަންނާނުގެ މެސެޖެވެ. ވައިބަރ މެސެޖު ބަލައިނުލެވުނު ނަމައޭ ހިތަށް އެރި އެވެ. އޭރުން މެސެޖު ބެލިކަން ހަންނާނަކަށް ނޭނގޭނެއް ނޫން ހެއްޔެވެ؟

"އަލަށް ހަވާލުވި އޮފީސް ހަމައަކަށް އަޅުވާލުމުގަ މި އުޅެނީ. ނާނުއާ ގުޅަން ވެސް ވެފަ މި ހުރީ. އެބަ ޖެހޭ މިކޮޅުގެ ކަންކަން ތަރުތީބުކޮށްލުމުގަ ފަންނީ އެހީއެއް ވެދޭން. ތަން މިއޮތީ ބޮއްސުންލައިފަ. ރަނގަޅު އެއްކަމެއް ވެސް ނެތް." ފޯނު ނެގުމާއެކު ހަންނާނަށް ފުރުސަތެއް ވެސް ނުދީ އަހަރެން އަމުނައިލީމެވެ.

ބޭނުންވީ އޭނާ ދައްކަން ބޭނުންވާ މައުޟޫއަށް ނުދެވޭނެހެން ހުރިހާ މަގެއް ބަންދުކޮށްލާށެވެ. ހަންނާނަކީ ކެތްތެރި މީހުންގެ ވާހަކަތައް އަޑުއަހާ އޯގާތެރި މީހެކެވެ. ނަމަވެސް، އޭނާ ވާހަކަދައްކަން އެ އުޅޭ މައުޟޫގައި އަހަރެން އެއްވެސް މީހެއްގެ ލަފަޔެއް، ޚިޔާލެއް ބޭނުމެއް ނޫނެވެ. އަހަންނަށް ފުދިއްޖެއެވެ. ދެން އިތުރަކަށް އެކަމާ ބޮލެއް ނުގޮއްވޭނެ އެވެ. އަހަންނަށް ދުނިޔެ ދަސްވެއްޖެ އެވެ. ކުރިން އޮތީ ނިދިފަ އެވެ. މިހާރު ހޭލެވިއްޖެ އެވެ. ދުނިޔެއަކީ ކިހާ އުފާވެރި ތަނެއްކަމާއި ދުނިޔޭގެ އިހުސާސްތައް އަހަންނަށް ތަސައްވަރު ކުރެވެން ފަށައިފި އެވެ.

"އެލްޖީއޭއިން ބާއްވާ ފޯނު ކޮންފަރެންސްގަ ހެޑުންގެ މީޓިންއަށް އީސަ ނުވަދެގެން މި ބަލައިލީ ވެސް،" ހަންނާނު އަވަސް ރާގެއްގައި ބުނެލި އެވެ. "އީސަ ނޫން ހުރިހާ އެންމެން އެބަތިބި."

ހަންނާނު ހަނދާން ކޮށްދިނީ މިއަދު އެގާރަ ޖަހާއިރަށް ތާވަލުކޮށްފައިވާ ބައްދަލުވުމުގެ މަތިންނެވެ. އަހަންނަށް ގަޑި ބަލައިލެވުނެވެ. އޭރު އެގާރަ ގަޑި ވިހި ހިނގަނީ އެވެ. އީސާ ގުޅާތާ މިހާރު ވިއްސަކަށް މިނެޓުވެދާނެ އެވެ. އަހަންނަށް މި ވިސްނުނީ ގޯސްކޮށްތާއޭ ހިތަށް އެރި އެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ކުރިމަތީގައި އޮތީ ބޮޑު ކަންތައް ގަނޑެކެވެ. ބޯ ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. ސިކުނޑި ހީވަނީ އުދުހެން ބޭނުންވެގެން އުޅޭ ހެންނެވެ. ވިންދުތައް ވެސް ހަށިގަނޑާ ރުޅި ހަދަނީ އެވެ. ދެބަސްވަނީ އެވެ. ޝަކުވާ ކުރަނީ އެވެ. ނަމަވެސް އެ ޝަކުވާތަކަށް އަހަންނަކަށް ވަގުތެއް ނެތެވެ.

