ބާސެލޯނާ (އޮކްޓޫބަރު 29) - ހުސްވެފައިވާ ބާސެލޯނާގެ ކޯޗުގެ މަގާމާ އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ހަވާލުވާނީ އޭނާ މިހާރު ހުރި ގަތަރުގެ އަލް ސާދުން ވެސް ބޭނުންވާނަމަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ބާސެލޯނާ ބަލިވިތާ މާގިނައިރެއް ނުވެ ބާސެލޯނާގެ ކޯޗުގެ މަގާމުގައި ހުރި ރޮނާލްޑް ކޫމަން ވަނީ ވަކިކޮށްފަ އެވެ. މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި ކޫމަން ވަކިކުރަން ބާސެލޯނާ އިން ނިންމީ އޭނާގެ ކޮންޓްރެކްޓްގައިވާ މުސާރަ ވެސް ބަހާލައިގެން ދޭ ގޮތަށެވެ. އެ ގޮތުން 15 މިލިއަން ޑޮލަރު ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބާސެލޯނާ އިން އަންނަނީ އޭގެ ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި ކިކޭ ސެޓިއެންގެ މުސާރައިގެ ނުނިމި ހުރި ބައި ވެސް ދައްކަމުންނެވެ.
ޒަވީ ވަނީ މީގެ ކުރިން ބާސެލޯނާ އިން ލިބުނު ދެ ހުށަހެޅުން ވެސް ދޫކޮށްލައިފަ އެވެ. އެއީ ބާސެލޯނާއާ ހަވާލުވާން އަދި ރަނގަޅު ވަގުތު ނާންނަ ކަމަށް ބުނެ އެވެ. އެކަމަކު، ސްޕެއިނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން އޭރު ރިޕޯޓްކުރީ ޒަވީ ބާސެލޯނާ އަށް އަންނަން ދެކޮޅު ހަދަމުން އައި ސަބަބަކީ އޭރު އޮތް ކްލަބްގެ ލީޑަޝިޕާ މެދު ހިތްހަަމަ ނުޖެހޭތީ އެވެ. އޭރު ކްލަބްގެ ރައީސަކަށް ހުރީ ޖޯސެފް މާރިއާ ބާޓޮމެއު އެވެ. މި ވަގުތު ބާސެލޯނާގެ ރައީސަކަށް ހުރި ޔޮއާން ލަޕޯޓާ އަކީ ޒަވީގެ އަރިސް މީހެކެވެ.
ޒަވީ ކުޅުން ހުއްޓާލުމަށް ފަހު 2019 ވަނަ އަހަރު މެއި މަހު އަލް ސާދުގެ ކޯޗުކަމާ ހަވާލުވެ އޭނާ އަންނަނީ އެ ޓީމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އަލް ސާދުގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޒަވީ ވަނީ އެ ޓީމަށް ކުޅެފަ އެވެ. ޒަވީ ވަނީ އަލް ސާދާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2022 ގެ ނިޔަަލަށް އާ ކޮށްފަ އެވެ. ޒަވީގެ ކޯޗުކަމުގައި އަލް ސާދުން ވަނީ ގަތަރުގެ ސްޓާސް ލީގު ޗެމްޕިއަންކަން މެޗަކުން ބަލިނުވެ ހޯދައިފަ އެވެ.
ކުޅުންތެރިއެއްގެ ގޮތުގައި އަލް ސާދާ އެކު ހަތަރު ޓްރޮފީ ހޯދައި ކޯޗެއްގެ ގޮތުގައި ހަތް ޓްރޮފީ އުފުލާލި ޒަވީ ވަނީ އެ ކްލަބްގައި ހުރެ ބަލިނުވެ 34 މެޗު ހަމަކޮށް ކްލަބް ރެކޯޑެއް ގާއިމްކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޒަވީ ވަނީ ބާސެލޯނާ އިން ލިބިފައިވާ ހުށަހެޅުމާ ބެހޭގޮތުން އަލް ސާދާ މަޝްވަރާކޮށްފައި އޭނާގެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމާނީ ކްލަބުން ކަމަށް ނިންމައިފަ އެވެ.
އަލް ސާދުން ކޮންޓްރެކްޓް އުވާލައިފިނަމަ ޒަވީ ހުރީ ވަގުތުން ބާސެލޯނާއާ ހަވާލުވާން ތައްޔާރަށެވެ.
ބާސެލޯނާގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައިވަނީ ރިޒާވް ޓީމުގެ ކޯޗު ސާޖީ ބަރްހުއާން އެވެ. މާދަމާރޭ ލީގުގައި އަލަވޭސްއާ ބައްދަލުކުރާ މެޗުގައި ބެންޗުން ޓީމަށް އިރުޝާދުދޭނީ ބަރްހުއާން އެވެ. ލަސްވެގެން އަންނަ ހަފްތާގެ ތެރޭގައި ބާސެލޯނާ އިން އާ ކޯޗެއް ރަސްމީކޮށް ގެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.












