މިހާރު ކުރިއަށްދާ ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެ ވަނަ މެޗުގައި ހޮންގް ކޮންގް އަތުން މޮޅު ކުޅުމަކާ އެކު 7-0 އިން މޮޅުވެއްޖެ އެވެ.
މިއީ، މި މުބާރާތުގައި މިހާތަނަށް ޓީމަކުން ހޯދި އެންމެ ބޮޑު މޮޅެވެ. މިއީ، ގައުމީ ފުޓްސަލް ޓީމުން މިހާތަނަށް އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. މީގެ ކުރިން އެންމެ ފަރަގު ބޮޑުކޮށް މޮޅުވީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި 7-1 އިން ޕާކިސްތާން އަތުންނެވެ.
ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ ޗައިނާ އިންވިޓޭޝަނަލް އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ފުރަތަމަ މެޗުގައި ލީޑުނެގި ނަމަވެސް މުބާރާތުގައި އޮތް އެންމެ ވަރުގަދަ ޓީމު ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވީ އެވެ. ފުރަތަމަ ދުވަހުގެ އަނެއް މެޗުގައި ޗައިނާ އިން 4-0 އިން ހޮންގް ކޮންގް ބަލިކުރި އެވެ.
ރާއްޖޭން މިއަދު ހޮންގް ކޮންގާ ކުޅުނު މެޗުގައި ލީޑުނެގީ ހޮންގް ކޮންގް ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ރާއްޖޭގެ އިޝާން އިބްރާހިމް (ސައްޓު) އަށް ދޭން ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން ދިން ބޯޅަ ޑިފެންސްކުރަން އުޅުމުގެ ތެރޭގައި ހޮންގް ކޮންގް ކުޅުންތެރިޔާ އަތުން ބޯޅަ ވަނީ ބައިކޮޅަށެވެ.
ހޮންގް ކޮންގްގެ ފަހަތުގައި ހިފެހެއްޓި ބޯޅައަކަށް ރަނގަޅު ވަގުތުގައި ޕްރެސްކޮށްގެން އަމިއްލަ މަސައްކަތުން ތަނަވަސްކުރި ފުރުސަތެއްގައި ސައްޓު ވަނީ ރާއްޖޭގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ފަހުން، ލަނޑެއް ޖަހަން ރާއްޖެ އަށް ގިނަ ފުރުސަތުތަކެއް ލިބުނުއިރު، އަހުމަދު ހަމީދު (އައްމަޑޭ) އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ދުރުން ފޮނުވާލި ބޯޅަތައް ހޮންގް ކޮންގްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. އަދި، އިސްމާއިލް ވަޖީހު (ވައްޖެ) ޖެހި ބޯޅައެއް އަރިމަތިން ބޭރަށް ދިޔައިރު، އިންމި އަށް ލިބުނު ފުރުސަތެއްގައި ރަނގަޅަށް ފޮނުވާނުލެވުނެވެ.
ރާއްޖެ އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ލަނޑެއް ޖަހައިދިނީ ޝަނާން ރަޝާދު އެވެ. މުޅިން އަލަށް މި ފަަހަރުގެ ގައުމީ ސްކޮޑުން ޖާގަ ހޯދި ޝަނާން ވަނީ ހޮންގް ކޮންގް ކުޅުންތެރިއަކު އަތުން ބޯޅަ ހޯދުމަށް ފަހު ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، ޝަންމު ހުސްކޮށްލާފައި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އަށް ދިން ބޯޅައެއް ފޮނުވާލި ނަމަވެސް ހޮންގް ކޮންގް ކީޕަރު ވަނީ މަަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ދެ ޓީމުން ވެސް ޕަވާޕްލޭގެ ބޭނުންކުރި އެވެ. މި ހާފުގެ ފުރަތަމަ ހަތަރު މިނިޓަށް ފަހު ރާއްޖޭން ވަނީ ހަަތަރު ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ މުހައްމަދު ސާދު ނިޒާރު އެވެ. އޭރިއާބޭރުން ސާދު ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. ކޮރެއާ ކޮޅަށް ރާއްޖޭން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ވެސް ސާދު އެވެ.
އޭގެ ފަހުން، ބަދަލަކަށް ކުޅެން އަރައި، ޝަނާން ވަނީ އޭރިއާބޭރުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ރާއްޖޭގެ ފަަސް ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ޝަނާން މި މެޗުގައި ޖެހި ދެ ވަަނަ ގޯލެވެ.
ރާއްޖޭގެ ހަ ވަނަ ލަނޑު ޖެހީ ސައްޓު އެވެ. އަމިއްލަ ހާފުގެ ތެރެއިން އެޓޭކް ފަށައި، ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ސައްޓު ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ހެޓްރިކް ހަދަން ޝަނާން ފޮނުވާލި ހަމަލާއެއް ދަނޑިކައިރިން ދިޔައީ ބޭރަށެވެ. ޝަނާން ދިން ބޯޅައަކުން ރާއްޖޭގެ ހަތް ވަނަ ގޯލު ޖެހި ސާދު އެވެ.
ޗައިނާ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ފީފާ ރޭންކިން އަށް ބަލާއިރު، ދެކުނު ކޮރެއާ އަކީ ދުނިޔޭގެ 69 ވަނަ އެވެ. ރާއްޖެ އަކީ 99 ވަނަ އެވެ. ހޮންގް ކޮންގް އަކީ ދުނިޔޭގެ 118 ވަނަ އެވެ. މުބާރާތުގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި ހޯމަ ދުވަހު ޗައިނާއާ ކުޅޭނެ އެވެ. ޗައިނާ އަކީ ދުނިޔޭގެ 84 ވަނަ އެވެ.







