މިލާން (ނޮވެމްބަރު 13) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ފްރާންސް އަތުން ފަހަތުން އަރައި 3-1 އިން މޮޅުވެ، އިޓަލީން ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.
މިއީ، ފްރާންސްގެ ކޯޗުކަމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން، މިއީ، ފާއިތުވި 64 އަހަރު ތެރޭ އިޓަލީން އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން ފްރާންސްގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. އެ ގޮތުން، 1962 އަހަރުގެ ފަހުން ފްރާންސުން އިޓަލީގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިނުވާއިރު، މި ފަހަރު އިޓަލީ އަށް މި ކާމިޔާބީ ހޯދައިދިން ކޯޗަކީ އެ ޓީމާ ދެ ވަނަ ފަހަރަށް ހަވާލުވި ރޮބާޓޯ މަންޗިނީ އެވެ.
މިލާނުގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން 10 ވަނަ މިނިޓްގައި މައިކަލް އޮލީސޭ ޖެހި ގޯލުން ފްރާންސް އިން ލީޑުނެގި އެވެ. އެކަމަކު، މެޗުގެ 26 ވަނަ މިނިޓްގައި ނިކޯ ކަމްބިއާގީ ނެގި ބޯޅައަކަށް އަަރައި ޕިއޯ އެސްޕޮސީޓޯ ވަނީ ލަނޑު ޖަހައި އިޓަލީ އަށް އެއްވަރުކޮށްދީފަ އެވެ.
އިޓަލީން ލީޑުނެގީ 63 ވަނަ މިނިޓްގައި، ޑާވިޑޭ ފްރަޓޭސީ ޖެހި ގޯލުންނެވެ. މިއީ، ފެޑެރީކޯ ޑި މާކޯ ދިން ބޯޅައަކުން ފްރަޓޭސީ ޖެހި ގޯލެކެވެ. އޭނާ މި ލަނޑު ޖެހުމުގެ ކުރިން އެސްޕޮސީޓޯ އަތުން ޕެނަލްްޓީއެއް ނާކާމިޔާބުވި އެވެ. އެކަމަކު، އޭގެ ފަހުން، މެޗުގެ 75 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެސްޕޮސީޓޯ ވަނީ ލަނޑު ޖަހައި އިޓަލީ މޮޅުކޮށްދީފަ އެވެ. މި މެޗުގައި އިޓަލީ އަށް އޭނާ ޖަހައިދިން ދެ ގޯލާ އެކު، އިޓަލީ އަށް ކުޅެދިން 14 މެޗުން ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ.
މި ގްރޫޕްގެ އަނެއް މެޗުން ތުރުކީ އަތުން ބެލްޖިއަމް ވަނީ 2-1 އިން މޮޅުވެފަ އެވެ. އިޓަލީ ގްރޫޕްގެ އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ފްރާންސާ އެއްވަރަށް ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ބެލްޖިއަމަށް ފަސް މެޗުން ނުވަ ޕޮއިންޓް އަދި ފުލުގައި އޮތް ތުރުކީ އަށް ފަސް މެޗުން އެއްވެސް ޕޮއިންޓެއް ނުލިބެ އެެވެ.
ދުނިޔޭގެ ޗެމްޕިއަން ސްޕެއިނުން ރޭ ނޭޝަންސް ލީގުގައި ކުޅުނު މެޗުން އަލެކްސް ބައޭނާ އާއި މާކް ޕިއުބިލްގެ ލަނޑުތަކުން 2-0 އިން ޗެކް ރިޕަބްލިކް އަތުން މޮޅުވެ، ބަލިނުވެ 43 ވަނަ މެޗު ވަނީ ފުރިހަމަަ ކޮށްފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން އިންގްލެންޑުން ވަނީ 2-1 އިން ކްރޮއޭޝިއާ އަތުން މޮޅުވެފަ އެވެ. މޯގަން ރޮޖާސް އިންގްލެންޑަށް ލީޑުނަގައިދިން މި މެޗުގައި ޕީޓާ ސުޗިޗް ވަނީ ކްރޮއޭޝިއާ އަށް އެއްވަރުކޮށްދީފަ އެވެ. އިންގްލެންޑް މޮޅުވީ ބެލޮންޑިއޯ އެވޯޑް ހޯދި ތަރި، ހެރީ ކޭން ޖެހި ޕެނަލްޓީންނެވެ.
މި ގްރޫޕްގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދި ސްޕެއިން އެވެ. ދެ ވަަނައިގައި އޮތް އިންގްލެންޑަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ. ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އަށް ފަސް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޗެކް ރިޕަބްލިކަށް ފަސް މެޗުން ޕޮއިންޓެއް ވެސް ނުލިބެ. އެވެ.