ބައްދަލުވުމުގައި އިން އިރުވެސް ދެ ފައި ތެޅުވުނު އަދަދެއް ވެސް ނޭނގުނެވެ. ނޭފަތު ކުރިން ދާތައް ފޮހެވުނު މިންވަރެއް ވެސް ނޭނގެ އެވެ. ކަކުލު ހުޅުން ޑާންސް ކުރެވުނު ވަރެއް ވެސް ނޭނގެ އެވެ.

ބައްދަލުވުން ނިމުނު އިރު ފޯނަށް ހައެއްކަ މީހުން ގުޅައިފައި އޮތެވެ. ގުޅައިފަ ހުރި ނަންބަރުތަކަށް ބަލައިލީމެވެ. މަންމަގެ ތިން ކޯލު އޮތެވެ. ދެ ފިކުރެއްގައި އިނދެ މަންމައަށް ގުޅައިލީމެވެ.

"ދަރިފުޅާ އީސާ. މަންމަ މި ދައްކާ ވާހަކަ އިހަށް އަޑު އަހައިބަލަ،" އާދޭހުގެ ރާގުގައި މަންމަ ބުނެލި އެވެ. "ޒޫނާ އެއީ ބަނޑަށް އަތް ނުފޯރާވަރުގަ. ދެން އެ ހުރީ ޒައިން. އެ ކުއްޖާގެ މުސްތަގުބަލަށް ވެސް ވިސްނަން ހުރީ ދަރިފުޅު. ދަރިފުޅު ބޭނުންވަނީ އެ ސޮރަށް އަނިޔާއެއް ދޭންތަ؟"

"މަންމާ ދެން ތި ވާހަކަ ނުދައްކަބަލަ. އަހަންނަށް ހުރިހާ ކަމެއް އެނގެޔޭ. އަހަންނަކީ ކުޑަކުއްޖެއް ނޫނެއްނު،" މަންމަ ވެސް ފެށީ އެ މަޢުޟޫއެވެ. "އަހަރެން ބޭނުންވާ ގޮތް މަންމަ ގާތު ބުނެފީމެއްނު."

އަހަންނަށް އުނދަގޫވާން ފެށި އެވެ. ރުންކުރު ޖަވާބެއް މަންމައަށް ދޭން ޖެހުނީ ވެސް އެހެންވީމަ އެވެ.

"މައިންބަފައިންނަކަށް ދަރިން ދުވަހަކު ވެސް ބޮޑެއް ނުވާނެ. ހެޔޮ ނުބައި ވިސްނައިދޭން ތިބޭނީ ވެސް މަންމަމެން. ދަރިފުޅަކީ މަންމަ އުއްމީދު ކުރި ކަހަލަ ހެޔޮލަފާ ކުއްޖެއް. މިއަދާ ޖެހެންދެން ވެސް ދަރިފުޅު ހިނގަމުން ދިޔައީ މަންމަގެ ފިޔަވަޅު މަތިން." މަންމަގެ ރަސްމީ ބަހުރުވައިގައި އަހަންނަށް ނަސޭހަތްދޭން ފެށި އެވެ.

"މަންމާ މި ވަގުތު މި ވަންނަނީ ބައްދަލުވުމަކަށް. އޮފީސް ގަޑީގައި ތި ވާހަކަ ނުދެއްކިއްޔާ ރަނގަޅީ. މަންމައަށް ވެސް އެނގޭނެ އަހަރެން މި ރަށަށް އައިސް، މި އޮފީހާ ހަވާލުވިތާ މިއަދަށް މިއީ ދެވަނަ ދުވަސްކަން. އަދި މިތަން ދަސްކުރާން ވެސް ވަގުތު ނަގާނެކަން." އަހަރެން ގަސްތުގައި ދޮގެއް ހެދީ އެ ވާހަކަތަކުން ނުކުންނަށް ބޭނުންވީމަ އެވެ.

މަންމަގެ ކޯލު ނިންމާލުމަށްފަހު ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ގޮނޑިއަށް ސޮހިގަނެވުނެވެ. ޚިޔާލުތައް އުދުހިގަތެވެ. މާކުރީގެ ހަނދާން ތަކަކަށެވެ.

ޒޫނާއަކީ އަހަރެންގެ ދަރީގެ މަންމަ އެވެ. އަލަތު އަނބިމީހާ އެވެ. އެކުގައި އުޅުމަކީ ހިތްޖެހި، މޭ ފިތި ހިތް ލެނބޭ ކަމެކޭ މީހުން ބުނަނީ ތެދެއް ވީމަ އެވެ. އަހަންނަށް ވެސް ވީއެހެންނެވެ. އެއް އިރެއްގައި ވެސް ޒޫނާއަކީ އަހަންނަށް ރީތި ކުއްޖެއް ނޫނެވެ. ބަލައިލަން ކަމުދާ ކަހަލަ ސިފައެއް އަމުދުން އޭނާގެ ނުހުރެ އެވެ. ދެން އޮތީ މިޒާޖެވެ. އެއީވާ ވާހަކައެކެވެ. އަސްލު ޒޫނާއަކީ ކޮބައިކަން އަހަންނަކަށް އަދިވެސް ނޭނގެ އެވެ. ކާވެންޏަށް ހަ އަހަރުވީއިރު އަހަންނަށް ފެނުނީ ބާރަ ޒޫނާ އެވެ. އަހަރަކު ދެ ޒޫނާ އެވެ.

ދެން އޮތީ ލޯބިވި ގޮތެވެ. ލޯބިވީއެއް ނޫނެވެ. ހަމުދަރުދީވެ ވުނީ އެވެ. މާ ވިސްނޭ މީހަކަށް ހެދިގެން ޒޫނާއަށް މަގު ދައްކައިދޭން އުޅެނިކޮށް އެކަމުން ސަލާމަތް ނުވެވުނީ އެވެ. ޒޫނާ ހީކުރީ އޭނާގެ މިޒާޖު ބަދަލުކުރާން އަހަރެން ދިންހާ ނަސޭހަތަކީ އޭނާ ދެކެ ލޯބިވެގެން ދިން ނަސޭހަތް ކަމަށެވެ. އޭނާ އަހަންނާ މެދު ދުށީ އެ ނަޒަރުންނެވެ. ނަމަވެސް، އަހަރެން އެކަން ކުރީ ކޯހުގައި އުޅުނު އިރު ކިޔެވުމުގެ ޒިންމާއެއް ކަމަށް ދެކިގެންނެވެ. ޒޫނާއަކީ ރަހުމަތްތެރިއެއް ކަމަށް ބަލައިގެންނެވެ. އޭނާގެ މިޒާޖަށް ބަދަލެއް ގެނެވޭތޯ އެވެ.

"މަންމައަށް ޒޫނާއަކީ ކަމުދާ ކުއްޖެއް ނޫން. ދަރިފުޅު ގޮތެއް ނިންމާނީ."

ޒޫނާއާ ގުޅިގެން އުޅޭކަން މަންމައަށް އެނގުނު ދުވަހު ވެސް މަންމަގެ އޮތީ ރަނގަބީލު ހަޅުވާލައިފަ އެވެ. އެއީ އިންޒާރެއްކަން އަހަންނަށް އޭރަކު ނުވިސްނުނީ އެވެ.

"އޭނާގެ މަންމަމެން ބޭނުންވަނީ ކާވެނި އަވަސްކުރަން. އެކަމަކު އަހަރެން ތައްޔާރެއް ވެސް ނޫން. އެގޭގައި އުޅެވޭނެ ގޮތެއް ވެސް ނެތް." އަހަރެން އިސްޖަހައިލައިގެން އިނދެބުނެލީމެވެ.

"ދަރިފުޅު ކުރާން ހުރިއްޔާ މަންމަ ބުނާނެ އެއްޗެއް ނެތް. އަނބިމީހާ އިންނާނެތަނަކާއި ފެންވަރާނެ ވަޅެއް ދެއްކުމާއި އުނު ނިވާކުރާނެ ގޮތް ދެއްކުމަކީ ފިރިމީހާގެ ވާޖިބެއް. ޒިންމާއެއް. ދަރިފުޅުގެ ކޮޓަރި ދެމަފިރިއަކު އުޅެން ކުޑައެއް ނުވާނެ." މަންމަގެ މޫނުމަތިން އުފާވެރިކަމުގެ ކުލަ ނުފެނު ނަމަވެސް މައެއްގެ ޒިންމާ އަދާކުރާކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.

ކާވެންޏަށް ދެ ދުވަސް ނުވަނީސް ފުރަތަމަ ރާޅު ބިންދައިލި އެވެ. ސީދާ އަހަރެންގެ ކުރިމަތީގަ އެވެ. ޒޫނާގެ ފުރަތަމަ ސޫރަ އަހަންނަށް ފެނުނެވެ. ކުޑަކުޑަ ކަމެއް ބޮޑުކޮށްލައިގެން އޭނާ ކުޅެލި ޑުރާމާގެ ބާނި ގަނޑުގައި ޖެހުނީ މަންމަ އެވެ. އެއީ މަންމަގެ ލޮލުން ކަރުނަ ހުސްވާނެނަމަ ހުސްވާނެ ދުވަހެކެވެ. މަޔަކު ހިތުގައި ޖެހިގެން ލަގޮނޑި ފަޅައިގެންދާނެ ނަމަ، އެ ދުވަހު މަންމަގެ ލަގޮނޑި އޮންނާނީ ފަޅައިގެން ގޮހެވެ.

ޒޫނާ ކެއްކި ރިހައެއްގައި ލޮނު ރަހަ ނުލާ ކަމަށް މަންމަ ބުނެލުމުން އޭނާއަށް ދުނިޔެ ރަންވީ އެވެ. މަންމައާ ދިމާއަށް ފުންމާގަތީ އެވެ. އަހަރެން ވެސް އެ ރިހައިގެ ރަހަ ބެލީމެވެ. މަންމަ ބުނިހެން އޭގައި ލަނީ ފެން ރަހަ އެވެ. ނަމަވެސް، ޒޫނާއަށް އެކަން ބަލައި ނުގަނެވުނީ އެވެ. އޭނާގެ ޝަރަފަށް ހުތުރުވާ ވާހަކައަކަށް އެ ވާހަކަވީ އެވެ.

"މަންމައަށް މިހާ ހިސާބަށް އާދެވިފައި މިވަނީ ވެސް ލައްކަ ކަންކަމަށް ކެތްތެރިވީމަ. މައިދަތައިންނަކީ ނުބައި ބަޔެކޭ ބުނާ ވާހަކަ ތަޖުރިބާކޮށްގެން. މަންމަ ބޭނުމެއް ނޫން ނުބައި މައިދައިތައެއްގެ ނަމުން މަޝްހޫރުވާކަށް." މަންމަ ރޮމުން ގިސްލަމުން އަހަންނާ ވާހަކަދެއްކި އެވެ.

އެއީ އެ ދުވަހުގެ ރެޔެވެ. އަހަންނަށް ކެތް ނުވެގެން މަންމަ ގާތަށް ގޮސް މަޢާފަށް އެދި ޒޫނާ ދޫކޮށްލުމުގެ ވިސްނުން ހުރި ވާހަކަ ބުނުމުން ދެއްކި ވާހަކަ އެވެ.

"ކާވެންޏަށް ހަފުތާއެއް ނުވަނީސް ވަރިކުރީމަ މީހުން ކިޔާނެ އެއްޗެއްސަށް ވެސް ވިސްނައިލަންވާނެ. ހުރިހާ ބަދުނާމެއް ބޮޅު އަޅައިގެން އުޅެން ޖެހޭނީ މައިންބަފައިން. ކުށްވެރި ވާނީ ވެސް މަންމަ. ޒޫނާ ބުނާނީ މަންމައާ ހެދިއޭ ވަރިވީ. ދަރިފުޅަށް ޒޫނާއާއެކު އެގޭގައި އުޅެވެންޏާ އެގެއަށް ގޮސްގެން ނަމަވެސް ކާވެނި ދެމެހެއްޓޭތޯ ބަލާތި." ނޭފަތް ފޮހެމުން މަންމަ ލަސްލަހުން ބުނެލި އެވެ. (ނުނިމޭ)